”މިކަރުދާސްތައް އަހަރެން މިބަހައްޓަނީ ތިޖޫރީގައެވެ. ތިޖޫރީގެ ތަޅު ހުޅުވޭނެ ނަންބަރުތައް ފަހުން ބުނެދޭނަމެވެ. ރަތަންއާއި އާންޓީ ނަންބަރުތައް ދަންނާނެއެވެ. އަދި ބުނަން ހެއްޔެވެ. މީގެކުރިން އަހަރެންގެ ހުރިހާ މުދަލަކާއި ފައިސާއެއްގެ ވާރުތަވެރިއަކީ އަހަރެން މަރުވުމަށްފަހު ރަތަންއެވެ. އެގޮތަށް އޮންނާނީ އަހަރެން ލިޔެފައެވެ.“ މަނޭޝްރާޖް ތެދުވެގެން ގޮސް އަތުގައި ހުރި ކަރުދާސްތައް ތިޖޫރީއަށްލާ ބަންދުކޮށްފައި ހިގައިގަންނަމުން ބުންޏެވެ. ”ދެން އަހަރެން ދަނީއެވެ.“
މަނޭޝްރާޖް ދިޔައިމާ ރިޝްމީ ވިސްނަން ފެށިއެވެ. އޭނާގެ ފިރިމީހާގެ މުޅި މުދާތަކުގެ ވާރުތަވެރިއަކީ މީގެކުރީގައި ރަތަންއެވެ. ނަމަވެސް އެމުދާތައް އޭނާ އެއިނީ ދަމައިގަނެގެންނެވެ. ރަތަންއާއި އޭނާގެ މަންމަ ދުވަހެއްގައިވެސް މިކަމާ ރުހޭނޭ ހެއްޔެވެ؟ ވަޞިއްޔަތުނާމާ ބަދަލުކުރިކަން އެމީހުން ދެނަހުރި ކަމެއްވެސް ނޭގެއެވެ. މިކަމާ ގިނަ ޚިޔާލުތަކެއް ކުރުމަކުން ދެން ކުރާނޭ ފައިދާއެއް ނެތެވެ. ވީމާ، ކޮޓަރީގެ ހުރިހާ އެއްޗިއްސެއް މިނިވަންކަމާއެކު ބަލަން ފެށިއެވެ. ކޮޓަރީގެ އެއްފަރާތުގައި ދިގުމޭޒެއް ހުއްޓެވެ. މިމޭޒުމަތީގައިވެސް ފޮތްތައް އަތުރާފައި ހުއްޓެވެ. އަދި ބޮޑު މައުޖަހާ އެއްޗެއްގައި ތާޒާ މާތައް ފަރި ހިނިތުންވުމެއްގައި ހީލަ ހީލާ ހުއްޓެވެ. ފާރުގައި ބޮޑު ދެކަބަޑު ހަރުކޮށްފައި ހުއްޓެވެ. އޭގެ އެއްބައިގައި ގިނަހެދުންތައް އަޅުވާފައި ހުއްޓެވެ. ރިޝްމީ ތެދުވެގެން ގޮސް އެތަނުން އެއްކަބަޑު ހުޅުވާލިއެވެ. މީގައި މީހަކު ޙައިރާންވެ އަންތަރީސްވާހާ ގިނަ ހެދންތައް އަޅުވާފައި ހުއްޓެވެ. އަގުބޮޑު ސާޅީތަކެވެ. ބްލައުޒްތަކެވެ. އައު ފެޝަންތަކުގެ ހެދުންތަކާއި ނައިޓް ގައުންތަކެވެ. އޭގެއިތުރުންވެސް ބޭނުންކުރާ ހުރިހާ ސާމާނެކެވެ. އަނެއް ކަބަޑުގައި ހުރީ އޭނާގެ ފިރިމީހާގެ އަންނައުނާއި އެހެނިހެން ސާމާނެވެ. މިތަކެތި ބަލާ ނިމިގެން ދެން އޭނާ ދިޔައީ ޖެހިގެން ހުރި ކޮޓަރިއަށެވެ. މިތަނުންވެސް ފެންނަނީ ޙައިރާން ކުރުވަނިވި މަންޒަރުތަކެކެވެ. ރީތި