ޢީދުގެ އެންމެ ފަހުރެއެވެ. ހަނދު ފުރިހަމަ ވަމުން އަންނަނީއެވެ. – ސަހަރާގެ ޖައްވު ބިއްލޫރިގަޑެއް ފަދައިން ސާފެވެ. ކުޅިވަރު ކުޅޭ މީހުންނާއި ކުޅިވަރުބަލާ މީހުންނާއި ކުޅިވަރުބަލާމީހުން އަދަދު ނުކުރެވޭހާ ގިނައެވެ. ބައެއް ތަންތަނުގައި ހަށިގަޑުގެ ދެބައިކުޅަ އެއްބައި ނިވާކޮށްލައިގެން ތިބޭ އަންހެންކުދިން ނަށަމުން ގެންދެއެވެ. އަނެއްބައި ތަންތަނުގައި ލަވަކިޔާމީހުން ބައިބަޔަށް އިށީދެގެން ތިބެ ލަވަކިޔަމުން ގެންދެއެވެ. އެންމެ ގިނައިން މީހުން އެއްވެފައިވަނީ އަންހެންކުދީން ނީލަން ކިޔަމުންގެންދާ ޗާބޫތަރާގެ ކައިރީގައެވެ. އަންހެން ކުއްޖަކު ސްޓޭޖްއަށް ނެރެފީވިއްޔާ ދައްލާލުކަލޭގެ އަރާ އެކުޖއްޖާގެ ވަށައިގެންއެބުރި އެބުރިފާ ބަލައެވެ. އަނަގް ހުޅުވައިގެން ދަތްޕިލަބަލައެވެ. އިސްތަށިގަޑު އެފުށްމިފުށަށް ޖަހައިގެން ބަލައެވެ. ގައިގައި އަތްލައިގެން ހަށިގަނޑުގެ މަޑުކަމާއި ހަރުކަން ބަލައެވެ. އެއަށް ފަހުގައި ނީލަންކިޔަން ފަށައެވެ. އެތަނުގައި ޖުވާވެސް ކުޅެއެވެ. ރާބުއިމާއި ރާވިއްކުން އޮވެއެވެ. ނުބައިވެގެންވީ ހުރިހާކަމެއް އެތަނުގައި އޮވެއެވެ. އެތަނުގައި ނެތީ ހަމައެކަނި ގާނޫނެވެ. ހަމައާއި އިންސާފެވެ. އެތަނަށް އައިސް އުޅޭ ކޮންމެ މީހަކަށްވެސް ފުރިހަމަ މިނިވަނން ކަން އޮވެއެވެ. ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު އޮވެއެވެ. މި އީދުގެ އުފަލުގައި ބައިވެރިވުމަށްޓަކައި ދުރުރަށްރަށުން އައިސް ތިބިމީހުން ކުޅިވަރުގެ މައިދާނުގެ ދާވަނީގައި ފޭލިގެ ޖަހައިގެން ތިއްބެވެ. އެތަނަށް އަންނަ އެންމެންނަކީވެސް ދީމާއި އަޚްލާގީ ބަދެވުންތަކުން މިނިވަން ވެފައިތިބޭ ބައެކެވެ. އެތަނުގައި އެމީހުން މަޖާނަގަމުންދާއިރު ތަން ކޮޅެއް ދުރުގައި ހުރި ފަރުބަދަތަކުގެ ތެރޭގައި ރީތިއަންހެން ކުއްޖަކު ކަތިލުމުގެ ތައްޔާރުތައް ކުރެވެމުންދާ ކަމެއް މީހުނަކަށް ނޭގެއެވެ. ނުލަފާ ޝައިޠާނަކު އެމީހުންގެ ދޭވަތާ ކަމުގައިވެގެން އެތަނުގައި އިންކަމެއްވެސް ނޭގެއެވެ. ކާބަފައިންގެ ތުންތުންމަތިން އިވިފައިވާގޮތުންވިއްޔާ ފަރުބަދަތަކުގެ ތެރޭގައި އޮންނަ ރީތިހިތްގައިމު ވާދީއަކީ ދޭވަތާއިންގެ ވެރިކަމުގެ ތަހްތެވެ. އެތަން ބެލެހެއްޓުމަށްޓަކާ ޖިންނީންނާއި އިފްރީތުން ފާރައަށް ތިބެއެވެ. ވީމާ، ދޭވަތާއިންގެ އެ ޚާއްސަ މަޤާމަށް ދިޔުމާއި ދޭތެރޭގައި އިންސާނަކުވިސްނާވެސް ނުލާނެއެވެ.
