ވަކީލު ސާޙަބްގެ ވާހަކަ ދެއްކުން ހުއްޓާލައްވާފައި ރާޖާ ސާޙަބްއާއި ދިމާއަށް ބައްލަވައިލެއްވެވީ ޙައިރާންކަމާ އެކުގައެވެ. ހަމަ އެފަދައިން އިންޞާފުވެރިޔާވެސް ރާޖާ ސާޙަބްއާ ދިމާއަށް ބައްލަވާލެއްވީ ޙައިރާންކަމުގެ ބެއްލެވުމަކުންނެވެ. ރާޖާ ސާޙަބްއަކީ އިންޞާފުވެރިޔާ ރަނގަޅަށް ދެނެލައްވާ ދެކިފަރިތަ ރައްޓެއްސެކެވެ. ރާޖާ ސާޙަބް އެތަނަށް ގޮސް ވާހަކަ ދައްކަން ފެށުމުން—ރާޖްކުމާރީއާއި ސްމިތްރާދޭވީވެސް ވަރަށް ބޮޑަށް ޙައިރާންވިއެވެ. ”ފަނޑިޔާރު ސާޙަބްއެވެ. އެންމެ ފުރަތަމަ އަޅުގަނޑު އެއްޗެއް ނަންގަނެލާނޭ ފުރުޞަތެއް ދެއްވުން އެދެމެވެ. ނޫންނަމަ ތިޔަބޭކަލުންގެ އަގުހުރި ވަގުތުތައް ބޭކާރު ގޮތުގައި ގެއްލިގެން ހިގައިދާނެއެވެ.“
އަރޫންގެ ޟަމީރު ތުރުތުރުއަޅައިގަތެވެ. މިހާރު މިވާން މިއުޅެނީ ކީއްހެއްޔެވެ. ޙާޟިރުވެތިބި އެންމެންވެސް ނޭވާ ހިފަހައްޓައިގެން ބަލަން ތިއްބެވެ.
އިންޞާފުވެރިޔާ ރާޖާ ސާޙަބްގެ މޫނަށް ބައްލަވާލައްވާފައި ވިޓްނެސް ބޮކްސްއަށް ދިއުމަށް އޭނާއަށް އަމުރު ކުރެއްވެވިއެވެ. ރާޖާސާޙަބް ވިޓްނެސް ބޮކްސްއަށް ގޮސް އަރޫންއާ ދިމާއަށް ބަލައިލިއެވެ. ޢުޛުރުވެރި ބެލުމަކުންނެވެ. ކަންބޮޑުވެފައި ހުރި އަރޫންއަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. އޭނާއާ ދިމާއަށް ބަލަން ހުރި ރާޖާ ސާޙަބްގެ ދެލޮލުން ކަރުނަތައް ފައިބަނީއެވެ.
”ފަނޑިޔާރު ސާޙަބްއެވެ. މަނޭޝްރާޖް ޤަތުލުކުރީ………“ މިހިސާބަށް ހުއްޓާލާފައި އަނެއްކާވެސް އަރޫންއާ ދިމާއަށް އޭނާ ބަލައިލިއެވެ. މިއިން ކޮންމެ ފަހަރަކުވެސް އަރޫންގެ ހިތުގެ ވިންދު އެތައް ގުނައަކަށް އިތުރުވެ އަވަސްވެގެންދެއެވެ.
”މަނޭޝްރާޖް ޤަތުލުކުރީ އަޅުގަނޑެވެ.“ ރާޖާ ސާޙަބް އިންޞާފުވެރިޔާގެ މޫނަށް ބަލަންހުރެ ބުންޏެވެ.
