ފަހަރި 26

ހޮޓެލްގެ ގޯތިތެރެއަށް ވަންނަމުން ރިޝްމީ ބަލާލިއެވެ. ކަންޗަންޗަންގް ފަރުބަދަ އޮއްސެމުންދާ އިރުގެ ރަތް ދަޅައިގެ ތެރެއިން ވަރަށްރީތިކޮށް މިހިސާބަށް ފެނެއެވެ. މާދުރުން ފެށިގެން ފެންނަން އޮތް މަންޒަރު ސިފަވަނީ ރަތްކުލައިގެ ދިގު ޗާދަރެއްގެ ރޫޖެހިފައިވާ ދާވަނި ފަތުރާލައިވާ ހެންނެވެ. ނަމަވެސް މިހިތްގައިމު މަންޒަރުތަކުންވެސް ރިޝްމީގެ ހިތުގެ އަވަސްވެފައިވާ ވިންދަކަށް ހަމަޖެހުމެއް ނައެވެ. ހަމަޖެހުމުގެ ބަދަލުގައި ކުރިއަށްވުރެވެސް ވިންދު އަވަސްވަމުން ދަނީއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. އެންމެ އުދަގޫ އިމްތިޙާންގެ ވަގުތު އައިސް މިއޮތީ އޭނާއާ ކުރިމަތިވެފައެވެ.

ހޮޓެލަށް ވަދެ ރަތަންމެންގެ ޕާޓީގެ ޚަބަރު މަނޭޝްރާޖް  އޮޅުންފިލުވިއެވެ. ހުރިހާ އެންމެންވީ ހިގާލާންގޮހެވެ. ހަވީރުގެ އުފާ ހޯދުމަށްޓަކައެވެ. އެކަން އެގުމުން ރިޝްމީގެ ހިތަށް ކުޑަހަމަޖެހުމެއް ލިބުނެވެ. ރިޝްމީގެ ހިތަށް ވަމުންދާ ގޮތެއް މަނޭޝްރާޖްއަކަށް ނޭގެއެވެ. ވީމާ އޭނާ ކޮޓރީގެ ކަންތައް ހަމަޖައްސާލުމުގެ ކުރިން އޭނާ ރިޝްމީގެ ޚިޔާލު ހޯދުމަށް ސުވާލުކުރިއެވެ.

”ކަލެއަށް ރަގަޅީ ވަކިކޮޓަރިއެއް ހެއްޔެވެ؟…….ނުވަތަ އަހަރެންނާ އެއްކޮޓަރިއެއްގައި ހުރެވިދާނެ ހެއްޔެވެ؟“

”ކަލާ ރުހިލައްވާ ގޮތެކެވެ.“ ތުރުތުރު އަޅާ އަޑަކުން ރިޝްމީ ޖަވާބު ދިނެވެ.

ކޮޓަރީގެ ކަންތައް ހަމަޖައްސަން އުޅުނު އުޅުމުގައި ހޮޓެލްގައި ޑަބަލް އެނދު ހުރި ކޮޓަރިއެއްވެސް އަދި ވަކިވަކިން ތިބޭނެ ނެތްކަން މަނޭޝްރާޖްއަށް އެގުނެވެ. ވީމާ އޭނާ ވިންޑްމޭޔަރ ހޮޓެލްއަށް ފޯނުކޮށްގެން ކޮޓަރިއެއް ހޯދުމަށްފަހު ރިޝްމީ ގޮވައިގެން އެތަނަށް ދިއުމަށް ހިގައިގެންފިއވެ. އެވަގުތު ހަމަޖެހުމުގެ ނޭވާއެއް ރިޝްމީއަށް ލެވުނެވެ. މިތާނގައި ރަތަންގެ ކައިރީގައި އުޅެން ވެއްޖެނަމަ ވާނޭގޮތް އެގޭނީ ހަމައެކަނި އޭނާއަށެވެ. ހޮޓެލަށް ގޮސް އެންމެ ފުރަތަމަ ހޫނުފެނުން އެމީހުން ފެންވަރާލިއެވެ. ދެން އެތަނަށް ގެނުވައިގެން ރޭގަޑުގެ ކެއުމަށް އިންޞާފު ކުރިއެވެ. ކެއުމުގެ ކުރިން މަނޭޝްރާޖް ކުޑަރާފޮދެއް ބޯލިއެވެ. އަދި ކައި ނިމިގެން ރިޝްމީއަށް ކޮފީ ގެނުވިއެވެ. ފިނި ނުހަނު ގަދައެވެ. ވީމާ ކޮންމެވެސް ރަނގަޅު ބުއިމެއް ބޯލުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ވެއިޓަރ ކޮފީ ތަށި ބަހައްޓާފައި ދިއުމުން މަނޭޝްރާޖް ގަޑި ބަލައިލިއެވެ. ދިހަގަޑި ބައިވާން އުޅެނީއެވެ. ވީމާ އޭނާ ރިޝްމީ ކޮފީތަށި ހުސްކުރަންދެން އިންތިޒާރުގައި އިނުމަށްފަހު ބުންޏެވެ. ”އާންޓީއާއި ރަތަންއާއި ބައްދަލުކޮށްލާފައި އަންނަން ހިގާށެވެ. މިހާރު އެމީހުން އެނބުރި އަތުވެދާނެކަންނޭގެއެވެ.“

