ރީޙާނުގެ އުފަލަށްޓަކައި ޞާޢިޤާ އެ ޙަފްލާގައި ބައިވެރިވާން ދިޔަނަމަވެސް، އޭނާގެ ހިތުގައިވާ ބިރުވެރިކަމެއް ކުޑައެއް ނުވެއެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދަނީއެވެ. އަތްފައި ފިނިވަމުން ދަނީއެވެ. ދެފައި ތުރުތުރު އަޅަނީއެވެ. މިއަދު އޭނާ އެ ކުރިމަތިލަނީ ކޮންފަދަ ބޮޑު ނުރައްކަލަކާ ހެއްޔެވެ؟ ޝައްކެއްނެތެވެ. މިއަދު ޠޫފާން އަންނާނެއެވެ. ކޮޅިގަނޑުގެ ބާރުކަމުން، އޭނާގެ ޙަޔާތުގެ ބައްތިވެސް ނިވިގެން ހިނގައިދާނެއެވެ. ޞާޢިޤާގެ ހިތަށް ތަފާތު ޚިޔާލުތައް އަރާފައިބަމުން ދިޔައެވެ.
ނިކަމެތި ޣުލާމަކު، ރަސްކަލެއްގެ ދަރުބާރަށް ހާޒިރުވާ ފަދައިން، ޞާޢިޤާ ކިޔަމަންތެރިކަމާއި އަދަބުވެރިކަމާއެކު ގޮސް ބޮޑު ހޯލަށް ވަދެއްޖެއެވެ. މުޅި ހޯލް އޮތީ ފުރިބާރުވެފައެވެ. އަޑުފަށްގަނޑު ގަދަވެ، ހޯބޯލަވާފައެވެ. އެއްބަޔަކު ތިބީ އިށީނދެގެންނެވެ. އަނެއްބަޔަކު ކޮޅަށެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދަނީ، މާމަގެ ބޮޑު މަސަންދާ ވީހާ ކައިރިއެއްގައި ހުރުމަށެވެ. މާމަ ޙުސްނުބާނޫވެސް މިއަދު، ނުހަނު ދީލަތިކަމާއެކު އެންމެންނާ ވާހަކަދައްކައި ހީސަމާސާ ކުރަމުން ގެންދެއެވެ.
ޞާޢިޤާ، ބިރާއި ސިހުމުން ފުރިފައިވާ ހިތަކާ އެކުގައި ހޯލުގެ އެއްކަނެއްގައި މަޑުމަޑުން ހުއްޓެވެ. ކުޑައިރުކޮޅެއްގެ ފަހުން އޭނާއާ ދިމާއަށް ބަލައިލާފައި، ލޮލުގެ އިޝާރާތުން ކުރިއަށް އައުމަށް ރީޙާން އަންގާލިއެވެ. ވީމާ، އަމުރަށް ކިޔަމަންވުމުގެގޮތުން ޞާޢިޤާ އެހުރިތަނުން ކުރިއަށް ޖެހިލައިފިއެވެ.
[ތަންދައްކާށެވެ. އަސައްދެވެ.] ސްޓޫލެއްގައި އިށީނދެގެން އިން އަސައްދުގެ އުނަގަނޑު މަތީގައި ބޮނޑިއެއް އަޅަމުން ރީޙާން ބުންޏެވެ. އެވަގުތު އަސައްދު ސިހިގެންގޮސްފައި އެނބުރި ބަލައިލުމުން، ޞާޢިޤާއާ ދިމާއަށް އޭނާ އަތް ދިއްކޮށްލިއެވެ. އެއޮއް އެންމެންގެ ތެރޭގައި ރީޙާން އެފަދަ ޖެހިލުންކުޑަ ހަރަކާތެއް ކޮށްލިތަން ފެނުމުން، އަސައްދު ވަރަށް ބޮޑަށް ހައިރާންވިއެވެ.
[މޫނުބަލަން ތިޔައިނީ ކީއްވެފައި ހެއްޔެވެ؟ ތަން ދައްކާށެވެ. ހިސާބަކަށް ނަމަވެސް އަދަބުވެރިކަން ދަސްކޮށް ބަލާށެވެ.] އެ އަޑު އިވުމުން ހީލާފައި އަސައްދު ތެދުވެއްޖެއެވެ.
