ޙަލީފާ އެމަނިކުފާނުގެ ޚާއްސަ ބޮޑީ ގާޑުންނަށް އެދަގޫފުޅު ކުރައްވަމުން ގެންދެވައެވެ. އުންމު ޢަރާރާ ގެއްލުމާއި ވިދިގެން ބޮޑީގާޑުން ދެކެ އިންތިހާއަށް ކޯފާއިސްކުރައްވާ އެމީހުނަށް ޚަލީފާ އަދަބު ދެއްވަމުން ގެންދަވައެވެ. އެދުވަހު ހަތަރު ދަމުވެސް ހުރިހާ ބޮޑީ ގާޑުން ބައިތިއްބަވާފައިތިބީ ރަތްދައްކާ އަވީގައެވެ. މިހާރު އިރު އޮއްސެން ވަރަށް ކުޑައިރުކޮޅަކަށް ވެއްޖެއެވެ. ނަމަވެސް ތިބި ތަނުން ގުޑާލާކަށް އަދިވެސް އެމީހުނަކަށް ހުއްދައެއް ނުލިބެއެވެ. ހަމައެގޮތަށް ބޮޑީގާޑުންގެ އިސް ކޮމާންޑަރުންނަށްވެސް އަދަބު ދެއްވަމުން ގެންދެވިއެވެ. އެދުވަހު ކެއުމާއި ބުއިންއޮތީ އެމީހުނަށް މުޅިން މަނާ ކުރައްވާފައެވެ. އެ މީހުން މިފަދަ ހަރުކަށި އަދަބުގައި ތިއްބާ އިރުއިރުކޮޅާ ރަޖަބު އެތަނަށް އައިސް އެމީހުންގެ ކުށްވެރިކަން އިތުރު ކުރުމަށްޓަކައި ބޮޑީގާޑުންގެ އެހީއާއި ނުލާ އެއްވެސް މީހަކަށް އުންމު އަރާރާ ނުގެންދަވާނޭ ކަމަށް ބުނެ ވާހަކަ ދައްކައެވެ. – އެކަމުގައި ބައިވެރިވި މީހަކު ހުރިއްޔާ އެއް ފަރާތަށް އެރުމަށާއި އެހެންނޫނީ ދޭހާ އަތްވަކާއި ވެހޭހާ ވާރެއެއްގާ ކާއެއްޗެއް ބޯފެންތިކެއް ނުދީ ބައިތިއްބައިގެން އެންމެން މަރާ ހުސްކުރާނޭ ކަމުގައިބުނެ އިއުލާން ކުރެއެވެ. އުންމު ޢަރާރާގެ ރުހުމުގާ ގަޑުވަރުން ބޭރަށް ދިޔަނަމަވެސް ބޮޑީގާރޑުންގެ އެހީނެތި ނުދެވޭނޭ ކަމަށް ނުހަނު ޔަޤީން ކަމާއެކު އޭނާ ބުންޏެވެ. ނަމަވެސް އޭނާގެ ބިރުގެންނެވުންތަކުން އެ މީހުނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ތިމަންނާމެންގެ ކުށެއް ނެތޭ ބުނުންފިޔަވާ އެކަމާއި ބެހޭ ގޮތުން ބުނާނޭ އިތުރު ޖުމްލައެއް އެމީހުންގެ ކިބައަކު ނުވެއެވެ. ޚަލީފާވެސް ރަޖަބު ހިމޭނުން ހުއްޓަކަ ނުދެއްވައެވެ. – ”ރަޖަބެވެ. އަންހެން ކުއްޖާ ގެއްލުނަކަސް އަހަރެން ހިތާމައެއް ނުކުރަމެވެ. އަހަރެން ކަންބޮޑުވަނީ އެހާގިނަ ފާރަވެރިންތިއްބާ ބޭރުން އައިމީހަކަށް ހަރަމްގެ އަންހެން ކުއްޖަކު ވަގަށް ގެންދެވުނީތީއެވެ. އެފަދަކަމެއް ކުރެވުނު މީހަކަށް އަހަރެންވެސް ޤަތުލު ކުރެވިދާނެއެވެ. – ވީމާ، އެ އަންހެން ކުއްޖާ ވަގަށް ނެގުވީ ސުލްޠާން އައްޔޫބީކަން ޔަޤީން ކުރާނޭހެކި އަހަރެން ބޭނުމެވެ.“ ރަޖަބާއި ވާހަކަ ދައްކަވަމުން ޚަލީފާ ވިދާޅުވިއެވެ.
