”ގުލްއެވެ.“ ޢާޞިފް ބުންޏެވެ.
”ލައްބައެވެ.“ ގުލްބާނޫ ޖަވާބު ދިނެވެ.
”ހިނގާށެވެ.“ ޢާޞިފް ބުންޏެވެ.
”ކޮންތާކަށްތޯއެވެ؟“ ގުލްބާނޫ ސުވާލުކުރިއެވެ.
”ފަރުޖާދު އެބަގޮވައެވެ.“ ޢާޞިފް ބުންޏެވެ.
”އަޅުގަނޑަށްތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.
”ނޫނެކެވެ. އަހަރެންނަށެވެ.“ ޢާޞިފް ބުންޏެވެ.
”ތިޔަހެންވިއްޔާ އަޅުގަނޑު ދާންވީ ކީއްކުރަންތޯއެވެ؟“ ނުރުހުމުގެ ރާގަކަށް ގުލްބާނޫ ބުންޏެވެ.
”ދެން ހިނގާށެވެ.“ ޢާޞިފް ބުންޏެވެ.
”ނޫނެކެވެ. އަޅުގަނޑު ނުދާނަމެވެ.“ ގުލްބާނޫ ހަމަ އެރާގަށް ބުންޏެވެ. ”އަޅުގަނޑު ގުލްލާލާއަކާ ވާހަކައެއް ނުދައްކާނަމެވެ. މިހާރު އަބަދު ހުންނަނީ ރުޅިދުރުވެފައެވެ.“
”ތިޔަބުނީ ތެދެކެވެ. އޭނާއަށް ވެގެން އުޅޭ ގޮތެއް އަހަރެންނަކަށްވެސް ނޭނގެއެވެ. އޭނާއަކީ ވަރަށް ވިސްނުންތޫނު، ހެޔޮލަފާ މީހެކެވެ. ރުޅިމަޑު މީހެކެވެ. އޭނާއަށް އެކަމެއް ވެގެން އުޅޭތާ މިހާރު މަހެއް ދެމަހެއް ވެއްޖެއެވެ. އޭގެކުރިން ހަމަ ނުލާހިކު ރަނގަޅެވެ.“ ޢާޞިފް ބުންޏެވެ.
”ތިޔައީ ތެދެކެވެ.“ ގުލްބާނޫ ބުންޏެވެ.
”އޭނާއަށް ކޮންމެވެސް ބޮޑުކަމެއް ދިމާވެގެން އެބައުޅެއެވެ.“ ޢާޞިފް ބުންޏެވެ.
”އެހެންވިޔަސް އެންމެންދެކެ ރުޅިއައިސްގެން ފުއްޕާފާ ހުންނާކަށް ނުޖެހެއެވެ.“ ގުލްބާނޫ ބުންޏެވެ.
”އަހަރެންނާ އެކުގައި ގުލްބާނޫ ނުދާނަން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ލައްބައެވެ. ނުދާނަމެވެ. އަޅުގަނޑާ ބެހޭގޮތުން ސުވާލު ކުރައްވައިފިއްޔާ އަޅުގަނޑު ހުރީ ގުލްލާލާދެކެ ވަރަށް ބޮޑަށް ނުރުހިފައޭ، ދުވަހަކުވެސް ވާހަކައެއް ނުދައްކާނަމޭ ނަންގަންނަވާށެވެ. އަޅުގަނޑުމެންނާ ނުލާ އޭނާއަށް ދިރިއުޅުއްވެވެނީވިއްޔާ އޭނާއާ ނުލާ އަޅުގަނޑުމެންވެސް ދިރިއުޅޭނަމެވެ.“ ގުލްބާނޫ ބުންޏެވެ.
