ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 41

އުންމު ޢަރާރާ އަސްމަތީގައި ވަޑުވައިގެންދިޔަ ހަބުޝީންގެ މީހުން ހަމަ ގައިމުވެސް އެމީހުންގެ ފަހަތުން ފާރަލަމުން ބައަކަށް ނާދެވޭނޭ ކަން ޔަޤީންވާ ހިސާބަށްގޮސްފާ އަސްތައް މަޑުކޮށްފިއެވެ. އެވަޤުތު އަނެއްކާވެސް އެމީހުންގެ އަތްދަށުން ސަލާމަތް ވެވަޑައި ގަތުމަށްޓަކާ އުންމު ޢަރާރާ މަސައްކަތް ފައްޓަވައިފިއެވެ. އެތަން ފެނުމުން ހަބުޝީން ދެންނެވިއެވެ. ”މިހާތަނުން އަޅުގަނޑުމެން ކަމަނާ މިނިވަންކުރިއަސް ފުރާނަހުއްޓާ މިވީރާނާތަނުން މިންޖުވެވަޑައެއް ނުގެންނެވޭނެއެވެ. ހަނު ހިމޭނުން އިންނަވާށެވެ. އަޅުގަނޑުމެން ކަމަނާގެއަބުރު ބަގާލާކަށް ނޫޅެމެވެ.“

އުންމު ޢަރާރާ ވިސްނާވަޑައިގެންއިރު އެމީހުން އެދަންނަވަނީ ތެދެއްކަން އެގިވަޑައިގެންނެވިއެވެ. އެމީހުން ބޭނުންނަމަ މިހާރު އެކަމަނާގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެލައިފީހެވެ. އެކަމަކު އެހެނެއް ނުހަދައެވެ. އެހާދިގު ދަތުރެއްކޮށް ނިންމާ އިރު އެންމެކުޑަމިނުން އެމީހުން އެކަމަނާއާއި ގޯނާއެއްވެސް ކޮށްނުލައެވެ. އެހާރީތި ލޫޅާފަތި އަންހެން ކަމަނާއަކު އެމީހުން ހަދާނޭ ގޮތެއް ހަދަންލިބިފައިވާކަން އެމީހުންގެ ހިތަށް އަރާހެނެއްވެސް ހީއެއް ނުވެއެވެ. އުންމެ ޢަރާރާބެސް އެކަމާ ހައިރާން ފުޅުވެވަޑައިގެންނެވިއެވ. އެކަމަނާ ގޮވައިގެން ދިޔަ ހަތަރުމީހުންކުރެ މަރާލެވުނު ދެމީހުންގެ ތެރެއިން އެކަކު މަރުވުމުގެ ކުރިން އުންމު ޢަރާރާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެންއިދެ އެގޮތަށް ސަލާމަތްވާން ތެޅިތެޅިފާ އަމިއްލައަށް އުދަގޫތަކާއި އަނިޔާތައް ނުހޯދުމަށް އާދޭސް ކުރިއެވެ. އެ އާދޭހުގެ އަޑުއަހާފާ އުންމު ޢަރާރާ ގޮވައިގެން އެމީހުންއެދަނީ ކޮން ތަނަކަށްތޯ ސުވާލުކުރެވުނެވެ.

”އަޅުގަނޑުމެން ކަމަނާ މިގެންދަނީ އުޑުގެދޭވަތާގެ މަލަކާއަށް ހަދަންވެގެންނެވެ.“ އެމީހާ އެންމެ ފަހު ނޭވާތައް ދޫކުރަމުން ދެންނެވިއެވެ.

