ޒަޚަމް – ޗެޕްޓަރ 38

ކުރާހާ ފަރުވާއަކުން ޝިފާއެއް ނުލިބި، ކަށްވަޅާ ދިމާއަށް ދަތުރުކުރަމުންދާ ބަލިމީހެކޭ، ޞާޢިޤާއެކޭ އެއްގޮތެވެ. އެއްދުވަހުން އަނެއްދުވަހަށްވެސް އޭނާ ހިކި އަނަރޫފަވެ، މިލާމޯޅިވަމުންދާން ފަށައިފިއެވެ. ފައުޒިއްޔާއާއި، ސަޢްދިއްޔާއާއި ޙުސްނުއާރާގެ ތޫނު ޖުމުލަތަކުން އޭނާގެ ހިތުގައި ލޯވަޅު އެޅެމުންދާން ފަށައިފިއެވެ. އެހެންކަމުން، އެ އަނިޔާތަކުން ސަލާމަތް ވުމަށްޓަކައި އޭނާ ވަރަށް ބޮޑަށް ވިސްނައި ފިކުރު ކުރުމަށްފަހުގައި ރީޙާނުގެ މަގުން އެއްކިބާވުމަށް ނިންމައިފިއެވެ. އެގޮތުން ޚާންދާނަށް ކުރިމަތިވެފައިވާ އުނދަގޫތައް ނެތިކޮށްލުމަށް ކަނޑައަޅައިފިއެވެ.

އެރޭ ފުރުސަތެއް ހޯދައިގެން ޞާޢިޤާގެ ކޮޓަރިއަށް ރީޙާން ދިޔައެވެ. އެތާނގައި ހިތާމައާއި ވޭނުގެ ތަސްވީރެއް ފަދައިން، ޞާޢިޤާ އިންދާ ފެނުމުން، ރީޙާން ވަރަށް ބޮޑަށް ދެރަވިއެވެ. އަދި އޭނާދެކެ ރުޅިވެސް އައެވެ. އެވަރަށް ވިސްނައިދީ، ހިތްވަރުދެމުން ދާއިރުވެސް، ޞާޢިޤާ އެގޮތަށް ހަލާކުވަމުންދާތީ، އޭނާ ނުރުހުންވިއެވެ. އަމުދުން ޞާޢިޤާ ރޮއިރޮއިފައި، މާމަގެ ބަސް ގަބޫލުކުރުމަށްއެދި އާދޭސްކުރަން ފެށުމުން، ރީޙާނުގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ.

[މުޅި ޚާންދާނުގައި އެވަނީ ޠޫފާން އުފެދިފައެވެ. ރީޙާނެވެ. ވީމާ، މާމަގެ ބަސް ގަބޫލު ކުރައްވައިގެން، ކަލާ ސަމީރާއާ ކާވެނި ކުރައްވާށެވެ….] ޞާޢިޤާ ރޮއިރޮއިފައި ބުނަމުން ގެންދިޔައެވެ.

[ޞާޢިޤާއެވެ….] ރީޙާނަށް ހަޅޭއްލަވައި ގަނެވުނެވެ. ރުޅިއައިސްގެންގޮސް އޭނާގެ ދެލޯ ރަތްވިއެވެ. [އަހަރެންނަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އަހަރެން ފިނޑިއަކަށް ހެދުމަށް ކަލޭ ބޭނުންވަނީ ހެއްޔެވެ؟] ޞާޢިޤާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ބުންޏެވެ.

[ރީޙާނެވެ. ރުޅި ނުދުރުވާށެވެ. މަޞްލަޙަތަށް ލޯބިކުރައްވަން ވާނެއެވެ. އަޅުގަނޑު މިނަންގަންނަނީ، މަޞްލަޙަތު ހުރިގޮތެވެ.]

[ޞާޢިޤާއެވެ.] ކޮއްޕާލާފައި ދާގޮތަކަށް ޞާޢިޤާގެ ގައިން ދޫކޮށްލަމުން، އަނެއްކާވެސް ރީޙާން ހަޅޭއްލަވައިގެންފިއެވެ. [އަހަރެންނާނުލައި ކަލެއަށް ދިރިއުޅުން ވޭތުކުރެވިދާނެކަން ނޭނގެއެވެ. ނަމަވެސް، ކަލެއާނުލައި ދިރިއުޅުމަކީ އަހަރެންނަށް ކުރެވޭނެކަމެއް ނޫނެވެ.] ރީޙާން ރުޅިއައިސް އެނބުރި ދިއުމަށްޓަކައި ހިނގައިގެންފިއެވެ. އެވަގުތު ޞާޢިޤާ ދުވެގޮސް އޭނާގެ ކުރިމައްޗަށް އަރައިފިއެވެ.