”ޙަޤީޤަތުގައިވެސް ގުލް ތިޔައިނީ ސީރިއަސްކޮށް ރުޅިއައިސްފާ ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ރުޅިނައިސް އަޅުގަނޑު މިއިނީ ހިނިއައިސްފާތޯއެވެ؟ ﷲގަންދީ ނަންގަންނަ ތެދެކެވެ. މިހާރު އަޅުގަނޑު މި ޙަވޭލީގައި މިއުޅެނީ ހަމައެކަނި ޢާޞިފަށްޓަކައެވެ. ގުލްލާލާ ކަންތައް ކުރައްވާ ގޮތުން ހަވޭލީގައި ދިރިއުޅުމަކީ އަޅުގަނޑަށް ލިބޭ ބަދުނާމެއް ކަމުގައި ނޫނީ ނުވެއެވެ.“ ގުލްބާނޫ ބުންޏެވެ.
”އަހަރެންވެސް ޤަބޫލު ކުރަމެވެ.“ ޢާޞިފްވެސް ގުލްބާނޫއާ އެއްބަސްވިއެވެ. ދެތިންފަހަރަކު ޢާޞިފަށްވެސް ފަރުޖާދު އެހާވަރުކޮށްފިއެވެ. އެއިން ކޮންމެ ފަހަރަކުވެސް ވަގުތުން ހަވޭލީއިން ނިކުމެގެން ދިއުމަށް ހުރަސްއަޅަނީ ކޮންގުޅުމެއް ކަމެއް ލޯބީގެ ކޮންކަހަލަ އަސަރެއް ކަމެއް ވާޖިބުގެ ކޮންކަހަލަ ބާރެއް ކަމެއް ނޭނގެއެވެ. ކޮންމެއަކަސް ފަރުޖާދު ކަންތައް ކުރާގޮތުން ވަގުތީގޮތުން ރުޅިއައިސް ދެރަވިޔަސް ހިތުގެ ކޮންމެވެސް ކަނެއްގައި ފަރުޖާދަށްޓަކައި ހަމްދަރުދީގެ ޝަކުވާތައް އުފެދެއެވެ. ފަރުޖާދަކީ ދުނިޔޭގެ ހުރި އެންމެ ހިތާމަވެރި އެންމެ އެކަނިވެރި އެންމެ މަހްރޫމް، އެންމެ މާޔޫސް އިންސާނާ ކަމަށް ހިތް ބުނެއެވެ. ފަރުޖާދު ކިތަންމެ ހަރުކަށިކޮށް ކަންތައް ކުރިޔަސް އިރުކޮޅެއްގެ ތެރޭގައި ހިތް ފަރުޖާދަސް މަޢާފް ކުރެއެވެ. މިއަދުވެސް ފަރުޖާދު އޭނާ ބަލާ އެފޮނުވީ އެތަކެއް ދުވަހުގެ ފަހުންނެވެ. އޭގެކުރިން ދެމީހުން އެކަކު އަނެކެއްގެ މޫނު ދެކެނުލާތާވެސް ކިތަންމެ ދުވަހެއް ވެއްޖެއެވެ. ވީހާ ގިނައިރަކު މަސައްކަތުގާ އަވަދިނެތި އުޅެމުން އޭނާ ބޭނުންވަނީވެސް ފަރުޖާދަށް ނުފެންނާން ވެގެންނެވެ. ފަރުޖާދު ކުރާ ކަމެއްވެސް، އުޅޭތަނެއްވެސް މިހާރަކު އޭނާއަށް ނޭނގެއެވެ.
ޢާޞިފާއި ފަރުޖާދާއި ދެމީހުންގެ މެދުގައި ނޭނގޭ ދުރުކަމެއް އުފެދިފައިވެއެވެ. އެދެމެދުގައި އޮތް އަޚްވަންތަކަން ސިއްރު ނޭގޭ ބާރެއްގެ ދަށުގައިވެ ޗިސްވަމުންދެއެވެ. ގުލްބާނޫ ފަރުޖާދުގެ ގާތަށް ގެންދަން ޢާޞިފް އެހާބޮޑަށް ބާރު އެއަޅަނީވެސް ދެބެންގެ ސުލްހައަށްޓަކައި އަޚްލާޤީ އެހީއެއްގެ ބޭނުންވެސް ހިފިދާނޭތީއެވެ. ނަމަވެސް ފަރުޖާދުގެ ގާތަށް ދިއުމަށް ގުލްބާނޫ ކަނޑައެޅިގެން ދެކޮޅުހެދިއެވެ.
