ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 27

ސުލްޠާން އައްޔޫބީ ފޮނުއްވި ސަވާރީން ބާލިޔާންމެން ގައިދީ އަންހެން ކުދިން ސަލާމަތް ކުރި ހިސާބަށް ދިއުމަށްޓަކައި ވަގުތު ނަގާނުލާ ރޭގަނޑުގެ އަނދިރީގައިވެސް ދަތުރުކުރަމުން ދިޔައެވެ. މަގުދައްކާމީހާ ކުރީގައި ހުރެގެން ދަތުރުކޮށްފައި އެދިޔަގޮތަށްގޮސް އެމީހުނާއި ހަމަލާދިން މަގާމް އައްޔޫބީގެ ސަވާރީންނަށް ދައްކައިފިއެވެ. ދެން އެސަވާރީން އެމީހުންގެ ކޮރުދަންތައް ރޯކޮށްގެން އެތަންބަލަން ފަށައިފިއެވެ. – ރޮބިންއާއި އޭނާގެ އެކުވެރިންނާއި އަންހެން ކުދިން ބަލަހައްޓަން ފޮނުއްވި ގާރޑުންގެ މުޅަމަސްތައް މައިދާންގެ އެތަންމިތަނަށް އުކާފާހުއްޓާ ފެނުނެވެ. އޭރުވެސް ސަހަރާގެ ހިޔަޅުތައް އެމަސްތައް ވީދައިގެން ކާންތިއްބެވެ. ނަމަވެސް އަސްވާރުން ފެނުމުން އެސޮރުމެން ދުވެ ރައްކައުވެއްޖެއެވެ.

މަގުދައްކާމީހާ ކޮރުދަނެއް ހިފައިގެން ކޮމާންޑަރ ގޮވައިގެން ބިންމައްޗަށް އަލި ކުރަމުން އަސްތައް ދަތުރު ކޮށްފައިދިޔަ މަގުދައްކަމުން ގެންދިޔައެވެ. – ނަމަވެސް އަސްތަކުގެ ފިޔަވަޅުތަކުގެ ނިޝާންތައް ހުރިލެއް ފަނޑުކަމުން ރޭގަނޑުގެ އަނދިރީގައި އެއަސްތައް ދަތުރު ކޮށްފައިދިޔަ ވަކި ދިމާއެއް އޮޅުފިލާގޮތެއް ނުވިއެވެ. ވުމާއެކު ސީދާ އެދިމާ ފާހަގަކޮށްގެން ދަތުރު ކުރުމުގެ އުދަގޫކަން ހުރިވަރު ވިސްނޭތީއާ ވަކި މިސްރާއެއްނެތި ދަތުރުކުރަން ހަދައިގެން މަގުއޮޅިދާނޭތީ އެރޭގެދެން އޮތްބައި އެތަނުގައި މަޑުކޮށްގެން ތިބެފައި އިރުއެރުމުން ދަތުރަށް ފެށުމަށް ކޮމާންޑަރ ނިންމިއެވެ.

ޞަލީބީންގެ ޕާރޓީގެ ކޭމްޕުގެ އެންމެންވެސް ތިބީ ހޭލައެވެ. ލިނުމަތިވެރި ކާމިޔާބަށްޓަކައި އެމީހުން އުފާކުރަނީއެވެ. މަޖާ ނަގަނީއެވެ. – އެރޭ ނިދާކަށް އެމީހުން ގަސްދެއް ނުކުރެއެވެ. އެގޮތަށް މަޖާނަގަން ތިބެފައި ފަޖުރުގެ އަލިވުމުން ރޫމްގެ ކަނޑާއި ދިމާއަށް ދަތުރު ފެށުމަށް އެމީހުން އޮތީ ނިންމާފައެވެ.

”އަހަރެމެންގެ ހަނގުރާމަ އަދި ފަތަހައެއް ނުކުރެވެއެވެ. – ޞުލްޠާން އައްޔޫބީ ގަތުލު ކުރުން އަދި އޮތީއެވެ.“ އެކަކު އަނެކަކަށް ވާހަކަ ދައްކަމުންގޮސް މެގުނާނާ މާރިއޯސް ބުންޏެވެ.

”އަންހެން ކުދިންގެ ފަހަތުން ގާހިރާއަށް ދެވުނު ނަމަ ފަހަރެއްގައި އެމަނިކުފާނު ގަތުލު ކުރެވިއްޖެއީހެވެ.“ މެގުނާނާ މާރިއޯސް ދެއްކި ވަހަކައިގެ ޖަވާބުގައި ކޮމާންޑަރ ބުންޏެވެ.

”މިހާރު އެކުދިން އެތިބީ ގާހިރާއާއި މާދުރުގައެވެ. ވީމާ، އެމަނިކުފާނު ގަތުލު ކުރުމުގެ ޕްރޮގްރާމްތައް މިހާތަނަށް ނިންމާލަންވީއެވެ.“

”ނޫނެކެވެ. އެއީ އަހަރެން ރޭވި ޕްރޮގްރާމްއެކެވެ. – މަރު ފިޔަވައި އެހެން އެއްވެސް ބާރަކަށް އެޕްރޮގްރާމް ނިންމައެއް ނުލެވޭނެއެވެ.“ މެގްނާނާ މާރިޔާސް ފޯރީއާއެކު ބުންޏެވެ.

