ޒަޚަމް – ޗެޕްޓަރ 33

ޞާޢިޤާ ފެންޑާމަތީގައި ހުރިއިރު، އޭނާގެ ހިތާއި ސިކުނޑި، ޚިޔާލީ އޮއިވަރާ އެކުގައި ބެހެމުންދެއެވެ. މިއަދު ހަވީރު ސަޢްދިއްޔާ ދެއްކި ވާހަކަތައް، އަނގުރުތަކެއް ފަދައިން އޭނާގެ ކަންފަތަށް ހޫނުކުރަމުން ފޮޅުލައްވަމުން ދެއެވެ. ރޭގަނޑުގެ އަނދިރިކަމާއި، ދުނިޔެއަށްޖެހޭ ވައިގެ ފިނިކަންވެސް އޭނާއަށް އިޙްސާސް ކުރެވޭހެނެއް ހީއެއްނުވެއެވެ. ތެދެކެވެ. އޭނާއަށް އޭނާގެ ފެންވަރު އޮޅިއްޖެއެވެ. ޚާންދާނުގައި އޭނާގެ މަގާމަކީ ކޮބައިކަން ހަނދާން ނެތިއްޖެއެވެ. އޭނާގެ ފިޔައިގައި ނެތްވަރު ދައްކައިގެން އުދުހުމަށް އޭނާއަށް މަސައްކަތް ކުރެވިއްޖެއެވެ. ހިތުގެ ޖަޒްބާތުތައް އޭނާ މުޅިން ބަލިކޮށްލައިފިއެވެ. ހަލާކުގެ ތީރުތައް އޭނާއާ ދިމާއަށް އޮހެން ފަށައިފިއެވެ. ސަލާމަތްވުމުގެ މަގުތައް އޭނާއަށްޓަކައި ބަންދުވެއްޖެއެވެ. ރޮއިރޮއި އޭނާގެ ދެލޯ ރަތްވެއްޖެއެވެ. ވިސްނާ ވިސްނާ ވަރުބަލިވެއްޖެއެވެ.

[ޞާޢިޤާއެވެ.] ރީޙާނުގެ އަޑު އިވުމުން ޞާޢިޤާ ވަރަށް ބޮޑަށް ސިހިއްޖެއެވެ. [ހާދަ އިރެއްވަންދެން އަހަރެންލައްވާ ކަލޭ އިންތިޒާރު ކުރުވައިފީމުއެވެ. ބާރާދަރީއަށް ކަލޭ ނައީކީއްވެގެން ހެއްޔެވެ؟]

ޞާޢިޤާ އަނގައިންވެސް ނުބުނެ މަޑުމަޑުން ހުއްޓެވެ. އަނދިރީގައި ހުރުމުގެ ސަބަބުން، އޭނާގެ ދެލޮލުގެ ރަތްކަމާއި، މޫނުމަތީގައިހުރި ހިތާމަވެރި އަސަރުތަކެއް ރީޙާނަކަށް ނުފެނެއެވެ. ވީމާ، އަނެއްކާވެސް ރީޙާން ވާހަކަ ދައްކަން ފަށައިފިއެވެ.

[އަހަރެންނާ އެކުގައި ހިނގާށެވެ. މިހާރު ތިޔަތަނުގައި ހުރެގެން ނިދަނީހެއްޔެވެ؟[ ޞާޢިޤާގެ ކޮނޑުގައި ރީޙާން އަތް ބާއްވާލިއެވެ.

[ރީޙާނެވެ….] ތުރުތުރުއަޅާ އަޑަކުން ޞާޢިޤާ ގޮވާލިއެވެ.

[ޞާޢިޤާއެވެ. ވީކީއްހެއްޔެވެ.]

[އަޅުގަނޑު….] ވާހަކަ ދައްކަން ފަށާފައި، ކުއްލިއަކަށް ހުއްޓާލައިފިއެވެ.

[ވީކީއްހެއްޔެވެ؟ ބާރާދަރީއަށް ހިނގާށެވެ.]

[މީހަކަށް ފެނިދާނެއެވެ. ރީޙާނެވެ.]

