މަލުގެ ރާނީ – ޗެޕްޓަރ 21

ފަރުޖާދު ފުރައިގެންދާ ޚަބަރު ޙަވޭލީގައި ގޮވި ބޮމެކޭ އެއްފަދަވިއެވެ. އެޚަބަރު އިވުނު ކޮންމެ މީހެއްގެ ހިތް ސުވާލުތަކުން ފުރުނެވެ.

”ފަރުޖާދު ދަނީ ކޮންތާކަށް ހެއްޔެވެ؟“ އެކަކު ސުވާލުކުރިއެވެ.

”ފަރުޖާދު ދަނީ ކީއްވެގެން ހެއްޔެވެ؟“ އަނެކަކުވެސް ހަމަ އެކަހަލަ ސުވާލެއް ކުރިއެވެ.

”ފަރުޖާދު ފުރަނީ ކޮންއިރަކު ހެއްޔެވެ؟“ އެކަކު އަނެކަކަށް މިކަހަލަ ސުވާލުތަކެއް ކުރަމުންދިޔައެވެ.

ގާތްތިމާގެ މީހުންނާއި ނޯކަރުންނާއި ރައްޓެހި ރަޙްމަތްތެރިންވެސް އެކަކު އަނެކަކަށް ފަށްފަށުން މިކަހަލަ ސުވާލުތައް ކުރުމުގައި އަވަދިނެތިފައިވެއެވެ. ކޮންމެ މީހަކުވެސް ފަރުޖާދާ ހަމައަށް ދިއުމަށް އަވަސްވެފައިވެއެވެ. ޢާޞިފާވެސް ސުވާލުކުރެއެވެ. އޭގެ ދެމީހުންވެސް ވީވަރަކުން އެންމެންގެ ހިތް ހަމަޖައްސައިދޭން މަސައްކަތް ކުރަމުން ދެއެވެ. މަންމަނު ބަހުރުވައިން ދެމީހުންކުރި ހުވައަށް ޙުރުމަތްތެރިކޮށް ހިތަން މަސައްކަތް ކުރަމުންދެއެވެ.

”ހިތާމަ ހުއްޓެވެ. ހިތާމަ ހުއްޓެވެ. މުޅި ހަވޭލީގައި އެކަން އެނގޭ އެކަކުވެސް ނެތެވެ. މަޖާކޮށްލާ ދުނިޔެ ބަލައިލަން ދާންވެސް ސިއްރުމަގު ޚިޔާރުކުރީ ކީއްވެގެން ހެއްޔެވެ؟“ ޠޯލިޢާ ބޭގަމް ދެއަތުން މޭގައި ތަޅައިގެންފައި ޝަކުވާ ކުރިއެވެ.

”ދައްތާއެވެ. އެއީ ވެރިން ސާހިބުންނެވެ. އެއްއިރެއްގައިވެސް އަހަރެމެން ކުރެން އަހައިގެން އެމީހުން ކުރަނީ ކޮންކަމެއް ހެއްޔެވެ؟“ ފައުޒީގެ މަންމަ މަލާމާތުގެ ރާގަކަށް ބުންޏެވެ.

”އެކަމަކު ތަންކޮޅެއް ކުރިން އަހަރެމެންނަށް އަންގާލި ނަމަވެސް އޭނާއަކަށް ގެއްލުމެއް ނުވީހެވެ.“ ރަޙީމާ ބުންޏެވެ.

”ކުއްލިއަކަށް އެ ޚަބަރު ލިބުނީމާ އަހަރެން މުޅިން ގަނޑުވެއްޖެއެވެ.“ އަސްޣަރީ ބުންޏެވެ.

”ހައެއްކަމަސްވަރުވެސް ވެދާނެކަންނޭގެއެވެ. އެދަނީ ހިލޭ މީހުންގެ ގާތަށެވެ. ﷲ އޭނާއަށް ރަޙްމަތްލައްވާ ދަތުރު ފަހިކުރައްވާނެތެވެ.“ ޒުލޭޚާ ބޭގަމް ފުންނޭވާއެއްލަމުން ބުންޏެވެ.

