”މަނޭޝްރާޖް ޤަތުލުކުރީ އަޅުގަނޑެވެ. އޭނާގެ ރާތައްޓަށް ޒަހަރު އެޅީ އަޅުގަނޑެވެ. އެއީ އަޅުގަނޑުގެ ދައްތަ އޭނާއާ އެކުގައި އުޅެން ޖެހުނަ ނުދިނުމަށެވެ. ހިތާމައިން ގޮސް މަރުވެގެންދިޔަ ނުދިނުމަށެވެ. އަދި ދައްތަގެ ހިތުގެ ދޭވްތާ ލިބުމަށް އެދިއެވެ. އަޅުގަނޑު ނުހިގިފައި އިންއިރު އަޅުގަނޑުގެ ދައްތަ އަޅުގަނޑު ބެލެހެއްޓީ ނުހަނު އުދަގޫ ދަތި ޙާލުގައެވެ. އަދި ބޭސްފަރުވާގެ ގޮތުން ދައްތަ އަޅުގަނޑުގެ މައްޗަށްވީ އިންތިހާ ދަރަޖައިގެ މަތިވެރި ޤުރްބާނީއާއި އެންމެފަހުން ބޭސް ފަރުވާ ކުރުވުމުގައި އެހީވި މީހާއާ ކައިވެނިވެސް ކުރީއެވެ. މިފަދަ ހެޔޮއެދޭ އިޚްލާޞްތެރި ދައްތައެއްގެ އެއްމާބަނޑު ފިރިހެން ކޮއްކޮއެއް ހުރެމެ އެދައްތަ މުޅިޢުމުރުގައި ހިތްދަތި ކަމުގެ އަލިފާނުން އަނދައަނދާ އިނުމަށް ރަތަންބާބޫވެސް އުޅުއްވާ ގެޔަށް ފޮނުވާލައިގެން ހުރެވިދާނޭތޯއެވެ. އެގޭގައި އެންމެ ސިކުންތެއްގެ އިރު ހޭދަކޮށްލުން އަޅުގަނޑުގެ ދައްތައަށްވާނީ ބޮޑު އުދަގުލަކަށެވެ. މާތް ސާހަބްއެވެ. ރަނގަޅަށް ވިސްނާވަޑައިގެން ބައްލަވާށެވެ. އެއްގެއެއްގައި ތިމާގެ ލޯބިވެރިޔާއާއި ފިރިމީހާ އުޅެއުޅެ ތިއްބާ ހަމަ އެގޭގައި އެއްވެސް އަންހެން ކުއްޖަކަށް އަރާމާއި އުފަލުގައި ޙަޔާތް ވެއަތުކުރެވިދާނޭތޯއެވެ.“
ކޮއްކޮ ދެއްކި ވާހަކައިން ރިޝްމީ ވަރަށް ބޮޑަށް ޙައިރާންވިއެވެ. ނަމަވެސް ކޮއްކޮއަކީ ކުށްވެރިއެއް ނޫންކަމާއި ޤަތުލުކުރުން ފަދަ ނުބައި ކުށެއް އެކޮއްކޮ ނުކުރާނޭކަން ރިޝްމީއަށް ރަނގަޅަށް އެނގެއެވެ.
އިންޞާފުވެރިޔާ މިމައްސަލައާމެދު ވަރަށް ފުންކޮށް ވިސްނަވާ ފިކުރު ކުރެއްވެވިއެވެ. އަނެއްކާ މިޒުވާނާ އޭނާގެ ދައްތަ ސަލާމަތް ކުރުމަށްޓަކައި ބުނާ އެއްޗެއް ނޫންހެއްޔެވެ؟ އިންޞާފުވެރިޔާ ރިޝްމީއާއި އަރޫންއާ ދިމާއަށް ފަރުވާތެރިކަމާއެކު ބައްލަވާލެއްވެވިއެވެ.
