ޒަޚަމް – ޗެޕްޓަރ 36

ޞާޢިޤާ އަތްދަނޑިމައްޗަށް ނަގައިގަނެގެން، އެ ބޮޑު ހޯލުން ރީޙާން ނުކުމެގެން ދިޔައީ، އެތަނުގައި ބޮޑު ހައިޖާނެއް އުފައްދާފައެވެ. މާމަގެ ކުރިމަތީގައި ޞާޢިޤާގެ ކަރުގައި އެ ފަށް އެޅުވުމަކީވެސް ކުޑަކަމެއް ނޫނެވެ. އެކަން އެހެންއޮއްވާ، ޚަބަރު ހުސްވެފައިވާ ޞާޢިޤާ ނަގައިގަނެގެން އެހެންމީހުނާ ދޭތެރޭގައި ފަރުވާއެއް ނުބަހައްޓައި، އެތަނުން ދިއުން ހިމެނުނީ، އަނދައަނދާހުރި އަލިފާންގަނޑަކަށް ތެޔޮ އެޅުންފަދަ ކަމަކަށެވެ. ޚާއްޞަކޮށް މާމައަށްޓަކައި އެ ފާޅުވީ މުޅިން އާ އަދި ހައިރާން ކުރުވަނިވި ސިއްރެކެވެ.

[މިއީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟] ވަރަށްގިނައިރު ވަންދެން ހިމޭނުން އިނުމަށްފަހު އެންމެންނާ މުޚާޠަބުވާގޮތަށް މާމަ ސުވާލު ކުރިއެވެ.

[އަމާގެ މަގާމަށް ދަރި އިސްވީއެވެ.] އެންމެފަހުން ފައުޒިއްޔާގެ ރުޅިގަނޑު އުތުރިގެންފިއެވެ.

މާމަ އެނބުރިފައި ފައުޒިއްޔާގެ ހުޅުފަޅާފައިވާ މޫނަށް ބަލައިލިއެވެ. މިހާރު މާމައަށްވެސް މައްސަލައިގެ ސީރިޔަސްކަން ވިސްނިއްޖެއެވެ. އެހެންކަމުން، ހުރިހާ މާމަދަރިންނަށް، އެ ހޯލުން ނުކުތުމަށް އޭނާ އަމުރުކޮށްފިއެވެ. އެކުދިން، ނުހަނު ކިޔަމަންތެރިކަމާއެކު އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

ހޯލުގައި މާމައާއި އޭނާގެ ދެ އަންހެން ދަރިންނާއި ޅީދަރިންކޮޅު އެކަނިވެއްޖެއެވެ. ފައުޒިއްޔާއާއި ސަޢްދިއްޔާ ހީވަނީ ރުޅިއައިސްގެންގޮސް ފަޅައިގެން ހިނގައިދާނެ ހެންނެވެ. ޙުސްނުއާރާއާއި އަންޖަމަން އާރާއަކީ، ޙުސްނުބާނޫ ފަދައިން އޭގެ ކުރިން ރީޙާނާއި ޞާޢިޤާގެ ސިއްރު އެނގިފައިނުވާ މީހުން ކަމަށްވާތީ، އެމީހުންގެ މޫނުމަތިން ފެންނަނީ، އިންތިހާދަރަޖައިގެ ހައިރާންކަމެވެ.

[މިފެންނަނީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟ އަހަރެންނަކަށް ނުވިސްނުނެވެ.] ޙުސްނުބާނޫ ބުންޏެވެ.

[ވިސްނިނުލައްވަނީ ކޮންކަމެއްތޯއެވެ؟] ވިހަގޮތަކަށް ފައުޒިއްޔާ ބުނެލިއެވެ.

[އެއީ ތެދެކެވެ….] ފައުޒިއްޔާގެ ވާހަކައަށް ތާއީދުކުރުމުގެ ގޮތުން ޙުސްނުއާރާ ބުންޏެވެ. [އެކަމަކު އެކަން އެހެން ވާންޖެހުނީ ކީއްވެގެންކަމެއް އަޅުގަނޑަކަށްވެސް ނުވިސްނެއެވެ. ރީޙާނަކީ ޞާޢިޤާގެ ހިޔަނި ފެނިލިޔަސް ބިރުން ފިލާ ކުއްޖެކެވެ.]