ޢާޞިފް ދިޔައިރު ފަރުޖާދު ސޯފާއެއްގައި ދިގުދެމިލައިގެން ސިގިރެޓް ބޯން އޮތެވެ. އޭނާ ފެނުމާއެކު ފަރުޖާދު ފުންމައިގެން ތެދުވިއެވެ.
”ޢާޞިފްއެވެ. އަންނާށެވެ.“ ފަރުޖާދު އޭނާގެ ޚާއްސަ އޯގާތެރިކަމާއެކު ބުންޏެވެ. ”ޢާޞިފް މިފެނުނީ ހާދަ ދުވަހެއްގެ ފަހުންނެވެ. ތިޔައުޅެނީ ކޮންތާކު ހެއްޔެވެ؟“
”އަހަރެން މިއުޅެނީ ހަމަ މިތަނުގައެވެ. ފަރުޖާދު އުޅުނީ ކޮންތާކު ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ. އޭނާ ހަމަ ގަސްތުގައި ނުރުހުމުގެ ރާގު ޚިޔާރު ކުރިއެވެ.
”ކޮޅަށް ތިޔަހުރީ ކީއްވެފަ ހެއްޔެވެ؟ އިށީންނާށެވެ.“ ފަރުޖާދު ހީލަމުން އަޅިކެނޑީގައި ޖައްސާ ސިގިރެޓް ނިވާލިއެވެ.
”ބޭނުމެއް އޮތީހެއްޔެވެ؟“ ފިނިގޮތަކަށް ޢާޞިފް ބުންޏެވެ.
”އާއެކެވެ.“ ފަރުޖާދު ބުންޏެވެ.
”ކޮންކަމެއް ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ބުނެފާނަމެވެ. އިހަށް މޫޑު ރަނގަޅު ކުރާށެވެ. ޢާޞިފް އަހަރެން ދެކެ ރުޅިއައިސްގެން އުޅޭހެން ހީވެއެވެ.“ ފަރުޖާދު ބުންޏެވެ.
”އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟“ ޢާޞިފް ހަމަ އެކުރިރާގަށް ބުންޏެވެ.
ފަރުޖާދު އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހުގައި ހީލިއެވެ. އެއަށްފަހުގައި ވަރަށް ބޮޑަށް ސީރިއަސްވިއެވެ. އޭނާ ތެދުވެގެން ގޮސް ޢާޞިފް އިން ގޮނޑީގައި ފުރަގަހަށް ހުއްޓުނެވެ.
”އަހަރެންނަށް މަޢާފް ކުރާށެވެ. ޢާޞިފްއެވެ. އަހަރެން ޢާޞިފްމެންނަށް ވަރަށް ބޮޑަށް އަނިޔާވެރި ވެއްޖައީމެވެ.“ މޮޅިވެރިކަމާއެކު ފަރުޖާދު ބުންޏެވެ. އެއަޑު ކަންފަތުގައި ޖެހުމުން ޢާޞިފަށް ވަރަށްފުން އަސަރެއް ކުރިއެވެ. ބޭއިޚްތިޔާރުގައި ފުންމައިގެން ތެދުވެވުނެވެ. ފަރުޖާދުގެ ދިމާކުރިމަތީގައި ހުއްޓި އޭނާގެ މޫނަށް ބަލަން ހުރެވުނެވެ. އޭރު އޭނާގެ މޫނު ހީވަނީ މަރުވިތާ އެތައް ދުވަހެއް ވެފައިވާ މައްޔިތެއްގެ މޫނުހެންނެވެ.
”ފަރުޖާދުއެވެ.“ ޢާޞިފް ވަރަށް އުދަގުލުން ފަރުޖާދަށް ގޮވާލިއެވެ.