[އަންނާށެވެ. ޞާޢިޤާއެވެ.] ޞާޢިޤާއާ ދިމާއަށް ސްޓޫލް ކޮއްޕާލަމުން ރީޙާން ބުންޏެވެ.
ބާރުގަދަ ޖާދޫއެއްގެ އަސަރުކޮށްފައިވާ ރޫޙެއް ފަދައިން، ޞާޢިޤާ މަޑުމަޑުންގޮސް ސްޓޫލްގައި އިށީނދެއްޖެއެވެ. ދެން ރީޙާން އެނބުރިލާފައި މާމަ އިން މަސަންދުގައި، މާމަގެ އެންމެ ކައިރީގައި އިށީނދެއްޖެއެވެ. ޞާޢިޤާ އިނީ ބިރުން ފިތްކަނޑައިގެންދާވަރު ވެފައެވެ. ބަދުނާމާއި މަލާމާތުގެ ޖުމުލަތައް އެންމެފުރަތަމަ އަންނާނެ ކަމުގައި ހީކުރެވޭ ފަރާތްކަމުގައިވާ ފައުޒިއްޔާއާ ދިމާއަށް ވައްކަޅިއަކުން އޭނާ ބަލައިލިއެވެ. އެއަށްފަހުގައި، ދެން އެހެން އެއްވެސް މީހަކާ ދިމާއަށް ބަލައިލާނެ ހިތްވަރެއް، އޭނާއަކަށް ނުލިބުނެވެ. ނަޒަރުގެ ތީރުތައް އޭނާގެ މޫނާ ދިމާއަށް އަމާޒުވެފައިވާކަމުގެ އިޙްސާސުން އޭނާގެ ހިތް މާބާރަށް ތެޅިގެންފިއެވެ. ނޭވާ ހާސްވެއްޖެއެވެ. މޫނުގެ ކުލަ ފަނޑުވެއްޖެއެވެ.
މާމަ ޙުސްނުބާނޫއަށް މިއަދު ޞާޢިޤާ ނުފެންނަނީއެއްކަމެއް، ނުވަތަ، ދުވަހުގެ ބަރަކާތްތެރިކަމުން މާމަގެ ޠަބީޢަތާއި މިޒާޖަށް އައިސްފައިވާ މަޑުމައިތިރި ކަމެއްގެ ސަބަބުން އޭނާ އެތަނުގައި އިންކަން އެނގުމާ އެކުވެސް، އެކަން ގަބޫލުކޮށްލައިގެން އަޅާނުލައި އިނީ ނޫންކަމެއްވެސް ނޭނގެއެވެ. ކޮންމެއަކަސް އެ ސިއްރު ދެނެވޮޑިގެންވާނީ ﷲ އެވެ. ފަޚްރު ބޮޑުބޭބެއަށް އޭނާ ފެނުމުން، ވަރަށް ބޮޑަށް އުފާވިއެވެ. އަދި އޭނާގެ ކަންފަތްދޮށުގައި ވަރަށް ސިއްރުން އެއްޗެއް ބުނެލިއެވެ. ނަމަވެސް، އެބުނި އެއްޗެއް ޞާޢިޤާއަކަށް ނުވިސްނުނެވެ.
ރީޙާން މާމަގެ ކައިރީގައި އިނދެގެން މާޅަގޮތަކަށް ވަކިކަމަކަށް އެދެމުން ދެއެވެ. ވީމާ، އެންމެންގެ ސަމާލުކަން އޭނާއާ ދިމާއަށް ހުއްޓާލެވިފައިވެއެވެ.
[ދެން އަވަހަށް ރަނުގެ ޗޭނުފަށް ނަންގަވާށެވެ.] މަޚްމާ ޖަހާފައިހުރި ކުޑަ ފޮށި ނަގައި މާމަގެ ކުރިމަތީގައި ބަހައްޓަމުން ރީޙާން ބުންޏެވެ.