[ރީޙާނެވެ. ރީޙާނެވެ….] ރީޙާނުގެ މުލައްދަނޑީގައި އޮޅުލައިގެންފައި ޞާޢިޤާ ރޯންފަށައިފިއެވެ. ކޮންމެއަކަސް، އޭނާގެ ލޮލުން އޮހުނު ކަރުނަތައް، ރީޙާނުގެ ހިތުގެ އެންމެ ފުންމިނަށް ޖަޒްބުވަމުން ދާންފަށައިފިއެވެ. ރީޙާނުގެ ރުޅިގަނޑު މަޑުވެ، އޭނާގެ ހިތް ހަމްދަރުދީން ފުރިއްޖެއެވެ.

[ޞާޢިޤާއެވެ. ވަރަށް ވަރުގަދަ ޠޫފާންތަކާ އަހަރެން ކުރިމަތިލާން ވެއްޖެއެވެ. އެކަމަށްޓަކައި އަހަރެންނަށް ހިތްވަރު ދިނުމަކީ އެންމެ އިސްކަންތައް ކަމުގައި ހަދައިދޭށެވެ. އަހަރެން ފިނޑިއަކަށް ހެދުމަށް މަސައްކަތް ނުކުރާށެވެ.]

ހަމައެރޭ މާމަގެ ކޮޓަރިއަށް ރީޙާން ދިޔައެވެ. އޭނާ ކޮޓަރިތެރެއަށް ވަންއިރު، މާމަ އޭނާގެ އެންމެ ހައިބަތުކަމާއެކު، މަސަންދުގައި އިށީނދެލައިގެން އިނެވެ. ކައިރީގައިހުރި ގޮނޑިއެއްގައި، މާހިތާމަވެރި ގޮތަކަށް އިސްދަށަށް ޖަހާލައިގެން ފައުޒިއްޔާ އިނެވެ. ތަންކޮޅެއް ދުރުގައި އަންޖަމަން ކޮޅަށް ހުއްޓެވެ. މިއަދު އޭނާ ވަރަށް ގިނައިރުވަންދެން މަންމައާ ބަހުސް ކުރިއެވެ. އޭނާ ދެއްކި ވާހަކަތައް ހިސާބަކަށް މަންމައަށް ގަބޫލުވެސް ކުރެވުނެވެ. ނަމަވެސް، ސަޢްދިއްޔާއާއި ފައުޒިއްޔާ އަރާރުންވެގަތީނުން، އެވާހަކަ ހުއްޓާލާފައި ހިމޭންވުމަށް އޭނާއަށް މަޖުބޫރުވިއެވެ. ސަޢްދިއްޔާ މަސަންދުގެ ބިއްދޮށުގައި، ޙުސްނުބާނޫގެ ބުރިކަށި މޮޑެދޭން އިނެވެ. މިހާރުވެސް އެތަނުގައި ދެކެވޭ ވާހަކައިގެ މައުޟޫޢަކީ، ހަމަ ޞާޢިޤާއާއި ރީޙާނެވެ.

ރީޙާން އަދަބުވެރިކަމާއެކު ހިނގާފައިގޮސް މަސަންދުގެ ކައިރިއަށް ހުއްޓިއްޖެއެވެ. އޭނާ ފެނުމުން، ސަޢްދިއްޔާ ނިތްކުރިއަށް ރޫއަރުވާލިއެވެ. ޙުސްނުއާރާއާއި ފައުޒިއްޔާވެސް ހިމޭންވިއެވެ. ޙުސްނުބާނޫ ތޫނުފިލި ނަޒަރަކުން އޭނާއާ ދިމާއަށް ބަލައިލިއެވެ.

[ކަލޭ އައުމަށް އަހަރެން ނާންގަމެވެ.]

[ލައްބައެވެ. މިއީ އަޅުގަނޑު އަމިއްލައަށް އައި އައުމެކެވެ.]

[ތިޔައީ ކޮންބޭނުމެއްގައި އައި އައުމެއް ހެއްޔެވެ؟]

[އަޅުގަނޑު އައިބޭނުން މާމައަށްވެސް އެނގިލައްވާނެއެވެ.]