”ސުލްޠާން އައްޔޫބީ ގަތުލު ކުރާނެކަމަށް ބުނެ އަހަރެން ހުވާކުރީމެވެ. ވީމާ އަހަރެންގެ އެހުވައަކީ ތެދުހުވައެއް ކަމުގައި އަހަރެން ހަދާނަމެވެ. އެކަމަށްޓަކައި ހިތްވަރުހުރި ފިރިހެނަކާއި މީގެތެރެއިން އަންހެން ކުއްޖަކު އަހަރެން ބޭނުމެވެ.“

”އަހަރެމެން ކުރަންވީކަމެއް ނިންމާނީ ޚުދު އަހަރެންނެވެ.“ ކޮމާންޑަރ ބުންޏެވެ. ”އަހަރެންގެ އަމުރަށް ކިޔަމަންވުމަކީ ކަލޭމެން އެންމެންގެ ވާޖިބެކެވެ.“

”އެއްވެސް މީހެއްގެ އަމުރައް ކިޔަމަންވާކަށް އަހަރެންނަކަށް ނުޖެހެއެވެ.“ މެގުނާނާ މާރިއޯސް ބުންޏެވެ. ”ކަލޭމެން އެންމެނަކީވެސް ﷲގެ އަމުރުފުޅަށް ކިޔަމަންވާންޖެހޭނޭ މީހުންނެވެ.“ މެގުނާނާ މާރިއޯސް މިހެން ބުނުމުން ކޮމާންޑަރގެ ގާތަށް ރުޅިއައިސްގެން އެއްޗެތި ކިޔައިގެންފިއެވެ. އެވަގުތު މެގުނާނާ މާރިއޯސް ބަލާކަށް ނުހުރެ ކަމަރުގައި ހުރި ކަނޑި ދަމައިގެންފައި ކޮމާންޑަރާއި ހަމަލާ ދީފިއެވެ. – އެތަން ފެނުމުން ދެންތިބި މީހުން އަވަސްއަވަހަށް އައިސް އެދޭތެރެއަށް ވަދެގެންފިއެވެ.