އުންމެ އަރާރާ ވަގަށް ނެންގެވުމުގެ ދޮގު ތުހުމަތު ސުލްޠާން އައްޔޫބީ ގެ އިސްތަށިފުޅުގާ އެޅުވީ ރަޖަބެވެ. ވީމާ، އެކަމުގެ ހެކި ހޯދަން ރަޖަބުގެ ގާތުގައި ފަށްފަށުން ޚަލީފާ ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް ރަޖަބު ހެކި ހޯދާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ދައްކާނީ ހަޤީޤަތެއް ނެތް ދޮގު ވާހަކަ ތަކެކެވެ. އައްޔޫބީ ބައްދަން އޭނާ ޖެހި މަޅީގައި އޭނާ ބެދެމުންދާން ފެށީމާ އެކަމުގެ ހުރިހާ ރުޅިއެއް ބޮޑީ ގާޑުންނަށް ފިލުވަމުން އެމީހުންނާއި ދިމާއަށް އެއްޗެތި ގޮވަމުން ގެންދެއެވެ. މިކަން ހިގަމުން ދަނިކޮށް ދޮރުފާރަވެރި ކަލޭގެ ކުއްލިއަކަށް ދޮރުހުޅުވާ ލަމުން ގޮވާލިއެވެ. ”އަމީރު މިސްރު އެބަ ވަޑައިގަންނަވައެވެ.“ އެވަގުތު ބޮޑު ދޮރުކޮޅުން އަމީރު މިސްރުގެ އަސްކޮޅު ދައްކާލައިފިއެވެ. އެމަނިކުފާނުގެ ކުރިފުޅުމަތީގައި ބޮޑީގާޑުންގެ ދެމީހުން ތިއްބެވެ. ފަހަތްޕުޅުގައި ސަވާރުންގެ އަށް މީހުން ތިއްބެވެ. އެމަނިކުފާނުގެ މުޝީރުންނާއި ހާކިމުންވެސް ތިއްބެވިއެވެ. އޭގެތެރޭގައި އެންމެ އަރިސްބޭފުޅާ ކަމުގައިވާ ޢަލީ ބިން ސުފިޔާންވެސް ހިމެނިވަޑައި ގަންނަވައެވެ. ރަޖަބަށް އެބޭފުޅުން ފެނުމާއެކު ސުލްޠާން އައްޔޫބީ ވަޑައިގެންނެވި ޚަބަރު ޚަލީފާއަށް އެރުވުމަށްޓަކާ ކޮއިލުގެ އެތެރެއަށް މީހަކު ފޮނުވައިފިއެވެ. އައްޔޫބީގެ އަރިއަހުގައި އައި އެކުޑަކުޑަ ޖަމާޢަތުގެ ފަހަތުގައި ހަތަރު ފޮރޮޅުލީ ގާޑިޔަލެއް އޮތެވެ. ގާޑިޔާ ދެމުމަށްޓަކާ ގާޑިޔަލުގެ ކުރީގައި ދެއަސްއޮތެވެ. ގާޑިޔަލުގައި މަރުވެފައިވާ ދެމީހުން ތިއްބެވެ. އެކަކު އޮތީ އުއްޑުންނެވެ. އަނެކަކު އޮތީ ބަންޑުންނެވެ. އޭގެދެމީހުން މަރާލުމަށްޓަކާ ހަމަލާ ދެވުނު ދެތީރު އޭރުވެސް އެމީހުންގެ ގަޔަށް ހެރިފާ ހުއްޓެވެ. އެމީހުން މަރާލުމަށް ހަމަލާ ދިންމީހުން ޖަމަލުގެ މައްޗަށް ސަވާރުވެގެން ގާޑިޔަލާއި އެއް ވަރަށް އާދެއެވެ.
