މިއެންމެންގެ ކުރިމަތީގައި ހުރެގެން ރިޝްމީއަށް ރޮއިގަނެވުނެވެ. ގީތާގައި އަތްލާ ހުވާކުރުމަށްފަހުގައި އެމަޢްޞޫމް—އަންހެން ކުއްޖާއަށް ދޮގުހެދޭނީ ކިހިނަކުން ހެއްޔެވެ؟ އެފަދަ ހިތްވަރެއް ލިބޭނީ ކޮންތާކުން ހެއްޔެވެ؟ ”އަޅުގަނޑުގެ އެއްވެސް ކުށެއް ނެތެވެ. އަޅުގަނޑުގެ ފިރިމީހާ ޤަތުލެއް ނުކުރަމެވެ. އަޅުގަނޑު އޭނާ ޤަތުލެއް ނުކުރަމެވެ.“ ރިޝްމީ ރޮއިރޮއިފާ ވާހަކަ ދެއްކިއެވެ.
”އަދިވެސް އެއްފަހަރު ރިޝްމީއާ އަޅުގަނޑު ސުވާލު ކުރާނަމެވެ.“ ސަރުކާރުގެ ވަކީލު ނިތްކުރިން ހިއްލާފައި ހުރި ދައުތައް ރުމާލުން ފޮހެލައްވަމުން ބުނުއްވިއެވެ. ”ކަލާގެ ފިރިކަލުން ކަލާގެ ނަންމައްޗަށް ވަޞިއްޔަތުނާމާ ބަދަލުކުރެއްވިކަން އެނގިލައްވާފައިވޭތޯއެވެ.“
”އަޅުގަނޑަށް އެނގެއެވެ.“ ގިސްލެވުން ކޮންޓްރޯލް ކުރަމުން ރިޝްމީ ޖަވާބުދިނެވެ.
”އެހުރިހާ ކަމެއް އެނގިލައްވަވާފައިވާއިރުވެސް ކަލާގެ ކުށެއް ނެތްކަން ސާބިތު ކުރައްވަން ގަސްދު ކުރައްވަވަނީތޯއެވެ؟“ ސަރުކާރުގެ ވަކީލު ހިނިތުންވެލައްވާފައި ބުނުއްވިއެވެ. ”ޤަތުލު ކުރެއްވުމަށްފަހުގައި ކަލާ ނުހަނު ގިނަ އުއްމީދުތަކެއް ފުރިހަމަ ކުރައްވަވަން ނިންމަވައިގެން ހުންނެވި ކަމުގައި އަޅުގަނޑު ނަންގަނެފިއްޔާ ބުނުއްވާނީ ކީކޭތޯއެވެ. އަޅުގަނޑު މިނަންގަންނަ އެއްޗެއްގެ މަޠްލަބަކީ މުދަލާއި ފައިސާ ލިބިލެއްވުމަށްފަހުގައި ކޮންމެވެސް ޒުވާނަކާ…….މިއީ ކުށްބަހަކަށް ވާނެތޯއެވެ؟“
”އަޅުގަނޑު އިޢްތިރާޒު ކުރަމެވެ.“ރިޝްމީގެ ވަކީލު މިވާހަކައާ ދެކޮޅު ހެއްދެވިއެވެ. ”ސަރުކާރުގެ ވަކީލު ކުށް ސާބިތު ކުރެއްވުމަކާ ނުލައްވައި އަޅުގަނޑު ވަކާލާތު ކޮށްދޭ ފަރާތް ފުރިހަމަ ސަމާޖްގެ ކުރިމަތީގައި ބަދުނާމު ކުރައްވަނީއެވެ.“
”ރިޝްމީޖީއެވެ.“ ސަރުކާރުގެ ވަކީލު އަނެއްކާވެސް ސުވާލު ކުރައްވަން ފެއްޓެވިއެވެ. ”ވަޞިއްޔަތުނާމާއާމެދު ކަލާއަށް އެނގިލައްވާފައިވަނީ ކޮންއެއްޗެއްތޯއެވެ؟“
”އެނގިފައި އޮތީ އޭނާ ނިޔާވުމަށްފަހު އޭނާގެ ހުރިހާ މުދަލެއް އަޅުގަނޑަށް މިލްކުވާނޭ ކަމެވެ. އަދި ރަތަން ބާބޫއަށް ލިބިލައްވާނީ ފައިސާގެ ތެރެއިން އެންމެ ދިހަ ޕަސެންޓްކަންވެސް އެނގެއެވެ.“
