ޒަޚަމް – ޗެޕްޓަރ 39

ބަހާރުގެ ފިނި ރޯޅިތައް ނަށަމުން، ލަވަކިޔަމުންގޮސް، ޞާޢިޤާގެ ނިދާކޮޓަރީގެ ފަރުދާތަކާ ކުޅެން ފަށައިފިއެވެ. ހީވެސްނުކުރާފަދަ ގޮތެއްގައި ޞާޢިޤާގެ ޙަޔާތް އެނބުރިލައިފިއެވެ. ކުއްލިއަކަށް، އަބާއްޖަވެރިކަން އޭނާގެ ނަސީބާ ވަކިވެއްޖެއެވެ. ހާއުފާވެރިކަމުގެ މާތައް ފޮޅިއްޖެއެވެ. ހެޔޮ ނަސީބުގެ ގަޑިތައް ފެށިއްޖެއެވެ. މާމަގެ ލޯތްބާއި ހިޔާވަހިކަން ލިބިއްޖެއެވެ. ހިތުގެ ވިންދުތަކުގައި އުފާވެރިކަމުގެ ރާގު އެޅިއްޖެއެވެ. އެ ހާދިސާއަށްފަހުގައި، ޞާޢިޤާ އަދި އާޔާއަކާ ބައްދަލެއް ނުވެއެވެ. އެއީ އޭނާގެ ހިތާމައިގެ ބައިވެރިޔާއެވެ. އޭނާގެ ޒަޚަމްވެފައި އޮތް ހިތަށް، ޙަޤީޤީ ފަރުވާއެއް ދިން މީހާއެވެ.

[އާޔާއެވެ.] ޞާޢިޤާ ކޮޓަރިއަށް ވަނުމާއެކު، އުފަލުން ފުރިފައިވާ އަޑަކުން ގޮވާލައިފިއެވެ. ކޮޓަރިތެރޭގައި އެނބުރިގެންފައި ބޮކި ދިއްލާލައިފިއެވެ. އެވަގުތު އޭނާ ވަރަށް ބޮޑަށް ސިހުނެވެ. ކޮޓަރިތެރެ އަނދިރިކަމުން ނޭނގުނު ނަމަވެސް، ބޮކި ދިއްލައިލީމާ މިހާރު އޭނާއަށް އެނގިއްޖެއެވެ. އޭނާގެ ކޮޓަރީގައި އިނީ އާޔާއެއް ނޫނެވެ. އެއީ ފައުޒިއްޔާއެވެ. އެހާ ދަންވަރު އޭނާގެ ކޮޓަރިއަށް ފައުޒިއްޔާ އަންނަންވީ ކޮންބޭނުމެއްގައި ހެއްޔެވެ؟ ހައިރާންކަމާއެކު އޭނާ ވިސްނާލިއެވެ. ދެން ނުހަނު ފަރުވާތެރިކަމާއެކު ފައުޒިއްޔާއާ ދިމާއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު، ޞާޢިޤާގެ ހިތް ތެޅިގެންފިއެވެ. ގަތް ބިރުން، ހުރި ފިޔަވަޅުގެ މަތީގައި އޭނާއަށް ހުއްޓެވިއްޖެއެވެ.

[މަޖާނަގައި ނިމިގެން އައީހެއްޔެވެ؟] ނުބައި އަޑަކުން ފައުޒިއްޔާ ބުނެލިއެވެ. އޭނާ ހުރީ ކޮޓަރީގެ ދިމާ މެދުގައެވެ. ދެއަތް ފުރަގަހަށް ލައިގެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަރުކަށިކަމެވެ. ލޮލުން ފެންނަނީ ބިރުވެރިކަމުން ފުރިފައިވާ ވިދުވަރެކެވެ. [މިރޭ ކަލޭ ތިޔަހަރީ ވަރަށް އުފަލުން ހެއްޔެވެ؟ ހަނގުރާމަ ފަތަޙަ ކުރެވުނީކަމަށް ހީކުރަނީހެއްޔެވެ؟ ގޭގެ އެންމެންގެ ހިތް އަތުލައިގަނެވުނީ ކަމުގައި ޔަގީންވަނީ ހެއްޔެވެ؟] ނުރައްކާތެރި ގޮތަކަށް ފައުޒިއްޔާ ހީލައިފިއެވެ. [ކަލެއަށް އެނގޭހެއްޔެވެ؟ ސަމީރާއާއި ރީޙާނުގެ ކައިވެންޏަކީ ނިމިފައިވާ ކައިވެންޏެކެވެ….] އޭނާ ކުރާ ސުވާލުތަކަށް ދޭނެ ޖަވާބެއް ޞާޢިޤާއަކަށް ނުވިސްނެއެވެ. ދެލޯ ބޮޑުކޮށްގެން ފައުޒިއްޔާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު، ބިރުންގޮސް ޞާޢިޤާގެ ހިތް ތެޅިތެޅި އޮތެވެ. [އަހަރެން މިބުނާ އެއްޗެއް ކަލެއަށް އެނގިފައި ނެތްނަމަ، އަޑުއަހާށެވެ. ރީޙާނުގެ ކައިވެނި ކުރަނީނަމަ ކުރެވޭނީ ހަމައެކަނި ސަމީރާއާއެވެ. އަހަރެންގެ ދަރިފުޅުގެ ހިތުގެ އުފާތަކަކީ، ހަމައެކަނި ރީޙާނެވެ. ނަމަވެސް މިހާރު ކަލޭގެ ސުންޕާކަން، އެދޭތެރެއަށް ހުރަސް އެޅުމުގެ ސަބަބުން، ހުރިހާކަމެއް އެކޮޅުކޮޅުން ޖެހިއްޖެއެވެ. މިރޭގެ ހާދިސާގެ ސަބަބުން، އަހަރެންގެ ދަރިފުޅުގެ ޙަޔާތުގައި ނާކާމިޔާބުގެ އަބަދީ ސިއްކައެއް ޖެހިއްޖެއެވެ. މީގެ ވިހި އެކާވީސް އަހަރުގެ ކުރިންވެސް ހަމަ މިކަހަލަ ހާދިސާއެއް ހިނގިއެވެ. ކަލޭގެ އަމާ، އަހަރެންގެ ޙަޔާތުގެ ހުރިހާ އުފާތަކެއް ލޫޓުވާލިއެވެ. އަނެއްކާ މިހާރު ހަމަ އެ ހާދިސާ، ކަލޭ ތިޔަ ތަކުރާރު ކުރަނީއެވެ. ނަމަވެސް، އެހެންވިޔަކަ ނުދޭނަމެވެ.] ހޮނު ގުގުރިއެއް ފަދައިން މުޅި ކޮޓަރިތެރޭގައި ފައުޒިއްޔާގެ އަޑު ގުގުމަމުން ދިޔައެވެ. [ކަލޭ އުފާކުރަމުންދާއިރު، އަހަރެންގެ އަންހެން ދަރިފުޅު، ކަށި ޖަންގައްޔެއްގައި ލޭއޮހޮރުވަމުންދާތަން ދުށުމަކީ، ފުރާނަ ހުރިހާ ހިނދަކު އަހަރެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ހަމަތެދެކެވެ. މޫސުމްބަހާރުގެ އުފާތަކުން އަހަރެންގެ ދަރިފުޅުގެ ދާވަނި ފުރާލަދީފައިނޫނީ އަހަރެން ހަމަނޭވާއެއް ނުލާނަމެވެ. ކަލެއަށްޖެހޭނީ، އަހަރެންގެ ދަރިފުޅުގެ މަގުން އެއްކިބާވާށެވެ. އާއެކެވެ. ހަމަމިހާރު އެއްކިބާވާށެވެ. އެހެންނޫނީ، ހިތި ހިތާމަތައް ތަޖުރިބާ ކުރެވިފައިވާ މައިމީހާ، އޭނާގެ މޭގެ އެތިކޮޅުގެ އުފާތަކަށްޓަކައި، ކިތަންމެ ނުރައްކާތެރި ފިޔަވަޅެއްވެސް އަޅާފާނެއެވެ.] ފައުޒިއްޔާ ކުރިއަށް ޖެހިލައިފިއެވެ. [ސަމީރާއާއި ރީޙާނުގެ މަގުން އެއްކިބާވުމަށް ހަމަ މިހާރު ވަޢްދުވާށެވެ.]

[ބޮޑުދައިތާއެވެ.] ވޭނުން ފުރިފައިވާ އަޑަކުން ޞާޢިޤާއަށް ބުނެލެވުނީ ހަމަ އެންމެ ޖުމުލައެކެވެ.

[އަހަރެން ބުނާގޮތާ ކަލޭ އެއްބަސްނުވަނީނަމަ، އެހެން ރޮނގެއް ޚިޔާރުކުރަން އަހަރެންނަށް މަޖުބޫރު ވެދާނެއެވެ.]

ކުއްލިއަކަށް ޞާޢިޤާގެ މޫނުމައްޗަށް އަނދިރިވާން ފަށައިފިއެވެ. މާތްކަލާކޯއެވެ. ފައުޒިއްޔާ ބޮޑުދައިތަގެ އަތުގައި އެއޮތީ ފިސްތޯލައެކެވެ. އޭގެކުރި ވަނީ ޞާޢިޤާއާ ދިމާއަށް އަމާޒު ކުރެވިފައެވެ.

[ފުރާނަދެކެ ލޯބިވަނީވިއްޔާ، އަވަހަށް ވަޢްދުވާށެވެ. އެހެންނޫނީ، ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ކަލޭގެ ކަންތައް ނިންމާލަފާނަމެވެ. އަހަރެންގެ ދަރިފުޅު ނާކާމިޔާބުގެ ހިތާމަތައް އުފުލަމުންދާއިރު، އުފާކޮށް މަޖާނަގާކަށް ކަލެއެއް ނުބައިންދާނަމެވެ. ބުނާށެވެ. ޖަވާބުދޭށެވެ. އެހެންނޫނީ….]