އެތަނުގައި ތިބެގެން ވަރުބަލި ފިލުވާލުމަށްފަހު އުންމު ޢަރާރާގެ ދެލޯ ފުޅުގައި ފޮތިގަޑެއް އައްސައިފިއެވެ. ދެން އެކަމަނާގެ އަސް މައްޗަށް ލައިގެން ދަތުރަށް ފަށައިފިއެވެ. އެހާތަނުން މިނިވަންވެވަޑައިގަތުމުގެ ޚިޔާލުފުޅު ދޫކޮށްލައްވާ އެކަމަނާ އެމަސައްކަތް ހުއްޓަވާ ލައްވައިފިއެވެ. ބޭކާރު މަސައްކަތެއް ކުރެއްވުމުގެ ބޭނުމެއް ނެތްކަމުގައި އެކަމަނާ ދެކެވަޑައިގެންނެވިއެވެ. އުންމު ޢާރާރާ އިންނެވީ އޭގެތެރެއިން ހަބުޝީއަކު އަރާއިން އަހުގެ ކުރީގައެވެ. އެގޮތަށް އެކަމަނާ ގޮވައިގެން އެމީހުން ދަތުރު ކުރަމުންގޮސް ކޮންމެވެސް ތަނަކަށް އަސްތައް މަޑުކޮށްފާ އުންމެ ޢަރާރާއަށް ފެންފޮދު ހިތްޕަވަން އަރުވައިގެން އަނެއްކާވެސް ދަތުރަށް ފަށައިފިއެވެ. އަސްތައް ދަތުރުކުރަމުން ދިޔަ ދިޔުމުގައި ޖައްވުތެރެއިން އިހްސާސްކުރެވެން ފެށީ ތެތްފިނިކަމެއްގެ ސަބަބުން އިރުއޮއްސުނީކަން ޢުންމެ ޢަރާރާއަށް ވިސްނިވަޑައިގެންނެވިއެވެ. އެހާތަނުން އަސްތައްވެސް މަޑުކޮށް މަންޒިލްކޮށްފިއެވެ. މެދުކެޑުމެއްނެތި އަހުގައި އެހާދިގުދަތުރެއް ކުރައްވަން ޖެހިވަޑައިގެންނެވުމުން އޭރު ޢުންމު ޢަރާރާގެ މުޅި ހަށިކޮޅުގައި ރިހުންއުފެދިފައިވެއެވެ. ބިރުފުޅުންގޮސް އެކަމަނާގެ ސިކުޑިއޮތީ ގަޑުވެފައެވެ. އަސްތައް މަޑުކުރިތާ މާގިނައިރެއްނުވަނީސް ވަރަށް ކައިރި ހިސާބަކުން ތިންހަތަރު ފިރިހެނުންނާ އަންހެނުން ވާހަކަދައްކާ އަދު ޢުންމު ޢަރާރާއަށް އިވިވަޑައިގެންނެވިއެވެ. އެމީހުން ވާހަކަދެއްކީ އެކަމަނާ ދެނެވަޑައިގަންނަވާ ބަހަކުން ނޫނެވެ. ދަތުރުމަތީގައި އެކަމަނާއާއި އަރަބިބަހުން ވާހަކަދެއްކި ހަބުޝީންގެ ވާހަކަ ދެއްކުމުގައިވެސް ޢަރަބި ރާގެއްނެތެވެ.

އަދިވެސް ޢުންމު ޢަރާރާގެ މޫނުފުޅު ބަދެފައިވާ ފޮތިގަޑެއް ނުމޮހެއެވެ. މިހާރު އެކަމަނާގެ ދޫފުޅުވެސް ބަންދުވެފައިވާ ކަހަލައެވެ. އެމީހުން ކޮންމެ ގޮތެއް ހެދިއަސް އެކަމަނާ އެއްޗެކޭ ވިދާޅެއް ނުވެއެވެ. ޢުންމު ޢަރާރާ ހައިރާންކަމާއެކު ބިރުވެރިކަމުގައި އިންނަވަނިކޮށް ކޮންމެވެސް މީހަކު އެކަމަނާ އުފުއްލާލާފައި މަޑުގޮދަޑިއެއް ޖަހާފައިހުރި ފާލިކީއެއްގައި ވަޑުވައިފިއެވެ. އިރުކޮޅަކުން ފާލިކީ އުފުލެން ފަށައިފިއެވެ. އަނެއްކާވެސް އެކަމަނާގެ ދަތުރެއް ފެށުނީއެވެ. ފާލިކީ އުފުލެން ފެށުމުން ބެރުދުންމާރި ތާޅަފިލީގެ މަޑު އަޑަކާއެކުގައި އަންހެންބަޔަކު ލަވައެއް ކިޔާއަޑު އިވެން ފަށައިފިއެވެ. އެލަވައިގެ މުޠުލަބު އެކަމަނާއަށް ވިސްނިވަޑައި ނުގެންނަމަވެސް އެލަވައިގާ ޖާދޫގެ އަސަރެއް ހުރިކަން އެކަމަނާއަށް ވިސްނިވަޑައިގެންނެވިއެވެ. އެއަސަރުން އެކަމަނާ ގެ ބިރުފުޅު އިތުރުވެގެން ދިޔައެވެ. ނަމަވެސް މިބިރުގައި މަސްތުގެ އަސަރެއްވެސް އެކުލެވިފައިވެއެވެ. ރޭގަޑުގެ ފިނިކަން އުންމު އަރާރާގެ މަސްތުކަމަށް ލައްޒަތު އިތުރުކޮށްދެއެވެ. އެމީހުން އުންމު ޢަރާރާ ކޮށްލަފާނެތީ ފުރާނަފުޅު ސަލާމަތްކުރެއްވުމަށްޓަކައި ފާލިކީއިން ފުންމަވައިލައްވައިގެން ހިއްލަވަން ހިތްޕުޅުއެދިއެދި އޮތުމާއެކުވެސް އެފަދަ ހިތްވަރެއް ކުރައްވާކަށް އެކަނަމާއަކަށް ކެރިވަޑައެއް ނުގެންނެވިއެވެ. އެކަމަނާގެ މައްޗަށް ބާރުހިންގަމުން ގެންދަނީ އިންސާނުން ނޫންކަމާއި ކޮންމެވެސް ރޫހާނީ ބާރެއް އެކަމަނާ ވަށާލާފައިވާކަމާއި އެބާރު ދެމިއޮތްހާ ހިނދަކު އަމިއްލަ އިޚްތިޔާރުގައި އެއްވެސް ހަރަކާތެއް ނުކުރެއްވޭނެކަން އުންމު އަރާރާއަށް އިހްސާސްކުރެއްވުނެވެ.

