މަލުގެ ރާނީ – ޗެޕްޓަރ 19

ޣުލާމް ރަސޫލާއެވެ. މިނޫކުލައިގެ ފައިލް އެހެރަ ލިޔުންތަކުގެ ކައިރީގައި ބާއްވާށެވެ.“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ. ސާހިބާއެވެ.“ ޣުލާން ރަސޫލު ބުންޏެވެ.

”ހުރިހާ ރަޖިސްޓަރީތަކާއި އެއްޗަކަށްނުލާހުރި ލިޔުންތައް މިތަނަށް ގެންނާށެވެ.“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ. ސާހިބާއެވެ.“ ޣުލާން ރަސޫލު ބުންޏެވެ.

”އާއެކެވެ. ތިޔަ ހުރިހާ އެއްޗެތި ގެންނާށެވެ.“ ފަރުޖާދު ބުންޏެވެ.

އުލާމް ރަސޫލު އެދިޔަގޮތަށް ގޮސް އަލަމާރި ކައިރީގައި ހުރި މޭޒުމަތީގައި ހުރި ލިޔުންތައް ގެންގޮސް ފަރުޖާދުގެ ކައިރީގައި ހުރި ތިރި މޭޒުމަތީގައި ބަހައްޓައިފިއެވެ. އޭރުވެސް އެ މޭޒުމަތީގައި ބައިވަރު ލިޔުންތައް ފަތުރާލާފައި ހުއްޓެވެ. އޭރުވެސް އެ މޭޒުމަތީގައި ބައިވަރު ލިޔުންތައް ފަތުރާލާފައި ހުއްޓެވެ. އެކިވެރުގެ ފައިލްތައް ހުއްޓެވެ. ރަޖިސްޓަރީތަކާއި ސަރުކާރުގެ ތައްގަނޑުޖެހި ލިޔުންތައް ހުއްޓެވެ.

ފަރުޖާދު އިނީ އޭނާއަށް ޚާއްޞަ ކުރެވިފައިވާ ލައިބްރަރީގައެވެ. އެތަނުގައި އޭނާ އަވަދިނެތި މަސައްކަތް ކުރާތާ ވަރަށްގިނައިރު ވެއްޖެއެވެ. އެހާގިނައިން ސިގިރެޓްވެސް ބޮއިފައިވެއެވެ. އޭނާގެ އިނގިލިތަކާއި ތުންފަތުގައި ސިނގިރެޓް ދުމުގެ ނިޝާން ހުއްޓެވެ. މިހާރުވެސް އޭނާ އިނީ ސިގިރެޓެއް ރޯކޮށްގެންނެވެ. ރޯކޮށްފައިވާ ސިގިރެޓް ދެތުންފަތުން ހިފަހައްޓައިގެން ދެ އަތުން މަސައްކަތް ކުރަމުން ގެންދެއެވެ. އޭނާގެ ޚާއްޞަ ނޯކަރު ޣުލާމް ރަސޫލު އޭނާ ގެންގުޅޭ ލިޔުންތަކާއި ފައިލްތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި އެހީވަމުން ގެންދެއެވެ. އޭނާ ބޭނުންވަރަށް ލިޔުންތަކުގެ ކަންތައް ހަމަޖެހުމުން ހުރިހާ ލިޔުންތައް އެއްކޮށްލާފައި ބޮޑު ފައިލަކަށް ލުމަށްފަހު މޭޒުމަތީގައި ބާއްވައިފިއެވެ. ދެން ގޮނޑީގައި ލެނގިލާފައި ދެލޯ މަރާލިއެވެ. ފުންކޮށް ދެތިން ނޭވާލިއެވެ. ހީވީ ބޮޑު ހަނގުރާމައެއް ނިންމާފައި އައިސް ހަމަޖެހިލިހެންނެވެ.

”ސާހިބާއެވެ. ނިމުނީތޯއެވެ؟“ ޣުލާމް ރަސޫލު އެހިއެވެ.

