މަނޭޝްރާޖް ދާރްޖަލަންގްގެ ހުރިހާ ތަނެއް ރިޝްމީއަށް ދެއްކިއެވެ. ރަށުމެދުގައި އޮންނަ ހަތަރު އަގޮޅިކަންމަތީގައި ހުރެގެން ޝިޔޫޖީގެ ޙަރަކާތްތެރި ބާރޯޒުގެ ބިމާއި ބޫޖިޔާ ފައްޅި ބެލިއެވެ. އަދި ބަރަޗް ފަރުބަދައިގެ މައްޗަށް އަރާހުރެ ދުރުން ފެންނަން އޮތް ފެހި ވިނަގަޑުގެ ތެރޭގައި ހުރި ރާޖް ބަވަންގެ ނޫ ގުއްބުކޮޅު ބެލިއެވެ. އަދ ިހަމަ އެފަރުބަދަ މަތީގައި ހުންނަ ހިމާލިޔަން މައުންޓް އެވަރެސްޓް އިންސްޓިޓިޔުޓްގެ ޢަޖާއިބު ޚާނާވެސް މަނޭޝްރާޖް އޭނާއަށް ދެއްކިއެވެ. ފަރުބަދަތަކުގެ ތެރޭގައި ކަރަންޓުން ދުއްވާ ކާރުގައިވެސް ދަތުރު ކުރުވިއެވެ. މިކާރު ފަރުބަދަތަކާއި އަޑިގުޑަން ވާދީތަކުގެ މަތިން ދަތުރު ކުރަން ފެށީމާ ރިޝްމީގެ ހިތް ބިރުން ގޮސް ތުރުތުރު އަޅައިގަތެވެ. ރިޝްމީ ގޮވައިގެން މިތަނަށް އަންނަމުން އާންޓީއާއި ރަތަންވެސް ގެނައުމަށް މަނޭޝްރާޖް އުޅުނެވެ. ނަމަވެސް މާކުރިން އެމީހުން ދާރްޖަލަންގްގެ ހުރިހާ ތަނެއް ބަލައިފިއެވެ. ވީމާ މިފަހަރު އެމީހުން ނައީއެވެ. މިބަހަނާ ދައްކައިގެން ރިޝްމީ ފެނުމާއެކު އޭނާ އައުމަށް ރަތަން ދެކޮޅު ހެދި ވަގުތު އޭނާގެ ހިތުގައި ކޮންމެވެސް ޒަޚަމެއް ހުރިކަން ރިޝްމީއަށް އިޙްސާސް ކުރެވުނީ ކީއްވެގެން ކަމެއް ނޭގެއެވެ. ކޮންމެއަކަސް އެއީ ވޭންދެނިވި ޒަޚަމެއްކަން ލަފާކުރެވެއެވެ. އަދި ހަމަ އެވަގުތު އޭނާ ދެކެ ޙަޤީޤަތުގައިވެސް ރަތަން ލޯބިވާ ކަމަށް އޭނާއަށް ޚިޔާލު ކުރެވުނެވެ. މިކަހަލަ ޚިޔާލެއް އައީތީ ރިޝްމީ ވަރަށް ދެރަވިއެވެ. އަދި ވަރަށް އަވަހަށް މޚިޔާލު ހިތުން ނެރެ އެއްލާލިއެވެ.