މިއީ ޙަވޭލީގެ އަންހެންވެރިންނަށް ފަރުޖާދު ފުރާ ވާހަކަ އިވުމުން ކުރި ބޮޑު ޖަލްސާގައި ދެކެވެމުންދިޔަ ވާހަކަތަކެވެ. ހޯލުގެ ދޮރުމަތީގައި އެމީހުންގެ ބާނދީތައްވެސް ކަރުއެލުވާލައިގެން އެވާހަކަތައް އަޑުއަހަން ތިއްބެވެ. ޣުލާމް ރަސޫލަކީ ޚާއްސަ މީހަކަށްވާތީ  އޭނާވެސް އެތަނުގައި ހުއްޓެވެ. އޭނާ ހިނިތުންވާން ކުރާ މަސައްކަތް ބޭކާރުވަމުންދެއެވެ. އެހެންހުރިއިރު އޭނާގެ ދެލޮލުގެ ކުޑަކޮޅުން ކަރުނަ ފޫދެމުންދެއެވެ. ވަކިވުމަކީ ހިތި ތަޖުރިބާއެކެވެ. އޭނާގެ ހިތަށް އެރައެވެ.

ފަރުޖާދު ފުރަން ވަރަށް ކުޑައިރުކޮޅަކަށް ވެއްޖެއެވެ. އޭނާގެ ދަތުރުފޮށިތައް ކާރަށް އަރުވަން ފަށައިފިއެވެ. ގާތްތިމާގެ މީހުންނާއި، ރައްޓެހި ރަހްމަތްތެރިން ޙަވޭލީގެ ނޯކަރުން، އެންމެފަހު ފަހަރު އޭނާއާ ބައްދަލުކޮށް ސަލާމް ކުރަމުންދެއެވެ. އެއިން އެކަކަށްވެސް އޭނާގެ މަޤްސަދެއް ނޭނގެއެވެ. ނަމަވެސް އެމީހުންގެ ހެޔޮ ސާހިބާ ވަކިވެގެންދާތީ އެންމެންގެ ހިތްތައް ކުދިކުދިވެ ލޯތަކުން އޮހެމުންދެއެވެ. އޭނާ ގެންގުޅެ ބޮޑުކުރި މުސްކުޅި އާޔާ އޭނާއާ ސަލާމްކޮށް އޭނާގެ ގައިގާ ބޮސްދެމުން ރޯން ފެށިއެވެ. އެވަގުތު ފަރުޖާދުގެ ހިތަށްވެސް ވަރަށް ފުން އަސަރެއް ކުރިއެވެ. އެއަސަރުން ހިތް ފުރިގެން ބަންޑުންވާން ފެށިއެވެ. އޭނާގެ ރީތި ދެލޯ ކަރުނައިން ފުރުނެވެ. ބޭއިޚްތިޔާރުގައި އާޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އެތައްއިރަކު އެމޫނަށް ބަލަން ހުރެވުނެވެ……. ޝައްކެތް ނެތެވެ. ދެން ދުވަހަކުވެސް އެ އިޚްލާޞްތެރި މޫނެއް އޭނާއަކަށް ނުފެންނާނެއެވެ. އޭނާގެ ހިތަށް އެރިއެވެ.

ފަރުޖާދު އެކިމީހުންގެ މޫނަށް ވަކިވަކިން ބެލިއެވެ. އޭގެތެރޭއިން ބައެއް މޫނު އެނާގެ ލޮލުގެ ތެރެއަށް ޖަޒުބުކޮށްލަން އޭނާ ބޭނުންވިއެވެ. ޣުލާމް ރަސޫލަކީވެސް އޭގެތެރެއިން އެކަކެވެ. އޭނާ ޣުލާމް ރަސޫލުގެ ގައިގާ ބައްދާލައިގެންވެސް ވަރަށް ގިނައިރު ހުއްޓެވެ. އޭނާ ދުނިޔެއަށް ލޯ ހުޅުވާލީއްސުރެ ޣުލާމްރަސޫލާއި އާޔާގެ އިޚްލާޞްތެރި އެހީ ނުލިބޭ އެންމެ ދުވަހެއްވެސް ނާދެއެވެ…… އެންމެފަހު ވަގުތުގައި ޣުލާމް ރަސޫލު އަޑުން އަޑުނަގާ ރުޔެވެ. ފަރުޖާދު ނުބުންޏަސް އޭނާ ފުރައިގެން އެދަނީ ވަރަށްދިގު މުއްދަތަކަށްކަން ޣުލާމް ރަސޫލަށް އެނގެއެވެ. އެ މުއްދަތުގެ ދިގުމިން ޣުލާމް ރަސޫލަށް ނޭގުނަސް އޭނާއަށް ދެން ފަރުޖާދު ނުފެންނާނޭކަން ޔަޤީންވެއެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ފަރުޖާދު އެނާގެ ގާތުގައި ދެއްކި ވާހަކަތަކުންވެސް އެކަން ލަފާކޮށްލާކަށް އުނދަގުލެއް ނުވިއެވެ. ޙަވޭލީއާއި ޙަވޭލީގެ މީހުން ދޫކޮށްފައި އަބަދަށްޓަކައި ފުރައިގެން ދަނީކަންވެސް ޔަޤީނެވެ.