”އާއެކެވެ. ނިމުނީއެވެ.“ ހުވަފެނުގައި ވާހަކަ ދައްކާ މީހަކު ފަދައިން ފަރުޖާދު ބުނެލިއެވެ.

”ސާހިބާއެވެ. އިތުރު ކަމެއް އެބައޮތްތޯއެވެ؟“ މާޒުމަތީގައި ހުރި ފައިލްތަކާއި ލިޔުންތައް އެއްވަރުކޮށް ތަރުތީބުން ބެހެއްޓުމަށްފަހު ސައިތަބަށް ހިފައިގެން ހިނގައިގަންނަމުން ޣުލާމް ރަސޫލު ބުންޏެވެ.

”ޣުލާމް ރަސޫލުއެވެ. ތިޔަހާ އަވަހަށް ދާން ތިޔައުޅެނީ ކޮންތާކަށް ހެއްޔެވެ؟ މިތަނުގައި އިށީނދެބަލާށެވެ.“ ފަރުޖާދު ސީދާވެލަމުން ބުންޏެވެ.

”މިތަށިތައް ގެންގޮސްފައި އަންނަންތޯއެވެ؟“ ޣުލާމް ރަސޫލު ބުންޏެވެ.

”ގެންގޮސްފައި ހުސްއަތާ އަންނަންވީ ކީއްކުރަން ހެއްޔެވެ؟“ ހޫނު ސައިތައްޓެއް ހައްދައިގެން ހިފައިގެން އަންނާށެވެ.“

”ލައްބައެވެ. ސާހިބާއެވެ.“ ޣުލާމްރަސޫލު އަދަބުވެރިކަމާއެކު ބުންޏެވެ.

”އަދި އިހަށް މަޑުކޮށްބަލާށެވެ.“ އޭނާ ހިނގައިގަތުމުން ފަރުޖާދު ބުންޏެވެ.

”ލައްބައެވެ.“ ޣުލާމް ރަސޫލު އެހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ.

ފަރުޖާދު ބޮއިބޮއި އިން ސިގިރެޓް އެޅިކެނޑިއަށްލާފައި މޯޅިއަކަށް ދެމިލިއެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ހޭވިފައެވެ. މޫނުމަތިން ފެންނަނީ ހިތާމައާއި މޮޅިވެރިކަމެވެ. ދެލޮލުން ފެންނަނީ ނުތަނަވަސްކަމެވެ. އެކަމަކު އޭނާ އިނީ ހިނިތުންވެގެންނެވެ.

”ޣުލާމް ރަސޫލުއެވެ.“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ. ސާހިބާއެވެ.“ ޣުލާމް ރަސޫލު ބުންޏެވެ.

”ޣުލާމް ރަސޫލަށްޓަކައި އަހަރެން ވަރަށްގިނަ ކަންތައް ކޮށްދީފީމެވެ.“ ފަރުޖާދު ބުންޏެވެ.

”ތިޔަބުނުއްވީ ކީކޭތޯއެވެ؟“ ޣުލާމް ރަސޫލު ހައިރާންވިއެވެ.

”ވަރަށް ކުލަގަދަކޮށް ދަރިފުޅުގެ ކައިވެނި ކުރުވާށެވެ. އެކަމަށް ބޭނުންވާނޭ ފައިސާ ޢާޞިފް ދޭނެއެވެ.“ ފަރުޖާދު ބުންޏެވެ.

”މިހުރިހާ އެއްޗިއްސެއް ނޫނެވެ.“ ޣުލާމް ރަސޫލު ބުންޏެވެ.