ކުއްލިއަކަށް ވިދުވަރެއްހާ ހަލުވިކޮށް، އައި އަތެއް، ފައުޒިއްޔާއާ ޙަމަލަ ދީފިއެވެ. ޞާޢިޤާއާ ދިމާއަށް އަމާޒުކޮށްފައި އޮތް ފިސްތޯލަ، ދުރަށް ވިއްސާލައިފިއެވެ. ފައުޒިއްޔާއަށް ލިބުނު ކުއްލި ސިހުމުގައި، އަވަސް އަވަހަށް އެނބުރި ބަލައިލިއިރު، އޭނާއާ ޙަމަލަދިންމީހާ، ކައިރީގައި ހުއްޓެވެ. އެއީ ޞާޢިޤާގެ ޑްރެސިންގރޫމުން ނުކުމެގެންއައި އާޔާ ފިޔަވައި ދެވަނަމީހެއް ނޫނެވެ. ކޮންމެއަކަސް އެދޭތެރެއަށް، ގޭގައި ގެންގުޅޭ އާޔާއެއް ވަނުމުން، ފައުޒިއްޔާގެ ގާތަށް މާބޮޑަށް ރުޅިއަތުވެއްޖެއެވެ. އޭނާ ދަތްކުނޑި ވިކާފައި، ފިސްތޯލައާ ދިމާއަށް ފުންމައިގެންފިއެވެ. ނަމަވެސް، އޭނާއަށްވުރެ އަވަހަށް ފިސްތޯލައިގެ މައްޗަށް އާޔާ ވެރިވެގެންފިއެވެ. ދުވެފައިގޮސް ފިސްތޯލަ ނަގައިފިއެވެ. ޞާޢިޤާ ހައިރާންވެ އަންތަރީސްވެގެން، އެ ކުޅިވަރު ބަލަންހުއްޓެވެ. އޭނާގެ ގައިގައި ހިރިލާހާ ވަރުވެސް ނެތެވެ. ހީވަނީ، ކޮންމެވެސް މީހަކު، އޭނާގެ ހަށިގަނޑުގެ ހުރިހާ ލޭ، ދަމައިގެންފައިވާ ހެންނެވެ. އެންމެ ކުޑަމިނުން އެސްފިޔަ ޖަހާލަންވެސް އޭނާ ހަނދާނެއް ނުވިއެވެ.

[ތިޔަ ފިސްތޯލަ އަހަރެންގެ އަތަށް ދޭށެވެ. ނޫންނަމަ….] ފައުޒިއްޔާ އަމުރުވެރި އަޑަކުން ބުންޏެވެ. ނަމަވެސް، ފައުޒިއްޔާގެ އަތަށް ފިސްތޯލަ ދިނުމުގެ ބަދަލުގައި، އޭނާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ. [އާޔާއެވެ. އަހަރެންގެ މަގަށް ހުރަސް ނާޅާށެވެ. ތިޔަގޮތަށް އުޅެންހަދައިގެން، އަހަރެންގެ ބަދަލު ހިފުމުގެ އަލިފާންގަނޑުން ކަލޭވެސް އަންދައި އަޅިއަށް ހަދާލަފާނަމެވެ.] ރުޅިވެރިކަން އިންތިހާއަށް ގޮސްފައިވާ އަޑަކުން ފައުޒިއްޔާ ބުންޏެވެ.

އާޔާ ކުޑައިރުކޮޅެއްވަންދެން ފައުޒިއްޔާއާ ދިމާއަށް ބަލަން ހުއްޓެވެ. އޭރު އޭނާގެ ލޮލުން ރުޅިވެރިކަމުގެ ރަތްކުލަ ފާޅުވޭވެ ހުއްޓެވެ. ނޭވާލާގޮތުން، އޭނާގެ މޭގެ ތެރޭގައި ވަރުގަދަ ޠޫފާނެއް އުފެދިފައިވާކަން އެނގެއެވެ.

ފައުޒިއްޔާ އަނެއްކާވެސް ފިސްތޯލައާ ދިމާއަށް ޖެހިގެންފިއެވެ.

[އަހަރެންނާ ކައިރިނުވާށެވެ. ދުރަށްދާށެވެ.] އާޔާ ކޮއްޕާލިލެއް ބާރުކަމުން، ފައުޒިއްޔާގޮސް މާދުރަށް ޖެހިއްޖެއެވެ.

[އަހަރެމެންގެ މައްސަލަތަކަށް ހުރަސްއަޅަން ކަލެއަކީ ކާކުހެއްޔެވެ؟] ފައުޒިއްޔާ ހަޅޭއްލަވައިގެންފިއެވެ.

[އަހަރެން…. އަހަރެން….] އެންމެ ވަރުގަދަ ޠޫފާން ލައިގަތުމުގެ ވަގުތު ކުޑަތަން ވެއްޖެކަމުގައި ހީވެއެވެ. [އަހަރެންނަކީ ކާކުކަން ކަލެއަށް ބުނެދޭންވީ ހެއްޔެވެ؟ ރަނގަޅަށް އަޑުއަހާށެވެ. އަހަރެންނަކީ، ވިހިއަހަރު ދުވަސް ވަންދެން، ކަލޭގެ މޭގަނޑު ޒަޚަމްކުރަމުންދިޔަ ވިހަ ތީރެވެ. އަހަރެންނަކީ ކަލޭގެ ބަލިވުމުގެ އަސްލެވެ.]

ފައުޒިއްޔާގެ ރުޅިގަނޑު އިންތިހާއަށް ގޮސްފައި ވުމާއެކުވެސް، އާޔާގެ އަނގައިން އެ އިވުނު އަޑެއްގެ ސަބަބުން، އޭނާ ހައިރާން ވެއްޖެއެވެ. ޞާޢިޤާވެސް ވަރަށް ބޮޑަށް ސިހުނެވެ.

[ވިޔާނުވާ އަނގަނުތަޅާށެވެ.] އަނެއްކާވެސް އާޔާގެ އަތުގައި އޮތް ފިސްތޯލަ ޖަހައިގަތުމަށްޓަކައި ފައުޒިއްޔާ ފުންމައިގެންފިއެވެ.

[ދުރުގައި ހުންނާށެވެ. ފައުޒިއްޔާއެވެ. ނޫނީވިއްޔާ، އަހަރެންގެ އަތުގައި މިއޮތް ފިސްތޯލަ، ކަލެއާ ދިމާއަށް އަމާޒުކުރަން މަޖުބޫރު ވެދާނެއެވެ.]

[އާޔާއެވެ. މިހާރު ކަލޭގެ ކަންތައް ތިޔަދަނީ މާބޮޑުވަމުންނެވެ. ދޫ ހިމޭނުން ބާއްވާށެވެ.]

[މިރެއަކު މި ދުލެއް ހިމޭނަކުން ނުބޭއްވޭނެއެވެ. އަހަރެންގެ ދޫ ހިމޭނުން ބޭއްވުމުގެ ދުވަސް ހިނގައްޖެއެވެ. މިހާރު އަހަރެންގެ ޤުރްބާނީގެ މޭވާ ލިބިއްޖެއެވެ. ފައުޒިއްޔާއެވެ….]

[ގޮތްކުޑަ އަންހެނާއެވެ. ތިޔަ ދައްކަނީ ކޮންހާ ވާހަކައެއް ހެއްޔެވެ؟] އާޔާއާ ދިމާއަށް ފައުޒިއްޔާ ފުންމައިގެންފިއެވެ. އެވަގުތު އާޔާ އޭނާ ކޮއްޕާލައިފިއެވެ.

[އާޔާއެވެ.] ފައުޒިއްޔާ ބާރަށް ހަޅޭއްލަވައިގެންފިއެވެ.

[އާޔާއެއް ނޫނެވެ. ނާޖީއޭ ކިޔާށެވެ. ނާޖީއެވެ….] އާޔާގެ މޭގައި ޠޫފާން މަތަކުރުމުގެ ބާރުހުރި ނަމަވެސް، އެހެން ހަދާކަށް އޭނާ ބޭނުމެއް ނޫނެވެ.

ޞާޢިޤާ ދެލޯ ބޮޑުކޮށްގެން އާޔާއާ ދިމާއަށް ބަލަން ހުއްޓެވެ. ފައުޒިއްޔާވެސް އަންތަރީސްވިއެވެ. އެކަމަކު އޭނާގެ ކުރިމަތީގައި އެހެރީ ނާޖީ ކަމުގައި ގަބޫލު ކުރުމަކީ އޭނާގެ ސިކުނޑިއަށް ކުޅަދާނަވާ ވަރަށްވުރެ މާބޮޑު ކަމެކެވެ.

[ބަލާށެވެ. ރަނގަޅަށް ބަލާށެވެ. އަހަރެންނަކީ ކާކުކަން ދެނެގަންނާށެވެ.] ނާޖީ ވާހަކަ ދެއްކި ދެއްކިހެން، ފައުޒިއްޔާއަށް ހީވަނީ، ބިރުވެރި ހުވަފެނެއް ފެންނަމުން ދާހެންނެވެ. [އަހަރެންނަކީ ކާކުކަން ދެނެގަންނަން ކަލެއަށް ކުޅަދާނަވާނީ ކިހިނަކުން ހެއްޔެވެ؟ ކަލޭމެން ހިތުން ތިޔަތިބީ، މީގެ އެތަކެއް އަހަރު ކުރިން އަހަރެން ދުނިޔެއިން ނައްތާލައިގެންނެވެ. ނަމަވެސް، ކަލޭގެ ހިޔަނި ފަދައިން، ކަލޭގެ ގައިގައި ތަތްކޮށްލައިގެން، އަހަރެން ދިރިއިނީމެވެ. އަހަރެންނަކީ ކާކުކަން އަންގައިދޭނެ އެތަކެއް ހެކި، ކަލެއަށް ދައްކަފާނަމެވެ. އަހަރެންގެ ހަށިގަނޑުގައި ކަލޭމެން ލެއްވި އަނިޔާގެ ނިޝާންތައް އަދިވެސް އެބަހުއްޓެވެ. އަހަރެންގެ ދިރިއުޅުން ޖަހަންނަމަކަށް ހެދީ ކަލެއެވެ. އެވަރުންވެސް ނުފުދިގެން މިހާރު ތިޔަ އުޅެނީ އަހަރެންގެ ދަރިފުޅުގެ ދުވަސް ދުއްވާލާށެވެ. އެކަމަކު ހަނދާންކުރާށެވެ. ކަލޭ ކުރަމުން ތިޔަގެންދާ މަސައްކަތުގެ ފުރިހަމަ ޖަވާބު ދިނުމަށްޓަކައި، އަހަރެން އަދި ދުނިޔޭގައި އެބައިނީމެވެ.] އެ އަޑުތައް އިވުނު ނަމަވެސް، މަންމާއޭ ގޮވާލާފައި ދުވެގޮސް އާޔާގެ ގައިގައި އޮޅުލައިގަންނަހާ ހިތްވަރެއް، ޞާޢިޤާގެ ކިބަޔަކު ނެތެވެ. އޭނާގެ އަތްފައި ވަނީ ގަނޑުވެފައެވެ. [ފައުޒިއްޔާއެވެ. އަހަރެންނަކީ، މި ދަރިފުޅު ރައްކާތެރި ކުރުމަށްޓަކައި ލެވިފައިވާ އެކަތައިގެ ޙިޞާރެކެވެ. އިރާދަކުރެއްވީތީ، މިހާރު ޙާލަތު ބަދަލުވެއްޖެއެވެ. މިބުނީ، ޙިޞާރުގެ ބޭނުން ކެނޑިއްޖެއެވެ. ނުލަފާ ޑައިނުއެވެ. އަހަރެންގެ ދިރިއުޅުން ބަރުބާދު ކޮށްގެންވެސް، ކަލޭގެ މޭގަނޑަށް ފިނިކަމެއް ނުލިބުނީހެއްޔެވެ؟ އަހަރެންގެ މައިވަންތަކަމުން ލޭއޮހޮރުވާލަން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ؟]

[ކަލެއަކީ ނާޖީ ހެއްޔެވެ؟] މޮޔައަކު ފަދައިން ނާޖީއާ ދިމާއަށް ފައުޒިއްޔާ ކަޅިއަޅަމުން ގެންދިޔައެވެ.