ސޫދާނީ ހަބްޝީ ޤަބީލާގެ މީހުންނަށާއި އެމީހުން ފާހަގަ ކުރާ އީދުގެ އުފާތަކުގައި ބައިވެރިވާން އައިސްތިބި މީހުންނަކަށް އެބައިމީހުންގެ ތެރޭގައި މިސްރު ސިފައިންގެ ފައްސަތޭކަ މީހުން ހަރަކާތްތެރިވަމުންދާ ކަމެއް ނޭގެއެވެ. އޭގެތެރެއިން ވަކިން ބާރުގަދަ ހިތްވަރުހުރި ޖެހިލުންކުޑަ ބާރަމީހުން ދޭވަތާއިންގެ ސަރަހައްދަށް ވަދެގަތް ކަމެއްވެސް ނޭގެއެވެ. ޞަލާޙުއްދީން އައްޔޫބީގެ ލަޝްކަރުގެ ބާރަމީހުން ފަރުބަދަތަކުގެ ތެރެއަށް ވަނުމަށް ހަމަޖެހިފައިވާމަގުން އެ މީހުންނަށް ވަދެވޭގޮތެއް ނުވިއެވެ. އެތަނުގައި ގިނަ އަދަދެއްގެ ފާރަވެރިން ތިއްބެވެ. މައުލޫމާތުދިން ހަބްޝީން ބުނިގޮތުންވިއްޔާ އެ ހިސާބުގައި އެއްވެސް އިންސާނަކު ނޫޅޭނެއެވެ. ނަމަވެސް އެތަނުގައި ގިނަ އަދަދަކަށް މީހުން އުޅެއެވެ. އެއިން މީހަކަށް ފެނިދަނޭތީ އައްޔޫބީގެ ސިފައިންނަށް އުޅެން ޖެހުނީ ފިލައިގެންނެވެ. ޢަލީ ބިން ސުފިޔާނަށް އެ މައުލޫމާތު އެރުވިމީހުން އެމަނިކުފާނުގެ އަރިއަހުގައި ދޮގު ދަންނަވާ އޮޅުވާލީއެވެ. ކޮންމެއަކަސް ތެދުވެރި މުސްލިމުންނަކީ މީހަކު ޖަހާހާ މަޅިއެއްގައި ބެދޭނޭބައެއް ނޫނެވެ. ވުމާއެކު އެއްކަލަ ބާރަ މީހުން ވަރަށް ވިސްނައިގެން ފިލަފިލައިގެންގޮސް ފަރުބަދަތަކުގެ ތެރެއަށް ވަދެގެންދިޔައެވެ. އެމީހުން ކުރިއަށްދިޔައީ އެކިމީހުން ވަކި ވަކީންނެވެ. އެކިމީހުން އެކިދިމާއަށެވެ. މިހެން ހަދަނިކޮށް އެތާދާދި ގާތުގައި ހުރި ގަހެއްގެ ކައިރިން ހަރަކާތް ތެރިވެލި ހިޔަންޏެއް އެކަކަށް ފެނިއްޖެއެވެ. މިހިޔަނި ފެނުމާއެކު އެމީހާ ވަރަށް ބޮޑަށް ސަމާލުވެލާފައި ރައްކައުތެރި ކަމާއެކު މަޑުމަޑުންގޮސް ހިޔަނީގެ ފުރަގަހުން ބައްދާފައި އުނަގަޑުގައިހުރި ޚަންޖަރު ދަމައިގަނެގެން އެމީހާގެ ބުރަކަށީގައި ޖައްސާ ބާރުކޮށްފިއެވެ. ދެން ރަގަޅަށް އެމީހާ ބާރުގެދަށަށް ގެނެވުނީމާ ޚަންޖަރުގެންގޮސް ހިތާއިދިމާއިން މޭގައި ޖައްސާފައި އެމީހާ ކުރާކަމަކާ އެމަރާ ފޯރިއެއްގެ ބާވަތެއް އޮޅުން ފިލުވުމަށްޓަކައި ސުވާލު ކުރަން ފެށިއެވެ.