”މާތް ސާޙަބްއެވެ.“ އަރޫން ބުންޏެވެ. ”ބަގްވާން ހެކިކޮށް އަޅުގަނޑު ހުވާކުރަމެވެ. މަނޭޝްރާޖް ޤަތުލުކުރީ އަޅުގަނޑެވެ. އެކަމުގެ ސަބަބުވެސް އަޅުގަނޑު ނަންގަނެފީމެވެ.“
”މިހުރިހާ ދުވަހަކު ކަލޭ ސިއްރު ފޮރުވައިގެންހުރެ ފަނޑިޔާރުގޭގެ އަގުހުރި ވަގުތުތައް ނަގާލީ ކީއްވެގެންކަން މިތަނަށް އެގެން ބޭނުމެވެ.“ އިންޞާފުވެރިޔާ ބުނުއްވިއެވެ.
”މާތް ސާޙަބްއެވެ.“ އަރޫން ބުނަން ފެށިއެވެ. ”އަޅުގަނޑުގެ ދައްތައަކީ ކުށްވެރިއެއް ނޫންކަން އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. އަދި ކުށެއް ނެތް މީހަކަށް ޝަރީޢަތުގެ ފަރާތުން ފަހަރެއްގައިވެސް އަދަބެއް ދެވޭކަށް ނޯންނާނެއެވެ. ވީމާ އަޅުގަނޑު ހިމޭނުންހުރީއެވެ. ބޭނުމަކީ ދައްތަ ސަލާމަތްވެފައި އަޅުގަނޑުގެ މައްޗަށްވެސް ޝައްކު ނުވުމެވެ. ނަމަވެސް އެއީ އަޅުގަނޑަށް ކުރެވުނު ކުށްހީއެކެވެ. ޤާނޫނަކީ އަނދިރި އެއްޗެއްކަން އަދު އަޅުގަނޑަށް އެނގިއްޖެއެވެ. ތަޖްރިބާވެސް ކުރެވިއްޖެ“އެވެ. ޤާނޫނު ދެކެނީ ހަމައެކަނި ހެކިތަކެވެ. ތެދެއް ނޫނެވެ. ޙަޤީޤަތާ އަޞްލެއްވެސް ނޫނެވެ. ވީމާ އަޅުގަނޑުގެ އެއްވެސް ކުށެއް ނެތް ދައްތަ ސަލާމަތް ކުރުމަށްޓަކައި އަނގަ ހުޅުވާލަން އަޅުގަނޑަށް މަޖުބޫރުވީއެވެ.“
ކޮއްކޮގެ ވާހަކަ ރިޝްމީއަކަށް ޔަޤީނެއް ނުކުރެވުނެވެ. އޭނާގެ އުފަލަށްޓަކައި އޭނާގެ ކޮއްކޮ އެފަދަ ބޮޑު ފާފައެއް ކޮށްފާނޭ ހެއްޔެވެ؟ ފިރިމީހާއާއެކު ވެއަތުކުރަން ޖެހޭނީ ހިތްދަތި ޙަޔާތެއް ކަމެއް—ފަހަރެއްގައިވެސް ކޮއްކޮ ގާތަކު އޭނާ ނުބުނެއެވެ.
އިންޞާފުވެރިޔާ ކުޑައިރުކޮޅަކު ވިސްނަވަން އިންނަވާފައި ބުނުއްވިއެވެ. ”މިވަގުތު މިސިޒް ރިޝްމީރާޖް މިނިވަން ކުރުމަށް ޙުކުމް އިއްވަމެވެ. ނަމަވެސް ޝަރީޢަތަށް އޭނާގެ ބޭނުމެއް ޖެހިއްޖެ ހިނދެއްގައި ޙާޟިރުވެލައްވަން ޖެހިލައްވާނެއެވެ.“ އެއަށްފަހު އިންޞާފުވެރިޔާ އަރޫން ހައްޔަރު ކުރުމަށް ޙުކުމް އިއްވެވިއެވެ. އަދި ބުނުއްވިއެވެ. ”މިޝަރީޢަތް އަލުން ބެލޭނެއެވެ. އިންޞާފުވެރިޔާ އަދުގެ ޝަރީޢަތް އެހާތަނުން ނިންމަވާލައްވަވާފައި ގޮޑިން ތެދުވެވަޑައިގެން ވަޑައިގެންފިއެވެ.