ސާލު އޮޅައިލައިގެން މަނޭޝްރާޖްއާއެކު ރިޝްމީ ހޮޓެލުން ނުކުމެއްޖެއެވެ. މަގުމައްޗަށް ނިކުމެ ބަލައިލުމުން ހުދުކުލައާއި ކަޅުކުލަ އެކުލެވިފައިވާ ވިލާކޮޅުތަކުގެ ތެރޭގައި ހުރެގެން ހަނދު، ދުނިޔެއާ ފީކޯތް ކުޅޭތަން ރިޝްމީއަށް ފެނުނެވެ. ހަނދުވަރުގެ ރިހިއަލީގައި ދުރުދުރުން ފެންނަ ގަނޑުފެން ފައިބާފައިވާ ފަރުބަދަތައް ހީވަނީ ރިހިކުލައިގެ ދާވަންޏެއް ފަތުރާލާފައި އޮތްހެންނެވެ. މިރީތި މަންޒަރުތަކުގެ ތެރޭގައި އޮބްރާއޭ މައުންޓް އެވަރެސްޓްއާ ދިމާއަށް ހިގާފައި ދިޔައިރު މަނޭޝްރާޖް ހުރީ ނުހަނު ލޯތްބާއެކު ރިޝްމީގެ އަތުގައި ހިފާލައިގެންނެވެ. ރޭގަޑުގެ މިދަމުގައިވެސް ވަރަށްގިނަ ދެޖިންސުގެ މީހުން އެތާ އަތުގުޅާލައިގެން މާޙައުލުގެ ރީތިކަމުން ހިތް އުފާކުރަން ތިއްބެވެ. މިތާނގައި އެކަކާ ދިމާއަށް ބަލާލާނޭ އަނެކަކު ނޫޅެއެވެ. އެއްޗެއް ބުނާނޭ މީހެއް ޢަމްދުން ނެތެވެ. ހުރިހާ އެންމެން އުޅެނީ ތިމަ ތިމާމެންގެ ލޯބީގެ ދުނިޔެއަށް ގެބިގެންނެވެ.

ހޮޓެލަށް ވަދެފައި ރިޝްމީގެ އަތުން މަނޭޝްރާޖް ދޫކޮށްލިއެވެ. އަދި ކުރމަތީގައި ހުރި ދޮރެއްގައި ޓަކިޖަހާލިއެވެ. ދޮރު ހުޅުވުމުގެ ކުރިން ހިތުގެ ވިންދު ހަމައަކަށް އެޅުވޭތޯ ރިޝްމީ މަސައްކަތް ކުރިއެވެ.