އެތަނުގައި ހުރީ ހަބުޝީއެކެވެ. ވީމާ، އަރަބިމީހާ ދައްކާ ވާހަކައެއް ހަބްޝީ ކަލޭގެއަކަށް ނޭގެއެވެ. އެހާތަނުން ދެވަނަ މީހާވެސް އެތަނަށް އަތުވެއްޖެއެވެ. އޭނާވެސް އޭނާގެ ހަންޖަރު ހަބްޝީކަލޭގެ މޭގައި ޖައްސާފައި އިޝާރާތުން ސުވާލުކޮށްފިއެވެ. ހަމަ އެގޮތަށް އެކަލޭގެވެސް އިޝާރާތުން ޖަވާބުދީފިއެވެ. އޭނާ އެކުރި އިޝާރާތުން ދޭހަކޮށްދެނީ އެ ހިސާބުގައި ފާރައަށް މީހުންތިބިކަމެވެ. ކޮންމެއަކަސް ހަބްޝީކަލޭގެ ފަރާތުން އެމީހުންބޭނުންވި ކަންތައް ފުރިހަމަވުމުން އެކަލޭގެ މައިނާރު ކަޑާލާފައި ދޫކޮށްލިއެވެ. އެއަށްފަހުގައި ކުރިއަށްވުރެވެސް ބޮޑަށް ރައްކާތެރިވެގެން ސަމާލުކަމާއި އެކުގައި ކުރިޔަށް ދިޔައެވެ. ތަންކޮޅަކަށް ދިޔަތަނާ ކުއްލިއަކަށް ބޯޖަންގައްޔަކާއި ދިމާވެއްޖެއެވެ. ކުރިމަތިން ފަރުބަދަތަކެއް ފެންނަން ފަށައިފިއެވެ. އެމަހުގެ އުޖާލާ ހަނދު މެދުއުޑާއި ހަމައަށް ދަތުރުކޮށްކޮށް ހުއްޓެވެ. ނަމަވެސް ފަރުބަދަތަކާއި ބިޔަގަސްތައް ހުރަސް އަޅައިގެން މުޅިތަނަށް އަދިރިކަން ވެރިކުރުވާފައިވެއެވެ. – މިއަދިރިކަމުގެ ތެރޭގައި ދެއެކުވެރިން ކުޑަކޮށް ދުރަށް ޖެހިލާފައި އުސް ފަސްގަޑެއްގެ މައްޗަށް އަރަން ފަށައިފިއެވެ.
ފަރުބަދަތަކުގެ ތެރޭބައިގައި ދޭވަތާގެ އަސްލު މަޤާމްކަމަށް އެބުނާތަނުގައި ހިގަމުންދަނީ އަދި އެހެންކަހަލަ ކަންތައްތަކެކެވެ. އެއްކަލަ ހިލައިން ހަދާފައިވާ ބޯބުރީގެ ކުރިމަތިން ޗާބޫތަރާގައި ދޫލައެއް އަޅާފައިއޮތެވެ. މިދޫލައިގެ މަތީގައި މިއަފުޅާކަނޑިއެއް ބާއްވާފައިއޮތެވެ. ކަނޑީގެ ކައިރީގައޮ އަނގަބޮޑު ކަންވާރެއް ބަހައްޓާފައި ހުއްޓެވެ. ދޫލަމައްޗަށް ޒާތްޒާތުގެ މައުތައް އަޅާފައި ހުއްޓެވެ. ދޫލައިގެން ވަށައިގެން އަލިފާން ރޯކޮށްފައި ހުއްޓެވެ. ޗަބޫތަރާގެ މަތީގައި ހަތަރު އަންހެންކުދިން ހިގާލަ ހިގާލަ ތިއްބެވެ. އެމީހުންގެ ހެދުމެއްގެ ގޮތުގައި ދެކޯޅިފަތް ބޭނުން ކޮށްފައިވެއެވެ. ފަތްކޯޅިން ނިވާވާހިސާބު ފިޔަވައި އެހެން ހުރިހާތަނެއް ފެންނަން ހުއްޓެވެ. ހަތަރު ހަބްޝީންވެސް ތިއްބެވެ. ފައިގެ ނިވާބޮޑިއާއި ހަމައަށް އަންނަ ވަރުގެ ދިގުހެދުން ތަކަކުން އެމީހުންގެ ހަށިތައް ނިވާކޮށްފައި ހުއްޓެވެ. އުންމު ޢަރާރާ ދީނީ އިމާމާއެކުގައި ބިންގަރާހުގައި އިންނެވިއެވެ. ދީނީ އިމާމު އެކަމަނާގެ އިސްތަށިފުޅާއި ކުޅެލަކުޅެލާއިނެވެ.
