މިވާހަކަތައް ޞަލާޙުއްދީން އައްޔޫބީގެ އަރިއަހުގައި ދެންނެވުމުން އެމަނިކުފާނު ވިސްނާވަޑައި ގަންނަވަން ފެއްޓެވިއެވެ. އެމަނިކުފާނު ވިސްނާވަޑައި ގަންނަވަން ފެއްޓެވިއެވެ. އެމަނިކުފާނު ކުރައްވާނޭ އަމުރު ފުޅެއްގެ އިންތިޒާރުގައި ޢަލީ ބިން ސުފިޔާން ހުންނެވިއެވެ. ”މިއީ އެތަންކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ ބާރުފޯރާވަރަށް ވުރެ މިތަންމާދުރެވެ.“ ޙަބޫޝީގެ އިރުޝާދުގެ މަތިން ޢަލީ ބިން ސުފިޔާން ތައްޔާރު ކުރެއްވި ޗާޓް ބައްލަވާފައި ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”ރަށުގެ މުސްކުޅިންގެ ފަރާތުން މަނިކުފާނު ހޯއްދެވި މަޢްލޫމާތުން އެގޭ ގޮތުގައި ފިރްޢައުން މަރުވިތާ އެތަކެއް ޤަރުނު ވެފައިވީނަމަވެސް ފިރުޢައުނިއްޔަތުކަމެއް އަދިވެސް މަރެއްނުވެއެވެ.“ – ވީމާ، ފިރުޢައުނިއްޔަތުކަން މިހާރުއޮތް ހިސާބަށްވުރެ ދުރަށް ދިޔަނުދިނުމަށް މަސައްކަތް ކުރުމަކީ އިސްލާމީ ހައިސިއްޔަތުން ބަލާއިރު އަޅުގަނޑުމެންގެ ވާޖިބުއެކެވެ. އަވަށްޓެރި ޤައުމުތަކުން ކުފުރާއި ސިރުކު ނައްތާލުމަކީވެސް އަޅުގަނޑުމެންގެ ވާޖިބެކެވެ. މިހާތަނަށް ޤުރުބާން ކުރެވިގެންދިޔައީ ކިތައް މައިންބަފައިންގެ ކިތައް މަޢްސޫމް އަންހެން ދަރީންކަމެއް އަޅުގަނޑުމެންނަކަށް ނޭގެއެވެ. އެ ޢީދުގައި ވަގަށްނަގައިގެންގޮސް ވިއްކާލެވެނީ ކިތައް އަންހެންކުދިންކަމެއް ނޭގެއެވެ. ދޭވަތާއިންގެ ޚިޔާލުތައް މިދުނިޔެއިން ނައްތާލަން އަޅުގަނޑުމެންނަށް ޖެހޭނެއެވެ. ދީނީ އިމާމުންނޭ ކިޔައިގެން އެއުޅޭ މީހުން އަންހެންކުދިން ވަގަށް ނަގުވައިގެންގޮސް ފާހިޝް ޢަމަލުތައް އެހިންގަނީ ދޭވަތާއިންގެ ތަޞައްވުރު އެހެންމީހުންގެ ހިތްތަކަށް ވެރިކުރުވާ ހީލަތް ހަދައިގެންނެވެ.“
”އަޅުގަޑުގެ ޖާސޫސުންގެނައި ޚަބަރުތަކުން އެގޭގޮތުގައި އަޅުގަނޑުމެންގެ ލަޝްކަރުގެ މަތީ ދަރަޖައިގެ ކޮމާންޑަރުންނާއި މިޞުރުގެ މުއްސަދިންނާއި ޤަބީލާގެ މީހުން ޢީދު ފާހަގަ ކުރާތަނަށްގޮސް އަންހެންކުދިން ގަނެއެވެ. ނުވަތަ ދުވަސްކޮޅަކަށްޓަކާ މުއްޔަށް ގެނެސްގެން ސިއްރިއްޔާތުގައި ގެންގުޅެއެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”އަޚްލާޤް ގެއްލުމުގެ އިތުރަށް އެ ޢީދުގައި ބައިވެރިވާ ސޫދާނީންނާއި އަޅުގަނޑުމެންގެ ސިފައިން މިނިވަންކަމާއެކު ބައްދަލުވެ އުޅުމަކީވެސް ބޮޑު ނުރައްކަލެކެވެ. ގައިގޯޅިވުމާއި މަސްހުނިކަމުގެ އެމަޖާގަޑަކީ އަޅުގަނޑުމެންގެ ވަޒަނަށްޓަކާ ބޮޑުއާފާތެކެވެ.