[އެންމެ ބޮޑަށް ޞާޢިޤާއަށް ގޯނާކޮށް މަލާމާތްކޮށް ހަދަނީވެސް ރީޙާނެވެ. އޭނާ ދުވަހަކުވެސް، ސީދާގޮތެއްގައި ޞާޢިޤާއާ ވާހަކަވެސް ނުދައްކައެވެ.] ވިސްނުމެއްގެ ތެރޭގައި އިނދެގެން ސަޢްދިއްޔާ ބުންޏެވެ.

[މިހާރު އަމިއްލަ ލޮލަށް ފެނިއްޖެ ނޫންހެއްޔެވެ؟ އަހަރެން ހެދީ ދޮގެއް ނޫންކަން އެނގިއްޖެ ނޫންހެއްޔެވެ؟] ސަޢްދިއްޔާއާ މުޚާޠަބު ކުރަމުން ފައުޒިއްޔާ ބުންޏެވެ.

[އަހަރެން މި ހައިރާންވަނީ ތިޔަކަމާއެވެ.] ސަޢްދިއްޔާ ޖަވާބު ދިނެވެ.

[ހާދަ އާދަޔާ ޚިލާފު ކަމެކެވެ.] ޙުސްނުއާރާ ބުންޏެވެ.

[ކަލޭމެން ހީކުރާނެ އެއްޗެއް ހީކުރާށެވެ. ޙަޤީޤަތް ތިޔައޮތީ އެންމެންގެ ކުރިމަތީގައި ހާމަވެފައެވެ. އެކަށީގެންނުވާ ކަންތައް ތިޔައޮތީ ވެނިމިފައެވެ.] ފައުޒިއްޔާ ރުޅިވެރިކަމާއެކު ބުންޏެވެ.

އެ މައްސަލައާ ބެހޭގޮތުން ވަރަށް ގިނައިރުވަންދެން ވާހަކަ ދެކެވުނެވެ. އެންމެފަހުން ޙުސްނުބާނޫގެ އަމުރަށް ފައުޒިއްޔާއަށް އެނގިހުރި ވަރަކުން އެހުރިހާ ވާހަކައެއް ކިޔައިދީފިއެވެ.

[ހަމަ ތިޔަހާ ބޮޑަށް ކަންތައް ގޯސްވެއްޖެ ހެއްޔެވެ؟] ޙުސްނުބާނޫގެ ނިތްކުރިއަށް ރޫއަރުވާލިއެވެ.

]ކަންތައް އެވަރަށް ގޯސްނުވާނަމަ، ޢިއްޒަތްތެރި މާމަގެ ކުރިމަތީގައި އެވަރުގެ ހިތްވަރެއް ކުރަން ރީޙާނަށް ކެރުނީސްތޯއެވެ؟] ޙުސްނުބާނޫގެ ރުޅިގަނޑު ގަދަކުރުވުމުގެ ގޮތުން ފައުޒިއްޔާ ބުންޏެވެ.

ސަޢްދިއްޔާ އިސްދަށަށް ޖަހާލައިގެން އިނެވެ. އަންޖަމަން އާރާވެސް ހަމަހިމޭން ކަމާއެކު އެހެންމީހުން ދައްކާ ވާހަކަ އަޑުއަހަން އިނެވެ. އެންމެންވެސް ރީޙާނަށްވުރެ ބޮޑަށް އެތިވަރުގޮވައި ލާނެތްދީ ހެދީ ޞާޢިޤާއަށެވެ. މަރްޙޫމާ ނާޖީގެ ވާހަކަވެސް ފަށަފަށައިގެން ދެއްކިއެވެ. އޭގެ ދެމައިންނަށް ބަދު ދުޢާ ކުރިއެވެ. އެވަރަކުންވެސް އެމީހުންގެ ހިތްތަކުގައި ރޯވެފައިވާ އަލިފާންގަނޑު ފިންޏެއް ނުވިއެވެ.