[ކަލޭގެ ހިއްސުތަކަށް ސަވާރުވެފައި އިން ޝައްކުގެ ފުރޭތަ އަދިވެސް ނުފައިބަނީ ހެއްޔެވެ؟ މޮޔަޔާއެވެ. ވަގުތު ނަގާނުލައި ހިނގާށެވެ.] ޞާޢިޤާގެ އަތުގައި ރީޙާން ހިފާލިއެވެ. އެވަގުތު ޞާޢިޤާ ކަންބޮޑުވެގެން އަތް ފޮޅުވާލިއެވެ.

[ކަލެއަށް ވެފައި ތިޔަހަރީ ކީއްހެއްޔެވެ؟ ޞާޢިޤާއެވެ.]

[ކަމެއްނުވެއެވެ.]

[ވީއިރު، ނުދާން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ؟]

[މީހަކަށް ފެނިދާނެތީއެވެ.]

[ފެނުނިއްޔާ ވާނީ ކީއްހެއްޔެވެ.]

[ޠޫފާން އަތުވެދާނެއެވެ.]

[އަޔަދޭށެވެ.] ފަރުވާކުޑަ ގޮތަކަށް ރީޙާން ބުންޏެވެ.

ރީޙާން ސިނގިރެޓެއް ނަގައި ތުނބުގައި ޖަހާލުމަށްފަހު، ލައިޓަރު އަޅައިގެން ސިނގިރެޓު ރޯކޮށްލައިފިއެވެ. އެވަގުތު އޭނާއަށް ޞާޢިޤާގެ މޫނު ފެނުމުން، ހިސާބަކަށް ޝައްކުވިއެވެ. ވީމާ، ދެވަނަ ފަހަރަށް ލައިޓަރު އަޅާފައި ޞާޢިޤާގެ މޫނަށް އަލިކޮށްގެން ރަނގަޅަށް ބަލައިލިއެވެ.

[ޞާޢިޤާއެވެ. ކަލެއަށް ވެފައި ތިޔަހަރީ ކީއްހެއްޔެވެ؟]

ދެންވެސް ޞާޢިޤާ ޖަވާބެއް ނުދިނުމުން، ރީޙާން އޭނާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. ބޭއިޚްތިޔާރުގައި ޞާޢިޤާއަށްވެސް ހިނގައި ގަނެވިއްޖެއެވެ. ދެންމެގައި މާޔޫސީގެ އަނދިރިކަމުގެ ތެރެއަށް ގެނބެމުންދިޔަ އޭނާގެ ސިކުނޑި، ރީޙާނުގެ ލޯބީގެ ނޫރުން އަލިވެގެން ހިނގައްޖެއެވެ.

[ޞާޢިޤާއެވެ.] ތަންކޮޅަކަށް ހިނގާލާފައި ރީޙާން ބުންޏެވެ.

[ލައްބައެވެ.] ޞާޢިޤާ ޖަވާބު ދިނެވެ.

[ވީކަމެއް ބުނެބަލާށެވެ.]

[އަޅުގަނޑުގެ ފެންވަރު ހަނދާން ނެތުނީއެވެ.]

[ލޯބީގެ މައްސަލައިގައި ތިމާގެ ފެންވަރު ހަނދާން ނެތުމަކީ ބުއްދިވެރި ކަމެކެވެ.] މަޖާވެލާފައި ރީޙާން ބުންޏެވެ.

ދެމީހުން ބާރާދަރީއަށް ވަދެއްޖެއެވެ. ޞާޢިޤާ މަޑުމަޑުން ބާރާދަރީގެ ހަރުފަތްތަކުގެ މަތީގައި އިށީނދެއްޖެއެވެ.

[ފެންވަރު ހަނދާން ނެތުނީހެއްޔެވެ؟] އުފަލާއެކު ރީޙާން ބުނެލިއެވެ. [އަމިއްލައަށް އިޢްތިރާފުވާއިރު، ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ގާތުގައި ބުނާކަށް ބޭނުމެއް ނޫންހެއްޔެވެ؟]

[ބައެއްފަހަރު ހިތް ޝައްކުވަނީއެވެ.]