”މާޢާފްކޮށްދޭނަން ހެއްޔެވެ؟“ މިހެން ބުނިއިރު ފަރުޖާދުގެ ލޮލުން ކަރުނަ އޮހޮރުނެވެ. ޢާޞިފް އޭނާއާ ދިމާއަށް ދެއަތް ދިއްކޮށްލާ ފަރުތާލިއެވެ. ހަމަ އެސިކުންތުގައި އޭނާ ޢާޞިފްގެ ގައިގާ ބައްދައިގެން ބަޢަލްޤީރުކޮށް ބޮސްދޭން ފެށިއެވެ. އެޖަޒުބާތީ ވަގުތުކޮޅު ނިމުނުއިރު ދެމީހުންގެ ދެމެދުގައިވާ ހުރިހާ ރުޅިވެރިކަމާއި ކިލަނބުކަމެއް މުޅިން ފިލާގޮސްފައިވެއެވެ. ލޯތްބާއި ހަމްދަރުދީއާއި އިޚްލާޞްތެރިމުން ދެހިތް ފުރިގެން ބަންޑުންވަމުން ދިޔައެވެ. ”މިހާރަކަށް އައިސް ފަރުޖާދަސް ވެގެންތިޔަ އުޅެނީ ކީއްހެއްޔެވެ؟“ އޭނާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ޢާޞިފް ބުންޏެވެ.
”އަހަރެންނަށް ވެގެން އުޅޭ ގޮތެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ.“ ރިހުން އެކުލެވިފައިވާ އަޑަކުން ފަރުޖާދު ބުންޏެވެ.
ޢާޞިފް އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ ސިކުނޑީގައި އުފެދެމުންދާ ޝައްކުތަކާމެދު ވިސްނާލިއެވެ. އެވަގުތު ފުސްބުރާފައިވާ މޫނުބަލާ ލޯގަނޑަކުން ސޫރަ ފެންނަ ފަދައިން އޭނާގެ ޝައްކުތަކަށް ޔަޤީންކަމުގެ ސިފަ އަންނަމުން ދިޔައެވެ.
”ފަރުޖާދު ތިޔަ ހަދަނީ ދޮގެވެ.“ ފަރުޖާދާ ހަތަރުކަޅި ހަމަކޮށްގެންހުރެ ޢާޞިފް ބުންޏެވެ.
”އަހަރެމެން އެންމެންނަކީވެސް ދޮގުވެރިންނެވެ. ޢާޞިފްއެވެ.“ ޢާޞިފްގެ އަތުތެރެއިން އަތް ސަލާމަތް ކުރަމުން ފަރުޖާދު އޭނާއަށް ފުރަގަސްދިނެވެ. ”އަހަރެމެން އެންމެންވެސް ދޮގުހަދަމެވެ. ދޮގަށް ކެތްކުރަމެވެ. ދޮގަކީ ތެދުކަން ސާބިތުކުރަންވެގެން އަނެއްކާވެސް ދޮގުހަދަމެވެ.“
”ފަރުޖާދު ތިޔަކަން ޤަބޫލުކުރަން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”އާއެކެވެ. އެކަމަކު ތިމާގެ އަމިއްލަ ޒާތާއި ދޮގު ލާމެހެމަށްފަހުގައިވެސް ތެދަކީ ގަދަފަދަ ގަޤީޤަތެއްކަންވެސް ޤަބޫލުކުރަން ޖެހެއެވެ. އެންމެ ރަނގަޅެވެ. ދެން އެވާހަކަ ހުއްޓާލަމާ ހިނގާށެވެ. ކިތަންމެ ވަރަކަށް އެވާހަކަ ދެއްކިޔަސް ޢާޞިފަށް ވިސްނޭނެހެނެއް ހިއެއް ނުވެއެވެ.“ ފަރުޖާދު ބުންޏެވެ.
”ހުރިހާ އެއްޗެއްވެސް އަހަރެންނަށް ވިސްނެއެވެ.“ ޢާޞިފް ބުންޏެވެ. އެވަގުތު ޢާޞިފްގެ މޫނުމަތިން ވަރަށް ހަރުދަނާ އެހާމެ ސީރިއަސްގޮތެއް ފެންނަން ހުއްޓެވެ. އެހެންކަމުން ފަރުޖާދު ދެލޯ ބޮޑުކޮށްގެން އޭނާއާ ދިމާއަށް ބެލިއެވެ. އެގޮތަށް ހަމަހިމޭންކަމުގެ ހިނދުކޮޅެއް ދިއުމަށްފަހުގައި ފަރުޖާދު ސިނގިރެޓެއް ރޯކޮށްލިއެވެ. ޢާޞިފަށްވެސް ސިގިރެޓެއް ދިނެވެ.