ދިގު މޭޒެއްގައި އޭނާގެ އިސްކޮޅަށްވުރެ މާބޮޑު މޫނުބަލާ ލޯގަޑުގެ ތިންގަޑު ލޯ ހަރުކޮށްފައި ހުއްޓެވެ. ލޯތައް ހަރުކޮށްފައި ހުރީ ފަހަތަށާއި ކުރިއަށް އަދި ވަށައިގެންވެސް އެބުރޭގޮތަށެވެ. މޭޒުމަތީގައި އޭނާގެ ރީތިކަމަށް ހަތަރު ހަނދު އަރުވާލާ ކަހަލަ ކްރީމާއި ފުށް، ފުނަލާއި ބުރުސް ފަދަ ތަކެތި ގިނައަދަދަކަށް ހުއްޓެވެ. އަދި މޭޒުގެ ކައިރީގައި އެއްތެލުގެ އޮފް އަރާ ގޮނޑިއެއް ހުއްޓެވެ. މޫނުބަލާ ލޯގަނޑު ކައިރިއަށް ގޮސް ވަރަށް ފުން ބެލުމަކުން އޭނާގެ ރީތިކަމަށް ބަލައިލިއެވެ. މަނޭޝްރާޖްއާއި އޭނާގެ ޙަޔާތް ބަދަލުކޮށްލީ އެރީތިކަމެވެ. ތެދެކެވެ. ރީތިކަމަކީ ބަލާއެއް ނޫނެވެ. ޤުދުރަތުން ދެއްވާފައިވާ މިފުރިހަމަ ހަދިޔާ ރަނގަޅަށް ރައްކާތެރި ކުރެވިއްޖެނަމަ ކޮންމެވެސް ދުވަހަކުން އެކަމުގެ އިނާމު ލިބޭނޭކަން ކަށަވަރެވެ. އޭނާއަށް އެކަން އެގުނީ މިއަދުއެވެ.
އެރޭ މަނޭޝްރާޖްގެ ގެ ކުލަބޮކިތަކުން ޒީނަތްތެރި ކޮށްފައިވާލެއް ފުރިހަމަކަމުން މަގުހިގާ މީހުންނަށްވެސް ހުއްޓުން އަރައެވެ. ގޭގެ ކައިރީގައި މަގުގެ އެތައް ހިސާބަކަށް ކާރުތަކުގެ ކިޔޫއެއް ދެމިފައި އޮތެވެ. ޕާޓީއަށް ޙާޟިރުވި ރަށުގެ އެންމެހާ އިއްޒަތްތެރިންވެސް ރިޝްމީގެ ހެޔޮ ނަޞީބާމެދު ޙަސަދަވެރިވެއެވެ. ނަމަވެސް ރިޝްމީގެ ރީތި ކަމުގެ މައްޗަށް ތަޢްރީފްކޮށް ނުލާ އެއިން ހަމަ އެކަކަށްވެސް ހުރެވުނު ކަމަށް ނުވިއެވެ. މޭކްއަޕް ގާރލް ރިޝްމީ ނަލަ ހައްދާލާފައި ހުރިލެއް މޮޅުކަމުން ޚޮދު ރިޝްމީއަށްވެސް ޙައިރާންކަން ލިބުނެވެ. އެހާވެސް ރީއްޗެވެ. ފުރިހަމައެވެ. މަނޭޝްރާޖްގެ އެދުމަށް ރިޝްމީގެ އެއްމާބަނޑު ކޮއްކޮ އަރޫންވެސް މިޕާޓީއަށް އައެވެ. މަތިވެރި ސަމާޖްގެ ކުޅިވަރު އޭނާއަށް އެންމެ ފުރަތަމަ ފެނުނީ މިޕާޓީގައެވެ. މިއީ އަރޫންގެ ދައްތަގެ ޙުރްމަތް ކަނޑާ ނިކަމެތި ކުރަމުން އައި ސަމާޖްއެވެ. ސޮސައިޓީއެވެ. މިޕާޓީއިން ރާޖްކުމާރީއާއި، ރާޖާ ސާހަބް އަރޫންއާ ބައްދަލުކުރީމާ އޭނާއަކީ ރިޝްމީގެ އެއްމާބަނޑު ކޮއްކޮކަން ފަޚުރުވެރިކަމާއެކު ބުނެދިނެވެ.