އެބުނީ ކީކޭހެއްޔެވެ؟ ޙާޟިރުވެ ތިބި އެންމެން އެއަޑާ ދިމާއަށް ސަމާލުވިއެވެ. ގޮނޑީގައި އިށީނުމަށް ތިރިވެ ތިރިވެ ހުއްޓާ ރާޖްކުމާރީއަށް މިއިވުނު އަޑުން ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އިންޞާފުވެރިޔާއަށްވެސް އޭނާގެ ކަންފަތުގެ އިވުމަށް ކެއްސެއް ލިބުނީ ކަމުގައި ހީވެލެއްވިއެވެ. އަރޫންއަކަށްވެސް ޔަޤީނެއް ނުކުރެވުނެވެ. އޭނާ—ސަލާމަތް ކުރަން ރާޖާ ސާހަބް އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ރާޖާ ސާޙަބްގެ ވާހަކައިން އެންމެ ބޮޑަށް ސިހުނީ، ސަރުކާރުގެ ވަކީލެވެ. ދެވަނަފަހަރަށް އޭނާ މިޝަރީޢަތް ތައްޔާރުކުރީ ނުހަނު އުދަގުލުންނެވެ. އެތަކެއް މަސައްކަތުންވެސްމެއެވެ. ޝަރީޢަތް އަޑުއަހަން ތިބި މީސްތަކުންގެ މެދުގައި ބާރު ބާރަށް ވާހަކަ ދެކެވެން ފަށައިފިއެވެ. ނަމަވެސް ސްމިތްރާދޭވީ އަކަށް ބުނާނޭ ހަމައެކައްޗެއްވެސް ނުވިސްނުނެވެ.
”އޯޑަރ އޯޑަރ“ ކުއްލިއަކަށް އިންޞާފުވެރިޔާ މުގުރުން މޭޒުގައި ޖައްސަވައިލައްވާފައި ހިމޭނުން ތިބުމަށް އިޢްލާނު ކުރެއްވިއެވެ. އަދި ޢަޖާޢިބު ވެގެން އިންނަވާ ރާޖާ ސާޙަބްއަށް ބުނުއްވިއެވެ. ”ރާޖާ ސާޙަބްއެވެ. މިއީ ފަނޑިޔާރުގެއެވެ. ކުޅިވަރު ކުޅޭ ތަނެއް ނޫނެވެ. ކަލާ ތިޔަހުންނެވީ ހަމަހޭގައިތޯއެވެ؟
”ފަނޑިޔާރު ސާޙަބެވެ.“ ރާޖާ ސާޙަބް ވާހަކަ ދެއްކިއެވެ. ”އަޅުގަނޑު މިހިރީ ހަމަހޭގައެވެ. ގީތާގައި އަތްލާ ހުވާކުރުމަށް އަޅުގަނޑު މިހިރީ ތައްޔާރުގައެވެ. މަނޭޝްރާޖް ޤަތުލުކުރީ އަޅުގަނޑެވެ.“
އިންޞާފުވެރިޔާ ހުރިހާ ވާހަކައެއް ތަފްޞީލްކޮށް އޮޅުންފިލުއްވެވުމުގެ ބޭނުމުގައި ރާޖާ ސާޙަބް ލައްވާ ގީތާގައި އަތްލައްވުވައި ހުވާކުރުވައިފިއެވެ. އަދި ބަޔާންދެމުން ގެންދިއުމަށް އަމުރު ކުރެއްވުމުގެ ކުރިން ރާޖާ ސާޙަބް ވާހަކަ ފައްޓަވައިފިއެވެ.
”މަނޭޝްރާޖްގެ ގޭގައި ކައިވެނީގެ ޕާޓީ ހިގަމުންދިޔަ ވަގުތު އޭނާގެ ރާތައްޓަށް އަޅުގަނޑު ޒަހަރުލީއެވެ. ރިޝްމީއާއެކު ނަށަމުން އެކި ތަންތަނުގައި ރާތަށި ބަހައްޓަމުން ދިޔައިރު އަޅުގަނޑު ފުރުޞަތު ހޯދީއެވެ. ހުރިހާ ރޭވުމެއް ރޭވީ ޚޮދު އަޅުގަނޑެވެ. އަޅުގަނޑުގެ ދަރިފުޅު ރާޖްކުމާރީގެ އަތެއް މިކަމުގައި ބައިވެރިއެއް ނުކުރަމެވެ.“
”އެޤަތުލު ކުރި ސަބަބެއް އޮޅުންފިލުވަން ޝަރީޢަތުން ބޭނުންވެއެވެ.“ އިންޞާފުވެރިޔާ ބުނުއްވިއެވެ.