“ ހިސާބަކަށް ޖެހިލުންވެވަޑައިގެން ހުންނަވާ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”ޤުރުބާން ކުރުމުގެ ކުރިން އަންހެންކުއްޖާ ސަލާމަތްކޮށްގެން ގެނެސް ޚަލީފާއާއި ހަވާލުކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މަނިކުފަނުގެ އިސްތަށިފުޅުގައި އަޅުއްވައިގެން އެއުޅުއްވާ ވައްކަމުގެ ތުހުމަތަކީ ކިހާމާނައެއްނެތް ތުހުމަތެއްކަން އޭރުން ޚަލީފާއަށް އެގިވަޑައިގަންނަވާނެއެވެ.“
”އެ ތުހުމަތަކީ ކުޑަކޮށްވެސް އަޅުގަނޑުގެ ފަރުވާއެއްހުރި ތުހުމަތެއް ނޫނެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އަޅުގަނޑުގެ ޒާތާއި ހަމައިގާހުއްޓި ފައެއް ނުހުރެއެވެ. އެހެން މީހުން އަޅުގަނޑާއި ދިމާއަށް ކޮންމެ އެއްޗެއް ކިޔަސް އެންމެރަގަޅެވެ. އިސްލާމް ދީންގެ މާތްކަމާއި މަތިވެރިކަމެއް އަޅުގަނޑު ހަދާންނައްތައެއް ނުލާނަމެވެ. އިސްލާމްދީންގެ މަތިވެރިކަމާ ބަލާފައި އަޅުގަނޑުގެ ޒާތަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ. ޢަލީ އެވެ. މަނިކުފަނުގެ ޒާތަށް ސަމާލުވެވަޑައިގެންނެވުން ހުއްޓަވާލައްވާނެވެ. – އެހެންހުރިހާ ކަމެއް ދޫކޮށްލައްވާފައި އިސްލާމީ ޚިލާފަތު ސަމާލު ކުރެއްވޭތޯ ބައްލަވާށެވެ. އިސްލާމީ މަތިވެރިކަމުގެ އަމާނަތާއި ހަވާލުވެވަޑައިގެން ހުންނަވާބޭފުޅަކީ ޚަލީފާއެވެ. ނަމަވެސް ވެއަތުވަމުންދާ ވަޤުތުތަކާއެކުގައި އެމަނިކުފާނުގެ އަމިއްލަ ޒާތުފުޅުގެ ތެރެއަށް ގެއްލިވަޑައި ގަންނަވަނީއެވެ. އަމިއްލަ ނަފްސުގެ ޝިކާރައަކަށް ވެވަޑައިގަންނަވަނީއެވެ. މިހާރު އަޅުގަނޑުމެންގެ ޚިލާފަތަކީ އިސްލާމްދީން ބަލިކުރާ ސަބަބަކަށް ވެއްޖެއެވެ. ޞަލީބީން އަޅުގަނޑުމެންގެ މިބަލިކަށި ސަބަބުގެ ބޭނުން ހިފަން ފަށައިފިއެވެ. ވީމާ، ކާމިޔާބާއެކު މަނިކުފާނުގެ ވާޖިބްތައް އަދާކުރައްވަން ބޭނުންފުޅުނަމަ، އަމިއްލަފުޅު ޒާތާއި އަމިއްލަ ނަފްސުން އަތްޕުޅުދޫކޮށްލައްވާށެވެ. އަޅުގަނޑުގެ ބޮލުގައި ޚަލީފާ އެޅުއްވެވި ތުހުމަތަށް ނުހަނު އުދަގުލާއެކު އަޅުގަނޑުކެތް ކޮށްފީމެވެ. އެނުސީދާ ހަމަލާގެ ޖަވާބު އަޅުގަނޑަށް