މާމަ ބިސްމި ކިޔާފައި އެ ކުޑަ ފޮށި ހުޅުވާލައިފިއެވެ. ހެޔޮ ދުޢާތައް ކުރަމުން، އެ ރަތްކުލައިގެ މަޚްމާޖެހި ފޮށީގައި އޮތް ރަނުގެ ޗޭނުފަށް ނަގައިފިއެވެ.
[ވާހް! ވާހް! سبحان اللّه!] އެންމެން އެއްފަހަރާ ހުދު މުތީ އަމުނާފައިވާ ރަނުގެ ޗޭނުފަށުގެ ހައިބަވަންތަކަމަށްޓަކައި ހައިރާންކަން ފާޅުކުރިއެވެ.
[ކިތައް މުތީ ވެއްޖެތޯއެވެ؟] މާމަގެ އަތުން ޗޭނުފަށް އަތުލަމުން ރީޙާން ސުވާލު ކޮށްލިއެވެ.
[ސައްބީސް މުތީ ހަމަވެއްޖެއެވެ.] ކޮންމެވެސް މީހަކު ބުންޏެވެ.
[އެއީ ތެދެކެވެ. ﷲ ގެ އިރާދަފުޅާއި ރަޙްމަތްފުޅުން މާމަގެ ދެލޮލުގެ އަލިކަންފަދަ މާމަ ދަރިފުޅަށް ހަތާވީސް އަހަރު ފުރިއްޖެއެވެ. ވީމާ، މިހާރު މި އަމުނަނީ ހަތާވީސްވަނަ މުތީއެވެ.]
މާމަ އަނެއްކާވެސް ބިސްމި ކިޔާފައި، ހެޔޮ ދުޢާކުރަމުން، ކައިރީގައިހުރި ކުޑަވަރެއްގެ ދަޅަކުން ހުދުކުލައިގެ ވިދާ ބަބުޅާ މުތީއެއް ނަގާފައި، ޗޭނުފަށަށް އަމުނާލައިފިއެވެ.
މުބާރަކްބާދީއާއި ސަލާމަތް ލެއްވުމަށްއެދި ކުރެވުނު ދުޢާގެ އަޑުފަށްގަނޑު، މުޅިތަނަށް އަރައިގެން ހިނގައްޖެއެވެ. މާމައާއި ހުރިހާ ބޮޑުދައިތައިންތައް، ގާތްތިމާގެ މީހުންނާއި ދުރުތާ ތިމާގެ މީހުން ރީޙާނުގެ އެތަންމިތަނުގައި ފިރުމަ ފިރުމާފައި ރީޙާނުގެ އުމުރު ދިގުކުރެއްވުމަށްއެދި ހެޔޮދުޢާ ކުރަމުންދެއެވެ. މިކަމުގައި ބައިވެރިވުމުގެގޮތުން ފަޚްރު ބޮޑުބޭބެ އިންތަނުން ތެދުވެގެންގޮސް ރީޙާނުގެ ކައިރިއަށް ހުއްޓިއްޖެއެވެ. ވީމާ، އޭނާއަށް އިޙްތިރާމު ކުރުމުގެ ގޮތުން ރީޙާނުވެސް ތެދުވެއްޖެއެވެ. ނުހަނު ލޯތްބާއި އޯގާތެރިކަމާއެކު ފަޚްރު ބޮޑުބޭބެ ރީޙާނާ ކަރާކަރުޖައްސައި ސަލާން ކުރުމަށްފަހު، މޭގައި ޖައްސައި ބާރުކޮށްލިއެވެ.
