އަލްޙަމްރާގެ ބެލްކަނީގައި ފަރި ހިނިތުންވުމަކާއެކު ބަގީޗާއާ ދިމާއަށް ބަލަހައްޓައިގެން ފައުޒިއްޔާ ހުއްޓެވެ. ކޮންމެވެސްކަމަކު އޭނާ އެހެންލައިގެން ދަނިކޮށް، ބޭއިޚްތިޔާރުގައި ބަގީޗާއާ ދިމާއަށް ބަލާލެވުނު ގޮތަކުން އޭނާއަށް ހުއްޓެވުނީއެވެ.
އެއީ ދުވާލުގެ މެންދުރުގެފަހުގެ ވަގުތެކެވެ. ގަސްތަކުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން ވިނަގަނޑުގެ މައްޗަށް އެޅިފައިވާ ކޮކާ އަވިކޮޅުތައް ފެންނަނީ، ފެހިކުލައިގެ މަޚްމާ ފޮތިގަނޑެއްގައި ރަންކުލައިގެ ކަސަބު ބާދަލާއިން ކޮށްފައިވާ ޖަރީތަކެއްގެ ސިފައިގައެވެ. އަސުރަށް ފޮޅޭ ކުލަކުލައިގެ މާގަސްތަކާއި، ފަތިހު ފޮޅިފައިވާ ވަސްމީރު މާމެލާމެލީގެ ނަލަކަމުގެ ތެރެއިން އުތުރިގެންއަރާ ފެންއަރުވާ ވަޑާންތަކުގެ މިޔުޒިކް ވައިރޯޅިއާ އެކުވެގެން ފަޒާގެ ތެރެއަށް އަރައިގެންދާއިރު، ދެކޭމީހުންގެ ހިތްތައް އުފަލުން ފުރިގެންދާހާވެއެވެ. ނަމަވެސް، ފައުޒިއްޔާގެ ސަމާލުކަން ދަމައިގަތީ، ސުވަރުގޭގެ ނަމޫނާއެއްފަދަ އެ ރީތި ބޮޑު ބަގީޗާގެ ހިތްގައިމު މަންޒަރުތަކުގެ ތެރެއިން މަންޒަރެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ ފިޔަވަޅުތައް ހުއްޓުވާލަން މަޖުބޫރުކުރުވީ، އަތާއަތް ގުޅާލައިގެން ގަސްތަކުގެ ތެރޭގައި ހިނގަމުންއެދާ ޒުވާން އަންހެންކުއްޖާއާއި ފިރިހެންކުއްޖާއެވެ. އެހާދުރުންވެސް އޭނާއަށް ރީޙާން ވަކިކުރަން އެނގިއްޖެއެވެ. ދާދިދެންމެއަކާ ޖެހެންދެން ހަމަ އެ ބްރައުންކުލައިގެ ހެދުމުގައި، ޝާހީ ރަސްދަރިކަލެއް ފަދައިން އޭނާގެ ކައިރީގައި ވާހަކަދައްކަން ރީޙާން އިނެވެ. އެހާފަސޭހައިން ރީޙާން ދެނެގަންނަން އެނގުނު ސަބަބަކީ އެއީއެވެ. ނަމަވެސް، ދެންހުރި އަންހެންކުއްޖާއެއް މާރަނގަޅަކަށް އޭނާއަކަށް ނޭނގުނެވެ. ވީމާ، ރީޙާނުގެ އެހާކައިރީގައި ހުންނާނީ ސަމީރާ ކަމުގައި އޭނާ ޔަގީންކުރިއެވެ. ކޮންމެއަކަސް އޭނާ އެތަނުގައި ބަލަންހުއްޓާ، އަންހެންކުއްޖާ ރީޙާނުގެ އަތް ފޮޅުވާލާފައި ދުއްވައިގެންފިއެވެ. އޭނާ އަތުލުމަށްޓަކައި ރީޙާންވެސް ދުއްވައިގެންފިއެވެ. ޒުވާން ދެކުދިންގެ އެ މަޖާ ކުޅިވަރަކީ، ވަރަށް ހިތްގައިމު ކުޅިވަރެއް ކަމުގައި ފައުޒިއްޔާއަށް އިޙްސާސް ކުރެވުނެވެ. ދެންވެސް އޭނާ ބަލަހައްޓައިގެން ހުއްޓާ، ރީޙާން ދުވެފައިގޮސް އަންހެންކުއްޖާގެ ގައިގައި ހިފެހެއްޓުމަށްޓަކައި އަތް ހޫރާލައިފިއެވެ. އަންހެންކުއްޖާގެ ކޮނޑުމަތީގައި ވަޔާ ވިހުރުވި ވިހުރުވި އޮތް ދޯޕައްޓާގައި ހިފާފައި ދަމައިގެންފިއެވެ. ކުއްލިއަކަށް ފައުޒިއްޔާއަށް ހީގަނެވިއްޖެއެވެ.
