ފަރުޖާދު ގޮސް ޢާޞިފްމެންގެ ކޮޓަރި ކުރި ކެނޑި ވަގުތު ހުޅުވާފައި ހުރި ކުޑަދޮރުގެ ފޮތިގަނޑު ވަޔާ ހިއްލިލިއެވެ. އެވަގުތު އޭނާއަށް ހުއްޓެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. މިރޭވެސް އޭނާ އެއުޅެނީ ނިދިނައިސްގެންނެވެ. ހަނދުވަރުގެ އަލީގައި ޓެރަސްމަތީގައިވެސް އެތައްއިރަކު އޭނާ ދެކޮޅަށް ހިނގިއެވެ. ހިމޭނުން ހުރެގެން އަމިއްލަ ސިކުނޑިއަށް ވިސްނައިދިނެވެ. އެހެން ވަގުތު ވަގުތާ ބަލާފައި އެވަގުތަކީ އޭނާ ހަމަޖެހިފައި ހުރި ވަގުތެއްކަން ނޭނގެއެވެ. އޭނާގެ ޖަޒުބާތުތަކުގެ ހަލަބޮލިކަންވެސް ތަންކޮޅެއް ކުޑައެވެ. ލޯބީގެ ބާޒީން ދެރަވެއްޖެކަން ޤަބޫލުކުރެވެނީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ކުޑަކުޑަކޮށް ހިއްލިލި ކުޑަދޮރުގެ ފަރުދާ އޭނާގެ ދެފައިގާ ކަސްތަޅު އަޅައިފިއެވެ. ބާރުގަދަ ޖަޒުބާތާއި ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން ކެނޑިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އެއީ ޢާޞިފާއި ގުލްބާނޫގެ ނިދާ ކޮޓަރިއެވެ. ކޮޓަރިތެރެއިން މަޑުމަޑު ރަތްކުލައިގެ އަލި ބޭރަށް ފެންނަން ހުއްޓެވެ. ޑަބަލް އެނދުގައި އަލަތު ދެމަފިރިން ގަދައަށް ނިދާފައި ތިއްބެވެ. ގުލްބާނޫ އޮތީ މަޑު ނޫކުލައިގެ ނިދާ ހެދުމެއްގައެވެ. އެހެދުން ކޮށިވެ ރީތި ދޮން ހަށިގަނޑުގެ ވަރަށް ބޮޑު ބައެއް ފެންނަން އޮތެވެ. ކޮނޑުމަތިން އައްސާލާފައި އޮތް ވާފަށްވެސް މޮހިގެން ހެދުން ތިރިއަށް ސޮހިފައިވެއެވެ. އޭނާގެ ކަޅު ދިހުން ކުލައިގެ ދިގު އިސްތަށިގަނޑު ހާމަ ކޮނޑުމައްޗަށް ވިހުރުވިފައި އޮތެވެ. ޢާޞިފްގެ މޭގާ ޖެހި ބާރުވެ އޭނާގެ މޫނު ފޮރުވިފައި އޮތެވެ. ބައްޓަން ރީތި ކުޑަކަޅުވާ ރީތިކޮށް ފެންނަން އޮތެވެ. ޢާޞިފްގެ އެއްއަތް ގުލްބާނޫގެ ބޯދޮށުގައި އޮތްއިރު އަނެއް އަތް ގުލްބާނޫގެ ލޫޅާފަތި އުނަގަނޑުގެ ވަށާލެވިފައި އޮތެވެ. ދެމީހުން ނިދާފައި އެތިބީ ކިހާ އަރާމު ކިހާ ފުން ނިންޖެއް ހެއްޔެވެ؟ ފަރުޖާދު ދޮރުފޮތިގަނޑުގައި ހިފަހައްޓައިގެންހުރެ ހިތާމައާއި ދަހިވެތިކަން އެކުލެވިފައިވާ ނަޒަރަކުން އެމީހުންނާ ދިމާއަށް ބެލިއެވެ. ވިސްނާ ފިކުރުކުރިއެވެ. އެހާތަނުން ކުއްލިއަކަށް އޭނާގެ މާޔޫސްކަމާއި މަޙްރޫމްކަން އޭނާގެ ޙިއްސުތަކަށް ވެރިވެގެންފިއެވެ. ކޮޓަރީގެ ދޮރު ވައްޓާލާފައި އެތެރެއަށްވަދެ އެނދުގައި ނިދާފައި އެއޮތް ޢާޞިފް ދަމާ ކޫއްތުވަމުން ކޯރަށް އެއްލާލަފާނަމޭ ހިތަށް އެރިއެވެ. އެގޮތަށް އެކަން ކުރުމަށްފަހުގައި ގުލްބާނޫގެ ހަނދުވަރީ ހަށިގަނޑު މުލައްދަނޑީގެ ޙިޞޯރުގައި ބޮނޑިކޮށްލައިގެން އޮވެ އަރާމު ނިންޖަކުން އަބަދަށްޓަކައި ނިދާނީއޭ ހިތަށް އެރިއެވެ. އާއެކެވެ. އެހެން ހަދަންވީއެވެ. ޢާޞިފަކީ ވަކިން ކާކުހެއްޔެވެ؟ އޭނާއަށްވުރެން ރީއްޗެއް ނޫނެވެ. މުއްސަންޖެއް ނޫނެވެ. އެހެން ގޮތަކަށް ބުނަނީނަމަ ޢާޞިފަކީ އޭނާގެ ނޯކަރެކެވެ. އިންޗިއަކުން އިންޗިއަކުން ކޮށާލާފައި ވަޅުލިއްޔާ އެނގޭނީ ކާކަށް ހެއްޔެވެ؟ ކޮންމެ ގޮތަކުންވެސް އޭނާ ބޭނުންވަނީ ގުލްބާނޫގެ ގާތަކެމެވެ. ބީހުމެވެ. އޭނާއަކީވެސް މަލާއިކަތެއް ނޫނެވެ. ޒުވާން ފިރިހެނެކެވެ. ޖަޒުބާތުގައި ޖޯޝުން ފުރިފައިވާ ޒުވާނެކެވެ. ހިތުގެ އެންމެ ފުންމިނުން ގުލްބާނޫ ދެކެ ލޯބިވާ އިންސާނެކެވެ. ވީމާ، ގުލްބާނޫއަކީ ދޭވީއަކަށް ހަދައިގެން ސިއްރު ސިއްރުން އަޅުކަންކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ދޮރުފޮތިގަނޑުގައި ހިފަހައްޓައިގެން ހުރިއިރު އެނާގެ ދެފައި ތުރުތުރު އަޅައެވެ. ދަތްކުނޑި ވިކި ބާރުވަމުންދެއެވެ.