”އެތެރެއަށް ވަންނަވާށެވެ.“ ކޮޓަރިތެރެއިން ޖަވާބު ލިބުނެވެ. މަނޭޝްރާޖް ދޮރުފަތުގައި އަތްޖައްސާލިއިރު ދޮރުފަތް ހުރީ ހުޅުވިފައެވެ. ކޮޓަރިތެރެއިން އިވުނު އަޑުގެ ވެރިޔަކީ ރަތަންއެވެ. ހަމައެކަނި މިއަޑަށްވެސް ރިޝްމީގެ ހިތުގެ ވިންދު ސައްތައަށް އަރައިގެން ދިޔައެވެ. ހިތުގެ މިނުކުޅެދޭ ޙާލުގެ މައްޗަށް ރަޙުމް ކުރެއްވުން އެދި އޭނާ ހިތާހިތުން ދުޢާކުރިއެވެ. އުދަގޫ ދަޑިވަޅެކެވެ. މަނޭޝްރާޖް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާގެ ފަހަތުން ރިޝްމީއަށްވެސް ވަންނަން ޖެހުނީއެވެ. ކޮޓަރިތެރޭގައި ފޯރި ވަރަށް ގަދައެވެ. މޭޒެއްގެ ދޮށުގައި ރަތަންއާއި ރާޖްކުމާރީ އަދި ސްރޭޝްއާއި މާގްރެޓް ތާސްކުޅެން ތިއްބެވެ. އެމީހުނާއި ކުޑަތަންކޮޅެއް ދުރުގައި ސްމިތްރާދޭވީ ކޮންމެވެސް އެއްޗެއް ވިޔަން އިނެވެ. ތާސްކުޅެން ތިބި ހަތަރު ޒުވާނުންމެ އަޅާފައި ތިބީ ނައިޓްގައުންއެވެ. ހީވަނީ އަރާމު ކުރުމުގެ ވަގުތުކޮޅެއް ހެންނެވެ. ކުޅުމުގެ ފޯރީގައި ތިބި ރަތަންމެންނަށް މަނޭޝްރާޖްއާއި ރިޝްމީ ފެނުމުން ކުޅުން ހުއްޓާލާފައި ފުންމައިގެން ތެދުވެއްޖެއެވެ. ރިޝްމީ ފެނުމާއެކު މޯޅިވެފައި އިން މަލަކަށް ޝަބްނަމްގެ ފޮނި ފޮދުވަރެއް އެކުވީމާ ފޮޅިގެންދާހެން ރަތަންގެ މޫނުވެސް ފޮޅިގެންދިޔައެވެ. ނަމަވެސް ރާޖްކުމާރީގެ މޫނުގައި ހުޅުރޯވުމެކޭ އެއްގޮތެވެ. އެމޫނު ފެނުނީ ތާޒާކޮށް ފޮޅިލާފައި އިން މަލެއް އިރުގެ ގަދަހޫނުން އަދައިގެންދާ މަންޒަރެވެ. އޭނާ ރިޝްމީއާ ދިމާއަށް ބަލާލީވެސް އަލިފާނުގެ ބެލުމަކުންނެވެ. ސްރޭޝްއާއި މާގްރެޓް މަނޭޝްރާޖްމެން އައިކަމަށްޓަކައި އުފާ ފައުޅުކުރިއެވެ. އަދި ސްމިތްރާދޭވީ ވެސް ތެދުވެގެން މަނޭޝްރާޖްމެންގެ ގާތަށް އައެވެ.

”އަސްތާ ބޭބޭއެވެ.“ ލޮލުގެ ކުޑަކޮޅުން ރިޝްމީއާ ދިމާއަށް ބަލާލާފައި ލިބިފައިވާ އުފާވެރިކަން ފޮރުވަމުން ރަތަން ވާހަކަ ދެއްކިއެވެ. ”ބޭބެމެން ދުރުވީ ކޮންއިރަކުތޯއެވެ؟“

ރަތަންގެ ކުރިމަތީގައި ރިޝްމީ ހުރީ ވަރަށް ބޮޑަށް ހަރުދަނާވެގެންނެވެ.