އަނެއްދުވަހު ފަތިހު ރިޝްމީ ގޮވައިގެން ޓައިގަރހިލްއަށް ދިއުމަށްޓަކައި ހަތަރެއް ޖެހިއިރު މަނޭޝްރާޖް އޭނާއަށް ގޮވާ ހޭލައްވައިފިއެވެ. ބަނާރަސީގެ ފަތިހަކީ ރީތި ކަމަށް މަޝްހޫރު ވަގުތެއް ކަމުގައި ރިޝްމީ އޮންނަނީ މާކުރިންވެސް އަހާފައެވެ. ނަމަވެސް އެކަން ޔަޤީން ކުރަން މަޖުބޫރުވީ ޓައިގަރ ހިލްމަތިން އިރުއަރާތަން ފެނުމުންނެވެ. އެތަނުން ފެންނަ މަންޒަރުތައް މޮޅު ލިޔުންތެރިއެއްގެ ނުވަތަ މަތިވެރި ޢިލްމުވެރިއެއްގެ ޤަލަމުން–ނޫންނަމަ އެއްވަނަ ދަރަޖައިގެ ކުރެހުންތެރިއެއްގެ ފިހިން ސިފަ ކުރެވޭ ވަރަށްވުރެވެސް މާމަތިވެރިއެވެ. އިރު އެރުމުގެ މާކުރިން ހުދު ކުލައިގެ ގަނޑުފެންތައް ރޭގަޑުގެ ކަނު އަދިރިކަން ފުރާލާފައި ފަތިހުގެ އުޖާލާ އަލި ފަތުރާލައިފިއެވެ. އިރު އޭގެ ހާލިން ދުނިޔެ މައްޗަށް ބޯދިއްކޮށްލުމުގެ ފަހުން ގަޑުފެންތަކުގެ ހުދުކުލައިގެ ތެރެއަށް މަޑުމަޑުން ފިޔާތޮށި ކުލައެއް ވެރިވަމުން ދާން ފަށައިފިއެވެ. އިރުކޮޅެއްގެ ފަހުން މިފިޔާތޮށި ކުލަ ވައިލެޓް ކުލައާއި ނާރިގު ކުލަ އެކުލެވޭ ވިދުވަރު ގަދަ ކުލައަކަށް ބަދަލުވެއްޖެއެވެ. މިގޮތަށް ތަފާތު ކުލަތަކަކަށް ބަދަލުވީފަހުން ބިމުގެ އުޑުން ނިކުމެގެން އުދަރެހުގެ މައްޗަށް އިރު އުފުލިލައިފިއެވެ. މިހާރު ފަރުބަދަތަކުގެ މަތީގައި އަލިފާން ރޯވީހެން ހިވާން ފަށައިފިއެވެ. ރިޝްމީގެ ސިކުނޑި ޤުދުރަތުގެ މިރީތި މަސައްކަތްތެރި ކަމާއި ހަމައަށް ހުވަފެނުގައިވެސް ފޯރުވައިނުލެވޭނެއެވެ. އެތަނުން އެނބުރިދަމުން ސިންޗަލް ކޯރާއި ބުދު ފައްޅިވެސް ރިޝްމީއަށް ދެއްކިއެވެ. އަދި ދިޔަމަގުމަތީގައި މަނޭޝްރާޖް ބުންޏެވެ. ”ރިޝްމީއެވެ. ދާރްޖަލަންގްގައި ބަލާނޭ ކިތަންމެ ތަނެއް އަދިވެސް އެބަހުއްޓެވެ. ނަމަވެސް އެހުރިހާ ތަނަކަށް ކަލޭ ގޮވައިގެން ދާނީ ދެން އަންނަ ފަހަރަކުންނެވެ. ކައިވެނީގެ ފަހުން އަހަރެމެން އެންމެ ފުރަތަމަ ދާނީ ސްވިޒަރލޭންޑްއަށެވެ. ހަނީމޫންއަށެވެ. ރަނގަޅު ހެއްޔެވެ؟“ މަނޭޝްރާޖް ހިނިތުންވެލާފައި ސަމާސާކޮށްލިއެވެ.
ރިޝްމީ ލަދުން އިސްދަށަށް ޖަހާލާފައި ކުޑަކޮށް ހީލިއެވެ.