”އިށީންނާށެވެ.“ ފަރުޖާދު ބުންޏެވެ.
ދެމީހުން އެކަކު އަނެކެއްގެ ކުރިމަތީގައި ތިއްބެވެ. ޢާޞިފް ނޭވީބްލޫ ސޫޓެއްގައި އިންއިރު ކިތަންމެ ނަލަކޮށް ފެނުނަސް އޭނާގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފެންނަން ހުއްޓެވެ. ފަރުޖާދު ފެންނަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. ދެމީހުންކުރެ އެކަކަށްވެސް އަނެކަކާ ދިމާއަށް ރަނގަޅަށް ބަލައިލާކަށް ނުކުރެއެވެ. ”ހޫނ!“ ފަރުޖާދު ސިނގިރެޓްގެ އަޅިކަނޑާލަމުން އަޑެއް އިއްވާލިއެވެ.
”އަހަރެންނަށް ގޮވީ ކީއްކުރަން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”އަހަރެން ދަނީއެވެ.“ ފަރުޖާދު ބުންޏެވެ.
”ކޮންތާކަށް ހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”ބޭރަށެވެ.“ ފަރުޖާދު ބުންޏެވެ.
”ބޭރުގެ ކޮންތާކަށް ހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”ޔޫރަޕަށެވެ.“ ފަރުޖާދު ބުންޏެވެ.
”ޔޫރަޕަށޭ ހެއްޔެވެ؟“ ޢާޞިފް ސިއްސައިގެން ގޮސްފައި އޭނާއާ ދިމާއަށް ބަލައިލިއެވެ.
”އާއެކެވެ.“ ފަރުޖާދު ބުންޏެވެ.
”އެއީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފް ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ.
”އަހަރެން މިގޮތަށް މިނިންމީ ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރުމަށްފަހުގައެވެ. އަހަރެން މިތަނުގައި އުޅުމެއް ރަނގަޅެއް ނޫނެވެ.“ ފަރުޖާދު ބުންޏެވެ.
”ފަރުޖާދުއެވެ.“ އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ޢާޞިފް ބުންޏެވެ. ނަމަވެސް ފަރުޖާދު އަނގައަކުން ނުބުނެއެވެ. އަވަސް އަވަހަށް ސިނގިރެޓް ބޯލަބަލާ އިނެވެ. ”ފަރުޖާދު ދަނީ ކީއްވެގެން ހެއްޔެވެ؟“ ފުން ހަމަހިމޭންކަމެއް އެކުލެވިފައިވާ އަޑަކުން ޢާޞިފް ބުންޏެވެ.
”ރަނގަޅު ގޮތަކީ އެއީއެވެ.“ ފަރުޖާދު ބުންޏެވެ.
”ނޫނެކެވެ.“ މިހެން ބުނަމުން ޢާޞިފް ތެދުވިއެވެ. ”މިހަވޭލީއަކީ ފަރުޖާދުގެ ކާބަފައިންގެ ހިޔާވައްސެވެ. ފަރުޖާދު މިތަން ދޫކޮށްފައި ދާންވީ ކީއްވެގެން ހެއްޔެވެ؟ ރަނގަޅު ގޮތަކީ އަހަރެމެން…….“ ޢާޞިފް ވަކި ހިސާބަކަށް ހުއްޓާލިއެވެ.
”ޢާޞިފްއެވެ.“ ފަރުޖާދު އަވަސް އަވަހަށް ބުންޏެވެ. ”ވެށި ބަލަކުރުން އެއީ އަހަރެންނަކަށްޓަކައި އޮތް އެންމެ ރަނގަޅު ގޮތެވެ. މިތަނުގައި އުޅުނީމާ އަހަރެންގެ ހާސްކަން އިތުރުވަނީއެވެ. އަހަރެން……. އަހަރެން…… އަހަރެންގެ ނަފްސާހެދިވެސް އަހަރެންނަށް އުނދަގޫވަނީއެވެ.“ ފަރުޖާދު ބުންޏެވެ.