”އަހަރެންގެ ބައެއް ހެދުން އަލަމާރީގައި ހުންނާނެއެވެ. ޣުލާމް ރަސޫލުގެ ދަރިފުޅު ޝަހަރުން އައިމާ އެ ހެދުންތައް އޭނާއަށް ދޭށެވެ. އޭނާއަށް ހެޔޮވަރުވިއްޔާ ފައިވާންތައްވެސް ނަގާށެވެ. މިހާރު ތިޔަ ދިރިއުޅޭ ކުވާޓަރު ޣުލާމް ރަސޫލުގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފީމެވެ. މީގެފަހުން ޣުލާމް ރަސޫލު އެއްވެސް މަސައްކަތެއް ކުރާނޭ ކަމެއް ނެތެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު މުސާރަ ހަމައަށް ލިބެމުން ދާނެއެވެ. އަނާޝީނާއާއި މުޙިއްދީނުގެ ކަންތައްވެސް ހަމަޖައްސައިފީމެވެ.“ ފަރުޖާދު އެދައްކާ ވާހަކައެއް ޣުލާމް ރަސޫލަކަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ.“ ފަރުޖާދު އެދައްކާ ވާހަކައެއް ޣުލާމް ރަސޫލަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އެހެންކަމުން ތަބަށް މޭޒުމަތީގައި ބަހައްޓާފައި ފަރުޖާދުގެ ފައިކައިތިން ދޫލަމަތީގައި އޭނާ އިށީނދެއްޖެއެވެ.

”ސާހިބާއެވެ. ތިޔަހުރިހާ ކަމެއް ކުރެއްވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟“ މިހާރުވެސް އަޅުގަނޑުމެން މިއުޅެނީ ސާހިބާ ދެއްވީމާ ކައިގެން، ސާހިބާ ދެއްވީމާ އުނުއަނދެގެންނެވެ. ވީމާ، އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު ސާހިބާއަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ ވާޖިބެކެވެ.“ ރޮވިފައިވާ އަޑަކުން ޣުލާމް ރަސޫލު ބުންޏެވެ.

”ޣުލާމް ރަސޫލު އަހަރެންނަށް ވަރަށްގިނަ ޚިދްމަތް ކޮށްދީފީމުއެވެ.“ ފަރުޖާދު ބުންޏެވެ.

”އެއީ އަޅުގަނޑުގެ ވާޖިބެވެ.“ ޣުލާމް ރަސޫލު ބުންޏެވެ.

”އޭނާ ބުނި އެއްޗަކާ ބެހޭގޮތުން ފަރުޖާދު އެއްވެސް އެއްޗެއް ނުބުނެއެވެ. ޣުލާމް ރަސޫލާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެފައި މާނޭވާއެއްލިއެވެ.

”ދެން މިހާރު ދާށެވެ. ޢާޞިފް އައިމާ އަހަރެންގެ ގާތަށް ފޮނުވާށެވެ.“ އަނެއްކާވެސް ގޮނޑީގައި ލެނގިލަމުން ފަރުޖާދު ބުންޏެވެ.

”ސައި ގެންނަންވީތޯއެވެ؟“ ޣުލާމް ރަސޫލު ތެދުވަމުން ބުންޏެވެ.