”މާތް ސާހަބްއެވެ.“ ސަރުކާރުގެ ވަކީލު އިންޞާފުވެރިޔާއާ ދިމާއަށް އެނބުރިލައްވާފައި ބުނުއްވިއެވެ. ”މިކަމަށް ސަމާލުވެލެއްވުން އެދެމެވެ. މަނޭޝްރާޖް ނިޔާވުމަށްފަހު އޭނާގެ މުދަލުގެ ނުވަދިހަބައި ލިބިލައްވަނީ ރިޝްމީއަށެވެ. މިސްޓަރ ރަތަންއަށް ލިބިލައްވަނީ އެންމެ ދިހަބައެވެ. އަދި މިއީވެސް އެއްކަމެކެވެ. މަނޭޝްރާޖް ނިޔާވިއިރު އެކޮޓަރީގައި އުޅުއްވަނީ ހަމައެކަނި ރިޝްމީއެވެ.“ރިޝްމީއާ ދިމާއަށް އިގިލި ދިއްކޮށްލައްވާފައި ސަރުކާރުގެ ވަކީލު ބުނުއްވިއެވެ. ”ކޮޓަރި ހުރީ އެތެރެއިން ތަޅުލާފައެވެ. ކޮޓަރީގެ ދޮރުފަތް ހުޅުއްވެވީ މަނޭޝްރާޖްގެ އާންޓީއާއި ރަތަން ކިތަންމެ ފަހަރަކު ދޮރުފަތުގައި ޓަކިދިން ފަހުންނެވެ.“
ރިޝްމީގެ ލޮލުން ކަރުނައިގެ ކޯރެއް އޮހިގަތެވެ. މި ސަރުކާރުގެ ވަކީލު ކޮންމެ ވާހަކައެއްވެސް އެދައްކަވަނީ ބޮޑު ކުރައްވައިގެންނެވެ. ދޮރުފަތުގައި އެންމެފަހަރަކު ޓަކިޖަހާލާއިރަށް އޭނާ ގޮސް ދޮރުފަތް ހުޅުވާލީއެވެ.
މުހިއްމު ޕޮއިންޓްތައް ނޯޓް ކުރެއްވުމަށްފަހުގައި އެހެން ދުވަހަކަށް ޝަރީޢަތް ފަސްކުރެވުނީ ކަމުގައި އަންގަވައިފިއެވެ. ފުލުހުން އައިސް ރިޝްމީގެ މަޑުމަޑު ދެއަތުކުރީގައި ދަގަޑު ބިޑި އަޅައިފިއެވެ. އަދި އޭނާ ގޮވައިގެން އެތަނުން ދިއުމަށް ފުލުހުން ހިގައިގަތީމާ ރަތަންއާ ދިމާއަށް އޭނާ ބަލާލިއެވެ. އެވަގުތު ރަތަންހުރީ ރާޖްކުމާރީއާއި ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ރަތަންއަށްފަހު ދެން އޭނާ ބަލާލީ އެދިމާއަށް އައިސް އައިސް ހުރި އޭނާގެ ކޮއްކޮ އަރޫންއާ ދިމާއަށެވެ. ދައްތަގެ އަތުގައި ބިޑިއަޅާފައިވާތަން ފެނުމުން އަރޫންގެ ހިތް ކުދިކުދިވިއެވެ. ދައްތަގެ ނަޞީބުގައިވަނީ ހަމައެކަނި ދަގަޑުގެ ބިޑިއެއް ހެއްޔެވެ. ފުރަތަމަ ބޮމްބޭގައެވެ. އެއަށްފަހު މިރަށުގައެވެ. ރިޝްމީ ފުލުސްޖިޕަށް އަރައިގެން ދިޔައިރު އޭނާގެ ހިތް އޮތީ ރޯލަ ރޯލައެވެ. ހުސްވުމެއް ނެތް ކަރުނަތައް ލޮލުން ފައިބަ ފައިބާ ހުއްޓެވެ. އޭނާގެ ނަޞީބުގައި ލިޔެވިފައިވަނީ ދުވަހަކު ނިމުމެއް ނާންނާނެ މުޞީބާތްތަކެއް ހެއްޔެވެ؟ ވެއަތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި އޭނާ ދުއް ރޭދުވާތަކަކީ ހުވަފެނެއް ހެއްޔެވެ؟