ޚަލީފާ ބޭރަށް ނިކުމެވަޑައިގެންވެވުމާއެކު ސުލްޠާން އައްޔޫބީއާއި އެމަނިކުފާނުގެ އެކުވެރިން އަސްތަކުން ފައިބާވަޑައިގެން އިހްތިރާމްއާއި އެކު ޚަލީފާއަށް ސަލާމް ކުރެއްވިއެވެ. ދެން ސުލްޠާން އައްޔޫބީ ކުރިއަށް ނިކުމެވަޑައިގެން ޚަލީފާގެ އަތްތިލަފުޅުގާ ބޮސް ދެއްވިއެވެ.
”މަނިކުފާނުގެ ހަރަމުން ގެއްލުނު އަންހެން ކުއްޖާ އަބުރާ މަނިކުފާނަށް އެރުބުމަށް އަންގަވާ ފޮނުއްވި މެސެޖް އަޅުގަނޑަށް ލިބިއްޖެއެވެ. –“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”މަނިކުފާނުއެވެ. އަޅުގަނޑުގެ ކުށެއްނެތްކަން އަންގައިދޭނ ހެއްކެއްގެ ގޮތުން މަނިކުފާނުގެ ބޮޑީގާރޑުންގެ ތެރެއިން ދެބޮޑީގާޑުންގެ ފުރާނަނެތް މަސްގަޑު ގެނައީމެވެ. މަނިކުފާނެވެ. ސަލާހުއްދީން އައްޔޫބީއަކީ މަނިކުފާނުގެ ލަޝްކަރުގެ ސިފައެއްނޫނެވެ. – އަޅުގަނޑަކީ މަނިކުފާނު އުޅުއްވަންވީ ގޮތްކޮޅު އަންގާ މަގުދައްކާ ޚިލާފަތުގެ ފަރާތުން ފޮނުއްވާފައިހުރި މީހަކީމެވެ.“
ސުލްޠާން އައްޔޫބީ ވާހަކަފުޅު ދައްކަވާ ލެއްވުމުން އެމަނިކުފާނުގެ ޚިޔާލުފުޅު ހުރިގޮތް ޚަލީފާއަށް ވިސްނިވަޑައިގެންފިއެވެ. – ވީމާ، ފާފައިގެ ބުރައިން ތުރުތުރު އަޅަމުންދާ ޟަމީރެއްގެ ވެރި ފާތިމީ ޚަލީފާއަށް އެމަތިވެރި ޝަހްޞިއްޔަތާއި އެގޮތަށް ކުރިމަތި ލެއްވުމަކީ ކުޅަދާނަވެގެންވާ ކަމެއް ނޫންކަން ވިސްނިވަޑައިގެން މަޑުމައިތިރިކަމާ އޯގާތެރި ކަމާއެކު ސުލްޠާން އައްޔޫބީގެ ކޮނޑުފުޅުގާ އަތްޕުޅު ބާއްވަވާލައްވަމުން ވިދާޅުވިއެވެ.
”އަޅުގަނޑުގެ ދަރީންނަށް ވުރެވެސް ބޮޑަށް މަނިކުފާނުދެކެ އަޅުގަނޑު ލޯބިވަމެވެ. ޞަލާޙުއްދީންއެވެ. ކޮއިލުތެރެއަށް ވެދަވަޑައި ގަންނަވާށެވެ.“
”ނޫނެކެވެ. އަދި އަޅުގަނޑަކީ މަނިކުފާނުގެ ކުށްވެރިއަކީމެވެ.“ – ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ.