”އަހަރެންނަކީ ވަރަށް ނަސީބް ކުޑަ މީހަކީމެވެ.“ މެގުނާނާ މާރިއޯސް ރުޅިވެރިކަމާއެކު ބުންޏެވެ. އަހަރެންނަކީ ކުށާއި ނާއިންސާފްގެ ދެމެދުގައި ހޫރިހޫރިހުރި މީހަކީމެވެ. ތިރީސް އަހަރު ދުވަހަށް ޖަލަށްލުމަށް އަހަރެންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކީއްވެގެންކަން ކަލޭމެންނަށް އެގޭހެއްޔެވެ؟ އެންމެ ސޯޅަ އަހަރުވީ އަހަރެންގެ އަންހެން ކޮއްކޮ ވަގަށްނަގާފައިވާތާ ފަސްއަހަރު ވެއްޖެއެވެ. އަހަރެންނަކީ ވަރަށް ނިކަމެތި ފަގީރަކީމެވެ. އަހަރެންގެ ބައްޕަވަނީ މަރުވެފައެވެ. ދުނިޔޭގައި އިންނަމަވެސް މަންމައަކީ ލޯ އަނދިރި މީހެކެވެ. އަހަރެންނަކީ ޅަދަރީންތަކެއްގެ ބައްޕައަކީމެވެ. – އަހަރެން ބުރަ މަސައްކަތް ކޮށްގެން މިއެންމެންގެ ބަނޑުފުރާ މުއްތިކޮށްދެމުން ގެންދިޔައީމެވެ. – އަހަރެން ފައްޅިއަށްގޮސް އެތަނުގައި ޞަލީބަށް އަރުވާފައި ހަދާފައިހުންނަ ޔޫސުފް މަސީހުގެ ބުދާއި އެތަކެއްފަހަރު ސުވާލުކުރީމެވެ. އަހަރެން މިހާ ފަގީރުވީ ކީއްވެގެންތޯ އަހާ ހެދީމެވެ. ދުވަހެއްގައިވެސް އަހަރެން ފާފައެއް ނުކުރާކަމަށާއި ތެދުވެރިކަމާއެކު މަސައްކަތް ކޮށްގެން ފައިސާފޮތި ހޯދާކަމަށާއި ރެއާއި ދުވާލުގެ ބުރަ މަސައްކަތް ކޮށްގެންވެސް އަނބިދަރިންނާއި މައިމީހާއާއި ކޮއްކޮމެންގެ ބަނޑުފުރާ މުއްތި ކޮށްދެވޭވަރުގެ އެތިކޮޅެއް ނުލިބެނީ ކީއްވެގެންތޯއާއި އަހަރެންގެ މައިމީހާގެ ލޯއަނދިރި ކުރެއްވީ ކީއްވެގެންތޯ ދަންނަވާ ޝަކުވާ ކުރީމެވެ. ނަމަވެސް އެބުދުގެ ފަރާތުން އަހަރެންނަކަށް އެއްވެސް ޖަވާބެއް ނުލިބެއެވެ. މިހެން އުޅެނިކޮށް އަހަރެންގެ ބިކުރުވެރި ކޮއްކޮވަގަށް ނަގައިފިއެވެ. އެފަހަރުވެސް އަހަރެން ފައްޅިއަށްގޮސް އަހަރެންގެ ކޮއްކޮގެ ބިކުރުވެރިކަން ރައްކައުތެރި ނުކުރެއްވީ ކީއްވެގެންތޯއާއި، އެ މައުސޫމްއަންހެން ކުއްޖާގެ ކުށަކީ ރީތި ސޫރަތޯއާއި މިކަހަލަ ސުވާލުތަކެއް މަރިޔަމްގެ ބުދާއި ކުރީމެވެ. ނަމަވެސް ޔޫސުފް މަސީހުގެ ބުދު ފަދައިން މަރިޔަމްގެ ސޫރާގައި ހަދާފައި ހުރި ބުދުވެސް އަހަރެންނަކަށް ޖަވާބެއް ނުދިނެވެ. އެކަމާ އަހަރެން މާޔޫސްވެ ދެރަވެގެން ހުއްޓާ ކޮންމެވެސް އައްޔާޝީ އަމީރަކު އަހަރެންގެ ކޮއްކޮ ވަގަށްނަގައިގެންގޮސް ފޮރުވައިގެން އުޅޭ ވާހަކަ ރައްޓެއްސަކު ބުނެފިއެވެ. މިބުނި އަމީރަކީ އެހަކަލަ ޅައަންހެން ކުދިން ވަގަށްނަގައިގެން ގެންގޮސް އެކުދިންގެ ހަށިތަކާއި ކުޅެން ދުވަސްކޮޅަކު ގެންގުޅެފައި އެއްވެސް މީހަކަށް ނޭގޭކަހަލަ ތަނަކަށް ފޮނުވާލާ މީހެއް ކަމުގައި އޭނާ ބުންޏެވެ. – ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއަމީރަކީ ރަސްގެފާނުގެ ދަރުބާރުގެ މީހެކެވެ. ރަސްކަމުގެ ފަރާތުން އިއްޒަތާއި ގަދަރުގެ ކަނޑި ދެއްވާފައިހުރި މީހެކެވެ……. ނުބައި ފާފަތައް ކޮށްކޮށް ހުރުމާ އެކުވެސް ދުނިޔޭގެ ގާނޫނު އޮތީ އޭނާއާއި އެއްކޮޅަށެވެ…… އެކަން އެގިހުރެމެ އެއްދުވަހަކު އަހަރެން އަމީރުގެ ހަވޭލީއަށްގޮސް އަހަރެންގެ ކޮއްކޮ އަނބުރާ އަހަރެންނަށް ދިނުމަށް އެދެފީމެވެ. އެއަޑު އިވުމުން މިބުނިއަމީރު އަހަރެންގެ ކޮއްކޮ އަހަރެންނާއި ހަވާލު ކުރުމުގެ ބަދަލުގައި އަހަރެން ކޮއްޕާ އެ ހަވޭލީއިން ނެރެލައިފިއެވެ. ދެން އަނެއްކާވެސް އަހަރެން ދިޔައީ ފައްޅިއަށެވެ. ޔޫސުފް މަސީހާއި، މަރިޔަމްގެ ބުދުގެ ބޯލަބައިގެން ހުރެ އަހަރެން ރުއީމެވެ. ހިތާމަކުރީމެވެ. އާދޭސް ކުރީމެވެ. އެފަހަރަކުވެސް އަހަރެންނަކަށް އެފަރާތަކުން ޖަވާބެއް ނުލިބުނެވެ. އެދުވަހު އަހަރެން އެކަނިމާ އެކަނި ފައްޅީގައި ރޯން ހުއްޓާ ފާދިރީކަލޭގެ އެތަނަށްއައިސް އެއްޗެތި ގޮވާފައި އަހަރެން ފައްޅިން ނެރެލައިފިއެވެ. އެ ފައްޅީގައި ބަހައްޓާފައި ހުންނަ ބުދުތައް ވަގަށް ނަގަނީ އަހަރެން ކަމަށާއި ފައްޅިން ނުނިކުމެ ހުރެއްޖެނަމަ ފުލުހުންނާއި ހަވާލު ކުރަނޭކަމަށް ފާދިރީ ބުންޏެވެ……. އެއަޑުއިވުމުން އަހަރެން ވަރަށް ބޮޑަށް ހައިރާންވިއެވެ. ލިބުނު ހައިރާންކަމުގައި އެތަނަކީ ޔޫސުފް މަސީހުގެ ގެތޯ ނުވަތަ ނޫންތޯ އަހަރެން ސުވާލުކުރީމެވެ. މިސުއާލުގެ ޖަވާބުގައި ފާދިރީ ބުންޏެވެ. ”އަހަރެންގެ އަމުރާއި ނުލައި މިތަނަށް ކަލޭވަނީ ކީއްވެގެން ހެއްޔެވެ؟ ކުރެވިފައިވާ ފާފަތަކަށް ތައުބާވާން އެދޭނަމަ އަހަރެންގެ ކައިރިއަށް އައިސް ފާފަތައް ބަޔާން ކޮށްދޭށެވެ. އޭރުން ކަލޭގެ ފާފަތައް ފުއްސަވާ ދެއްވުމަށް ޔޫސުފް މަސީހްއަށް ދަންނަވާފާނަމެވެ. – ކަލެއަކަށް ހަމަ ސީދާ ޔޫސުފް މަސީހަކާއި ވާހަކައެއް ނުދެއްކޭނެއެވެ. އަވަހަށް މިތަނުން ނިކުންނާށެވެ. – ރަހުމަތްތެރީންނެވެ. ޔޫސުފް މަސީހުގެ ބަރަކާތްތެރި ގެއިން މިގޮތަށް އަހަރެން ނެރެލައިފިއެވެ.