ކޮންމެއަކަސް އޭނާ އެހާލުގައި ހުއްޓާ މަގުމަތީގައި އުޅޭ އާވާރާ ކުއްތާތައް އެއްއަޑަކުން ގޮވައިގެންފިއެވެ. ހަވޭލީގައި ގެންގުޅޭ ކުއްތާތައްވެސް އެސިލްސިލާގައި ބައިވެރިވެއްޖެއެވެ. އައަޑުފަށްގަޑަށް ފަރުޖާދު ކޮޓަރިތެރެއަށް ދީފައިވާ ސަމާލުކަން ވިސްވިހާލިވެއްޖެއެވެ. ކުއްލިއަކަށް ދޮރުފޮތިގަނޑުން ދޫކޮށްލާފައި ހިނގައިގެންފިއެވެ. ބާރުބާރަށްގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެނދުގައި ކިރިޔަ ކިރިޔާ ލައްވާލާވަރަށް އިށީނދެ ދެއަތުން ބޮލުގައި ހިފަހައްޓައިގެން އެތައް އިރަކު އިނެވެ. އެހެން އިދެގެން އޭނާ ޚިޔާލުކުރިއެވެ. އޭނާއަށް އެވަނީ ކީއްހެއްޔެވެ؟ ހިތަށް އެކުރާ އަސަރުތައް އޮއްބަން މަސައްކަތްކުރި ވަރަކަށް އުތުރިއަރަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ޢާޞިފްގެ މިލްކެއްކަން އެނގޭއިރުވެސް އޭނާއަށް އެދެވެނީ ކީއްވެގެން ހެއްޔެވެ؟ އަލިފާނުގެ ސުވާލުތަކެއް ސިކުނޑީގައި އުފެދެނީ ކީއްވެގެން ހެއްޔެވެ؟ އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އޭނާއަކަށް ނުހޯދުނެވެ……. ޝައްކެތް ނެތެވެ. ކޮންމެ ކަހަލައަކަސް ހައި ހޫނުކަމަކީ ދުނިޔޭގައިވާ އެންމެ ތެދު ޙަޤީޤަތެވެ. އޭނާއަކީ ހައިހޫނުކަމުގައިވާ މީހެކެވެ. އެއީ ގުލްބާނޫގެ ލޯބީގެ ހައިހޫނުކަމެވެ. ގުލްބާނޫގެ އަސަރުގަދަ ބީހުންތަކުގެ ހައިހޫނުކަމެވެ. ގުލްބާނޫގެ ގާތްކަމަށް އެދޭ ހައިހޫނުކަމެވެ. އެކަންތައްތައް ފުރިހަމަނުވަނީހެއް އޭނާގެ ހައިހޫނުކަމެއް ނުކެނޑޭނެއެވެ. އެހެންކަމުގައިވާނަމަ އޭނާ މަރުވަންދެންވެސް އުޅެންޖެހޭނީ އެ ހައިހޫނުކަމުގައެވެ. ކޮންމެ ގޮތެއްގާވެސް ޢާޞިފާ ގުލްބާނޫގެ އުފާވެރި ދިރިއުޅުމުގައި ހައިޖާނު އުފައްދާކަށް އޭނާ ބޭނުމެއް ނޫނެވެ. ޢާޞިފްގެ ސިކުނޑީގައި ޝައްކުގެ އޮށެއް އިންދޭކަހަލަ ކަމެއްވާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އެކަމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އޭނާ އުޅެމުން ގެންދަނީވެސް ވަރަށް ބަލައިގެންނެވެ. ބޭބެއެއްގެ ފުރިހަމަ ލޯބި ޢާޞިފް އޭނާއަށް ދެއެވެ. ވީމާ، އެލޯބިން މަޙްރޫމުވާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ޙަޤީޤަތުގައި އޭނާއަކީ ވަރަށް މާތް އިޚްލާޞްތެރި ހެޔޮލަފާ ރަނގަޅު އިންސާނެކެވެ. ނަމަވެސް ޙާލަތާއި ޖަޒުބާރު އޭނާ ހަރިކަށިކޮށް އިދިކީލިކޮށްފައިވެއެވެ.
ބެލްކަންޏަށް ދީފައި އޮތް އަވީގައި ހުރި އަރާމު ގޮނޑިއެއްގައި އިނގިރޭސި ނޫހެއް ކިޔަން ފަރުޖާދު އިނެވެ. ކުރިމަތީގައި ހުރި ތިރި މޭޒުމައްޗަށް ދެފައި ދަމާލާފައިވެއެވެ. ސިނގިރެޓް ބުރިތައް އަޅިކެނޑީގެ އެތެރޭގައާއި ބޭރުގައި އެގޮތް މިގޮތަށް ހުއްޓެވެ. ކައިރީގައި ހުރި ގޮނޑިއެއްގެ މަތީގައި ދާދި ދެންމެއަކު ނޯކަރަކު ގެނެސް ބެހެއްޓި ފައިލްތަކެއް ހުއްޓެވެ.
ޙަވޭލީގެ ތެރެއިން ދިރިއުޅުމުގެ ހަލަބޮލިކަން ފެންނަމުންދެއެވެ. ކޮންމެ މީހަކުވެސް ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅެމުންދެއެވެ. ޢީދު ކައިރިވަމުން އަންނަނީއެވެ. ޒުވާން އަންހެން ކުދިންތައް މިހާރުއްސުރެ ނަލަހެދުމުގެ ސާމާނު ގަތުމުގައި ހޭބޯނެތިފައިވެއެވެ. ޙަވޭލީގެ ބޮޑު ގޯތީގެ އެއްފަރާތުގައި އޮންނަ ބެޑްމިންޓަން ކޯޓުގެ އާބާތުރަ ފިލުވަމުންދެއެވެ. މިކަމުގައި އުޅެނީ ޞަފްދަރާއި ޝާދިޔާ ޢިމްރާނެވެ. ޠޯލިޢާއާއި ފައުޒިއްޔާއާއި ރީޙާނާ ބަގީޗާގައި ހުރި ބިޔަގަސްތަކުގައި އެލުވާފައި ހުންނަ ވާދިގު އުނދޯލިތަކުގެ ވާތައް ބަދަލުކުރުވާ އުނދޯލިތައް ރަނގަޅު ކުރުވަން އުޅެއެވެ.
”ޝީނާއެވެ.“ ޙަވޭލީގެ ނޯކަރު އަންހެނަކު އެހެންލައިގެން ދަނިކޮށް ފަރުޖާދު މެގަޒިން ކިޔަން އިނދެފައި އިސްއުފުލާ ބަލައިވެސްނުލާ އޭނާއަށް ގޮވާލިއެވެ.