ވެސް ދެވިދާނެއެވެ. ނަމަވެސް އޭރުން އަޅުގަނޑުގެ ހަމަލާވެސް ނުސީދާވެގެން ހިގައިދާނެއެވެ. އޭރުން ފިނިހަގުރާމައެއްގައި އަޅުގަނޑު ހައްޔަރުވެދާނެއެވެ. ނުވަތަ ޒާތީ ސިޔާސަތުގެ ބާޒީއެއްގެ ތެރެއަށް ވަންނަން ޖެހިދާނެއެވެ. އަޅުގަނޑު ބިރުގަނެއެވެ. އަޅުގަނޑުމެންގެ މި އިސްލާމީ އުންމަތާއި ފިނިހަގުރާމައާއި، އަމިއްލަ އެދުމާއި ނަފްސުގެ ކަރުހިއްކުމާއި ފާހިޝް ކަންތައްތަކަށް ނަޒުރުވެގެން ހިގައި ދާނެއެވެ.“
”ކުށް މާފު ކުރެއްވުންއެދެއެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”އެއަންހެންކުއްޖާ ޤުރުބާން ވިޔަ ނުދެއްވަނީނަމަ އަވަހަށް ހުކުމް ނެރުއްވާށެވެ. ވަޤުތު ވަރަށް ކުޑައެވެ. މާދަމާ ނޫން އަނެއްދުވަހަކީ ޢީދުގެ ފުރަތަމަ ދުވަހެވެ.“
”ސޫދާނީ ހަބުޝީންގެ ޢީދުގައި ލަޝްކަރުގެ އެއްވެސް މީހަކު ބައިވެރިނުވުމަށް އަންގަވާށެވެ. އެއީ އަޅުގަނޑުގެ ހުއްދައޮތް ކަމެއް ނޫންކަންވެސް އެންމެނަށް އަންގަވާށެވެ.“ ސުލްޠާން އައްޔޫބީ އެ މަނިކުފާނުގެ ނާއިބަށް ވިދާޅުވިއެވެ. އަރިއަހަށް ގެންނަވާފައި އެންގެވިއެވެ. ”މި އަމުރާ ޚިލާފުވެއްޖެމީހަކު މަޤާމނުން ދުރުކޮށް ޢާމުންނަށް ފެންނަތަނުގައި ހަންމުށީގެ ފަންސާސް އެތިފަހަރު އަޅާނޭކަން އަންގަވާށެވެ.“ ސުލްޠާން އައްޔޫބީ މި އަމުރުފުޅުކުރައްވާފައި އެހެންބޭފުޅުންނާ މަޝްވަރާ ކުރައްވާ ކަންތައްކުރާނޭ ގޮތް ރާއްވަވަން ފައްޓަވައިފިއެވެ. ދެން ބޭރާއިބެހޭ ވަޒީރު ގެންނަވާ އެމަނިކުފާނު ކަންތައް ކުރައްވަން ގަސްތު ކުރައްވާގޮތް ވަޒީރަށް ވިދާޅުވެދެއްވާ ހަބްޝީންގެ ކިބައިން ފިރުއައުނީ އާދަކާދަތައް ނެތިކޮށް ލައްވަން ޤަސްދު ކުރައްވާކަމުގައި ވިދާޅުވިއެވެ. އެންމެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ފުރަތަމަ ނިންމެވީ ޤަބީލާއާއި ހަމަލާދެއްވާށެވެ. ނަމަވެސް ޢީދުގެ ކުޅިވަރުގައި ބައިވެރިވުމަށް ގޮސްތިބޭ ކުށެއްނެތް އެތަކެއް އިންސާނުންނާއި އަންހެނުންނާއި ޅަދަރީން ގިނަ އަދަދަކަށް މަރުވެގެން ދާނެތީ އެގޮތަށް ހަމަލާ ދެއްވުން ރަގަޅު ނޫންކަމުގައި އެންމެ ބޭފުޅުންނަށް ފެނިވަޑައިގެންނެވިއެވެ. ކޮންމެ ގޮތެއްގައިވެސް އެތަނަށްދާބަޔަކަށް މަގު ދެއްކުމުގެ ގޮތުން އެއްކަލަ ހަބްސީން ގެންދިއުމަކީ ރަގަޅުކަމެއް ކަމުގައި އައްޔޫބީ ފިޔަވައި