[މަންމާއެވެ.] ފައުޒިއްޔާގެ މުޅި ސަމާލުކަން ރީޙާންމެންނާ ދިމާއަށް ހުއްޓިފައި ވަނިކޮށް، ސަމީރާގެ އަޑު އިވިގެން ވަރަށް ބޮޑަށް ސިހުނެވެ. އަދި ޔަގީންކަމެއްނެތް ގޮތެއްގައި އެނބުރި ބަލައިލިއެވެ.
[ކަލޭ…. ކަލޭ….] އާގަންނަ މީހަކު ފަދައިން، މިހެން ބުނަމުން ބެލްކަނީގެ ޗެންޗޭނުގައި ހިފަހައްޓާފައި ފައުޒިއްޔާ ގުދުވެލިއެވެ. އަދި ވަރަށް ރަނގަޅަށް ބަގީޗާގެ ތެރެއަށް ބަލައިލިއެވެ. މިހާރު އަންހެންކުއްޖާގެ ދޯޕައްޓާ އޮތީ ރީޙާނުގެ އަތަށް އޮޅާލާފައެވެ. އަންހެންކުއްޖާ ހުރީ އަނެއްފަރާތުން ގަހުގައި ލެނގިލައިގެންނެވެ. ވީމާ، ފައުޒިއްޔާއަށް ފެންނަވަރުވީ ހަމައެކަނި އަންހެންކުއްޖާގެ ކަނާއަތުގެ ތަންކޮޅެކެވެ.
[މަންމައަށް މާމަ އެބަގޮވާލައްވައެވެ. ސަމީރާ މަޑުމަޑުން ބުންޏެވެ.
[މިހުރިހާއިރު ދަރިފުޅު އުޅުނީ ކޮންތަނެއްގައި ހެއްޔެވެ؟] ކަޅިޖަހާނުލައި ސަމީރާގެ މޫނަށް ބަލަހައްޓައިގެންހުރެ ފައުޒިއްޔާ ސުވާލު ކޮށްލިއެވެ.
[މާމަގެ ކައިރީގައެވެ.]
[އަހަރެން ހީކުރީ، ރީޙާނާ އެކުގައި ބަގީޗާގައި އެއުޅެނީ ދަރިފުޅު ކަމަށެވެ.] ސަމީރާ ވަކި ޖަވާބެއްނުދީ، ހިތާމަވެރި ނަޒަރަކުން ފައުޒިއްޔާއާ ދިމާއަށް ބަލައިލިއެވެ. [އެއީ ކާކުހެއްޔެވެ؟] ފައުޒިއްޔާ ސުވާލު ކޮށްލިއެވެ.
[ކޮންތަނެއްގައި ހެއްޔެވެ.]
[އެހެރީއެވެ.] ބަގީޗާއާ ދިމާއަށް ފައުޒިއްޔާ އަތް ދިއްކޮށްލިއެވެ. [ރީޙާންގެ ކައިރީގައި އެހެރީއެވެ.]
ސަމީރާ ގުދުވެފައި ބަލައިލިއެވެ. ބަގީޗާގެ ތެރޭގައިހުރި ބޮޑު ގަހެއްގެ ކައިރީގައި، އެއްއަތުގައި ދޯޕައްޓާއެއް އޮޅާލައިގެން، އަނެއް އަތުން ގަހުގައި ހިފަހައްޓާލައިގެން ގަހާ ދިމާއަށް ކުޑަކޮށް ގުދުވެލައިގެން ރީޙާން ހުއްޓެވެ. އެ މަންޒަރު ފެނުމުން، ސަމީރާގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ.
[އެއީ ކާކުހެއްޔެވެ؟] އަނެއްކާވެސް ފައުޒިއްޔާ ސުވާލު ކޮށްލިއެވެ.
[އެއީ ޞާޢިޤާ ފިޔަވައި އެހެން ކާކުހެއްޔެވެ؟] ސަމީރާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ.
[ޞާޢިޤާ؟!!] ފައުޒިއްޔާގެ ކަންފަތަށް އެއިވުނު އަޑެއްގެ ސަބަބުން އޭނާ މުޅިން ގަނޑުވެއްޖެއެވެ. އޭނާ އަދިވެސް އެއްފަހަރު ސަމީރާ ކުރެން އަހައިގެން ރަނގަޅަށް އޮޅުންފިލުވުމަށްޓަކައި އެފަރާތަށް އެނބުރިލިއިރު، ސަމީރާ އޭނާގެ ދޯޕައްޓާއިން ކަރުނަތައް ފޮހެން ހުއްޓެވެ.