މަނޭޝްރާޖްގެ ގޭގެ ބޮޑުކޮޓަރީގައި ސްމިތްރާ ދޭވީއާއި ރަތަން، ރާޖްކުމާރީއާއި ރާޖާސާހަބް އިށީދެލައިގެން ތިއްބެވެ. މަނޭޝްރާޖް މަރުވިފަހުން ރާޖާ ސާހަބްއާއި ރާޖްކުމާރީގެ ގިނަ ވަގުތުތައް ހޭދަކުރަނީ މިގޭގައެވެ. އެއީ ސްމިތްރާދޭވީއާއި ރަތަންގެ ހިތްހަމަޖައްސައިދިނުމަށްޓަކައެވެ. އެންމެން އެއްތަނަކަށް އެއްވެ ތިބެ ވާހަކަ ދެއްކުމުގެ ތެރޭގައި ރަތަން ބުންޏެވެ. ”ރިޝްމީގެ ރީތި މޫނުގެ ނިވަލުގައި ގާޠިލެއްގެ ސިކުނޑިއެއް އޮވެދާނޭ ކަމަށް ފަހަރެއްގައިވެސް މީހަކަށް ހީކުރެވޭނޭ ހެއްޔެވެ؟“
”އެކަހަލަ ބައެއް ހަރުފަވެސް އުޅެއެވެ. ދަރިފުޅާއެވެ. އެއެއްޗެތި ބަލާބެލުމަށް ނުހަނު ރީތިވާނެއެވެ.“ ސްމިތްރާދޭވީ ބުންޏެވެ. ”ނަމަވެސް ވިހަލައިފިނަމަ ފެންފޮދަކަށް އެދޭނޭ ތަންވަޅެއްވެސް އެމީހަކަށް ނުލިބޭނެއެވެ.“
”މަނޭޝްބޭބެއަށް ލިބިލެއްވީ ހާދަ ގޮތްކުޑަ ވިޔާނުދާ އަދި ނުބައި ނުލަފާ އަންހެނެކެވެ. އެއާ ޚިލާފަށް އޭނާއަކީ މާތް ބޭކަލެކެވެ.“ މިފަހަރު ވާހަކަ ދެއްކީ ރާޖްކުމާރީއެވެ. ”ފެށުނީއްސުރެވެސް އެނުލަފާ އަންހެން ކުއްޖާ އަހަންނަކަށް ކަމަކުނުދެއެވެ.“
ރާޖާ ސާހަބްވެސް އަލިފާންގަޑު ބޮޑުކުރުމުގައި ފަހެއް ނުޖެހެއެވެ. ”އޭނާއާ ބައްދަލުވެ އުޅުމަށްވެސް އަހަރެން އިޢްތިރާޟު ކުރީމެވެ. ނަމަވެސް ކަލޭމެން އޭނާއާ ގުޅެމުންދާތީ މަޑުން ހުންނަން ޖެހުނީއެވެ.“
ދުވަސްކޮޅެއް ވަންދެން ޝަރީޢަތް ހިގަމުން ދިޔައެވެ. އޭގެ ތެރެއިން ބައެއް ދުވަސް ދުވަހު ވިޓްނެސް ބޮކްސްގައި ތިބެގެން ރަތަންއާއި ސްމިތްރާދޭވީ ރިޝްމީއާ ދެކޮޅަށް ވާހަކަ ދައްކައެވެ. ރާޖާ ސާހަބްއާއި ރާޖްކުމާރީވެސް ރިޝްމީގެ އުޅުން ވިޔާނުދާކަމާއި އެހެނިހެން ޢަމަލުތައް ހުންނަލެއް ވިޔާނުދާ ކަމުގެ ވާހަކަ ދައްކައި ރިޝްމީއާ ދިމާއަށް ބަހުން ކިސަޑު އުކައެވެ. ނަމަވެސް އަރޫން ކޮންމެ ފަހަރަކުވެސް ވާހަކަ ދައްކަނީ ދައްތައާ އެއްކޮޅަށެވެ. އޭނާގެ ފަރާތަށް ވާހަކަ ދައްކާނޭ އެހެން އެއްވެސް މީހަކު ނެތުމުގެ ނަތީޖާއަކަށްވަނީ އެވާހަކަތަކުން އެއްވެސް