އެހެން ހުރިހާ ބޭފުޅުން އެއްބަސްވެވަޑައި ގެންނެވިއެވެ. ނަމަވެސް އެގޮތަކަށް ސުލްޠާން އައްޔޫބީ ރުހިވަޑައެއް ނުގަންނަވައެވެ. ހަބްޝީންގެ މީހުން ދަތުރުމަތީގައި ކެއްސެއް ދީފާނޭކަމުގެ ބިރު ހީފުޅުވާކަމުގައި އެމަނިކުފަނު ވިދާޅުވިއެވެ. ކޮންމެއަކަސް އެބޭފުޅުން މަޝްވަރާ ކުރައްވަމުން ގެންދިޔައިރު ހަބްސީ ޤަބީލާއާއި ހަމަލާ ދޭން ދާނޭ ލަޝްކަރެއް ތައްޔާރު ކުރެވެމުން ދިޔައެވެ. އޭގެތެރޭގައި ކުއްލި ހަމަލާގެ ތަޖުރިބާކާރުންނާއި އަމާޒަށް ދުނިއުކުމުގެ މާހިރުންނާއި ހުޝިޔާރު ކަނޑިހަގުރާމަވެރިން ހިމެނެއެވެ. މި ލަޝްކަރަކީ ޤައުމީ ޖޯޝުން ފުރިފައިވާ ހަގުރާމަވެރިން އެކުލެވޭ ލަޝްކަރެއް ކަމުގައިވިއެވެ. ސޫދާނީ ހަބްޝީ ޤަބީލާއާއި ހަނގުރާމައަށް އެނިކުންނަ ނިކުތުމުގައި ފުރާނައާއިގެން އެބުރި ސަލާމަތްވެގެން ނާދެވޭނެކަން ކޮންމެ މީހަކަށްވެސް ޔަގީންވެއެވެ. އެގޮތުން ކާފަރުންނާއި ހަގުރާމަކުރުންމަތީ ދެމިތިއްބާ މަރުވެގެން ދާނޭކަން އެގޭތީ އެކަމާ އެމީހުން ވަރަށް ބޮޑަށް ފަޚުރުވެރިވެއެވެ.
”ފުދޭވަރެއްގެ ކުޑަ ލަޝްކަރެއް ތައްޔާރު ކުރެވިފައިވާނަމަވެސް އެ ލަޝްކަރާއެކުގައި ފޮނުއްވާކަން ސިފައިންގެ ވެރިޔާގެ ނާއިބު އަލްނާސިރާއި ޢަލީ ބިން ސުފިޔާން ރުހިވަޑައެއް ނުގަންނަވައެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި އަންހެން ކުއްޖާ ޤުރުބާން ކުރެވޭ މަޤާމް ހުންނަތަން ކަމުގައިވާ އެއުސް ފަރުބަދަތަކުގެ ތެރެއަށް ހަމައެކަނި ބޭރުމީހުން ފޮނުއްވީމާ ފުދިދާނެއެވެ. ގިނަމީހުންތަކެއް ފޮނުއްވައިގެން ހަގުރާމަ ކުރައްވަން ވެއްޖެނަމަ އާމުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިދާނެއެވެ. މައްލޫމާތު ދިން ހަބްސީންގެ ފަރާތުން އޭގެ ގޮތުންވިއްޔާ އީދުގެ އެންމެފަހު ރެއަކީ އެންމެ ފޯރިގަދަރެއެވެ. – އެ ޢީދުގައި އަންހެން ކުއްޖާ ޤުރުބާން ކުރެވޭކަން އެގެނީ ހަމައެކަނި ޤާބިލާގެ މީހުންނަށެވެ. ބޭރުންއައިސް ތިބޭ މީހުންނަކަށް ނޭގެއެވެ. ޤަބީލާގެ މީހުންނަކަށްވެސް އަންހެން ކުއްޖާ ޤުރުބާން ކުރެވޭނީ ކޮންތަނެއްގައި ކަމެއް ނޭގެއެވެ. މަޝްވަރާތަކަށްފަހުގައި އެންމެ ބޭފުޅުން އެއްބަސްވެވަޑައި ގެންނެވިފަދައިން އާދައިގެ ހެދުމުގައި ތިބޭ ފައްސަތޭކަ ސިފައިން އީދުގެ ކުޅިވަރުގައި