”ލައްބައެވެ. ސާހިބާއެވެ.“ ޝީނާ އެތަނަށް ހުއްޓި އަދަބުވެރިކަމާއެކު ބުންޏެވެ.
”ކޮފީތައްޓެއް ފޮނުވާލަދީބަލާށެވެ.“ ފަރުޖާދު ހަމަ އެގޮތަށް މެގަޒިންއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.
”ލައްބައެވެ.“ ސާހިބާއެވެ.“ ޝީނާ ބުންޏެވެ.
”މިހާރެވެ.“ ފަރުޖާދު ބުންޏެވެ.
”ލައްބައެވެ.“ ޝީނާ ބުންޏެވެ.
”ލައްބައެވެ. ސާހިބާއެވެ.“ ޝީނާ މިހެން ބުނެފައި ފައިވާން ދަމަމުން ހިނގައްޖެއެވެ. އޭނާ ދިއުމުން ފަރުޖާދު ކިޔަންއިން މެގަޒިން މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހުގައި ފައުލުތައް ބަލައިލަން ހިތަށް އެރިއެވެ. ނަމަވެސް މޫޑު ނެތުމުގެ ސަބަބުން ފައިލްތައް ނަގާފައިވެސް އަނބުރާ މޭޒުމަތީގައި ބެހެއްޓިއެވެ. ދެން ގޮނޑީގައި ރަނގަޅަށް ލެނގިލާފައި ދެލޯ މަރާލިއެވެ. އެގޮތަށް އޭނާއަށް އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. އޭނާއަށް ލޯ ހުޅުވާލެވުނީ ޝީނާ ކޮފީ ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓީމައެވެ.
”ޝީނާގޮސް ޢާޞިފާއި ގުލްބާނޫ ގާތުގައި ކޮފީބޯން މިތަނަށް އަންނަން ބުނާށެވެ.“ ޝީނާގެ ގާތުގައި ފަރުޖާދު ބުންޏެވެ.
”ލައްބައެވެ. ސާހިބާއެވެ. މިދަނީއެވެ.“ ޝީނާ މިހެން ބުނެފައި އޭނާގެ ޚާއްސަ ހިނގުމުގައި ހިނގައިގެންފިއެވެ…….. އިރުކޮޅެއްގެފަހުން އޭނާ އެނބުރި އައިސް އަދަބުވެރިކަމާއެކު ހުއްޓިއްޖެއެވެ. އެވަގުތު ފަރުޖާދު ސުވާލުގެ ނަޒަރަކުން އޭނާއާ ދިމާއަށް ބަލައިލިއެވެ. ”އޭނާ….. އޭނާ……“ ޝީނާ އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ.
”ޝީނާއެވެ. ވީކިހިނެއްހެއްޔެވެ؟“ ފަރުޖާދު ސުވާލުކުރިއެވެ.
”އޭނާ…….“ ޝީނާ ވާހަކަ ދައްކަން ފަށާފައި އަނެއްކާވެސް ހުއްޓާލުމަށްފަހު ކުޑަކޮށް ހީލައިފިއެވެ.
”ގުލްބާނޫ ރޮނީއެވެ. ޢާޞިފް ސާހިބު ހުންނެވީ ރުޅިދުރުވެފައެވެ. އަޅުގަނޑަށް ވަދެވުނީ ދެކަނބަލުން ޒުވާބުކުރައްވަނިކޮށްނެވެ.“
”ގުލް ރޮނީހެއްޔެވެ؟“ ފަރުޖާދު ގޮނޑި ކޮއްޕާލާފައި ފުންމައިގެން ތެދުވެއްޖެއެވެ.
”ސާހިބާއެވެ. އެއީ ދެމަފިރިންނެވެ. ވީމާ ދެބަސްވުމާއި ރުޅިއައުންވެސް އޮންނާނެއެވެ.“ ޝީނާ ލާނެތް ގޮތަކަށް ހީލިއެވެ.
ފަރުޖާދު އަވަސްއަވަހަށް ގައުންގެ ބަންދު އައްސަމުން ދެފައި ކުރިއަށް ބާރުލާފައި ޢާޞިފްގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އެބާރުމިނުގައި އޭނާގޮސް ޢާޞިފްގެ ކޮޓަރިއަށް ވަންއިރު ގުލްބާނޫ އެނދުގެ ބޮލާކޮޅުގައި އޮތް ބާލީހުގައި ދެއަތް ބާއްވައިގެން ދެއަތުގައި ނިތްކުރި ޖައްސައިގެން ގިސްލާލާ އޮތެވެ. ތަންކޮޅެއް ދުރުގައި ގޮނޑިއެއްގައި ލެނގޭ ތަނުގައި ހިފަހައްޓާލައިގެން ތުންފަތުގައި ދަތް އަޅާލަ އަޅާލާ ޢާޞިފް ހުއްޓެވެ. ރުޅިއައިސްގެންގޮސް އޭނާގެ ދެލޯ ރަތްވެފައި ހުއްޓެވެ….. ވެގެން އުޅޭގޮތެއް ފަރުޖާދަކަށް ނޭނގެއެވެ. ދެމަފިރިން ދެބަސްވާ ސަބަބެއްވެސް ނޭނގެއެވެ. ކުށްވެރިއަކީ ޢާޞިފް ކަމެއް ނުވަތަ ގުލްބާނޫ ކަމެއްވެސް ނޭނގެއެވެ. އެއެއް އޮޅުންފިލުވާކަށް އޭނާ ބޭނުމެއްވެސް ނޫނެވެ. އިރުކޮޅެއް ވަންދެން ދޮރުމަތީގައި ހުރެލާފައި ޢާޞިފާ ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލައިލައިލިއެވެ. އެއަށްފަހުގައި ރުވާފައި ދޫކޮށްލި ދުންޏެއްހެން ގުލްބާނޫއާ ދިމާއަށް ހިނގައިގެންފިއެވެ.
”ގުލްއެވެ. ވީ ކީއްހެއްޔެވެ؟ ރޮނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ގާތުގައި ބުނެބަލާށެވެ.“ ފަރުޖާދު މާނޭވާލަމުން އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ. އެއަޑަށް ގުލްބާނޫ އިސްއުފުލާ ބަލައިލިއެވެ. އޯހ! ރޮއިރޮއި ރަތްވެފައި ހުރި ދެލޮލެވެ. ފިޔާތޮށި ކުލައިގެ ދެ ކޯތާފަތެވެ. ޖަންބު ކުލައިގެ ދެތުންފަތެވެ. ދެންމެ ދެންމެ ލޭތިކި ތަޅާފާނެހެން ހީވާ ދެތުންފަތެވެ. މިސިފައިގާ ގުލްބާނޫ ފެނުމުން ކުއްލިއަކަށް އޭނާ އުރާލާ މެޔާލާ ބޮނޑިކޮށްލަން ފަރުޖާދު ހިތަށް އެރިއެވެ. ނަމަވެސް އެއީ އޭނާއަށް ކުރެވޭނޭ ކަމެއް ނޫންކަން ހަމަ އެވަގުތު އޭނާއަށް ވިސްނުނެވެ.