ޕާޓީގެ އައިޓަމްތައް ހިގަމުން ދަނީއެވެ. އެއްތަށީގައި އަނެއް ތަށިން ޖައްސާލާ އަޑު ގުގުމަނީއެވެ. މެހްމާނުންގެ ހުނުމުގެ އަޑު އޮކެސްޓްރާގެ މިޔުޒިކާއި އެކުވަމުން ދަނީއެވެ. ޕާޓީއަށް ޙާޟިރުވި ކޮންމެ މެހްމާނަކުވެސް މަނޭޝްރާޖްގެ ދެމަފިރިންނަށް އަގުބޮޑު ހަދިޔާތައް ގެނެސްދިނެވެ. ބައެއް ނޫހުގެ ރިޕޯޓަރުން އެދެމަފިރިންގެ ފޮޓޯތައް ނެގިއެވެ. ތަނުގެ މާޙައުލުގައި ކިތަންމެ ބޮޑު އުފާވެރިކަމެއް ފެތުރިފައި އޮތް ނަމަވެސް ރަތަންހުރީ ދެރަވެފައިކަން ރިޝްމީއަށް އެގުނެވެ. ރަތަން ހުރީވެސް ހޯލުގެ އެންމެ ދުރު ފަރާތުގައި ރާޖްކުމާރީއާ ވާހަކަ ދައްކާށެވެ. އެމީހުންގެ ކައިރީގައި ސްރޭޝްގެ ދެމަފިރިންވެސް ތިއްބެވެ. ރަތަންގެ ހިތުގައި ރިޝްމީއަށްޓަކައި ވަނީ ކޮންއެއްޗެއް ހެއްޔެވެ؟ އޭ ބަގްވާންއެވެ. ރަތަންގެ ހިތުގައި އޭނާއާމެދު އެއްވެސް ކަހަލަ ޚިޔާލެއް އޮތަ ނުދެއްވާށެވެ. އެއީ ފާފައެކެވެ. އޭނާގެ ހިތުގައި ރަތަންއަށްޓަކައި ވަރަށް ބޮޑަށް ހަމްދަރުދީ އުފެދުނެވެ. ރަތަން އެހާ ބޮޑަށް ދެރަވެފައި އެހެރީ އޭނާ ގެއްލިގެން ދިޔައިމާކަން އޭނާއަށް ޔަޤީންވިއެވެ. ނަމަވެސް ދެންވާނީ ކިހިނެއް ހެއްޔެވެ؟ ވަގުތު އަތްމަތިން ބީވެގެން ހިގައްޖެއެވެ. ފަހަރެއްގައިވެސް ހެޔޮ ހިތުން ރަތަން އޭނާއާ ދިމާއަށް ފަހަރިއޭ ކިޔާފައި ގޮވާލާނޭ ހެއްޔެވެ؟ އެއީ ވެދާނޭ ކަމެއް ހެއްޔެވެ؟ އާއެކެވެ. ޙާލަތުގެ ކުރިމަތީގައި އެންމެނަށްވެސް ޖެހޭނީ ބޯލަބާށެވެ. އޭނާގެ އަތުން އޭނާގެ އަމިއްލަ ލޯބީގެ ކަރުގައި ހިފުނުއިރު ރަތަންއަށްވެސް އެގޮތަށް ޢަމަލުކުރަން ޖެހޭނެއެވެ.
ވަރަށް ދަންވަންދެން ޕާޓީ ދެމިއޮތެވެ. ޕާޓީގެ އެންމެންވެސް ބޯލްރޫމް ޑާންސްގައި ބައިވެރިވިއެވެ. ކޮންމެ މީހަކުވެސް ނެށީ އެމީހެއްގެ ބައވެރިއަކާ އެކުގައެވެ. ޒަމާންތަކެއްގެ ފަހުން މިރޭ މަނޭޝްރާޖްވެސް ނެށިއެވެ. ހަމައެކަނި ރިޝްމީއާ އެކުގައެވެ. މިރޭ މަނޭޝްރާޖްއަށް ލިބެމުން އައި އުފަލުގެ ކޮޅެއް ނެތެވެ. އޭނާ ރާތަށި ހިފައިގެން ނެށުމުގެ ތިންހަތަރު ފިޔަވަޅު އަޅާފައި ހުއްޓި ރާފޮދެއް ބޯލައެވެ. އަދި ތަށި ކޮންމެވެސް ތަނެއްގައި ބަހައްޓާފައި ރިޝްމީ ގަޔާ ކައިރި ކޮށްލައިގެން ނަށާލިއެވެ. ނެށުމުގެ ތެރޭގައި ރިޝްމީ ހޯލްތެރެ ބަލާލިއެވެ. ރަތަން ފިޔަވައި އެހެން ހުރިހާ މީހުންވެސްވަނީ ނެށުމުގައި މަޝްޣޫލުވެފައެވެ. ނެށުމުގައި ބައިވެރި ނުވަނީ ހަމައެކަނި ރަތަންއެވެ. އަދި ރަތަންގެ ސަބަބުން ރާޖްކުމާރީއަށްވެސް ނެށުމުގައި ބައިވެރިވާން ނުކެރިފައި ހުއްޓެވެ. އެމީހުން ތިބީ ރިޝްމީމެނާ ދުރުފަރާތުން އެއްކަނެއްގައެވެ. މިމަންޒަރުންވެސް ރިޝްމީގެ ޔަޤީންކަމަށް އިތުރު ބާރެއް ލިބުނެވެ. އޭނާއަށްޓަކައި ރަތަން އެގޮތަށް ހަލާކުވެދާން ގަސްތުކުރާނަމަ އެއީ އެއްގޮތަކަށްވެސް ރަގަޅު ކަމެއް ނޫނެވެ.