ބައިވެރިވުމުގެ ނަމުގައި އެކުޅިވަރުތައް އޮންނަތަނަށް ހުރިހާ ހަތިޔާރަކާއި އެކު ފޮނުއްވާ ގޮތަށް ހަމަޖެއްސެވިއެވެ. މިފައްސަތޭކަ މީހުންގެ ތެރެއިން ދުއިސައްތަ ފަންސާސް މީހުންގެ އަތުގައި ދުނިދަޑިއާއި ތީރު ހުންނަންޖެހޭނޭ ކަމަށްވެސް އެބޭފުޅުން އެއްބަސްވެވަޑައި ގެންނެވިއެވެ. އެޒަމާނުގައި މިފަދަ އެއްވެސް ހަތިޔާރެއް ގެންގުޅުން މަނައެއް ނުކުރެއެވެ. ނަލައެއް ދައްކާލުމުގެ ގޮތުންވެސް ޒުވާނުން ދުނިދަޑިއާއި ތީރު ގެންގުޅެއެވެ. ކުއްލި ހަމަލާދޭ މީހުން ފަރުބަދަތަކުގެ ތެރެއަށް ވަންނަންދެން ކުޅިބަލާ މީހުންނާއި ޤަބީލާގެ މީހުން ރަގަޅަށް ބަލަހައްޓާލެވޭފަދަ ހުޝިޔާރު މީހުންތަކެއް ފޮނުއްވުން ބުއްދިވެރި ވާނޭކަމުގައި ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. އެންމެ ފުރަތަމަ ސިއްރިއްޔާތުގެ ގޮތުގައި ނުހަނު ހަމަހިމޭން ކަމާއިއެކު ފާރަވެރިންގެ ދުވަސް ސުއްވާލާފައި އަސްލު ޖާގައަށް ދާނީއެވެ. ދެން މަޑުމަޑުން ތިބެފައި ޤުރުބާން ގާހަށް އަންހެން ކުއްޖާގެނައުމުން އެކުއްޖާއަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބުމުގެ ކުރިން ހަމަލާ ދޭނީއެވެ.
އެގިފައިވާ ގޮތުގައި ޤުރުބާން ކުރެވެނީ ގާތްގަޑަކަށް ރޭދެބައިގެ ފަހުންނެވެ. ހަނދު ފުރިހަމަވީމައެވެ. ޤުރުބާން ކުރާގަޑި ޖެހުމުގެ ކުރިން ފަރުބަދަތަކުގެ ތެރެއަށް ފައްސަތޭކަ ސިފައިން ފޮނުވާގޮތަށް ހަމަޖެއްސިއެވެ. ބޭރުގައި ތިބޭ މީހުންނަށް އެންގުމަށްޓަކައި އަލިފާން ރޯކޮށްފައިވާ ތީރެއް ޖައްވުގެ ތެރެއަށް ދޫކޮށްލާގޮތަށް ހަމަޖެއްސިއެވެ.
އެހަނގުރާމައަށް ފޮނުއްވުމަށްޓަކައި ނޫރުއްދީން ޒަކީ އެހީއެއްގެ ގޮތުންފޮނުއްވި ލަޝްކަރުގެ ތެރެއިން ހިތްވަރުގަދަ ބާރަމީހުން ނެންގެވިއެވެ. އޮފިސަރުންނާއި ކޮމާންޑަރުން ލައިގެން ހަސަތޭކަ ސިފައިން އައްޔަން ކުރެއްވިއެވެ. އެއީ އަރަބި ކަރައިގެ ސިފައިންނެވެ. މިސްރާއި ސޫދާންގެ ސިޔާސީ އޮއިވަރުގެ ތެރެއަށް އެމީހުން އަދި ނުވަދެއެވެ. އެމީހުން ދަންނަނީ ހަމައެކަނި އިސްލާމްދީނަށް ހުރުމަތް ތެރިކޮށް ހިތުމަށެވެ. ސިޔާސީ އަދި ޖާސޫސީ މަކަރުތަކެއް އެމީހުނަކަށް ނޭގެއެވެ. އިސްލާމްދީނާއި ދެކޮޅަށް ހިންގަމުންދާ ކޮންމެ ކަމެއްގައިވެސް ނުހަނު ޢަޤީދާއާއެކު ހަނގުރާމަ ކުރެއެވެ. އިސްލާމީ ޢާޤީދާއާއި