“ މެގްނާނާ މާރިއޯސް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑުގައިހުރި އަސަރެއްގެ ސަބަބުން ސަހަރާގެ ހަމަހިމޭންކަމުގެ ތެރޭގައި ވަރުގަދަ ސިހުރެއްގެ ސިފައިގާ އެއަސަރުތައް އަހާމީހުންގެ ހިތްތަކަށްވެރިވެ އެންމެންގެ ލޯތަކުން ކަރުނަ ފާއްދާލައިފިއެވެ. – ”ރަޙްމަތްތެރިންނެވެ. ފާދިރީ އެއްޗެތިގޮވައިގަތުމުން އެ ފާދިރީއަށާއި، ޔޫސުފް މަސީޙްގެ ބުދަށާއި، މަރިޔަމްގެ ބުދައް ޝައްކުގެ ނަޒަރަކުން ބަލަމުން އަހަރެން ފައްޅިން ނިކުމެއްޖައީމެވެ. އެދުވަހު އަހަރެންގޮސް ގެއަށް ވަނުމާއެކު ލޯއަނދިރި މަންމަ އެންމެ ފުރަތަމަ ކުރި ސުވާލަކީ އެމީހުންގެ އަންހެން ދަރިފުޅު އައިތޯ ބެލުމަށް ކުރި ސުވާލެވެ. އަހަރެންގެ އަނބިމީހާއާއި ދަރީން ކުރީ ހަމައެންމެ ސުވާލެކެވެ. ނަމަވެސް އަހަރެން އެމީހުނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އެއްވެސް ޖަވާބެއް އަހަރެންނަކަށް ނުދެވުނެވެ. އެހެންކަމުން ފައްޅީގައި ހުރި ބުދުތައްފަދައިން އަހަރެން މަޑުމަޑުން ހުރީމެވެ. އެހެން ހުރިއިރު އަހަރެންގެ އެތެރެ ހަށީގައި ތޫފާނެއް އުފެދެމުން ދިޔައެވެ. އެންމެފަހުން މައިމީހާއާއި އަނބިދަރީންގެ ކުރިމަތީގައި ހުރުމަށް ކުޅާދާނަނުވެގެން އަހަރެން ގެއިން ނިކުމެއްޖައީމެވެ. އެދުވަހުގެ ދެންއޮތްތަނުގައި އާވާރާއަކު ފަދައިން އެތަންމިތަނުގައި އަހަރެން ހިގީމެވެ. އެދުވަސް ފާއިތުވަމުންގޮސް ހަވީރުގެ ވަގުތު އައުމުން ބާޒާރަސް އަރާ ތޫނު ހަންޖަރެއް ގަނެފީމެވެ. ދެން އަނެއްކާވެސް އެބުރިގޮސް އެހަންޖަރު ހިފައިގެން ކޯރުގެ އައްސޭރީގައި ހިގަހިގާ ހުރީމެވެ. އެހެން ހުއްޓާ އެދުވަހުގެ އިރު އޮއްސި އަނދިރިވީމާ އަހަރެންގެ ކޮއްކޮ ހައްޔަރު ކޮށްފައިއިން ހަވޭލީއާއި ދިމާއަށް ހިގަގެންފީމެވެ. ހަވޭލީގެ ބައްތިތައް ފެންނަ ހިސާބަށް ދެވުމުން ދިމާ ކުރިމަތިން ދިއުމުގެ ބަދަލުގައި ހަވޭލީގެ ފުރަގަހަށް މޫނު އަނބުރާލައިފީމެވެ. އޭގެކުރިން އަހަރެންނަކީ އެހާ ހުޝިޔާރު މީހެއް ނޫންނަމަވެސް އެވަގުތު އަހަރެންނަށް ހުޝިޔާރުކަން ލިބުނެވެ. އެއްވެސް ޖެހިލުމެއް ނެތި ހަވޭލީގެ ދެކުނުފަރާތު ދޮރުން ވަދެއްޖައީމެވެ. އޭރު ހަވޭލީގެ ކޮންމެވެސް ކޮޓަރިއަކުން މީހުން ވާހަކަދައްކާ ހީސަމާސާ ކުރާ އަޑު އިވިއިވި ހުއްޓެވެ. އެއަޑު އިވުމުން އެތަނުގައި ބަޔަކު ރާބޮއި މަޖާކުރަނީކަން އެގުނެވެ. – އެކަމަކު އަހަރެން ބިރެއް ނުގަނެއެވެ. ހަވޭލީއަށް ވަދެގެން އެދިޔަގޮތަށްގޮސް ފުރަތަމަ ޖެހުނު ކޮޓަރިއަށް އަހަރެން ވަދެއްޖައީމެވެ. އެހިސާބުން ހަވޭލީގެ ނޯކަރަކު އަހަރެން ހުއްޓުވައިފިއެވެ. އެވަގުތު އަހަރެންގެ ހަންޖަރު ދަމައިގެންފައި ނޯކަރުމީހާގެ މޭގައި ޖައްސައިގެން ހުރެ ކޮއްކޮގެ ނަން ބުނެފައި އޭނާ ކޮބައިތޯ އަހައިފީމެވެ. ނޯކަރުމީހާ ޒާތަކަށް އަނގަހަދާލާފައި އަހަރެން ގޮވައިގެން ސިޑިއަކުން މައްޗަށް އަރައިގެންގޮސް އޭނާވީ މިހިރަ ކޮޓަރީގައޭބުނެ އެ ކޮޓަރިއަށް އަހަރެން ވައްދާ ދޮރުލައްޕައިފިއެވެ. އަހަރެން ރަގަޅަށް ބަލައިލިއިރު އެއީ ހުސްކޮޓަރިއެކެވެ….. އެކޮޓަރީގައި އެއްވެސް މީހަކު ނެތްކަން އެގުމުން އަހަރެން އެބުރިފައި ބަލައިލިއިރު އަހަރެން އެ ކޮޓަރިއަށް ވައްދާފައި ބޭރުން ތަޅުލުމަށްފަހު ނޯކަރު މީހާ ރައްކާވެއްޖެއެވެ….. ދެން ހަދާނެ ގޮތެއް ނުވިސްނިގެން ކޮޓަރި ތެރޭގައި އަހަރެން އެބުރި އެބުރި ހުއްޓާ އިރު ކޮޅެއްގެ ފަހުން ދޮރު ހުޅުވާލާފައި ކޮންމެވެސް ބަޔަކު ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އޭގެތެރެއިން އެއްބަޔަކު އަތުގައި ކަނޑި އަނެއް ބަޔަކު އަތުގައި ލަޓިބުރިތައް ހުއްޓެވެ. އެމީހުންތައް ފެނުމުން ކޮޓަރީގައި ހުރި ފަރުނީޗަރ ފަދަ ތަކެތި އެމީހުންނާއި ދިމާއަށް އުކަން ފަށާއިފީމެވެ. އެގޮތަށް ލައްކަ ގިނަ ސާމާނު އެމީހުންނާއި ދިމާއަށް އުކާ ހަލާކުރިފަހުން އެ އެންމެންވެގެން އަހަރެން ހިފައިގަނެ ތަޅާ ބަލިކޮށް ހޭބަލިކޮށްލައިފިއެވެ. ދެން އަހަރެންނަށް ހޭވެރިކަންވީއިރު އަހަރެން އޮތީ ބިޑިއަޅާ އަނދަގޮނޑި ޖަހާފައެވެ. އެއަށްފަހުގައި އަހަރެންގެ ބޮލުގައި އެތަކެއްކުށް އެޅުވިއެވެ. ރަސްކަމުގެ ދަރުބާރުގެ އިއްޒަތްތެރި އަމީރެއްގެ ގެއަސް ވަދެ ވައްކަން ކުރުމާއި ލޫޓްމާރުކުރުމާއި، ގަތުލުކުރުމުގެ ނިޔަތުގައި ތިންމީހުން ޒަހަމް ކުރުމާ، މިހިރަ މިހިރަ ކުށްތައް އަހަރެންގެ ބޮލުގައި އެޅުވިއެވެ. އެ ދައުވާއާއި ދެކޮޅަށް އަހަރެން ދެއްކި ވާހަކައާއި ކުރިއާދޭސް އަޑު އަހާނޭ މީހަކު ނުވިއެވެ. އެއްފަރާތަކުން ދައްކާވާހަކައިގެ މައްޗަށް ބިނާކޮށް އަހަރެން ކުށްވެރިކޮށްފައި ތިރީސްއަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރުމަށްފަހު އަހަރެންގެންގޮސް ޖަހަންނަމައެއް ފަދަ ޖަލަކަށް އެއްލައިލައިފިއެވެ. އިންސާނެއްގެ ޙައިސިއްޔަތުން ނެއްޓި ޖަނަވާރެއްގެ ގޮތުގައި އަހަރެން ޖަލުގައި އޮންނަތާ މިހާރު ފަސް އަހަރު ވެއްޖެއެވެ. މިބުނި ޖަލުގައި ގައިދީންނަށް އެކުރާ ހަރުކަށި އަނިޔާތަކެއް ކަލޭމެނަކަށް ނޭގޭނެއެވެ. ގެރިބަކަރި ލައްވާ މަސައްކަތް ކުރުވާ ފަދައިން ދުވާލުގެ ވަގުތު އަހަރެމެން ލައްވާ މަސައްކަތް ކުރުވައެވެ. އިރުއޮއްސުނީމާ ކުއްތާތަކެއް ފަދައިން ހިލިހިލާއަޅާފައި ޖަލު ތެރެއަށް ކޮއްޕާލައެވެ. އަހަރެންގެ ލޯއަނދިރި މަންމަ ދުނިޔޭގައި އިންކަމެއް އަނބިދަރިން އުޅޭ ހާލެއް އަހަރެންނަކަށް ނޭގެއެވެ. ނުރައްކާތެރި ޑާކޫއެކޭ ކިޔައިގެން އަހަރެންނާއި ބައްދަލުވިއަކަ ނުދެއެވެ. – ކުށެއްނެތް މީހަކަށް ޔޫސުފް މަސީޙް ސަޒާއެއް ނުދެއްވައޭ މީހުންބުނާތީ އަހަރެން އަހަމެވެ. ވީއިރު އަހަރެންނާއި އަހަރެންގެ އަނބިދަރިންނާއި ލޯއަނދިރި މައިމީހާއަށް ލިބެމުންދިޔައީ ކޮން ކުށެއްގެ ސަޒާއެއް ހެއްޔެވެ.