”އައީ މިރެއެވެ.“ މަނޭޝްރާޖް ބުންޏެވެ. ”އަހަރެމެން އައިއިރު މިތާނގައި އެއްވެސް މީހަކު ނެތެވެ. ވީމާ އެނބުރި ދިޔައީއެވެ.“ ”އެނބުރި ދިޔައީއޭ ހެއްޔެވެ؟“ ރަތަން ވަރަށް ބޮޑަށް ސިހުނެވެ. ”ކީއްވެގެންތޯއެވެ؟“ ބޭބެމެން ތިއްބަވަނީ މިތަނަކު ނޫންތޯއެވެ؟“

”މިތަނުގައި ހުސް އެންމެ ކޮޓަރިއެއްވެސް ނެތެވެ.“ މަނޭޝްރާޖް ބުންޏެވެ.

ރަތަން އަމިއްލަ ނަޞީބު މިކަމުގެ އިލްޒާމް އެޅުވިއެވެ. ރިޝްމީއަށް މިހޮޓަލުގައި ހުރެވުނުނަމަ ވަރަށް އަވަހަށް އޭނާގެ ހިތުގެ ޙާލު ފައުޅު ކުރެވިއްޖައީހެވެ. ނަމަވެސް އަދި އޭނާ އެއުއްމީދު ކަޑައެއް ނުލައެވެ. ރިޝްމީ ގޮވައިގެން ތަންތަނަށް ގޮސްލާނޭ ފުރުޞަތު ލިބިއްޖެނަމަ އޭނާގެ ހިތް ލަންބާލެވިދާނެއެވެ.

”ބޭބޭއެވެ. އިށީންނަވާށެވެ. ރިޝްމީވެސް އިށީންނެވުން އެދެމެވެ.“ ރަތަން އުފަލުން ދީވާނާވަނީއެވެ. މަނޭޝްރާޖްމެން އިށީނުމަށްޓަކައި އޭނާ ގޮޑިސެޓަކާ ދިމާއަށް އިގިލި ދިއްކޮށްލިއެވެ. ”އިށީންނާނަމެވެ. ނަމަވެސް އެންމެ ފުރަތަމަ ކަލޭމެންނަށް ވަރަށް ރަނގަޅު ޚަބަރެއް އިއްވާލާނަމެވެ.“ މަނޭޝްރާޖް މިހެން ބުނެފައި ރިޝްމީއާ ދިމާއަށް ބަލާލިއެވެ. އަދި ރިޝްމީގެ ފުރަގަހަށް އަތްގެންގޮސް އަނެއްފަރާތު އަތުގައި ހިފަހައްޓާލާ ކައިރިއަށް ދަމާލިއެވެ. މަނޭޝްރާޖްގެ މިޙަރަކާތުން ކޮޓަރިތެރޭގައި ހައިޖާނެއް އުފެދިއްޖެއެވެ. އެންމެން ކަންބޮޑުވެއްޖެއެވެ. ރަތަންގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ.

”މިއިއްވަން އުޅޭ އުފާވެރި ޚަބަރަކީ އަހަރެން ވަރަށް އަވަހަށް ރިޝްމީއާ ކައިވެނި ކުރަންއުޅޭ ޚަބަރެވެ.“ ރަތަން ޙައިރާންކަންމަތީގައި ހުއްޓާ މަނޭޝްރާޖްގެ އެޚަބަރު އިއްވާ ނިމިއްޖެއެވެ.

”މަރްޙަބާ“ ސްރޭޝް އުފައު ފައުޅު ކުރުމުގެ ގޮތުން ބާރަށް ގޮވާލިއެވެ. އަދި މާގްރެޓްވެސް ސްރޭޝްއާ ބައިވެރިވެލިއވެ. އެމީހުންގެ އަޑު ހަމަގައިމުވެސް ކޮޓަރިން ބޭރަށް އިވޭނެއެވެ.