”އަޅުގަނޑަކީ ވައްކަމުގެ ކުށްކުރާ ކުށްވެރިއެއް ނޫންކަން ޘާބިތު ކުރާނޭ ހެކި މަނިކުފާނުގެ ކުރިޕުޅު މައްޗަށް ހުށަހަޅަން ޖެހެއެވެ. އެކަމަށްޓަކާ މާތްﷲ އަޅުގަނޑަށް މަދަދު ފޮނުއްވައިފިއެވެ. ދެމައްޔިތުން ފޮނުއްވައިފިއެވެ. ނަމަވެސް މައްޔިތުންނެއް ވާހަކައެއް ނުދައްކާނެއެވެ.“ އެކަމަކު އެންމެ ރަގަޅެވެ. އެމައްޔިތުންގެ ހަމަހިމޭންކަމާއި މައްޔިތުންގެ ހަށިތަކަށް ހެރިފައިހުރި ތީރުތައް މިސްރުގެ ޚިލާފާތުގެ ފަރާތުން ޞަލާޙުއްދީން އައްޔޫބީގެ ބޮލުގާ އަޅުވާފައިވާ ކުށަކީ އޭނާ ކުރިކުށެއް ނޫންކަމަށް ހެކިދޭނެއެވެ. އަޅުގަނޑަކީ ކުށްވެރިއެއް ނޫންކަން ޘާބިތުކޮށް ނުދެވޭހާ ހިދަކު ޚިލާފަތުގެ ކޮއިލަކަށް އަޅުގަނޑެއް ނުވަންނާނަމެވެ.“ މިހެން ވިދާޅުވެފައި ދެމައްޔިތުން އުފުލި ގާދިޔަލާ ދިމާއަށް ޚަލީފާވެސް އައްޔޫބީގެ ފަހަތްޕުޅުން ވަޑައިގެންނެވިއެވެ. އޭރު އެތަނުގާ އެބޭފުޅުންނާއި ތަންކޮޅެއް ދުރުގައި ނަފުރީންގެ ހަތަރުސަތޭކަ ފަންސާސް ސިފައިން ތިއްބެވެ.
ސުލްޠާން އައްޔޫބީ ގާޑިޔާ ކައިރިއަށް ހުއްޓިވަޑައިގެން އެމަނިކުފާނުގެ އެކުވެރިންލައްވާ އެއްކަލަ ދެ މައްޔިތުން އުފުލުވައިގެން ގެންދަވާ ނަފުށީންގެ ލަޝްކަރުގެ ކުރިމަތީގައި ބޭއްވެވުމަށްފަހު ހަރުއަޑުން ވިދާޅުވިއެވެ.
”އެންމެ ފުރަތަމަ ލަޝްކަރުގެ ކޮމާންޑަރުންނާއި މަތީ ދަރަޖައިގެ އޮފިސަރުން ކުރިއަށް އަންނަވާށެވެ. – ދެން އޭގެތެރެއިން ކޮންމެ އަށް މީހަކު އެކުއެކުގައި އައިސް މިދެމައްޔިތުން ރަގަޅަށް ބަލާފާ އެއީ ކޮންބައެއްކަން ބުނެދޭށެވެ.“ އައްޔޫބީ މިހެން ވިދާޅުވުމުން އެ ޤަވާއިދުގެ މަތިން މީހުންއައިސް ބަލާފައިއެއީ މިވެނި ދެމީހެއްގެ ހަށިގަނޑުކަމުގައި ދަންނަވަން ފަށައިފިއެވެ – ”ތިޔައީ އަޅުގަނޑުމެންގެ ގްރޫޕްގެ ސިފައިންނެވެ.“ އެގޮތުން ކޮމާންޑަރުންނާއި އޮފިސަރުން ހުސްވުމުން އާދައިގެ މީހުންނަށް ފެނިއްޖެއެވެ. އެމީހުންވެސް ދެންނެވީ އޮފިސަރުން ދެންނެވި ގޮތަށެވެ. އެއީ ގްރޫޕްގެ މީހުން ކަމާއި އެމީހުންގެ އެކުވެރީންކަމަށް އެންމެންވެސް ދެންނެވިއެވެ.