ދެންއޮތް ޕްރޮގްރާމުތައްވެސް ފެށިއްޖެއެވެ. ހުރިހާ ކަނީޒުންތައް، ގަނޑުރިހި ވިރުވައި އަޅައިގެން ހަދާފައިވާ އެކަނިކާ ތަށިތައް ހިފައިގެންއައިސް، ސަފުހަދާލައިފިއެވެ. އެއިން ކޮންމެ ތަށްޓަކަށް، މާމަގެ އަތުން ރަނުގެ ސިއްކައެއް ވައްޓާލައިފިއެވެ. އެކަން ނިމުމުން، ޙަފްލާއަށް އައިސްތިބި އެހެންމީހުންވެސް، އެމީހަކަށް އެކަށީގެންވީ ވަރަކުން ފައިސާ ބަހައި ހެދިއެވެ. މިގޮތުން ރީޙާންގެ ނަމުގައި ވަރަށްގިނަ ޞަދަޤާތްތައް ކުރެވިގެން ހިނގައްޖެއެވެ. ޞާޢިޤާއަށްވެސް އެ އަޑުތައް އިވުނެވެ. އެ މަންޒަރުތައް ފެނުނެވެ. އެކަމަކު އޭނާގެ ވިސްނުމުގެ ބާރުވަނީ ކެނޑިފައެވެ. އަޒްހަރާއި ފަޚްރާ ދެބެއިން ރަނުގެ ޗޭނަށް މުތީ އެމުނުމުގެ ރަސްމިއްޔާތަށް ފަހުގައި އެތަނުން ހިނގައްޖެއެވެ. އެމީހުން ތިބީމާ ހިތްއެދޭގޮތަކަށް މަޖާ ނަގަން ނުކެރިގެން، ތަންތަންކޮޅަށް ބިތްޖެހިފައިތިބި ޒުވާނުންނަށް ފުރުސަތު ދިނުމަކީ ކޮންމެހެން ބޭނުން ކަމެއްކަން ވިސްނިގެން، އެމީހުން ދިޔައީ ނޫންކަމެއްވެސް ނޭނގެއެވެ. ކޮންމެއަކަސް، އެމީހުން ދިއުމުން، ކަނޑެއް އުތުރިގަންނަ ފަދައިން ޒުވާނުންތައް އުތުރިގެންފިއެވެ. ހޯބޯލަވައިގެންފިއެވެ. އެ ބަރަކާތްތެރި ދުވަހުގެ އުފާތައް ފުރިހަމައަށް ހާސިލު ކުރުމަށްޓަކައި އަވަސްވެގެންފިއެވެ.
[މާމާއެވެ. ޗޭނުފަށަށް މުތީ އަމުނަމުން ގެންދަވާނީ ކިހާދުވަހެއް ވަންދެންތޯއެވެ؟] ރީޙާން ހަމަ ގަސްތުގައި ލާނެތްވެލިއެވެ. ރަނުގެ ޗޭނުފަށަށް މުތީތައް އަމުނަމުން ގެންދަނީ ކޮންބޭނުމެއްގައިކަން ރީޙާނަށް ރަނގަޅަށް އެނގެއެވެ. އެއްއަހަރު ދެއަހަރުގައި އެދައްކާ ވާހަކައިގެ މަޤްޞަދު ނުވިސްނުނު ނަމަވެސް، ބޮޑުވަމުން އައިވަރަކަށް މާމަމެންގެ އަސްލު މަޤްޞަދު އޭނާއަށް ވިސްނެމުން ދިޔައެވެ.
[މިފަހަރު މި އެމުނީ ހަތާވީސްވަނަ މުތީއެވެ.] ފަޚްރުވެރިކަމާއެކު މާމަ ބުނެލިއެވެ.
[މިހާރު މާގިނަވެއްޖެއެވެ.] އަވަސްއަވަހަށް ރީޙާން ބުންޏެވެ.
[މާބޮޑަށް ކެތްތެރިކަން ކުޑަކޮށް ނުލާށެވެ.] ނުހަނު ލޯބިވެތި ގޮތަކަށް ރީޙާންގެ ފުށްކިބައިގައި ބޮނޑިއެއް އަޅަމުން ޙުސްނުއާރާ ބުންޏެވެ.
[މާމާއެވެ. މިހާރު ތިޔަ ފަށް މާދިގުވެއްޖެއެވެ. ދެން ތިޔައިގައި ހުކް ހަރުކުރައްވަން އުޅުއްވާށެވެ.] ރީޙާން ބުންޏެވެ.
[އަހަރެންގެވެސް ޚިޔާލަކީ ތިޔައީއެވެ. މިފަހަރު މިއެމުނީ އެންމެފަހުގެ މުތީކަމަށްވެސް ވެދާނެއެވެ.]