”ވެއަތުވެދިޔަ ހޫނު މޫސުމުގައި“ ރާޖާ ސާޙަބް ވާހަކަ ފެށިއެވެ. ”އަޅުގަނޑާ އަޅުގަނޑުގެ ދަރިފުޅާ، ރަތަންއާއި، ސްމިތްރާދޭވީ އަދި ރަތަންގެ ރަޙްމަތްތެރި—ސްރޭޝްއާއި އޭނާގެ އަނބިމީހާ މާގްރެޓް ދާރްޖަލަންގްއަށް ދިޔައީމެވެ. އެރަށުގައި އަޅުގަނޑުމެން އެންމެން ތިބީ އޮބްރާއޭ މައުންޓް އެވަރެސްޓް ގައެވެ. އަޅުގަނޑުމެން ދިޔަތާ ދެތިންދުވަސް ފަހުން ރިޝްމީ ގޮވައިގެން މަނޭޝްރާޖްވެސް ދާރްޖަލަންގްއަށް އަތުވެއްޖެއެވެ. އެދެމީހުން ތިބީ ވިންޑްމެއަރގައެވެ. އެރޭ މަނޭޝްރާޖް، ރިޝްމީ ގޮވައިގެން ރަތަންއާއި—ސްމިތްރާދޭވީއާ ބައްދަލުކުރަން އަޅުގަނޑުމެން ތިބޭ ހޮޓަލަށް އައިސް އެމީހުން ކައިވެނި ކުރަން އުޅޭ ވާހަކަ ބުނީމާ އެކަމާ އުފާ ފައުޅުކޮށް މުބާރިކުބާދު އަދާކުރުމުގެ ގޮތުން ސްރޭޝް ވަރަށް ބާރަށް އަޑުގަދަކޮށް ހެދިއެވެ. އެވަގުތު އަޅުގަނޑު އުޅެނީ ޖެހިގެން ހުރި އަނެއް ކޮޓަރީގައެވެ. އެކޮޓަރިއަށް އަޅުގަނޑު އައީ އަޑުފަށްގަނޑު ގަދަވެގެން އެއީ ކޮންއަޑެއްތޯ ބަލައިލުމަށެވެ. ކޮޓަރީގެ ދޮރު ކައިރިއަށް އައިތަނާ ރިޝްމީއާއި މަނޭޝް ރާޖް ފެނި ވަރަށްބޮޑު ސިހުމެއް އަޅުގަނޑަށް ލިބުނެވެ. އަދި އަޅުގަނޑަށް ޝައްކުވިއެވެ. ކުރިންވެސް އަޅުގަނޑަށް އޮތީ މަނޭޝްރާޖްމެންގެ ގުޅުމާމެދު ޝައްކުވެފައެވެ. އަދި ހަމަ އެދުވަސްކޮޅު ރަތަންއާމެދުވެސް ޝައްކުވާން ފެށިއެވެ. ރިޝްމީއާހެދި ރަތަން އަޅުގަނޑުގެ ދަރިފުޅު ދޫކޮށްލައިފިނަމަ އެދަރިފުޅަށްވާނީ ކިހިނެއްތޯއެވެ؟ ދޮރުމަތީގައި ހުރެގެން ކޮޓަރިތެރޭގައި ދައްކާ ވާހަކަ އަޑުއަހާލުމުން ހުރިހާ ކަމެއް ސާފުވެއްޖެއެވެ. މަނޭޝްރާޖްމެން ކައިވެނި ކުރަން އުޅޭކަންވެސް—-އެގިއްޖެއެވެ. އަދި މިކަމާ އަޅުގަނޑު ވަރަށް ބޮޑަށް ރުޅިއައެވެ. އެގޮތަކީ މިކައިވެނި ވެއްޖެނަމަ މަނޭޝްރާޖްގެ ހުރިހާ މުދަލަކާއި ފައިސާއެއް ރިޝްމީއަށް ފަތްލިޔެދޭނެއެވެ. ނަމަވެސް އޭރު އެހުރިހާ މުދަލެއް ހުރީ އޭނާ ނެތުމަށްފަހު ރަތަންއަށް ލިބޭގޮތަށް ލިޔެ ނިންމާފައެވެ. ފައިސާ އަޅުގަނޑަށް ނުހަނު ބޭނުމެވެ. ޢިއްޒަތް ދެމެހެއްޓުމަށްޓަކައި އަޅުގަނޑު ނުކުރަނީ ކީއްތޯއެވެ. އަމިއްލަގެވެސް ހުރީ ރަހުނުގެ ގޮތުން ބަހައްޓާފައި ތިންލައްކަ ރުފިޔާ ނަގާފައެވެ. އެފައިސާނެގި މީހާއަށް ސޫދުގެ ގޮތުން ދޭންޖެހޭނޭ ޢަދަދެއްވެސް ނޭގެއެވެ. މިހުރިހާ ކަމެއްވެސް އަޅުގަނޑު ކުރީ އެންމެ އުއްމީދެއްގައެވެ. އެއީ ދަރިފުޅުގެ އެހީގައި އެކަށީގެންވާ ގިނަ ޢަދަދެއްގެ ފއިސާ ލިބިދާނޭ ކަމަށް އޮތް އުއްމީދުގައެވެ. ނަމަވެސް މިފައިސާ ލިބެން އަންނަނީ ރަތަން އަޅުގަނޑުގެ ދަރިފުޅާ ކައިވެނި ކުރީމައެވެ. މަނޭޝްރާޖް ބުނި ޖުމްލަތަކަށް ކެތް ކުރަނީވެސް މިސަބަބަށްޓަކައެވެ. އަޅުގަނޑުގެ ގެދޮރާއި މުދާވަނީ ނީލަން ކިޔިފައެވެ. ވީމާ ރުޅިގަނޑު ދިރުވާލައިގެން ހުރުން އަޅުގަނޑަށް އޮތީ މަޖުބޫރުވެފައެވެ. އަޅުގަނޑު ކުރިން ވިސްނީ ކައިވެނީގެ ޕާޓީގައި ރިޝްމީއަށް ޒަހަރު ދިނުމަށެވެ. މިގޮތަށް އަޅުގަނޑު ކަނޑައަޅައިގެންހުރެ ކޮޓަރިތެރެއަށް ވަދެއްޖައީމެވެ. އަދި އެދެމީހުންގެ ކައިވެނިވާން އުޅޭތީ އެކަމާ އުފައު ފައުޅުކޮށް މުބާރިކްބާދު އަދާކޮށްހެދީމެވެ. ދަންނަވަންތޯއެވެ؟ އެދެމީހުންދެކެ އަޅުގަނޑު ބޮޑަށް ރުޅިއައީ ލަކްނޫއަށް ދިޔަފަހުންނެވެ. މަނޭޝްރާޖްގެ މިލްކުގައިވާހާ އެއްޗެއް ރިޝްމީގެ ނަންމައްޗަށް ލިޔެދީފިކަން ވަކީލުގެ ފުށުން އެގުނީމައެވެ. އެވަގުތު އަޅުގަނޑަށް އަދި އެހެން އެއްޗެއްވެސް ވިސްނުނެވެ. އެއީ ރިޝްމީއަށް ޒަހަރު ދީގެން މަރާލައިފިނަމަ ލޯތްބަށްޓަކައި މަނޭޝްރާޖްގެ ހުރިހާ މުދަލެއް އަރޫންއަށް ދީފާނެ ކަމެވެ. އަރޫންއަކީ ރިޝްމީގެ އެއްމާބަނޑު ކޮއްކޮއެވެ. މަނޭޝްރާޖްގެ ޅިޔަނެވެ. ރަތަންއަކީ އޭނާގެ ބޮޑުދައިތަގެ ދަރިފުޅެވެ. ވީމާ މުދާ ދިނުމަށްވެސް ފަސޭހަވާނީ އަނބިމީހާގެ އެއްމާބަނޑު ކޮއްކޮއަށް ނޫންތޯއެވެ. މަނޭޝްރާޖްއަށް ޒަހަރު ދިނުމަށް އަޅުގަނޑު ނިންމީ ޕާޓީ އޮތް ދުވަހުއެވެ. އެއީ އެދުވަހު މަނޭޝްރާޖް މަރުވެއްޖެނަމަ އެކަމުގެ ތުހުމަތު ރިޝްމީގެ ބޮލުގައި އެޅޭނެއެވެ. މިކަމުގައި