ރިޝްމީ މިނިވަންވުމަށްފަހު ކޮށިގަޑުން ނިކުމެގެން އެންމެ ފުރަތަމަވެސް އޭނާ އައީ ފުލުހުން ބިޑި އަޅާފައި ހުރި އަރޫންގެ ގާތަށެވެ. އޭނާ ފެނުނީމާ އަރޫން ހިނިތުންވެލިނަމަވެސް އޭނާގެ ލޮލުން އޮހިގަތީ ހިތި ކަރުނައެވެ. ”އަރޫންއެވެ. ކޮއްކޮ ތިކުރީ ކީއްހެއްޔެވެ؟ ކޮއްކޮއަކަށް ދުވަހަކުވެސް ޤަތުލެއް ނުކުރެވޭނެއެވެ. ކޮއްކޮއަށް ގެއްލުމެއް ލިބިއްޖެނަމަ ދައްތަ ކުރާނީ ކީއްހެއްޔެވެ؟“
”ބަގްވާނަށް އިތުބާރު ކުރާށެވެ.“ އަރޫން ހިނިތުންވެގެން ހުރެ ބުންޏެވެ. ”ބަގްވާން އަބަދުވެސް ދައްތަ ރައްކައުތެރި ކުރައްވައެވެ. ވީއިރު އެންމެފަހަރަކު އަހަރެން ރައްކައުތެރި ކޮށްނުދެއްވާނޭ ހެއްޔެވެ؟ މޮޔަ ދައްތާއެވެ. އަހަރެންނަށް އަދަބު ލިބުނަސް މާބޮޑު އަދަބެއް ނުލިބޭނެއެވެ. އަހަރެންނަކީ އަދި ތަޞައްރަފް ނުފުދޭ ކުޑަ ކުއްޖެކެވެ. ވަރަށް އަވަހަށް އަހަރެން މިނިވަން ވެދާނެއެވެ. ގޭގެ ތަޅުދަނޑި މަތީޖީބުގައި އޮންނާނެއެވެ. އަވަހަށް ނަގާށެވެ.“ އަރޫން ގަމީހުގެ ޖީބާ ދިމާއަށް އިޝާރާތް ކޮށްލާފައި ބުންޏެވެ. ދެންވެސް ރިޝްމީގެ ހިތްހަމައެއް ނުޖެހުނެވެ. ނުކުރާ ކުށަކަށް އޭނާގެ ކޮއްކޮއަށް އަދަބު ލިބެންވީ ކީއްކުރަން ހެއްޔެވެ؟ އަރޫން ގޮވައިގެން ފުލުހުން ޖިޕަށް އަރަން ފެށުމުން ރިޝްމީ ގޮސް ތަޅުދަނޑި ނަގައިފިއެވެ. އަދި ކަރުނަތައް ފޮހެމުން ގެއާ ދިމާއަށް ހިގައިގެންފިއެވެ. ކުޑަތަންކޮޅެއް ދުރުގައި ހުރި ރަތަން ރިޝްމީ ހިގާފައިދާތަން ބަލަން ހުއްޓެވެ. އަދި ރިޝްމީގެ ކައިރިއަށް ގޮސް އަމިއްލަ އަތުން ކަރުނަތައް ފޮހެދީފައި މަޢާފަށް އެދެންވެސް ހިތަށް އެރިއެވެ. މިހާރު އޭނާއަށް ފުރިހަމަ ޔަޤީންކަން ލިބިއްޖެއެވެ. ރިޝްމީގެ އެއްވެސް ކުށެއް ނެތެވެ. ނަމަވެސް ރިޝްމީ އޭނާއަށް މަޢާފް ކުރާނޭ ހެއްޔެވެ؟ ފުރިހަމަ ސަމާޖްގެ ކުރިމަތީގައި ރިޝްމީއާ ޚިލާފަށް ހެކިދީ ކުށުގައި ބައްދަން ދެއްކި ވާހަކަ މިތިބަ އެންމެންނަށް އެގޭނެއެވެ. ރަތަން ފިޔަވައި ސްމިތްރާދޭވީވެސް މިހާރު ހުރީ ހިސާބަކަށް ލަދުގެންފައެވެ. އަރޫންގެ ބަސް އޭނާއަށްވެސް ޤަބޫލު ކުރެވިއްޖެއެވެ. ރިޝްމީ މިނިވަންވީތަން ފެނުމުން ރާޖާ ސާހަބް ހިތާހިތުން ރުޅިއައިސްގެން ފަޅައިގެންދާވަރުވިއެވެ. މިހާރު ރާޖްކުމާރީއަށްޓަކައި ރިޝްމީ ބޮޑު ބިރަކަށްވީއެވެ. ފަހަރެއްގައި ރިޝްމީއާ ދިމާއަށް ރަތަން ލެބިގެން ނުދާނޭ ހެއްޔެވެ. އެހެން ވެއްޖެނަމަ އޭނާގެ ހިތަށް ހޮނުއަޅާނެއެވެ. އޭނާ ފަހަރެއްގައިވެސް އެހެންވިޔަކަ ނުދޭނެއެވެ. ރަތަން ގެއަށް ދިޔައިރު އޭނާއާ އެކުގައި ރާޖާ ސާޙަބްއާއި ރާޖްކުމާރީވެސް ދިޔައެވެ. ނަމަވެސް މިވަގުތު މިބައިމީހުން އައުމުން އޭނާއަކަށް ރަގަޅެއް ނޫނެވެ. އޭނާއަށް މިހާރު ބޭނުމީ އެކަނިވެރިކަމެވެ. ރިޝްމީގެ ކުށެއް ނެތް ކަމަށް އޭނާގެ ހިތަށްވެސް ނާރައެވެ. މިވަގުތު ރަތަން ދެރަވެ ކަންބޮޑުވެފައި އެހެރީ ކޮންސަބަބަކާ ހުރެ ހެއްޔެވެ؟ އެކަން ރާޖާ ސާޙަބްއަށް އެގެއެވެ. ވީމާ ރަތަންގެ ގާތަށް ރާޖްކުމާރީ ދޫކޮށްލާފައި އޭނާ ދިޔައީ ސްމިތްރާދޭވީގެ ގާތަށެވެ. އެއީ ސްމިތްރާދޭވީގެ ހިތް އޮތްގޮތްވެސް ބަލައިލަން މިވަގުތު އޭނާ ބޭނުމެވެ. ފަހަރެއްގައި ސްމިތްރާދޭވީގެ ހިތުގައި ރިޝްމީއާމެދު ހަމްދަރުދީ އުފެދުންވެސް އެކަށީގެންވެއެވެ. އެންމެން ބޮޑު ކޮޓަރީގައި އިށީދެ ތިބިއިރު މިއަދު ކަންހިގިގޮތާމެދު ވިސްނާ ފިކުރު ކުރިއެވެ.
”އެޤަތުލު ރިޝްމީ ކޮށްފައި ވަނިކޮށް ހުރިހާ ކުށެއް އޭނާގެ ކޮއްކޮ ބޮލުގައި އަޅަންވީ ސަބަބެއް އހަރެންނަކަށް ނުވިސްނުނެވެ.“ ރާޖާ ސާޙަބް ވާހަކައިގެ ކޮޅު ހިއްލައިލިއެވެ.