އެންމެން އުފައު ފައުޅު ކުރި ނަމަވެސް ރަތަންގެ ހިތުގައި ބޮމެއް ގޮވުމެކޭ އެއްގޮތެވެ. އޭނާގެ ހިތް ފެޅި ކުދިކުދި ވެއްޖެއެވެ. އޭނާގެ ހުވަފެނުގެ ގަޑުވަރު ވެއްޓި ވިއްސި ވިހާލި ވެއްޖެއެވެ. ލޯބީގެ ކުޅިގަޑުގައި ބަލިވެއްޖެއެވެ. އަދި އެއްވެސް އިޚްތިޔާރަކާ ނުލައި އޭނާއަށް ބުނެލެވުނެވެ. ”ނަމަވެސް ބޭބޭ…….ބޭބެގެ ޢުމުރު…….“ ޖުމްލަ ނިންމާލާނޭ ހިތްވަރެއް އޭނާގެ ކިބައަކު ނެތެވެ.

”ޢުމުރުން ދޮށިވީމާ ވާނީ ކީއްހެއްޔެވެ؟ ކުއްލިއަކަށް ސްރޭޝް އެދޭތެރެއަށް އަނގަ ބާނާލިއެވެ. ”ލަންޑަނާއި އެމެރިކާގެ ސާޅީސް އަހަރުގެ  ތަފާތުވެސް ހުރެއެވެ. ނަމަވެސް އެމީހުންވެސް ހުނުމާއި އުފަލުގައި ޙަޔާތް ވެއަތު ކޮށްލައެވެ.“

”އެއީ ހަމަ ތެދެކެވެ.“ މާގްރެޓްވެސް ބައިވެރިވެލިއެވެ.

އެއްފަރާތެއްގައި ހުރި ރާޖްކުމާރީ ބަނޑިލައްވަމުން އައިސް ރިޝްމީގެ ކައިރިއަށް ހުއްޓިފައި ބުންޏެވެ. ”ތެދެއް ހެއްޔެވެ؟ އަހަރެމެންގެ ފަހަރިއަކަށް ވުމުގެ ހުވަފެން ކަލޭ ދެކެނީ ހެއްޔެވެ؟“

”މިއީ ހުވަފެނެން ނޫނެވެ. ޙަޤީޤަތެކެވެ.“ މަނޭޝްރާޖް ނުރުހިފައި ބުންޏެވެ. ރަތަންއެކޭ އެއްފަދައިން ކަލޭމެންވެސް ރިޝްމީއަށް ޢިއްޒަތްތެރިކޮށް ހިތަންވާނެއެވެ.

ރާޖްކުމާރީ އަނގަ ހަދާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ. އޭނާ ކުޑަކޮށް ވިސްނާލިއެވެ. މިހާރު އޭނާގެ ބިރު ކެޑިއްޖެއެވެ. އަދި ހިތްހަމަޖެހިއްޖެއެވެ. ރަތަން ދެން ހުންނާނީ ހަމައެކަނި އޭނާއަށްޓަކައި ރައްކައުތެރިވެފައެވެ.

ކޮޓަރީގައި އަޑުފަށްގަނޑު ގަދަވެގެން އުޅެނިކޮށް ރާޖާ ސާހަބް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ވެގެންއުޅޭ ގޮތެއް އޮޅުންފިލުވުމަށް އެމީހުންނާ ސުވާލުކުރިއެވެ. ”އައްދޭ! ތިޔަކުދިންނަށް ތިޔަވަނީ ކީއްހެއްޔެވެ؟ މާބާރަށް ހަޅޭއްލަވަނީ ކާކުހެއްޔެވެ؟“

މިހާތަނުން ރިޝްމީއާއި މަނޭޝްރާޖް ފެނިފައި އޭނާ ސިހުނެވެ. ”އޯހް! މަނޭޝްރާޖޫއެވެ. ކަލާ ދުރުވީ ކޮންއިރަކުތޯއެވެ؟“

”އައީ މިރޭ އިރުއޮއްސުނު ފަހުންނެވެ.“ މަނޭޝްރާޖް ޖަވާބުދިނެވެ.

”އެހެންވިޔަސް މިހާބޮޑަށް އަޑުގދަކޮށް ހަޅޭއްލެވުމުގެ އޮތީ ކޮންބޭނުމެއް ހެއްޔެވެ؟“

”މަނޭޝްރާޖް ބޭބެ ރިޝްމީޖީއާ ކައިވެނި ކުރައްވަނީއެވެ.“ ސްރޭޝް އުފާ ފައުޅުކުރަމުން ބުންޏެވެ. ”އެކަމުގެ އުފަލުގައި އަޅުގަނޑުމެން މަރްޙަބާ ކިޔަނީއެވެ.“ ރާޖާ ސާހަބް ސިހުނެވެ. އަދި އެކަން އޭނާއަށް ޤަބޫލެއްވެސް ނުކުރެވުނެވެ.