ފަރުޖާދު އެއަރޕޯޓަށް ދިޔުމުގެ ކުރިން ޙަވޭލީގެ ހުރިހާ ތަނެއްގައި ހިނގިއެވެ. ދޮރުތަކާއި ފާރުތަކަށްވެސް ވަދާޢީ ސަލާމްކުރިއެވެ. މަންމަގެ ކޮޓަރިއަށްވަދެ އެތަނުގައި ހުރި އެކިއެއްޗެހީގައި ވަކިވަކިން ބޮސްދިނެވެ. އެއީ އަބަދުވެސް އޭނާއަށް މައިމީހާގެ އުނގުގެ އިހްސާސްތައް ހަދާންކޮށްދޭ ކޮޓަރިއެވެ. މަންމައާއި، ބައްޕައާއި ޢާއިލާގެ އެހެން މީހުންގެ މަހާނަދޮށުގައި ފާތިހާ ކިޔެވިއެވެ. ދިރިތިބީންނާއި ވަކިވުމަށްވެރެވެސް ކާބަފައިން ފަސްދާނު ލެވިފައިވާ އެބިމާއި ވަކިވުން އޭނާއަށް މާއުދަގޫވިއެވެ. ނަމަވެސް ހިތާމަ ހުއްޓެވެ. އޭނާ ދާންޖެހޭނެއެވެ. ފަރުޖާދު ހިތާމައިގެ ނޭވާއެއްލިއެވެ. ޢާޞިފްވެސް ރޮބެޓެއްހެން އޭނާގެ ފަހަތުން ހިނގަ ހިނގާ ހުއްޓެވެ. ނަމަވެސް ދުލުން އެންމެ ބަހެއްވެސް ނުބުނެއެވެ. ދެލޮލުގައި ވޭނީ އަސަރުތައް ހުއްޓެވެ. މޫނުމަތީގައި މޮޅިއާއި ހިތާމައިގެ ހިޔަނިތައް ހުއްޓެވެ. އެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ވުޖޫދަށް މާޔޫސީގެ ފުނިވަރުތައް އެއްކޮށްފައިވެއެވެ. އެކަކު އަނެކަކާ އެހާ ކައިރީގައި ތިބިއިރުވެސް އެހާ ދުރެވެ.

ފަރުޖާދު ކުއްލިއަކަށް ފުރައިގެން ދާން އުޅޭ ޚާބަރު ގުލްބާނޫއަށްވެސް ލިބުނެވެ. ނަމަވެސް އެންމެ ފުރަތަމަ އެޚަބަރު ލިބުމުން އޭނާއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭގެފަހުން ޙަވޭލީގެ އެކިއެކި މީހުން އެވާހަކަ ދައްކާ އަޑު އިވުނީމާ އޭނާވެސް ދެރަވިއެވެ. އެކަމަކު އޭނާ އެއިނީ ފަރުޖާދުދެކެ ރުޅިއައިސްފައެވެ. ވީމާ، އޭނާ ފަރުޖާދާ ބައްދަލުކުރާކަށް ނުދެއެވެ. ކޮޓަރިންވެސް ނުނިކުމެއެވެ.

މިހާރު ފަރުޖާދު އެންމެންނާ ބައްދަލުކޮށް ނިމިއްޖެއެވެ. މިހާރު އޭނާގެ ދެލޮލުގައިވަނީ ގުލްބާނޫ ދެކެލުމަށް ކުރާ އިންތިޒާރެއްގެ ތެޅުމެވެ. އެކަން އާޞިފަށް އިހްސާސްވެއެވެ. ވީމާ، ދެތިންފަހަރަކު ގުލްބާނޫ ބަލާވެސް ފޮނުވައިފިއެވެ. އެކަމަކު ގުލްބާނޫއެއް ނައެވެ.

”ގުލްއާ ބައްދަލެއް ނުކުރާނަން ހެއްޔެވެ؟“ އެންމެފަހުން ޢާޞިފަށް ނުހުރެވިގެން ސުވާލުކޮށްލިއެވެ.

”އޭނާއެއް ނާދޭ ނޫންހެއްޔެވެ؟“ ފަރުޖާދު ކުށްވެރިއެއްހެން އިސްޖަހާލަމުން ބުންޏެވެ.

