ޖަމަލުތައް ސަޙަރާގެ ތެރޭގައި ދަތުރު ކުރާއިރު އެސޮރުމެންގެ ފިޔަވަޅުގެއަޑެއް އެއްގޮތަކަށްވެސް ނުއިވެއެވެ. އެއާ ޚިލާފަށް އަސްތަކުގެ ފިޔަވަޅުގެ އަޑު ސާފުކޮށް އިވިއިވި ހުރެއެވެ. ޖަމަލުގެ އުފެދުމުގައި އެސޮރުމެންގެ ފައިތައް ހައްދަވާފަ ހުންނަ ގޮތަކުން ކިތަންމެ ބާރަށް ދުވިއަސް އެސޮރުމެންގެ ފައިތަކުން ކިތަންމެ މަޑުމަޑު އަޑެއްވެސް އިވި ނުލައެވެ. އެރޭ މޫބީއާއި ވާހަކަ ދައްކަން ބާލިޔާން އިންއިރު އެމީހުނާއި ދާދިގާތުގައި ހުރި ކުޑަވަރެއްގެ ފަސްފުންޏެއްގެ އެފަރާތުގައި ޖަމަލު ސަވާރަކު އެމީހުނާއި ދިމާއަށް ބަލަހައްޓައިގެންއިން ކަމެއް ބާލިޔާން އަކަށް ނޭގެއެވެ. މިޖަމަލު ސަވާރީއަކީ ޞަލީބީ ކޮމާންޑޯޕާޓީގެ މީހެކެވެ. ކޮމާންޑޯ ޕާރޓީގެ ކޮމާންޑަރަކީ ވަރަށް ބުއްދިވެރި މީހެކެވެ. ނަމަވެސް ބާލިޔާންމެން ތިބިތަނާއި ބައިމޭލު ދުރުގައި ފޭލިގެޖެހިއިރު އޭނާގެ ޝިކާރަ ބައިމޭލެއްހާ ހިސާބުގައި ވާކަމެއް އެއްގޮތަކަށްވެސް އޭނާއަކަށް ނޭގެއެވެ. ފައުޖީ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުން ރޭގަނޑުގެ ވަގުތުގައި އެހިސާބުގަނޑު ބެލެހެއްޓުމަށްޓަކައި ޖަމަލު މަތީގައި ތިންމީހުން ފޮނުވީ އެއިން ހިސާބަކުން ނުރައްކަލެއް ނުވަތަ އެމީހުންނަށް ބޭނުން ހިފޭކަހަލަ އެއްޗެއް ފެނިއްޖެނަމަ ކޮމާންޑަރއަށް އަންގާލުމަށް ބުނެފައެވެ. ފަހަރެއްގައިވެސް އެހިސާބުގައި ބަޔަކު ފޭލިގެޖަހައިގެން ތިބިކަން އެގިގެނެއް ނޫނެވެ. – ކޮންމެ އަކަސް އެކަހަލަ ޑިއުޓީތަކަށް އެންމެ އެކަށީގެންވާ ސަވާރީއަކީ ޖަމަލުކަމަށްވާތީ ޖަމަލުގައި ފޮނުވީޢެވެ. ކޮމާންޑަރ އެންގި ގޮތަށް ތިންމީހުން ދިޔައީ ތިން ދިމާއަށެވެ. މުޅިއެހިސާބަކީ ދަތުރުވެރީން ފޭލިގެ ޖަހައިގެން ތިބުމަށް ވަރަށް އެކަށީގެންވާ ހިސާބެކެވެ.