އެންމެބޮޑު ފާފަތަކުގެ ތެރޭގައިވެސް އެކަން ހިމެނިދާނެއެވެ. ވީމާ އޭނާ ހިތާހިތުން ބަގްވާންއަށް ދުޢާކުރިއެވެ. އޭ ބަގްވާންއެވެ. އޭނާގެ މަތިން ހަދާން ނައްތާލުމުގެ ބާރު ރަތަންއަށް ދެއްވާށެވެ.
ޕާޓީ ނިމުނީ އެރޭގެ ބާރަޖެހިއިރުއެވެ. މިހާރު މެހްމާނުންތައް ދާން ފަށައިފިއެވެ. މެހްމާނުން ދާން ފެށުމުގެ ކުރިން ވަރުބަލިވެފައި ހުރިވަރުން މަނޭޝްރާޖް ބުނެގެން އައު ކައިވެނީގެ ކޮޓަރިއަށް ގޮސް އެނދުގައި އިށީދެލައިގެން އޭނާ އިނީއެވެ. މެހްމާނުންނަށް ވަކިވުމުގެ ސަލާންކޮށް ޝުކުރިއްޔާ އަދާކުރިއެވެ. އެންމެހައި މެހްމާނުން ގޮސް ނިމުނީމާ މަނޭޝްރާޖް ރާތަށި ހިފައިގެން އައު ކައިވެނީގެ ކޮޓަރިއަށް ހިގައްޖެއެވެ. އެކޮޓަރީގައި ފުރިހަމަ އަލަތު އަންބެއްގެ ގޮތުގައި މަނޭޝްރާޖްގެ އިންތިޒާރުގައި ރިޝްމީ އިނެވެ. މަނޭޝްރާޖް ކޮޓަރިއަށް ވަދެފައި ރިޝްމީއާ ދިމާއަށް ހިނިތުންވެލިއެވެ. އޭނާ އެންމެ ލޯބިވާ ރިޝްމީ އަތުތެރޭގައި ބޮނޑިކޮށްލަން އޭނާ ގަސްތުކުރަނީ މިރެއެވެ. އައު ކައިވެނީގެ އެންމެ ފުރަތަމަ ރެޔަށް ހަދަން އޭނާ ނިންމައިގެންވެސް ހުރީ މިރެއެވެ. މިރޭގެ ހަތަރުދަން އޭނާ ވެއަތުކޮށްލާނީ އޭނާގެ މޭމަތީގައި ރިޝްމީގެ ބޯއަޅައިގެން އޮވެއެވެ. މިއީ އުފާވެރި ރެއެކެވެ. އައުކައިވެނީގެ ފުރަތަމަ ރެއެވެ. ޚިޔާލުގައި ހުރެ މަނޭޝްރާޖް ކޮޓަރީގެ ދޮރު އެތެރެއިން ތަންޑު އަޅުވާފައި އެނބުރި ރިޝްމީއާ ދިމާއަށް ނުހަނު ލޯތްބާއެކު ހިނިތުންވެލިއެވެ. އެވަގުތު އޭނާގެ މޫނުމަތީގެ އުޖާލާކަން ބޮޑުވެގެން ދިޔައެވެ. ރިޝްމީއާ ދިމާއަށް ހިގައިގަތުމުން ރިޝްމީ ލަދުގަތެވެ. ފަތްތައް ފަދައިން މޯޅިވެގެން ދިޔައެވެ. ރިޝްމީ ހިތުގެ އެންމެ ފުންމިނުން ފިރިމީހާއާ އިސްތިޤްބާލު ކުރުމަށް ތައްޔާރުވިއެވެ. ނަމަވެސް އެވަގުތު ކަރުތެރޭގައި އެއްޗެއް ތާށިވެގެން އުޅޭ ކަހަލަ ގޮތަކަށް މަނޭޝްރާޖް ކެއްސައިގެންފިއެވެ. ބާރަށް ކެއްސާ ކަރުކެހިގެން ކަރުގައި ތާށިވެގެން އުޅޭ އެއްޗެއް ނައްޓާ ސާފުކުރަން އުޅެނިކޮށް ކަރުގައި މީހަކު ބާރަށް ހިފިހެން