[އަޅުގަނޑު ދެރަވަނީ، ހަމައެކަނި އަޅުގަނޑަށްޓަކައެވެ.] ގަދަކަމުން ލޮލުން ކަރުނަ ގެންނަމުން ޙުސްނުބާނޫއާ ދިމާއަށް ބަލައިލާފައި ފައުޒިއްޔާ ބުންޏެވެ. [އެކުއްޖާއަށް ވާނެގޮތް ދެނެވޮޑިގެންވާނީ ﷲ އެވެ.]

[ފައުޒިއްޔާއެވެ. ހުރިހާ ވާހަކައެއް ކުރިން އަހަރެންނަށް ކިޔައިނުދިނީ ކީއްވެގެން ހެއްޔެވެ؟] ފައުޒިއްޔާ ރޯތަން ފެނުމުން، ޙުސްނުބާނޫ ވަރަށް ބޮޑަށް ދެރަވެއްޖެއެވެ.

[ނަންގަންނާނީ ކީކޭތޯއެވެ. ހިތާމަކުރުމަކީ ނަސީބުގައި ލިޔެވިފައިވާ ގޮތްނަމަ، އެކަން ބަދަލުކުރެވޭނީ ކާކަށްތޯއެވެ؟ ވިހި އަހަރުގެ ފަހުން އަނެއްކާވެސް ހަމަ އެ ހިތާމަ އުފުލަން ޖެހުނީއެވެ. ތާރީޚު އަނބުރާ އިޢާދަވީއެވެ.] ފައުޒިއްޔާ ގިސްލާފައި ރޯން ފަށައިފިއެވެ. އެހެން އެންމެންވެސް އިސްދަށަށް ޖަހާލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ތިއްބެވެ.

[ފައުޒިއްޔާއެވެ. ނުރޯށެވެ. އަހަރެން ދުނިޔޭގައި އިންދާ ތިޔަހާބޮޑަށް މާޔޫސްވަނީ ކީއްވެގެން ހެއްޔެވެ؟ ރީޙާނާ ދޭތެރޭގައި އަހަރެން ނިންމާފައިވާ ނިންމުމަށް ހުރަސްއެޅޭނެ މީހަކު ހުރިތޯ ބަލައިލާނަމެވެ. ހިތްވަރު ދެރަނުކުރާށެވެ. ސަމީރާއަށް ނަސޭހަތްދީގެން ހިތްހަމަ ޖައްސައިދިނުމުގެ ބަދަލުގައި، އަމިއްލައަށް ރޮއިރޮއި ހަލާކު ނުވާށެވެ.] ފައުޒިއްޔާގެ ކަރުނަތައް، ޙުސްނުބާނޫގެ ހިތުގައި ޠޫފާން އުފައްދައިފިއެވެ.

[އެކަމަކު މަންމާއެވެ.] އަންޖަމަން އާރާ ހިތްވަރުކޮށްލައި އެއްޗެއް ބުނެލައިފިއެވެ. [ތިޔަފަދަ ނިންމުމެއް ނިންމަވަންވާނީ، ވަރަށް ބޮޑަށް ވިސްނައި ފިކުރު ކުރެއްވުމަށް ފަހުގައެވެ.]

[އޭ ހޭ! މިއީ ކަލެޔާ ކޮން ބެހުމެއްހުރި ކަމެއްހެއްޔެވެ؟] އަންޖަމަނާ ދިމާއަށް ޙަސަންބާނޫ އެއްޗެތި ކިޔައިގެންފިއެވެ.

[އެންމެރަނގަޅެވެ. މީހެއްގެ މުޅި ޙަޔާތާ ދޭތެރޭގައި ތިޔަހާ ދޯދިޔާގޮތަކަށް ޙުކުމް ކުރައްވައިގެން ނުވާނެއެވެ.] އަނެއްކާވެސް އަންޖަމަން ބުންޏެވެ.

[ކަލޭ ތިޔަ އިނީ ވަރަށް އުފަލުން ނޫންހެއްޔެވެ؟] ފައުޒިއްޔާ މަލާމާތް ކޮށްލިއެވެ.