”ނަފްސާހެދި އުނދަގޫވަނީއޭ ހެއްޔެވެ؟“ ޢާޞިފް ލަސްލަހުން ބުނެލިއެވެ.
”އާއެކެވެ. ޢާޞިފެވެ. ނަފްސާ ހެދިއެވެ. އެއީ އާދަޔާ ޚިލާފު ދަހިވެތި ނަފްސެއްހެން އަހަރެންނަށް ހީވެއެވެ. އެހެންނޫނީ ތެދުވެރިކަން އިންތިހާއަށް ގޮސްފައިވާ ނަފްސަކީއެވެ. އަހަރެންގެ ނަފްސު އަމަލުކުރަނީ އެނަފްސު ބޭނުން ގޮތަކަށެވެ. ވީމާ، އަހަރެންގެ ނަފްސު ދޮގާއި ތެދުވެރިކަން އިންތިހާއަށް ގޮސްފައިވާ ނަފްސަކީއެވެ. އަހަރެންގެ ނަފްސު ޢަމަލުކުރަނީ އަނަފްސު ބޭނުން ގޮތަކަށެވެ. ވީމާ، އަހަރެންގެ ނަފްސު ދޮގާއި ތެދުގެ ހަނގުރާމައެއްގައި ހަފުސްކޮށްގެނެއް ދެން އަހަރެންނަކަށް ނޫޅެވޭނެއެވެ. އެއީ އަހަރެންގެ ބާރު ހިނގާ ވަރަށްވުރެ މާ ގަދަފަދަ ކަމެކެވެ.“ ފަރުޖާދު ސިނގިރެޓްގައި ދަމާލުމަށްޓަކައި ކުޑަކޮށް މަޑުކޮށްލިއެވެ. ދެ ގޮނޑިއަށް ރަނގަޅަށް ފެތިލިއެވެ. އެއަށްފަހުގައި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ”އަހަރެން ދެން މިތާކު ނޫޅޭނަމެވެ. އަބަދު ހަނގުރާމަ ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ކާމިޔާބު ނުވަތަ ބަލިވުން މިދެކަންތަކުގެ ތެރެއިން ކޮންމެވެސް އެއްކަމެއް ޚިޔާރުކުރުން މަސްލަހަތު ބޮޑެވެ.“
އާޞިފް މަޑުމަޑުންގޮސް ކުޑަދޮރުން ބޭރު ބަލަން ފެށިއެވެ. އެހެން ހުރެގެން އޭނާ ކޮންމެވެސް ފުންވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އެނާ ސާފުކޮށް ވާހަކައެއް ނުދައްކައެވެ. ހަމައެފަދައިން ފަރުޖާދުވެސް ހަޤީޤަތް ހާމަކޮށެއް ނުދެއެވެ. ނަމަވެސް މައްސަލައޮތީ ހުޅުވާލާފައި އޮތް ފޮތެއް ފަދައިން ފެންނާށެވެ. ތެދެކެވެ. ދެން ޢާޞިފާއި ފަރުޖާދަކަށް އެއްފުރާޅެއްގެ ދަށަކު ނޫޅެވޭނެއެވެ. އޭގެތެރެއިން ކޮންމެވެސް އެކަކު ދާން ޖެހޭނެއެވެ. ފަރުޖާދު ވަރަށް ފުންކޮށް ފިނިނޭވާއެއްލިއެވެ. ދެބައިކުޅަ އެއްބަޔަށް ސިނގިރެޓް ބުއިމަށްފަހުގައި އަޅިކެނޑިއަށް ވައްޓާލިއެވެ. މޭޒުމަތީގައި އޮތް ބޮޑު ސިޓީއުރައެއް ހިފައިގެން ޢާޞިފްގެ ގާތަށް ދިޔައެވެ. އަނގައިން ނުބުނެ މަޑުމަޑުން ޢާޞިފާ ދިމާއަށް ސިޓީއުރަ ދިއްކޮށްލިއެވެ. ޢާޞިފް ކުޑަކޮށް އެނބުރިލިއެވެ. ސިޓީއުރައަށް ބަލައިލިއެވެ. ދެން ފަރުޖާދުގެ ވީރާނާ ދެލޮލަށް ނަޒަރު ސީދާކޮށްލިއެވެ.