ރިޝްމީއަށް މަރުގެ އަދަބު ލިބިއްޖެނަމަ ހުރިހާ މުދާތައް ރަތަންގެ ބާރުގެ ދަށަށް އަންނާނެއެވެ. މިކަން ކޮށްލަން ވަރަށް ފަސޭހައެވެ. މަނޭޝްރާޖްއަކީ ރާބޯ މީހެކެވެ. ވީމާ އޭނާގެ ރާތައްޓަށް ޒަހަރުލާކަށް މާއުދަގުލެއް ނުވާނެ ނޫންތޯއެވެ. ކައިވެނީގެ ޕާޓީގައި–މަނޭޝްރާޖްގެ ރާތައްޓަށް ޒަހަރުލީއެވެ. އަދި ޒަހަރުދީގެން އޭނާ ޤަތުލުކުރީއެވެ.“ މިހިސާބަށް ވާހަކަ ދައްކާފައި ރާޖާ ސާހަބް ހުއްޓާލައިފިއެވެ.
ހޯލްތެރޭގައި ކުޑައިރުކޮޅެއް ވަންދެން ހަމަހިމޭންކަން ފެތުރިފައި އޮތެވެ. އެންމެން ހަމަހިމޭންކަމާއެކު ރާޖާ ސާހަބްއާއި ދިމާއަށް ބަލަން ތިއްބެވެ. ސްމިތްރާދޭވީގެ ހިތުގައި ރާޖާ ސާހަބްއާއިމެދު ވަރަށް ބޮޑަށް ނަފްރަތު އުފެދިއްޖެއެވެ. ރާޖް ކުމާރީވެސް ލޮލުން ކަރުނަ ހިލިފައި ހިތުން ރޯލަ ރޯލާ އިނީ އޭނާގެ ބައްޕަގެ ނިމުމަކީ ކޮބައިކަމަށްތޯއެވެ؟
އިރުކޮޅެއްގެ ފަހުން އިންޞާފުވެރިޔާ ސުވާލު ކުރެއްވިއެވެ. ”ކަލާ ތިޔަ ޙަޤީޤަތް ފާޅުކުރެއްވީ ކީއްވެގެންކަމާއި މިހާ ލަސްކުރެއްވެވީ ކީއްވެގެންކަން ޝަރީޢަތަށް އޮޅުންފިލުވިދާނޭތޯއެވެ؟“
ރާޖާ ސާޙަބް ކުޑަކޮށް ވިސްނާލާފައި ވާހަކަ ދައްކަން ފެށިއެވެ. ”ރިޝްމީއަށް މަރުގެ އަދަބު ލިބުނުނަމަ މަނޭޝްރާޖްގެ ހުރިހާ މުދަލެއް ލިބޭނީ ހަމައެކަނި ރަތަންއަށެވެ. މުދައުތަކުގެ ވެރިއަކަށް ވާނީ ރަތަންއެވެ. ނަމަވެސް މިހާރު ރިޝްމީ އެހެރީ މިނިވަންވެފައެވެ. ހުރިހާ މުދަލެއް ހުރީ އޭނާގެ ނަމުގައި ލިޔެ ނިންމާފައެވެ. ވީމާ އަޅުގަނޑުގެ ރޭވުން ނާކާމިޔާބުވީއެވެ. ވީމާ، ދެތިން ދުވަހަކުއްސުރެ ކުށަށް އިޢްތިރާފްވުމަށް އަޅުގަނޑުގެ ޟަމީރު އަޅުގަނޑަށް އުދަގޫ ކުރަމުން ދާން ފަށައިފިއެވެ. އަދި އެހެން ނޫނަސް އެއްވެސް ކުށެއް ނެތް މީހަކަށް އަޅުގަނޑުގެ ސަބަބުން އަދަބު ލިބުނު ނަމަވެސް އަޅުގަނޑަށް ވާނޭ ފައިދާއެއް އަދި ލިބޭނެ އެއްޗެއްވެސް ނޯންނާނެއެވެ.“