”އާއެކެވެ. އޭނާއިނީ ފަރުޖާދު ދެކެ ރުޅިއައިސްފައެވެ.“ ޢާޞިފް ބުންޏެވެ.

”އެއީ ކީއްވެގެން ހެއްޔެވެ؟“ ފަރުޖާދު ނުދެނަހުރިކަމަށް ހަދާފައި ސުވާލުކޮށްލިއެވެ.

”އާއެކެވެ. ތިޔަކަމާ އަހަރެން ލަދުވެތިވަމެވެ. އޭނާއާ ދޭތެރޭގައިވެސް ވަރަށް ހަރުކަށިކޮށް ކަންތައް ކުރެވުނެވެ.“ ފަރުޖާދާ ބުންޏެވެ.

”އޭނާ ރުޅިއައިސްގެން އެއުޅެނީ އެކަމާއެވެ.“ ޢާޞިފް މިހެން ބުނުމުން ފަރުޖާދު ހަމައެކަނި ހިނިތުންވެލިއެވެ.

”ފަރުޖާދުދެކެ އޭނާ ވަރަށް ބޮޑަށް ލޯބިއެވެ.“ ބެދިފައިވާ އަޑަކުން ޢާޞިފް މިބުނި ޖުމްލައެއްގެ ސަބަބުން ފަރުޖާދު ސިއްސައިގެން ދިޔައެވެ. ހާސްވެ ކަންބޮޑުވިއެވެ. އެވަގުތު ޢާޞިފް ކާރުގެ ތަޅުދަނޑި އިނގިލިކުރީގައި އަނބުރާލަމުން ސީރިއަސްކަމާއެކު ބުންޏެވެ.

”ބުންޔާދީ ގޮތުން ބަލާއިރު ލޯތްބަކީ ވަރުގަދަ ހަޤީޤަތެކެވެ. މައިވަންތަކަމުގެ ލޯތްބެވެ. ދެޖިންސުގެ ލޯތްބެވެ. ރޫޙާނީ ލޯތްބެވެ. ޤަދަރާއި އިއްޒަތުގެ ލޯތްބެވެ. ވައްތަރު ތަފާތަކަސް ލޯތްބަކީ ހަމަ ލޯތްބެވެ. އަހަރެން މިކިޔައިދިނީ ހައްތަހާވެސް ލޯބީގެ ވައްތަރުތަކެވެ.

ޢާޞިފް އެދެއްކި ވާހަކަ ފަރުޖާދަށް ކިތަންމެ ރަނގަޅަކަށްވެސް ވިސްނުނެވެ. އެވާހަކައާ އެއްބަސްވުމުގެ ގޮތުން ހޯ ބޯހަލުވާލިއެވެ. ފަރުޖާދު ގޮވައިގެން ގުލްބާނޫގެ ގާތަށް ޢާޞިފް ދިޔައެވެ. އޭރު ގުލްބާނޫ ކޮޓަރީގައި އިނެވެ. ޢާޞިފް ކޮޓަރިތެރެއަށް ވަނުމުން ފަރުޖާދު ދޮރުކައިރިއަށް ހުއްޓުނެވެ.

”ގުލްއެވެ.“ ޢާޞިފް ގޮވާލިއެވެ.

”ލައްބައެވެ.“ ގުލްބާނޫ ޖަވާބުދިނެވެ.

”ނިކަން ބަލައިލަ ބަލާށެވެ. ގުލްގެ ގުލްލާލާ ދުރުވެ އެބަހުންނެވިއެވެ.“ ޢާޞިފް ބުންޏެވެ.

”ދުރުވެހުންނެވިޔާ އަޅުގަނޑު ކުރާނީ ކީއްތޯއެވެ؟“ ގުލްބާނޫ އަދިވެސް އިނީ ރުޅިއައިސްފައެވެ.

”ގުލްއެވެ.“ އަނެއްކާވެސް ޢާޞިފް ގޮވާލިއެވެ.

”ލައްބައެވެ.“ ހަމައެގޮތަށް ގުލްބާނޫ ޖަވާބުދިނެވެ.

”އެހުންނެވީ ގުލްލާލާ ދުރުވެއެވެ. އޭނާ އެއުޅުއްވަނީ ފުރުއްވާށެވެ.“ ޢާޞިފް ބުންޏެވެ.

”އަބަދުގެ އަބަދަށެވެ.“ ފަރުޖާދު ހިގައިގަންނަމުން ބުންޏެވެ.