[ޔަގީން ނުކުރެވެނީވިއްޔާ، ހިތުގެ ޒަޚަމްތަކާ އެކުގައި ޞާޢިޤާގެ އުފަންވުމާ ގުޅިގެން، އަހަރެންގެ ބަނޑުގައިލީ ޒަޚަމްގެ ނިޝާންވެސް ދައްކަފާނަމެވެ. ޞާޢިޤާއަކީ އޮޕަރޭޝަން ކޮށްގެން ނެގި ކުއްޖެއްކަން، ކަލޭމެންނަށްވެސް އެނގޭނެއެވެ. އެ ލަކުނަކީ، ނާޖީކަން ޔަގީންވާނެ ފުރިހަމަ ހެތްކަކަށް ފުދޭނެއެވެ.] މަލާމާތުގެ ހުނުމެއް ހީލާފައި ނާޖީ ބުންޏެވެ.

ނާޖީ އެ ހީލި މަލާމާތުގެ ހުނުމަކީ، ބަޑިބޭހުގައި ޖައްސާލި ހުޅުކޮޅެކޭ އެއްފަދަވިއެވެ. ކުއްލިއަކަށް ފައުޒިއްޔާގެ ސިކުނޑީގެ ބާރު ކެނޑިއްޖެއެވެ. އޭނާގެ ހިއްސުތަކަށް  މޮޔަކަމުގެ އަސަރުތައް ވެރިވެއްޖެއެވެ. މޫނު ރަތްވެ، ދެލޮލުން އަލިފާންކަނި ބުރަން ފަށައިފިއެވެ.

[ކަލެއަކީ ނާޖީ ކަމުގައި ވަނީނަމަ، މިރޭ ޞާޢިޤާއާ އެކުގައި ކަލޭގެ ފުރާނަވެސް ދުއްވާލާނަމެވެ. ތިޔައިގެ ދެ ޑައިނުގެ ލެއިން، އަހަރެންގެ ހިތުގައި ރޯވެފައިވާ ބަދަލުހިފުމުގެ އަލިފާންގަނޑު ނިއްވާލާނަމެވެ. ރަނގަޅަށް ބުނާށެވެ. ކަލެއަކީ ހަމަ ނާޖީހެއްޔެވެ؟ ހަމަ މިހާރު އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަމެވެ. އުތުރިގެން އެރި ޖަޒްބާތުތަކުގެ ފޯރީގައި، ދުނިޔެއިން މޮޔަވެފައިހުރި މީހަކު ފަދައިން، ނާޖީއާ ދިމާއަށް ފައުޒިއްޔާ ޖެހިގެންފިއެވެ. އަދި ނާޖީގެ އަތުގައި އޮތް ފިސްތޯލަ އަތުލަން މަސައްކަތް ކުރަން ފަށައިފިއެވެ. ހިނދެއް ހިނދަކަށް އޭނާގެ ނުރައްކާތެރިކަން ބޮޑުވަމުންދާން ފަށައިފިއެވެ. އެހެންކަމުން، ނާޖީވެސް އޭނާގެ ގައިގައިހުރި ހުރިހާ ބާރަކާ އެކުގައި ދިފާޢު ކުރަމުން ގެންދަން ފަށައިފިއެވެ.

މިހިފާ އޮޅުލުންގަނޑުގެ ތެރޭގައި، ފައުޒިއްޔާގެ އަތް، ފިސްތޯލައިގެ ޓްރެގަރުގައި ޖެހިއްޖެއެވެ. ކުއްލިއަކަށް ޓްރެގަރަށް އޮބާލައިފިއެވެ. ފުރިފައިއޮތް ފިސްތޯލައިން އެއް ވަޒަން ނުކުމެގެން ހިނގައްޖެއެވެ. ވަޒަން ނުކުމެގެންދިޔަ އަޑުފަށްގަނޑާއެކު، މުޅި ކޮޓަރި ގުގުމައިގެން ހިނގައްޖެއެވެ. އެ ގަދަ އަޑުފަށްގަނޑުގެ ތެރެއަށް ނިސްވާނީ ހަޅޭކެއްގެ އަޑު އޮބިގެން ހިނގައްޖެއެވެ.

ފިސްތޯލައިގެ އަޑު އިވިގެން، އަލްޙަމްރާގައި ނިދާފައިތިބި މީހުންނަށް ހޭލެވިއްޖެއެވެ. ތަންމަތި ދޫކޮށްފައި ތެދުވެގެން އެންމެން އެއްފަހަރާ ބޮޑުފެންޑާއަށް ނުކުމެއްޖެއެވެ.

ދެވަނަފަހަރަށް ފިސްތޯލައިގެ އަޑު އިވުމާއެކުގައި، ބިރުން ވިރިވިރިތިބި ޙާލުގައި، އަޑުއައި ދިމާއަށް އެންމެން ދުއްވައިގެންފިއެވެ. އެންމެ ފުރަތަމަ ޞާޢިޤާގެ ކޮޓަރިއަށް ވަނީ ރީޙާނެވެ. އޭނާއަށް ކޮޓަރިތެރޭގެ ބިރުވެރި މަންޒަރު ފެނުމުން، ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ޞާޢިޤާ ދޮރުކައިރީގައި ޚަބަރު ހުސްވެފައި އޮތެވެ. ފައުޒިއްޔާއާއި އާޔާ، ބަނޑުމުސާރައަށް ބައްދާފައި ތިބިއިރު، އެއިން ކޮންމެ މީހަކުވެސް ފިސްތޯލައިގެ މައްޗަށް ވެރިވެގަތުމަށްޓަކައި މަސައްކަތް ކުރަމުން ގެންދެއެވެ.

[ކަލެއަކީ ނާޖީ ކަމުގައި ވަނީނަމަ، އަހަރެން ކަލޭ މަރާލާނަމެވެ. މަރާލާނަމެވެ.] ފައުޒިއްޔާ އަޑުގެކޮޅަށް ހަޅޭއްލަވަމުން ގެންދެއެވެ.

ކުޑަހިނދުކޮޅެއްގެ ތެރޭގައި، އަލްޙަމްރާގެ ހުރިހާ ފަރުދުން، ޞާޢިޤާގެ ކޮޓަރިއަށްވަދެ ތޮއްޖެހިއްޖެއެވެ. އަޒްހަރު ބަލާކަށް ނުހުރެ، ދުވެފައިގޮސް ފައުޒިއްޔާއާއި އާޔާ ދުރުކޮށްފިއެވެ. ނަމަވެސް، ބަދަލުހިފުމުގެ ޖޯޝުގައި މޮޔަވެފައިހުރި ފައުޒިއްޔާ ހިފަހައްޓާލާހާ ބާރެއް، އެވަގުތު އަޒްހަރުގެ މުލައްދަނޑީގައި ހުރިކަމަކަށް ނުވިއެވެ. އޭނާ ފުންމަފުންމައިގެންގޮސް ނާޖީގެ ކައިރިއަށް ޖެހިގަނެއެވެ. ހީވަނީ، ރޯގިލިކަންފުޅެއް ލިބިފައިނުވާ ސިންގާއެއް ހެންނެވެ. ކަށިތަކާއެކު ނާޖީ ހަފައިގެން ކާލަން އުޅެނީ ނޫންކަމެއްވެސް ނޭނގެއެވެ.

ނުހަނު އުނދަގުލުން އޭނާގެ ގައިން ވަކިކޮށްލައިގެން ފައުޒިއްޔާ އަނެއް ކޮޓަރިއަށް ގެންގޮސްފިއެވެ. އާޔާވެސް ހިސާބަކަށް ހަމަޖެހިލައިފިއެވެ. ޞާޢިޤާ ނަގައިގަނެގެން ގެންގޮސް އެނދުގައި ބާއްވައިފިއެވެ. އޭނާ ހޭއަރާތޯ މަސައްކަތްކުރަން ފަށައިފިއެވެ. އެއްވެސް މީހަކަށް ވެގެންއުޅޭގޮތެއް ނޭނގެއެވެ. އެންމެންވެސްތިބީ ކަންބޮޑުވެފައެވެ. ހާސްވެފައެވެ. ޙަޤީޤަތް އޮޅުންފިލުވުމަށްޓަކައި، ކޮންމެ މީހަކުވެސް އަނެކަކާ ކުރަނީ ހަމަ އެއް ސުވާލެއެކެވެ. ވީކީއްހެއްޔެވެ؟ ދޭނެ ޖަވާބެއް އެކަކަށްވެސް ނޭނގެއެވެ. މިހާރު ފިސްތޯލައިގައި ބާކީއޮތީ ހަތަރު ވަޒަނެވެ. އަނެއް ދެ ވަޒަން ގޮވައި ނިމިއްޖެއެވެ. ދެ ވަޒަންވެސް އަރާފައިވަނީ ކޮޓަރީގެ ފަންގިފިލައަށެވެ. އާޔާ އިސްދަށަށް ޖަހާލައިގެން މަޑުމަޑުން އިނެވެ. މިހާރު ފިސްތޯލަ އޮތީ އަޒްހަރުގެ އަތުގައެވެ. އަދިވެސް އަނެއް ކޮޓަރިން ފައުޒިއްޔާ ހަޅޭއްލަވާ އަޑު އިވެމުންދެއެވެ.

[އަހަރެން ނާޖީ މަރާލާނަމެވެ….]

[ޞާޢިޤާ ހޭއަރައިފިއެވެ. އެވަގުތު، ވަށައިގެންވާ މީހުންތައް ފެނުމުން އޭނާ ވަރަށް ބޮޑަށް ހާސްވިއެވެ. ލޯ ހުޅުވައިގެން އޮތުމަށް ކުޅަދާނަ ނުވެގެން އޭނާ ލޯ މަރާލައިފިއެވެ. އަނެއްކާވެސް ރީޙާން ކަންބޮޑުވެއްޖެއެވެ. ޞާޢިޤާގެ ގައިގައި ފިރުމަ ފިރުމާފައި ގޮވަން ފަށައިފިއެވެ. އިރުކޮޅެއްގެ ފަހުން ޞާޢިޤާގެ ސިކުނޑީގައިވާ ބިރުވެރިކަންފިލައި، ހިސާބަކަށް ހަމަޖެހިލައިފިއެވެ. ކަންހިނގިގޮތް ވިސްނެން ފަށައިފިއެވެ. ވީމާ، އޭނާ ހަމަޖެހުމުގެ ނޭވާއެއްލާފައި ލޯހުޅުވާލައިފިއެވެ.