ޑިއުޓީއަށް ތިން މީހުންގެ ތެރެއިން އެކަކު ތިންކޮޅަކަށް ދިޔަތަނާ ދުރުން އެއްޔެއް ފެނިގެންގޮސް ބަލައިލިއިރު އެތަނުގައި ބަޔަކު ފޭލިގެ ޖަހައިގެން ތިއްބާ ފެނުނެވެ. އޭނާއަށް ދުރުން އެފެނުނު އައްޔަކީ ބާލިޔާންގެ ހާއްސަ ފޭލިގޭގައި ދިއްލާފައި ހުރި ކުޑަވަރެއްގެ ކޮރުދަނަކުންވާ އައްޔެވެ. އެމީހާ ބާލިޔާންމެންގެ ފޭލިގެތަކާއި ކައިރިވެލާފައި ޖަމަލު މަތީގައި އިނދެގެން އެފަރާތް ފެންނަވަރަށް ތިރިކޮށްހުރި ފަސްފުންޏެއްގެ ނިވަލަށް ވަދެއްޖެއެވެ. އެތަނުގައި އިންނައިރު ފޭލިގެތަކުގެ ބޭރުގައި ވާހަކަ ދައްކާންތިބި އަންހެން ކުދިންނާއި ފިރިހެނުން އޭނާއަށް ފެނެއެވެ. އެމީހުންނާއި ތަންކޮޅެއް ދުރުގައި ވަކިންތިބި އަންހެނަކާއި ފިރިހެނަކުވެސް އޭނާއަށް ފެނުނެވެ. އެއްފަރާތެއްގައި ބަނދެފައިހުރި އަސްތައްވެސް ފެނުނެވެ.
ޞަލީބީކަލޭގެ އިރުކޮޅަކު އެތަނުގައި އިނދެލާގައި ޖަމަލު އަނބުރާލާ މަޑުމަދުން ދުއްވާލައިފިއެވެ. ތަންކޮޅަކަށް ގޮސްފައި ޖަމަލުގެ ދުވެލި ބާރުކޮށްލައިފިއެވެ. ދުވެލިބާރު ޖަމަލަކަށް ބައިމޭލު ކުޑައްތު ކޮށްލުމަކީ އެއްވެސް ކަމެއްނޫނެވެ. ވީމާ، އޭނާ ބަސް ބުނާހާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ކޭމްޕްއަށްގޮސް އެމީހުންގެ ޝިކާރަތައް އެތާ ދާދިގާތުގައި ތިބިވާހަކަ އެކުވެރިންނަށް އަންގައިފިއެވެ. އެވާހަކަ އިވުމުން ކޮމާންޑަރކަލޭގެ އަވަސް އަވަހަށް އައިސް ހުރިހާ ވާހަކައެއް ތަފްސީލުކޮށް އޮޅުންފިލުވާލުމަށްފަހު އެންމެ ސިކުންތެއްގެ އިރުވެސް ނަގާނުލާ ޕާރޓީގެ މީހުން ގޮވައިގެން ފައިމަގުގައި އެދިމާއަށް ހިގައިގެންފިއެވެ. އަހުގައި ދާންވެއްޖެނަމަ އެސޮރުމެންގެ ފިޔަވަޅުގެއަޑު އިވިގެން އެމީހުންގެ ޝިކާރަތައް ހުޝިޔާރުވެދާނެތީ ފައިމަގުގައި ދިޔައީއެވެ…….. ބާލިޔާންމެން ތިބި ހިސާބަށް އެމީހުންނަށް ދެވުނު އިރު އަސްތަކުގެ ބުރިކަށިތަކުގައި އަންހެން ކުދީންތައް ދަމާބަނދެގެން ދަތުރަށް ފެށުމަށް ބާލިޔާން އަމުރު ކޮށްފިއެވެ. – ނަމަވެސް ބާލިޔާން މޮޔަވީ ކަމުގައި ހީކޮށް އޭނާގެ އެކުވެރިން އޭނާއާއި ދެބަސްވެ ވާހަކަ ދައްކަން ހަދައިގެން އެމީހުންނަށް ލިބިފައިވާ ފުރުސަތު ގެއްލެމުން ދިޔައެވެ. – ހައިރާވެފައި ތިބި އެކުވެރިން ހަމަޖެއްސުމަށް އެކުގޮތްގޮތަށް ވާހަކަ ދައްކަން ބާލިޔާންއަށް ޖެހުނެވެ. އެންމެ ފަހުން އޭނާ އެހެން އެބުނަނީ ހަމަހޭގައި ހުރެގެން ކަމަށާއި މަސްލަހަތު ބޮޑުވެފައި ސަލާމަތްކަން ހުރީ ގާހިރާއަށް ދިއުން ކަމަށްބުނެ ވިސްނައިދޭން ޖެހުނެވެ.