[ކަލޭ އަހަރެންދެކެ ލޯބިނުވަނީ ހެއްޔެވެ؟ އަހަރެން އައިމާ އުފާ ނުވަނީހެއްޔެވެ؟]

[ރީޙާނެވެ. ﷲ އަށްޓަކައެވެ. ކުށް ހީއެއް ނުކުރައްވާށެވެ.]

[ޞާޢިޤާއެވެ. އަހަންނަށް މާފުކުރާށެވެ. ކަލޭ ހަމަހިމޭނުން އިންނާތީ، ސަބަބެއްނެތް ވަހުމްތަކެއް އަހަރެންގެ ހިތަށް ވަނީއެވެ.] ޞާޢިޤާގެ ކައިރީގައި އިށީންނަމުން، އޭނާގެ އަތުގައި ހިފާލާފައި ރީޙާން ބުންޏެވެ.

[އަޅުގަނޑު ބިރުގަންނަނީއެވެ. ރީޙާނެވެ.]

[ކާކުދެކެ ހެއްޔެވެ؟ އަލްޙަމްރާގެ މީހުންދެކެ ހެއްޔެވެ؟]

[ނޫނެކެވެ. އަޅުގަނޑުގެ ނަސީބު ދެކެއެވެ.]

[މޮޔަގަނޑު….] ޞާޢިޤާގެ އަޑުގައިހުރި އަސަރެއްގެ ސަބަބުން ރީޙާން ބިރުގަތް ނަމަވެސް، ޞާޢިޤާގެ ހިތްހަމަޖައްސައި ދިނުމަށްޓަކައި ގަދަކަމުންކަހަލަ ގޮތަކަށް ރީޙާން ހީގެންފިއެވެ.

[ހަމަތެދެކެވެ. ރީޙާނެވެ. އުފެދުމުގައިވެސް އަޅުގަނޑަކީ ބަދުނަސީބު ވެރިއެކެވެ. ވީމާ އެ ނަސީބުދެކެ އަޅުގަނޑު ބިރުގަނެއެވެ.]

[މިހާރު ކަލޭގެ ނަސީބަކީ އަހަރެންނެވެ. ޞާޢިޤާއެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ. ތިޔަ ބޭނުންނެތް ވަހުމްތައް ހިތުން ފިލުވާލާށެވެ. އަހަރެންގެ ބަސް ގަބޫލު ކުރާށެވެ.]

ރީޙާނުގެ އެ ބަސްތަކަކީ ޞާޢިޤާއަށް ލިބުނު ހިތްވަރެއް ކަމުގައިވިއެވެ. ވެއްޓެން ދަނިކޮށް މީހަކު ހިފެހެއްޓި ކަމުގައި އޭނާއަށް ހީކުރެވުނެވެ. ވީމާ، އޭނާ ޔަގީންކަމާއެކު ރީޙާނާ ދިމާއަށް ބަލައިލާފައި އޭނާގެ ކޮނޑުގައި ބޯއަޅާލިއެވެ. މި އުފަލުން އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފިއެވެ.

[ކަރުނަ އޮއްސުން ހުއްޓާލާށެވެ. ޞާޢިޤާއެވެ. ކަލޭގެ ނާރުތަކުގައި ހިނގަނީ ލޯތްބަށްޓަކައި ޖިހާދުކޮށް، ޤުރްބާންވެގެންދިޔަ ދެ ލޯބިވެރިންގެ ލެޔެވެ. ކަލޭގެ ބައްޕައަކީ، ލޯތްބަށްޓަކައި މުދަލާއި ފައިސާ، މައިންބަފައިންނާއި މަތިވެރި ޚާންދާން ދޫކޮށްލާފައި، ސަމާޖާ ހަނގުރާމަކުރި ލީޑަރެކެވެ. ޞާޢިޤާގެ ލޮލުން ފޭބި ކަރުނައިގެ ހޫނުކަން އިޙްސާސް ކުރެވެމުން ރީޙާނަށް ތެޅިގަނެވުނެވެ. އަދި ޞާޢިޤާގެ ގައިގައި ބާރަށް އޮޅުލައިގަނެވުނެވެ.