ފާލިކީ ހިފައިގެންދިޔަ މީހުން ހަރުފަތްތަކަކުން އަރަމުންގޮސް ގާތްގަޑަކަށް ތިރީހަކަށް ހަރުފަތް ގިރާކޮށްފާ ހަމަބިމެއްގައި ހިގަން ފަށައިފިއެވެ. ތަންކޮޅަކަށް ހިގާފައި އެމީހުން ހުއްޓި ފާލިކީ ބިންމަތީގައި ބަހައްޓައިފިއެވެ. އެވަޤުތު ކޮންމެވެސް މީހަކު އައިސް އުންމު ޢަރާރާގެ މޫނުފުޅުގާ އައްސާފާއޮތް ފޮތިގަނޑު މޮހެލާފައި އެމީހާގެ އަތް އުންމު ޢަރާރާގެ މޫނުފުޅުގައި އަޅައިފިއެވެ. އިރުކޮޅެއްގެފަހުން އެއަތުގެ އިގިލިތައވެސް މޫނުފުޅުން ވަކިވަމުންދާން ފަށައިފިއެވެ. އުންމު ޢަރާރާއަށް ދުނިޔޭގެ އަލިކަން ފެނިވަޑައި ގަންނަވަން ފައްޓަވައިފިއެވެ. މަޑުމަޑު އެކަމަނާގެ ލޯފުޅު މިނިވަންވެ ތަންތަން ފެނިވަޑައި ގަންނަވާވަރު ވެގެން ބައްލަވާ ލެއްވިއިރު އެކަމަނާއަށް ހުންނެވުނީ އެތަކެއްހާސް އަހަރުގެ ކުރިން އިމާރާތްކޮށްފައިވާ މުސްކުޅި އިމާރާތެއްގައެވެ. ފުރާޅުގައި ޖެހިފައިހުރި ވަށްތަނބުތަކެކެވެ. ބޮޑުތަނަވަސް ހޯލެކެވެ. ބައްތީގެ އަލިއެޅިގެން ވިދަވިދާއޮތް ތަޅުންގަޑެކެވެ. ޢިމާރާތުގެ ވަށާފާރުގާ ހަރުކޮށްފައިހުރި ކޮރުދަންތައް ދިއްލާފައި ހުއްޓެވެ. މުޅިތަނުން ދުވަނީ އޭގެކުރިން އެކަމަނާގެ ނޭފަތްޕުޅުގާ ޖެހިފާނުވާފަދަ އާދައާއި ޚިލާފްވަހެކެވެ. ބެރުދުންމާރި  ތާޅަފިއްޔާ އަންހެންވެރިން އެކިޔާލަވަ އެކުވެގެން މުޅި ހޯލަށް ހުވަފެނީ އަސަރުތަކެއް ވެރިކުރުވާފާ ހުއްޓެވެ.

