ފަހަރި 29

އަނެއްދުވަހު ނޫސްތަކުގައި މަނޭޝްރާޖްއާއި، ރިޝްމީގެ ހިނިތުންވެފައިވާ ފޮޓޯތަކާއެކު އެހެން ޚަބަރެއްވެސް ފަލަ ސުރުޚީގެ ދަށުގައި ޝާއިޢުކޮށްފައި އޮތެވެ. ކުރޯޅުޕައްތީގެ ޤަތުލު–ކައިވެނީގެ ޕާޓީގައި–އަލަތު އަނބިމީހާ ހައްޔަރުކޮށްފި–މިޚަބަރުގެ ސަބަބުން މުޅިރަށުތެރޭގައި ފާޑުފާޑުގެ ވާހަކަ ދެކެވި އަޑުފަށްގަޑު ގަދަވާން ފަށައިފިއެވެ. އިއްޔެގައި މެހްމާނުންގެ ގޮތުގައި މަނޭޝްރާޖްގެ ކަރުގައި މަލުގެ ހާރުތައް އަޅުވައިދިން މީހުން މިއަދު ހަމަ އެއަތްތަކުން މަނޭޝްރާޖްގެ މަހާނައިގެ މައްޗަށް މައު އަޅަމުން ގެންދަނީއެވެ. ހިތާމަކުރާ މީހުންތަކުން ގޭތެރެވަނީ ތޮއްޖެހިފައެވެ. ސްމިތްރާދޭވީއަށާއި ރަތަންއަށް ލިބުނު ހިތާމައިގެ ބޮޑުކަމުން ރާޖާސާހަބްއާއި ރާޖްކުމާރީ އެތަކެއް ނަޞޭޙަތްދީ ހިތްހަމަޖައްސައި ނުދިންނަމަ ވަގުތުން މޮޔަވީސްކަން ޔަޤީނެވެ. އެހާވެސް ބޮޑަށް މިކަމުން އެމީހުންގެ ހިތަށް އަސަރު ކުރިއެވެ. މުޅިޢުމުރުގައިވެސް ރަތަން އެގޮތަށް ގިސްލާފައި ރުއި ފުރަތަމަ ދުވަހަކީ މިއަދެވެ. މަރުވެގެން އެދިޔައީ އޭނާގެ އެންމެ ލޯބިވާ ބޭބެއެވެ. އަދި ބޭބެގެ މަރުގެ ޝިކާރަވެރިއަކަށްވީވެސް ބޭބެ އެންމެ ލޯބިވި އަންހެން ކުއްޖާއެވެ. އެއަންހެން ކުއްޖާ އޭނާގެ ބޭބެ ހަމައެކަނި އެހީއެއް ފޯރުވައިދިނީއަކީ ނޫނެވެ. އަދި ކީއްހެއްޔެވެ؟ މުޅި ޢާއިލާގެ ޒީނަތަކަށްވެސް ހެދިއެވެ. ނަމަވެސް އެހަރުފަ އޭނާގެ މުޅި ޢާއިލާއަށް ވިހަލީއެވެ. ރަތަން ފަދައިން ސްމިތްރާ ދޭވީވެސް ހިތާހިތުން ރިޝްމީއަށް އެއްޗެތި ގޮވާ ހެދިއެވެ. ހިތާމަކުރާ ކަރުނަ އޮއްސަމުން ބޭރަށް ދޫކޮށްލާ ކޮންމެ ނޭވާއަކާއެކު އޭނާ ރިޝްމީއަށް ބަދު ދުޢާތައް ކުރަމުން ގެންދެއެވެ.

”އެކަހަލަ ދަށު މީހުނާ ބެހޭކަށް ނުވާނެއޭ އަހަރެން މާކުރިންވެސް ބުނީމެވެ.“ ރާޖާ ސާހަބް ދަނޑިވަޅު ލިބިގެން ފަށައިގަތެވެ. ”އަދި އެގޮތްކުޑަ އަންހެން ކުއްޖާއާއި މަނޭޝްރާޖްއާއި ގުޅެނީވެސް ކޮންރޮގަކުން ހެއްޔެވެ؟“