ގުލްބާނޫ އިސްއުފުލައިލިޔަސް އެއްޗެއް ނުބުނެއެވެ. އެކަމަކު ރުޅިވެރި ނަޒަރަކުން ޢާޞިފާ ދިމާއަށް ބަލައިލިއެވެ. ދެން އަނެއްކާވެސް ކުރިން އޮތްގޮތަށް އަތުގައި ބޯއަޅައިފިއެވެ.
”ގުލްބާނޫއެވެ.“ ކެތްތެރިކަމެއް ނެތި ފަރުޖާދު ގޮވާލިއެވެ.
”ފަރުޖާދުއެވެ. އެއްވެސް ކަމެއް ނުވެއެވެ.“ ގުލްބާނޫގެ ބަދަލުގައި ޢާޞިފް ބުންޏެވެ.
”ކަމެއް ނުވަންޏާ ގުލް ރޮނީ ކީއްވެގެން ހެއްޔެވެ؟“ ނުތަނަވަސްކަމާއެކު ފަރުޖާދު ބުންޏެވެ.
”އިރުކޮޅަކަށް ހުއްޓާލަފާނެއެވެ.“ ޢާޞިފް މަލާމާތުގެ ގޮތަކަށް ހީލިއެވެ.
”ޢާޞިފް ލަދެއް ނުގަނޭހެއްޔެވެ؟“ ފަރުޖާދުގެ އަޑު ބާރުވިއެވެ.
”ލަދުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟“ ޢާޞިފް ގޮނޑި ވަށާލާފައި ފަރުޖާދުގެ ގާތަށް ޖެހިލިއެވެ.
”އޭނާ ރޮނީއެވެ….. ޢާޞިފް….“ ފަރުޖާދު ރުޅިވެރިކަމާއެކު ޢާޞިފާ ދިމާއަށް ލޯއަޅާލިއެވެ.
”ރުއިމާ ލޮލުގެ ކިލަބުކަން ފިލާނެއެވެ.“ ޢާޞިފް މަލާމާތުގެ ގޮތަކަށް ގުލްބާނޫއާ ދިމާއަށް ބަލައިލިއެވެ. ”ހިތަށްވެސް ލުއިކަން ލިބޭނެއެވެ.“
”ވިޔާނުދާ އަނގަނުތަޅާށެވެ.“ ފަރުޖާދު މިހެން ބުނިލެއް ބާރުކަމުން ގުލްބާނޫ ކަންބޮޑުވެގެން އިސްއުފުލައިލިއެވެ. ޢާޞިފް ރުޅިވެރިކަމާއެކު އޭނާގެ ދިމާއަށް ކަޅިއަޅާލިއެވެ.
”ފަރުޖާދުއެވެ. މިއީ އަހަރެމެންގެ ޒާތީ މައްސަލައެކެވެ. ވީމާ ފަރުޖާދު މިދޭތެރެއަށް ނުވަދެ ދިއުން ރަނގަޅުވާނެއެވެ.“ މިއަޑު އިވުމުން ފަރުޖާދު އަލިފާނުގެ ނަޒަރަކުން ޢާޞިފާ ދިމާއަށް ކަޅިއަޅައިގެންފާ ހުރިހާ ރުޅިއެއް ކުރިމަތީގާހުރި ގޮނޑިއަށް ބާލައިލިއެވެ. ގޮނޑީގާ ކޮޅުފައިން ޖަހާ ބުރުއްސާލާފައި ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.
މިހާރު ކޮންމެ ކަމެއްވެސް ފަރުޖާދަށްޓަކައި ޗެލެންޖަކަށް ވެއްޖެއެވެ. ހަފަރާތުންވެސް އޭނާއަށް ގޮތް ހުސްވެއްޖެއެވެ. ޢާޞިފާއި ގުލްބާނޫ ޙަވޭލީންނެރެ ބޭރުކޮށްލަންވެސް ބައެއްފަހަރު އޭނާގެ ހިތަށް އަރައެވެ. ޚިޔާލުންވެސް ނުފޯރާހާ ދުރަށް ފޮނުވާލަން ހިތަށް އަރައެވެ. އެކަމަކު އެއީވެސް ރަނގަޅު ގޮތެއް ނޫނެވެ. ޙަވޭލީގެ އުޖާލާކަމެވެ. ޙަވޭލީގެ ރޭދުވާތައް ބަދަލުވެއްޖެއެވެ. ދިރިއުޅުމނުގެ އިޙްސާސްތައް ހޭލައިފިއެވެ. ބައެއްފަހަރު ޕާޓީތަކަށް ދާންޖެހެއެވެ. ބައެއްފަހަރު ޙަވޭލީގައި ޕާޓީތައް ބޭއްވެއެވެ. ވީއިރު އޭނާގެ ކާބަފައިންގެ ޙަވޭލީއަށް އެފަދަ އިޖްތިމާއީ ގެއްލުމެއްދޭކަށް ނުވާނެއެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އޭނާ ދާންވީއެވެ. ދުރަށެވެ. މާދުރަށެވެ. ގުލްބާނޫއަށް އެ އެދޭ އެދުންތަކާއި ގުލްބާނޫއާމެދު ކުރެވޭ ޚިޔާލުތައް ނުފޯރާހާ ދުރަށެވެ.
ފަރުޖާދު މިހާރު ހުންނަނީ މުޅިން ގެއްލިފައެވެ. ޚިޔާލީ ދުނިޔެއަކަށް ގޮސް ހުސްވެފައެވެ. ޙޮދު އޭނާއަސްވެސް އޭނާ ނުފެނެއެވެ. އެރޭ ވިސްނުމެއް ފިކުރެއްނެތި އެދިޔަގޮތަށް ގޮސް ގުލްބާނޫގެ ކޮޓަރިއަށް ވަދެވުނީ އެހެން ވެގެންވެސް ކަންނޭގެއެވެ. ފިނިކަމުންގޮސް ތުރުތުރު އަޅާހާ ފިނި ރެއެކެވެ. އަނދިރި ރެއެކެވެ. ވެށީގައިވެސް ހަލަބޮލިކަމެއް ނެތެވެ. ބައެއް ބައެއް ފަހަރު ދުރުން މާ ދުރުދުރުން ކުއްތާ ގޮވާ އަޑު އިވެއެވެ. ޙަވޭލީގެ ކައިރި ކައިރީގައިވާ ބިޔަގަސްތައްވެސް ބިރުވެރި ގޮތަކަށް ފެންނަމުންދެއެވެ. ގަސްތަކުގައި ހުރި ހާލިތަކުގައި ނިދާފައި ދޫނިތަކުގެ އަޑު ދޭތެރެ ދޭތެރެއިން އިވިލައެވެ. ޙަވޭލީގެ ބައެއް ކޮޓަރިތަކުގެ ދޮރުތަކުގެ ހިއްމިތަކުން ފަނޑު އަލިކަމެއް ފާއްދާލާފައި ހުރެއެވެ.