އެވަގުތު ގުލްބާނޫއާއި ޢާޞިފާ ދެމީހުން އެއްފަހަރާ އޭނާއާ ދިމާއަށް ބަލައިލިއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަންހުރި ހިތާމައިގެ ފުން އަސަރުތައް ފެނުމުން ގުލްބާނޫގެ ހިތް ތެޅުގެންދިޔައެވެ. ތެދެކެވެ. ދުވަހަކުވެސް ފަރުޖާދުގެ މޫނުމަތިން އެފަދަ އަސަރެއް އޭނާއަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން އޭގެކުރިން ގުލްބާނޫ އޭނާދެކެ އައިސްފައިވާ ރުޅިއާއި ނަފްރަތު ހަދާންނެތިގެން ހިނގައްޖެއެވެ. އިޚްތިޔާރަކާ ނުލާ ހިނގައިގަނެވިއްޖެއެވެ.

”ނޫނެކެވެ. ގުލްލާލާއެވެ. ގުލްލާލާއަކަށް އެއްވެސް ތާކަށް ނުދުރުވެވޭނެއެވެ. އަޅުގަނޑުމެން ދޫކޮށްލައްވާފައި އެއްވެސް ތާކަށް ނުދުރުވެވޭނެއެވެ. އަޅުގަނޑު ގުލްލާލާ ދުރުވިޔަކަ ނުދޭނަމެވެ. އެއްގޮތަކަށްވެސް ދުރުވިޔަކަ ނުދޭނަމެވެ.“ ފަރުޖާދުގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ގުލްބާނޫ ބުންޏެވެ.

ފަރުޖާދު ހަރަކާތެއްނެތި އެހުރިގޮތަށް ހުއްޓެވެ. ގުލްބާނޫ އޭނާގެ ކޮނޑުގައި ބޯއަޅާލައިގެންހުރެ ރޮނީއެވެ. އޭރު ފަރުޖާދުގެ ހާލު ވަރަށްބޮޑެވެ. ހަށިގަނޑުގެ ހުރިހާ ލެޔެއް ސިކުނޑިއަށް ޖަމާވަމުންދާހެން ހީވެއެވެ. އަތްފައި ގަނޑުވާހެން ހީވެއެވެ. މުޅިމީހާ ދާހިއްލާފޯވެ ދެފައިންލާފައި ދާތައް ފައިބަމުންދާހެން ހީވެއެވެ. ޢާޞިފް އެމީހުންނާ ދިމާއަށް ބަލަހައްޓައިގެން މަޑުމަޑުން ހުއްޓެވެ. އެގޮތުގައި ހިނދުކޮޅެއް ވެއަތުވެގެން ދިޔައެވެ. އެންމެފަހުން ފަރުޖާދުގެ ވަރުނެތިގެން އެލިފައިވާ ދެއަތް މަޑުމަޑުން އުފުލާލާއިފިއެވެ. އެދެއަތުން ގުލްބާނޫގެ މޫނުގައި މަޑުމަޑުން ހިފަހައްޓާލައިފިއެވެ. ހީވީ ފިޔަތަކަށް ގެއްލުމެއް ނުވާގޮތުން ފިނިފެންމަލެއްގައި މީހަކު ދެއަތުން ހިފާލިހެންނެވެ. ދެންއައީ ޤިޔާމަތުގެ ހިނދުކޮޅެކެވެ. ފަރުޖާދުގެ ދެތުންފަތް ގުލްބާނޫގެ އޮމާން ނިތްކުރީގައި ޖައްސާލިއެވެ. މިބީހުމުގެ ސަބަބުން ފަރުޖާދަށް ވާންވީގޮތެއް ވެގެން ހިގައްޖެއެވެ. އޭނާއަށް ހޭވެރިކަންވީ ކީއްވެގެން ކަމެއް އޭނާއަކަށްވެސް ނޭނގުނެވެ. ކޮންމެއަކަސް އެޤިޔާމަތެއްފަދަ ވަގުތުކޮޅުގައި ޢާޞިފެއްވެސް އަނގައަކުން ނުބުނެއެވެ. ގުލްބާނޫވެސް އަނގައަކުން ނުބުނެއެވެ…….. ތެދެކެވެ. ބުންޔާދީ ގޮތުން ލޯތްބަކީ ގަދަފަދަ ހަޤީޤަތެކެވެ. ނަމަވެސް އޭގެ ވައްތައް ތަފާތެވެ. އެގޮތުން ގުލްބާނޫއާއި ފަރުޖާދުގެ ލޯތްބަކީ އޭގެތެރެއިން ކޮންވައްތަރެއްގެ ލޯތްބެއްކަން ދެނެވޮޑިގެންވަނީ ﷲ އެވެ.

********

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.