[އެއީވެސް ހަމަ އަހަރެމެންގެ ލެއެވެ. ވީއިރު، އޭނާގެ ޙިމާޔަތަށްޓަކައި އެއްޗެއް ބުނުމުގައި އޮތީ ކޮން ނުބައެއް ހެއްޔެވެ؟] އަންޖަމަންވެސް ފައުޒިއްޔާއަށް ދޫކުރާކަށް ގަސްތެއް ނުކުރިއެވެ.

[އެ ސުންޕާ އަންހެންކުއްޖާ އަހަރެންގެ ދަރިފުޅުގެ ޙަޔާތަށް ވިހަލުމަކީ ކަލޭ އެދޭގޮތް ނޫންހެއްޔެވެ؟] ފައުޒިއްޔާ ބުންޏެވެ.

[ތިޔައީ އެކަށީގެންވާ ކަމެއް ނޫނެވެ. އަހަރެން ފުރާނަ ހުއްޓާ ތިޔަހެން ވިޔަކަނުދޭނަމެވެ.] އަކުރުތަކަށް ބާރުލަމުން ސަޢްދިއްޔާ ބުންޏެވެ.

[އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެފަހުގެ ނިންމުން ނިންމައިފީމެވެ. އެ ނިންމުމަކަށް ދެނެއް ބަދަލެއް ނުގެނެވޭނެއެވެ.] ހަރުދަނާކަމާއެކު ޙަސަންބާނޫ ބުންޏެވެ.

[އެ ޑައިނު ދުނިޔޭގައި އެއިނީ އަހަރެމެންގެ ރީޙާން ފޭރިގަތުމަށްޓަކައި ހެއްޔެވެ؟] ޙުސްނުއާރާ ބުންޏެވެ. [ދައްތާއެވެ. ވިސްނާލުމެއްނެތި، ހިތަށްއައިހާ އެއްޗެއް ކިޔަމުން ތިޔަގެންދަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންގެ ރީޙާނާ އެ ސުންޕާބަލާއާ އެކަށީގެންވަނީ ކިހިނަކުން ހެއްޔެވެ. އުފަންވުމާއެކު އަހަރެމެންގެ މާތް ބައްޕަ ހަޖަމު ކޮށްލައިފިއެވެ. ޚާންދާނަށް ބޮޑެތި އާފަތްތައް ކުރިމަތިކުރަން ފަށައިފިއެވެ.]

[އަހަރެންގެ އަންހެން ދަރިފުޅުގެ ނަސީބަށް އެ ސުންޕާގެ ހިޔަނިވެސް އެޅުނަކަ ނުދޭނަމެވެ.] ކުރަކި އަޑަކުން ފައުޒިއްޔާ ބުންޏެވެ.

[ފިރިހެންކުއްޖާ އެހެރީ އޭނާއާހެދި ފިދާވެފައެވެ.] ފައުޒިއްޔާ ބުންޏެވެ. [އަތްމައްޗަށް އުފުލާލައިގެން ދިޔަގޮތް ދުށީމު ނޫންހެއްޔެވެ؟ މާމަދެކެވެސް ލަދެއްނުގަތެވެ. ތިމާއަށްވުރެ ބޮޑެތި މީހުންނަށް އިޙްތިރާމުކުރަން ވާނެކަންވެސް ހަނދާނެއް ނެތެވެ.]

[ހުރިހާކަމެއް ހަމަޖައްސާލަފާނަމެވެ.] ބޯހަލުވާލަމުން ޙުސްނުބާނޫ ބުންޏެވެ. އަހަރެންގެ މަތިވެރި ލޯބި، އެކަށީގެންނުވާ ގޮތުގައި އޭނާ ބޭނުންކުރަމުން ގެންދަނީއެވެ. އަހަރެންގެ ރުޅިއަކީ ކޮންކަހަލަ އެއްޗެއްކަން އަދި އޭނާއަށް ނުވިސްނެނީއެވެ.]