[ތިޔަ ޗޭނުފަށަށް ދެން ކުރައްވާނީ ކީއްތޯއެވެ؟]
[ކަލޭގެ ކައިވެނި އިޢްލާނުކުރާ ދުވަހުން، ކަލޭގެ ވާންއުޅޭ އަނބިމީހާގެ ކަރުގައި އަޅުވާނީއެވެ.] މާމަ ބުންޏެވެ.
[ވާހް! ވާހް! އެއީ ހާދަ ނަސީބުގަދަ އަންހެންކުއްޖެއްތާއެވެ!] އެއްފަހަރާ އެތަކެއް އަޑު އިވިގެންދިޔައެވެ.
[މިއީ އެންމެފަހުގެ މުތީނޫންތޯއެވެ؟] އަސައްދު ސުވާލު ކޮށްލިއެވެ.
[އިރާދަކުރެއްވިއްޔާ މިއީ އެންމެފަހުގެ މުތީއެވެ.] މާމަ ޖަވާބު ދިނެވެ.
[ﷲ ބަރަކާތް ލައްވާނެއެވެ.] ޙުސްނުއާރާ ބުންޏެވެ.
[އާމީން.] އެންމެން އެއްފަހަރާ އާމީން ކިޔެވެ. ދެން އެކިއެކި ވާހަކަ ދެއްކުމުގައި ހިނދުކޮޅެއް ވޭތުވެގެން ދިޔަތަނާ، އަނެއްކާވެސް ރީޙާން ބުންޏެވެ.
[މާމާއެވެ. ހުއްދަ ދެއްވައިފިނަމަ، ހަމަ މިއަދު މި ޗޭނުފަށުގައި ހުކް ހަރުކޮށްލަން ކަމަށެވެ.]
[އެއީ ކީއްކުރަން ހެއްޔެވެ؟] މާމަ ސުވާލު ކޮށްލިއެވެ.
[އެހާއަވަސްކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟] ހީލާފައި އަންޖަމަން ސުވާލު ކުރިއެވެ.
[ފަށާފައިވާ ކަމެއް ނިންމާލުމަށްވުރެ ބުއްދިވެރިކަމެއް ނޯންނާނެއެވެ. އެހެންނޫނީ، އަންނަ އަހަރު އަނެއްކާ އިތުރު މުތީއަކުން ހިސާބު ހަމަޖައްސަން ޖެހިދާނެއެވެ.] ރީޙާން ބުންޏެވެ.
[އޭހޭ! މޮޔަޔާއެވެ. ހަމަ މިއަހަރު ތިޔަކަންތައް ނިމޭނެއެވެ.]
[މިއަހަރޭތޯއެވެ؟] ފަރްޚު ބުންޏެވެ. [އަހަރު ދުވަހަކީ ހާދަ ގިނަ ދުވަހެކެވެ.]
[މިއީ ހާދަ މޮޔަ ފިރިހެން ކުއްޖެކެވެ. މިއަހަރޭ މިބުނަނީ ބާރަ މަސްދުވަހުގެ ވާހަކައެއް ނޫނެވެ.]
[ތިޔަހެންވިއްޔާ ތިޔަ ބުނުއްވީ ކީކޭތޯއެވެ؟]
[ދެތިންމަސް ފަހުން ތިޔަކަންވެސް ވާނެއެވެ. ކައިވެނި އިޢްލާނުކުރުމުގެ ރަސްމިއްޔާތު، މިއަށްވުރެ މާކުލަގަދަކޮށް ފާހަގަކުރަން ޖެހޭނެއެވެ.]
[ވާހް! ވާހް! އެވެ.] ހުރިހާ ޒުވާނުން އެއްއަޑުން ގޮވާލިއެވެ.
[ތިޔަ ފަށް އަޅުގަނޑުގެ އަތަށް ދެއްވާށެވެ. ހަމަ މިއަދު ތިޔައިގެ ކަންތައް އަޅުގަނޑު ނިންމަން ވެއްޖެއެވެ.]
[މިއަދު މިކަމާ އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟]
[މާމާއެވެ. އެއީ ހަމަ ކޮންމެހެންވެސް ބޭނުން ކަމެކެވެ.]
ރީޙާނުގެ ލާނެތްކަމުން އެންމެން ހޭންފަށައިފިއެވެ. އެވަގުތު މާމަ ދެކޮޅު ހަދަހަދާ އިންދާ ކުއްލިއަކަށް މާމަގެ އަތުން ރީޙާން އެ ފަށް އަތުލައިފިއެވެ.