[އަޅުގަނޑު ކުރާނީ ކީއްތޯއެވެ. ރީޙާނެވެ. ހަފަރާތުގައި ރުކުރުވާލެވިފައިވަނީ ހަނގުރާމަވެރި ލަޝްކަރުތަކެވެ. ވީއިރު، އަޅުގަނޑު އެކަނި ޖާނަކަށް އެ ލަޝްކަރުތަކާ ޙަމަލަދީ ބަލިކުރެވޭނީ ކިހިނަކުންތޯއެވެ.] ޞާޢިޤާ ރޮމުން ގިސްލަމުން، ހުރިހާ ވާހަކައެއް، ރީޙާނަށް ކިޔައިދެމުން ގެންދިޔައެވެ. ސަމީރާއާއި، ފައުޒިއްޔާއާއި ސަޢްދިއްޔާ ދެމުންގެންދާ ޙަމަލަތަކުގެ ހޫނުކަން ރީޙާނަށް ބަޔާންކޮށްދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ރީޙާނުގެ ލޯބި ހާސިލު ކުރުމަށްޓަކައި އޭނާއަށް ހުރިހާކަމެއް ސާފުކޮށްދިނުން ފިޔަވައި އެހެން އެއްވެސްގޮތެއް ނެތްކަން މިހާރު ޞާޢިޤާއަށްވެސް ވިސްނިއްޖެ ކަމުގައި ހީވެއެވެ. އެހެންނޫންނަމަ، އެ ޙަމަލަތަކެއް ދުވަހެއްގައިވެސް ޞާޢިޤާގެ އަނގަޔަކުން ބޭރެއް ނުވީހެވެ.

[ރީޙާނެވެ. އަޅުގަނޑުގެ ދިރިއުޅުން އަޅުގަނޑަކަށް އެއްވެސް އުފަލެއް ނުދެއެވެ. މިހާރު އިއްތިފާޤުން ލިބެމުންދާ އުފާކޮޅުވެސް އެމީހުން ފޭރިގަންނާނެއެވެ. ވީމާ، ދެން އަޅުގަނޑު ކުރާނީ ކީއްތޯއެވެ؟]

[ނުރޯށެވެ. ޞާޢިޤާއެވެ. ކަލޭގެ ކަރުނަތައް ދުށުމަކީ އަހަރެންނަށް ކުޅަދާނަކަމެއް ނޫނެވެ.] ރީޙާނުގެ އެސްފިޔަތަކުން ޞާޢިޤާގެ ކަރުނަތައް ފޮހެދެމުން، ނަސޭހަތްދީ، ހިތްވަރުދެމުން ގެންދިޔައެވެ.

ކަލޭ އެކަނިމާއެކަނި ވަރަށްގިނަ ހިތާމަތައް އުފުލައިފީމުއެވެ. ވީމާ، ދެން މިހާރު ތިޔަ ހިތާމަތައް ނުކުރާށެވެ. އެމީހުން ކަލެއާދޭތެރޭގައި ކަންތައް ކުރަމުން ގެންދާގޮތުގެ ވާހަކަ، މީގެކުރިން އަހަރެންގެ ގާތުގައި ނުބުނީ ކީއްވެގެން ހެއްޔެވެ؟] ޙާލަތު ނިޔާކުރާގޮތާ ދޭތެރޭގައި ވިސްނައި ފިކުރު ކުރުމަށްފަހު، އެކަމަށް ކުރިމަތިލުމަށްޓަކައި އަހަރެމެން ތައްޔާރުވާން ޖެހޭނެއެވެ. ތިޔަގޮތަށް ރޮއިރޮއި ހަލާކުވެގެން ކަމަކުނުދާނެއެވެ.]