[އެއްވެސްކަހަލަ މައުޟޫޢަކަށް ވާހަކަދައްކަން ފެށުމުގެ ކުރިން، އަހަރެންގެ ސުވާލަށް ޖަވާބުދޭށެވެ. އަހަރެންގެ ނިންމުމާ ދޭތެރޭގައި ކަލޭގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟]

[ކިތަންމެވަރަކަށް ވިސްނިޔަސް، އަޅުގަނޑު ދޭންއޮތީ ހަމަ އެންމެ ޖަވާބެކެވެ. އެ ޖަވާބު މިހާރު އޮންނާނީ މާމައަށް އެނގިލައްވާފައެވެ. ކިތަންމެ ދުވަހެއްވިޔަސް، އަޅުގަނޑުގެ ޚިޔާލު ބަދަލެއް ނުވާނެއެވެ.]

[ރީޙާނެވެ….] ސަޢްދިއްޔާ ހަޅޭއްލަވައިގެންފިއެވެ. ނަމަވެސް، ރީޙާން އެކަމަކާ އަޅައެއް ނުލައެވެ.

[ކަލޭ ތިޔައުޅެނީ ގޮތްދޫނުކުރާން ހެއްޔެވެ؟] މާމަ ސުވާލު ކުރިއެވެ.

[އަޅުގަނޑު މިއައީވެސް ގޮތްދޫކުރާތީ ނޫންތޯއެވެ.] އޭނާގެ ރާގުގައިހުރި އަދަބާ ޚިލާފު ހަރުކަށިކަމަކުން، މާމަގެ ގާތަށް ރުޅިއަތުވެއްޖެއެވެ.

[ކަލޭގެ ބޮޑުބޭބެވެސް ގޮތްދޫނުކޮށް، ތިޔަގޮތަށް ހަރުކަށިވެގެން އުޅުނެވެ. އެކަމުގެ ނަތީޖާ ކަލޭ ދެނަހުރީމު ހެއްޔެވެ. ކަލޭ ތިޔައުޅެނީ އެ ހާދިސާ ތަކުރާރުކުރަން ހެއްޔެވެ؟ ހަނދާންކުރާށެވެ. ރަނގަޅަށް ދަންނާށެވެ. ޤަދަރާއި ޢިއްޒަތަށްޓަކައި އަމިއްލަ ދަރިއަކު ޤުރްބާންކޮށްލި މަޔަކު، މާމަ ދަރިއަކަށް ރަހުމެއް ނުކުރާނެއެވެ. ޖާހާއި މަތިވެރިކަމަށްޓަކައި، އަހަރެމެން ކޮންމެފަދަ ބޮޑުކަމެއްވެސް ކޮށްފާނަމެވެ.]

[ތިޔަ ބުނުއްވާ ޖާހާއި މަތިވެރިކަމަކީ، އަޅުގަނޑުމެންގެ މައްސަލައާ ކޮން ބެހުމެއްހުރި ކަމެއްތޯއެވެ؟] މާމަ ރުޅިއައިސްފައި އިންކަން އެނގުމާއެކުވެސް، ރީޙާނުގެ ސުވާލުތަކާއި ޖަވާބުތައް ކުރިއަށް ގެންދިޔައެވެ.

[ނުބެހެންވީ ކީއްވެގެން ހެއްޔެވެ؟]

[ޞާޢިޤާއަކީ، މާމަގެ މާމަ ދަރިއެއް ނޫންތޯއެވެ؟] މަސަންދުގެ ކައިރީގައި ކުޑަކަކޫ ޖަހާލައިގެން އިށީންނަމުން، މާމަގެ ދެކަކުލުގައި ރީޙާން ހިފަހައްޓާލިއެވެ. [އޭނާއަކީ، މާމަދަރިއެއް ކަމުގައި ގަބޫލު ކުރެއްވުމަށް މާމަ އިންކާރު ކުރައްވަނީ ކީއްވެގެންތޯއެވެ؟] އިލްތިޖާގެ އަސަރުތައް އެކުލެވިފައިވާ ރާގެއްގައި ރީޙާން ވާހަކަދައްކަން ފެށުމުން، މާމަގެ ހަރުކަށި މިޒާޖަށް ހިސާބެއްގެ މަޑުމައިތިރިކަމެއް އަތުވެއްޖެއެވެ. އެކަން ޙުސްނުއާރާއަށް އިޙްސާސް ކުރެވިގެން އަވަސްއަވަހަށް ޙުސްނުބާނޫގެ ރުޅިގަނޑު ގަދަކުރުމުގެ ނިޔަތުގައި ބުނެލިއެވެ.

[އެއީ، ރަނގަޅު ސުންޕާއެކެވެ. ޑައިނެކެވެ.]