”ޞަލާޙުއްދީން އެވެ.“ ޚަލީފާ ވިދާޅުވިއެވެ. ”ތިޔަތިބަ ދެމީހުންނަކީ މިސްރުގެ ޚިލާފަތުގެ ދެސިފައިން ކަމުގައި އަޅުގަނޑު ޤަބޫލު ކުރަމެވެ. ވީމާ އެމީހުން ހަލާކުކުރީ ކޮންބައެއްކަން އޮޅުން ފިލުވަން އަޅުގަޑު ބޭނުމެވެ.“
ސުލްޠާން އައްޔޫބީ އެބުރި ވަޑައިގެން އެއްކަލަ ސިފައިންގެ މީހާއަށް ބައްލަވާލައްވާފައި ކަން ހިގިގޮތް ޚަލީފާއަށް ދެންނެވުމަށް އަމުރު ކުރެއްވިއެވެ. ދެން އޭނާގެ ވާހަކަ ނިމެންދެން ހަނުހުންނެވުމަށްފަހު އެނާގެ ވާހަކަ ނިމުން ވިދާޅުވިއެވެ. ”އަންހެން ކުއްޖާ ގެނެވުނީ އަޅުގަނޑުގެ ގާތަކަށް ނޫނެވެ. އަންހެން ކުއްޖާ ގެންދެވިފައިވަނީ ސޫދާނީ ހަބުޝީންގެ ޢީދުގައި ނީލަން ކިއުމަށްޓަކައެވެ.“
ޚަލީފާއަކީ ހިތްޕުޅުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާ ބޭފުޅަކަށްވުމާއި އެމަނިކުފާނު އެހާލޯބިފުޅުވާ އަންހެން ކުއްޖާ ގެއްލުމުގެ ހިތާމަފުޅު އެކުވެގެން ޚަލީފާގެ ހަށިކޮޅުގެ ބާރުފުޅުވަނީ ވަރަށް ދެރަވެފައެވެ. ވީމާ، އެހާގިނައިރު އެތަނުގައި ކޮޅަށް ހުންނެވުމަށް އުޒުރު ވެރިވަޑައިގެން ކޮއިލުތެރެއަށް ވެދެވަޑައިގެންނެވުމަށް ސުލްޠާން އައްޔޫބީގެ އަރިއަހުގައި ޚަލީފާ ވިދާޅުވިއެވެ.
”އެއަންހެންކުއްޖާ ދިރި އިންދާ ނުވަތަ މަރުވެފައިއޮއްވާ ނަމަވެސް މަނިކުފާނުގެ އަރިއަހަށް ގެނެސްފައިނޫނީ ޚިލާފަތުގެ ކޮއިލަކަށް އަޅުގަނޑު ނުވަންނާނަމެވެ. އެއީ ހަރަމްގެ އެހާ ޤަދަރުވެރި އަންހެނެއް ނޫނެވެ. އެއީ މަނިކުފާނުގެ އަނބިކަބަލެއްވެސް ނޫނެވެ. – އެއީ މަނިކުފާނަށް ވެދުމަށް އެރުވުނު ޖާރިޔާއެކެވެ. ވީމާ، އަޅުގަނޑުގެ ކުރިމަތީގައި އެއީ އެހާ މުހިއްމު މީހެއް ނޫނެވެ. ޖާރިޔާ އަންހެނަކަށްޓަކާ ވަޤުތު ނަގާލުމަށްވުރެ މާތްﷲ އަޅުގަނޑާއި ހަވާލު ކުރައްވާފައިވާ މާ މުހިއްމު ވާޖިބްތައް އެބަހުއްޓެވެ.“
”އަޅުގަނޑު ކަންބޮޑުވެގެން މިއުޅެނީ އަންހެންކުއްޖާ ގެއްލިގެނެއް ނޫނެވެ.“ ޚަލީފާ ވިދާޅުވިއެވެ. ”އަޅުގަނޑު ކަންބޮޑުވާން ޖެހޭ ކަމަކީ އެގޮތަށް އަންހެން ކުދީން ގެއްލެން ވެއްޖެނަމަ ޤާނޫނުގެ މަޤްސަދު ގެއްލިދާނެތީއެވެ.“