”ހޫނ“ އިންޞާފުވެރިޔާ މައްސަލައިގެ އޮޅުންބޮޅުން ރަނގަޅަށް ސާފުވެލެއްވީމާ ބުނުއްވާކަހަލަ ގޮތަކަށް ބުނުއްވިއެވެ. ރާޖާ ސާޙަބްގެ ބަޔާނުން މިހާރު އޭނާއަށް ފުރިހަމަ ޔަޤީންކަން ލިބިލައްވައިފިއެވެ. ވީމާ، އޭނާ އަރޫން ދޫކޮށްލެއްވުމަށާއި އަނެއްފަހަރު ޝަރީޢަތް ފެށުމަށް ޙުކުމް ކުރައްވާފައި މިއަދަށް ނިންމަވާލެއްވިއެވެ. މައްސަލަ މިއަދަށް ނިމުނީމާ ރާޖްކުމާރީ އޭނާގެ ބައްޕަގެ ގާތަށް ދުވެފައި ދިޔައެވެ. އޭރު ފުލުހުން ރާޖާސާހަބްގެ އަތުގައި ބިޑިއަޅައި ނިންމައިފިއެވެ. ނަމަވެސް އެޙާލުގައި ހުރެގެން ރާޖާ ސާހަބް އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލާފައި ބެދިފައިވާ އަޑަކުން ބުންޏެވެ. ”ދަރިފުޅާއެވެ. ބައްޕައަށް މަޢާފް ކޮށްދޭށެވެ. ބައްޕަ މިފަދަ ބޮޑު ކުށެއް ކުރީ ތިޔަދަރިފުޅަށް މޮޅު ކުރުމަށާއި، ބައްޕަގެ ދެއްކުންތެރި ޢިއްޒަތް ދެމެހެއްޓުމަށްޓަކައެވެ. ދަރިފުޅާއެވެ. ބައްޕަގެ ކޮޓަރީގައި ފޮތްތައް ބަހައްޓާ މޭޒުމަތީގައި ދަރިފުޅަށް އޮތް ސިޓީއެއް އޮންނާނެއެވެ. އެކިޔާލާށެވެ.“
ރާޖްކުމާރީއަށް ބާރަށް ރޮއިގަނެވުނެވެ. ރާޖާ ސާހަބް ރާޖްކުމާރީގެ ބޮލުގައި އަތްލައިގެން ހުރެ އަރޫންއާ ދިމާއަށް ބަލައިލިއެވެ. އެއީ ލޯބިވެތި ބެލުމެކެވެ. ހަމަ އެގޮތަށް އަރޫންވެސް ރާޖާ ސާހަބްއާ ދިމާއަށް އެތައްއިރަކު ބަލަން ހުއްޓެވެ. ނުބަލާންވީ ކީއްވެގެންތޯއެވެ؟ މިމީހާ އެހެރީ އޭނާގެ ބޮލުގައި އަޅައިގެން އެކުށަށް އިޢްތިރާފްވެގެންނެވެ. އަރޫން ކުޑައިރުކޮޅަކު ރާޖާ ސާހަބްއާ ދިމާއަށް ބަލަން ހުރެފައި އެއްވެސް އެއްޗެއް ނުބުނެ ޝަރީޢަތް ކުރާ ހޯލުން ނިކުމެގެން ހިގައްޖެއެވެ. އޭނާ ނިކުމެގެންދިޔަ ދޮރާ ދިމާއަށް ރާޖާ ސާހަބް ބަލައިލިއެވެ. އޭރު ހަމަ އެދޮރުން ސްމިތްރާދޭވީވެސް ރުޅިމޫނަކައިގެން ހުރެ ނިކުމެގެން ދަނީއެވެ. ރާޖާ ސާހަބްއާއި ދިމާއަށް އެއްފަހަރުވެސް ބަލައެއް ނުލައެވެ. ދުނިޔޭގައި ކަން ހިނގާމަގު ދެކިބަލާށެވެ. އިއްޔެގައި ރަށު އެންމެން ދަންނަ ރާޖާ ސާހަބް މިއަދު އެހެރީ އޭނާ ކުރި އެންމެ ކުށެއްގެ ސަބަބުން އެކަކުވެސް ނުދަންނަ ބީރައްޓެއްސަކަށް ހަދާފައެވެ.
