މަނިކުފާނު އަރިއަހުގައި އިތުރު ވާހަކައެއް ދަންނަވާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ. އަޅުގަނޑުގެ ބައްޕަ ބުނުއްވި ގޮތުންވިއްޔާ ދީނީ އިމާމު އަންހެންކުދިންނަށް ވަސްދައްކަން އެގެންގުޅޭ މައު ނޭފަތުގައި ޖެއްސުމުން އޭގެވަސް ސިކުޑިއާއި ހަމައަށް ފޯރުމާއެކު އެއީ ކާކުކަމާއި ކޮންތަނަކުންއައި މީހެއްކަން އަންހެނާ ހަދާން ނެތިގެން ދެއެވެ. އެންމެފަހުން އޭނާއަކީ ދީނީ އިމާމުގެ އަނބިމީހާކަމުގައި އަންހެންކުއްޖާ އަމިއްލައަށް ޤަބޫލުކޮށް އޭނާގެ ހަށިގަޑު އިމާމާއި ހަވާލު ކުރެއެވެ. ދެން ހުތުރުވެގެންވީހާ ކަންތައްތައް ރީތިވެ މުޑުދާރު އެއްޗެތި ރަގަޅުވެދެއެވެ. އެގޮތުން ދީނީ އިމާމުގެ އަންބެއްގެ ގޮތުގައި ތިންދުވަހާއި ތިންރޭ ބިންގަރާސް ކޮޓަރީގައި އަންހެން ކުއްޖާ ގެންގުޅޭ އިރުވެސް އެތަނުގައިހިގާ ހުތުރު ވެގެންވީ މުޑުދާރު ކަންތައްތަކާ ދޭތެރޭގައި ވިސްނާ ޚިޔާލު ކޮށްލާކަށް އެކުއްޖާ ބޭނުމެއް ނުވެއެވެ.“
މިއީ ޢަލީ ބިން ސުފިޔާން އަތުލައްވައިގެން ގެންނެވި ސޫދާނީ ހަބުޝީންގެ ފަސްމީހުންގެ ފަރާތުން އެބޭފުޅުންނަށް އޮޅުން ފިލާވަޑައި ގެންނެވި މައުލޫމާތުތަކާއި އުންމު އަރާރާ ސަލާމަތް ވެގެންވަޑައިގެން އެކަމަނާގެ ދޫފުޅުން ދެއްކެވި ވާހަކަ ތަކެކެވެ. އެފަސް މީހުންނަކީ އުންމު އަރާރާ ވަގަށް ނަގައިގެން ގެންދިޔަ މީހުނާ އެއް ޤަބީލާއެއްގެ ބައެކެވެ. އެކަމަނާ ވަގަށްނެގީ ހަތަރު މީހުންނެވެ. ޢަލީ ބިން ސުފިޔާން އެމީހުން ގެންނަވާފައި އުންމުއަރާރާއީ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ. ނަމަވެސް އެމީހުންނަށް އެކަމަނާ ވަގަށްނެގި ބައެއް ނޭގޭކަމަށްބުނެ އެކަމާ އުޒުރުވެރިވިއެވެ. ތެދުބުނެފިނަމަ އަދަބެއް ނުދެއްވާނޭ ކަމަށް ވިދާޅުވުމުންވެސް އެކަންކުރި ބަޔަކު ނޭގޭ ކަމުގައި އެމީހުން ދެންނެވިއެވެ. އެއީ އެމީހުން ބައިވެރިވެގެން ކުރިކަމެއް ކަމުގައިވިޔަސް ތެދު ބަހަކުން އެމީހުން ވާހަކައެއް ނުދައްކާނެއެވެ. ސަޒާ އަކަށް އަދަބަކަށް އެމީހުން ބިރެއް ނުގަންނާނެއެވެ. އެއީ ވަހުޝީކަމާއި ލޭއޮހޮރުވުމާއި ނުބައިކަމަށް މަޝްހޫރުވެފައިވާ ޤަބީލާއެއްގެ މީހުންނެވެ. އެކިގޮތްގޮތުން ވާހަކަފުޅު ދައްކަވައިގެންވެސް ކުށަށް އިއުތިރާފުނުވެ ހިތްވަރާއި ސާބިތުކަމާއެކު އެމީހުން އިންކާރުކުރަމުން ދާތީ ހަރުހިލަތައް ވިރިގެންދާފަދަ ނުރައްކާތެރި އަދަބުން އެމީހުންނަށް އަދަބުދެއްވަން ޖެހިވަޑައިގެންފިއެވެ.