ފަރުޖާދު ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އޭނާގެ ނުތަނަވަސްކަން އިންތިހާއަށް ގޮސްފިއެވެ. އެއީ ސޭޓު ހާޝިމްގެ ގޭގައި އޮތް ޕާޓީއަކަށް ދަޢުވަތު ލިބިފައިވާ ރެއެކެވެ. ގުލްބާނޫ އޭނާގެ އެންމެ ނަލަކަމާއި ފަރިކަމުގައި މަހެފިލްގެ ރޫޙު ކަމުގައި ވެފައިވެއެވެ. ޖަޒުބާތުތަކުގައި ޠޫފާނު އުފައްދަމުން އެންމެންނާވެސް އޭނާ ވާހަކަ ދެއްކިއެވެ. ކަންދިމާވި ގޮތުން އެއީ ޢާޞިފް ރަށުގައި ނެތް ރެއެކެވެ. އޭނާވީ މުހިއްމު ކަމަކު ރަށުން ބޭރަށް ގޮހެވެ. އެރޭ ބަޣާވާތް ކުރަން ފަރުޖާދުގެ ހިތަށް އެރީވެސް އޭނާ ނެތީމައެވެ….. ކޮންމެއަކަސް ފަރުޖާދު ނުރައްކާތެރި ޚިޔާލުތަކެއް ކުރަމުން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގިއެވެ. އަމިއްލަ އެދުމަކީ ނުރައްކާތެރި ހަޤީޤަތެވެ. އިންސާނިއްޔަތުގެ ޙައްދު ފަހަނައަޅާފައިވެއެވެ. ޢާޞިފް ރަށަކުނެތެވެ. ގުލްބާނޫ އެކަނިމާއެކަނި ކޮޓަރީގައި ނިދާފައި އޮތެވެ. ނާކާމިޔާބުގެ އަލިފާނުން އަނދާ އަޅިއަށްވާކަށް ފަރުޖާދު ބޭނުމެއް ނޫނެވެ. އޭނާގެ ދެލޯވަނީ ލޯބީގެ އާވިން ފުސްވެފައެވެ. އޭނާގެ މޭގައި އިޝްޤުގެ އަލިފާން އަނދަނީއެވެ. އެހެންކަމުން އެ އެކަނިވެރި މިނިވަން ވަގުތު އިންސާނިއްޔަތު ކަމެއް ވާޖިބެއް އޭނާގެ ހަނދާނަކަށް ނުވިއެވެ. ބޭއިޚްތިޔާރުގައި އޭނާއަށް އެ ކޮޓަރިން ނިކުމެވިއްޖެއެވެ. ވައްކަންކުރާ ވަގަކު ފަދައިން އޭނާ ދިޔައެވެ. އޭނާގެ ނޭވާކުރުވެ އަވަސްވެފައިވެއެވެ. އޭނާގެ މޫނު ރަތްވެފައިވެއެވެ. އޭނާގެ ހަށިގަނޑު ލުއިވެގެން ގޮސް ބެލެންސް ގެއްލެމުންދެއެވެ…… ގުލްބާނޫގެ ކޮޓަރިން ރަތްކުލައިގެ އައްޔެއް ފެންނަން ހުއްޓެވެ. ކުދި ދޮރުތަކާއި ބޮޑެތި ދޮރުތައް ހުރީ ލައްޕާފައެވެ. އެމީހުންގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ދީފައިވާ އެ ފްލެޓްގެ މައިދޮރުވެސް ހުރީ ލައްޕާފައެވެ. އެހެންކަމުން ވަށައިގެން ހިނގާ ދޮރެއް ހުޅުވިފައި ހުރިތޯ އޭނާ ބަލަންފެށިއެވެ. އެއްކޮޓަރީގެ ދޮރުގައި އަތްލާ އަނެއް ކޮޓަރީގެ ދޮރުގައި އަތްލަމުން ހިނގަނިކޮށް ތިންވަނައަށްހުރި ކޮޓަރީގެ ދޮރުގައި އަތްލިތަނާ ހުޅުވިއްޖެއެވެ. އެވަގުތު އޭނާ އަވަސް އަވަހަށް ދޮރު ހުޅުވާލާފައި ވަދެއްޖެއެވެ. ނަޞީބަކުން އެތެރޭގެ އެއްވެސް ދޮރެއް ތަންޑެއް ނާޅައެވެ. ވީމާ، އޭނާ ވަދެގެންގޮސް ގުލްބާނޫމެން ނިދާ ކޮޓަރީގެ ދޮރުކައިރިއަށް ހުއްޓިއްޖެއެވެ. ކުޑަކޮށް ދޮރު ހުޅުވާލާފައި އެތެރެ ބަލައިލައިފިއެވެ. ގުލްބާނޫ ނިދާފައި އޮތެވެ. އޭނާގެ މެއާ ހަމައަށް ރަޖާ އަޅާފައިވެއެވެ. އެއްއަތް ބޮލާ ކައިރިން ބާލީސްމަތީގައި އޮތެވެ. އަނެއްއަތް ރަޖާގެ މަތިން މޭ މަތީގައި ބާއްވާފައި އޮތެވެ. އޭނާގެ މޫނުމަތިން ޙޫރުންގެ ޠޯހިރުކަމާއި މަޢްޞޫމްކަން ފެންނަން ހުއްޓެވެ. ކޮންމެއަކަސް ރީތީގެ މަތިވެރިކަމުގެ ބާރުގައި ކަމެއް ނުވަތަ މަޢްޞޫމްކަމުގެ ޠާހިރުކަމުގެ ބާރުގައި ކަމެއް ނޭގުނެވެ. ފަރުޖާދު ދޮރުން ވަންގޮތަށް ޖެހި ބުދެއްހެން ހުއްޓިއްޖެއެވެ. ދޮރުފޮތިގަނޑު ހިއްލައިލާފާ އެތެރެއަށް ވަންނާކަށްވެސް ނުކެރުނެވެ. އެހެން ހުއްޓާ ކޮންމެވެސް މީހަކު ވަރަށް ދިގުކޮށް ވަރަށް ބާރަށޤ ހަޅޭއްލަވައިގެންއަޑު އިވިއްޖެއެވެ. އެއީ އަބުރުވެރިކަމުގެ ހަޅޭކުގެ އަޑުކަމެއް ޠޯހިރުކަމުގެ ހަޅޭކުގެ އަޑެއްކަމެއް ޒަމީރުގެ ހަޅޭކުގެ އަޑުކަމެއް ދެނެވޮޑިގެންވަނީ ﷲއެވެ. އެއީ ކޮންމެ ކަހަލަ ހަޅޭއްކަކަށްވިޔަސް އެ ހަޅޭކުގެ ސަބަބުން ފަރުޖާދުގެ މަސްތުކަން ކެނޑިއްޖެއެވެ. އޭނާގެ ޙިއްސުތަކަށް ވެރިވެފައިވާ އިބިލީހުގެ ވަސްވާސް ފިލައިފިއެވެ. ދެލޯ ތަންމިނަށް ބޮޑުކޮށްލެވިއްޖެއެވެ. ސިއްރުނޭގޭ ތަނަކަށް ދެވުނީމާ ބަލައިލާހެން ވަށައިގެން ހޯދާ ބަލައިލެވިއްޖެއެވެ. އެގޮތަށް ކިތަންމެއިރެއްވީ ފަހުން އޭނާއަށް ހަމަހޭވެރިކަންވެ ހެޔޮ ވިސްނުން އަތުވެއްޖެއެވެ. އިޚްތިޔާރެއްނެތި ކުރެވުނު ކަންތަކާމެދު ދެރަވެއްޖެއެވެ. ލަދުގެންފިއެވެ. މުޅިގައިން ދާހިއްލަން ފަށައިފިއެވެ. އެހުރިގޮތަށް ހުރެފައި އެނބުރި ހިނގައިގެންފިއެވެ. އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަންޑު އަޅައިފިއެވެ. އޭރު އޭނާގެ މައިކަށިން ފެށިގެން އުފެދުނު ތުރުތުރެއް މުޅި ހަށިގަނޑަށް ފެތުރިގެން ހިނގައްޖެއެވެ. ބިންމަތީގައި ފައިވެސް ހަރުނުވާން ފަށައިފިއެވެ. ދާހިއްލާ ފޯވެއްޖެއެވެ. ޑަންލާފާ އެނދުމައްޗަށް ވެއްޓިގަނެވިއްޖެއެވެ.
އެހާދިޘާއަށް ފަހުގައި އޭނާ މުޅިން ވިސްވިހާލިވެއްޖެއެވެ. އަމިއްލަ ނަފްސުދެކެ ބިރުގަންނަން ފަށައިފިއެވެ. އެހެން މީހުން ދެކެވެސް ބިރުގަންނަން ފަށައިފިއެވެ. އެއްވެސް މީހަކަށް ނުފެނި ފިލައިގެން އުޅެން ފަށައިފިއެވެ. ފަތިހު ފަތިހާ ތެދުވެގެން ހަވޭލީއިން ނިކުންނަ ގޮތަށް ރޭގަނޑު މީހުން ނިދާފައި ހިލަވަޅު އޮބެންދެން ޙަވޭލީއިން ބޭރުގައި އުޅެން ފަށައިފިއެވެ. ފުރަތަމަ ޢާޞިފާއި ގުލްބާނޫއަކަށްވެސް މިކަން އިޙްސާސެއް ނުކުރެވެއެވެ. އެމީހުން ހީކުރީ އޭނާގެ އަވަދިނެތިކަން ބޮޑުކަމުން ޙަވޭލީއަށް ވަންނާނޭ ވަގުތު ނުވަނީ ކަމުގައެވެ. ނަމަވެސް އެތަކެއް ދުވަސްވީއިރުވެސް އެކަން އެގޮތަށް ދެމިގެންގޮސް އެމީހުންނާ އޭނާއާ އޮތް ގުޅުން ކެނޑި ދުރުވަމުން ދާން ފެށުމުން އެމީހުން ކަންބޮޑުވެގެން އެވާހަކަ ދައްކަން ފަށައިފިއެވެ.
”ގުލްލާލާއަށް ވެގެން އުޅޭ ގޮތެއް އެއްގޮތަކަށްވެސް ނޭގުނެވެ.“ އެއްދުވަހަކު ގުލްބާނޫއާއި ޢާޞިފް ވާހަކަ ދައްކަމުން ގޮސް ޢާޞިފްގެ ގާތުގައި ގުލްބާނޫ ބުންޏެވެ.
”އަހަރެންވެސް ތިޔަކަމާ ވަރަށް ބޮޑަށް އެބަ ވިސްނަމެވެ.“ ޢާޞިފް ބުންޏެވެ.
”އޭނާއާ ސުވާލު ކުރައްވައިގެން އޭނާއަށް ވެގެން އުޅޭގޮތެއް ނުބުނާނެއެވެ.“ ޢާޞިފް ބުންޏެވެ.
”ޢާޞިފަކީ އޭނާގެ ބޭބެނޫންތޯއެވެ؟ ރަޙްމަތްތެރިޔާ ނޫންތޯއެވެ؟ ވީމާ އޭނާއަށް ކަމެއް ވެއްޖިއްޔާ އޮޅުންފިލުއްވަވަން ވާނޭނޫންތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.
”މިހާރު އޭނާ ހުންނަނީ މީހަކަށް އެއްޗެއް އަހާލަން ކެރޭކަހަލަ ގޮތަކަށް ނޫނެވެ.“ ޢާޞިފް ބުންޏެވެ.
”އޭނާ ކުރެން އަޅުގަނޑު އަހަންތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.
ޢާޞިފް އަނގައިން ނުބުނެ ހިމޭނުން އިނެވެ. އެ ހިމޭންކަމުގައި އެތަކެއް ޝައްކާއި އެތަކެއް ސުވާލު ފޮރުވިފައި ވެއެވެ.
މިދުވަސްކޮޅު ފަރުޖާދުގެ ކަންތައް ހުރީ ޢަޖައިބެއް ކަހަލަ ގޮތަކަށެވެ. މީހަކު އަނގައިން ބުންޏަސް ހީވަނީ އެމީހާ ނޮޅައިގެން ކާލަފާނެ ހެންނެވެ. މަޑުމައިތިރިކަމާއި އަދަބުވެރިކަމަކީ އޭނާގެ ކިބައިގައިވާ ޚާއްސަ ސިފައެކެވެ. މިހާރު އެސިފަ ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. ނަމަވެސް މިހާރު އޭނާގެ ކިބައިގާ މަޑުމައިތިރި ކަމެއް އަދަބުވެރިކަމެއް އެހެން މީހުންނަސް ކަމޭހިތުމެއް އަމުދުންވެސް ނެތެވެ. މިހާރު އޭނާއެކޭ ވަކަރުގޭ ކުއްޖެކޭ އެއްގޮތެވެ. މީހަކާ ދިމާއަށް ބުނާކަށް ވަކިއެއްޗެއް ނޯވެއެވެ. އެހެންކަމުން ވެގެން އުޅޭގޮތެއް އޮޅުންފިލުވަން ސާފުކޮށް އޭނާއާ ވާހަކަ ދައްކަން އެތަކެއްފަހަރު ޢާޞިފް މަސައްކަތް ކޮށްފިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ޢާޞިފްގެ މޫނުމަތީގައި ޒުވާބުކޮށްފައި އޭނާ ދަނީއެވެ.