”އެއްގޮތަކަށްވެސް އަހަރެން އޭނާ ދުލެއް ނުކުރާނަމެވެ.“ ރަތަން ދަތްކުނޑި ވިކައިގެންފައި ނުރުހުމާއެކު ބުންޏެވެ. ”އެއަންހެނާގެ ބޯ ދަންޖައްސާ މަޅިއަށް ކޮއްޕާ ނުލެވޭހާ ހިނދަކު އަހަރެންނަށް ހަމަޖެހުމެއް ނުލިބޭނެއެވެ.“

”އޭނާއަށް އެންމެ ހަރުކަށި އަދަބު ދެވޭތޯ އަހަރެމެން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނަމެވެ. އިންޑިޔާގެ އެންމެމޮޅު ވަކީލުން ފަދައިން ވާހަކަ ދައްކާނަމެވެ.“ ސްމިތްރާދޭވީ ކަރުނަތައް ފޮހެމުން ވާހަކަ ދެއްކިއެވެ. ”ކޮންމެ އަގެއް ދީގެންވެސް އެގޮތްކުޑަ އަންހެން ކުއްޖާއަށް ސަޒާ ލިބެން ޖެހޭނެއެވެ.“

ރަތަން އެދުވަހު މަނޭޝްރާޖްގެ ކަށުކަމާކެމީގެ ކަންތަކުން ނިމިގެން ކޮޓަރިއަށް އައިސް ރިޝްމީ ދީފައި އޮތް ގަލަން ނަގާ ފައިންއަރާ ހަލާކު ކޮށްލިއެވެ. ކުދިކުދި އެތިކޮޅުތަކަކަށް ހަދާލިއެވެ. އެއްއިރެއްގައި އޭނާ ރިޝްމީދެކެ އިންތިހާއަށް ލޯބިވިއެވެ. ހަމަ އެފަދައިން މިހާރު އޭނާ ރިޝްމީދެކެ އެދަރަޖައަށް ނަފްރަތުވެއެވެ.

ޝަރީޢަތް ފެށިއްޖެއެވެ. ނަމަވެސް ޙުކުމް ކުރެވެންދެން ރިޝްމީ މިނިވަންކޮށްފައި ބެހެއްޓޭ ގޮތެއް ނުވިއެވެ. ރިޝްމީގެ ކޮއްކޮ އަރޫންގެ އަތުގައި އަމިއްލަ އެއްވެސް އެއްޗެއް ނެތެވެ. އެހެން ނޫންނަމަ ދައްތަ މިނިވަން ކުރެވޭތޯ އޭނާ މަސައްކަތް ކުރީހެވެ. އަރޫންމެން ދިރިއުޅޭ ގެއަކީ ކުންފުނީގެ ގެއެކެވެ. ދައްތައަކީ ކުށްވެރިއެއް ނޫންކަންވެސް އެގެނީ ހަމައެކަނި އަރޫންއަށެވެ. ވީމާ ފައިސާގެ މައްސަލައިގައި އޭނާއާ އެހީވާން އެހެން އެއްވެސް މީހަކު ނުވިއެވެ. އެހެން މީހުންގެ ނަޒަރުގައި ރިޝްމީއަކީ ބޮޑު ކުށްވެރިއެކެވެ. ޤާތިލެކެވެ. އެންމެ ރަނގަޅެވެ. އެކަކު އެހީނުވިޔަސް އޭނާގެ ދައްތަގެ މިލްކުގައި ހުރި މަދު އެތިކޮޅު ޚަރަދު ކޮށްލައިގެން ދައްތަ ސަލާމަތް ކުރެވޭތޯ އޭނާ މަސައްކަތް ކުރާނެއެވެ. ކޮންމެއަކަސް މިހާރު ރިޝްމީގެ ޝަރީޢަތްވަނީ ފެށިފައެވެ. އޭނާ ޤަތުލުކޮށްގެން އެއުޅެނީ ރަށުގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން އެކެކެވެ. މަނޭޝްރާޖްއަކީ ކޮންކަހަލަ މީހެއްކަން ރަށުގެ އެންމެންވެސް ދަނެއެވެ. އެއީ ހިތާމަވެރިންގެ އެހީތެރިޔާއެވެ. ނިކަމެތިންނަށް ރަޙުމްކުރާ މީހާއެވެ. އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް އޭނާ ނޭދެއެވެ. މިފަދަ މާތް މީހެއްގެ ޤާތިލަކަށް އެހީވާނޭ މީހަކު ހުންނާނޭތޯއެވެ؟