ފަސްމީހުން ވަކިކުރައްވައި އެހެން މީހުންނަށް އެމީހުންގެ އަޑު ނުއިވޭހިސާބަށް ގެންދެވިއެވެ. ކުށްވެރިއަކަށް މެދުކެޑުމެއްނެތި އަދަބު ދެމުންގޮސް މަރުވެގެން ދިޔަޔަސް އެކަމާ އަޅާލާނެ މީހަކު ނުހުންނާނެއެވެ. އެކަމަކު މީހަކަށް މާހަރުކަށި އަދަބެއް ދެއްވާނީވިއްޔާ އެބޭފުޅުން އާނމު ތަންތަނުގާ އަދަބުދެއްވައެއް ނޫޅުއްވައެވެ. ކޮންމެއަކަސް އެރޭ ހަތަރުދަމު ޢަލީ ބިން ސުފިޔާން ހޭފުޅުލައްވައި ހުންނަވައިގެން އެމީހުންނަށް އަދަބު ދެއްވިއެވެ. އެބުރޭއުޑީގައި އުޑުތިލަމަތިން ހަތަރެސްފައި ބަނދެފައި ބައިތިއްބަވައިގެން އަބުރާ ހެއްދެވިއެވެ. އެމީހުނަށް މިއަދަބު ލިބެމުން ލިބެމުންގޮސް ފަތިހުގެ ވަގުތުގައި އޭގެތެރެއިން ދެބައި އުމުރަށް ގޮސްފައިހުރި ހަބުޝީއަކު ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި ތެދުދަންނަވަން ފަށައިފިއެވެ.
”އަޅުގަނޑަށް ހުރިހާކަމެއް އެގެއެވެ. ނަމަވެސް ދޭވަތާ ދެކެގަންނަ ބިރެއްގެ ސަބަބުން މަނިކުފާނުގެ އަރިއަހުގައި ދަންނަވަން ނުކެރެނީއެވެ. – އަޅުގަނޑުމެން އެސިއްރު ފައުޅުކޮށްފިނަމަ އަޅުގަނޑުމެންގެ ދޭވަތާ ކޯފާވެގެން ނުބައި މަރަކުން އަޅުގަނޑުމެން މަރުއްވާނެއެވެ.“
”މިއަށްވުރެ ނުބައިމަރެއް އެހެން އެއްވެސް މީހެއްގެ ފަރާތުން ކަލޭމެނަށް ލިބޭނެ ހެއްޔެވެ؟“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”ކަލޭމެން ތިޔަބުނާ ދޭވަތާއަކީ ތެދުވެރިއެއްނަމަ އަހަރެމެންގެ މިއެބުރޭ އުޑިން ކަލޭމެން ސަލާމަތްނުކޮށް އެހެރީ ކީއްވެގެން ހެއްޔެވެ؟ މަރުދެކެބިރުން އެވާހަކަ ކަލޭމެން ސިއްރު ކޮށްގެން ތިބޭއިރު ޤަބީލާއާއި ހަމައަށް ނުފޯރަނީސް މިތަނުގައިވެސް ކަލޭމެން މަރުވެދާނެއެވެ. އަމިއްލައަށް އަނިޔާލިނުގަންނާށެވެ. ހުރިހާ ވާހަކައެއް އަހަރެންނަށް ކިޔައިދޭށެވެ. އޭރުން އަހަރުމެންގެ ﷲ ކަލޭމެންގެ ދޭވަތާގެ ކިބައިން ކަލޭމެން ސަލާމަތް ކުރައްވާނެތެވެ.“
ޢަލީ ބިން ސުފިޔާން ދެއްވަމުން ގެންދަވާ އަދަބުގެ ހޫނުން ސޫދާނީ ހަބުޝީން އެތަކެއް ފަހަރު ހޭނެތިފައި ހޭ އަރައިފިއެވެ. އެކަމަކު އެމީހުން ސަލާމަތް ކުރުމަށްޓަކައި އެމީހުންގެ ކުރިމަތިން ފެންނަނީ ހަމައެކަނި އެމީހުންގެ ވަރެވެ. ދެން ޢަލީ ބިން ސުފިޔާންގެ ހަރުކަށި އަދަބުތަކެވެ.