[ބޮޑުދައިތާއެވެ.] މުޅި ކޮޓަރިތެރޭގައި ރީޙާނުގެ އަޑު ގުގުމާލިއެވެ.

[އަދަބުވެރިކަމުގެ ޙައްދުން އެއްކިބާ ނުވާށެވެ. ރީޙާނެވެ.] ސަޢްދިއްޔާވެސް ފަށައިގެންފިއެވެ.

[އެކުއްޖާފުޅުގެ ލޯބިވެރިޔާއާ ދިމާއަށް ސުންޕާއެކޭ، ޑައިނެކޭ ކިޔައިގެން ވާހަކަ ދައްކަންޏާ، ހަމައިގައި ހުރެވޭނެ ހެއްޔެވެ؟] ފައުޒިއްޔާވެސް ޙަމަލައެއް ދީފިއެވެ.

[ސުންޕާ ނޫން އެހެން ނަމަކުން އޭނާއާ މުޚާޠަބު ކުރާނީ ކިހިނަކުން ހެއްޔެވެ؟ ދުނިޔެއަށް އުފަންވުމާއެކު، އަހަރެމެންގެ މާތް ބައްޕަ ހަޖަމް ކޮށްލައިފިއެވެ.] ޙުސްނުއާރާ ލޮނުހެޔޮވަރު ކޮށްލައިފިއެވެ.

[އޭނާ ދުނިޔެއަށް ނައިނަމަ، ޤިޔާމަތާ ހަމަޔަށްވެސް ކާފަ ދުނިޔޭގައި ހުންނެވީސް ހެއްޔެވެ.] ރީޙާނުގެ ގާތަށް ރުޅިއަތުވެއްޖެއެވެ.

[ރީޙާނެވެ.] ހަރުކަށިކަމާއެކު މާމަ ބުންޏެވެ.

[ލައްބައެވެ.] އަދަބުވެރިކަމާއެކު ރީޙާން އިޖާބަދިނެވެ.

[ކަލޭ ތިޔަދައްކާ ވާހަކައިގެ މަޠްލަބަކީ ކޮބައިހެއްޔެވެ؟]

[މާމަމެންގެ އަމިއްލަ އެދުމަށްޓަކައި، ޞާޢިޤާގެ ދިރިއުޅުން ޖަހަންނަމަކަށް ހައްދަވައިފީމުއެވެ. އޭނާގެ ނަފްސުގައި ޝައްކާއި ވަހުމްގެ ތޮށިގަނޑެއް ލައްވައިފީމުއެވެ.]

[ހުނ! ޝައްކާއި ވަހުމް….] ފައުޒިއްޔާއަކަށް ހިމޭނަކުން ނުއިނދެވުނެވެ.

[ލައްބައެވެ. ޞާޢިޤާގެ ބޮލުގައި ތިޔަ އަޅުވާ ހުރިހާ ތުހުމަތަކީވެސް، ޝައްކާއި ވަހުމް ފިޔަވައި އެހެން ދެން ކޮންކަމެއްތޯއެވެ….] ރީޙާން ނުހަނު ފޯރިއާއެކު ވާހަކަ ދައްކަމުން ގެންދިޔައެވެ. [ތަންކޮޅެއް ފިނި ހިތަކާއެކުގައި ވިސްނަވާ ބައްލަވާށެވެ. ޞާޢިޤާއަކީ ސުންޕާ ކުއްޖެއް ކަމުގައި ހައްދަވައިގެން ވާހަކަ ފެތުރުއްވުމުގައި މާމަމެންނަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ.]

[އަހަރެންނާ އަރާރުންވުމުގެ ބޭނުމެއް ނެތެވެ.] ރީޙާނުގެ ކިބައިން ސަލާމަތްވުމަށް ޙުސްނުބާނޫ ބޭނުންވިއެވެ.