ފައިދާއެއް ނުކުރުމެވެ. އަދި އެހެން ކޮންމެ މީހެއްގެ ވާހަކައިންވެސް ރިޝްމީއާއި ދެކޮޅަށް ހެކި ސާބިތުވެއެވެ. ޝަރީޢަތުގެ އެންމެފަހު ދުވަހު ރިޝްމީ އައިސް ކޮށިގަޑަށް ވަނީމާ އިންޞާފުވެރިޔާ އޭނާއާ ދިމާއަށް އެއްފަހަރު ބައްލަވާލައްވާފައި ޙާޟިރުވެ ތިބި މީހުންނާ ދިމާއަށް ބައްލަވައިލެއްވިއެވެ. މިއަދަކީ ޝަރީޢަތުގެ ޙުކުމް އިއްވަވާ ދުވަހެވެ. ވީމާ އެހެން ދުވަހާ ޚިލާފަށް ހޯލްތެރޭގައި މީހުން ގިނައެވެ. ޚާއްޞުންނާއި ޢާންމުންނެވެ. ރަތަން، ސްމިތްރާދޭވީ، ރާޖްކުމާރީ، އަދި ރާޖާ ސާހަބްއެވެ. ރިޝްމީގެ ފަރާތުން އިނީ ހަމައެކަނި އަރޫންއެވެ. އޭނާގެ ހިތް އޮތީ އަވަސްވެފައެވެ. އެއްވެސް ކުށެއް ނެތް އޭނާގެ ނިކަމެތި ދައްތައަށް މަރުގެ އަދަބު ދެވިދާނޭ ހެއްޔެވެ؟
އިންޞާފުވެރިޔާ ދެވަނަފަހަރަށް ރިޝްމީއާ ދިމާއަށް ބައްލަވާލައްވާފައި ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ”މަރްޙޫމް މަނޭޝްރާޖްގެ އަނބިކަނބަލުން މިސިޒް ރިޝްމީރާޖްއެވެ. ކަލާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް ސާބިތުވެއްޖެއެވެ. އެހެން ނަމަވެސް ކަލާއަށް އަދިވެސް ފުރުޞަތެއް ދެވޭނެއެވެ. ކަލާގެ ސަލާމަތަށް ބުނުއްވުން ބޭނުންވެލައްވަވާ އެއްޗެއް އެބައޮތްތޯއެވެ؟“
ރިޝްމީގެ ލޮލުން ކަރުނަތައް އޮހިގެން އައިސް ކޯތާފަތްމައްޗަށް އެޅެން ފަށައިފިއެވެ. އަދި އެކަރުނަތަކުގެ ތެރެއިން އޭނާ ރަތަންއާ ދިމާއަށް ބަލައިލިއެވެ. އޭނާއަށް އެހީއެއް ފޯރުވާނޭ މީހަކު ދުނިޔޭގައި ހުރިނަމަ އެމީހަކީ ރަތަންއެވެ. އޭނާގެ ހިތުގެ އެންމެ ފުންމިނުން ރަތަންއަށް އެދުނެވެ. މަނޭޝްރާޖްއާއި އޭނާ ކައިވެނި ކުރީވެސް ރަތަންގެ އުފަލަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. ނަމަވެސް ހަމަ އެރަތަން މިއަދު އޭނާއާ ދިމާއަށް އެބަލަނީ ކޮންފަދަ ނުރުހުމުގެ ބެލުމަކުން ހެއްޔެވެ؟ މިބިންގަޑު ފަޅައިގެންގޮސްފައި އެތަނަށް އޭނާ ގެބިގެންދާނޭ ނަމައެވެ. ނުވަތަ ފަނޑިޔާރުގޭގެ ފުރާޅު ބޮލަށް ވެއްޓި އޭނާގެ ފުރާނަދާނޭ ނަމައެވެ. އޭނާ ވޭނުން ފުރިފައިވާ އަޑަކުން އިންޞާފުވެރިޔާއާ މުޚާޠަބު ކުރިއެވެ.