”އަޅުގަނޑަކީ އަންގޫކުގެ މައި ކަމަނާއެވެ. މަނިކުފާނަކީ އަންގޫކުގެ ބަފާކަލުންނެވެ.“ ސިހުރުން ފުރިފައިވާ އަޑަކުން އުންމު އަރާރާ ވާހަކަފުޅު ދައްކެވިއެވެ. ”އަޅުގަނޑުމެންގެ ދަރިފުޅު އިސްރާއި ސޫދާނުގައި ރަސްކަންކުރާނެއެވެ. އަޅުގަނޑުގެ ލޭ އޭނާއަށް ބޯންދެއްވާށެވެ. އަޅުގަނޑުގެ ދިގުދިގު އޮފުއަރާ އިސްތަށިގަޑު އޭނާގެ ގޭގައި ފަތުރާލަދެއްވާށެވެ. މަނިކުފާނު އަޅުގަނޑާއި ދުރަށް ވަޑައިގަންނަވަނީ ކީއްވެގެންތޯއެވެ؟ އެހެން ނަހައްދަވާށެވެ. އަޅުގަނޑުގެ ކައިރިއަށް ވަޑައިގަންނަވާށެވެ.“
”އުންމު އަރާރާ އެދައްކަވާ ވާހަކައަށް ދީނީ އިމާމް އެއްވެސް ޖަވާބެއްނުދީ އެތަނުގައި ހުރި ފުޅިއަކުން ތެޔޮފާޑުގެ އެއްޗެއް އެކަމަނާގެ ހަށިކޮޅުގައި އުގުޅަން ފަށައިފިއެވެ.
”އަންގޫކު“ އަކީ ހަބުޝީ ޤަބީލާގެ ނަމެވެ. ސިއްރުނޭގޭ ސިހުރެއްގެ ބާރުގައި ރީތިޒުވާން އަރަބި އަންހެން ކުއްޖަކު އެ ޤަބީލާގެ މައިމީހާ ކަމުގައި އާއި ޤަބީލާގެ ދީނީ އިމާމް ނުވަތަ އެމީހުންގެ ކަލާނގެ އަނބިމީހާ ކަމުގައި ހަދާފައިވެއެވެ. އެއަންހެން ކުއްޖާމިހާރު އެއިނީ ޤުރުބާންވުމަށް ތައްޔާރު ވެގެންނެވެ. އަންހެން ކުއްޖާ ޤުރުބާން ކުރުމުގެ އެންމެ ފަހުގެ ރަސްމިއްޔާތުތައް ދީނީ އިމާމް ފުރިހަމަ ކުރަމުން ގެންދަނީއެވެ.