ރަތަން ގޮސް ރިޝްމީމެން އުޅޭ އަވަށަށް ވަދެއްޖެއެވެ. ރިޝްމީމެންގެ ގެއާ ތަންކޮޅެއް ދުރުގައި އެއްފަރާތެއްގައި މަޖޫރީންގެ ބަޔަކު ރޭނުމުގެ މަސައްކަތް ކުރަން ތިއްބެވެ. މަދު ބަޔަކު އެހިސާބުގަޑުގައި އުޅުނު ނަމަވެސް މުޅި އަވަށް ގާތްގަނޑަކަށްހެން އޮތީ ފަޅުވެފައެވެ. އަވަށުގެ ތެރެއަށް ވަނުމާއެކު ރިޝްމީ ގޭގެ ދޮށުގައި ޕުޝްޕާދޭވީގެ ކާރު އޮއްވާ ރަތަންއަށް ފެނިއްޖެއެވެ. މިކާރު ފެނުނީމާ އޭނާ ވަރަށް ޢަޖާއިބުވިއެވެ. ޕުޝްޕާދޭވީއާއި ރިޝްމީގެ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ މިއަދު ރިޝްމީގެ ކޮއްކޮގެ ޝަރީޢަތް ކުރާތަނަށް އޭނާ ނުދިއުމަކީވެސް ޝައްކު ކުރެވޭ ކަމެކެވެ. އަދި ޕުޝްޕާދޭވީގެ ކާރު އެގޭދޮށުން ފެނުމުން ރަތަންގެ ހިތުގައި އިތުރު ޝައްކެއް އުފެދިއްޖެއެވެ. ވީމާ އޭނާ އައި ކާރު ދުރުގައި ބާއްވާފައި ފިޔަވަޅުގެ އަޑު ނީވޭގޮތަށް މަޑުމަޑުން ހިގާފައި ގޮސް ރިޝްމީގެ ގޭގެ ދޮރުފަތުގައި އަތް ޖައްސާލައިފިއެވެ. ދޮރުފަތް ހުރީ އެތެރެއިން ތަންޑު އަޅާފައެވެ. ނަމަވެސް އެތެރޭގައި ދައްކާ ވާހަކަ ވަރަށް ސާފުކޮށް ބޭރަށް އިވެއެވެ. ރަތަން އައިސް ދޮރުކައިރިއަށް މަޑުކޮށްލިތަނާ ނުހަނު ބޮޑަށް އާދޭސްކުރާ ރާގެއްގައި ރިޝްމީ ބުނާ އަޑު އިވުނެވެ. ”ކަލޭގެ ކުރިމަތީގައި އަހަރެން ދެއަތް ޖޯޑު ކުރަމެވެ. އަހަރެން ދޫކޮށްލާށެވެ. އާދޭސްކޮށްފައި ބުނަމެވެ. މިއަދަކީ އަހަރެންގެ ކޮއްކޮގެ ޝަރީޢަތް ނިމޭ ދުވަހެވެ. އެތަނަށް އަހަރެން ދިޔަދޭށެވެ. ކޮއްކޮއަށް މަރުގެ އަދަބު ލިބިއްޖެނަމަ ދެން ދުވަހަކުވެސް އަހަރެންނަކަށް ކޮއްކޮއަކާ ބައްދަލެއް ނުވެވޭނެއެވެ.“ ރަތަންއަށް މިއިވޭ އަޑުތަކާމެދު އިތުބާރެއް ނުކުރެވުނެވެ.