އެމަނިކުފާނުގެ ހިކުމަތުގެ އަމަލީއިން ބޭނުން ކުރައްވައިގެން އިރު އަރަންވާއިރަށް އެމީހުން ލައްވާ ހުރިހާ ވާހަކައެއް ބުނުވުމަށްފަހުގާ އުޑިންނަންގަވާ ކާންބޯންދެއްވާފާ އަރާމުކުރަން ބައިތިއްބައިފިއެވެ. އުންމު ޢަރާރާ ވަގަށްނެގީ އެ ޤަބީލާ ހަތަރުމީހުން ކަމުގައި އޭގެފަސް މީހުން އިއުތިރާފުވިއެވެ. ޗުއްޓީގައިގޮސްވީ ހަތަރުމީހުން އުންމު އަރާރާ ވަގަށްނެގި ރެއާއި ގަޑިވެސް އޭގެ ފަސްމީހުން ދެންނެވިއެވެ. ޢަލީ ބިން ސުފިޔާންގެ އަތްޕުޅުދަށުގައި މިހާރު ހައްޔަރުވެފައި އެތިބަ ފަސްމީހުންނަކީ އެރޭ ފޯރިއަށް ތިބި މީހުންކަމަށްވެސް އިއުތިރާފުވިއެވެ. އުންމު އަރާރާ ވަގަށްނެގި ހަތަރުމީހުން އެކަމަނާ ގޮވައިގެން ފިލުމުގައި އެފަސް ހަބުޝީން ފުރިހަމައައށް އެހީވެދިން ކަމުގައި އެއްބަސްވިއެވެ. އެއަށްފަހުގައި ދެންނެވިއެވެ. ”އެއަންހެންކުއްޖާ އަޅުގަނޑުމެންގެ ދޭވަތާގެ ޤުރުބާން ގާހަށް ގެންގޮސް ޤުރުބާން ކުރެވޭނެއެވެ. ކޮންމެ ތިންއަހަރަކަށްފަހުގައި އަޅުގަނޑުމެންގެ ޤަބީލާގެ މީހުން ފާހަގަކުރާ ހަތަރު ދުވަހުގެ ޢީދުގައި އެފަދަ އަންހެންކުއްޖަކު ޤުރުބާން ކުރެވެއެވެ. އެކަމަށް ހޮވެނީ އަޅުގަނޑުމެންގެ ޤަބީލާ ނޫން އެހެން ކޮންމެވެސް ޤަބީލާއެއްގެ ނުވަތަ ރަށެއްގެ ކުއްޖެކެވެ. ޤުރުބާންކުރެވޭ ކުއްޖާއަކީ އާދައާއި ޚިލާފްއަށް ރީތިދޮންކުއްޖަކަށް ވާން ޖެހޭނެއެވެ. ރަގަޅު ޚާންދާނެއްގެ ކުއްޖަކަށް ވާން ޖެހޭނެއެވެ. ދެކޭމީހުން ހައިރާންވެ އަންތަރީސް ވާފަދަ ރީތިކަމާއި ލޫޅާފަތިކަން ހުންނަން ޖެހޭނެއެވެ.“
”ތިޔަހެންވިއްޔާ ކަލޭމެންގެ ޤަބީލާގެ މީހުން ކޮންމެ ތިން އަހަރަކަށް ފަހުގައި ބޭރުރާއްޖެ އަކުން ރީތިއަންހެން ކުއްޖަކު ވަގަށް ނަގަންޖެހޭނެތާއެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.