އުންމު އަރާރާ ހުންނެވި ހޯލްގެ ދިމާކުރިމަތީގައި ޗާބޫތަރާއެއް ހުއްޓެވެ. މިޗާބޫތަރާގައި ދިހަބާރަ ހަރުފަތް ހުއްޓެވެ. ޗާބޫތަރާގެ މަތީގައި ބުދެއްގެ ބޯބުރި ހުއްޓެވެ. އެބޯބުރީގައި މޫނާއި ބޯބުރީގެ އިތުރަށް ދަތްދޮޅިން ތިރީގާ ކަނދުރާބުރި އެއްވެސް ހުއްޓެވެ. މިބޯބުރީގެ ދަތްދޮޅިން ފެށިގެން ނިތްކުރިއާއި ހަމައަށްހުރި ދިގުމިން އިންސާނަކަށްވުރެ ދޮޅުފޫޓު ނުވަތަ ދެ ފޫޓު އުސްވާނެއެވެ. ބުދުގެ އަނގަ ހުރީ ހުޅުވިފައެވެ. އިންސާނަކު ކުޑަކޮށް ގުދުވެލައިގެން އެއަނގައިގެ ތެރެއަށް ވަނުމަކީ އެއްވެސް ދަތިކަމަކަށް ނުވާނެއެވެ. ބުދުގެ ހުޅުވިފައިވާ އަނގައިގާހުރި ހުދުކުލައިގެ ދަތްތައް ފެނުމުން ހީވަނީ ތަންމިނަށް އަނގަހުޅުވައިގެން ބާރަށް ހީގަނެގެން ހުރިހެންނެވެ. ބުދުގެ ދެކަންފަތް ފޫއަޅުވާލާފައި ދިގު ދަޑިއެއް ނިކުމެފާ ހުއްޓެވެ. ދަޑިގަޑުގެ ދެކޮޅުގައި ދެ ކޮރުދަން ދިއްލާފައި ހުއްޓެވެ. އިރުއިރުކޮޅާ ކޮރުދަނުގެ އަލި ބުދުގެ ލޮލަށް އެޅުމުން ފޫޓެއްވަރުގެ އެބޮޑު ދެލޯ ވިދައިގަނެއެވެ. އިރުކޮޅެއްގެފަހުން އަލި ދޯދިތަކެއް ފައުޅުވާން ފެށުމާއިއެކު އަންހެންވެރިން ކިޔަކިޔާތިބި ލަވައިގެރާގު ބަދަލު ވެއްޖެއެވެ. މިޔުޒިކްގެ ހަމައިގާ ފޯރިހިފާ ލައިފިއެވެ. އެވަޤުތު ބުދުގެ އަނގައިގެ ތެރެއިން އަލިވެލާފައި ހުދުކުލައިގެ ޖުއްބާ ލައިގެންތިބި ދެމީހުން ކުޑަގޮތަކަށް ގުދުވެލައިގެންތިބެ އެއަނގައިގެ ތެރެއިން ބޭރަށް ނިކުމެއްޖެއެވެ. ހަމަބިމަށް ފޭބުމަށްޓަކައި އަނގައިގެ ބޭރުގާ ހަދާފައިހުރި ތިންހަރުފަތްގަޑު ގިރާ ކޮށްފިއެވެ. އެއީ އަޖައިބު ގޮތަކަށް ތިބި ދެމީހުންނެވެ. އެމީހުންގެ ބޮލުގައި ކުލަކުލައިގެ ދޫނިފަތްއައްސާފައި ހުއްޓެވެ. އޭގެ ދެމީހުން ބުދުގެ އަނގައިގެ ތެރެއިން ނިކުމެފައި އެކަކު ކަނާއަތްފަރާތުގައި އަނެކަކު ވައަތްފަރާތުގައި ހުއްޓިއްޖެއެވެ. އޭގެއިރުކޮޅެއް ފަހުން އެމީހުނަށްވުރެ ތަންކޮޅެއް މުސްކުޅިމީހެއް ނިކުމެއްޖެއެވެ. މީނާގެ ޖުއްބާގެ ކުލައަކީ ރަތްކުލައެވެ. ދޫނިފަތުގެ ބަދަލުގައި ބޮލުގައި އަޅާފައިވަނީ ތާޖެކެވެ. ކަނާއަތް ފަރާތު ކޮނޑުމަތީގައި ހުޅިގަޑު ފުއްޕާލާފައިވާ މަސްނުވި ހަރުފައެއް އޮތެވެ. ހަމައެކަހަލަ ހަރުފައެއް ވައަތް ފަރާތު ކޮނޑުމަތީގައިވެސް އޮތެވެ. މިދޭތީގައިވެސް ހުރީ ކަޅުކުލައެވެ. އުންމު ޢަރާރާއަށް މި މަންޒަރުތައް ފެނިވަޑައިގެނެވުމުން ލިބިވަޑައިގެންނެވި ހައިރާން ކަމުގައި ގަޑުވެފައި ހުންނެވިއެވެ. ބުދުގެ އަނގައިގެ ތެރެއިން އެންމެފަހުން އެނިކުތްމީހާއަކީ އެ ޤަބީލާގެ ދީނީ އިމާމެވެ. ބޮޑުފާދިރީއެވެ.

ކޮންމެއަކަސް މިމުސްކުޅިޔާ ޗާބޫތަރާގެ ހަރުފަތްތައް ގިރާކޮށްފައިގޮސް އުންމެ ޢަރާރާގެ ކުރިފުޅު މަތީގައި ކުޑަކަކޫ ޖެހުމަށްފަހު އެ ކަމަނާގެ އަތްޕުޅުގައި ބޮސްދެމުން ރީތި އަރަބި ބަހުން އެކަމަނާއަށް ދެންނެވިއެވެ.