”ލައްބައެވެ. ރާޖާ ސާހަބްއެވެ.“ މަނޭޝްރާޖް އެކަން ޔަޤީންކޮށްދިނުމަށްޓަކައި ބުންޏެވެ. ”އަޅުގަނޑު މިއުޅެނީ ރިޝްމީއާ ކައިވެނި ކުރާށެވެ.“

”މުބާރަކްއެވެ.“ ރާޖާ ސާހަބްގެ ކުޑަކުޑަ ދެތުންފަތް ފަތުރާލާފައި އުފައު ފައުޅުކުރިއެވެ. ”ތިޔަ ހަމަޖެހުނީއެވެ.! ދެން ރިޝްމީ އަހަރެމެންނާ އެކުގައި އުޅުމުން އަހަރެމެންނަށް އުފައު ލިބޭނެއެވެ. ޔަޤީނެވެ. ރިޝްމީ ދަރިފުޅާއެވެ.“ އޭނާ ރިޝްމީ އޭނާގެ ކުރިމައްޗަށް ގެނެސް ލޯތްބާއެކު ރިޝްމީގެ ބޮލުގައި އަތް ބާއްވާލާފައި ބުންޏެވެ. ”މަނޭޝްރާޖްގެ ގެ އާބާދުކޮށްދީގެން އަހަރެމެންނަށް ކަލޭ ތިޔަކޮށްދިނީ ވަރަށްބޮޑު ހެޔޮކަމެކެވެ. ދަރިފުޅު ތާއަބަދު އުފަލުގައި ލަހައްޓަވާނެތެވެ.“

ރާޖާ ސާހަބަށްޓަކައި ރިޝްމީގެ ހިތް ޢިއްޒަތާއި އިޙްތިރާމުން ފުރިގެން އައެވެ. އަދި އޭނާ ހިތާހިތުން ރާޖާ ސާހަބަށް މަޢާފް ކުރިއެވެ. މިފަހަރު ޑެޑީގެ ޢަމަލު ހުރިގޮތުން ރާޖްކުމާރީ ޙައިރާންވިއެވެ. އަބަދު ތިމާމެންގެ އަބުރާ ޢިއްޒަތަށް މަތިވެރިކަމާއި ދަރަޖައަށް ފުރާނަ ދެއްވަން ތައްޔާރަށް ހުންނަވާ ޑެޑީ މިހާ އަވަހަށް ބަދަލުވާނޭ ކަމަކަށް އޭނާގެ ހިތަށްވެސް ނާރައެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާއަށް ވީގޮތް ލަފާކޮށްލެވިއްޖެއެވެ. ރިޝްމީގެ ފުށުން ރަތަންއަށް ކޮންމެވެސް ބިރުވެރި ކަމެއް މެދުވެރިވެދާނެ ކަމަށް ޑެޑީއަށް ޝައްކުވެލެއްވީކަން ނޭގެއެވެ. މިހާރު ޑެޑީގެ ދަރިފުޅުގެ މުސްތަޤްބަލް ރަތަންގެ އަތްމަތީގައި ރައްކައުތެރިވެފައިވާތީ ހިތްހަމަޖެހިލެއްވީއެވެ. ރަތަންގެ ޙާލު އެހެން މީހުންނާ ވަރަށް ތަފާތެވެ. އޭނާއަކަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. އޭނާ ކުރާނީ ކީއްހެއްޔެވެ؟ ބުނާނީ ކީކޭހެއްޔެވެ؟ ވީމާ އޭނާ ހަމަހިމޭންކަމާއެކު ރިޝްމީގެ އިގިލީގައި އޮތް އަލިމަހުގެ އަގޮޓިއާ ދިމާއަށް ބަލަން ހުރީއެވެ. އެއަގޮޓި އެޅުވީ އޭނާގެ ބޭބެގެ އަތުންކަންނޭގެއެވެ. އޭނާގެ ހިތް އެދެނީ ރޮއިގަތުމަށެވެ. ނަމަވެސް އޭނާއަށް ޖެހޭނީ އުފާ ފައުޅުކުރާށެވެ. އެކަމަކު އެއީއަކީ ވެވޭނޭ ކަމެއް ނޫނެވެ. އަދި ކަރުނައެއްވެސް އޭނާއަކަށް ނުއޮއްސޭނެއެވެ. އޭނާ ކެތްތެރިވާން ޖެހޭނެއެވެ. ބޭބެއަށްޓަކައެވެ. ބޭބެގެ އުފަލަށްޓަކައެވެ. ބޭބެއަށްޓަކައި ކޮންމެކަމެއް ކުރަންވެސް އޭނާ ހުންނަންވާނީ ތައްޔާރުގައެވެ. ވަކިކަމަކަށް ފަސްޖެހިގެން ނުވާނެއެވެ. މަންމަދެކެވެސް ނުވާހާ ލޯބި ބޭބެދެކެ އޭނާވެއެވެ. ދެރަވެގެން ނުހުރެ އޭނާ ރިޝްމީއާ ދިމާއަށް ބަލާލިއެވެ. ހިތުގައި ކެތްތެރިކަމުގެ ހިލަ ބާއްވާލިއެވެ. އަދި ރިޝްމީގެ ގާތަށް ޖެހިލިއެވެ. އެވަގުތު ރިޝްމީގެ ހިތް ތެޅިގަތެވެ.