[ކުޑަ ބޭގަމް ސާހިބާއެވެ.] ކަނީޒު އަންހެންމީހާގެ އަޑުން ފައުޒިއްޔާގެ ހައިރާންކަމާއި ހިތްދަތިކަން ފޫދުއްވާލިއެވެ.
[ވީކީއްހެއްޔެވެ؟]
[ބޮޑު ބޭގަމް ސާހިބާ އެބަގޮވާލައްވައެވެ.]
[އަޑު އިވިއްޖެއެވެ. ދެންމެގައި މިތަނުގައި އަހަރެންގެ ކައިރީގައި ހުރި ސަމީރާ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟] ސަމީރާ އެތަނުގައި ނެތްކަން އެނގުމުން، ފައުޒިއްޔާ ކަންބޮޑުވިއެވެ.
[އޭނާގެ ކޮޓަރިއާ ދިމާއަށް ދުރުވަނިކޮށް ދުށީމެވެ.] ކަނީޒު އަންހެންމީހާ އެނބުރި ދިއުމަށް ހިނގައިގަންނަމުން ބުންޏެވެ.
[ކުޑައިރުކޮޅެއްގެ ފަހުން އަހަރެން އެބަދާކަމުގައި ބޮޑުދައިތައަށް ނަންގަންނާށެވެ.]
ފައުޒިއްޔާ އެތަނުގައި ހުރެގެން ކުޑަކޮށް ވިސްނާލިއެވެ. ސަމީރާގެ މޫނުމަތިން ފެންނަންހުރި ހިތާމަވެރި އަސަރުތަކާއި، ލޮލުން ފޭބި ކަރުނަ، އެކުއްޖާގެ ނާކާމިޔާބުގެ ވާހަކަތައް ފައުޒިއްޔާއަށް ކިޔައިދީފިއެވެ. އެއީ އޭނާގެ އިން ހަމައެންމެ އަންހެން ދަރިފުޅެވެ. ވީމާ، އެ ދަރިފުޅުގެ ހިތާމަވެރި ޙާލަށްޓަކައި އޭނާގެ ހިތް ކުދިކުދިނުވެ އޮންނާނެ ހެއްޔެވެ؟ ރީޙާނަކީ އެންމެ ޅައުމުރުން ފެށިގެން ސަމީރާގެ ހިތާއި ފުރާނައިން ލޯބިވޭވެހުރި ލޯބިވެރިޔާއެވެ. ނަމަވެސް، މިހާރު އެ ޒަމާންވީ ލޯބީގެ ތެރެއަށް ފައިދާވެގެން އެއުޅެނީ ކޮން މުސީބާތެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް ނުވިސްނުނެވެ. އޮޅުންފިލުވުމުގެ ގޮތުން ސަމީރާއާ ސުވާލުކުރަން އޭނާ ބޭނުމެވެ.
ފައުޒިއްޔާ ވިސްނާލާފައި ސަމީރާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާ ދެފައިކުރިއަށް ބާރުލާފައިގޮސް ސަމީރާގެ ކޮޓަރިއަށް ވަންއިރު، ސަމީރާ އެނދުގައި ރޯންއޮތެވެ. އޭނާގެ ޙާލު ފެނުމުން ފައުޒިއްޔާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އޭގެ އެތަކެއް އަހަރު ކުރިން ފައުޒިއްޔާއަށްވެސް ހަމަ އެ ޙާލު ޖެހުނެވެ. އެގޮތަށް ތެޅިފޮޅެން މަޖުބޫރުވިއެވެ. ޠާހިރާއި ނާޖީގެ ކުލަ ބައްދަލުވުންތަކުގެ ޚަބަރު ލިބުނު ވަގުތު، ގިސްލާފައި ރޯންޖެހުނެވެ. އޭނާ ކަރުނައިން ފުރިފައިވާ ދެލޮލުން ސަމީރާއާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ނާކާމިޔާބުގެ އަލިފާނުން ފިހެމުން އެދަނީ، ސަމީރާ ފިޔަވައި ޚުދު އޭނާ ކަމުގައި ފައުޒިއްޔާއަށް އިޙްސާސް ކުރެވުނެވެ. ތާރީޚު އަނބުރާ އިޢާދަވީހެއްޔެވެ؟ އޭނާގެ ސިކުނޑީގައި ސުވާލު އުފެދުނެވެ. އެއީ ނާޖީގެ އަބަދީ ބަދަލުހިފުމުގެ އާ ސިފައެއް ހެއްޔެވެ؟ ލޯބީގެ ރޮނގުގައި އޭނާ ބަލިކޮށްލި ފަދައިން، ނާޖީގެ ނާލާއިޤު އަންހެން ދަރި އެއުޅެނީ އޭނާގެ ސަމީރާއަށް ގޮންޖަހައި ބަލިކޮށްލަން ހެއްޔެވެ؟ ޚިޔާލީ އުޑީގެ ދެކިބަ ދޭތެރޭގައި ފައުޒިއްޔާގެ ހިތް ޗިސްޗިސްވަމުން ދިޔައެވެ. ފައުޒިއްޔާ ހާސްވެގެން ތެޅިގެންފައިގޮސް ސަމީރާގެ މަގަތުން އިށީނދެއްޖެއެވެ. މަޑުމަޑުން ފިރުމަމުން ނަސޭހަތްދޭން ފަށައިފިއެވެ. އަލްޙަމްރާގެ އާއިލާ ދެމިއޮތްހާ ހިނދަކު، ކާމިޔާބުއޮތީ ނާޖީއާ އެއްކޮޅަށް ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށްވެސް އެހެންވެގެން ނުވާނެއެވެ. ނާޖީގެ ސަބަބުން މަރްޙޫމް ވެގެންދިޔަ ލޯބީގެ ބަދަލުވެސް، ނާޖީގެ އަންހެންދަރީގެ ކިބައިން އޭނާ ހިފާނެއެވެ. ދުނިޔޭގެ ހުރިހާ އުފާތަކަކުން ސަމީރާގެ ދާވަނި ފުރާލަދޭނެއެވެ. ފައުޒިއްޔާ ވިސްނަމުން ގެންދިޔައެވެ. ޞާޢިޤާގެ މޫސުމްބަހާރުގެ އުފާތައް، ހިޒާނުގެ އަނަރޫފަކަމަށް ބަދަލުކޮށްލާނެއެވެ. ފައުޒިއްޔާ އޭނާގެ ދަރިފުޅަށް ވިސްނައިދެމުން، ހިތާހިތުން ރޭވުންތައް ރާވަމުން ގެންދިޔައެވެ.
އެރޭ ފައުޒިއްޔާ އެއްގޮތަކަށްވެސް ނުނިދައެވެ. މާޒީގެ ފުސްކަމުގެ ތެރެއަށް ގެއްލިފައިވާ އޭނާގެ ނާކާމިޔާބުގެ ހިތިކަން، ސަމީރާގެ ކަރުނައިން ދޮވެވިއްޖެއެވެ. އެ ހިތި ހަނދާންތައް، އެއްވެސް ހުރަހެއްނެތި އޭނާގެ ކުރިމަތީގައި އެނބުރެމުން ދާންފަށައިފިއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ނާޖީގެ ކާމިޔާބީގެ ހިނިތުންވުމުން ފުރިފައިވާ މޫނު ފިޔަވައި އެހެން އެއްވެސް އެއްޗެއް އޭނާއަކަށް ނުފެނެއެވެ. ނާޖީގެ ވިހަ ހުނުމުގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް އޭނާއަކަށް ނުއިވެއެވެ. އޭނާގެ އަމިއްލަ ނާކާމިޔާބުގެ ވޭނަށް އޭނާ ކެތްކުރިއެވެ. ނަމަވެސް، ދަރިފުޅުގެ އުންމީދުތަކުގެ ޖަނާޒާ ގެންދާތަން ދުށުމުގެ ހިތްވަރެއް، އޭނާގެ ކިބަޔަކު ނެތެވެ. ވީމާ، އޭނާ ޢަޒުމް ކަނޑައެޅިއެވެ. ނާޖީގެ ސުންޕާ ދަރީގެ ކިބައިން އޭނާ ބަދަލުހިފާނެއެވެ. ފުރިހަމައަށް ބަދަލުހިފާނެއެވެ. ޞާޢިޤާގެ ހުވަފެންތައް ބުރުއްސާލާނެއެވެ. ޞާޢިޤާގެ އުންމީދުތައް ޗިސްޗިސް ކޮށްލާނެއެވެ. އެ މައްސަލައިގައި ލެއިން ފެންކުޅި ކުޅެންޖެހުނަސް، އޭނާ ފަހެއް ނުޖެހޭނެއެވެ. މުޅި އަލްޙަމްރާ ބަރުބާދުކޮށްލަން ޖެހުނަސް، އޭނާ ކެރިގެން ކުރިމަތިލާނެއެވެ. މިގޮތަށް ނިންމުމުން، ހިސާބަކަށް އޭނާގެ ހިތްހަމަ ޖެހިލައިފިއެވެ.