”އަޅުގަނޑުމެންގެ ދޭވަތާ ރުހިވަޑައިގެން ނަސީބުގަދަ އަންހެންކަމަނާއަކީ ތިޔައީދޯއެވެ؟ އެކަމަށްޓަކައި އަޅުގަނޑު ކަމަނާއަށް މަރުހަބާ ދަންނަވަމެވެ.“

”އެއްވެސް ދޭވަތާއަކީ އަހަރެން ޤަބޫލުކުރާ އެއްޗެއްނޫނެވެ. – އެކަމަކު އެއީ ކަލޭމެން ޤަބޫލުކުރާ އެއްޗެއް ކަމަށްވަނީނަމަ ކަލޭމެންގެ ތިޔަދޭވަތާއަށްޓަކައި ނަމަވެސް އަހަރެން ދޫކޮށްލާށެވެ. އަހަރެން މިތަނަށް ގެނައީ ކީއްކުރަން ހެއްޔެވެ؟“

”މިހާތަނަށް އަންނަ ކޮންމެ އަންހެން ކުއްޖަކުވެސް އެންމެ ފުރަތަމަ ތިޔަކަހަލަ ވާހަކަ ދައްކައެވެ.“ ދީނީ އިމާމު ބުންޏެވެ. ”ނަމަވެސް އެ މުޤައްދަސް މަޤާމްގެ ސިއްރުތައް އެގުމުން މިތަނުންދާނެ ބޭނުން ނުވާކަމުގައި ކޮންމެ ކުއްޖަކުވެސް ބުނެއެވެ. ކަމަނާއަކީ މުސްލިމުންގެ ޚަލީފާގެ ލޯބިވެރިޔާކަން އަޅުގަނޑު ދަންނަމެވެ. ނަމަވެސް މިހާރު ކަމަނާއާއި ހިތްޕުޅާ ހަމަކުރައްވާފައިވާ ފަރާތަކީ ޚަލީފާއަށްވުރެ މާމަތިވެރި ފަރާތެކެވެ. އެއީ ދުނިޔޭގެ ޚަލީފާއިންނާއި އުޑުގެ މަލާއިކަތުން ސަޖިދަ ކުރައްވާ ފަރާތެވެ. ކަމަނާ އުފާކުރައްވާށެވެ. ކަމަނާއަށް ވަޑައިގެންވިފައި ތިޔަ ވަނީ ސުވަރުގެއަށެވެ.“ މިހެން ދަންނަވާފައި ޖުއްބާގެ ތެރެއިން ނެގިމަލެއް އެކަމަނާގެ ނޭފަތްޕުޅުގައި ޖައްސާލައްވައިފިއެވެ. އުންމު ޢަރާރާ އަކީ ކޮއެލުތެރޭގެ ޝެހެޒާދީ އެއްނަމަވެސް އެމީހާ އެވަސް ދައްކާލި މަލުގައި ދުވާފަދަ މީރުވަހެއް ދުވަހަކުވެސް އިހްސާސް ކުރައްވާފައެއް ނުވެއެވެ. ރަސްރަސްކަލުންގެ ދަރިދަރިކަލުންނާއި ދަރިދަރިކަބަލުންނަކަށްވެސް އެމަލުގައި އެހެރަފަދަ މީރުވަހެއްދުވާ އަތަރެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. އެއީ މުޅިން އާދަޔާ ޚިލާފް މީރުވަހެކެވެ. އެމީރުވަސް އެކަމަނާގެ ނޭފަތްޕުޅުން ވަދެގެންގޮސް އެކަމަނާގެ ރޫހަށް އަސަރު ފޯރުވާލައިފިއެވެ. އެވަސް އެކަމަނާގެ ވިސްނުންފުޅުގެ ފާޑު ބަދަލުކޮށްލައިފިއެވެ. އެކަމަނާގެ ނަޒަރިއްޔާތު ބަދަލުކޮށްލައިފިއެވެ.

”މިއީ ދޭވަތާ ފޮނުއްވި ހަދިޔާއެކެވެ.“ އުންމު ޢަރާރާގެ ނޭފަތްޕުޅުގައި ޖައްސިމައު އެއްފަރާތް ކޮށްލަމުން އޭނާ ދެންނެވިއެވެ.

އުންމު ޢަރާރާގެ އަތްޕުޅު މަޑުމަޑުން ކުށިއަށްގެންދަވާ ދީނީ އިމާމް މަލުގައި ހިފަހައްޓައިގެން ހުރި އަތުގައި ހިތްޕަވަގައިގެން ގެންނަވައި ނޭފަތްޕުޅާއި ކައިރިކުރައްވާ ވަސްބައްލަވާ ލެއްވުމަށްފަހު މަސްތުން ފުރިފައިވާ އަޑަކުން ވިދާޅުވިއެވެ.

”ތިޔައީ ކިހާ ހިތްގައިމު ހަދިޔާ އެއްތޯއެވެ؟ ތިޔަހަދިޔާ އަޅުގަޑަށް ދެއްވަފާނަމުތޯއެވެ؟“

”ކަމަނާ މި ހަދިޔާ ޤަބޫލުފުޅު ކުރެއްވީތޯއެވެ؟“ ސިއްރުން ފުރިފައިވާ ހިނިތުންވުމާއެކު ދީނީ އިމާމު ސުވާލުކުރިއެވެ.