އަންހެން ކުދީންތައް ކަންބޮޑުވެގެން ބާލިޔާންމެންނާއި ދިމާއަށް ބަލަހައްޓައިގެންތިއްބާ އެކުވެރިން ގޮސް އަސްތަކުގައި އަސްދާނުގޮޑި އެޅުމަށްފަހުން އަންހެން ކުދީންތައް އަސްތަކުގެ ބުރިކަށިތަކުގައި ބަނުމަށް ތައްޔާރު ވެލިތަނާ އެމީހުންގެ މައްޗަށް ބޮޑުއާފާތެއް ލައިގެންފިއެވެ. ދުރުން އައި ބަޔަކު އަރައިގަނެ ތަޅާފޮޅައިގެންފިއެވެ. މިކަންތައްގަޑެއް ލައިގަތުމުން އެއީ ސުލްޠާން އައްޔޫބީގެ ލަޝްކަރުގެ ބަޔަކު ދިން ހަމަލާއެއް ކަމުގައި ބާލިޔާން ހީކުރިއެވެ. ވުމާއެކު ބާލިޔާންމެނަކީ ދުޝްމަނުން ނޫންކަން އެބައިމީހުނަށް އެންގުމަށްޓަކައި ބާލިޔާން ހަރުއަޑުން ގޮވާ ހަޅޭއް ލަވަމުން ގެންދިޔައެވެ.
”އަހަރެމެން ހަތިޔާރު ބަހައްޓަން ބޭނުމެވެ. އަހަރެމެން މިދަނީ ގައިދީ އަންހެން ކުދިން ގޮވައިގެން ގާހިރާއަށެވެ.“ މިހެން ގޮވަގޮވާ ހުއްޓާ ކޮންމެވެސް މީހަކު އޭނާގެ މެޔަށް ހަންޖަރު ގޯޅާލާ އެނާ ހަމަހިމޭން ކޮށްފިއެވެ. އޭނާގެ އެކުވެރިންނަށް މިވަރަކީ އެހާގިނަ ބަޔަކު އެހާކުއްލި ގޮތަކަށް ހަމަލާ ދިނުމުން އަތްފައިހަލުވާނުލެވުގެން އުޅެނިކޮށް ދުޝްމަނުންގެ ހަތިޔާރުތަކުން ހަނާވެގެން ދިޔައީއެވެ. – ޞަލީބީންގެ ހަމަލާ ކާމިޔާބުވެއްޖެއެވެ. އަންހެންކުދިންތައް މިނިވަން ވެއްޖެއެވެ. – ބާލިޔާންމެންގެ އަތްދަށުން އެކުދިން ސަލާމަތްކުރީ އެޕާޓީގެ ޖާސޫސުންކަން އެގުމުން އެކުދިން ވަރަށް އުފާވިއެވެ. އެޕާޓީގެ ކޮމާންޑަރަކަށް ހުރީ އެކުދިން ދަންނަ މީހަކަށްވީތީ އެކުދިން އަދި މާބޮޑަށް އުފާވިއެވެ. ކޮމާންޑޯ ޕާރޓީގެ މީހުން އަންހެން ކުދިން ސަލާމަތް ކުރުމަށްފަހު އެރޭގެ ދެންއޮތްބައި އެތަނުގައި ވެއަތުކުރުމަށް ގަސްދުކޮށް ފޭލިގެތަކުގެ ކައިރީގައި ފޯރިއަށް ތިބޭނޭ ހުޝިޔާރު ދެމީހުން އައްޔަން ކުރިއެވެ.