”އަޅުގަނޑުގެ ޚިޔާލުގައި ރިޝްމީގެ ކުށެއް ނެތެވެ.“ ސްމިތްރާދޭވީ ބުންޏެވެ. ”އޭނާގެ ކޮއްކޮ އެބުނީ މުޅިން ތެދެވެ. މަނޭޝްރާޖްގެ އިޙްސާންތެރިކަމުގެ ދަށުގައި ހައްޔަރުވެގެން ގޮސް އޭނާއާ ކައިވެނި ކުރުމަށް މަޖުބޫރުވީއެވެ. މަނޭޝްރާޖްއާ އެކުގައި ހުންނަ އެއްފަހަރުވެސް ރިޝްމީ އުފައުވެފައި ހުއްޓައެއް އަޅުގަނޑު ނުދެކެމެވެ. އޭނާ އަބަދުވެސް ހުންނަނީ ދެރަވެފައެވެ. ވީމާ އޭނާގެ ދާވަނި އުފާތަކުން ފުރާލަ ދިނުމުގެ ބޭނުމުގައި އޭނާގެ ކޮއްކޮ އެޤަތުލުކުރީއެވެ. މަނޭޝްރާޖްއަށް ޒަހަރުދިނީއެވެ. ރިޝްމީ މިނިވަން ކުރެވޭނީ މަނޭޝްރާޖް މަރާލައިގެންނެވެ. އެނޫން ގޮތެއް ނެތެވެ.
”މިނިވަންކަން ބޭނުންނަމަ ކައިވެނި ކުރީ ކީއްކުރަން ހެއްޔެވެ؟“ ރާޖާ ސާޙަބް ސުވާލުކުރިއެވެ.
”އިޙްސާންތެރިކަމުގެ ސަބަބުންނެވެ.“ ރަތަން ނުރުހިފައި ބުންޏެވެ. ”މަނޭޝްބޭބެ އިޙްސާންތެރިވެލައްވާލެއް ބޮޑުކަމުންނެވެ. ރިޝްމީގެ ފުރާނައަށް ބޭބެ އެދިލެއްވި ނަމަވެސް އިންކާރެއް ނުކުރެވުނީހެވެ. ހީވާގޮތުން ރިޝްމީ މަނޭޝްބޭބެއާ ކައިވެނި ކުރުން އޭނާގެ ކޮއްކޮ މަނާވެސް ކުރާނެއެވެ. ނަމަވެސް ރިޝްމީ ލޯބިވާ މީހާ އެހެން މީހަކަށް މިލްކުވަމުންދާތަން ފެނުނީމާ މަނޭޝްބާބެއާ ކައިވެނި ކުރުމަށް އޭނާ ރުހުނީއެވެ. ފިނި ހިތަކާއެކު ވިސްނީމާ އެގޮތް ރަނގަޅު ކަމަށް އޭނާއަށް ވިސްނުނީއެވެ. ތެދަށް ލޯބިކުރާނަމަ އަޅުގަނޑުމެން އެންމެންވެސް ރިޝްމީގެ ކިބައިން މަޢާފަށް އެދެން ޖެހޭނެއެވެ. އެގޮތަކީ އޭނާ ލަދުގަންނަވާ ބޭޒާރުކޮށް ހެދުމުގައި އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ފަހެއް ނުޖެހެއެވެ.“
ރާޖް ކުމާރީގެ މޫނުމައްޗަށް އައި ބަދަލުތަކާއި ނިތްކުރިއަށް އެރި ރޫތަކުން ރަތަން ސިއްސުވާލިއެވެ. އެމީހުންނަށް ރަތަން އެދިނީވެސް މަޝްވަރާއެއް ހެއްޔެވެ؟