ސުލްޠާން އައްޔޫބީ ފޮނުއްވި ބާރަމީހުންގެ ތެރެއިން ދެމީހަކު ރޭގަޑުގެ އަނދިރީގައި އުޅޭ ފަނިފަކުސަ ފަދައިން ފިރުކެމުން ފަރުބަދަތަކުގެ މައްޗަށް އަރަމުން ބައެއްފަހަރު ތިރިއަށް ސޮހެމުން އުންމު އަރާރާ އާއި ހަމައަށްދެވޭތޯ މަސައްކަތް ކުރަމުން ގެންދެއެވެ. އެއީ ހިގާ ބިގާވެ އުޅުންވެސް ދަތިހިސާބެކެވެ. ކުރިމަތީގައި އޮންނަނީ ބޯގަސްކެކެވެ. ފަހަތުގައި ފަރުބަދަތަކެކެވެ. ނަމަވެސް ހިތަވަރުގަދަ ބާރަމީހުން ކުރިއަށް ނެގި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅައެވެ. އެގޮތުގައި އެމީހުން މަސައްކަތް ކޮށްކޮށްތިއްބާ މެދު އުޑާއި ހަމައަށް ހަނދު އަރައިފިއެވެ. ގަސްތަކުގެ ތެރެއިން ހިސާބަކަށް ހަނދުވަރުގެ އަލި ފެންނަން ފަށައިފިއެވެ. އޭގެތެރެއިން ހަދުވަރުގެ އަލި އެޅިފައިވާ ތަނެއްގައި ހުރި ހަބުޝީއަކުވެސް އެމީހުނަށް ފެނިއްޖެއެވެ. ހަބުޝީކަލޭގެ އަތުގައި ސާޅަގަ ފަދަ ހަތިޔާރުވެސް ހުއްޓެވެ. އެއީވެސް ދޭވަތާއިންގެ މަޤާމް ބަލަހައްޓާ ފާރަވެރިއެކެވެ. ވީމާ، ކޮންމެ ގޮތަކުންވެސް އެމީހާ މަރާލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ނަމަވެސް އެމީހާއަށް ނާންގާ ފުރަގަހުން ގޮސް އޭނާ މަރާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އޭނާހުރި ތަނުގެ ސަބަބުން އޭނާއަށް ނޭގި އޭނާގެ ކައިރިއަށް ދެވޭނެއެއްވެސް ގޮތެއްނެތެވެ. ސިއްރު ހަމަލާއެއް ދެވޭކަށްނެތެވެ. ދިމާކުރިމަތިން ހަމަލާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ވީމާ، ހަގުރާމަވެރި ހިކުމަތަކުން ބޭނުންކުރުމަށްޓަކައި ދެމީހުންގެ ތެރެއިން އެކަކު ކައިރީގައި ހުރި ގަސްބޮޑިއެއްގެ ތެރެއަށްވަދެ އިށީދެއްޖެއެވެ. ދެން އަނެއްމީހާ ބޮޑުހިލަގަޑެއް ނަގާފައި ހަބުޝީ ކަލޭގެ ކުރިމައްޗަށް ހިލަގަޑު އެއްލައިފިއެވެ. މިހިލަގަޑު ފުރޮޅެމުން ތިރިއަށް ފައިބަން ފެށުމުގެ އެހަމަހިމޭން ޖައްވުގެ ތެރޭގައި އަޑުފަށްގަޑެއް އުފެދިއްޖެއެވެ. އެއަޑަށް ހަބުޝީ ކަލޭގެ ސިހިގެންގޮސްފައި އެ ދިމާއަށް ހިގައިގެންފިއެވެ. އެހެން ގޮސް އެއްކަލަގަސްތަކުގެ ތެރޭގައި ފިލާއިން މީހާއާއި އަރާހަމަ ވުމުން އެމީހާ ކުއްލިއަކަށް ނިކުމެ ހަބުޝީކަލޭގެ ގައިގައި ބައްދައިފިއެވެ. ހަމައެސިކުންތަކުގައި ހަބުޝީކަލޭގެ މެއަށް ޚަންޖަރު ގޯޅާލައިފިއެވެ. މިކަންތައް ކުރުމަށްފަހުގައި ކުޑައިރުކޮޅަކު އޭނާ އެތަނުގައި މަޑުކޮށްލިއެވެ. ދެން ނުހަނު ރައްކާތެރިކަމާއެކު ކުރިއަށް ހިގައިގެންފިއެވެ.