ޞާޢިޤާ މޯޅިއަކަށް ދެމިލާފައި ތެދުވެ އިށީނދެއްޖެއެވެ. އެތަން ފެނުމުން، އާޔާ މަޑުމަޑުން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. ޞާޢިޤާ ދެލޯ ބޮޑުކޮށްގެން އާޔާގެ މޫނަށް ބަލަން އިނެވެ. އޭރު އާޔާގެ ދެތުންފަތް ތުރުތުރު އަޅައެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހެއެވެ. އަދި އޭނާ ހުރީ މައިވަންތަކަމުގެ ޖަޒްބާތު ކޮންޓްރޯލް ކޮށްގެންކަން އެނގެއެވެ. ނަމަވެސް، އޭނާގެ ކަރުނައިން ފުރިފައިވާ ދެލޮލުން، މައިވަންތަކަމުގެ ޠޫފާން އުތުރި އަރަމުންދާތީ ފެނެއެވެ. އޭނާގެ ކަރުނައާ އެކުގައި ޞާޢިޤާގެ ސޫރަވެސް އޮހެމުންދާތީ ފެނެއެވެ. ހީވާގޮތުން ޞާޢިޤާ އަމާންކަމާއި ސަލާމަތްކަމުގެ އައްސޭރިއަކަށް ގެނެސްދިނީ، އާޔާގެ ކަރުނައެވެ. އެ ރާޅުތަކުގެ ތެރޭގައި އޮޔާލެވެމުންގޮސް، މިހާރު ޞާޢިޤާއަށް ހާއުފާވެރިކަމުގެ އައްސޭރި އަތުޖެހިއްޖެއެވެ. ދެން ކިތަންމެ ވަރުގަދަ ޠާފޫނެއް އަޔަސް، އެ އައްސޭރިއާ އޭނާ ވަކިކޮށެއް ނުލެވޭނެއެވެ. ކޮންމެއަކަސް، އެފަދަ ޙާލެއްގައި އެންމެ ކައިރީގައި، އެހެނަސް ނުއެނގުމުގެ ތެރޭގައި، ދިގު ވިހި އަހަރު ވޭތުކޮށްލި އެ ކެތްތެރި ދެމައިންގެ ކެތްތެރިކަމުގެ ތަށި، އެންމެފަހުން އުތުރިގެންފިއެވެ. ކުއްލިއަކަށް އެ ތަށި ބަންޑުންވާން ފަށައިފިއެވެ. އެންމެ ފުރަތަމަ އިސްނެގީ ޞާޢިޤާއެވެ. އޭނާ އަވަސް އަވަހަށް އެނދުން ފުންމާލައިފިއެވެ. ދުވެގޮސް އެތާ ދާދިގާތުގައިހުރި އާޔާ ނުވަތަ އޭނާގެ ލޮބުވެތި މަންމަ އާދެ! ނާޖީގެ ގައިގައި އޮޅުލައިގެންފިއެވެ.

[މަންމާއެވެ….] ނާޖީވެސް ވަރަށް ބާރަށް ޞާޢިޤާގެ ގައިގައި އޮޅުލައިގެންފިއެވެ. ދެމައިންނަށް އެއްފަހަރާ ރޮއިގަނެވިއްޖެއެވެ. އެކަކު އަނެކެއްގެ ގައިގައި ބޮސްދޭން ފަށައިފިއެވެ.

ކޮޓަރިތެރޭގައިތިބި އެއްވެސް މީހަކަށް ވެގެންއުޅޭގޮތެއް ނޭނގެއެވެ. އެހެންކަމުން، މަންމާއޭ ގޮވަމުން އެގޮތަށް އާޔާގެ ގައިގައި ޞާޢިޤާ އޮޅުލަން ފެށުމުން، އެމީހުން ހީކުރީ، ޞާޢިޤާގެ ބުއްދި ގޯސްވީ ކަމުގައެވެ. ނަމަވެސް، އެ އަސަރުން ފުރިފައިވާ މަންޒަރު ފެނުމުން، އެންމެންގެ ލޯތަކުންވެސް ކަރުނަ އައެވެ.

ކުޑައިރުކޮޅެއްގެ ފަހުން ހިއްސުތައް ހަމަޖެހިލައި ވާހަކަ ދެއްކުމާއި އަޑު އެހުމުގެ ބާރު ލިބުމުން، ޙުސްނުބާނޫގެ އެދުމަށް، ޞާޢިޤާ އެހުރިހާ ވާހަކައެއް ޙުސްނުބާނޫއަށް ކިޔައިދީފިއެވެ. ފައުޒިއްޔާ އެ ކޮޓަރި ތެރެއިން ފެނުނުގޮތާއި، ފިސްތޯލައިން ޙަމަލަދިންގޮތާއި، އެންމެފަހުން އާޔާއަކީ ނާޖީކަން އެނގުމުން، ފައުޒިއްޔާ ނާޖީއާ ދިމާކޮށްލި ނުރައްކާތެރިގޮތް، ވަރަށް ސާފުކޮށް އެންމެންނަށް ކިޔައިދީފިއެވެ.

ޞާޢިޤާ ވާހަކަ ކިޔައިދީ ނިމުނުއިރު، އެ އަޑުއެހި އެންމެންގެ ސިކުނޑިތައް ގަނޑުވެފައިވާ ކަހަލައެވެ. ހުރިހާ ލޯތައް ހުރީ ނާޖީއާ ދިމާއަށް އަމާޒު ކުރެވިފައެވެ. އަނގައިން ބުނަން ކީއްކުރަން ހެއްޔެވެ؟ އެސްފިޔަ ޖަހާލަން ހަނދާންހުރި މީހަކުވެސް އެތަނުގައި ހުރިކަމަކަށް ނުވެއެވެ. އެންމެންވެސް މަސައްކަތް ކުރަމުން ގެންދަނީ، މާޒީގެ ފުސްކަމުގެ ތެރެއިން ކިތަންމެ ފަނޑުނަމަވެސް، ދޯދިފަށެއް ފެނޭތޯއެވެ. ހުރިހާ ހިތްތަކުގައި އުފެދިފައިވަނީ ހަމަ އެންމެ ސުވާލެކެވެ. އެއީ ހަމަ ނާޖީ ހެއްޔެވެ؟ މޫނުމަތީގެ ސިފަ ހުތުރުވެފައި، ހިރުގަނޑު ބޭރަށް ނުކުމެފައި، އަދި ފައި ކޮރުވެފައި، މާޔޫސްވެފައި ހުންނަ އާޔާއަކީ، އެ ރީތި ރީތި ނާޖީހެއްޔެވެ؟ އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވެއެވެ.

ޙުސްނުބާނޫ ހިއްސުތައް ހަމަޖައްސާލާފައި އާޔާއާ ސުވާލުތައް ކުރަން ފަށައިފިއެވެ. އެއިން ކޮންމެ ސުވާލަކަށް އާޔާވެސް ފުރިހަމައަށް ޖަވާބުދެމުން ގެންދިޔައެވެ. އެންމެފުރަތަމަ އޭނާއާއި ޠާހިރުގެ ލޯބި ފެށުނުގޮތެވެ. ދެން މުޅި ދުނިޔެއާ ދެކޮޅަށް ޠާހިރު އޭނާއާ ކައިވެނިކުރި ކުރުމެވެ. އެއަށްފަހުގައި ބައްޕަ ބަލިވެގެން ޠާހިރު ބަލާފޮނުވީމާ ނާޖީ ގޮވައިގެން އައި އައުމާއި، އެދުވަހު އަލްޙަމްރާއިން އޭގެ ދެމަފިރިންނަށް މަރްޙަބާކީ ގޮތެވެ. އެދުވަހުގެ ފަހުން އޭގެ ދެމަފިރިން އަލްޙަމްރާގައި ދިރިއުޅެން ފެށުމުން، ފައުޒިއްޔާއާއި ސަޢްދިއްޔާގެ ކިބައިން ނާޖީއަށް ލިބެމުންދިޔަ އުނދަގޫތަކާއި އަނިޔާއެވެ. ޞާޢިޤާ އުފަންވުމާ ވިދިގެން، ނާޖީ އުޅެންޖެހުނު ބަލިޙާލެވެ. ދެންވެސް އެ ކައިވެނީގެ ސަބަބުން އެފަކީރަށް ދިމާވި އުނދަގޫތަކާއި ހިތާމަތަކެވެ. ކޮންމެއަކަސް، އެންމެންވެސް ފަރުވާތެރިކަމާއެކު އެ ވާހަކަތައް އަޑުއަހަމުން ގެންދިޔައެވެ.

[މިހުރިހާ ދުވަސްވީއިރު، ކަލެއަކީ ކާކުކަން އަހަރެމެންނަށް ނޭންގީ ކީއްވެގެން ހެއްޔެވެ؟] ވަރަށް ވިސްނާފައި ޙުސްނުބާނޫ ސުވާލު ކޮށްލިއެވެ.