[ދެން އެންމެރަނގަޅެވެ. ކަލޭގެ ހިތުގެ އެދުން ފުރިހަމަކޮށްލާށެވެ.] އެންމެފަހުން މާމަ ހަތިޔާރު ބަހައްޓައިފިއެވެ.
ރީޙާން ފުރުސަތު ނަގާނުލައި އަވަސްއަވަހަށް ފަށުގެ އެއްކޮޅުގައި ހުކް ހަރުކޮށްލާފައި، އަނެއްކޮޅުގައި އަޅުވާލުމަށްފަހު، ދެއަތުން ފަށުގެ ދެފަރާތުގައި ހިފާފައި މައްޗަށް އުފުލާލައިފިއެވެ. [މިހާރު މިއޮތީ ފުރިހަމަ ފަށަކަށް ވެފައެވެ.] އެންމެންނަށް ފެންނަގޮތަށް ހިފަހައްޓައިގެންހުރި ފަށަށް އިޝާރަތް ކޮށްލަމުން ރީޙާން ބުންޏެވެ. އެއާއެކުގައި އަތްތިލަބަޑިއާއި މުބާރަކުބާދުގެ އަޑުން، މުޅި ހޯލް ގުގުމާލައިފިއެވެ.
[މިހާރު ފުރިހަމަ ފަށަކަށް ހެދިއްޖެ ނޫންހެއްޔެވެ؟ ދެން އިހަށް މާމަގެ އަތަށް ގެންނާށެވެ.] ރީޙާނުގެ އަތުން ފަށް އަތުލާފައި، މަޚްމަލުގެ ފޮށީގައި ރައްކާކުރުމަށް މާމަ ގަސްތުކުރިއެވެ.
[ނޫނެކެވެ. މި ފަށަކީ، އަޅުގަނޑުގެ އަލަތު އަނބިމީހާއަށްޓަކައި މާމަ ތައްޔާރުކުރެއްވި ފަށެއް ނޫންތޯއެވެ؟]
[އާއެކެވެ.]
[ހަމަ މިއަދު މި ފަށް އަޅުގަނޑުގެ އަލަތު އަންބަކަށް ވާންއިން ކުއްޖާގެ ކަރުގައި އަޅުވައިދިނިއްޔާ ވާނީ ކީއްތޯއެވެ؟]
[ރީޙާނެވެ.] ސަޢްދިއްޔާގެ ގާތަށް ރުޅިއަތުވެއްޖެއެވެ.
[އެންމެރަނގަޅުތޯއެވެ؟ މާމާއެވެ.] މާމައާ ދިމާއަށް ބަލައިލާފައި ރީޙާން ހީލިއެވެ. [މި ބާއްޖަވެރި ކަންތައް ހަމަ މިހާރު ނިންމާލުން ކީއްތޯއެވެ؟]
[ތިޔަހާބޮޑަށް ކެތްތެރިކަން ކުޑަވެގެން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ؟] ޙުސްނުއާރާ ގޯނާކޮށްލިއެވެ.
[އެއީ އަދި މޮޔަކުއްޖެކެވެ.] ނުހަނު ލޯތްބާ އެކުގައި މާމަ ބުންޏެވެ. [ރީތިކޮށް ބަސްއަހައިގެން ހުރެބަލާށެވެ. އަހަރެންގެ މާމަދަރިފުޅުގެ ކައިވެނި އިޢްލާނުކުރާނީ، މީހަކު އަހާފައިވެސް ނުވާފަދަ ކުލަގަދަ ގޮތެއްގައެވެ. އެދުވަހަކުން ދަރިފުޅުގެ އަލަތު އަނބިމީހާގެ ކަރުގައި އެޅުވުމަށްޓަކައި، ތިޔަ މުތީފަތި ދޭނަމެވެ. ވިސްނިއްޖެހެއްޔެވެ؟]
[ނޫނެކެވެ. މާމާއެވެ.] ރީޙާން ބޮޑާހާކާލިއެވެ. [މާމަގެ ހިތްއެދޭވަރަކަށް ތިޔަ ބުނުއްވާ ޕާޓީއެއްގެ ކުލަގަދަ ކުރައްވާށެވެ. އެކަމަކާ އަޅުގަނޑު ނުބެހެމެވެ. ނަމަވެސް، މި މުތީފަތި ހަމަ މިއަދު އަޅުގަނޑުގެ އަލަތު އަންބަކަށް ވާންއިން ކުއްޖާގެ ކަރުގައި އަޅުވާނަމެވެ.]