”ނޫނެކެވެ. ތިޔައީ އިތުރުފުޅެކެވެ.“ ސޫދާނީ ހަބުޝީއަކު ޖަވާބުއެރުވީއެވެ. ”ތިން ވަނައަހަރު ދޫކޮށްފާ އަންނަނީ ހަމައެކަނި އީދު ފާހަގަ ކުރުމެވެ. – އަންހެންކުއްޖާ ޤުރުބާން ކުރެވެނީ ފަސްޢީދުގެ ފަހުގައެވެ. އެކަމަކު ދުނިޔެއަށް މަޝްވަރާ ވެފައިވަނީ ތިޔަވިދާޅުވާ ފަދައިން ކޮންމެ ޢީދެއްގައި އަންހެން ކުއްޖަކު ޤުރުބާން ކުރެވޭ ކަމުގައެވެ.“
މައުލޫމާތު ދިން މީހާގެ ބައްޕަގެ ފަރާތުން އެގިފައިވާތީ އަންހެންކުއްޖާ ޤުރުބާން ކުރެވޭތަނާއި ވަޤުތުވެސް ޢަލީ ބިން ސުފިޔާނަށް ސާފުކޮށް އެރުވިއެވެ.
”ދީނީ އިމާމަކީ ދޭވަތާގެ ދަރިކަލެއް ކަމުގައި އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަމެވެ. ޢީދުގެއުފާވެރި ހަފްލާ ފާހަގަ ކުރެވޭ ހިސާބާއި މޭލެއް، ދޮޅުމޭލެއްހާ ދުރުގައި އޮންނަ ފަރުބަދަތަކަކާއި ބޯގަސްތަކަކުން އެކުލެވިފައިވާ ކުޑަ ޖަންގައްޔަކީ ދޭވަތާ އުޅުއްވާތަން ކަމުގައި ބުނެއުޅެއެވެ. އަޅުގަނޑުމެންގެ ދޭވަތާގެ ޚިދުމަތުގައި ޖިންނީންނާއި ޕަރީންވެސް އަޅުދާސްވެގެން ތިބޭކަމުގައި މަޝްވަރާވެފައިވެއެވެ. އަޅުގަނޑުމެން ހިތުގެ އަޑިން އެވާހަކަ ޤަބޫލު ކުރަމެވެ. ތަނަވަސް ސަހަރާއެއްގެ މެދުގައި ޖަޒީރާއެއް ފަދައިން ހެދިފާއޮންނަ އެ ހިސާބުގައި ހުންނަ ފަރުބަދަތަކާއި ރޯގަސްތަކުން އުފެދިފައިވާ މަންޒަރު ތަކަކީ އަޖާބެއްފަދަ ރީތި މަންޒަރުތަކެކެވެ. ދޭވަތާއިން އުޅުއްވުމަށް އެންމެ އެކަށީގެންވަނީ އެފަދަ ތަންތަނުގައެވެ. މިދަންނަވާ ތަނުގައި ފިރުޢައުނު ޒަމާނުގައި ވީރާން ކިއްލާގަޑެއްވެސް ހުރެއެވެ. ކިނބޫތައް ދިރިއުޅޭ ފެންކޯރެއްވެސް އެތަނުގައި އޮވެއެވެ.