”އަޅުގަނޑު ކަންބޮޑުވަނީ އަދި ތިޔަކަމަކާވެސް ނޫނެވެ. އަޅުގަނޑު އެންމެ ކަންބޮޑުވަނީ އިސްލާމީ ވެރިކަމުން ވައްކަން ކުރެވެމުން ދާތީއެވެ.“ ސުލްޠާން ވިދާޅުވިއެވެ. ”މަނިކުފާނު މާބޮޑަށް ފިކުރުފުޅު ނުކުރައްވާށެވެ. ކޮންމެތަނެއްގައިއިން ނަމަވެސް އަޅުގަނޑުގެ ޖާސޫސުންގޮސް މަނިކުފާނުގެ ޖާރިޔާ ހޯދައިގެން ގެންނަވާނެވެ.“
”ޞަލާޙުއްދީން އައްޔޫބީއެވެ.“ ސުލްޠާން އައްޔޫބީގެ އަތްޕުޅުގައި ހިތްޕަވައިގެން ކުޑަކޮށް އެއްފަރާތަކަށް ޖެހިވަޑައިގަންނަވަމުން ޚަލީފާ ވިދާޅުވިއެވެ. ”މަނިކުފާނު ހިސާބަކަށް އަޅުގަނޑާއި ރުހިވަޑައި ނުގެންފާ ހުންނަވަނިކޮށް ފެންނަތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އަޅުގަނޑު ނަޖްމުއްދީން އައްޔޫބީ (ސުލްޠާން އައްޔޫބީ އައްޔޫބީގެ މުހްތަރިމް ބައްޕާފުޅު)އަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރަމެވެ. ނަމަވެސް މަނިކުފާނުގެ ހިތްޕުޅުގާ އަޅުގަނޑުގެ މައްޗަށް ކުޑަވެސް އިހްތިރާމެއް ނެތެވެ. މިއަދުގެ ހުކުރު ޚުތުބާގައި އަޅުގަނޑުގެ ނަން ނުކިއުމުގެ ކުށް ޖާމިޢު މިސްކިތުގެ ޚަތީބު އަމީރުލްޢާލިމް ކޮށްފިކަން އަޅުގަނޑަށް އެގިފާ އެބައޮތެވެ. ވީމާ އޭނާ އެކުރި ކުށުގެ ސަޒާ ދެވިދާނޭ ކަމުގައި ރަޖަބުވެސް ބުންޏެވެ. ޞަލާޙުއްދީނެވެ. އޭނާއަށް އަދަބުދިނުމުގެ ކުރިން އޭނާއެކަން ކުރީ މަނިކުފާނު އަންގައިގެންތޯ އޮޅުން ފިލިވާލަން އަޅުގަނޑު ބޭނުމެވެ.“
”އޭނާ އެކަންކުރީ އަޅުގަނޑު އަންގައިގެނެއް ނޫނެވެ. އަޅުގަނޑުގެ އަމުރަށެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”ހުކުރު ޚުތުބާއިން ކަޑާލެވުނީ ހަމައެކަނި މަނިކުފާނުގެ ނަންފުޅެއްނޫނެވެ. މަނިކުފާނުގެ ފަހުންވަޑައިގަންނަވާ ޚަލީފާއިންނާއި އޭގެފަހުން ވަޑައިގަންނަވާ ޚަލީފާއިންގެ ނަންފުޅުވެސް ދެނެއް ހުކުރު ޚުތުބާއަކު ނުއިވޭނެއެވެ.