ޚިލާފްކަމެއްގައި އެ ލަޝްކަރަށްވުރެ ބޮޑު ލަޝްކަރަކާއި ހަނގުރާމަ ކުރަން އެންގެވިޔަސް ފަހެއް ނުޖެހޭނެއެވެ. އެގޮތުން މިފަހަރުވެސް ހަނގުރާމައިގެ ހުނަރުތަކާއި އުކުޅުތައް އޮޅުން ފިލުވައި ދެއްވަމުން މީހުން މާގިނަ ލަޝްކަރަކާއިވެސް ކުރިމަތިލާނޭ ޖެހިދާނޭ ކަމަށާއި ފަހަރުގައި ހަނގުރާމަ ކުރުމަކާއިނުލާ ފަތަޙަ ލިބިދާނޭ ކަމަށާއި ކަންދިމާވާގޮތުން ލަޝްކަރުގެ އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ނުވުމަކީ އެކަށީގެންނުވާ ކަމެއްކަންވެސް އެމީހުނަށް އެންގުނެވެ. އެއަށްފަހުގައި އެމީހުން ދާންވީތަނާއި އަންހެން ކުއްޖާ ޤުރުބާން ކުރާ މަޤާމް ހުންނަތަން އޮޅުން ފިލުވައިދީ ވަކިން ހޮވައިގެން ނެގި ބާރަ މީހުންނަށް ޓްރޭނިންގދޭން ފެށުނެވެ. ހަލުވިކޮށް ފަރުބަދައަށް އެރުމާއި ހަނަފަސް ސަހަރާގައި ބާރަށް ދުވުމާއި ބަނޑުހައިކަމާއި ފެންބޮވައިގަތުމަށް ކެތްތެރިމާއި މިހުރިހާ ކަމެއްގެ ޓްރޭނިންގ އެމީހުނަށް ދެވުނެވެ.
އަންހެންކުއްޖާ ޤުރުބާން ކުރާކަމަށް ބުނާރޭއަންނަން އެންމެ ހަރެއަށް ވެއްޖެއެވެ. އެ ޚާއްސަ ރެއަށްޓަކައި ސުލްޠާން އައްޔޫބީގެ ލަޝްކަރުގެތެރެއިން ކުއްލިހަމަލާ ދޭ ސިފައިންގެ މީހުންނަށް ތިންރޭ ތިންދުވާ ވަންދެން ޓްރޭނިންގެ ދިނުމަށްފަހު އެމީހުން ޖަމަލުތަކުގައި ފުރުވާލައިފިއެވެ. ޖަމަލުގެ މެދުމިނު ދުވެއްޔަށް ބަލާއިރު އެމީހުން ދާންވީ ހިސާބުގައި އޮންނަނީ އެއްދުވަހާއި އެއްރޭގެ ދެބައިކުޅަ އެއްބައިގެ ދުރުމިނެވެ. ޖަމަލުތައް ބަލަހައްޓާ މީހުންނަށް އަމުރުކުރެވިފައިވަނީ ހަމަލާ ދޭމީހުން ގޮވައިގެންގޮސް ފަރުބަދަތަކުގެ ބޭރުން ކޮންމެވެސް ހިސާބަކަށް ބަލާފައި އެނބުރި އައުމަށެވެ. ދެންތިބި މީހުން ދެމީހުން، ހަތަރުމީހުން އެކުލެވޭ ބައިބައިތަކަށް ބައްސަވާލައްވާފައި ކުޅިބަލާ މީހުންގެ ގޮތުގައި ގޮސް ޢީދުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް އަންގަވާފައި ޖަމަލާއި އަހުގައި ފުރުވާލައްވައިފިއެވެ. މި ލަޝްކަރުގެ މީހުން ސަވާރުވެގެން ދިޔަ ޖަނަވާރުތައް ބަލަހައްޓަން ޖެހިފައިވަނީވެސް އެމީހުން އަމިއްލައަށެވެ. އެ ލަޝްކަރާއި އެކުގައި ލަޝްކަރުގެ ލީޑަރުންނާއި ކޮމާންޑަރުންވެސް ދިޔައެވެ. ލަޝްކަރުގެ އެންމެންވެސް ތިބީ އާދައިގެ ހެދުމުގައެވެ.
********