”މިއީ ހުރިހާ ލިޔުންތަކެވެ.“ ފަރުޖާދު ބުންޏެވެ.
”ކޮންކަމަކާބެހޭ ލިޔުންތަކެއް ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ފަހުން ބަލާށެވެ. އެއިރުން އެނގިދާނެއެވެ. ފުރިހަމަ ތަފްސީލު އޮންނާނެއެވެ. ޢާޞިފަކަށް އެއްވެސް އުނދަގުލެއް އުފުލާކަށް ނުޖެހޭނެއެވެ. މިލްކިއްޔާތާބެހޭ ލިޔުންވެސް އޮންނާނެއެވެ. ވަކިއެއްޗެއް ނޫނެވެ. ހުރިހާ އެއްޗެކެވެ. އަހަރެން ދިޔައިމާ ބަލާށެވެ.“ ފަރުޖާދު ބުންޏެވެ.
”ފަރުޖާދު ފުރަނީ ކޮންއިރަކުން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”މިއަދު ހަވީރު ހަގަޑިބައިގެ ފުލައިޓުންނެވެ.“ ފަރުވާކުޑަގޮތަކަށް ފަރުޖާދު ބުންޏެވެ.
”ކުއްލިއަކަށް އެލިބުނު ޚަބަރެއްގެ ސަބަބުން ޢާޞިފް ހައިރާންވެ ދެލޯބޮޑުވިއެވެ. އަނގަހުޅުވުނެވެ. ”ފަރުޖާދު ސަމާސާ ކުރަނީ ހެއްޔެވެ؟“ ބޭއިޚްތިޔާރުގައި ޢާޞިފަށް ބުނެލެވުނެވެ.
”ނޫނެކެވެ.“ ފަރުޖާދު ސީރިއަސްކަމާއެކު ބުންޏެވެ.
”ނޫނެކެވެ. ނޫނެކެވެ. ފަރުޖާދެވެ.“ ފަރުޖާދުގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމނުން ޢާޞިފް ބުންޏެވެ.
”ޢާޞިފްއެވެ. އަހަރެންގެ ސީޓް ބުކްކޮށް ނިމިއްޖެއެވެ. ހުރިހާ ކަމެއް ނިމިއްޖެއެވެ.“ ފަރުޖާދު ހަމަޖެހިލައިގެންހުރެ ބުންޏެވެ.
”އެނބުރި އަންނާނީ ކޮންއިރަކުން ހެއްޔެވެ؟“ ވަރަށް ދެރަވެލާފައި ޢާޞިފް ސުވާލު ކުރިއެވެ.
”ތިޔައެއް ބުނާކަށް ނޭނގެއެވެ.“ ފަރުޖާދު ބުންޏެވެ.
”އެއީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”އަދި ހަމަ އެނގެނީ ދިއުމުގެ ކަންތަކެވެ. އައުމުގެ ކަންތަކެއް އަހަރެންނަކަށްވެސް ނޭނގެއެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔަހެންވިއްޔާ ފަރުޖާދު ތިޔަހަރީ ހަމަ ތިޔަގޮތަށް ނިންމައިގެންތާއެވެ؟“ ޢާޞިފް ބުންޏެވެ.
”ހަމައެކަނި ނިންމީއަކީ ނޫނެވެ. އަހަރެންގެ ނިންމުމަށް ޢަމަލީ ސިފަވެސް ގެނެސްފީމެވެ. އަހަރެން ފުރާ ފްލައިޓް އޮތީ ބައިގައެވެ.“ ފަރުޖާދު ބުންޏެވެ.
”އަރަތަކަށްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟“ ފަރުޖާދާ ހަތަރުކަޅި ހަމަކޮށްލަމުން ވަރަށް ލަސްލަހުން ޢާޞިފް ބުންޏެވެ.