ގުރުބާންވެވަޑައި ގަތުމަށްޓަކައި އުންމު އަރާރާ ތައްޔާރުވެވަޑައިގެންފިއެވެ. ދީނީ އިމާމް އެންމެފަހު ފަހަރު އެކަމަނާ އޭނާގެ ގަޔާއި ކައިރިކޮށްގެން މޭގައިޖައްސާ ބާރުކޮށްލިއެވެ. ދެން އެކަމަނާގެ އަތްޕުޅުގައި ހިފައިގެން ހިގައިގެންފިއެވެ. އޭނާ ހަރުފަތްތައް ގިރާކުރަމުން ދިޔައިރު ބޭރުގައިތިބި ހަބްޝީ ހަތަރު ފިރިހެނުން ނަށާއި ހަތަރު އަންހެނުންނަށް ދީނީ އިމާމުގެ ދެކަބަލުން ފެނުމުން އަޤީދާއާ އެކުގައި ސަޖިދައަށް ތިރިވެއްޖެއެވެ. އެވަގުތު ދީނީ އިމާމް އޭނާގެ ބަހުރުވައިން ކޮންމެވެސް އިއުލާނެއް ކޮށްފައި ހަރުފަތްތަކުން ފައިބައިގެންގޮސް ބުދުގެ އަނގައިން ބޭރަށް ނިކުމެއްޖެއެވެ. އޭނާގެ ކައިރީގައި އުންމު އަރާރާވެސް ހުންނެވިއެވެ. ބުދުގެ އަނގައިން ބޭރަށް ނިކުމެފައި ދީނީއިމާމް އެކަމަނާގެންގޮސް ދޫލަމަތީގައި ބަހައްޓައިފިއެވެ. އެތާ ކައިރީގައި ތިބި ހަތަރު އަންހެނުންނައި ހަތަރު ފިރިހެނުންވެސް ގޮސް ދޫލަމަތީގައި ހުއްޓިއްޖެއެވެ.
”އަންގޫކުގެ އަންހެންދަރީންނާއި ފިރިހެންދަރީންނަށްޓަކައި އަހަރެންގެ ކަނދުރާ ނަޒުރުކުރަމެވެ.“ ޢަރަބި ބަހުން އުންމު އަރާރާ ވިދާޅުވިއެވެ. ”އެމީހުންގެ ފާފަތަކުގެ ކައްފާރާ އަހަރެން އަދާކުރަމެވެ. އަހަރެންގެ ކަނދުރާ އަވަހަށްކަޑައިދޭށެވެ. އަހަރެންގެ ބޯ އަންގޫކުގެ ދޭވަތާގެ ފައިތިލައިގެ ދަށުގައި ބާއްވާށެވެ. އެބޮލުގައި މިސްރާއި ސޫދާނުގެ ވެރިކަމުގެ ތާޖު އަޅުވާނެއެވެ.“
އުންމު އަރާރާ ވާހަކަފުޅުދައްކަވާ ނިންމަވާ ލެއްވުމުން އެއްކަލަ ހަތަރު އަންހެނުންނާއި ހަތަރު ފިރިހެނުން އަނެއްކާވެސް ސަޖިދައަށް ތިރިވެއްޖެއެވެ. އެވަޤުތު ދީނީ އިމާމް އައިސް އުންމު އަރާރާގެ އަތްޕުޅުގައި ހިފާފައި ދޫލަމަތީގައި ދެކަކޫފުޅު ޖައްސާފައި ޒާތެއްގެ ގޮތަކަށް ބެއިންދުމަށްފަހުގައި އެކަމަނާގެ ކަނދުރާފުޅު ހާޒިރުކޮށް މިޔައިގާ އަތްތިލައެއްގެ ފުޅާމިންހުރި ކަނޑިއެއް އެކަމަނާގެ ކަނދުރާއާއި ދިމާއަށް މަޅައިގެންފިއެވެ.