ފަރުޖާދުގެ ކަންތައް އެއްދުވަހަކުން އަނެއް ދުވަހަކަށް ބޮޑުވަމުންދެއެވެ. ނަމަވެސް މަސްލަޙަތަށްޓަކައި ޢާޞިފް ހަމަހިމޭންކަން ޚިޔާރުކުރެއެވެ…….. އެއްދުވަހަކު ލިޔުންތަކެއްގައި ސޮއިކުރުވަން ފަރުޖާދުގެ ގާތަށް ޢާޞިފް ދިޔައެވެ. އޭރު އަރާމު ގޮނޑިއަކަށް ފެތިގެން ސިނގިރެޓް ބޯން ފަރުޖާދު އިނެވެ. ސިނގިރެޓް ބުރިތަކުން އަޅިކެނޑި ފުރިފައި ހުއްޓެވެ. ސިޓީލިޔާ ކަހަލަ ފޮތަކާއި ގަލަމެއް މޭޒުމަތީގައި އޮތެވެ. ހީވާގޮތުން އޭނާ ކޮންމެވެސް އެއްޗެއް ލިޔަން މަސައްކަތް ކުރަނީއެވެ.
”ފަރުޖާދުއެވެ.“ ޢާޞިފް ގޮވާލިއެވެ.
”އާއެކެވެ.“ ފަރުޖާދު މަޑުމަޑުން ޖަވާބުދިނެވެ.
”ކުޑަވަގުތުކޮޅެއް ދަވިދާނޭ ހެއްޔެވެ؟“ ޢާޞިފް ޖަވާބުދިނެވެ.
”ކޮންބޭނުމަކު ހެއްޔެވެ؟“ ކުރަކި ގޮތަކަށް ފަރުޖާދު ބުންޏެވެ.
”މިލްއާ ބެހޭގޮތުން ވާހަކަ ދައްކާލާށެވެ. ބައެއް ލިޔުމުގައި ސޮއިކުރުވާށެވެ.“ ޢާޞިފް ބުންޏެވެ.
”އަދި ނުވެއެވެ. އެކަމަކު ގެއްލުންވެދާނެތީ ބިރުގަނެއެވެ.“ ޢާޞިފް މިހެން ބުނެފައި ފަރުޖާދުގެ ކުރިމަތީގައި ހުރިގޮނޑީގައި އިށީންނަން އުޅެނިކޮށް އޭނާ ހަޅޭލަވައިގެންފިއެވެ.
”އެހުރިހާ ކަމަކީވެސް ޢާޞިފްގެ ސަބަބުން ވާކަންތަކެވެ.“
”އަހަރެންގެ ސަބަބުންވާ ކަންތަކެވެ.“
”އަހަރެންގެ ސަބަބުންނޭ ހެއްޔެވެ؟“ ޢާޞިފް ހައިރާންވިއެވެ.
”އާއެކެވެ. އާއެކެވެ. ޢާޞިފްގެ ކުޅިވަރާއި މަޖާ ނިމުނީމާ ނޫނެހެއްޔެވެ؟ ކައިވެނީގެ ބަދަލުގައި ޢާޞިފަށް ލިބިފައި ތިޔަވަނީ ޢައްޔާޝީ ކަމުގެ ސެޓްފިކެޓެވެ. ވީއިރު އެހެން ކަމަކަށް ފުރުޞަތު ލިބޭނޭ ހެއްޔެވެ؟“ ފަރުޖާދު ހަރުކަށިކަމާއެކު ބުންޏެވެ.
”ފަރުޖާދު ތިޔަދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟“ ބަސް ހުއްޓިފައި އިރުކޮޅަކު އިނުމަށްފަހު ޢާޞިފް ބުންޏެވެ.
”އަހަރެން މިދައްކަނީ ރަނގަޅު ވާހަކައެކެވެ.“ ފަރުޖާދު ބުންޏެވެ.
”ފަރުޖާދު ތިޔަހެން ބުނާކަށް ނުވާނެއެވެ. މިހާރުވެސް އަހަރެން މަސައްކަތް ކުރަމުން މިގެންދަނީ އަހަރެންނަށް ވީހާ ރަނގަޅަކަށް ފަރުވާތެރިކަމާ ތެދުވެރިކަމާ އިޚްލާޞްތެރިކަމާ އެކުގައެވެ.“ ޢާޞިފް ދެރަވެލާފައި ބުންޏެވެ.
”ތިޔައީ ތެދެއްކަން މާރަނގަޅަށްވެސް އެބަ އެނގެއެވެ.“ ފަރުޖާދު މިހެން ބުނުމުން ޢާޞިފް ހައިރާން ކަމާއެކު އޭނާގެ މޫނަށް ބަލައިލިއެވެ…… އެއީ ހަމަ އެފަރުޖާދު ބާވެއެވެ. ޢާޞިފްގެ ހިތަށް އެރިއެވެ. އެއީ އޭނާދެކެ ލޯބިވާ އޭނާއަށް ހެޔޮއެދޭ މިޚްލާޞްތެރި ކޮއްކޮބާވެއެވެ.
އޭގެފަހުން ގުލްބާނޫއާ ދޭތެރޭވެސް އޭނާ ހަމަ އެގޮތަށް ކަންތައް ކުރިއެވެ. އެދުވަހު ގުލްބާނޫ އުޅުނީ ބައްޕައާ ބައްދަލުކޮށްލަން އަވަށްދާށެވެ. ޢާޞިފް ހެދުނު ހެދުނާ ކޮންމެވެސް ކަމަކު ބޭރަށްދިޔަގޮތަށް އެނބުރިއެއް ނާދެއެވެ. ވީމާ، ގުލްބާނޫ ތައްޔާރުވެގެން ފަރުޖާދުގެ ގާތަށް ދިޔައެވެ. އޭރު އޭނާއިނީ ލައިބުރަރީގައެވެ.
”ގުލްލާލާއެވެ.“ ގުލްބާނޫ ގާތްކަމާއެކު ފަރުޖާދަށް ގޮވާލިއެވެ.