ޣުލާމް ރަސޫލު ތަށިތައް ހިފައިގެން ދިއުމުން ފަރުޖާދު އާ ސިގިރެޓެއް ރޯކޮށްލައިގެން ބޯން ފެށިއެވެ. ކުޑައިރުކޮޅެއް ވަންދެން ގޮނޑީގައި ލެނގިލައިގެން ދެލޯ މަރާލައިގެން ސިގިރެޓް ބޯން އިނދެފައި ތެދުވެގެން ގޮސް ކުޑަދޮރުގެ ކައިރިއަށް ހުއްޓުނެވެ. ކުޑަކޮށް ފަރުދާ ކަހާލައިގެން ބޭރުބަލަން ފެށިއެވެ. ޙަވޭލީގެ ބޮޑު ބަގީޗާގެ އެކި ގަސްގަހާއި އެކިއެކި ގާފޮޅިތަކާއި ބަގީޗާގެ މެދުގައި ހުރި ރީތި ފެންއަރުވާ ވަޑާމަށް ވަރަށްގިނައިރު ވަންދެން ބެލިއެވެ. އެހެން ހުރިއިރު އުފާވެރި ހަދާންތަކާއި މަޖާ ވަގުތުތައް އޭނާގެ ހަނދާނަށް އައެވެ. އޭނާގެ ޅަޢުމުރާއި ޒުވާން ދުވަސްވަރު އެބަގީޗާއާއި އެގަސްތަކާއި އެ ފެންއަރުވާ ވަޑާމާއި ގުޅިލާމެހިފައެވެ. މަންމަގެ ސަންދޯއް ބަގީޗާގެ ތެރޭގައި ބަހައްޓާފައި ހުރި ހިތާމަވެރި ދުވަސްވެސް އޭނާގެ ހަނދާނަށް އައެވެ. އެހާދިޘާއަށްފަހު ބައްޕަގެ ފުރާނަނެތް މަސްގަނޑުވެސް ގެނައީ ހަމަ އެތަނަށެވެ. އުފަލާއި ހިތާމަތައް އެބަގީޗާގެ ދާވަނީގައި ފޮރުވިފައިވެއެވެ. މާތަމްގެ އަނދިރިކަމާއި ކައިވެނިތަކުގެ އުފާވެރި ހަފްލާތަކެވެ. އޭނާ މޮޅިވެރި ނަޒަރަކުން މަޒީގެ މޫނުބަލާ ލޯގަނޑަށް ބަލަމުން ގެންދިޔައެވެ. ބައެއްފަހަރު ހިތާމައިގެ ނޭވާލަމުން ދެކޮޅަށް ހިނގައެވެ. އަނެއްބައިފަހަރު މަޑުމަޑުން ގޮސް ގޮނޑީގައި އިށީނދެލައިގެން އިނދެއެވެ.

ޣުލާމް ރަސޫލު ސައި ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓުމަށްފަހު ފަރުޖާދަށް އަންގާލިއެވެ. މިއަދު ފަރުޖާދަށް އައިސްފައިވާ ބަދަލު ކިތަންމެ ރަނގަޅަކަށްވެސް ޣުލާމް ރަސޫލަށް އެނގެއެވެ. މިހާރަކަށް އައިސް އޭނާއަށް އެވާގޮތެއް އޮޅުންފިލުވާލަން ކިތަންމެ ވަރަކަށްވެސް ޣުލާމް ރަސޫލު ބޭނުމެވެ. ނަމަވެސް ސުވާލެއް ކޮށްލާކަށް ނުކެރެއެވެ. ވައަތުވެދިޔަ ދުވަސްތަކުގައި ފަރުޖާދު ހުރީ މިޒާޖު ގޯސްވެފައެވެ. ރުޅިގަދަވެފައެވެ. މީހުންނާ ދުރުހިލޭވެފައެވެ. މިއަދު ކުއްލިއަކަށް ހިތްހެޔޮކަމާއި އިޚްލާޞްތެރިކަމާއި މާތް އަޚްލާޤު ފައުޅުވެގެން އައުމުން ޣުލާމް ރަސޫލު ވަރަށް ބޮޑަށް އުފާވިއެވެ.

ފަރުޖާދު ސައިބޯން އިނދެގެން ޣުލާމް ރަސޫލާ ވަރަށްގިނަ ވާހަކަ ދެއްކިއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް ޣުލާމް ރަސޫލަކަށް ނުވިސްނުނެވެ. ހާސްކަން އިތުރުވުން ފިޔަވާ އެހެން އެއްވެސް ކަމެއް ނުވިއެވެ. ޚާއްސަކޮށް ފަރުޖާދު އެބުނި ވަޞިއްޔަތުނާމާގެ ކަންތައް އޮޅުންފިލުވާލަން އޭނާ ކިތަންމެހާވެސް ބޭނުންވިއެވެ. ނަމަވެސް ސުވާލެއް ކުރާނޭ ހިތްވަރެއް ނުލިބުނެވެ. އެންމެފަހުން ފަރުޖާދު ވާހަކަ ފެށިއެވެ.