”މަޢާފް—އަނެއްކާ ފަޤީރު އަންހެން ކުއްޖެއްގެ ފަރާތުން؟“ ރާޖާ ސާޙަބްވެސް ނިތްކުރިއަށް ރޫއަރުވާލާފައި ބުންޏެވެ. ”އެއީ ކަލޭގެ ބޭބެގެ ޤާތިލުގެ ދައްތަކަން ހަދާން ނެތުނީހެއްޔެވެ؟ އެހެން ނޫނަސް އަހަރެން ދެކެނީ އޭނާއަކީ ޤާތިލު ކަމަށެވެ.“
”ނޫނެކެވެ. ރާޖާ ސާޙަބްއެވެ. އޭނާއަކީ ޤާތިލެއް ނޫނެވެ. ދުވަހެއްގައިވެސް އޭނާއަކަށް ޤާތިލަކަށް ނުވެވޭނެއެވެ.“
ރަތަން ފުރިހަމަ ޔަޤީންކަމާއެކު ބުންޏެވެ. ”ޤާތިލަކީ ރިޝްމީގެ ކޮއްކޮއެވެ. އަދި އެކޮއްކޮއަށްވެސް ކުށް ކުރެވުނީ އޭނާގެ މޮޔަކަމުންނެވެ. ނުވިސްނޭ ކަމުންނެވެ. އެހެން ނަމަވެސް އަހަރެމެން އެކުށަށް މަޢާފެއް ނުދޭނަމެވެ. ރިޝްމީއާ އެކަމާ އެއްވެސް ގުޅުމެއް ނެތެވް“
”ތިޔަހެން ނަމަވެސް އެޤަތުލު ކުރެވުނީ ރިޝްމީގެ ސަބަބުންނެވެ.“ ރިޝްމީއާ އެއްކޮޅަށް ރަތަން ވާހަކަ ދައްކާ އަޑު އިވުމުން ރާޖްކުމާރީއަކަށް ނީދެވުނެވެ.
”ވަރިހަމައެވެ. ރިޝްމީއަކާ އެޤަތުލަކާ އެއްވެސް ގުޅުމެއް ނެތެވެ.“ ރަތަން ބުންޏެވެ. ”އަޅުގަނޑުމެން އޭނާގެ ކިބައިން މަޢާފަށް އެދެން ޖެހޭނެއެވެ. އެއީ ކޮންމެހެން ބޭނުން ކަމެކެވެ.“
”އާއެކެވެ. އާއެކެވެ. މަޢާފް ނުއެދޭންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ދަރިފުޅުގެ ފަހަރިއެވެ. އޭނާގެ ކިބައިން މަޢާފް އެދުމުން ލިބޭނީ ކޮންގެއްލުމެއް ހެއްޔެވެ؟“ ރާޖާ ސާހަބްއަށް ރަތަންގެ ވާހަކަ ކަމުނުދިޔަ ނަމަވެސް ކެހިވެރި ކަމުގެ އިތުރު ދަލެއް ފަތުރާލިއެވެ.
”އަޅުގަނޑު އޭނާއަކަށް އެންމެ ފަހަރަކުވެސް ފަހަރިއެއް ނުކިޔަމެވެ.“ ރަތަން ޚިޔާލެއްގެ ތެރޭގައި އިނދެ ބުންޏެވެ. ”އަދި ދެން ދުވަހެއްގައިވެސް ފަހަރިއެއް ނުވެސް ކިޔޭނެއެވެ.“
ރާޖް ކުމާރީ އައި ރުޅިން އެއްޗެއް ބުނަން ތައްޔާރުކޮށްލި ތަނާ ރާޖާ ސާޙަބްގެ ލޮލުން އިޝާރާތްކޮށް އެކަން މަނާކޮށްފިއެވެ. އަދި ނުހަނު އޯގާތެރިކަމާއެކު ރަތަންއަށް ބުންޏެވެ.