މަނޭޝްރާޖާ އެކުގައި ރިޝްމީ ދާރްޖަލަންގްގައި ހުރީ އެންމެ ހަތަރު ދުވަހުއެވެ. މިހަތަރު ދުވަހުގެ ތެރޭގައި ރިޝްމީ ރަތަންއާ ބައްދަލުވާ ކޮންމެ ފަހަރަކު ރަތަން ހުންނަނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފއެވެ. ވަރަށްގިނަފަހަރު ރިޝްމީއާ ދިމާއަށް ބަލައިވެސް ނުލާ އެހެން ދިމާއަކަށް ރަތަން ހިގައިދެއެވެ. މިހެން ވާން ފެށުމުން ރިޝްމީގެ ޝައްކު ބޮޑުވާން ފެށިއެވެ. އޭނާއާ ދުރުގައި ހުންނަން ރަތަން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ހިތުގައި އޮތް ސިއްރު ލޯބީގެ ސަބަބުން އޭނާގެ ކައިރިއަށް އައުމަކީ ރަތަންއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވަނީހެއްޔެވެ؟ އޭނާ މަނޭޝްރާޖްގެ މިލްކަކަށް ވާތަން ފެނުނީމާ ރަތަންގެ ހިތް ޒަޚަމްވަނީ ހެއްޔެވެ؟ ރަތަން އޭނާދެކެ ލޯބިވިޔަސް ދެން ކުރެވޭނޭ ކަމެއް ނެތެވެ. އޭނާ އެއުޅެނީ ރަތަންގެ ބޭބެއާއި ކައިވެނި ކުރާށެވެ. އޭނާއަށް ޖެހޭނީ ދުވަހަކުވެސް ރަތަން ދެކެ ލޯބިނުވާ ކަމަށް ހެދިގެން ހުންނާށެވެ.
ލަކްނޫއަށް އައިސްފައި ހުރިހާ ވާހަކައެއް ރިޝްމީ އޭނާގެ ކޮއްކޮ އަރޫންއަށް ކިޔައިދިނެވެ. ހިތުގެ ހުރިހާ ސިއްރެއް ބުނެދިނެވެ. އޭނާ ވިސްނައިގެން ހުރީ ކިހިނެއް ހެއްޔެވެ؟ ވަމުން މިދަނީ ކޮންގޮތެއް ހެއްޔެވެ؟ މިހާރު އޭނާ އެއުޅެނީ މަނޭޝްރާޖްއާ ކައިވެނި ކުރާށެވެ.
”ދައްތަ ކުރާ ކޮންމެ ކަމެއްގެ ނިމުން ބަގްވާން ރަނގަޅު ކުރައްވާނެތެވެ.“ރިޝްމީގެ ކޮއްކޮ ހިތާމައާއެކު ބުންޏެވެ. އޭނާގެ ދައްތަ ޒުވާނެވެ. ރީއްޗެވެ. ދައްތައަކީ ފަޤީރު ކުއްޖެއް ނަމަވެސް އެމީހުންގެ ފެންވަރުގެ ޒުވާނަކު ލިބުނުނަމަ މާރަނގަޅުވީހެވެ. މުސްކުޅި މުއްސަނދި ކަމަކީ ކީއްކުރާނޭ އެއްޗެއް ހެއްޔެވެ؟
ކުޑަދުވަސްކޮޅެއްގެ ފަހުން އަރޫންގެ ފައިން ޕްލާސްޓަރތައް ކަނޑައިފިއެވެ. އޭނާއަށް ހިނގާބިގާވެ އުޅެވެން ފެށީމާ މަނޭޝްރާޖްއާއި ރިޝްމީގެ ކައިވެނީގެ ދުވަސް ކަނޑައަޅައިފިއެވެ. ލަކްނޫގެ ޢިއްޒަތްތެރިންނަށް މަނޭޝްރާޖްގެ ކައިވެނީގެ ކާޑު ލިބުމުން އެމީހުންގެ އުފަލުގެ ކޮޅެއް ނެތެވެ. އަދި ބައެއް މީހުންނަށް މިކަން ޤަބޫލެއްވެސް ނުކުރެވެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ؟ އެމީހުންގެ އަންހެން ދަރިން ނުވަތަ ކޮއްކޮއިން ދައްތައިންނާއި މަނޭޝްރާޖްގެ ކައިވެނި ކޮށްދިނުމަށް އެމީހުން ތިބީ ލޮލުން ބޮލުން އެދިއެދިއެވެ. ޕުޝްޕާދޭވީއަށް ކާޑު ލިބުނީމާ މިކައިވެންޏާމެދު ފިކުރުނުކޮށެއް ޕްރަބާރކަރްއަކަށް ނުހުރެވުނެވެ. ޔަޤީނެވެ. ރިޝްމީ މަނޭޝްރާޖްއާއި އެކައިވެނި ކުރަނީ މުދަލަށްޓަކައެވެ. ފައިސާގެ ޢިއްޒަތަށްޓަކައެވެ. އޭނާގެ އަތުގައި ފައިސާ ހުރިނަމަ ރިޝްމީއާ ކައިވެނި ކުރުމުގެ ބަދަލުގައި ރިޝްމީއަށް ކެހިދީގެން ދުވަސްކޮޅަކު އެކުގައި އުޅެވިދާނެއެވެ. ނަމަވެސް އޭނާގެ ފާރމް ވަރަށް ކުޑައެވެ. އަދި މިހާރު އެތަނުގެ ކަންތައްވެސް އެހާ ދެރައެވެ. މަސައްކަތުގައި އުޅުނު ކިތަންމެ ބައެއް ވަގު ތުހުމަތު އަޅުވައިގެން ވަކިކުރަންވެސް ޖެހިއްޖެއެވެ. މިހާރު އޭނާގެ މަންމަ އޭނާއަށް ފައިސާދިނުން ގާތްގަނޑަކަށްހެން ހުއްޓާލައިފިއެވެ. އޭނާވެސް މަނޭޝްރާޖްފަދަ މުދާވެރިއަކަށްވީނަމައެވެ. އޭރުން ފުރިހަމައަށް ޙަޔާތުގެ އުފާތައް ހޯދައިގަނެވުނީސްކަން ކަށަވަރެވެ.
މަނޭޝްރާޖްމެންގެ ކައިވެނީގެ ރަސްމިއްޔާތުތައް އަދާކުރެވުނީ ނުހަނު ސާދާ ގޮތަކަށެވެ. ކައިވެނީގެ ޕާޓީއަށް ދަޢުވަތު ދިނީ މަދުބަޔަކަށެވެ. ގާތް ތިމާގެ މީހުންނަށާއި ރައްޓެހި ރަޙްމަތްތެރިންނަށް އަދި ދެކެފަރިތަ ބައެއް މީހުންނަށެވެ. ނަމަވެސް ކައިވެނީގެ ދެވަނަރޭ މަނޭޝްރާޖްގެ ގޭގައި އޮތް ޕާޓީއަށް ރަށުގެ ހުރިހާ ޢިއްޒަތްތެރިންނަށް ދަޢުވަތު ދިނެވެ. ކައިވެނީގެ ޚާއްޞަ ޕާޓީ (އަލަތު އަނބިމީހާ ބަލާދާ) ގައި ރަތަންވެސް ބައިވެރިވިއެވެ. އެމީހުންނަށް ރިޝްމީގެ ގެއާ ހަމައަށް ދެވުނީމާ ހިތާމަވެރި ބެލުމަކުން ރަތަން އެއްފަހަރު އެގެއާ ދިމާއަށް ބަލައިލިއެވެ. އެއީ އަލަށް އާބާދު ކުރަން ފަށާފައިވާ އަވަށެއްގައި ހުރި ގެއެކެވެ.
މިއަވަށުގައި އެގެ ފިޔަވައި އަދި ހުރީ އެންމެ ދެގެއެވެ. ވަރަށް ދުރުގައެވެ. ބިންގާ އަޅާފައި ހުރި ދެތިން ތަނެއް ތަންކޮޅެއް ދުރުގައި ހުއްޓެވެ. މިހިސާބުގަޑު ރާޖްކުމާރީއާއި ރާޖާ ސާހަބްވެސް ރަނގަޅަށް ބަލާލިއެވެ. މިޕާޓީގައި މިސްޓަރ ތިޔާގީގެ މުޅިޢާއިލާވެސް ބައިވެރިވިއެވެ.