ނުހުންނާނެކަން ކަށަވަރެވެ. މިހާރު އެންމެން ރިޝްމީ ފިޔަވައި އަރޫންއާ ދިމާއަށްވެސް ފާޑުފާޑުގެ ހުތުރު އެއްޗެތި ކިޔައެވެ. ދައްތައަކީ ޤާތިލަކަށްވީއިރު ކޮއްކޮ ނަމަވެސް ފިރިހެން ކުއްޖާގެ ނުބައިކަން މާބޮޑުވާނޭ ނޫންތޯއެވެ. އަރޫން ފެނިލިޔަސް މީހުންތައް އަނެއް ފަރާތަށް އެނބުރެއެވެ. ނަމަވެސް މިހާރު އޭނާ މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.

ފަނޑިޔާރުގެއެވެ. އަނެއްކާވެސް ޝަރީޢަތުގެ ދުވަހެވެ. އެދުވަހު ޕޯސްޓް މާޓަމްގެ ރިޕޯޓް އިއްވިއެވެ. އެރިޕޯޓުން އެގުނު އެއްޗަކީ ރާއާއެކު މަނޭޝްރާޖަށް ޒަހަރު ދީފައިވާ ކަމެވެ. އަރޫން ދައްތައާ ބައްދަލުވާ ކޮންމެ ފަހަރަކު ކޮންމެ ގޮތަކުން ނަމަވެސް ދައްތަ ސަލާމަތްކޮށްދޭނޭ ކަމުގެ ޔަޤީންކަން  ދެއެވެ. އޭނާގެ ފުރާނަ ދުއްވާލަން ޖެހުނަސް އެކަމަށްޓަކައި ފުރިހަމައަށް މަސައްކަތް ކުރާނޭ ކަމަށް ބުނެއެވެ. ކޮއްކޮ ފެނުނީމާ ރިޝްމީ ކޮންމެ ފަހަރަކުވެސް ރޮއިގަނެއެވެ. މިބަދުނަޞީބު އެމީހުންގެ ފަހަތުން ނުފިލާންވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

ޝަރީޢަތް އަޑުއެހުމަށް ރާޖްކުމާރީއާއި ރަތަން، ރާޖާ ސާހަބްވެސް ޙާޟިރުވެއެވެ. ރިޝްމީ ކޮށިގަޑުގެ ތެރޭގައި ހުރެފައި ރަތަންއާ ދިމާއަށް ބަލައިލައެވެ. އެއިން ކޮންމެ ފަހަރަކުވެސް ރަތަންގެ ލޮލުން އޭނާއަށް ފެންނަނީ ނުރުހުމެވެ. ހީވާގޮތުން އޭނާ ދިރިހުއްޓާ ވަޅުލަންވެސް މިހާރު ރަތަން ބޭނުމެވެ. ރަތަންގެ ލޮލުގައި ހުންނަ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަން ފެނުނީމާ އޭނާ ވަރަށް ބޮޑަށް ދެރަވެއެވެ. ވާނީވެސް އެހެންނެވެ. އޭނާގެ އެއްވެސް ކުށެއް ނެތެވެ. ނަމަވެސް ރަތަންގެ ލޮލުން އޭނާއާ ދެކޮޅަށް ނަފްރަތުގެ ކަނިތައް ފެނުމަށްވުރެ ދަން ޖައްސާ މަޅިގަޑުގެ ބިރުވެރި އަދަބުވެސް އޭނާއަށް މާރަގަޅެވެ. ރަތަންދެކެ އޭނާ އެހާ ބޮޑަށް ލޯބިވެއެވެ. އެއީ ސިއްރު ލޯތްބެކެވެ. އެލޯބި އެގެނީ ހަމައެކަނި އޭނާގެ ހިތަށެވެ. ރަތަން ފިޔަވައި ސްމިތްރާދޭވީވެސް އޭނާއާ ދިމާއަށް ބަލަނީ ނަފްރަތުގެ ބެލުމަކުންނެވެ. މިކަމާ އޭނާ ވަރަށް ބޮޑަށް ދެރަވެ ލޮލުން ކަރުނައައެވެ.