”އެންމެ ރަނގަޅެވެ. ދަރިފުޅާއެވެ. ފަހަރި ކިޔަން ކަލޭ ބޭނުން ނެތިއްޔާ ނުކިޔާށެވެ. ތިޔަކަމުގައިވެސް އަދި މަޢާފަށް އެދުމުގައިވެސް ގެއްލުމެއް އޮތް ކަމަކަށް އަހަރެންނަކަށް މިހާރަކު ނުފެނެއެވެ. ދަރިފުޅު ބުނެފިނަމަ މިހާރު އަހަރެމެން އެންމެން އެކުގައިވެސް އޭނާގެ ކިބައިން މަޢާފަށް އެދުމަށްޓަކައި ހިގައިދާނަމެވެ. އަހަރެމެން އެންމެންނަކީވެސް އޭނާއާ ދެކޮޅަށް ހެކިދިން މީހުންނެވެ.“
”ނޫނެކެވެ.“ ކުއްލިއަކަށް އެދޭތެރެއަށް ސްމިތްރާދޭވީ ވަދެއްޖެއެވެ. ”އަހަރެމެންނަކަށް ދުވަހެއްގައިވެސް އޭނާގެ ކިބައިން މަޢާފަކަށް ނޭދެވޭނެއެވެ. އޭނާއަކީ ޤާތިލެއް ނޫން ނަމަވެސް އެއީ ޤާތިލެއްގެ ދައްތައެވެ. އެކަން ޔަޤީނެވެ. ޙަޤީޤަތުގައިވެސް މަނޭޝްރާޖް ޤަތުލު ކުރެވުނީ އޭނާގެ ސަބަބުންނެވެ. ވީމާ އެއްއިރެއްގައި އަހަރެމެން އޭނާއަށް ދޭން ޤަޞްދުކުރި ޢިއްޒަތެއް ދެން ނުދެވޭނެއެވެ!!
”މަންމާއެވެ.“ މަންމަގެ ވާހަކަ ހުރިގޮތް ރަތަންއަކަށް ރަގަޅެއް ނުވިއެވެ. ނަމަވެސް އޭނާ އެބުނަން އުޅުނު އެއްޗެއްވެސް ބުނެވޭ ގޮތެއް ނުވެގެން ހުއްޓާލީއެވެ. އަދި އެކަނި ގޮސް ރިޝްމީއާ ބައްދަލު ވެވިއްޖެނަމަ އޭނާގެ ހިތުގައި އަދަމުން މިދާ އަލިފާންގަޑަށް ކުޑަނަމަވެސް ފިނިކަމެއް ލިބޭނެއެވެ. މިހާރު ރިޝްމީ ހުންނާނީ އޭނާދެކެ ރުޅިއައިސްފާކަންނޭގެއެވެ. ފުރަތަމަ ރިޝްމީގެ ހިތް އޮތްގޮތެއް އޭނާ ބަލައިލާނީއެވެ. އެކަން ކުރާނީ އަރޫންގެ ޝަރީޢަތް ހިނގާ ދުވަހު އެތަނަށް އައީމައެވެ. މިރޮގުން އުއްމީދެއް ނުލިބިއްޖެނަމަ އެގެއަށް އެކަނިގޮސް ބައްދަލުވެގެން މަޢާފަށް އެދޭނީއެވެ. ރިޝްމީ އޭނާދެކެ ލޯބިވިޔަސް ނުވިޔަސް އެހިތުގައި ކުޑަވެސް ނަފްރަތު ކަމެއް އޮންނާކަށް އޭނާ ނޭދެއެވެ. ރިޝްމީ—ނަފްރަތު ވެއްޖެނަމަ އޭނާގެ ހިތް ހަލާކުވެދާނެއެވެ. މަޢާފްދީފިނަމަ……ރަތަންގެ ހިތުގައި—އުއްމީދެއް އުފެދުނެވެ. އަދިވެސް އެއްފަހަރު ރިޝްމީގެ ހިތް ފަތަޙަ ކުރެވޭތޯ އޭނާ މަސައްކަތް ކުރާނެއެވެ.
ސްމިތްރާދޭވީ ދެއްކި ވާހަކަ ރާޖާސާޙަބަށް ވަރަށް ކަމުދިޔައެވެ. ނަމަވެސް ރަތަންއާމެދު އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ. އަނެއްކާވެސް ރިޝްމީގެ ފަރާތަށް ރަތަން ލެބިއްޖެނަމަ ދެން ހަދާނޭ އެއްގޮތެއްވެސް ނޯންނާނެއެވެ. އޭނާ ވަރަށް ބޮޑަށް ބޭޒާރުވާނެއެވެ. މިހާރު އޭނާ މިތާގާވެސް އިންނަހިތެއް ނުވެއެވެ. ނަމަވެސް ކުއްލިއަކަށް ތެދުވެގެން—ދިއުމަކީވެސް ރަގަޅު ގޮތެއް ނޫނެވެ. ވީމާ އެކިއެކި ވާހަކަ ދައްކަން އޭނާ އިރުކޮޅަކު އިދެލިއވެ. އެއަށްފަހު ރާޖްކުމާރީ ގޮވައިގެން ގެއަށް ދިއުމަށް ހިގައިގެންފިއެވެ.