”ތިޔަބުނީ އަހަރެން ސިއްރު ސިއްރުން ފިލާ ހުރެގެން މިހުރިހާ ކަމެއް ކުރި ވާހަކަ ހެއްޔެވެ؟ ފަރުޖާދު ހަމައެގޮތަށް ޢާޞިފާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ބުންޏެވެ.
”ފަރުޖާދު ފިލަން މަސައްކަތްކުރި ވަރަކަށް ފަރުޖާދު ފައުޅުވަމުން ދަނީއެވެ.“ ބޭއިޚްތިޔާރުގައި ސާފުކޮށް ޢާޞިފަށް ބުނެލެވުނެވެ.
ފަރުޖާދު ސިއްސައިގެން ގޮސްފައި ޢާޞިފާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ސިއްރު ސިއްރަކަށް ނުވިތާއެވެ. ފަރުޖާދުގެ ހިތަށް އެރިއެވެ. ޢާޞިފްގެ މޫނެކޭ މޫނުބަލާ ލޯގަނޑެކޭ އެއްގޮތެވެ. އޭނާގެ މޫނުން ހުރިހާ ކަމެއް ސާފުކޮށް އެބަފެނެއެވެ.
ދެމީހުންވެސް ތިބީ އަޖާބެއްފަދަ ހާލަތެއްގައެވެ. ކުށްވެރި އިޙްސާސްތަކަކާ އެކުގައި އެކަކު އަނެކެއްގެ ކުރިމަތީގައެވެ. މަޑުމަޑުންނެވެ. ހަމަހިމޭނުންނެވެ. ނަމަވެސް އެ ހަމަހިމޭންކަން ވާހަކަ ދައްކަމުން ދެއެވެ. އަޑުއަހަމުންދެއެވެ. އެންމެފަހުން ސިޓީއުރަ ކުޑަދޮރުގެ މަތީގައި ބާއްވާފައި އޭނާ އެނބުރި ފާރުގައި ލެނގިލިއެވެ. އޭރު އޭނާގެ ސިކުނޑިން ދުންބުރަމުންދެއެވެ. ގައިގާ ވަރުނެތެމުންދެއެވެ. ފާރުގައި ލެނގިލައިގެން ގޮސް ކޮޅަށް ހުންނަން ދަތިވަމުންދެއެވެ.
”އަހަރެން ހިތާމަކުރަމެވެ. ޢާޞިފްއެވެ.“ ޢާޞިފް ނުދައްކާ ވާހަކައަކަށް ފަރުޖާދު ޖަވާބުދިނެވެ.
”އަހަރެންނަށް މަޢާފްކުރާށެވެ. އަހަރެން މިތަނުން ދުރަށް ދަނީއެވެ. ޢާޞިފަށް ޝަކުވާގެ ފުރުސަތު ނުލިބޭހާ ދުރަށެވެ. މިތަނުގައި އުޅުނީވިއްޔާ ޢާޞިފް ހާސްވާންޖެހޭ ސަބަބަކަށްވެސް އަހަރެން ވާނެއެވެ. މިހާރު ދަން……. މިހާރުދެން……..“
”ފަރުޖާދުއެވެ.“ ބޭއިޚްތިޔާރުގައި ފަރުޖާދުގެ ގައިގާ ޢާޞިފަށް އޮޅުލައިގަނެވުނެވެ. ”އަހަރެންނަށް ކުރިން އެނގުނުނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ؟……. ކޮންފަދަ ރަނގަޅު ހެއްޔެވެ؟ ފަރުޖާދު…….“ ޢާޞިފްގެ އަޑު ތުރުތުރު އަޅާވަރުން ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. ފަރުޖާދު އެނާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ނޫނެކޭ ބުނުމުގެ ގޮތުން ދެއަތަށް ބޯހޫރުވަމުން ގެންދިޔައެވެ. އެވަގުތު އެނާގެ ހިތުގެ ތެޅުން ޢާޞިފްގެ މެއަށް އިޙްސާސްވަމުން ދިޔައެވެ. އޭނާގެ ހިތުގެ ގިސްލުމާއި ހިތްވިރިގެން އޮހެމުންދާކަންވެސް ޢާޞިފަށް އިހްސާސްވަމުންދިޔައެވެ.
***********