”ލައްބައެވެ.“ އުންމު ޢަރާރާ ޖަވާބު ދެއްވިއެވެ. ”ތިޔަހަދިޔާ އަޅުގަނޑު ޤަބޫލު ކޮށްފީމެވެ.“ އަނެއްކާވެސް މަލުގައި ވަސް ބައްލަވާ ލައްވާފައި އެމަލުގެ ވަސް އެކަމަނާގެ ވުޖޫދާއި އެއްކުރައްވަން މަސައްކަތްޕުޅު ކުރައްވާފަދަ ގޮތަކަށް ދެލޯފުޅު މަރުއްވާ ލައްވަމުން އުންމު ޢަރާރާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ދޭވަތާވެސް ކަމަނާ ޤަބޫލު ކުރައްވައިފިއެވެ.“ ދީނީ އިމާމު ދެންނެވިއެވެ. – ”މި އޮއްހުރިހާދުވަހު ކަމަނާ އިންނެވީ ކޮންތަނެއްގައިތޯއެވެ؟“

ދީނީ އިމާމު އެކުރި ސުވާލާއި މެދު އުންމު ޢަރާރާ ކޮންމެވެސް އެއްޗެއް ހަދުމަފުޅު ކުރެއްވޭތޯ ވިސްނާވަޑައިގެންނެވިއެވެ.

”އަޅުގަނޑުއިނީ މިތަނުގައެވެ. ނޫނެކެވެ. ކޮންމެވެސް އެހެން ތަނެއްގައެވެ…… ހަދާނެއްނެތެވެ. އަޅުގަނޑަށް އިދެވުނީ ކޮންތަނެއްގައި ބާވެއެވެ؟“

”ކަމަނާ މިތަނަށް ގެނައީ ކާކުތޯއެވެ؟“ ދީނީ އިލްމުވެރިޔާ ސުވާލު ކުރިއެވެ.

”އެއްވެސް މީހަކު ނުގެނެއެވެ.“ އުންމު ޢަރާރާ ޖަވާބު ދެއްވިއެވެ. ”އެއްވެސް މީހަކު އަޅުގަނޑު މި ތަނަކަށް ނުގެނެއެވެ. އަޅުގަނޑު އައީ އަމިއްލައަށެވެ.“

”ކަމަނާ ވަޑައި ގެންނެވީ އަސްމަތީގައިތޯއެވެ؟“

”ނޫނެކެވެ.“ އުންމު އަރާރާ ޖަވާބު ދެއްވިއެވެ. ”އަޅުގަނޑު މިތަނަށް އައީ އުދުހިފައެވެ.“

”ކަމަނާ ވަޑައިގަތް މަގުމަތީގައި ސަހަރާތަކާއި، ފަރުބަދަތަކާއި، ޖަންގަލިތަކާއި، ވީރާނާ ތަންތަން ހުރިތޯއެވެ؟“ ދީނީ އިމާމު ސުވާލު ކުރިއެވެ.

”ތިޔަކަހަލަ އެއްވެސްތަނެއް ނެތެވެ.“ ކުޑަކުއްޖަކު ފަދައިން އުފާވެވަޑައި ގަންނަވަމުން އުންމު ޢަރާރާ ވިދާޅުވިއެވެ. ”އަޅުގަނޑު ދަތުރުކުރި މަގުތަކުގެ ވަށައިގެން ހެދިފައިވަނީ ރޯގަސްތަކާއި ފެހި ކުލައިގެ ބަގީޗާތަކެވެ. މުޅި ޖައްވުގައި ދުވަނީ މާމެލާމެލީގެ މީރުވަހެވެ.“

”ފޮތިގަޑެކޭތޯއެވެ؟ އެއްވެސް މީހަކު އަޅުގަނޑުގެ ލޮލެއް ނުބަނދެއެވެ. އަޅުގަނޑުގެ ދެލޯހުރީ ހަމަ ރަގަޅަށް ހުޅުވިފައެވެ. ހަށިގަނޑު މިދިމާއަށް އުދުހިފާ އައިއިރު އެކި ކުލަކުލައިގެ ލޯބިލޯބި ދޫނިތައްވެސް ދުށީމެވެ.“

ދީނީ އިމާމް އޭނާގެ ބަހުރުވަ އިން ވަރަށް އަޑުހަރުކޮށް ކޮންމެވެސް އެއްޗެއް ބުނުމުން ކުއްލިއަކަށް އުންމު ޢަރާރާގެ ފުރަގަހުން ހަތަރު އަންހެން ކުދީން ނިކުމެއްޖެއެވެ. އެ ވަޤުތު ދީނީ އިމާމް ޒާތެއްގެ އިޝާރާތެއް އެއްކޮށްލައިފިއެވެ. މި އިޝާރާތް ލިބުމާއެކު ހަތަރުކުދީންވެގެން އުންމު ޢަރާރާގެ ފޭރާންކޮޅުތައް ބާލުވައިފިއެވެ. ހަށިކޮޅުގެ ނިވާކަމުން އެކަމަނާ މަހުރޫމް ވެވަޑައިގެންފިއެވެ.