[ހަރުކަށިކަމާއި ރުޅި އިސްކޮށްފިނަމަ، ހުރިހާކަމެއްވެސް ގޯހުން އެއަށްވުރެވެސް ބޮޑަށް ގޯސްވެގެން ދާނެއެވެ.] އަންޖަމަން ނުހަނު މަޑުމަޑުން ބުނެލިއެވެ.

[ކަލޭ ތިޔަ ބުނަނީ ކީކޭހެއްޔެވެ؟ އަންޖަމަންއެވެ. އޭނާގެ ހިތް އެދޭގޮތަކަށް ކަންތައް ކުރިޔަދޭންވީ ހެއްޔެވެ؟] ޙުސްނުބާނޫ ބުންޏެވެ.

[ނޫނެކެވެ. އޭނާ ގޯސްކަމެއް ކުރާހެން ހީވެލައްވަނީނަމަ، ލޯތްބާއެކު ވިސްނައިދެއްވާށެވެ. އެގޮތުން އޭނާ ގަބޫލު  ނުކޮށްފިނަމަ، ރުޅި އިސްކުރެއްވުމުގެ ބޭނުމެއްނެތެވެ.]

[އާއެކެވެ. އެ ސުންޕާބަލާ އަބަދަށްޓަކައި އަހަރެމެންގެ ރީޙާނުގެ ދާވަނީގައި ގޮށްޖަހައިދޭންވީ ދޯއެވެ؟] ޙުސްނުއާރާ ބުންޏެވެ.

[އާއެކެވެ. އަންޖަމަން އެދޭގޮތަކީ ތިޔައީއެވެ.] ފައުޒިއްޔާ ބައިވެރިވެލިއެވެ.

[އަހަރެން އެދުނަސް، ނޭދުނަސް، އޮންނާނީ ކޮންތަފާތެއް ހެއްޔެވެ؟ ފައުޒިއްޔާއެވެ.] އަންޖަމަންގެ ގާތަށްވެސް ރުޅިއަތުވެއްޖެއެވެ. [ބަލަން ތިބޭށެވެ. ކަންތައްވާނީ ފިރިހެންކުއްޖާ އެދޭގޮތަށެވެ. އެކަމާ ދެކޮޅު ހަދައިފިނަމަ، ނަތީޖާ ރަނގަޅެއް ނުވާނެއެވެ.]

[ތިޔަބުނާ ގޮތުންވިއްޔާ، އަހަރެންގެ އަންހެން ދަރިފުޅު، މުޅި އުމުރަށްވެސް ކަރުނަ އޮހޮރުމުގައި ދެމިއިންނަންވީއެވެ. އެހެން ނޫންހެއްޔެވެ؟] އަނެއްކާވެސް ފައުޒިއްޔާ ރޮއިގެންފިއެވެ.

[ތިޔައީ ކޮންމެހެން ބޭނުންކަމެއް ނޫނެވެ. އަދި އެކުދިންގެ ކައިވެނި އިޢްލާނު ކުރީއަކީވެސް ނޫނެވެ.] އަންޖަމަން ބުންޏެވެ. [އަދި ހަމަ ދެކެވެމުންދަނީ ހުސް ވާހަކައެވެ. ވީއިރު، ތިޔަ ބުނާހާ ފުން އަސަރުތަކެއް، އަންހެންކުއްޖާއަށް ކޮށްގެން ނުވާނެވެ.]

[ތިޔައީވެސް މީހުން ދައްކާކަހަލަ ވާހަކައެއް ހެއްޔެވެ؟] ސަޢްދިއްޔާ ޝަކުވާ ކުރިއެވެ. [ހިތާމައިންގޮސް އަހަރެންގެ ދަރިފުޅު ހަލާކުވަނީއެވެ. އެކަމަކު ކަލޭ ތިޔަ ބުނަނީ އެއީ އެހާބޮޑަށް އަސަރުކުރަންވީ ކަމެއް ނޫންކަމުގައެވެ. ހުނ! ކިހާ ހެއްވާ ވާހަކައެއް ހެއްޔެވެ؟] ފައުޒިއްޔާ ބުންޏެވެ.

[ފައުޒިއްޔާއެވެ. ދެރަނުވާށެވެ. އަހަރެން އަދި ދުނިޔޭގައި އެބައިނީމެވެ.]