”ކައިވެނީގެ ކުރިން މަނޭޝްރާޖް ދެކެ އަޅުގަނޑު ލޯތްބެއް ނުވެއެވެ. އެއީ—ޝައްކެއް ހުރި ކަމެއް ނޫނެވެ. ނަމަވެސް ކައިވެނީގެ ފަހުން ފިރިމީހާދެކެ ފުރިހަމައަށް ލޯބިވުމަށް އަޅުގަނޑު ކަނޑައެޅީމެވެ. ހުވާކޮށްފާ ދަންނަވަމެވެ. އޭނާގެ މަރުގެ ޒިންމާދާރަކީ އަޅުގަނޑެއް ނޫނެވެ.“
އިންޞާފުވެރިޔާ ޙުކުމް އިއްވެވުމަށްޓަކައި ތުންފަތް ޙަރަކާތް ކޮށްލެއްވިތަނާ ރިޝްމީގެ މޫނުމައްޗަށް އަދިރިވެއްޖެއެވެ. ނަމަވެސް އޭނާ ވެއްޓުމުގެ ކުރިން އޭނާގެ ކޮއްކޮގެ އަޑު އިވިފައި ވަރަށް ބޮޑަށް ސިހުނެވެ. އެއީ އޭނާގެ ކޮއްކޮ އަރޫންއެވެ. އިންޞާފުވެރިޔާގެ ކުރިމައްޗަށް ހުއްޓިފައި ބާރަށް ބުނެލި ބިރުވެރި ޖުމްލައެއްގެ އަޑެވެ. ”ސާޙަބްއެވެ. މަނޭޝްރާޖް ޤަތުލުކުރީ އަޅުގަނޑެވެ. އަޅުގަނޑެވެ. އަރޫން މޭގައި އަތްޖަހާލާފައި ވާހަކަ ކުރިޔަށް ގެންދިޔައެވެ. ކަލާ ނިކަން އަޅުގަނޑާ ސުވާލު ކުރައްވަ ބައްލަވާށެވެ. އޭނާ ޤަތުލުކުރީ ކީއްވެގެންކަން އަޅުގަނޑު ނަންގެންފާނަމެވެ.“
”އަރޫން“ ރިޝްމީ އަޑުގެކޮޅަށް ގޮވާލިއެވެ. ”ކަލޭ ތިޔަކިޔަނީ ކީކޭހެއްޔެވެ؟ ތިޔަކިޔާ އެއްޗެއްގެ ނިމުން ކަލެއަށް އެނގޭހެއްޔެވެ؟“
އަރޫން އޭނާގެ ދައްތަގެ ވާހަކަ އިވޭކަމަކަށް ނުހަދާ އިންޞާފުވެރިޔާއާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ”އަޅުގަނޑުގެ ދައްތަ މުސްކުޅިއަކާ ކައިވެނި ކުރަން ޖެހުނީތީ ހިތާމަކުރާކަން އަޅުގަނޑު ރަނގަޅަށް ދެނަހުރީމެވެ. ދައްތަ ލޯބިވަނީއަކީ މަނޭޝްރާޖްދެކެއެއް ނޫނެވެ. ރަތަން ދެކެއެވެ. ވީމާ އަޅުގަނޑު މަނޭޝްރާޖަށް ޒަހަރު ދީގެން މަރާލީއެވެ. އެއީ ދައްތައަށް އަރާމާ އުފަލުގެ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ޤަޞްދުގައި އަޅުގަނޑުކުރި ކަމެކެވެ.“