”ދޭވަތާ އަޅުގަނޑާއި ރުހިވަޑައިގެންނަވާނީ މިގޮތަށް ހުރީމަތޯއެވެ؟“ އުންމު ޢަރާރާ ހިނިފުޅުވެވާޑައި ލެއްވުމުން ސުވާލުކުރެއްވިއެވެ.

”ނޫނެކެވެ. ދޭވްތާ ރުހިވަޑައި ގަންނަވާފަދަ ފޭރާމެއް އަދި ކަމަނާގެ ހަށިކޮޅުގައި ލައްވާނެއެވެ.“ ދީނީ އިމާމް މިހެންބުނިތަނާ އެއްކަލަ ހަތަރު އަންހެންކުދީން ބޮޑުފޮތިގަޑެއް ހިފައިގެން އައިސް އެކަމަނާގެ ކޮނޑުފުޅުގައި އަޅުވައިފިއެވެ. މިފޮތިގަޑު އެޅުވުމުން އެކަމަނާގެ ކޮޑުފުޅުން ފެށިގެން ފައިންޕުޅާ ހަމައަށް ނިވައިވެގެން ދިޔައެވެ. މިފޮތިގަޑުގެ ކައިރީގައި ކަޅުކުލައިގެ ވާފައްތަކެއް ހަރުކޮށްފައިވެއެވެ. އެކަމަނާގެ ހަށިކޮޅުގައި ފޮތިގަޑު އަޅުވާފައި ވާފައްތައް އައްސާލީމާ ހަށިކޮޅަށް ހެޔޮވަރުގެ ޖުއްބާއަކަށް ވެގެން ހިގައްޖެއެވެ. އުންމު ޢަރާރާގެ އިސްތަށިފުޅަކީ ފަނުވިތަކެއްފަދަ މަޑު މާބުރު ފިޔަކުލައިގެ ކަޅުއޮފުއަރާ އިސްތަށިފުޅެކެވެ. އެއްކަލަ ހަތަރު އަންހެން ކުދީންގެ ތެރެއިން އެއްކުއްޖަކު އެކަމަނާގެ އިސްތަށިފުޅުގައި ފުނާކޮޅުތުރުކުރައްވާފައި ކޮޑުފުޅުގެ މައްޗަށް އިސްތަށިފުޅުތައް ފަތުރާލަމުން އެކަމަނާގެ ރީތިކަމާއި ފުރިހަމަކަން އެތަކެއް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