”ވީ ކީއްހެއްޔެވެ؟“ ފަރުޖާދު އޭނާގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް އެއްފަހަރު ބަލައިލުމަށްފަހު އަނެއް ފަރާތަށް މޫނު އަނބުރާލަމުން ހަރުކަށިކަމާއެކު ބުންޏެވެ.
ގުލްލާލާއެވެ.“ ގުލްބާނޫ އަނެއްކާވެސް ފަރުޖާދަށް ގޮވާލަމުން އޭނާގެ ދިމާކުރިމައްޗަށް ދިޔައެވެ. ނަމަވެސް އެނާ އަނގައަކު ނުބުނެއެވެ. ހަމަ އެގޮތަށް ބަލަހައްޓައިގެން އިނެވެ. ”ގުލްލާއަށް ވެފައި ތިޔައިންނަނީ ކީއްތޯއެވެ؟ ރުޅިދުރުވެފައިތޯއެވެ؟“
”މާތްކަލާކޯއެވެ. އަހަރެންގެ ބޯ ނުކައި ދުރަށްދާށެވެ.“ އަލިފާނުގެ ނަޒަރަކުން ގުލްބާނޫއާ ދިމާއަށް ބަލައިލަމުން ފަރުޖާދު ބުންޏެވެ.
”ތިޔައީ ބޮޑުވަރެކެވެ. ގުލްލާލާ އަޅުގަނޑުމެންދެކެ ރުޅިދުރުވެގެން އުޅުއްވާހެން ހީވެއެވެ. ޢާޞިފާވެސް ހެޔޮހިތުން ވާހަކަ ނުދައްކަވާތާ ކިތަންމެ ދުވަހެއް ވެއްޖެކަން އަޅުގަނޑަށް އެނގެއެވެ.“ ގުލްބާނޫ ދެރަވެލާފައި ބުންޏެވެ.
”ގުލްބާނޫއަށް އެނގެނީ ކޮންއެއްޗެއް ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”ގުލްލާލާ ރުޅިދުރުވެގެން އުޅުއްވާކަމެވެ.“ ގުލްބާނޫ ބުންޏެވެ.
”އެއްވެސް މީހަކު ދެކެ ރުޅިއައިސްގެނެއް އަހަރެން ނޫޅެމެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔަހެންވިއްޔާ ތެދުވަންނަވާށެވެ.“ ގުލްބާނޫ ބުންޏެވެ.
”ކީއްކުރަންހެއްޔެވެ؟“ ފަރުޖާދު ހަރުކަށިއަޑަކުން ބުންޏެވެ.
”އަޅުގަނޑު ގޮވައިގެން އަވަށަށް ދުރުވެދެއްވާށެވެ. ބައްޕަ ނުދެކޭތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެއެވެ. މަސައްކަތް ބޮޑުކަމުން ޢާޞިފަކަށް ވަގުތެއް ލިބިއެއް ނުލައްވައެވެ. ވީމާ، ގުލްލާލާ އަޅުގަނޑާ އެކުގައި ދުރުވެދެއްވާށެވެ. ބައްޕަ ވަރަށް ގިނައިން ގުލްލާލާގެ ވާހަކަ ދައްކައެވެ. މިހާ ދުވަސްވާއިރު ގުލްލާލާ ބައްޕަ ދެކެލައްވާހިތެއް ނުވޭތޯއެވެ؟ މިއަދު އަޅުގަނޑާ އެކުގައި ހިންގަވާށެވެ.“ ގުލްބާނޫ ބުންޏެވެ.
”އަހަރެންނަކަށް ނުދެވޭނެއެވެ.“ގުލްބާނޫއާ ދިމާއަށް ބަލައިވެސްނުލާ ފަރުޖާދު ބުންޏެވެ.
”އީ ކީއްވެގެންތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.
”ނުދެވޭނެއޭ މިބުނީ ނުދެވޭނެތީއެވެ. ދެން މާގިނަ ވާހަކަ ނުދައްކާށެވެ.“ ފަރުޖާދު ބުންޏެވެ.
”އޯހް! ގުލްލާލާއެވެ……….“ ގުލްބާނޫ މީގެ އިތުރުންވެސް އެއްޗެއް ބުނަން އުޅެނިކޮށް ފަރުޖާދު ރުޅިވެރިކަމާއެކު އޭނާގެ ވާހަކަ މެދުކަނޑާލިއެވެ.
”ހަމަ މިހާރު މިތަނުން ދާށެވެ…….“ ފަރުޖާދު ހަރުކަށި އަޑަކުން ބުންޏެވެ.
”މިހާރު އެނގިއްޖެއެވެ. އަޅުގަނޑުގެ ބައްޕައާ ބައްދަލުވެލައްވާހިތެއް ގުލްލާލާ ނެތެވެ. އެހެން ނޫންނަމަ އަޅުގަނޑާއެކުގައި ގުލްލާލާ އަވަށަށް ދުރުވީހެވެ.“ ގުލްބާނޫ ދެރަވެލާފައި ބުންޏެވެ.
”އެއްވެސް މީހަކާ ބައްދަލުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ގާތް މީހަކު ނުހުންނާނެއެވެ. ތިމާގެ މީހަކުވެސް ރައްޓެހި ރަޙްމަތްތެރިއަކުވެސް ނުހުންނާނެއެވެ. ތިމާގެ މީހަކުވެސް ރައްޓެހި ރަޙްމަތްތެރިއަކުވެސް ނުހުނާނެއެވެ.“ ފަރުޖާދު މިދެއްކި ވާހަކަ އަޑުއިވުމުން ގުލްބާނޫއަށް ރޮވުނެވެ. ލޮލުން ކަރުނައައެވެ. ކޮންމެއަކަސް އޭނާގެ ލޮލުން ފޭބި ކަރުނައެކޭ އަނދަ އަނދާ ހުރި ދަތުރުތަކަކަށް އޮއްސާލި ތެޔޮ އެއްޗެކޭ އެއްފަދަވިއެވެ. ފަރުޖާދު ރުޅިއައިސް ރަތްވެގެން ފޮތްތައް އުކާލާފައި ފުންމައިގެން ތެދުވިއެވެ. ހީވީ ޠޫފާނެއް އެރިހެންނެވެ. ގުލްބާނޫ ކަންބޮޑުވެގެން ބަލަންހުއްޓާ އޭނާ ގަޑަގަޑަ ޖަހާފައި ގޮސް ލައިބްރަރީއިން ނިކުމެއްޖެއެވެ.
********
”މިހާރު އޭނާ ހުންނަނީ މީހަކަށް އެއްޗެއް އަހާލަން ކެރޭކަހަލަ ގޮތަކަށް ނޫނެވެ.“ ޢާޞިފް ބުންޏެވެ. . ނ…ބ=5ޖ