”އެތަކެއްފަހަރު މުބާރަކްބާދު އަދާކުރަމެވެ. ކަލާ އަޅުގަނޑުގެ ބޭބެގެ ގެ އާބާދު ކުރައްވާފައި އަޅުގަނޑުމެން އެންމެންގެ މައްޗަށް އިޙްސާންތެރިވެ ލައްވައިފީމުއެވެ.“ ވާހަކަ ދައްކަ ދައްކާ ހުއްޓާ ރަތަންގެ އެސްފިޔަތައް ތެމިއްޖެއެވެ. ރިޝްމީ ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. ވީމާ، ރަތަންއަށް ކުރި އަސަރެއް އޭނާއަކަށް ނުފެނުނެވެ.

”އާއެކެވެ. ދަރިފުޅާއެވެ.“ ސްމިތްރާދޭވީވެސް ކައިރިއަށް އައިސް ރިޝްމީގެ ބޮލުގައި އަތް ފިރުމާލާފައި ހެޔޮދުޢާ ކުރަމުން ބުންޏެވެ. ”އެތަކެއް އަހަރުއްސުރެ އަހަރެމެންނަށް ނުކުރެވިފައި އޮތް ކަންތައް ކަލޭ ތިޔަކޮށްދިނީއެވެ. ދަރިފުޅު ތާއަބަދު ލަހައްޓަވާނެތެވެ.“

ސްމިތްރާދޭވީގެ ހެޔޮދުޢާ ލިބުމުން ރިޝްމީގެ ހިތުގެ ބުރަ ލުއިވެގެން ހިގައްޖެއެވެ. އަދި އެރޭ ޕާޓީގައި ރަތަން ބުނަން އުޅުނީ މިވާހަކަކަން ރަތަންގެ މުބާރިކްބާދު ބަލައިގަތް ވަގުތު ރިޝްމީއަށް  ޔަޤީންވިއެވެ. އަދި މަނޭޝްރާޖްއަށްޓަކައި އޭނާގެ ހިތުގައި ޢިއްޒަތުގެ އިތުރުން ލޯބިވެސް އުފެއްދުމަށް އެވަގުތުން ފެށިގެން އޭނާ މަސައްކަތް ކުރަން ފެށިއެވެ. މިމަސައްކަތުގައި ކާމިޔާބު ކުރެވޭނެ ކަމެއް އޭނާއަކަށްވެސް ލަފައެއް ނުކުރެވެއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.