[މާމާއެވެ. މާމަގެ ޒުވާން ކޮއްކޮ މުންނާރުން ވެއްޓި ފުނޑުފުނޑުވެގެންދިޔައީ ކޮންއިރަކުތޯއެވެ؟ ޚާންދާނުގެ ހަރު މުދަލުގެ ގޮތުގައިހުރި ވާރުތަ ގަހަނާތައް އަނދައިގެންދިޔައީ ކޮންއިރަކުތޯއެވެ؟ ރާޒީއާއި ކާފައާ ދޭތެރޭގައި ހިނގި ދެބަސްވުމާއި އަރާރުންގަނޑުގައި އެތަކެއްހާސް އޭކަރުގެ ދަނޑުބިން ގެއްލިގެންދިޔައީ ކޮންއިރަކުތޯއެވެ؟ އެހުރިހާކަމެއް ހިނގީ ޞާޢިޤާ އުފަންވީ ފަހުންތޯއެވެ؟ ނުވަތަ އޭނާ ދުނިޔެއަށް އަންނާނެތީ، މާކުރިން އޭނާގެ ސުންޕާކަން ޖެހެންފެށީތޯއެވެ؟] ރީޙާން ނުހަނު ފޯރިއާއެކު، ބޮޑެތި ބޮޑެތި މިސާލުތައް ދައްކަން ފެށުމުން، އެތަނުގައިތިބި އެންމެންގެ އަނގަ ބެދިއްޖެއެވެ. ހަމަހިމޭންވެއްޖެއެވެ. އެހެންކަމުން، އޭނާއަކަށް މާގިނައިރު ވާހަކަ ނުދައްކައެއް ނުއިނދެވުނެވެ. އެންމެންގެ ކަޅިމަތި ބަލާފައި އޭނާ ފަށައިފިއެވެ.

[އެންމެން ރަނގަޅެވެ. އޭނާގެ ސުންޕާކަމާ ދޭތެރޭގައި ކަލެއަށް އިންކާރު ކުރެވިދާނެއެވެ. އެކަމަކު ހަނދާންކުރާށެވެ. އޭނާމެ އަމަޔަކީ ކާކުކަމެއް އަދި ކަލެއަކަށް ނޭނގޭ ނޫންހެއްޔެވެ.] ފައުޒިއްޔާ ދޭންއޮތް އެންމެފަހުގެ ޙަމަލާ ދޫކޮށްލައިފިއެވެ.

[އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް، އެންމެރަނގަޅެވެ.] މަޑުމައިތިރިކަމާއެކު ރީޙާން ބުންޏެވެ. ހަމަގައިމުވެސް އެ އަންހެންމީހާ ވާނީ ވަރަށް މާތް މީހަކަށެވެ. އޭނާއަށްޓަކައި ދުނިޔޭގެ ހުރިހާ އަރާމަކާއި ތަނަވަސްކަމެއް ދޫކޮށްލައްވާފައި ޠާހިރުބޭބެ އެދުރުވީ، ހަމަގައިމުވެސް އެ އަންހެންމީހާގެ ކިބައިގައިހުރި މާތް ސިފަތަކެއްގެ ސަބަބުންނެވެ.]

[ރީޙާނެވެ. ކަލޭގެ ކަންތައް މިހާރު މާބޮޑުވެއްޖެއެވެ.] ސަޢްދިއްޔާ ބައިވެރިވެލިއެވެ.

[ރީޙާނެވެ. ރަނގަޅަށް ވިސްނައި ފިކުރު ކުރުމަށްފަހުގައި ވާހަކަ ދައްކާށެވެ.] ޙުސްނުއާރާ އަކަށްވެސް ހިމޭނަކުން ނުއިނދެވުނެވެ.

ޙުސްނުބާނޫ އަދިވެސް އިނީ ހަމަހިމޭނުންނެވެ. ހީވާގޮތުން އޭނާގެ ކިބައިގައިވާ އަންހެން ވަންތަކަން ހޭލަމުންދާން ފަށައިފިއެވެ.