[އަންގަން އަޅުގަނޑަށް ނުފެނުނީއެވެ.] ލޮލުން ކަރުނަ ފޮހެލަމުން ނާޖީ ބުންޏެވެ. [ދިރިއުޅުންދެކެ ފޫހިވިލެއް ބޮޑުކަމުން، މަރުވުން ނޫންގޮތެއް އަޅުގަނޑަކަށް ނެތެވެ. އަޅުގަނޑުގެ ހިތާމަވެރި ޙާލުން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑު ގޮވައިގެން ދުވަސްކޮޅަކު ރަށުން ބޭރުގައި ހޭދަކޮށްލުމަށް އަޅުގަނޑުގެ ލޮބުވެތި ފިރިކަލުން ގަސްތު ކުރެއްވިއެވެ. ނަމަވެސް، އެ ނަސީބުވެސް އަޅުގަނޑަކަށް ނުލިބުނެވެ. އެރޭ ފައުޒިއްޔާ އަޅުގަނޑުމެންގެ ކޮޓަރިއަށްއައިސް، އަޅުގަނޑު ބިރުގެންނެވިއެވެ. ޠާހިރު ގޮވައިގެން ރަށުންބޭރަށް ދިއުމަށްޓަކައި މަސައްކަތް ކޮށްފިނަމަ، އަޅުގަނޑަށް ލިބޭނީ އޭނާގެ ފުރާނަނެތް މަސްގަނޑު ކަމުގައި ފައުޒިއްޔާ ބުންޏެވެ. އޭރު އުމުރުގެ ޅަކަމާއި، ލިބިފައިވާ ތަޖުރިބާގެ މަދުކަމުން، ހަމަވަގުތުން ދިރިއުޅުންދެކެ މުޅިން ފޫހިވެއްޖެއެވެ. އަދި ފިރިކަލުންގެ ސަލާމަތަށްޓަކައި، އަމިއްލައަށް މަރުވުމަށް ގަސްތު ކޮށްފީމެވެ. އެގޮތުން ހަމަ އެރޭ، ޠާހިރު ނިދިކުރައްވާފައި އޮންނަވަނިކޮށް، ސިއްރު ސިއްރުން ކޮޓަރިން ނުކުމެގެންގޮސް، ކޯރުގެ އައްސޭރީގައި އޮންނަ ބޮޑު ހިލަގަނޑުގެ މައްޗަށް އަރާފައި އަޅުގަނޑު ކޯރަށް ފުންމާލީއެވެ. އެއީ އަބަދުވެސް އަޅުގަނޑުގެ ޙާލުގެ މައްޗަށް ހިތާމަކޮށް ކަރުނަ އޮއްސާ މަގާމެވެ.] ނާޖީގެ ރިހުމުން ފުރިފައިވާ ޙަޔާތުގެ ވާހަކަ އަޑުއަހަން، ނޭވާ ހިފަހައްޓާލައިގެން ހަމަހިމޭންކަމާއެކު އެންމެންވެސް ތިއްބެވެ. [އެގޮތަކުންވެސް އަޅުގަނޑަކަށް މަރެއް ނުވެވުނެވެ. އަނިޔާވެރި ކޯރުގެ ރާޅުތައް އަޅުގަނޑު އޮޔާލަމުން ގެންގޮސް، އައްސޭރިއަކަށް ގޮނޑުކޮށްފިއެވެ. އަޅުގަނޑު ހޭއެރިއިރު އޮވެވުނުކަމަށްވީ، ބީރައްޓެހި އަވަށެއްގެ ކޮންމެވެސް ގެއެއްގައެވެ.] ނޭވާއެއް ލުމަށްޓަކައި ކުޑަކޮށް މެދުކަނޑާލުމަށްފަހު ނާޖީގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. [އެގޭގެ ހޮޔަލަފާ މުސްކުޅި ދެމަފިރިން، ނުހަނު އިޚްލާޞްތެރިކަމާއެކު ފަރުވާދީގެން، އަޅުގަނޑު ގަދަކޮށްފިއެވެ. ވީމާ، ތަޤްދީރަށް ބޯލަނބައިގެން އަނެއްކާވެސް ދިރިއުޅުން ވޭތުކުރެވޭތޯ މަސައްކަތް ފަށައިފީމެވެ. ނަމަވެސް، ފިރިއަކާ ނުލައި ނިކަމެތި އަންހެނަކަށް އަމުދުން ޒުވާން އުމުރުގައި ދުވަސްތައް ހޭދަކުރުމަކީ ކޮންފަދަ އުނދަގޫކަމެއްކަން، އެންމެންނަށްވެސް އެނގޭނެއެވެ. ވީމާ، އެގޮތުގައިވެސް އަޅުގަނޑަކަށް ދިރިއެއް ނޫޅެވުނެވެ. އަވަށުގެ ނުލަފާފާޑުގެ ޒުވާނުން އަޅުގަނޑާ ބެހި، ގޯނާކުރަން މަސައްކަތްކުރަން ފަށައިފިއެވެ. ވީމާ، އެމީހުންގެ ކިބައިން ސަލާމަތްވެގެން، އަބުރާއި ޢިއްޒަތް ރައްކާތެރި ކުރުމަށްޓަކައި، ސާފުތެޔޮއެއްޗެއް ކައްކާފައި މޫނަށް އޮއްސާލައިފީމެވެ. އެއީ މަރުވުމުގެ ގަސްތުގައި ކުރި ކަމެއް ނޫނެވެ. އެއީ ހަމައެކަނި ނަފްސުގެ ބަނޑުހައިކަމުން އަލާނުކެނޑިފައި ތިބޭ ނުލަފާ ފިރިހެނުންގެ ކިބައިން ސަލާމަތް ވުމަށްޓަކައެވެ. މި ސިފައިގައި އިންނަ އަންހެނަކާ ދިމާއަށް ނުބައި ނިޔަތެއްގައި ބަލައިލާނެ ފިރިހެނަކު ހަމަކަށަވަރުންވެސް ދުނޔެއަކު ނޫޅޭނެއެވެ. އެފަހަރު އަޅުގަނޑު ވަރަށް ބޮޑަށް ބަލިވިއެވެ. ޑޮކްޓަރުގެ ފަރުވާއަށް އިންތިހާއަށް ބޭނުންވިއެވެ. ނަސީބު ދިމާކުރިގޮތުން، އަޅުގަނޑާ އެހީވި ހެޔޮލަފާ ދެމަރިފިން އަޅުގަނޑު ގެންދިޔައީ ޑޮކްޓަރ ޖުނައިދު ތަޖުރިބާތަކެއް ކުރެއްވުމަށްޓަކައި އޭރު މަސައްކަތް ކުރައްވަން އުޅުއްވި ހޮސްޕިޓަލަށެވެ. ފުރިހަމަ ދެއަހަރުދުވަސް ވަންދެން އަޅުގަނޑުގެ ގައިގައި ފިހިފައިހުރި ތަންތަނަށް ފަރުވާކުރަން ޖެހުނެވެ. އެ މުއްދަތުގެ ތެރޭގައި އަޅުގަނޑަކީ ކާކުކަން ޑޮކްޓަރ ޖުނައިދަށް އަންގައިދިނީމެވެ. ފުރަތަމަ އޭނާވެސް ގަބޫލު ކުރެއްވުމަށް އިންކާރު ކުރެއްވިއެވެ. ނަމަވެސް، ހެކިތަކާއި ދަލީލުތައް ދެއްކުމުން، ފަހުން އޭނާ ގަބޫލު ކުރައްވައިފިއެވެ. ހިތާމަ ހުއްޓެވެ! އެ ނުރައްކާތެރި ހާދިސާއަށްފަހުގައިވެސް އަޅުގަނޑު މަރެއް ނުވިއެވެ. ކޮންމެ ފަހަރަކުވެސް މަރު، އަޅުގަނޑަށް ފުރަގަސްދީފައި ދަނީއެވެ. ފަހުން ދިރިހުރުމުގެ ހިތްވަރު، އަޅުގަނޑަށް ދެއްވީ ޑޮކްޓަރ ޖުނައިދެވެ. އޭނާގެ ރެއާދުވާލުގެ ޚިދްމަތާއި، އޯގާތެރި ނަސޭހަތްތައް ގަބޫލުކޮށްގެން، ކަންހިނގާގޮތުގެ މައްޗަށް ކެތްކުރަން އަޅުގަނޑު ދަސްކުރީމެވެ. ގެއްލިފައިވާ އުންމީދުތައް އާކުރީމެވެ. ނަމަވެސް، އެތަކެއް ދުވަސް ވަންދެން ބަދަލުވެފައިވާ އަޅުގަނޑުގެ ސިފަދެކެ ބިރުން، އެއްވެސް މީހަކަށް ނުފެނި އުޅުނީމެވެ. އެކަމަކު އެގޮތަށް ސިފަ ބަދަލުވުމަކީ އަޅުގަނޑަށް ލެއްވި ރަޙްމަތެއްކަން، ފަހުން ސާބިތުވިއެވެ. އަޅުގަނޑުގެ ފަރުވާ ނިމި، މުޅިން އަތްދޫކޮށްލެވެންދެން ޑޮކްޓަރ ޖުނައިދު އެތަނުގައި ހުންނެވިއެވެ. މިއީ ތެދެއްކަން، ތިޔަބޭކަލުންނާއި ކަނބަލުންނަށްވެސް އެނގިލައްވާނެއެވެ. ޑޮކްޓަރ ޖުނައިދު ރަށުންބޭރުގައި ދެއަހަރުބައި ވަންދެން ހުންނެވިކަމާމެދު، ތިޔަބޭކަނބަލުންނަކަށްވެސް އިންކާރު ކުރެއްވޭކަށް ނޯންނާނެއެވެ.] ނާޖީގެ ވާހަކަ މިހިސާބަށް ދިއުމުން، ގަބޫލު ކުރެވިއްޖެކަން ދޭހަވާގޮތަކަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. [އަޅުގަނޑު މުޅިން ފަސޭހަވުމުން، ޑޮކްޓަރ ޖުނައިދުގެ ކުދިން ބަލަހައްޓާ މީހެއްގެ ގޮތުގައި މަސައްކަތް ފަށައިގެންފީމެވެ. އެހެންކަމުން، ޑޮކްޓަރ އެނބުރި ރަށަށް ދުރުވިއިރު، އަޅުގަނޑަށްވެސް މިރަށަށް އަންނަން ޖެހުނީއެވެ. މޭގެ އެއްބައި ކަމުގައިވާ އަމިއްލަ ދަރިފުޅާ އެއްފަސްގަނޑަކަށް އާދެވުނީމާ ބަޔާންކުރަންވެސް ކުޅަދާނަނުވާ މިންވަރަށް، މައިވަންތަކަމުގެ އިޙްސާސް އަޅުގަނޑަށް އުނދަގޫކުރަން ފަށައިފިއެވެ. ވީމާ ހަމްދަރުދީން ފުރިފައިވާ ހިތެއްގެ ވެރިޔާ، އެ ހެޔޮލަފާ ޑޮކްޓަރަށް އާދޭސްކޮށްގެން، ޞާޢިޤާގެ އާޔާއެއްގެ ގޮތުގައި ދެވަނަފަހަރަށް އަޅުގަނޑު އަލްޙަމްރާއަށް އައީއެވެ. ނަސީބު ރަނގަޅުކަމުން، އަޅުގަނޑުގެ ދަރިފުޅު އަނެއްކާވެސް އަޅުގަނޑަށް ލިބުނީއެވެ. ޝުކުރު ހުއްޓެވެ. އަލްޙަމްރާގެ އެއްވެސްމީހަކަށް އަޅުގަނޑެއް ނޭނގުނެވެ. ވީމާ އަޅުގަނޑަކީ ކާކުކަން ނާންގައި ސިއްރުކޮށްފައި ބޭއްވުމަށް، ޑޮކްޓަރ ޖުނައިދު ލައްވާ އަޅުގަނޑު ވަޢްދު ކުރުވީމެވެ. ޝައްކެއްނެތެވެ. އެ ހެޔޮލަފާ ޑޮކްޓަރު، އޭނާގެ ވަޢްދަށް ޙުރްމަތްތެރި ވެލެއްވިއެވެ. ކޮންމެއަކަސް އަޅުގަނޑުގެ ލޯބިވާ ދަރިފުޅު ޞާޢިޤާ އަނބުރާ އަޅުގަނޑަށް ލިބުމުން، ވޭތުވެދިޔަ ހުރިހާ ހިތާމަތަކެއް ހަނދާންނެތިގެން ހިނގައްޖެއެވެ. އެ ދަރިފުޅު ރަނގަޅަށް ތަރުބިއްޔަތު ކޮށްގެން ގެންގުޅެ ބޮޑުކުރުން ފިޔަވައި، އެހެން ހުރިހާކަމެއް ހިތުން ފުހެލައިފީމެވެ. އަލްޙަމްރާގެ ފަރުދުންގެ ކިބައިން އެފަކީރަށް ލިބެމުންދިޔަ އަނިޔާތަކާއި ހިތާމަތައް، ދިފާޢުކުރާ އައްޑަނައެއް ކަމުގައިވެގެން، އަޅުގަނޑުގެ މަސައްކަތް ފަށައިފީމެވެ. އަޅުގަނޑުގެ ރޭދުވާތައް ހަމައެކަނި ޞާޢިޤާއަށްޓަކައި ވަގުފު ކޮށްފީމެވެ. ކޮންމެހެން މިވާހަކަތައް އަޅުގަނޑުގެ ދުލުން ތަކުރާރު ކުރުމުގެ ބޭނުމެއް ނޯންނާނެއެވެ. އަޅުގަނޑު މިގެއަށް އައިފަހުން ހިނގި ހުރިހާކަމެއް އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭކަލުންނާއި ކަނބަލުންނަށް އެނގިލައްވާނެއެވެ.] ނާޖީގެ ކޮނޑުމަތީގައި އޮތް ދޯޕައްޓާއިން އޭނާގެ ލޯފޮހެލިއެވެ. [މިގެއަށް އައިދުވަހު އަޅުގަނޑުގެ ލޮބުވެތި ފިރިކަލުންގެ މަރުގެ ޚަބަރު ލިބުމުން، އަޅުގަނޑުގެ ހިތަށް ކެތްނުކުރެވޭފަދަ ހިތާމަ ލިބުނެވެ. ނަމަވެސް، ޙަޤީޤަތް ފާޅުވެދޭނާތީ، އެ ރިހުންތައްވެސް ހިތުގައި އޮއްބާލައިގެން، ކެތްތެރިވެ އިނީމެވެ. ފިރިކަލުން ނެތްނަމަވެސް، އޭނާގެ ހަނދާންތައް އަޅުގަނޑުގެ ވަށައިގެންވެއެވެ. އަދި އަޅުގަނޑުމެންގެ ދެމީހުންގެ ލޯބީގެ ނިޝާން ކަމުގައިވި ކުޑަކުޑަ ޞާޢިޤާވެސް އަޅުގަނޑުގެ އުނގުގައި އޮތެވެ. ކުރީގައި އެލިބުނު އަނިޔާތަކަށްވުރެ، ފަހުގެ ހިތި ހަނދާންތައްވެސް އަޅުގަނޑަށް މާރަނގަޅުވިއެވެ.] ނާޖީގެ އަޑު ބެދިއްޖެއެވެ. ކަރުނަތައް އޮހެން ފަށައިފިއެވެ. ޞާޢިޤާވެސް ނާޖީގެ ގައިގައި އޮޅުލަ އޮޅުލާފައި ރޯންފަށައިފިއެވެ.