…..ދިގު ފަސްއަހަރުދުވަސް ވަންދެން މިފިކުރުގައި އަހަރެން ދެމިހުރީމެވެ. މިހެން ހުއްޓާ އަހަރެމެން ނިކުމެގެން އުޅޭ ކިޝަންއަށް މީހުން ހޯދުމަށްޓަކައި ސިފައިންގެ ދެއޮފިސަރުން ޖަލަށްއަތުވެއްޖެއެވެ. ނަމަވެސް އެއީ ރަސްރަސްކަލުންގެ ހަގުރާމައަކަށް ހޮވާ މީހުން ކަމަށްވާތީ އެހަގުރާމައިގާ ބައިވެރިވާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. ރަސްރަސްކަލުންނާއި ދޭތެރޭގައި އަހަރެންގެ ހިތްއޮތީ ނަފްރަތުން ފުރިފައެވެ. އެކަމަކު މިބުނި ދެ އޮފިސަރުންނަކީ މުސްލިމުންގެ ގައިދުގައި ތިބި އަންހެން ކުދި ބަޔަކު މިނިވަން ކުރުމަށްޓަކައި ހަގުރާމަ ކުރާނޭބަޔަކު ހޮވަންއައި ދެ އޮފިސަރުންކަން އެގުމުން އަހަރެންގެ އަންހެން ކޮއްކޮގެ މަތިން ހަދާންވެ މުސްލިމުންގެ އަތްދަށުން އެބުނާ އަންހެން ކުދީންކޮޅު ސަލާމަތް ކޮށްދީފިނަމަ ނުލަފާ އައްޔާޝީ ކަލޭގެ އަތް ދަށުން އަހަރެން ކޮއްކޮސަލާމަތް ކުރައްވާފާނޭ ކަމުގައި އުއްމީދުކޮށް އެހަގުރާމައިގައި ބައިވެރިވުމަށް އަހަރެން ވަސިއްޔަތް ކޮށްފީމެވެ. – އެކަމުގައި އަހަރެން ޝަރުތެއްވެސް ހުށަހެޅީމެވެ. އަހަރެންގެ ނިކަމެތި އަނބިދަރީންނާއި މައިމީހާއަށް ތަނަވަސްކަމާއި ދިރިއުޅެވޭ ވަރަށް ފައިސާ ދިނުމަށް އަހަރެންގެ ޝަރުތުގައި ހުށަހެޅީމެވެ. އޮފިސަރުން އެ ޝަރުތު ޤަބޫލުކުރިއެވެ. ކަނޑުތައް ހުރަސްކޮށްފައި އުޅެނިކޮށް އަހަރެން މަރުވިޔަސް އަހަރެންގެ އާއިލާގެ އެންމެން އެމީހުންގެ މުޅި އުމުރުގައި ތަނަވަސް ކަމާއެކު ދިރިއުޅެވޭ ވަރަށް ފައިސާ ދޭނޭ ކަމުގައި ބުނެ ވައުދުވެފައި އެމީހުން ބުންޏެވެ. އިސްލާމް ރަސްކަލަކު ގަތުލުކޮށްލައިފިނަމަ ކަލޭގެފާފަ ފުހެވިކަލެއަށް ހެޔޮޖަޒާ ލިބޭނެއެވެ.“