”ޣުލާމް ރަސޫލުއެވެ.“

”ލައްބައެވެ. ސާހިބާއެވެ.“ ޣުލާމް ރަސޫލު އަދަބުވެރިކަމާއެކު ބުންޏެވެ.

”އަހަރެންގެ ސޫޓުކޭސް ތަޅުލައިފިން ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ.“ ޣުލާމް ރަސޫލު ބުންޏެވެ.

”ދަބަސްވެސް ތަޅުލައިފިން ހެއްޔެވެ؟“

”ލައްބައެވެ.“ ޣުލާމް ރަސޫލު ބުންޏެވެ.

”ހުރިހާ އެއްޗެއްވެސް އަހަރެން ބުނިގޮތަށް ތަރުތީބުން ބެހެއްޓިން ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ.“ ޣުލާމް ރަސޫލު ބުންޏެވެ.

”ވަރަށް ރަނގަޅެވެ. ޣުލާމް ރަސޫލުގެ ކަންތައް ނުމުނީއެވެ.“ ފަރުޖާދު ބުންޏެވެ.

”ސާހިބާއެވެ.“ ޣުލާމް ރަސޫލު ބުންޏެވެ.

”އާއެކެވެ.“ ފަރުޖާދު ވަރަށް ރަނގަޅަށް އޭނާއާ ދިމާއަށް ބަލައިލިއެވެ.

”ސާހިބާ ތަނަކަށް ދުރުވަނީތޯއެވެ؟“ ޣުލާމް ރަސޫލު ސުވާލުކުރިއެވެ.

”އާއެކެވެ.“ ފަރުޖާދު ޖަވާބުދިނެވެ.

”ކޮންތާކަށްތޯއެވެ؟“ ޣުލާމް ރަސޫލު އަނެއްކާވެސް ސުވާލުކުރިއެވެ. އެކަމަކު ފަރުޖާދު އަނގައަކުން ނުބުނެއެވެ. ވީމާ، އަނެއްކާވެސް ޣުލާމް ރަސޫލު ބުންޏެވެ. ”ޝަހަރަށްތޯއެވެ؟“ މިސޫވާލަށް ފަރުޖާދު މާ ނުގޮތަކަށް ބޯ ހަލުވާލިއެވެ. ”އެނބުރި ދުރުވާނީ ކޮންއިރަކުންތޯއެވެ؟“

”އެއްގޮތަކަށްވެސް ނޭނގެއެވެ.“ ފަރުޖާދު ބުންޏެވެ.

”ސާހިބާއެވެ.“ ޣުލާމް ރަސޫލު އެއްޗެއް ބުނަން އުޅުނެވެ.

”ޢާޞިފް އަތުވެއްޖެ ހެއްޔެވެ؟“ އޭނާގެ ޖުމްލަ މެދުކަނޑާލަމުން ފަރުޖާދު ބުންޏެވެ.

”އަޅުގަނޑު ސައި ހިފައިގެން އައިއިރު ޢާޞިފް ކޮޓަރިއާ ދިމާއަށް ދުރުވެއެވެ.“ ޣުލާމް ރަސޫލުބުންޏެވެ.

”އަހަރެންގެ މެސެޖު އޭނާއަށް ދިނިން ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ.“ ޣުލާމް ރަސޫލު ބުންޏެވެ.

”ހަމަ މިހާރު ގޮސް އަހަރެންގެ ގާތަށް އޭނާ ފޮނުވާށެވެ.“ ފަރުޖާދު ބުންޏެވެ.

”މިދަނީއެވެ. ސާހިބާއެވެ.“ ޣުލާމް ރަސޫލު ހިނގައިގަންނަމުން ބުންޏެވެ.

ޣުލާމް ރަސޫލު މަޑުމަޑުން ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. އޭނާގެ ސިކުނޑީގައި އުފެދިފައިވާ ސުވާލުތަކަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. ވީމާ އޭނާގެ ހާސްކަމެއް ނުފިލައެވެ.

********

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.