އަދިވެސް ޞާޢިޤާގެ ރުއިމެއް ނުހުއްޓެއެވެ. މަޑުމަޑު ގިސްލުމަކާއެކު، އޭނާ ކަރުނައިގެ މުތީތައް އޮއްސަމުން ގެންދެއެވެ. ވީމާ، އޭނާ ހުއްޓާލެއްވޭތޯ ރީޙާނަށް ކުރެވެން އޮތްހާ މަސައްކަތްއެ ކުރަމުން ގެންދިޔައެވެ.

[ޠޫފާން އަންނާނެކަން އަހަރެންނަށްވެސް އެނގެއެވެ. ވީމާ، އެ ޠޫފާނުގެ ކޮޅިގަނޑުން އަހަރެމެންގެ ޙަޔާތް ބަރުބާދުވިޔަ ނުދިނުމަށްޓަކައި އަހަރެން ޢަޒުމް ކަނޑައަޅައިފީމެވެ. ހުރިހާ ކަމެއްވެސް ވާންޖެހޭނީ، އަހަރެމެން އެދޭގޮތަށެވެ. މިހާރު އަބަދުވެސް އަހަރެން މި އިންތިޒާރުކުރަނީ، ވިލާތައް ރޫޅިލާފައި، ކޮޅިގަނޑު ލައިގަންނާނެ ވަގުތަކަށެވެ. ހަނދާންކޮށްލަ ބަލާށެވެ. ޞާޢިޤާއެވެ. އެއްކަލަ ދުވަހު ސިނަމާއަށް ދިއުމުގެ ބަދަލުގައި، ކަލޭ ގޮވައިގެން އެ ރީތި ވާދީގެ ތެރެއަށް އަހަރެންދިޔައީ ހަމަ ގަސްތުގައެވެ. އެހެންމީހުންނަށް، އަހަރެމެންގެ ލޯބީގެ ސިއްރު އަންގައިދިނުމަށްޓަކައެވެ. ތުންތުންމަތިންގޮސް ބޮޑެތިމީހުންގެ ކަންފަތާ ހަމަޔަށް އެވާހަކަ ފޯރުވުމުގެ ބޭނުމުގައެވެ. އެގޮތުން، ލޯބީގެ މަގުގައި އަހަރެން އެންމެ ފުރަތަމަ އެޅި ފިޔަވަޅުގެ އަސަރު، ހަމައެކަނި ކަލޭގެ މައްޗަށް ފޯރުވާނެ ކަމަކަށް، ފަހަރެއްގައިވެސް އަހަރެންގެ ހިތަކަށް ނާރައެވެ. އެންމެ ރަނގަޅެވެ. ވީކަމެއްވެ ނިމުނީއެވެ. އަދި އެއްވެސްކަމެއް ގޯހެއް ނުވެއެވެ. ކުޅިވަރުދެކެން ހުންނާށެވެ. މާދަމައިން އަހަރެން ހުރިހާ ވާހަކައެއް މާމަޔަށް ނަންގަންނާނަމެވެ.]

[ނޫނެކެވެ. އަޅުގަނޑުމެންނާބެހޭ ވާހަކައެއް މާމަޔަށް ނަންގަނެގެން ނުވާނެއެވެ.] ބިރުން ތުރުތުރުއަޅާއޮތް އަޑަކުން ޞާޢިޤާ ބުންޏެވެ.

[އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ ޞާޢިޤާއެވެ. ތިޔަގޮތަށް ރޮއިރޮއި މަރުވާން ތިބެންވީ ކީއްވެގެން ހެއްޔެވެ؟ ލޯބިވުމަކީ ފާފައެއް ހެއްޔެވެ؟ އަހަރެމެންގެ ލޯތްބަށް، ޚާންދާނުގެ ބޮޑެތި މީހުން ހުރަސްއަޅަންވީ ކީއްވެގެން ހެއްޔެވެ. އަހަރެމެންގެ ދިރިއުޅުމުގެ މަގު ކޮށާނީ އަހަރެމެން އަމިއްލައަށެވެ. ހަމަތެދެކެވެ. އަހަރެމެން ދެމީހުންގެ ދޭތެރެއަށް، ކަމާނުބެހޭ މީހުން ވަނުމަކީ، އަހަރެންނަށް ކެތްކުރެވޭނެ ކަމެއްނޫނެވެ.] ރީޙާން އެކިގޮތްގޮތުން ޞާޢިޤާއަށް ހިތްވަރުދިނެވެ. [މާޔޫސްވުމަކީ ފާފައެކެވެ. ޞާޢިޤާއެވެ. ވަޢްދުވާށެވެ. މީގެފަހުން ތިޔަގޮތަށް ކަލޭ މާޔޫސްވެގެން ނުވާނެއެވެ. އަހަރެންގެ ބަސް ގަބޫލު ނުކޮށް ރޮއި ހިތާމަކޮށްފިނަމަ، އަހަރެންގެ މައްޗަށް ކަލޭގެ ކުޑަވެސް އިތުބާރެއް ނެތީކަމުގައި ބަލާނަމެވެ.]