ރީޙާން އުޅޭގޮތުން އެހެން އެންމެންގެ ގާތަށް ކިތަންގެ ވަރަކަށް ހިނިއައި ނަމަވެސް، ފައުޒިއްޔާއާއި ސަޢްދިއްޔާ މިހާރުތިބީ ވަރަށް ކަންބޮޑުވެފައެވެ. ޞާޢިޤާފަކީރުގެ ޙާލު އަދި މާބޮޑެވެ. އޭނާގެ ހިތް ހުއްޓެން ކައިރިވެއްޖެއެވެ. ބިރުން ފިތްކެނޑޭވަރު ވެއްޖެއެވެ.
[މުތީފަތި އަޅުވާނީ ކިހިނަކުން ހެއްޔެވެ؟ ކޮއްކޮގެ އަލަތު އަންބަކަށްވާންވީ ކުއްޖާ މިތަނުގައި އިނީއަކީވެސް ނޫނެވެ.] ޙުސްނުއާރާ ބުންޏެވެ.
[މިތަނުގައި ނެތޭ ތިޔަބުނުއްވީ ކީއްވެގެންތޯއެވެ؟] ރީޙާން ކަތި ނަޒަރަކުން ޞާޢިޤާއާ ދިމާއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު، ޞާޢިޤާ އަވަސް އަވަހަށް އިސްދަށަށް ޖަހައިފިއެވެ. ރީޙާނުގެ ލޮލުން އެ ފެނުނު ހަރުދަނާ ޢަޒުމެއްގެ ސަބަބުން، އޭނާ ބިރުން ފިތްކަނޑައިގެން ހިނގައްޖެއެވެ. މުޅިގައިން ދާހިއްލާފައި، ހަތަރެސްފައި ފިނިވެއްޖެއެވެ.
[ހުއްދަ އެބައޮތްތޯއެވެ. މާމާއެވެ.] އަނެއްކާ ރީޙާން ހަމަ އެ ސުވާލު ކޮށްފިއެވެ.
[އަންހެންކުއްޖާ ކޮބައިހެއްޔެވެ؟] ޙުސްނުއާރާ، ބުރުދާ ގައިމުކޮށްލިއެވެ.
[މިއިނީއެވެ.] އެކްޝަންގެ މޮޅު އާޓިސްޓަކު ފަދައިން، ޞާޢިޤާއަށް ކުޑަވެސް ފުރުސަތެއް ނުދީ، ރީޙާނުގެ އަތުގައި އޮތް މުތީފަތި، އޭނާގެ ކަރުގައި އަޅުވައިފިއެވެ. އެވަގުތު ރީޙާނުގެ ހަރަކާތްތައް އެހާ އަވަސްނުކުރިނަމަ، ޞާޢިޤާ ދުވެފިލީސްކަން ކަށަވަރެވެ. އެކަމަކު ދެން ކުރާނެކަމެއް ނެތެވެ.
ކުއްލިއަކަށް މުޅި ހޯލަށް ހައިރާންކަމާއި ހަމަހިމޭންކަން ފެތުރިގެން ހިނގައްޖެއެވެ. ރީޙާނާއި ޞާޢިޤާގެ ލޯބީގެ ސިއްރު ދެނެހުރި މީހުންވެސް، މާމަގެ ކުރިމަތީގައި ރީޙާން އެކުރި ހިތްވަރުގެ ސަބަބުން އަޖައިބުވެ އަންތަރީސްވިއެވެ. އެކަމަކު އެއީ ރީޙާނުގެ ސަމާސާއެއް ކަމުގައި ހީކޮށްފައި، ކުޅިވަރުބަލަން މަޑުމަޑުން ތިއްބެވެ.