ކައިވެނީގެ އަނެއްދުވަހު ފަތިހު ރިޝްމީއާ ސަލާންކޮށްފައި މަނޭޝްރާޖް އޭނާގެ ގެއަށް އަތުވެއްޖެއެވެ. މިރޭގެ ޕާޓީއަށްޓަކައި މާކުރިއްސުރެ އެގެވަނީ ތައްޔާރު ކޮށްފައެވެ. ރިޝްމީ ގޮވައިގެން އައި ކާރު މަޑުކޮށްލީމާ ރިޝްމީ ފައިބައިފިއެވެ. އެވަގުތު މާޙައުލުގެ ރީތިކަމަށް އިތުރު ހަތަރު ހަނދު އަރައިގެންދިޔައެވެ. ރިޝްމީ ކާރުން ފޭބީމާ މަނޭޝްރާޖް އޭނާގެ އުނަގަޑުގައި މަޑުމަޑުން ހިފަހައްޓާލައިގެން ހުރެ ގޭތެރެއަށް ގެނެސްފިއެވެ. އަދި ބޮޑު ހޯލެއްކަހަލަ ކޮޓަރިއަކަށް ގެންގޮސް ސޯފާއެއްގައި ބައިންދާފައި ނުހަނު ކައިރީގައި އޭނާވެސް އިށީދެއްޖެއެވެ. ރިޝްމީ އައުމުން އެންމެންވެސް މިހާރު ތިބީ އުފަލުންނެވެ. ސްރޭޝްގެ ހެއްވާ މަޖާ ވާހަކަތަކުން ރިޝްމީގެ ހިތަށް ކުޑަ އުފަލެއް ލިބެއެވެ. އޭނާއަކީ އަލަތު އަންބެކެވެ. ވީމާ އޭނާ އިނީ އިސްދަށަށް ޖަހާލައިގެންނެވެ. އެގޮތަށް އިދެގެން ސްރޭޝް ދައްކާ ވާހަކައަށް ބައެއްފަހަރު ކުޑަކޮށް ހިނިތުންވެލައެވެ. އޭނާ ހިނިތުންވެލީމާ މަނޭޝްރާޖްއަށް ހީވަނީ މުޅިކާއިނާތުވެސް ހިނިތުންވެލާ ކަމުގައެވެ. މާގްރެޓާއި ރާޖްކުމާރީވެސް ރިޝްމީގެ ހިތް އުފައު ކޮށްދެވޭތޯ މަސައްކަތް ކުރެއެވެ. ރާޖްކުމާރީ މިހާރު ރިޝްމީދެކެ ކުޑަކޮށްވެސް ރުޅިއެއް ނާދެއެވެ. އޭނާގެ ޑެޑީ ބަދަލުވެފައިވާއިރު އޭނާ ބަދަލުނުވާންވީ ކީއްވެގެން ހެއްޔެވެ؟ ބައެއްފަހަރު ރާޖާ ސާހަބްވެސް ލޯތްބާއެކު ކޮންމެވެސް އެއްޗެއް ބުނެލައެވެ. ރިޝްމީގެ އަނެއް ފަރާތުގައި އިށީދެގެންއިން ސްމިތްރާދޭވީވެސް އިރުއިރުކޮޅުން ލޯބިވެތި ޖުމްލައެއް ބުނެލައެވެ. މިހުރިހާ އެންމެންގެ ލޯބި ލިބެން ފެށުމުން ރިޝްމީ އަމިއްލައަށްވެސް އޭނާއަކީ ނަޞީބުގަދަ ކުއްޖެއް ކަމުގައި ވިސްނަން ފެށިއެވެ. ނަމަވެސް ތޫނު ކައްޓެއްހެން އޭނާގެ ހިތަށް ހެރެމުންދާ އެއްކަމެއް އަދިވެސް އެބައޮތެވެ. އެއީ މިތަނުގައި ގޭގެ އެންމެންނާއި ގާތްތިމާގެ އަދި ރައްޓެހި ރަޙްމަތްތެރިން އެބަތިއްބެވެ. ނަމަވެސް ރަތަންއެއް ނެތެވެ. ރަތަންވީ ކޮންތާކު ހެއްޔެވެ؟ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ މިސުވާލު އެއްވެސް މީހަކާ ކޮށްލުމުގެ ހިތްވަރެއް އޭނާގެ ކިބައަކު ނެތެވެ. ރަތަންގެ ނަން ބުނުމުން އޭނާގެ ހިތުގެ ވިންދު އަވަހެއް ނުވާނޭ ހެއްޔެވެ. ރަތަން ހަދާންވިޔަސް އޭނާގެ ހިތް އެބަތެޅިގަނެއެވެ. ރިޝްމީ ތަފާތު ޚިޔާލުތައް ކުރަމުން ގެންދިޔަ ނަމަވެސް މިތާނގައި ވާހަކަ ދެއްކުމާއި އަނގަ ތެޅުމުގެ ސިލްސިލާ ދެމިއޮތެވެ. އެކަން ހުއްޓުނީ މެންދުރު ކެއުމުގެ ގަޑި ޖެހުނީމައެވެ. ކެއުމުގެ ގަޑި ޖެހުނުއިރު ރާޖާ ސާހަބްއާއި ރާޖްކުމާރީ އެގެއިން ހިގައްޖެއެވެ. ވީމާ ކެއުމަށްޓަކައި ކާކޮޓަރިއަށް ދިޔައީ ދެންތިބި މީހުންނެވެ. ކެއުމުގެ ވަގުތުގައި ރަތަންވެސް ބައިވެރިވާނޭ ކަމަށް ރިޝްމީ އުންމީދު ކުރިއެވެ. އަދި އެވަގުތު އޭނާގެ ހިތް ކޮންޓްރޯލް ނުކުރެވިއްޖެނަމަ ދެން ވާނެ ގޮތަކާމެދުވެސް ވިސްނިއެވެ. މޭޒުދޮށުގައި އިށީދެފައި ކަތި ބެލުމަކުން އެންމެންނާ ދިމާއަށް ރިޝްމީ ބަލާލިއެވެ. ޝުކުރު ހުއްޓެވެ. މިތަނަކަށްވެސް ރަތަން ނާދެއެވެ. މިކަމުން އޭނާއަށް އުފަލަކާއި ހިތާމައެއް ލިބުނެވެ. އަދި އޭނާ ރަތަންއާމެދު ވިސްނާލިއެވެ. ރަތަން ކޮބައިހެއްޔެވެ؟ ކާގަޑިއަށް ރަތަން ގެއަށް ނައީ ކީއްވެގެން ހެއްޔެވެ؟ މެންދުރުގެ ވަގުތުގައި އޭނާ ކުރަނީ ކީއްހެއްޔެވެ؟
ހުރިހާ މީހުން ކެއުމާއިގެން މަޝްޣޫލުވީފަހުން މަނޭޝްރާޖް އާންޓީއާ ސުވާލު ކުރިއެވެ. ”ރިޝްމީ ގޮވައިގެން އައިފަހުން ރަތަންއެއް ނުފެނެއެވެ. ކޮންމެވެސް ތަނަކަށް ދިޔައީ ހެއްޔެވެ؟“
”އޭނާވީ ތަނެއް އެއްގޮތަކަށްވެސް ނޭގެއެވެ.“ ސްމިތްރާދޭވީ ޙައިރާންކަން ފައުޅުކުރިއެވެ.