ދީނީ އިމާމް ހިނިތުންވެލާފާ އުންމު ޢަރާރާގެ މޫނުފުޅަށް ބަލައިލަމުން އެއްކަލަ ބުދުގެ އަނގައާއި ދިމާއަށް ހިގައިގެންފިއެވެ. އެތަން ފެނުމުން ހަތަރު އަންހެން ކުދީންވެސް އުންމު ޢަރާރާގެ އަތްޕުޅުގައި ހިފައިގެން އިމާމުގު ފަސްފަހަތުން ހިގައިގެންފިއެވެ. އުންމު ޢަރާރާ އަންހެން ކުދީންގެ ކުރީގައި ހުންނަވައިގެން ރަސްދަރިކަބަލަކު ފަދައިން ހިންގަވާފައިވަޑައިގެންނެވިއެވެ. އެއީ ކޮންކަހަލަ ޖައްވެއްތޯ ހިންގަވާފައި ވަޑައިގަންވަނީ ކޮންތަނަކަށްތޯ އެކަމަނާ ބައްލަވައިވެސް ނުލައްވައެވެ. ޝާޙީ ގޮތަކަށް އެކަމަނާކުރިއަށް ވަޑައިގެންނެވިއެވެ. އެހާތަނަށް ދިޔައިރު އަންހެންވެރިން ކިޔަމުންއައި ލަވައިގެ ރާގުގައި ކުރިއަށްވުރެވެސް މާ ވަރުގަދަ ސިހުރުވެރި ކަމެއް އުފެދިއްޖެއެވެ. އުންމު ޢަރާރާ އެރާގުގެ ސިހުރުގައި ހުންނަވައިގެން ވަޑައިގެން ޗާބޫތަރާގެ ހަރުފަތްތައް ގިރާކުރައްވަމުން ފައްޓަވައިފިއެވެ. ދީނީ އިމާމްގޮސް ހިލައިގެ ބުދުގެ ބިރުވެރި ރަނގައިގެ ތެރެއަށް ވަންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އުންމު ޢަރާރާވެސް ވަޑައިގެން ހިސާބަކަށް ގުދުވެވަޑައި ގަންނަވަމުން ބުދުގެ އަނގައިގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. އެހިސާބުން އަންހެންކުދިން ހުއްޓިއްޖެއެވެ. ދެން އެކަމަނާގެ އަތްޕުޅުގައި ހިފީ ދީނީ ޢިލްމުވެރި އިމާމެވެ. ބުދުގެ އަގައިގެ ތެރެއަށް ރަގަޅަށް ވަދެވުނީމާ އެއްވެސް އުދަގުލެއްނެތި ކޮޅަށް ތިބެގެން ހިގާފަ ދެވޭހާ ޖާގައޮތެވެ. އެބުދުގެ ކަރާހަމައިން އަނެއްކާވެސް ހުންނަނީ ހަރުފަތްތަކެވެ. ހަރުފަތްތައް ނިމޭހިސާބުގައި ވަނީ ފާނޫޒުތައް ދިއްލާ އަލިކޮށްފައިވާ ބިންގަރާސް ކޮޓަރިއެކެވެ. އެއީ އެހާތަނަވަސް ކޮޓަރިއެއް ނޫނެވެ. ނަމަވެސް އެކޮޓަރީގައިވެސް އަޖާބެއްފަދަ މީރުވަހެއް ދުވައެވެ. އެކޮޓަރީގެ ފުރާޅުވެސް މާއުހެއްނޫނެވެ. ބިންގަރާސް ކޮޓަރީގެ ފުރާޅާއި ފާރުތައް ގަސްގަހުގެ ފަތާއި ވަސްމީރު މައުމެލާމެލިން ޒީނަތްތެރިކޮށްފައި ހުއްޓެވެ. ބިންމަތީގައި އިންދާފައިހުރި މަޑުމަޑު ވިނަތަކުގެ މަތީގައިވެސް ރީތި ކުލަކުލައިގެ މައުތައް ހުއްޓެވެ. ކޮޓަރީގެ އެއްފަރާތެއްގައި ރީތި ސިފައަކަށް ހަދާފައިވާ ރާދޯރަކާއި ރާބޯ ތަށިތައް ހުއްޓެވެ. ދީނީ އިމާމް ބިންގަރާސް ކޮޓަރިއަށް ވަދެފާ ކުރިއަށް އަރައިގެން ގޮސް އެއްކަލަ ރާދޯރުން ދެތައްޓަށް ރާއެޅުމަށް ފަހުގައި އޭގެތެރެއިން އެއްތަށި އުންމު ޢަރާރާއަށް އަރުވައިފިއެވެ. އެކަމަނާ ފަސްޖެހިވަޑައި ގެންނެވުމެއްނެތި ރާތަށި ހިއްޕަވާ ލައްވައިފިއެވެ. އެކަމަނާ ރާތަށީގާ ތުންޖެއްސެވި ވަޤުތު ދީނީ އިމާމްވެސް އޭނާއަސް އެޅި ރާތަށީގައި ތުންޖެއްސެވި ވަޤުތު ދީނީ އިމާމުވެސް އެނާއަށް އެޅި ރާތަށީގައި ތުން ޖަހައިގެން އުންމު ޢަރާރާއެކުގައި އޭނާގެ ރާތަށިވެސް ބޮއި ހުސްކޮށްލައިފިއެވެ.

”ދޭވަތާ ވަޑައިގަންނަވާނީ ކޮންއިރަކުންތޯއެވެ؟“ އުންމު އަރާރާގެ ސުވާލުކުރެއްވިއެވެ.

”ދެވަތާއަކީ ކާކުކަމެއް އަދިވެސް ކަމަނާއަކަށް އެގިވަޑައެއް ނުގަންވާތޯއެވެ؟“ ދީނީ އިމާމު ދެންނެވިއެވެ. ”ކަމަނާގެ ކުރިފުޅުމަތީގާ މިހިރީ ކާކު ތޯއެވެ؟“

”ލައްބައެވެ. އަޅުގަނޑަށް އެގިއްޖެއެވެ. މަނިކުފާނަކީ އަޅުގަނޑަށް ބޭރުން ފެނުނު މީހާއެއް ނޫނެވެ. މަނިކުފާނު އަޅުގަނޑާއި ރުހިވަޑައިގެން އަޅުގަނޑު ޤަބޫލުފުޅު ކުރައްވައިފީމުތޯއެވެ؟“

ދީނީ އިމާމުގެ ދެފައިތިލައިގެ ކައިރީގައި އިށީދެވަޑައި ގަންނަވަމުން އުންމު އަރާރާ ވިދާޅުވިއެވެ.

”އާދޭހެވެ.“ އިމާމް ދެންނެވިއެވެ. ”މިއަދުންފެށިގެން ކަމަނާއަކީ އަޅުގަނޑުގެ އަލަތު އަނބިކަމަނާއެވެ.“

*******

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.