އެންމެންގެ ލޯތައް ކަރުނައިން ފުރިއްޖެއެވެ. ހިތްތައް ހަމްދަރުދީން ފުރިއްޖެއެވެ. ނާޖީގެ ކެތްތެރިކަމާއި ޢަޤީދާގެ މަތިވެރިކަމުން، އެއިން ކޮންމެ މީހެއްގެ ހިތުގައިވެސް، ސާބަހާއި ތަޢްރީފު އުފެދެމުން ދިޔައެވެ. ހިލޭފިރިހެނަކާ އެކުގައި ފިލައިގެން ދިޔަކަމުގެ ތުހުމަތު އަޅުވައިގެން އެތިވަރު ގޮވަމުންދިޔަ ނާޖީއާ ދިމާއަށް، އިޙްތިރާމުގެ ނަޒަރުން ބަލަން ފަށައިފިއެވެ. ކުޑައިރުކޮޅެއް ވަންދެން ހަމަހިމޭން ޖައްވެއްގައި އެންމެންނަށްވެސް ތިބެވުނެވެ.

[ކަލޭ….]

[ލައްބައެވެ. އަލްޙަމްރާގެ މަލަކާއެވެ.] ޙުސްނުބާނޫ އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ ޑޮކްޓަރ ޖުނައިދު އެކޮޓަރިތެރެއަށް ވަންނަވަމުން ބުނުއްވިއެވެ. އެ އަޑު އިވުމުން އަނެއްކާވެސް އެމީހުންނަށް އިތުރު ހައިރާންކަމެއް ލިބިގެން ދިޔައެވެ. ހަމަ ކޮންމެ މީހަކުވެސް ދެލޯ ބޮޑުކޮށްފައި ޑޮކްޓަރ ޖުނައިދާ ދިމާއަށް ބަލަން ފެށިއެވެ. ރޭގަނޑުގެ އެ ދަންގަޑީގައި އޭނާ އަލްޙަމްރާއަށް ދުރުވެ، އެ އުޅުއްވަނީ ސަމީރާގެ ޙާލު މާބޮޑުވެގެންނެވެ. އެރޭ އިރާކޮޅުވެސް އޭނާ ދުރުވިއެވެ. ސަމީރާއަށް ފަރުވާ ދެއްވާފައި ދުރުވިފަހުން ނޯކަރަކު ގޮސް އަނެއްކާވެސް އޭނާ ގެނައީއެވެ. އެ ކޮޓަރީގައި ސަމީރާގެ ކައިރީގައި އޭނާ އަވަދިނެތި އުޅުއްވަނިކޮށް، ފައުޒިއްޔާ ގޮއްވާލި ފިސްތޯލައިގެ އަޑުވެސް އޭނާއަށް އިވިލެއްވިއެވެ. އަދި މިފަރާތުގައި ހިނގަމުންދާ ހައިޖާނީ ހާދިސާގެ ޚަބަރުވެސް ލިބިލެއްވިއެވެ. ސަމީރާއަށް ދެއްވަންވީ ފަރުވާއެއް ދެއްވުމަށްފަހު، ނިދާ އިންޖެކްޝަނެއް ޖަހައިގެން އޭނާ ނިންދަވާފައި ބޭސްދެމުން ގެންދާނެގޮތް ބުނެދެއްވިއެވެ. ދެން އަވަސްއަވަހަށް ހާދިސާ ހިނގައިގެންއުޅޭ ކޮޓަރިއަށް އޭނާ ދުރުވީއެވެ. އޭރު ހުރިހާކަމެއް އޮތީ ނިމިފައެވެ. ހަމައެކަނި އޭނާއަށާއި ނާޖީއަށް އެނގޭ ބޮޑު ސިއްރުވެސް އޮތީ ފާޅުވެފައެވެ. ޞާޢިޤާގެ އާޔާއަކީ ނާޖީކަން، އޭނާގެ އަމިއްލަ ދުލުން އެންމެންގެ ކުރިމަތީގައި ހާމަކޮށް ނިމިފައެވެ. ވީމާ، ވަޢްދު އުވާލެއްވުމުގެ ކުށުން ބަރީއަވެގެން ހުންނަވައި، އެ ހިތި ޙަޤީޤަތް ބަޔާންކުރައްވާނެ ފުރުސަތު ލިބިލެއްވުމުން، އޭނާ އެ ފުރުސަތުގެ ބޭނުން ކުރެއްވިއެވެ.

[ތިޔައީ ނާޖީއެވެ. އެކަން ސިއްރުކޮށްގެން ހުންނަންޖެހުނު ކަމަށްޓަކައި އަޅުގަނޑަށް މާފުކުރައްވާށެވެ. ނާޖީ އެ ކިޔައިދިން ހުރިހާ ވާހަކައަކީވެސް ތެދު ޙަޤީޤަތެވެ. އެކަމާބެހޭގޮތުން އަޅުގަނޑު އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ….]

ޖުނައިދުގެ ވާހަކަ ނިންމަވާލެއްވިތަނާ، ކުއްލިއަކަށް ރީޙާން ހިނގައިގެންފިއެވެ. ނާޖީގެ ކައިރިއަށް ހުއްޓިފައި، ދޫލަމަތީގައި ކުޑަކަކޫ ޖަހައިގެން އިށީނދެއްޖެއެވެ. ނުހަނު މަޑުމަޑުން ނާޖީގެ ދެކަކުލުގައި ބޯއަޅާލައިފިއެވެ.

[ނާޖީ ދައްތާއެވެ. ކަލާއަކީ ކޮންފަދަ މަތިވެރި އަންހެނެއް ތޯއެވެ؟ ޝައްކެއްނެތެވެ. ކަލާއަކީ ހިތާމައާއި ވޭނުން ފުރިފައިވާ، ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ….] ހިތާމަވެރި އަޑަކުން ރީޙާން ބުންޏެވެ.

[އަހަރެންގެ ދަރިފުޅާއެވެ. ހިތާމައިގެ ކުޑަވެސް އަސަރެއް، މިހާރަކު މި ނިކަމެތި އަންހެންމީހާގެ ހިތަކު ނެތެވެ. މިވަގުތު އަހަރެންނަށް ލިބެމުންދާ އުފަލުގެ މަތިވެރިކަން އިޙްސާސް ކުރެވޭނެ ހަމައެކަކުވެސް ދުނިޔޭގައި ނުހުންނާނެއެވެ.] ރީޙާނުގެ މޫނުގައި ދެއަތުން ހިފާފައި އުފުލާލަމުން، އެ ތަނަވަސް ނިތްކުރީގައި ބޮސްދެމުން ނާޖީ ބުންޏެވެ.

[ކަލޭގެ އުފާތަކަށްޓަކައި، ކަލެއަށް ބަރަކާތް ލައްވާނެތެވެ. ދަރިފުޅާއެވެ…..] ދެލޯ ފުހެލާފައި ނާޖީއާ ދިމާއަށް ހިނގައިގަންނަމުން ޙުސްނުބާނޫ ބުންޏެވެ.

[ނާޖީއެވެ. އޯވހް! ނާޖީއެވެ. އަހަރެންގެ ޠާހިރު ކޮއްކޮގެ ހެޔޮލަފާ އަނބިމީހާއެވެ. ޞާޢިޤާގެ ލޮބުވެތި މަންމާއެވެ. ކަލެއަށް މަރްޙަބާއެވެ….] އަންޖަމަން އާރާ މިހެން ބުނަމުންގޮސް ނާޖީގެ ގައިގައި އޮޅުލައިގެންފައި، އެތަން މިތަނުގައި ބޮސްދޭން ފަށައިފިއެވެ.