[މާމާއެވެ. މާމަގެ ހިތް އެހާބޮޑަށް ހަރުވީ ކީއްވެގެންތޯއެވެ؟] އެމީހުންގެ ވިހަ ބެލުންތަކަށް ފަރުވާއެއް ނުބަހައްޓައި ރީޙާން ބުންޏެވެ. [ޠާހިރު ބޮޑުބޭބެގެ މައްސަލައިގައި ހަރުކަށިވެލެއްވުމަކީ މާމައަށް ޙައްޤުވެގެންވާ ކަމެކެވެ. ބޭބެގެ ކައިވެނީގައި ޚާންދާނުގެ ޤަދަރާއި ޢިއްޒަތް ހިފެހެއްޓެވުމަކީ ކޮންމެހެން ކުރައްވަންޖެހޭނެ ކަމެއްވެސްމެއެވެ. ނަމަވެސް، ޞާޢިޤާއާ ދޭތެރޭގައި އަނިޔާވެރިވެލެއްވުމަކީ މާމަގެ ޙައްޤެއް ނޫނެވެ. އެއީ ހަމަ އަޅުގަނޑުމެންގެ ޚާންދާނުގެ ލެޔެވެ. މަރްޙޫމް ޠާހިރު ބޮޑުބޭބެގެ އެންމެފަހުގެ ނިޝާނެވެ. އެނގިލައްވާތޯއެވެ. އެ ޔަތީމު އަންހެންކުއްޖާ، މާމަގެ ކުރިމަތީގައި ބޮޑުވަމުންދިޔައީ، މާމަގެ އެއްވެސް ހިޔާވަހިކަމެއް، އޯގާތެރިކަމެއް ނުލިބިއެވެ. އޭނާއަށް ލިބެންޖެހޭ ޙައްޤުތައްވެސް ވަނީ އޭނާގެ ކިބައިން މަޙްރޫމް ކުރެވިފައެވެ. އެހެންނަމަވެސް، ހަމަ ތިޔަ މާމަގެ އޯގާތެރިކަމާއި އެހީތެރިކަމުގެ ހިޔަލުގައި، އެތަކެއްހާސް ޔަތީމުންނާއި މިސްކީނުން ގެންގުޅެ ބޮޑުކުރައްވައިފީމުއެވެ. މުޅި ޝަހަރަށް ނަންއަރާފައިވާ އެންމެ ބޮޑު ޔަތީމުޚާނާއަކީ، މާމަގެ އަމިއްލަ ތަނެކެވެ. އަލްޙަމްރާގައި އަޅުގަނޑުމެންގެ ޚާންދާނުގައި އުފަންވެ، ޔަތީމުވެގެންދިޔަ އަންހެންކުއްޖާގެ މުޅި އުމުރުގައިވެސް، މާމަގެ އޯގާތެރި ފިރުމާލުމެއްގެ އިޙްސާސްވެސް ނުލިބެއެވެ. ބުނުއްވަ ބައްލަވާށެވެ. ލޯބިވެތި ނަޒަރަކުން އެންމެ ފަހަރަކުވެސް އޭނާއާ ދިމާއަށް ބައްލަވައިލެއްވީމުތޯއެވެ؟ ﷲ އަށް ބިރުވެތިވުމަކީ އެއީތޯއެވެ؟ ޔަތީމު ކުދިންނާ ދޭތެރޭގައި ޢަމަލުކުރަން އަންގަވާފައިވަނީ އެގޮތަށްތޯއެވެ؟] ރީޙާނުގެ ލޮލުން ކަރުނަ އޮހެންފަށައިފިއެވެ.

ރީޙާން މިހާރު ލައިގެންއިން ކަޅު ކޯޓުގެ ކޮނޑުމަތީގައި، ޞާޢިޤާގެ ލޮލުން ފޭބި ކަރުނައިގެ ތެތްކަން އަދިވެސް އެބަހުއްޓެވެ. ވީމާ، އެ ކަރުނައިގެ ބާރުގައި، މެދުކެނޑުމެއްނެތި އޭނާގެ ދޫ ހަރަކާތްތެރިވަމުން ދިޔައެވެ. ސަޢްދިއްޔާއާއި ޙުސްނުއާރާއަކަށްވެސް އޭނާގެ ވާހަކަ ހުއްޓުވައެއް ނުލެވުނެވެ.