”ވަރަށް މުހިންމު ކަމެއް ޖެހުނު ވާހަކަ އަޅުގަނޑު ގާތު ބުންޏެވެ.“ ބަތްސުވަލެއް ނަގަމުން ސްރޭޝް ބުންޏެވެ. ”ބައިގަޑިއިރު ތެރޭގައި އަންނާނޭ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެމަނިކުފާނު އަދިވެސް ދައްކައެއް ނުލައެވެ.“
”ކޮންމެވެސް ކަމެއް މެދުވެރިވީކަންނޭގެއެވެ.“ މިފަހަރު ވާހަކަ ދެއްކީ މިސްޓަރ ތިޔާގީއެވެ. ”އިއްޔެއިން ފެށިގެން އެފަކީރު ޕާޓީގެ ކަންތައް ހަމަޖައްސަން ކޮޅުކޮޅަށް ދުވުނީއެވެ.“
މިއިން އެއްވެސް މީހެއްގެ ވާހަކައެއް ރިޝްމީއަކަށް ޤަބޫލެއް ނުކުރެވުނެވެ. ރަތަން އޭނާދެކެ ލޯބިވަނީކަން މިހާރު އޭނާއަށް ޔަޤީން ކުރެވެން ފަށައިފިއެވެ. އޭނާއާ ދުރުގައި ހުންނަން ރަތަން އެމަސައްކަތް ކުރަނީ ލޯބިވާތީއެވެ. ހިތް ކޮންޓްރޯލް ކުރުމަށްޓަކައެވެ. ނޫންނަމަ މިފަދަ ބަރަކާތްތެރި ދުވަހެއްގައި ގޭގެ މީހަކު ގެޔާ ދުރުގައި އުޅެފާނޭ ހެއްޔެވެ؟
ކައި ނިމުނުއިރު އެމީހުން ތިބީ މިރެއަށްޓަކައި މަސައްކަތް ކޮށްކޮށް ވަރުބަލިވެފައެވެ. ވީމާ އެމީހުން އަރާމުކޮށްލުމަށްޓަކައި ކޮޓަރިތަކަށް ހިގައްޖެއެވެ. މަނޭޝްރާޖްވެސް ރިޝްމީ ގޮވައިގެން އައު ކައިވެނީގެ ރެއަށްޓަކައި ތައްޔާރުކޮށްފައި ހުރި ކޮޓަރި ދައްކާލަން ހިގައްޖެއެވެ. ކޮޓަރިތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ރިޝްމީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއްފަރާތު ފާރުން އަނެއް ފަރާތުގެ ފާރާ ޖެހެންދެން އޮތީ މޮޅު ދޫލަ އަޅާފައެވެ. ކުރިމަތީގައި ނުހަނު ރީތި ޑަބަލް އެނދެއް ހުއްޓެވެ. އެނދު ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ޓެލެފޯނާއި، މޭޒުމަތީ ބައްތިއެއް އަދި އަޅިކެނޑިއާއި، މަދު ފޮތްކޮޅެއް ހުއްޓެވެ. މަނޭޝްރާޖް އޭނާ ގޮވައިގެން ގޮސް އެނދުގައި ބޭންދީމާ ގޮދަޑީގެ މަޑުކަމުން އެތަކެއް ހިސާބެއްގެ އަޑިއަށް އޭނާ ގޮވައިގެންދިޔައެވެ. ރިޝްމީ އެނދުގައި ބައިންދާފައި އޯގާތެރިކަމާއެކު މަނޭޝްރާޖް ބުންޏެވެ.
”ދެން ކަލޭ އަރާމުކޮށްލާށެވެ. ގޭތެރޭގެ ކަންތައް ހުރިގޮތެއް ބަލައިލާފައި އަހަރެން އެބަ އަންނަމެވެ. ހުރިހާ ކަމެއް ނޯކަރުންގެ އަތްމައްޗަށް ދޫކޮށްލައިގެން އަހަރެންގެ ހިތްހަމައެއް ނުޖެހޭނެއެވެ. ތަންކޮޅެއް ފަހުން ކަލެއަށް މުޅިގެ ދައްކާލާނަމެވެ. މިކޮޓަރިއާ ޖެހިގެން އެހެރީ ކަލޭގެ ހެދުން އަޅާ ކޮޓަރިއެވެ. އޭނާ ޖެހިގެންހުރި ދެކޮޓަރިއަކަށް އިޝާރާތްކޮށްލާފައި ބުންޏެވެ. މިދެކޮޓަރީގެވެސް