އިންޞާފުވެރިޔާ ދުރުވެ އިންޞާފު ކުރެއްވުމުގެ ގޮނޑިކޮޅުގައި އިށީންނަވައިފިއެވެ. އޭނާ ގޮޑީގައި އިށީންނަވާފައި ރިޝްމީ ކޮށިގަޑުން ނެރިގެން ވިޓްނެސް ބޮކްސްއަށް ގެނައުމަށް އަމުރު ކުރެއްވިއެވެ. މިއަމުރަށް ނުހަނު އަވަހަށް ޢަމަލީ ސިފަ ގެނެވިއްޖެއެވެ. ރިޝްމީ ވިޓްނެސް ބޮކްސްއަށް ގެނައިމާ އިންޞާފުވެރިޔާ ވަރަށް ފުންކޮށް ރިޝްމީއާ ދިމާއަށް ބައްލަވާލެއްވިއެވެ.

އަދި އެސާދާ މޫނުމަތިން ފެންނަން ހުރި ހާސްކަމުގެ ސިޓީ ކިޔުއްވާލެއްވިއެވެ. މިފަދަ ރީތި މަޢްޞޫމް ގޮތްހުރި އަންހެން ކުއްޖާ ޤަތުލެއް ކޮށްފާނޭ ކަމަށް އޭނާއަށް ޤަބޫލެއް ނުކުރެއްވެއެވެ. އިންޞާފުވެރިޔާ ރިޝްމީއާ މުޚާޠަބު ކުރެއްވެވީ މަރްޙޫމް މަނޭޝްރާޖްގެ އަނބިމީހާގެ ނަމުންނެވެ. ”ކަލޭގެ ފިރިމީހާ މަނޭޝްރާޖް ކަލޭގެ އަތުން ޤަތުލުކުރީ ނޫންހެއްޔެވެ؟ މިކަމާ ކަލޭ ދެކޮޅު ހަދަމު ހެއްޔެވެ؟“

”އަޅުގަނޑު އެއްވެސް މީހަކު ޤަތުލެއް ނުކުރަމެވެ.“ ރޮވިފައިވާ އަޑަކުން ރިޝްމީ ބުންޏެވެ. ”އަޅުގަނޑުގެ ފިރިމީހާ ޤަތުލު ކުރަންވީ ކީއްކުރަންތޯއެވެ؟“

ސުވާލަކީ ތިޔައީއެވެ. ތިޔަ ސުވާލަށް ޖަވާބުދޭންވީވެސް ކަލެއެވެ. ކަލޭ ޤަތުލު ނުކުރާނަމަ އެކަން ސާބިތުކޮށްދޭންވީއެވެ. އެގަތުލުގެ ތުހުމަތު އެޅިފައި އޮތީ ކަލޭގެ ބޮލުގައެވެ. މިހިސާބަށް ބުނުއްވާފައި އިންޞާފުވެރިޔާ ސަރުކާރުގެ ވަކީލަށް ބައްލަވައިލެއްވިއެވެ. އަދި އޭނާއާ ދިމާއަށް ބުނުއްވިއެވެ. ”ކަލާއަށް ޝަރީޢަތް ހުށަހެޅުއްވެވިދާނެއެވެ.“

ސަރުކާރުގެ ވަކީލު ރަތަންއާ ދިމާއަށް އެއްފަހަރު ބައްލަވައިލެއްވިއެވެ. އެއަށްފަހު ރިޝްމީގެ ކައިރިއަށް ދުރުވެ ގީތާ (ދީނީފޮތް) ގައި އަތްލުއްވައިގެން ތެދު ބުނުމަށް ރިޝްމީ ލައްވާ ހުވާ ކުރުވިއެވެ. އެކަމުން ނިމުނީމާ ސުވާލުތަކަށް ފައްޓަވައިފިއެވެ. ”ރިޝްމީޖީއެވެ. މީގެކުރިން ކަލާ އުޅުއްވީ ކޮންތާކުތޯއެވެ؟“

”ބޮމްބޭގައެވެ.“

”އެތަނުން ދުރުވީ ކީއްވެތޯއެވެ؟“

…….މިސުވާލަށްދޭނޭ ޖަވާބެއް ރިޝްމީގެ ކިބައަކު ނެތެވެ.