ރީޙާން އަތުގައި ޞާޢިޤާ ބާރަށް ހިފަހައްޓާލިއެވެ. މިގޮތުން ރީޙާނަށް އިތުބާރު ކުރާކަން ޞާޢިޤާ ޔަގީން ކޮށްދިނެވެ.

މިހާރު ވަރަށް ދަންވެއްޖެއެވެ. ހަނދުމަހުގެ ފަހުފަނަރައިގެ ހަނދު، ފަލަކުގެ ކޮންމެވެސް ދިމާއަކުން މޫނު ދައްކާލައިފިއެވެ. ފަޖުރުތަރި، އަލި ނޫރެއް ފަދައިން ފިޔަޖަހާލައިފިއެވެ. މާޙައުލުގެ ފިނިކަން ހަށިގަނޑަށް ހެރޭ ތޫނު ކަށިތަކެއް ފަދައިން، ގައިގެ ހަމުގެ ދާފަރާއިން ފުރޭނިގެން ވަންނަން ފަށައިފިއެވެ. ފަތިހަށް ފޮޅޭ މާތައް ފަރިވަމުން ދާންފަށައިފިއެވެ. މުޅި ބަގީޗާއިން މީރުވަސް ދުވަން ފަށައިފިއެވެ. އެވަގުތު ޞާޢިޤާއަށާއި ރީޙާނަށްވެސް ހަމަހޭވެރިކަން އަތުވެއްޖެއެވެ. އެމީހުން ތިބިތަނުން މަޑުމަޑުން ތެދުވެގެން އެއް ހިޔަނި ފަދައިން ފެންޑާއާ ދިމާއަށް ހިނގައިގެންފިއެވެ.

[ފިނޑި ކުއްޖާގަނޑެކެވެ.] ބޮކިއަލި ފޯރާފަށަށް ދެވުމުން ޞާޢިޤާގެ މޫނަށް ބަލައިލާފައި ހީލަމުން ރީޙާން ބުންޏެވެ. [މިރެއަކީ ކަލޭގެ ޝައްކާއި ހިތާމަތަކުގެ އެންމެފަހު ރެއެވެ. ހެނދުނު ތެދުވެ އެންމެ ފުރަތަމަވެސް މާމަގެ….]

[މާދަމާ ހެނދުނަކުން ނޫނެވެ. ރީޙާނެވެ.] ރީޙާނުގެ ޖުމުލަ މެދުކަނޑާލާފައި ޞާޢިޤާ ބުންޏެވެ.

[އެއީ ކީއްވެގެން ހެއްޔެވެ.]

[މާދަމާނޫން އަނެއްދުވަހަކީ ކަލާގެ އުފަންދުވަހެވެ.]

[އުފަންދުވަސްވިއްޔާ ވާނީ ކީއްހެއްޔެވެ؟]

[އެ އުފާވެރި ޙަފްލާގެ ވަގުތުތައް، އަމާންކަމާއެކު ވޭތުވެދިޔަ ދެއްވާށެވެ.]

ރީޙާން ވަކިއެއްޗެއް ނުބުނެއެވެ. ޞާޢިޤާގެ ހުށަހެޅުމާ އެއްބަސްވުމުގެ ގޮތުން އޭނާ ހީލިއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.