އެއްކަލަ ފަރުބަދަތަކުގެ މައްޗަށް އެރި ދެމީހުންގެ ތެރެއިން ކުރިއަށް ހުރިމީހާ ވަކިހިސާބަކަށް ހުއްޓިފައި ވައިއަޑުން އެއްޗެއް ބުނަމުން ފަހަތުން އަންނަމީހާ ހުއްޓުވައިފިއެވެ. ފަރުބަދައިގެ މައްޗަށް އެރުމުން މިހާރު އެމީހުންނަށް ޗަބޫތަރާ ފެނެއެވެ….. ޗަބޫތަރާގެ ކުރި މަތީގައި އަޅާފައިއޮތް ދޫލައެއްގެ މަތީގައި ރީތިއަންހެން ކުއްޖަކު އިސްދަށަށް ޖަހާލައިގެން އިނެވެ. ސާފުހަނދުގެ ދޯދިތައް ބައްތިތަކެއް ފަދައިން އަލިކޮށްދީފައި ހުއްޓެވެ. ދިއްލާފައިހުރި ކޮރުދަންތަކުގެ އަލި އިރުފަދައިން އުޖާލާ ކުރެއެވެ. ދެކަކޫމަތީގައި އިށީދެލައިގެން އިން އެރީތި އަންހެން ކުއްޖާގެ ގައިގައި ފޭރާމެއްނެތެވެ. ހަބުޝީކުއްޖެއް ނޫންކަން ގައިގެ ކުލައިން އަންގައިދެއެވެ. އޭނާއާއި ދިމާއަށް ކަނޑިމަޅައިގެން ހުރެ ފިރިހެނަކު ކައިރީގައި ހުއްޓެވެ. ކޮންމެއަކަސް ދުރުން އައި ދެމީހުން މިހާރު އެތިބި ހިސާބުގައި ތިބެފައި ދުނިޖަހައިފިނަމަ ދުނިސީދާނުވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ނަމަވެސް އެފަރުބަދަގަޑުން ތިރިއަށް ފޭބޭނޭ ގޮތެއް ނެތުމުގެ ސަބަބުން އެމީހުންގެ ރޭވުން ކާމިޔާބު ކުރުމަކީ މާފަސޭހަކަމަށް ނުވާނެއެވެ. ޗަބޫތަރާގެ މަންޒަރު ފެނުމުން އެތަނުގައި އެއިނީ ގުރުބާން ކުރެވޭ އަންހެން ކުއްޖާކަން އެމީހުނަށް އެގުނެވެ. ވަގުތު ކުޑަތަންވެފައިވާލެއް ބޮޑުކަމުން އުދުހިފައި ތިރިއަށް ނުފައިބައިފިނަމަ އަންހެން ކުއްޖާ ސަލާމަތެއް ނުކުރެވޭނޭކަންވެސް އެމީހުނަށް ވިސްނުނެވެ. ދެން ހަދާނެ ގޮތެއް ނެތިގެން އެމީހުން ތިރިއަށް ބަލައިލިއެވެ. ވަށައިގެން ހޯދާލިއެވެ. އެދިމާއިން ތިރީގައި ކޯރެއް އޮތެވެ. އެއީ އެބުނާ ކިނބޫކޯރެވެ. އެމީހުން އެތާތިބެފައި ކަނާތްފަރާތަށް ފުންމާލައިފިނަމަ ތިރިއަށް ދެވިދާނެއެވެ. ނަމަވެސް އެދިމާގައި އޮތް ބޯގަސްތަކާއި ހިލަތަކުގެ ނުރައްކާތެރިކަމުން އެހިސާބުން ފުންމާލައިފިނަމަ ފުރާނައަށް ގެއްލުންވުމަކީ ދުރުކަމެއް ނޫނެވެ. ވީމާ، އޭގެދެމީހުންވެގެން ވިސްނާ ފިކުރު ކުރުމަށްފަހުގައި ދެމީހުން އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ތިރިއަށް ފައިބަންފަށައިފިއެވެ. ތަންކޮޅަކަށް ފޭބިތަނާ، ދިމާވި ގޮތަކުން އޭގެތެރެއިން ތިރިއަށް އޮތް މީހާއަށް އެތަނުގައި ފޯރިއަށްހުރި ހަބުޝީއަކު ފެނިއްޖެއެވެ. ވީމާ، އޭނާ އަވަސްއަވަހަށް ދުނިދަޑީގައި ދުނިރުވާފައި ދޫކޮށްލައިފިއެވެ. ކޮންމެއަކަސް އޭނާ ދޫކޮށްލިދުނި އެދިޔަގޮތަށްގޮސް ހަބުޝީކަލޭގެ ގެ މައިނާރަށް ވަދެގެން ދިޔުމާއެކު އެމީހާ ވެއްޓިގެން ތިރިއަށް ފުރޮޅެން ފަށައިފިއެވެ.
******