”ޑެޑީއެވެ!“ ރާޖްކުމާރީ އޭނާގެ ބައްޕައާ ސުވާލުކުރިއެވެ. ”މިދުވަސްވަރު ތިޔަހާ ބޮޑަށް ޑެޑީ ބަދަލުވެލައްވަމުން ދިއުމުގެ ސިއްރަކީ ކޮބައިތޯއެވެ؟ ރަތަންއާއި އާންޓީ މީހަކަށް ނުބައި ކިޔާނަމަ ބައްޕަވެސް ހުންނަވަނީ އެމީހުންނާ އެއްކޮޅަށެވެ. އަދި އެމީހުން މީހުން ޙިމާޔަތް ކުރާނަމަ އެމީހުންނަށްވުރެވެސް ބޮޑަށް ބައްޕަ އެމީހަކު ޙިމާޔަތް ކުރައްވަން ފައްޓަވައެވެ. މަނޭޝްރާޖް ދުނިޔޭގައި ހުންނެވިއިރު އޭނާއާ ވާހަކަ ދައްކަވާ ނަމަވެސް ބައްޕަ ހުންނަވަނީ އޭނާދެކެ ބިރުން ހުންނަވާ ކަހަލަ ގޮތކަށެވެ.
”ހުރިހާ ކަމެއް ދަރިފުޅަކަށް ނުވިސްނޭނެއެވެ.“ ރާޖާ ސާޙަބް ފުންނޭވާއެއްލާފައި ބުންޏެވެ.
”ޑެޑީ! އެހުރިހާ ކަމެއްވެސް އަޅުގަނޑަށް ވިސްނެއެވެ.“ ރާޖްކުމާރީ ބުންޏެވެ. ”ބައްޕަގެ ދަރިފުޅު އެގެއަށް ފޮނުއްވަވަން ގަސްދު ކުރައްވަވާތީ ހުރިހާ ކަމެއްގައިވެސް ބައްޕަ އެމީހުނާ އެއްބައިވެލައްވަނީއެވެ.“
”އާއެކެވެ. ދަރިފުޅާއެވެ. ތިޔައީވެސް ތެދެކެވެ. ދަރިފުޅުދެކެ ބައްޕަ ނުހަނު ލޯބިވަމު ނޫންހެއްޔެވެ؟ ވީމާ، އެމީހުން ބުނި ކޮންމެ އެއްޗެއް ބައްޕައަށްޖެހޭނީ ޤަބޫލުކުރާށެވެ.“
”ނަމަވެސް ޑެޑީ“ ރާޖްކުމާރީ ބޮޑާގޮތް ދައްކާލާފައި ބުންޏެވެ. ”ރިޝްމީއާ ބެހޭގޮތުން ރަތަން ވާހަކަ ދައްކާއިރު އަޅުގަނޑަށް އެހެން އެއްޗެއް ހީވަނީ ކީއްވެގެން ކަމެއް ނޭގެއެވެ. އެހެނީ…..“……”އެހެނީ…..ރަތަން ކައިވެނި ކުރާނީ ދަރިފުޅާއެވެ. ތިޔަދަރިފުޅާއެވެ. ދަރިފުޅު ބަލަން ހުންނާށެވެ. އެހެން މީހަކާ ކައިވެނި ކުރާކަށް އޭނާއަކަށް ނުކެރޭނެއެވެ. މުޅިން ނިމި ހަމަޖެހިފައިވާ ކަމެއް ފަދައިން ރާޖާސާހަބް އޭނާގެ ދަރިފުޅަށް ޔަޤީންކޮށްދިނެވެ.