”ކީކޭ ހެއްޔެވެ؟“ ކުއްލިއަކަށް ރަތަންގެ ހިތް ގުޅާލިއެވެ. އެއީ ތެދެއް ހެއްޔެވެ؟ ރިޝްމީ އޭނާދެކެ ލޯބިވެދާނޭ ހެއްޔެވެ؟ އޭނާގެ ކުރިމަތީގައި އަޝޯކާ ހޮޓެލްގައި ރިޝްމީއާ ބައްދަލުވި ހިތްގައިމު ހަވީރު ހާމަވެގެން ދިޔައެވެ. އެފަހަރު ރިޝްމީ އޭނާއާ ދިމާއަށް ބަލާލީ ކިހާ ލޯބިވެތި ބެލުމެއް ހެއްޔެވެ؟ އަދި ސްރޭޝްގެ ގޭގައި ނެށިއިރު އޭނާގެ މޭގައި ރިޝްމީ ބޯއަޅާލީ ކިހާ ލޯތްބަކުން ހެއްޔެވެ؟ އޭނާ ލޯބި ފައުޅުކުރަން ހީކުރި ވަގުތު ނުހަނު ލޯތްބާއެކު ރިޝްމީ އޭނާއަށް ހިތްވަރުދީ އެވާހަކަ އަޑުއަހަން ހުއްޓެވެ. ނަމަވެސް އޭނާގެ ނަޞީބު ދެރަކަމުން ހަމަ އެވަގުތު ހޯލްތެރެ އަލިވެގެން ދިޔައީއެވެ. ވީމާ އޭނާގެ ހިތުގެ ޙާލުވެސް ރިޝްމީ ގާތު ނުބުނެވުނީއެވެ. ތަފާތު ޚިޔާލުތަކުން ހިތާއި ސިކުނޑި ފުރިފައި އިން ރަތަންއާ ދިމާއަށް ރާޖްކުމާރީ ޝައްކުގެ ބެލުމަކުން ބަލައިލިއެވެ. އަދި ހަމަ އެގޮތަށް ރިޝްމީއާ ދިމާއަށްވެސް ބަލައިލިއެވެ. މިވަގުތު އޭނާއަށް ބާރެއް ހިންގޭނޭނަމަ ރިޝްމީގެ މޫނުމަތި ނޮޅާލާނެއެވެ. ރާޖާ ސާހަބްގެ ރުޅިވެރި ބެލުން ސީދާވީ އަރޫންއާ ދިމާއަށެވެ. މިނަޞީބު ކުޑަ ފިރިހެން ކުއްޖާ އޭނާގެ ކުށް ބޮލުގައި އެޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިއޮއްބޮޑު މަޖްލިސްގައި ރިޝްމީގެ ލޯބި އެގޮތަށް ފައުޅުވީމާ ރާޖާ ސާހަބް އައި ރުޅިން ފަޅައިގެން ނުގޮސް އިނީ ހަމަ ކިރިޔާއެވެ.
”ކަލާ ދައްކަން ބޭނުންވެލައްވާ ވާހަކައެއް ވިޓްނެސް ބޮކްސްއަށް ދުރުވެ ބުނުއްވާށެވެ.“ އިންޞާފުވެރިޔާ އަމުރު ކުރެއްވިއެވެ.
އަރޫން ވިޓްނެސް ބޮކްސްއަށް އައިސް ތެދުބުނަން ކަމަށް ގީތާގައި އަތްލާ ހުވާކޮށްފައ ިވާހަކަ ދައްކަން ފަށައިފިއެވެ.