މިހިސާބަށް ވާހަކަ ދައްކާފައި މެގުނާނާ މާރިއޯސް އޭނާގެ އަނެއް ދެއެކުވެރިންނާއި ދިމާއަށް އެބުރިލިއެވެ. ”މިއީވެސް އަހަރެންނާއި އެކުގައި ޖަލުގައިތިބި ދެ މީހުންނެވެ. އަހަރެންނާއި ޚިލާފަށް މިކަމުގައި މިމީހުން ބައިވެރިވީ އަމިއްލައަށެވެ. – މީހުން ހޮވާ ނިމިގެން ހޮވުނު މީހުންނާއި ވަރަށްގިން ސުވާލުތައް ކުރެވުނެވެ. އެހުރިހާ ސުވާލަކަށްވެސް ސާފުބަހުން އަހަރެމެން ޖަވާބު ދިނީމެވެ. އަހަރެމެންގެ ވަޒަނާއި އަހަރެމެންގެ ދީނާށް ކެހިނުދިނުމަށް އަހަރެމެން ވައުދުވީމެވެ. ހަގީގަތުގައި އަހަރެންގެ ފުރާނަ ވިއްކާލުމަށް އެއްބަސްވީ ހަމައެކަނި އަހަރެންގެ އާއިލާއަށްޓަކައެއް ނޫނެވެ. ނަމަވެސް އެކަން އެހެން މީހުންނަށް އަންގާކަށް އަހަރެން ބޭނުމެއް ނުވެއެވެ. – ހޮވުނު މީހުން ޖަލުން ނެރުމުގެ ކުރިން ފާދިރީއަކު އަހަރެމެންނާއި ބައްދަލު ކުރިއެވެ. މުސްލިމަކު ގަތުލު ކޮށްފި ކޮންމެ މީހެއްގެ ފާފަ ފުހެވޭނެކަމަށާއި މުސްލިމުންގެ ގައިދުން އީސާޢީ އަންހެން ކުދިން ސަލާމަތް ކޮށްފިނަމަ ސީދާ ސުވަރުގެއަށް ދެވޭނޭ ކަމުގައި ފާދިރީވެސް ބުންޏެވެ. – ފާދިރީ ވާހަކަ ހުއްޓާލަމުން އަހަރެމެންގެ ކަލާންގެ ކޮބައިތޯ އަހަރެން ސުވާލު ކުރީމެވެ. އަހަރެންގެ މި ސުވާލަށް ފާދިރީދިން ޖަވާބަކީ އަހަރެންމާ ހިތްހަމަޖެހޭ ޖަވާބަކަށް ނުވިއެވެ. ސުވާލާ ޖަވާބަށްފަހުގައި އަހަރެމެން ލައްވާ ހުވާ ކުރުމަށްފަހު ޖަލުން ނެރެފިއެވެ. ސިފައިންގެ މީހުންގެ ބެލުމުގެ ދަށުން އަހަރެންގެއަށް ގެންގޮސް އާއިލާއާއި ބައްދަލު ކުރުވިއެވެ. އެއްބަސް ވެވުނުފަދައިން އަނބި ދަރިންނަށް ފައިސާވެސް ދިނެވެ. – އެކަމާ އަހަރެން ވަރަށް ބޮޑަށް އުފާވެ ހިތްހަމަ ޖެހުނެވެ. – އަހަރެންގެ ރަހްމަތްތެރީންނެވެ. އެމީހުންގެ ވައުދު އެމީހުން ފުއްދިއެވެ. ދެންއޮތީ އަހަރެން ކުރި ހުވާ ތެދު ހުވައަކަށް ހެދުމެވެ. – އަހަރެމެންގެ ކަލާނގެ ދުށުމަށް އަހަރެން ބޭނުމެވެ. މުސްލިމް ރަސްކަލަކު ގަތުލު ކުރީމާ އަހަރުމެންގެ ކަލާނގެ ފެންނާނެއޭ އެބުނާ ބުނުމަކީ ތެދެއްތޯ ބަލަން އަހަރެން ބޭނުމެވެ.“