[ތިޔައީ ކޮންކަހަލަ ވިޔާނުވާ ކަމެއް ހެއްޔެވެ؟] ހަމަހިމޭންކަމުގެ ތެރެއިން މާމަގެ އަޑު ގުގުމާލައިފިއެވެ.
[މާމާއެވެ. ވީކީއްތޯއެވެ؟]
[މިނަށްވުރެ ސަމާސާ ބޮޑުވެއްޖެނަމަ، ވިޔާނުވާ ޢަމަލެއްނޫނީ ނުކުރެވޭނެއެވެ.]
[މިއީ ސަމާސާއެއް ކަމުގައި ހީކުރެއްވީ ކީއްވެގެންތޯއެވެ. މާމާއެވެ.] ނުހަނު ހަރުދަނާކަމާއެކު ރީޙާން މިހެން ބުނިއަޑު އިވުމުން، އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ރީޙާނުގެ މޫނަށް ބަލަހައްޓައިގެން މާމަ އިނެވެ.
[ރީޙާނެވެ.] ބިރުގެންފައިވާ އަޑަކުން ރީޙާނަށް އަސައްދު ގޮވާލިއެވެ.
[އާއެކެވެ. ވީކީއްހެއްޔެވެ؟] ރީޙާން އެނބުރި ބަލައިލިއިރު، ޞާޢިޤާގެ ގައިގައި ހިފަހައްޓައިގެން އަސައްދު ހުއްޓެވެ. ޞާޢިޤާ އޮތީ ސްޓޫލުން ނައްޓާލައިގެން ވެއްޓެން ކައިރިވެފައެވެ. [މީނާ އަނބުރައިގަތީއެވެ.] މަޑުމަޑުން އަސައްދު ބުނެލިއެވެ.
[ޞާޢިޤާއެވެ.] ރީޙާން ފުންމައިގެންގޮސް ޞާޢިޤާގެ ގައިގައި ހިފަހައްޓާފައި އޭނާއާ ދިމާއަށް ކުޑަކޮށް ގުދުވެލަމުން ގޮވާލިއެވެ. [ޞާޢިޤާއެވެ. ޞާޢިޤާއެވެ….] ރީޙާނުގެ ގޮވުމަކަށް ޞާޢިޤާ އިޖާބައެއް ނުދެއެވެ. އޭނާގެ ދެލޯވަނީ މެރިފައެވެ. މުޅި މީހާ އޮތީ ދާހިއްލައި ފޯވެފައެވެ.
[އޭނާގެ ހޭވެރިކަމެއް ނެތެވެ.] ސަމީނާ އެތަނަށްއައިސް ޞާޢިޤާއާ ދިމާއަށް ގުދުވެލަމުން ބުންޏެވެ.
[ކޮންމެވެސް ތަނެއްގައި އަވަހަށް ބާއްވާށެވެ.] ފަރީދުވެސް އެތަނަށް ކައިރިވެލިއެވެ.
[އެފަކީރު ތިއޮއް ވެއްޓެނީއެވެ. ރަނގަޅަށް ހިފަހައްޓާށެވެ.] ލޮލުން ކަރުނަތައް ފޮހެމުން އަންޖަމަން ބުންޏެވެ. ރީޙާން އެކުރި ސަމާސާގެ ހަރުކަށިކަމާއި، އޭނާގެ ހިތުގައި ޞާޢިޤާއަށްޓަކައި ރަހުމެއް ހަމްދަރުދީއެއް ނެތުމުން އަންޖަމަންގެ ގާތަށް ވަރަށް ބޮޑަށް ރުޅިއައެވެ. ނަމަވެސް، ރީޙާން ނުހަނު ސާބިތުކަމާއެކު ޞާޢިޤާ އަތްދަނޑިމައްޗަށް ނަގައިގަނެގެން، އެއްވެސް މީހަކަށް ފަރުވާލެއް ނުބަހައްޓައި އެދިޔަގޮތަށްގޮސް ހޯލުން ނުކުތުމުން، އެހެންމީހުންނެކޭ އެއްފަދައިން އަންޖަމަން ބޮޑުދައިތަވެސް ވަރަށް ބޮޑަށް ހައިރާންވިއެވެ.