”ބޮމްބޭ ދޫކޮށްލާފައި ލަކްނޫއަށް ކަލާ ދުރުވީ ކީއްވެގެންތޯއެވެ؟“ ސަރުކާރުގެ ވަކީލު ވާހަކަ ދައްކަވަން ފެއްޓެވީ ނުހަނު މަޑުމަޑުންނެވެ. ނަމަވެސް ނިންމަވާލެއްވެވީ ހަޅޭކަކުންނެވެ.

”ނޯކިރީއެއް ހޯދާށެވެ.“ މިފަހަރު ރިޝްމީ ޖަވާބުދިނެވެ.

”ބޮޑެތި ރަށްރަށުން ކަލާއަށް ނޯކިރީއެއް ހޯއްދެވިދާނެއެވެ. ދިއްލީއިންވެސް ކަލްކަތާއިންވެސް ވަޒީފާ ލިބިލައްވަފާނެއެވެ. ވީއިރު ލަކްނޫއަށް ދުރުވީ ކީއްވެގެންތޯއެވެ؟“

”…….“ ރިޝްމީއަކަށް ޖަވާބެއް ނުދެވުނެވެ.

”ކަލާ ލަކްނޫއަށް ދުރުވީ ކީއްވެގެންކަން އަޅުގަނޑު ނަންގެންފާނަމެވެ.“ ސަރުކާރުގެ ވަކީލު ކޮނޑުތަޅުވާލައްވާފައި އިންޞާފުވެރިޔާއާ ދިމާއަށް ބައްލަވާލެއްވިއެވެ. ”ބޮމްބޭގައި ކަލާގެ އަތުން މަދަން ކުންފުނީގެ ވެރިޔާ ޤަތުލުވީއެވެ. އެކުންފުނީގެ ދެގޮފި ދިއްލީގައި ހުރެއެވެ. އަދި އެއްގޮފި ކަލްކަތާގައި ހުރެއެވެ. ވީމާ އެއިން ރަށެއްގައި ކަލާއަށް ހަމަޖެހުމުގެ ނޭވާއެއް ލެއްވެވޭކަށް ނުއޮންނާނެއެވެ.“

މުޅިން ތެދު ވާހަކައެވެ. އޭނާ ލަކްނޫއަށް އައި ސަބަބަކީ އެއީއެވެ. އެއީ ވަރަށްބޮޑު ތެދެއްކަން ރިޝްމީއާއި އަރޫންއަށްވެސް އެގެއެވެ. ނަމަވެސް ކުޑަވެސް ފަރުވާލެއް ނުބަހައްޓައި ރިޝްމީ ބުންޏެވެ.

”މަދަން ކުންފުނީގެ ވެރިޔާ ޤަތުލުކުރީ އަޅުގަނޑެއް ނޫނެވެ. ފަނޑިޔާރުގެއިން ފުރިހަމަ ޢިއްޒަތާއެކު އަޅުގަނޑު މިނިވަން ކުރެއްވީ ޤާތިލަކަށް ނުވީމައެވެ.“

”ފުރިހަމަ ޢިއްޒަތް“ ސަރުކާރުގެ ވަކީލު އޭނާއާ ދިމާއަށް ބަލައިލާފައި މަލާމާތުގެ ގޮތަކަށް ހިނިތުންވެލެއްވިއެވެ. އަދި އޭނާއާ ދިމާއަށް އިގިލިން އިޝާރާތް ކުރައްވަމުން ބުނުއްވިއެވެ. ”ކަލާއަށް އިންޞާފުގެ ކުރިމަތިން އެއްފަހަރު ސަލާމަތް ވެލެއްވެވިދާނެއެވެ. ދެވަނަފަހަރަކަށް ނުވެވޭނެއެވެ.“ ”މާތްސާހަބްއެވެ. އަޅުގަނޑު އެއްޗެއް ނަންގަންނަން ބޭނުމެވެ.“ ކުއްލިއަކަށް ރިޝްމީގެ ވަކީލު ތެދުވެފައި ސަރުކާރުގެ ވަކީލުގެ ވާހަކަ މެދުކަނޑާލިއެވެ. ”ސަރުކާރުގެ ވަކީލު ބުނުއްވަން އެއުޅުއްވަނީ ބޮމްބޭގައި ފުރިހަމަ ޢިއްޒަތާއެކު ރިޝްމީ ދޫކޮށްލެއްވި ފަނޑިޔާރަކީ ކުޑަވެސް އީމާންކަމެއް ނެތް ދޮގުވެރި އަދި ޤާނޫނަށް ކެހިދެއްވާ ބޭކަލެކޭތޯއެވެ؟“