”ކަލެއަކީ މޮޔައެކެވެ.“ ކޮމާންޑަރ ބުންޏެވެ. ”ކަލޭ ތިޔަދެއްކި ވާހަކަތަކުން ކަލޭގެ ކިބައިގައި ބުއްދިއެއް ހުރި ކަމުގެ ނިޝާންއެއް ނުފެނެއެވެ.“

”ނޫނެކެވެ. އޭނާ އެ ދެއްކީ ވަރަށް ރަގަޅު ވާހަކަތަކެކެވެ.“ މުގުނާނާ މާރިއޯސްގެ އެކުވެރިއަކު ބުންޏެވެ. ”އަހަރެން އޭނާއާއި އެއްބަހެވެ.“

”އަހަރެން އަންހެން ކުއްޖަކު ބޭނުމެވެ.“ އަންހެން ކުދިންތަކާއި ދިމާއަށް ބަލައިލާފައި މެގުނާނާ މާރިއޯސް ބުންޏެވެ. ”އެކުއްޖެއްގެ ފުރާނައާއި އިއްފަތްތެރިކަން ރައްކާކުރުމުގެ ޒިންމާ އާއި އަހަރެން ހަވާލު ވާނަމެވެ. އަންހެން ކުއްޖަކާނުލާ ސުލްޠާން އައްޔޫބީ އާއި ހަމައަށް އަހަރެންނަކަށް ނުދެވޭނެއެވެ. – ސުލްޠާން އައްޔޫބީއާއި އެކަނި ބައްދަލު ވެވޭނޭ ގޮތަކާއި ދޭތެރޭގައި އަހަރެން ވިސްނަމުން އެބަގެންދަމެވެ.“ މެގުނާނާ މާރިއޯސް މިހެން ބުނުމުން މޫބީ ތެދުވެގެންގޮސް އޭނާ ކައިރިއަށް ހުއްޓިއްޖެއެވެ.