[އަންޖަމަންއެވެ. މިހާރު ތިޔަ ގަންނަނީ ކޮންސަކަރާތެއް ހެއްޔެވެ؟ އަވަހަށްގޮސް އެއްކަލަ މަހެފިލްގެ ފޮށި ހިފައިގެން އަންނާށެވެ. ހަމަ މިހާރު ރީޙާނުގެ އަލަތު އަނބިމީހާގެ ކަރުގައި އަހަރެންގެ އަތުން އެ ފަށް އަޅުވައިދޭނަމެވެ….] ޙުސްނުބާނޫ ބުންޏެވެ.

[ލައްބައެވެ. މިދަނީއެވެ.] ނާޖީގެ ގައިން ދޫކޮށްލާފައި އޭނާ ހިނގައިގެންފިއެވެ.

އަންޖަމަން އާރާ ދިޔަލަކަށްވުރެ އަވަހަށް އެބުނާ ފޮށި ހިފައިގެން އެނބުރި އަތުވެއްޖެއެވެ. ޙުސްނުބާނޫ އެ ފޮށީގައި ހިފާފައި އޭގައި އޮތް މުތީގެ ފަށް ނަގައި، ޞާޢިޤާގެ ކަރުގައި އަޅުވައިފިއެވެ. އެ މަންޒަރު ފެނުމުން، ދެންމެއާ ޖެހެންދެން ހިމޭނުންތިބި ޒުވާނުންތައް ހޯބޯލަވައިގެންފިއެވެ. އެއްކުއްޖަކަށްވުރެ ކުރިން އަނެއްކުއްޖަކުގޮސް ޞާޢިޤާއަށާއި ރީޙާނަށް މުބާރިކްބާދާއި ހެޔޮ އެދުންތައް ރައްދުކުރަން ފަށައިފިއެވެ.

އެރޭ އަލްޙަމްރާގެ އެއްވެސް މީހަކު ނުނިދައެވެ. ނާޖީގެ މަތިވެރިކަން ހާމަވެގެން ދިއުމުން، އެންމެންގެ އިސް ޖެހިއްޖެއެވެ. ހަމަ އެރޭ ނާކާމިޔާބުގެ ހިތާމައިގައި ފައުޒިއްޔާ ދުނިޔެއިން މޮޔަވެއްޖެއެވެ. އެހުރިހާކަމެއް ހިނގައިދިޔައިރުވެސް، ސަޢްދިއްޔާއަކަށް އެތަނަށް އާދެވޭގޮތެއް ނުވިއެވެ. މިހާރު، އުފާވެރިކަމުގެ މެސެޖުތައް ހިފައިގެން، ފަތިހުގެ އަލިކަން ދުނިޔެއަށް ފާއްދާލައިފިއެވެ. ނާޖީއާއި ޞާޢިޤާގެ ހިތުގައިވާ ފުން ޒަޚަމްތައް ފަސޭހަވެ، ލަކުނުވެސް ފިލައިގެން ހިނގައްޖެއެވެ. އަލްޙަމްރާގެ ހަފަރާތުގައި މޫސުމްބަހާރުގެ މާތައް ފޮޅެން ފަށައިފިއެވެ. ކޮވެލިތަކާއި ގުރާތައްވެސް، ނާޖީއަށާއި ޞާޢިޤާއަށް ސަނާކިޔަމުން، އަލްޙަމްރާގެ މަތިން ބައިބަޔަށް އުދުހެން ފަށައިފިއެވެ. ފަތިހުގެ ފިނި ރޯޅިތައް އުފާވެރިކަމުގެ ރާގު ކިޔަމުންއައިސް، އަލްޙަމްރާގެ އުސް ފާރުތަކުގައި ބީހެން ފަށައިފިއެވެ. ކޯރުގައި ހުޅިލަމުން އަންނަ ރާޅުބާނިތައް، ޞާޢިޤާއާއި ރީޙާނުގެ އާ ކައިވެންޏަށްޓަކައި، އައްސޭރީގެ ވެލިގަނޑު އެއްވަރުކުރަން ފަށައިފިއެވެ.

އަލްޙަމްރާއަށް މޫސުމްބަހާރު އައިސްފައިވާއިރު، ސަމީރާގެ ޙާލު ވަރަށް ބޮޑެވެ. އޭނާގެ ހުންގަދަކަމުން ހީވަނީ، އެހެންކަމެއް ހެންނެވެ. އޭނާއަށް ތަންދޮރު އެނގޭ ކޮންމެފަހަރަކު، ތިމާގެ ބަދުނަސީބާއި ނާކާމިޔާބު ލޯތްބަށްޓަކައި، ހިތާމަކޮށް ކަރުނަ އޮއްސައެވެ. އިރުކޮޅެއްގެ ފަހުން އަނެއްކާވެސް ތަންދޮރު ކުޑަވާގޮތްވެ، އޭނާ ޚަބަރު ހުސްވެއެވެ.

[ދަރިފުޅާއެވެ. ހިތްވަރު ކުރާށެވެ. އަހަރެމެންގެ އުފާތައް ފޭރިގަންނާނެ ފެންވަރެ، ޞާޢިޤާގެ ކިބަޔަކު ނުހުންނާނެއެވެ. ދަރިފުޅު ރަނގަޅުވުމުން، އެހެން ހުރިހާކަމެއް މަގަށް އެޅިދާނެއެވެ.] ސަމީރާގެ ޙާލު ދެކެން ކައިރީގައި އިން ސަޢްދިއްޔާ، އިޚްލާޞްތެރިކަމާއެކު ސަމީރާއަށް ނަސޭހަތްދެމުން ގެންދިޔައެވެ.

[ބޮޑުދައިތާއެވެ. އަޅުގަނޑު ކުރާނީ ކީއްތޯއެވެ؟ އަޅުގަނޑު ބަލިކޮށްލާފައި ޞާޢިޤާ ފަތަޙަ ހޯދައިފިއެވެ. ރީޙާން އަތުލައިގެންފިއެވެ. ދެން އަޅުގަނޑަށް އޮތް އެންމެރަނގަޅު ގޮތަކީ، މަރުވުމެވެ. ހުރިހާ ގޮތަކުންވެސް ރީޙާނާ އެކަށީގެންވަނީ ޞާޢިޤާއެވެ. އޭނާ މާރީއްޗެވެ. އެއީ ލާމަސީލު އަންހެން ކުއްޖެކެވެ. ހިތުގެ އެދުން ފުރިހަމަ ކުރުމަށްޓަކައި، އެދޭތެރެއަށް ވަނުމަށް އަޅުގަނޑު ކިތަންމެ މަސައްކަތެއް ކުރިޔަސް، އަޅުގަނޑަށް ކާމިޔާބު ނުވާނެކަން އެނގެއެވެ. ފަހަރެއްގައިވެސް އަޅުގަނޑުދެކެ ރީޙާން ލޯތްބެއް ނުވެއެވެ. އޭނާގެ ފަހަތުން އަޅައިގަނެގެން އުޅުނީ ހަމަ އަޅުގަނޑެވެ. މިހާރު އަޅުގަނޑަށް މިލިބެނީ، ދެ ލޯބިވެރިންގެ ހިތް ހަލާކުކުރަން އުޅުނުކަމުގެ ޝަޒާއެވެ.] ބަލި އަޑަކުން ސަމީރާ ބުނަމުން ގެންދިޔައެވެ.

[ނޫނެކެވެ. ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ ރީޙާނަކީ ކަލޭގެ މިލްކެކެވެ. ހިތްވަރު ދެރަނުކުރާށެވެ. އަހަރެންނަކީ ރީޙާނުގެ މަންމަ ނޫންހެއްޔެވެ؟ އަހަރެން ދުނިޔޭގައި އިންދާ ޞާޢިޤާއާ ދިމާއަށް ބަލައިލާކަށްވެސް ރީޙާނަކަށް ނުކެރޭނެއެވެ. ނާޖީގެ ސުންޕާކަމުގެ ހިޔަނިތައް އަލްޙަމްރާއަށް އެޅުނު ވަގުތުވެސް، އަހަރެން އިނީ ކަލޭގެ މަންމައަށް އެހީވާ މީހެއްގެ ގޮތުގައެވެ. މިހާރު އިންނާނީ ނާޖީގެ ދަރީގެ ކިބައިން ކަލޭ ދިފާޢުކުރާ އައްޑަނައެއް ކަމުގައި ވެގެންނެވެ. ނާޖީ އަހަރެމެންގެ އަތުން ޠާހިރު ފޭރިގަތް ފަދައިން، ރީޙާން ފޭރިގަންނާކަށް ނުކެރޭވެނެއެވެ. ދަރިފުޅާއެވެ. މާބޮޑަށް ފިކުރު ނުކުރާށެވެ. އަރާމު ކުރާށެވެ. އަވަހަށް ގަދަވާށެވެ. އަހަރެމެންނަށް ބާއްޖަވެރިކަން ލިބޭނީ އޭރުންނެވެ. [ސަމީރާގެ އިސްތަށިގަނޑުގައި ފިރުމަމުން، އޭނާގެ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ސަޢްދިއްޔާ ބުންޏެވެ.

[ނޫނެކެވެ. ބޮޑުދައިތާއެވެ. ތިޔަފަދަ ބޭކާރު ވާހަކަތަކުން އަޅުގަނޑުގެ ހިތްހަމަޖައްސައި ދެއްވުމުގެ ބޭނުމެއްނެތެވެ. މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އަޅުގަނޑުގެ އުފާތައް ލޫޓުވިއްޖެއެވެ. ހިތް ކަތިލެވިއްޖެއެވެ. ރީޙާންދެކެ އަޅުގަނޑު ލޯބިވަމެވެ. އެކަމަކު އާހް….] ސަމީރާގެ އަޑު ބެދިއްޖެއެވެ. ހަށިގަނޑުގެ ބާރު ދެރަވެއްޖެއެވެ. މަޑުމަޑުން ދެލޯ މެރިއްޖެއެވެ.

[ސަމީރާއެވެ. ދަރިފުޅާއެވެ. ކަލެއަށް ތިޔަވަނީ ކީއްހެއްޔެވެ؟ ނިކަން ލޯހުޅުވާލަ ބަލާށެވެ…. ފައުޒިއްޔާއެވެ. މި ދަރިފުޅުގެ ޙާލު ވަރަށް ބޮޑުވެއްޖެއެވެ. ކަލޭ ތިޔައުޅެނީ ކޮންތަނެއްގައި ހެއްޔެވެ؟] ސަޢްދިއްޔާ ކަންބޮޑުވެގެން، އަމިއްލައަށް ވާހަކަތަކެއް ދައްކަމުން ގެންދިޔައެވެ.

ކޮންމެއަކަސް، ސަޢްދިއްޔާ ފިކުރު ބޮޑުވެގެން ތެޅިފޮޅެނިކޮށް، ނޯކަރު އަންހެންކުއްޖާ ދުވަމުންއައިސް އެތަނަށް ވަދެއްޖެއެވެ.