މަނޭޝްރާޖްއަށް ހީވިއެވެ. ނުހިފެހެއްޓިގެން އަރިއަޅާލައިފިއެވެ. އަތުގައި ހުރި ރާތަށި ދޫވެގެން ދޫލަމައްޗަށް ވެއްޓި ހުވަފެނެއް ފަދައިން ކުނޑިކުނޑި ވެގެން ހިގައްޖެއެވެ. ފިރިމީހާއަށް ކުއްލިއަކަށް މިވީގޮތް ފެނުނީމާ ރިޝްމީ އެދުން ތެދުވެގެން ދުވެފައި އައިސް މަނޭޝްރާޖްގެ ގައިގާ ހިފަހައްޓައިފިއެވެ. ނަމަވެސް ރިޝްމީގެ ގައިގާ އެހާ ބާރު ނެތުމުގެ ސަބަބުން މަނޭޝްރާޖް ރީތިކޮށް ދޫލަމައްޗަށް ވެއްޓިއްޖެއެވެ. އަދި ހަމައެޔާއެކު ދެލޯ ބޮޑުކޮށްގެން ރިޝްމީއާ ދިމާއަށް ބަލަން މަސައްކަތް ކޮށްކޮށް އޮއްވާ އޭނާގެ ދެލޯ މެރިއްޖެއެވެ. އޭނާގެ ތުންފަތަށްވެސް މަޑު ޙަރަކާތެއް އައެވެ. ނަމަވެސް ބަސްބުނާހާ ކުޑަ ހިދުކޮޅެއްގެ ތެރޭގާ އޭނާގެ ހަށިގަޑު ދޫކޮށް ފުރާނަ ނިކުމެގެން ހިގައްޖެއެވެ.
ރިޝްމީ ދެލޯ ބޮޑުކޮށްގެން ފިރިމީހާއާ ދިމާއަށް ބަލަން އިނެވެ. އޭނާގެ މުޅިހަށިގަޑު ތުރުތުރު އަޅަނީއެވެ. އަދި ހާސްވެ ކަންބޮޑުވެގެން ގޮސް ދެކަންފަތުގައި ދެއަތް އަޅާފައި އޭނާ ބާރަށް ހަޅޭއްލަވައިގަތެވެ. ”ނޫނެކެވެ.“ ބިރުވެރި އަޑަކުން ހަޅޭއްލަވައިގެންފައި މަނޭޝްރާޖްގެ މޭމައްޗަށް ވެއްޓިގަނެގެން އޮވެ އޭނާ ބާރަށް ރޯން ފަށައިފިއެވެ. ނަމަވެސް އޭނާއަށް ރޮވުނީ ވަރަށްކުޑަ ވަގުތުކޮޅަކުއެވެ. ގިސްލެވުން ކެނޑިއްޖެއެވެ. ކަރުނަތައް ހިކިއްޖެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ؟ ދުނިޔޭގެ ކެހިވެރިކަން މިނަށްވުރެ ބޮޑަށް އިންސާނަކަށް އަނިޔާދޭން ފަށައިފިނަމަ އެމީހެއްގެ ލޮލުން ކަރުނަ ހިކި ގިސްލެވުމާއި ވޭނީ އާހްތައް ބަންދު ވެދާނެއެވެ. އަދި މީހާގެ މައްޗަށް ފާޑެއްގެ ދީވާނާ ކަމެއް ވެރިވެދާނެއެވެ. ރިޝްމީއަށްވީ ހަމަ އެގޮތެވެ. އޭނާ ދިރިއުޅޭނޭ ގެއެއް އާބާދުކުރީ ނުހަނު ބޮޑަށް ވިސްނާ ފިކުރު ކުރުމަށްފަހުގައެވެ. ނަމަވެސް އޭނާއަށް އާބާދު ކުރެވުނު ކަމަށް މިވީ ބިއްލޫރީގެ ގެއެކެވެ. ޖެހިލި އެންމެ މަޑުމަޑު ރޯޅިއަކުން އެވެއްޓި ކުދިކުދިވީއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.!! ބިއްލޫރީގެ!!!