”މީނާއާއި އެކުގައި އަހަރެން ހިގައިދާނަމެވެ.“

”ނޫނެކެވެ. މޫބީއެވެ. އަހަރެން ކަލޭމެން މިނިވަން ކޮށްގެން މިގެނައީ ވަރަށް އުދަގުލުންނެވެ.“ ކޮމާންޑަރ ބުންޏެވެ. ”އެހަކަލަ ނުރައްކާތެރި ހަގުރާމައެއްގެ ތެރެއަށް ކަލޭ ވަނުމަކަށް އަހަރެން ހުއްދައެއް ނުދޭނަމެވެ.“

”އެމީހުން އަހަރެންގެ އިއްފަތްތެރިކަން ނަގާލިއަތީވެ އެކަމުގެ ބަދަލު ހިފަން އަހަރެން ޖެހޭނެއެވެ.“ މޫބީ ބުންޏެވެ. ”ސުލްޠާން އައްޔޫބީ އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅަށް ވަރަށް ފަސޭހައިން އަހަރެން ވަދެފާނަމެވެ. މަތީ މަޤާމްތަކުގައި ތިބޭ މުސްލިމުން އަންހެން ކުދިންނާހެދި މޮޔަވެފައި ތިބެނީ ކިހާވަރަކަށްކަން އަހަރެންނަށް އެގެއެވެ. – އަހަރެންނާއި ބައްދަލުވެވަޑައި ގަންނަވާއިރު ސުލްޠާން އައްޔޫބީއަށް އެ ބައްދަލުވެވަޑައި ގެންނެވެނީ އެންމެފަހުގެ އަންހެން ކުއްޖާއާއިކަން އެމަނިކުފާނަށް އިހްސާސްވެވަޑައިގަތަކަ ނުދޭނަމެވެ.“

ވަރަށް ގިނައިރު ވަންދެން ބަހުޘްކޮށް އަރާރުންވެ ހެދުމަށްފަހުގައި މެގުނާނާ މާރިއޯސް އޭނާގެ އެކުވެރިންގެ ތެރެއިން މީހަކާއި މޫބީ ގޮވައިގެން ޕާރޓީއާއި ވަކިވެ ދަތުރަށް ފަށައިފިއެވެ. ޕާރޓީގެ މީހުން ހެޔޮ ދުއާ ކުރަމުން މެގުނާނާ މާރިއޯސްމެންނާއި ވަދާއު ކުރިއެވެ.

މެގުނާނާ މާރިއޯސްމެން ދަތުރު ކުރީ ދެޖަމަލުގައެވެ. އޭގެ ތެރެއިން އެއް ޖަމަލުގައި އިނީ މޫބީއެވެ. އަނެއްޖަމަލުގައި ދެފިރިހެނުންނެވެ. މިސުރުގެ ފައިސާ ކޮޅަކާއި އަސްރަފީކޮޅެއްވެސް އެމީހުން ގެންދިޔައެވެ. – ދެ ފިރިހެނުންވެސް ޖުއްބާލާފައި ޗުއާއެޅިއެވެ. – މެގުނާނާ މާރިއޯސްގެ ތުބުޅިހުރީ ވަރަށް ދިގުވެފައެވެ. ޖަލުގައި ހުރިއިރު ރަތްދައްކާ އަވީގައި ހުރިއިރު ބުރަމަސައްކަތް ކުރުމުގެ ސަބަބުން އޭނާގެ ހަމުގެ ކުލަހުރީ ބަދަލުވެފައެވެ. އިޓަލީމީހުންގެ އެ ހުންނަ ދޮންކުލައެއް އޭނާގެ ގަޔަކުނެތެވެ. އޭނާ ފެނުނީމައި އެއީ ޔޫރަޕްގެ މީހެއްހެނެއް ހީއެއް ނުވެއެވެ. ޢަރަބިން އަޅާކަހަލަ ހެދުން އަޅާލީމާ އެއީ އަރަތްބެއް ނޫންކަމަށް ޝައްކުވެސް ނުކުރެވޭނެއެވެ. ނަމަވެސް ފަރުވާއެއް ކުރެވެންނެތް ވަރަށް ބޮޑު ބައްޔެއް އޭނާގެ ކިބައިގައި ހުއްޓެވެ. އެއްގޮތަކަށްވެސް އޭނާ އަރަބި ބަހެއް ނުދަނެއެވެ. މޫބީ ޖެހިލުމެއްނެތި އަރަބި ބަހުން ވާހަކަ ދައްކައެވެ. މެގުނާނާ މާރިއޯސްގެ އެކުވެރިޔާ އެކަށްވެސް އަރަބި ބަހެއް ނޭގެއެވެ. ވުމާއެކު އެންމެ ފުރަތަމަ އެބައްޔަށް ފަރުވާއެއް ހޯދަން އެމީހުން ކޮންމެހެން މަޖުބޫރެވެ.

މުގުނާނާ މާރިއޯސްމެން ދަތުރަށްފެށީ ރޭގަނޑުއެވެ. – އަލިކަމެއް ނެތްނަމަވެސް ދަތުރު ކުރަންވީ މަގު މޫބީއަށް އެގެއެވެ. ގާހިރާއިން އައިއިރު ވަރަށް ރަގަޅަށް އޭނާ މަގުދަސްކުރިއެވެ. މެގުނާނާ މާރިއޯސް ދަތުރަށް ފަށަމުން މޫބީގެ ގައިގާވެސް ޗުއާއެއް ލެއްވިއެވެ. ބުރުގާއެއް ފަދައިން ބޮލާއެއްކޮށް ތުނިފޮތިކޮޅެއް އެޅުވިއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.