[ކަލޭ ތިޔައައީ ކޮންތަނަކަށް ވަދެއޮވެފައި ހެއްޔެވެ؟ މިއޮއްކުއްޖާ މިއޮއް މަރުވަނީއެވެ. ކަލެއަކަށް ނޭނގޭހެއްޔެވެ؟ ފައުޒިއްޔާ ކޮބައިހެއްޔެވެ؟ އަހަރެން ކަލޭ ފޮނުވީ ފައުޒިއްޔާ ހޯދާކަށް ނޫންހެއްޔެވެ؟] ސަޢްދިއްޔާ ހާސްވެފައި އިންވަރުން، ނޯކަރު އަންހެންކުއްޖާއާ ދިމާއަށް އެއްޗެތި ގޮވައިގެންފިއެވެ.

[ސާހިބާއެވެ…. ފައުޒިއްޔާ…. ފައުޒިއްޔާ…. ނާޖީ….] ނޯކަރު އަންހެންކުއްޖާ އާގަންނަމުން ހުއްޓަހުއްޓާފައި ބުންޏެވެ.

[ކަލޭ ތިޔަހަރީ ދުނިޔެއިން މޮޔަވެފައި ހެއްޔެވެ؟ ކަލޭގެ ދުލުގައި ގޮށްޖެހުނީ ހެއްޔެވެ؟…. ވާހަކަ ނުދެއްކިގެން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟] ސަޢްދިއްޔާ ތެދުވެގެންއައިސް ނޯކަރު އަންހެންކުއްޖާގެ ދެކޮނޑުގައި ހިފާފައި ތަޅުވައިގެންފިއެވެ.

[ސާހިބާއެވެ. ފައުޒިއްޔާގެ ބުއްދި ގޯސްވެއްޖެއެވެ. އެއުޅޭ އާޔާއަކީ ނާޖީކަން އެނގުމުން، އޭނާގެ ސިކުނޑި ހަމައިން ނައްޓާލައިފިއެވެ….]

[އޭ! ގޮތްކުޑަ އަންހެންކުއްޖާއެވެ. ﷲ އަށް ބިރުވެތިވާށެވެ. ކަލޭ ތިޔަ ހަދަނީ ކޮންހާ ދޮގެއް ހެއްޔެވެ؟….] ނޯކަރު އަންހެންކުއްޖާ އެދައްކާ ވާހަކަ ގަބޫލުކުރާކަށް ސަޢްދިއްޔާގެ ސިކުނޑި އެއްބަހެއް ނުވިއެވެ.

[ހަމަތެދެކެވެ. އެހެންބުނީ ޚުދު އާޔާގެ އަނގައިންނެވެ. އަޅުގަނޑު އެތަނުގައި ހުއްޓައެވެ. ބޮޑުމާމަވެސް އޭނާގެ ވާހަކަ ގަބޫލު ކުރައްވައި، އެއީ ނާޖީ ކަމުގައި ޔަގީން ކުރައްވައިފިއެވެ. ޑޮކްޓަރ ޖުނައިދުވެސް ނާޖީގެ ބަހަށް ތާއީދު ކުރައްވައި، ހެކި ދައްކަވައިފިއެވެ….]

[އޯވހް! މިއިވެނީ ކޮންފަދަ އަޑުތަކެއް ހެއްޔެވެ؟ މާތްކަލާކޯއެވެ. ނާޖީ ދުނިޔޭގައި އިނީހެއްޔެވެ؟ އާޔާއަކީ ހަމަ ނާޖީހެއްޔެވެ؟] ސަޢްދިއްޔާ ވަރަށް ބޮޑަށް ހައިރާންވިއެވެ.

[ލައްބައެވެ. ނާޖީ ދުނިޔޭގައި އެބައިނެވެ. އެންމެންވެސް، އެ ބޮޑު ޙަޤީޤަތް ގަބޫލު ކޮށްފިއެވެ….]

ނޯކަރު އަންހެންކުއްޖާ އެގެނައި ޚަބަރެއްގެ ސަބަބުން، ސަޢްދިއްޔާ ހައިރާންވީ ނަމަވެސް، އޭނާގެ ހަރުކަށި ހިތަށް ހިސާބެއްގެ މަޑުމައިތިރިކަމެއް ވެރިވެއްޖެއެވެ. އެބުނާފަދައިން، އާޔާއަކީ ނާޖީ ކަމުގައިވާނަމަ، ނާޖީއަށް ހަމަ ސާބަހެވެ. ސަޢްދިއްޔާ ހިތާހިތުން ނާޖީއަށް ތަޢްރީފު ކުރިއެވެ. އެއީ މާތް އަންހެނެކެވެ. ކެތްތެރި އަންހެނެކެވެ. އެފަދަ އަންހެނަކަށް މާފުކޮށް، އޭނާގެ ކިބައިން މާފަށް އެދުމަކީ، ބޮޑުވެގެންވާ ހެޔޮކަމެއް ކަމުގައިނޫނީ ނުވާނެއެވެ. ސަމީރާގެ ނިތްކުރީގައި ފިނިފެނުން ބޮނޑިތާން ކުރަމުން ސަޢްދިއްޔާ ވިސްނަމުން ގެންދިޔައެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި، ސަމީރާގެ ހިއްސުތަކަށް، ބޭހުގެ އަސަރުކުރަން ފަށައިފިއެވެ. އޭނާ ހޭއަރައިގެން ސަޢްދިއްޔާއާއި ނޯކަރު އަންހެންކުއްޖާ ދައްކާ ވާހަކަތައް އަޑުއަހަން އޮއްވާ، މަޑުމަޑުން ނިދެމުން ނިދެމުންގޮސް، މިހާރު ރަނގަޅަށް ނިދިއްޖެއެވެ. ވީމާ ސަޢްދިއްޔާ އަވަސްއަވަހަށް ތެދުވެއްޖެއެވެ. އޭނާ އަންނަންދެން ސަމީރާގެ ކައިރީގައި އިނުމަށް ނޯކަރު އަންހެންކުއްޖާގެ ގާތުގައި ބުނެފައި، އެ ޤިޔާމަތެއްފަދަ ކަންތައްގަނޑު ލައިގަނެގެން އުޅޭތަނަށް ދިއުމަށް އަވަސްވެގެންފިއެވެ.

ޙުސްނުބާނޫގެ ދުލުން ނާޖީގެ ކެތްތެރިކަމާއި، ތާހިރުކަމުގެ ވާހަކަ އިވުނުހިނދު، ސަޢްދިއްޔާގެ ޒަމީރު ހޭލައިފިއެވެ. އެހެންކަމުން، އޭނާ އަވަސްއަވަހަށްގޮސް ނާޖީގެ ދެފައިތިލައިގެ މައްޗަށް ވެއްޓިގެންފައި، މާފަށް އެދެން ފަށައިފިއެވެ. އެވަގުތު ނާޖީ ގުދުވެފައި، އޭނާ ނަގައިފިއެވެ. މޭގައި ޖައްސައި ބާރުކޮށްލުމަށްފަހު، ނިތްކުރީގައި ބޮސްދީފިއެވެ. ސަޢްދިއްޔާއަކީ ރީޙާނުގެ މަންމައަށްވާތީ ނޫންކަމެއްވެސް ނޭނގެއެވެ. ކޮންމެއަކަސް، ވަރަށް ފުރިހަމައަށް ނާޖީ އޭނާއަށް މާފުކޮށްފިއެވެ.

އަނެއްދުވަހުގެ އިރުއެރިއިރު، އަލްޙަމްރާގެ މާޙައުލު އޮތީ މުޅިން ބަދަލުވެފައެވެ. އެންމެންގެ ލޯތަކުންވެސް މިއަދު ފެންނަނީ، އުފާވެރިކަމުގެ ކަރުނަ ފާއްދާލާފައި ވަނިކޮށެވެ. ނާޖީގެ މިސާލެއް ނެތްފަދަ ޤުރްބާނީގެ ސަބަބުން، މުޅި އަލްޙަމްރާ ތާހިރުކޮށްފިއެވެ.

އީދުގެ ފަހުން ޞާޢިޤާއާއި ރީޙާނުގެ ކައިވެނިކުރުމަށް ޙުސްނުބާނޫ ނިންމައިފިއެވެ. އެއީ ފާހަގަކޮށްލެވޭފަދަ ކުލަގަދަ ކައިވެންޏެއް ކަމުގައި ހަދަން ޙުސްނުބާނޫ ބޭނުމެވެ. އެ ކައިވެނީގައި ފެންފަދައިން ފައިސާ ޚަރަދު ކުރުމަށްޓަކައި، އަލްޙަމްރާގެ ޚަޒާނާ ވަނީ ހުޅުވާލެވިފައެވެ. އެކިއެކި ތައްޔާރުތައް ކުރުމުގެ ގޮތުން، އެންމެންވެސް ކޮޅުކޮޅަށް ހަރަކާތްތެރިވާން ފަށައިފިއެވެ. އޭގެތެރޭގައި އެންމެ ބޮޑަށް އިސްނަގައިގެން އުޅެނީ އަންޖަމަން އާރާއާއި ފަޚްރު ބޮޑުބޭބެއެވެ. ޒުވާނުންގެ ޖަމާޢަތުން އެންމެ ފޯރިނަގަނީ އަސައްދެވެ. ކައިވެންޏަށް ފޮތިގަންނަ މީހުންނާއި، ހެދުންފަހާ މީހުންނާއި، ގޭތެރެ ޒީނަތްތެރިކުރާ މީހުން، ކަނޑައެޅިފައިވާ ދުވަހަށް ހުރިހާކަމެއް ނިންމާލެވޭތޯ، ރެޔާދުވާލު މަސައްކަތް ކުރަމުން ގެންދެއެވެ. ޞާޢިޤާ، މާމަގެ އެންމެ އުސް މަސަންދުގައި ވަޑުވައިގެން، ނޯކަރުންނާއި ބާދީން، ރެޔާދުވާލު އޭނާއަށް ޚިދްމަތްކުރަމުން ގެންދެއެވެ. އޭނާގެ ކައިރީގައި އަބަދުވެސް ޙުސްނުބާނޫ އިނދެވެ. ޙުސްނުބާނޫގެ މަގާމުގައި އަލްޙަމްރާގެ ތަޅުދަނޑިފަތި ހިފައިގެން، ނާޖީ ކޮޅުކޮޅަށް ހަރަކާތްތެރިވާތީ ފެނެއެވެ. ދެންއޮތީ ހަމައެކަނި ރީޙާނާއި ޞާޢިޤާގެ ކައިވެނީގެ ބާއްޖަވެރި ސާޢަތަށްޓަކައި ކުރެވޭ އިންތިޒާރެވެ.

(ނިމުނީ)

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.