މުޅި އެދުވަސް، ބަސްމޮށުމުގެ ފިނި ހަނގުރާމައެއްގައި ވޭތުވެގެން ހިނގައްޖެއެވެ. އިރުއޮއްސިއްޖެއެވެ. ޕާޓީގެ ގަޑި ޖެހިއްޖެއެވެ. މެހުމާނުންތައް އަންނަން ފަށައިފިއެވެ. އެކަމަކު ގޭގެ އަހުލުވެރިންގެ މިޒާޖު ގޯސްވެފައިވާއިރު، މެހުމާނުންގެ ފަރާތުން މަހެފިލަށް ލިބޭނީ ކޮން އުޖާލާކަމެއް ހެއްޔެވެ؟

އެދުވަހާއި އެރޭގެ ގަޑިތައް ފާއިތުވެގެން ދިޔައީ ވަރަށް ފެން ގޮތެއްގައެވެ. މެހުމާނުންގެ ކުރިމަތީގައި، މަލަރީތި ކޮށްލުމުގެ ގޮތުން، އެންމެންވެސް އުޅުނީ ވަރަށް އަވަދިނެތިއެވެ. ނަމަވެސް، އެހާ ވަގުތުނެތި އުޅެމުންވެސް، ޙުސްނުބާނޫގެ އިޙްސާސްތަކުގައި އަލިފާން އެންދުމަށްޓަކައި، ދޭތެރެދޭތެރެއިން ފައުޒިއްޔާ ކަރުނަ އޮއްސަމުން ގެންދިޔައެވެ. އެގޮތުން ހުޅުފަޅާފައިވާ އަލިފާންގަނޑަށް ތެޔޮ އަޅަމުން ގެންދިޔައެވެ.

އަނެއްދުވަހުގެ ވަރަށް ހެނދުނާ ޙުސްނުބާނޫގެ ކޮޓަރިއަށް ރީޙާން ގެނުވައިފިއެވެ. އޭނާ ކޮޓަރިއަށް ވަންއިރު، ކަންބޮޑުވުމާއި ހާސްކަމުގެ ކުޑަވެސް އަސަރެއް، އޭނާގެ މޫނުމައްޗަކުން ފެންނާކަށް ނެތެވެ. އެއާ ޚިލާފަށް، އޭނާ ފެނުނީމާ އޭނާ އެހެރީ، ކޮންމެފަދަ ޠޫފާނަކާ ކުރިމަތިލާން ޖެހުނަސް، ކެރިގެން ކުރިމަތިލުމަށް ތައްޔާރުވެގެންކަން އެނގޭހާވެއެވެ. ކޮންމެއަކަސް، އޭނާ ޖެހިލުމެއްނެތި އެދިޔަގޮތަށްގޮސް ޙުސްނުބާނޫގެ މަސަންދުގެ ކައިރިއަށް ހުއްޓިއްޖެއެވެ. ދޫނިފުށުގެ މަޑު ބާލީސްތަކުގައި ލެނގިލައިގެން، ނުހަނު ހައިބަވަންތަވެރިގޮތަކަށް އިން ޙުސްނުބާނޫ ވަރަށް ފަރުވާތެރިކަމާއެކު ރީޙާނުގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް ބަލައިލިއެވެ. ނަމަވެސް، ޤަދަރުވެރިކަން ހިފެހެއްޓުމަށްޓަކައި ވާހަކަ ދެއްކުމުގައި އިސްނަގާކަށް އޭނާ ގަސްތެއް ނުކުރިއެވެ.

[މާމަ އަޅުގަނޑަށް ގޮވާލެއްވީމުތޯއެވެ؟]

[އާއެކެވެ….]

[ބޭނުމަކީ ކޮބައިތޯއެވެ؟]

[އިހަށް މިތަނުގައި އިށީންނާށެވެ.] ރީޙާން އިށީނުމަށްޓަކައި ޙުސްނުބާނޫ ތަން ދެއްކިއެވެ.

ރީޙާން ވަރަށް ނުގޮތަކަށް މަސަންދުގެ މަގަތުން އިށީނދެއްޖެއެވެ.