”ތިޔައީ ފާތިމީ ޚިލާފަތުގެ ބާރު ދެރަކުރެއްވުމަށްޓަކާ މަނިކުފާނު ކުރެއްވި ކަމެއްތޯއެވެ؟“ ޚަލީފާ ވިދާޅުވިއެވެ. ”މިސުރަށް އައްޔާޝީ ޚިލާފަތެއް ގެންނަވަން އުޅުއްވަނީކަމާއިމެދު އަޅުގަނޑަށް ޝައްކުވެއެވެ.“
”މިހާރު މަނިކުފާނު މާބޮޑަށް މުސްކުޅިފުޅުވެ ވަޑައިގެންފިއެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”ޤުރްއާނުގައި ރާ ޚަރާމް ކުރައްވާފައިވަނީ އެބުއިމުން އިންސާނުންގެ ސިކުނޑި ހަމައިން ނެއްޓިގެން ދާތީއެވެ.“ ކުޑަކޮށް ވިސްނާވަޑައި ގެންނެވުމަށްޓަކާ ސުލްޠާން އައްޔޫބީ މަޑުކޮށްލެއްވިއެވެ. ”މާދަމާއިން ފެށިގެން މަނިކުފާނުގެ ބޮޑީ ގާޑުންގެ ލަޝްކަރަށް ބަދަލެއް ގެނައުމަށް އަޅުގަނޑު ގަސްދު ކުރަމެވެ. ރަޖަބު ގެންގޮސްފައި އެ ލަޝްކަރަށް އައުކޮމާންޑަރަކު އިސްކުރަންވެސް ގަސްދު ކުރަމެވެ.“
ނަމަވެސް އަޅުގަނޑުގެ ގާތުގައި ރަޖަބު ބެހައްޓަން އަޅުގަނޑު ބޭނުމެވެ.“ ޚަލީފާ ވިދާޅުވިއެވެ.
”ލަޝްކަރާއި ބެހޭ މައްސަލަތަކުގެ ތެރެއަށް ވެދެވަޑައިނުގެންނެވުމަށް މަނިކުފާނުގެ އަރިއަހުގައި އަޅުގަނޑު ދަންނަވަމެވެ.“ މިހެން ވިދާޅުވެފާ ދާދިދެންމެއަކު ހަބުޝީ ބޮޑީގާރޑުންގެ ފަސްމީހުންގޮވައިގެން ވަޑައިގެން ހުއްޓިވަޑައިގެންނެވި ޢަލީ ބިން ސުފިޔާން އާއި ދިމާއަށް ސުލްޠާން އައްޔޫބީގެ ސަމާލުކަން ހުއްޓަވާލެއްވިއެވެ.
”މިފަސްމީހުންނަކީވެސް އެ ޤަބީލާގެ މީހުންނެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. – ”އަޅުގަނޑުގޮސް ޝަރުތެއްކޮށްފައި އެ ޤަބީލާގެ މީހަކު ހުރިއްޔާ އެއްފަރާތަށް ޖެހުމަށް އަމުރުކުރީމެވެ. އެ ވަޤުތު މިފަސްމީހުން އެއްފަރާތަށް އެރުމުން މިފަސް މީހުންވެސް ޗުއްޓީއަށް ދާން އުޅޭ ކަމުގައި މިމީހުންގެ ކޮމާންޑަރު އަޅުގަނޑުގެ ގާތުގައި ބުންޏެވެ. އެގޮތުން މިމީހުން ފުރަނީ މާދަމާނޫން އަނެއް ދުވަހުން ކަމުގައިވެސް ކޮމާންޑަރު ބުންޏެވެ. – އެއަޑު އިވުމުން ހަރަމުން ގެއްލުނު އަންހެންކުއްޖާ ވަގަށް ނެގުމުގެ މައްސަލާގައި ތުހުމަތު ކުރެވެތީ ގެންދަނީކަމުގާ ބުނެފާ މިމީހުން ގޮވައިގެން އައީއެވެ.“ ޢަލީ މިހާތަނަށް ވާހަކަފުޅު ދައްކަވާފައި ހުއްޓާލެއްވުމުން ސުލްޠާން އައްޔޫބީ ރަޖަބަށް ވިދާޅުވެ އަރިއަހަށް ގެންނަވާފައި ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ.
”ރަޖަބެވެ. ބަރުއުފުލާ ލަޝްކަރުގެ ވެރިއަކަށް ރަޖަބަށް ދިނުމަށް އަހުރެން ޤަސްދުކޮށްފީމެވެ.“ އެމަނިކުފާނު އެހެން ވިދާޅުވުމުން ރަޖަބުގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ.
******