ދޮރުހުރީ ރިޝްމީމެން ތިބޭ ކޮޓަރިތެރެއަށް ހުޅުވާފައެވެ. ”ކަލޭ ބަލައިލަން ބޭނުންނަމަ ބަލައިލާށެވެ. ނަމަވެސް ހަވީރުން އަމިއްލައަށް ނަލަ ހެދޭނޭ ކަމެއް ނެތެވެ. ކަލޭ ނަލަ ހެދުމަށްޓަކައި ކޮއްކޮގެ މަޝްހޫރު މޭކްއަޕް ގާރލްއެއް އަންނާނެއެވެ. އޭނާ މިވަގުތު ހުންނާނީ ހޮޓަލެއްގައެވެ. ދެން އެންމެ ރަނގަޅެވެ. މިހާރު އަހަރެން ގޮސްލަނީއެވެ.“ މަނޭޝްރާޖް އެނބުރި ދަމުން ރިޝްމީގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. ކޮޓަރިން ނިކުންނަން ދޮރުފަތުގައި ހިފާލުމާއެކު މަނޭޝްރާޖް ސިހިފައި ފަސް އެނބުރި ބަލައިލިއެވެ. އަދި ރިޝްމީއަށް ބުންޏެވެ. ”އަދި ބުނަން ހެއްޔެވެ؟ އެންމެބޮޑު ކަންތައް އަހަރެން ހަދާން ނެތިއްޖެއެވެ. ކަލޭ މިގެއަށް ގެނުވީތީ އަހަރެން އުފާވީވަރުން ކަލެއަށް ހަދިޔާ ދޭންވެސް ހަދާނެއް ނުވިއެވެ. މިހެން ބުނެފައި ކޮޓަރި ފާރުގައި ހަރުކޮށްފައި ހުރި ތިޖޫރީއަކާ ދިމާއަށް ހިގައިގެންފިއެވެ. އަދި ތިޖޫރީގެ ބޮޑެތި ނަންބަރުތައް އަނބުރައިގެން އެ ހުޅުވައިފިއެވެ. އޭގެ ތެރެއިން އޭނާ ނެގީ އޮޅާލާފައި އޮތް ކަރުދާސް ބޮނޑިއެކެވެ. އެހިފައިގެން ރިޝްމީގެ ކައިރިއަށް އައިސް އިށީދެފައި ކަރުދާސްތައް ރިޝްމީއާ ދިމާއަށް ދިއްކޮށްލިއެވެ.
”އަހަރެންގެ ހުރިހާ މުދަލަކާއި ފައިސާ ކަލެއަށް ލިޔެދީފީމެވެ. މިހާރު ރަތަންއަށް ހުންނާނީ ކޮންމެ ސަތޭއަކުން ދިހައެކެވެ. ދެން މިކަރުދާސްތައް ކަލޭ ރަނގަޅަށް ބަލަހައްޓާށެވެ. މީގެ ކޮޕީއެއް ފަނޑިޔާރު ގޭގައިވެސް އޮންނާނެއެވެ. ވީމާ މިކަރުދާސްތަކާހެދި ފިކުރު ބޮޑުކުރާނޭ ބޭނުމެއް ނެތެވެ.“
ރިޝްމީ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް…….އެހުރިހާ އެއްޗެތިން އޭނާ ކުރާނީ ކީއްހެއްޔެވެ؟ މިހާރު އޭނާގެ ހުރިހާވެސް އެއްޗަކީ އޭނާގެ ފިރިމީހާއެވެ. އިންކާރު ކުރުމަށްޓަކައި ރިޝްމީ އަނގަ ހުޅުވާލިއެވެ. ނަމަވެސް ފިރިމީހާގެ މިމަތިވެރި ލޯބީގެ ސަބަބުން އޭނާގެ ދޫ އޮތީ ތަޅުލެވިފައެވެ. ވީމާ ކަރުދާސްތަކުގައި ހިފުމުގެ ބަދަލުގައި އިޙްސާންތެރިކަމުގެ އޮއިވަރުގައި ޖެހިގެން ގޮސް އޭނާއަށް ހިފުނީ މަނޭޝްރާޖްގެ އަތުގައެވެ. އެވަގުތު މަނޭޝްރާޖް އެންމެ ފުރަތަމަ ދުވަސް ހަދާންވެގެން ދިޔައެވެ. އޭނާގެ އޮފީހުގައި ފައިސާގައި ހިފި ވަގުތު އޭނާގެ އަތުގައި ހިފައިގެން ހިތުގައި ލޯބީގެ އޮށް އިންދީ އެދުވަހުއެވެ. މިހާރު އެރިޝްމީ އެހެރީ އަބަދަށްޓަކައި އޭނާގެ ހިތުގެ މަލިކާއަކަށްވެފައެވެ.