”ތިޔަ އިޢްތިރާޟު ޤަބޫލުކޮށްފީމެވެ.“ މިއިދިކޮޅު ވާހަކައަށް އިންޞާފުވެރިޔާ ތަރުޙީބު ދެއްވިއެވެ.

ސަރުކާރުގެ ވަކީލު ރިޝްމީގެ ވަކީލާ ދިމާއަށް ބައްލަވައިލައްވާފައި ސުވާލުކުރެއްވިއެވެ. ”ރިޝްމީޖީއެވެ. މަނޭޝްރާޖްއަކީ ކަލާއަށްވުރެން ދެބައި ޢުމުރުން ދޮށި ބޭކަލެއް ނޫންތޯއެވެ. މިއީ ފަހެ ދޮގެއްތޯއެވެ.“

”ދޮގެއް ނޫނެވެ.“ ރިޝްމީ ތެޅިތެޅި އޮތް ހިތަކާއެކު ޖަވާބުދިނެވެ. ”ތިޔައީ ތެދެކެވެ. އޭނާ އަޅުގަނޑަށްވުރެ ޢުމުރުން މާދޮއްޓެވެ.“ ”އޭނާދެކެ ފަހަރެއްގައިވެސް ކަލާ ލޯބިވެއެއް ނުލައްވަމު ނޫންތޯއެވެ. މިއީ ތެދެއްތޯއެވެ؟“

”އަޅުގަނޑު އޭނާއަށް ޢިއްޒަތްތެރިކޮށް ހިތަމެވެ. އަދި ކައިވެނީގެ ފަހުން އޭނާދެކެ ފުރިހަމައަށް ލޯބިވާން މަސައްކަތް ކުރަން ކަނޑައެޅީއެވެ.“

”މަނޭޝްރާޖް ކަލާއަށް ވަރަށްމަތީ ޢަދަދެއްގެ ދަރަންޏެއް ނުދެއްވާތޯއެވެ. އަދި އެދަރަނީގެ ފައިސާތަކުން ކަލާގެ ކޮއްކޮގެ އޮޕަރޭޝަނެއް ނުކުރައްވަމުތޯއެވެ.“ކުޑަވެސް ދަނޑިވަޅެއް ނުދީ ސަރުކާރުގެ ވަކީލު ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”މަނޭޝްރާޖްގެ މުޅި މުދަލާއި ފައިސާގެ ތެރެއިން %90 ގެ ޙައްޤުވެރިޔަކަށް ކަލާ ހެއްދެވި ވާހަކައެއް ނުބުނުއްވާތޯއެވެ؟ މިކަން އެގިލައްވާފައި ނެތް ކަމަށް ބުނުއްވަމުތޯއެވެ. އޭނާގެ ކޮއްކޮ ރަތަންއަށް ދޫކުރެއްވެވީ ހަމައެކަނި ދިހަ ޕަސެންޓް ނޫންތޯއެވެ.“

މިހާރު ޝަރީޢަތް އަޑުއަހަން ތިބި މީހުންގެ މެދުގައި ވައިއަޑުން ވާހަކަ ދެކެވެމުން ދާން ފަށައިފިއެވެ. އަދި ރާޖް ކުމާރީއާއެކު މިތަނަށް އައިސް އިން ރަތަން އޭނާގެ މަންމައާ ދިމާއަށް އެއްފަހަރު ބަލާލާފައި ރިޝްމީއާ ދިމާއަށް ބަލާލައިފިއެވެ. ހަމަ އެފަދައިން ރާޖްކުމާރީވެސް ބަލައިލިއެވެ. ނުރުހުމުގެ ބެލުންތަކަށް ކެތްނުކުރެވިގެން ރިޝްމީ ދަތްކުނޑި ވިކާލިއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.