[ރީޙާނެވެ. އަހަރެން ކަލެއަށް މިއެންގީ ވަރަށް މުހިންމު ކަމަކަށްޓަކައެވެ.]

[ތިޔަކަންތައްވާ އަޅުގަނޑަށްވެސް އަންގަވާލެއްވުން ކީއްތޯއެވެ؟]

[އެއްވެސްކަހަލަ ސުވާލެއް ކަލެއާ ކުރާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. އަހަރެން ބުނެލަން ބޭނުންވަނީ، ހަމައެކަނި ކަލެއާ ސަމީރާގެ ކައިވެންޏަކީ މުޅިން ނިމިފައިވާ ކައިވެންޏެއް ކަމުގައެވެ.]

[މާމާއެވެ.] ރީޙާން އެއްޗެއް ބުނަން އުޅުނެވެ.

[އަހަރެންގެ މި ނިންމުމަށް އިޙްތިރާމު ކުރަންވާނެއެވެ.]

[ތިޔައީ ވާނެކަމެއް ނޫނެވެ. ލޮބުވެތި މާމައެވެ.]

[އަހަރެން އެންގިގޮތަކަށް ވާންޖެހޭނެއެވެ.] މާމަގެ އަޑުގައިހުރި ހައިބަވަންތަ ކަމަކުން، ހިނދުކޮޅަކަށްޓަކައި ހިމޭންވުމަށް ރީޙާނަށް މަޖުބޫރުވިއެވެ.

[މާމާއެވެ.]

[އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫނެވެ.]

[އެކަމަކު އަޅުގަނޑު ހިތާމަކުރަމެވެ. މާމަގެ ތިޔަ ނިންމެވުމަށް އިޙްތިރާމު ކުރެވޭކަށް އަޅުގަނޑަކަށް ނެތެވެ.]

[ކަލޭ ދޭނީ ތިޔަ ޖަވާބުކަން، މާކުރިންވެސް އަހަރެންނަށް އެނގެއެވެ. ނަމަވެސް، ހަނދާން ކުރާށެވެ. ޖަޒްބާތުގެ އޮއިވަރުގައި ބެހިގެން ނުދާށެވެ. އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް ވިސްނާށެވެ.]

އަޅުގަނޑު ވިސްނަންވީ އެއްޗެއް ވިސްނައި ނިމިއްޖެއެވެ. މާމައެވެ. އަޅުގަނޑުގެ މި ނިންމުމަކަށް އިތުރު ވިސްނުމެއްގެ ބޭނުމެއް ނެތެވެ.

މޮޔަކުއްޖަކަށް ނުވާށެވެ. ދެން ދާށެވެ. ހަމަޖެހިގެން ވިސްނާށެވެ. ދެތިން ހަތަރު ދުވަސް ވަންދެން ވިސްނާށެވެ. އެއަށްފަހުގައި އަހަރެންގެ ނިންމުމާ އެއްބަސްވުމަކީ ކޮންމެހެން މަޖުބޫރު ކަމެއްކަން ހަނދާންކުރާށެވެ. އެހެންނޫނީވިއްޔާ، ނަތީޖާ މާރަނގަޅު ނުވާނެކަން ކަލެއަށްވެސް އެނގޭނެއެވެ.]

[މާމާއެވެ….]

[ގިނަވާހަކަ ނުދައްކައި މިތަނުން ދާށެވެ. ތިންހަތަރު ދުވަސް ވަންދެން ވިސްނުމަށްފަހުގައި ޖަވާބުދޭށެވެ.]

ރީޙާން ވާހަކަދައްކަން ބޭނުންވިއެވެ. ނަމަވެސް، އެންމެ ޖުމުލައެއް ބުނެލާނެ ފުރުސަތެއްވެސް އޭނާއަކަށް ނުލިބުނެވެ. އޭނާގެ ވާހަކަ އެހިސާބުން ހުއްޓުވާލާފައި، މާމަ އަވަސްއަވަހަށް ތެދުވެގެންގޮސް، ޖެހިގެންހުރި ކޮޓަރިއަށް ވަދެއްޖެއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.