އަޅުގަނޑުމެންގެ ޤަބީލާގެ މީހަކު ބޮޑުކުށެއް ކޮށްފިއްޔާ އަޅުގަނޑުމެންގެ ދީނުގެ އިމާމާއި ހަވާލުކުރެއެވެ. ދެން އިމާމާ އެމީހާގޮވައިގެން ދުރުވެ ދިރިހުއްޓާ ކިނބޫކޯރަށް އެއްލަވައިލައްވައެވެ. ބޮޑެތި ކުށްވެރިންގެ އަދަބަކީ އެއީއެވެ. ކުށްވެރިޔާ ކޯރުގެ ފެންގަޑުގައި ނުޖެހެނިސް ކިނބޫތައް ބަޑިއަޅާފާއައިސް އެމީހާގެ ގައިގާ ހިފައެވެ. ކުޑަހިނދު ކޮޅެއްގެ ތެރޭގައި ހުރިހާ ކިނބޫތައް ވެގެން އެމީހާފަޅާ ކުދިކުދިކޮށް ދަމާވީދައިގެން ކައިނިންމާލަފާނެއެވެ. ދީނީ އިމާމް އުޅުއްވަވަނީ ކުރިން ދެންނެވި ވީރާނާ ކިއްލާގައެވެ. އެތަނުގައި ހިލައިން ހަދާފައިހުންނަ ބުދެއްގައި ބޯބުރި ހުރެއެވެ. ދޭވަތާގެ އަސްލު ޖާގައަކީ އެއީއެވެ. ކޮންމެ ފަނަރަ އަހަރެއް ފުރިހަމަވާ ދުވަހު އެއްކަލަ ބޭރު ރާއްޖެއިން ވަގަށްނަގައިގެން ގެނެވޭ އަންހެންކުއްޖާ ދީނީ އިމާމާ ހަވާލު ކުރެވެއެވެ. އެވަގުތު ދީނީ އިމާމު މީހާގެ އަތުގައި އޮންނަ މަލަކުން އަންހެން ކުއްޖާއަށް ވަސް ދައްކާނެއެވެ. އަންހެންކުއްޖާގެ ކުރީގެ ހަދާންތައް ނެތިގެން ހިގައިދާނެއެވެ. ދެން އެއީ ކާކުކަން ކުރިން އޭނާއިނީ ކޮންތަނެއްގައިކަން އެތަނަށް އޭނާ ގެނައީ ކާކުކަން ހަދާންނެތިގެން ހިގައިދެއެވެ. އެކަން ފިޔަވާ އެމަލުގައިވަސް ބެލުމުން ދީނީ އިމާމަކީ ދޭވަތާ ކަމުގައާއި އަންހެންކުއްޖާގެ ފިރިމީހާ ކަމުގައި އަންހެން ކުއްޖާ އަމިއްލައަށް ޤަބޫލު ކުރަން ފަށާފާނެއެވެ. އެތަނުގައި ހިގާހުރިހާ ކަންތައްވެސް ކަމުދާން ފަށައެވެ.