އެންމެފަހުން، ހިލައިގައި ރޮނގު އެޅެން ފަށައިފިއެވެ. އެންމެންގެ ކަރު އެލެންފަށައިފިއެވެ. މާމަގެ ހިތްވެސް މަޑުވަމުންދާން ފަށައިފިއެވެ. ފައުޒިއްޔާއަށް އޭނާ ބަލިވުމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. [ތިޔަބޭކަނބަލުންނަކީވެސް ކޮންފަދަ އަނިޔާވެރި ބައެއްތޯއެވެ؟ އެންމެން އެކުވެގެން، ދިރިހުރި އިންސާނަކު މަރުގެ އަނދަވަޅާ ދިމާއަށް ކޮއްޕަމުން ގެންދާތަން އަޅުގަނޑަށް ފެނެއެވެ. އަބަދުވެސް ތިޔަ ބޭކަނބަލުންގެ އަނިޔާވެރި ޢަމަލުތަކުން، އެފަކީރުގެ ޒަޚަމްތަކުގައި ލޮނުމިރުސް އަޅުއްވަމުން ގެންދަވާއިރު، އެއީ އިންސާނެއްކަމުގައިވެސް ހީއެއް ނުކުރައްވަމުއެވެ. ބުނުއްވަ ބައްލަވާށެވެ. އޭނާގެ މޭގައި ހިތެއް އޮންނާނެކަން، ފަހެ އެނގިނުލައްވަނީތޯއެވެ؟ ލޯތްބާއި އޯގާތެރިކަމަށް އުންމީދު ކުރުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއް ނޫންތޯއެވެ؟ މާމަގެ ކިބައިގައިވާ މައިވަންތަކަން ދިޔައީ ކޮންތަނަކަށްތޯއެވެ؟ މާމަމެން ޞާޢިޤާއާ ދޭތެރޭގައި ކަންތައް ކުރައްވަމުން ތިޔަ ގެންދަވާގޮތުން، ޠާހިރު ބޭބެގެ ފުރާނައަށް ފަހަރެއްގައިވެސް ހަމަޖެހުމެއް ލިބޭނެތޯއެވެ؟ ޞާޢިޤާއާ ދޭތެރޭގައި އެންމެންގެ ހިތުގައި އެފަދަ ބޮޑު ނަފްރަތެއް އުފެދެންވީ ކޮންސަބަބަކާ ހުރެތޯއެވެ؟ އެ ހެޔޮލަފާ އާޔާ ނެތްނަމަ، އެފަކީރު މިހާރު ދަންޖައްސައި މަރައިފީސް ނޫންތޯއެވެ؟ އެންމެރަނގަޅެވެ. މުޅި އުމުރުގައިވެސް މާމަމެންގެ ފަރާތުން އޭނާއަށް އެއްޗެއް ލިބިފައި ވޭތޯއެވެ؟ ނެތްކަން ކަށަވަރެވެ. ތިޔަގޮތަށް އޭނާގެ އުފާތައް ކަތިލެއްވުމަށްވުރެ، އެއްފަހަރުން މަރާލެއްވުން މާރަނގަޅު ވާނެއެވެ. ހަމަ މިހާރު އޭނާ ގޮވައިގެން އަޅުގަނޑު އަންނާނަމެވެ. މާމަގެ ތިޔަ ޤަދަރުވެރި ދެއަތުން، އޭނާގެ ކަރުގައި ހިފައި ބާރުކޮށްލައްވާށެވެ….] ރީޙާން ފުންމައިގެން ތެދުވެއްޖެއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުންގޮސް، އެ ކޮޓަރިން ނުކުމެއްޖެއެވެ.

ރީޙާން ދިޔަލެކަށްވުރެ އަވަހަށް ޞާޢިޤާގެ އަތުގައި ހިފައިގެން ދަމާފައިކަހަލަ ގޮތަކަށް ގޮވައިގެން އަތުވެއްޖެއެވެ. އޭރު ޞާޢިޤާ ހުރީ ބިރުން ވިރިވިރިއެވެ. އޭނާގެ މޫނުގެ ކުލަ ހުރީ ފަނޑުވެފައެވެ. ދެލޮލުގެ ކަރުނަތައް ވަނީ ހުސްވެފައެވެ. ވާންއުޅޭގޮތެއް ކުޑަކޮށްވެސް އޭނާއަކަށް ނުވިސްނެއެވެ. ކޮންމެއަކަސް، ރީޙާން އޭނާ ގޮވައިގެން އެދިޔަގޮތަށްގޮސް، މާމަގެ ފައިދަށަށް އޭނާ ކޮއްޕާލައިފިއެވެ.

[ތިޔަ އޮތީ މާމަގެ އަނިޔާގެ ޝިކާރައެވެ. އަދި މާމަގެ ހިތަކަށް ފިނިކަމެއް ނުލިބޭ ނޫންތޯއެވެ؟ ވީމާ އަވަހަށް އޭނާގެ ކަރުގައި ހިފައި މަރާލައްވާށެވެ. ހިތަށާއި ސިކުނޑިއަށް ފިނިކަން ހޯއްދަވާށެވެ.] ތޫނު ނަޒަރަކުން ޙުސްނުބާނޫގެ މޫނަށް ރީޙާން ބަލައިލިއެވެ.

ޙުސްނުބާނޫ ކުއްލިއަކަށް ގުދުވެފައި ޞާޢިޤާގެ ދެކިހިލިފަތަށް އަތްލައްވާފައި ނަގައި އޮޅުލައިގެންފިއެވެ.

[އަހަރެންގެ ބަދުނަސީބު ދަރިފުޅުގެ އަނިޔާ ލިބިގެންވީ އަންހެންކުއްޖާއެވެ….] ޙުސްނުބާނޫގެ ދުވަސްވީ ޤަދަރުވެރި ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގެންފިއެވެ. ޙުސްނުއާރާއާއި ސަޢްދިއްޔާއަށްވެސް ރޮވިއްޖެއެވެ. އަންޖަމަން އާރާއަށް ގިސްލެވެން ފަށައިފިއެވެ. ފައުޒިއްޔާވެސް ފާޑަކަށް ތުންފިއްތަން ފަށައިފިއެވެ. ހީވަނީ، ހަމަ ދެންމެއަކު ޠާހިރު ވަޅުލާފައި އައިސް، މާމަގެ ހިތާމައިގައި އެންމެން އެންމެންނަށް ރޮމުން ގެންދާހެންނެވެ. އެ މަންޒަރު ފެނުމުން، ރީޙާން ލޮލުގެ ކުޑަކޮޅުންވެސް ކަރުނަ ފާއްދާލިއެވެ. އެކަމަކު އޭނާ ރޯކަށް ބޭނުމެއް ނޫނެވެ. ވީމާ ދަތްކުނޑި ވިކާލާފައި އަނެއްފަރާތަށް އޭނާ މޫނު އަނބުރާލައިފިއެވެ. ހަމަ އެ ސިކުންތުގައި، ޞާޢިޤާގެ ނަސީބުވެސް އެނބުރިލައިފިއެވެ.

އަދިވެސް ޞާޢިޤާގެ ގަޔަކުން ޙުސްނުބާނޫ ދޫކޮށެއް ނުލައެވެ. އޭނާ ރޮއިރޮއިފައި ޞާޢިޤާގެ ގައިގައި އޮޅުލަމުން ގެންދެއެވެ. ހަމައެފަދައިން ޞާޢިޤާވެސް، މާމަގެ މޭގައި ތަތްކޮށްލައިގެންއޮވެ، ކަރުނަ އޮއްސަމުން ގެންދެއެވެ. މި ކަރުނައިގެ ސަބަބުން، ޞާޢިޤާގެ އުމުރުން ވޭތުވެގެންދިޔަ ވިހި އަހަރު ދުވަހުގެ ހިތިކަން ދޮވެވިގެން ހިނގައްޖެއެވެ. މާމައާ ދޭތެރޭގައި އޭނާގެ ހިތުގައިވާ ކިލަނބުކަން ފިލައިގެން ހިނގައްޖެއެވެ. މިހާރު މާމަގެ މޭގެތެރެއަށް ގެނބިގެން ދިއުމަށް އޭނާ ބޭނުންމެއެވެ. އެންމެ ފުރަތަމަފަހަރު، މާމަގެ އޯގާތެރި ފިރުމުންތައް އޭނާއަށް އިޙްސާސް ކުރެވިއްޖެއެވެ. މައިވަންތަކަމުގެ ލޯތްބަށްޓަކައި ތެޅިތެޅިއޮތް އޭނާގެ ރޫޙަށް، މާމުއިގެ ފޮނިކަމާއި، ފަތިހުގެ ވައިރޯޅީގައި އެހުންނަ ހިތްގައިމު ފިނިކަން ލިބިއްޖެއެވެ. އެއީ ހަމަ ރީޙާނުގެ ހިތްވަރުގެ ނަތީޖާއެވެ. އަދި އެއީ ޞާޢިޤާގެ ކެތްތެރިކަމުގެ މޭވާވެސް މެއެވެ. ޝައްކެއްނެތެވެ. ﷲ އިރާދަކުރައްވައިފިނަމަ، ނުވާނެ އެއްކަމެއްވެސް ނެތެވެ. އެގޮތުން ޞާޢިޤާގެ ޙައްޤުތައް އޭނާއަށް އަނބުރާ އިޢާދަ ކުރައްވައިފިއެވެ.

ދުޝްމަނުން ކިތަންމެވަރަކަށް ދަތްވިކިޔަސް، ދެން ކުރާނެކަމެއް ނެތެވެ. ސަޢްދިއްޔާއާއި ފައުޒިއްޔާގެ ރޭވުންތައް ފެނަށްވެގެން ދާތަން ފެނުމުން، އެމީހުންގެ މޭގަނޑު ކުދިކުދި ވެއްޖެއެވެ. ހަސަދައިގެ އަލިފާންގަނޑުން ހުޅުފަޅައިގެން ހިނގައްޖެއެވެ. ނަމަވެސް، ކުރާނެކަމެއް ނެތިގެން، ބަދަލުހިފުމުގެ އާގޮތެއް ހޯދުމަށްޓަކައި، އެމީހުންގެ ސިކުނޑިތައް މަސައްކަތް ފަށައިފިއެވެ. އަބަދުވެސް ޞާޢިޤާއަށް ހެޔޮއެދޭ އަންޖަމަން އާރާގެ މޫނުމަތިން އުފާވެރިކަމުގެ ވިދުވަރު ފާޅުވާން ފަށައިފިއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.