އަންހެންކުއްޖާ ޤުރުބާން ކުރަނީ އެއްކަލަ ވީރާނާ އިމާރާތުގައެވެ. ޤުރުބާން ކުރުމުގެ ކުރިން ދީނީ އިމާމުގެ ގާތުގައި އަންހެން ކުއްޖާ ބައިންދައެވެ. އެތަނުގައި އިތުރު ހަތަރު އަންހެންކުދިން ތިބެއެވެ. އެމީހުން ފިޔަވާ އެހެން އެއްވެސް މީހަކު ބިންގަރާސް ކޮޓަރިތެރެއަށް ވަންނާކަށް އަމުރެއް ނޯވެއެވެ. އަންހެންކުއްޖާ ޤުރުބާން ކުރުމަށްޓަކާ ގެންދެވޭއިރު އޭނާ އެގެންދެވެނީ ބޯކަޑައި ގަންނަން ކަމަކަށް ފަހަރެއްގައިވެސް އޭނޭގެ ހިތަކަށް ނާރާނެއެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތި ފަޚުރުވެރިކަމާ އުފަލާއެކު އޭނާ މަރުވެގެން ހިގައިދެއެވެ. އަންހެން ކުއްޖާގެ ބޯކަޑާލުމަށް ފަހުގައި ހަށިގަޑު ކިނބޫކޯރަށް އެއްލައިލެވެއެވެ. ބޮލުގެ އިސްތަށިގަޑުގެ ބާލާފާ ޤަބީލާގެ ހުރިހާގޭގެއަށް ބަހާލެވެއެވެ. އެއީ މުޤައްދަސް އެއްޗެއްކަމުގައި އެންމެންވެސް ޤަބޫލުކުރެއެވެ. އަންހެންކުއްޖާގެ ބޯ ކުނިނުވާގޮތަށް ހިއްކަން ބަހައްޓައެވެ. ދެން ބޮލުންމަސް ފިލާ ހަމައެކަނި ކަށީގެއޮނިގަޑަކަށް ވުމުން އެބޯ ހޮހޮޅައެއްގާ ބަހައްޓައެވެ. މިހުރިހާ ކަމެއްވެސް ކުރެވެމުންދަނީ ވަރަށް ސިއްރު ގޮތެއްގައެވެ.
އެންމެފަހުން އަންހެން ކުއްޖަކު ޤުރުބާން ކުރިތާ ފަނަރަ އަހަރު ފުރެން ކައިރިވެއްޖެއެވެ. ވީމާ، މިއަހަރު އަންހެން ކުއްޖަކު ޤުރުބާން ކުރާނެއެވެ.“ ހަބުޝީ ކަލޭގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
”އަޅުގަނޑުމެން ނުވަމީހުން ޤަބީލާއިން ވަކިވެގެންއައިސް މިސުރުގެ ލަޝްކަރަށް ވަނުމުން އަޅުގަނޑުމެންނަކީ ބިރުކުޑަކަމާއި ޖެހިލުންކުޑަކަމަށް މަޝްހޫރު ބަޔަކަށްވާތީ ސިފައިންގެ ތެރެއަށް ވަންތަނާ ޚަލީފާގެ ބޮޑީ ގާޑުންކަމުގައި ވެއްޖެއެވެ. އެގޮތުގައި ދެމަސް ދުވަސް ވެއަތުވީފަހުން އަޅުގަނޑުމެންނަށް އެއަންހެންކުއްޖާ ފަނިއްޖެއެވެ. – އެންމެ ފުރަތަމަ އެކުއްޖާ ފެނުނު ވަޤުތު އަޅުގަނޑުމެން ހައިރާންވިއެވެ. އެފަދަ ރީތި އަންހެންކުއްޖަކު ދުނިޔޭގެ އެއްވެސް ތާކުން އަޅުގަނޑުމެން ނުދެކެމެވެ. ވީމާ އެކުއްޖާ ވަގަށް ނަގައިގެން ދޭވަތާއަށް ޤުރުބާން ކުރަން ގެންދަން އަޅުގަނޑުމެން އެއްބަސް ވެއްޖައީމެވެ. މިއެއްބަސް ވުމަށްފަހުގައި އަޅުގަނޑުމެންގެ ތެރެއިން އެކަކު ޤަބީލާއަށްގޮސް މިއަހަރު ޤުރުބާން ކުރާނޭ ކުއްޖަކު އަޅުގަނޑުމެން ގެންނާނޭ ކަމަށް ބުނެ ވައުދުވެފައި އެބުރި އައީއެވެ. އިއްޔެ އޭނާ މަރާލެވިއްޖެއެވެ. އޭނާ ޤަބީލާއަށްގޮސްފައި އައުމުން އަޅުގަނޑުމެން އެންމެންވެގެން އެކުއްޖާ ވަގަށް ނެގީއެވެ.
******