”ގުލްއެވެ.“ ގުލްބާނޫގެ ރަޙްމަތްތެރި ޖީރޫ ބުންޏެވެ.
”އާއެކެވެ. ވީކީއްހެއްޔެވެ.“ ގުލްބާނޫ ބުންޏެވެ.
”ވެގެން އުޅޭކަމެއް ގުލްއަށް އެނގޭ ހެއްޔެވެ؟“ ޖީރޫ ބުންޏެވެ.
”ކޮން ކަމެއް ހެއްޔެވެ؟“ ގުލްބާނޫ އެހިއެވެ.
”ވަރަށް ބޮޑު ހާދިޘާއެއް ހިގައިފިއެވެ.“ ޖީރޫ ބުންޏެވެ.
”ކޮންތާކު ހެއްޔެވެ؟“ ގުލްބާނޫ އެހިއެވެ.
”ޙަވޭލީގައެވެ.“ ޖީރޫ ބުންޏެވެ.
”ކޮން ހަވޭލީއެއް ހެއްޔެވެ؟“ ގުލްބާނޫ އެހިއެވެ.
”އަވަށުގައި ހުންނަ އަހަރެމެންގެ ސާހިބުންގެ ޙަވޭލީގައެވެ.“ ޖީރޫ ބުންޏެވެ.
”ހަވޭލީގައޭ ހެއްޔެވެ؟“ ގުލްބާނޫ ބުންޏެވެ. ”ހިނގާ ކޮންކަހަލަ ހާދިޘާއެއް ހެއްޔެވެ؟“
”ކުޑަ ސާހިބުގެ ގަޔަށް ކޮންމެވެސް މީހަކު ބަޑި ޖެހީއެވެ.“ ޖީރޫ ބުންޏެވެ.
”ކުޑަ ސާހިބު ގަޔަށް ހެއްޔެވެ؟“ ގުލްބާނޫ ސުވާލު ކުރިއެވެ.
”އާއެކެވެ.“ ޖީރޫ ބުންޏެވެ.
”ބަޑި ޖެހީމާ ވީ ކީއް ހެއްޔެވެ؟“ ގުލްބާނޫ ސުވާލުކުރިއެވެ.
”ބޮޑު ސާހިބު ކުޑަ ސާހިބު ގޮވައިގެން ކުއްލިއަކަށް ވެއްޓިގަތީއެވެ. އެހެން ހެދިކަމުން ފުރަތަމަ ވަޒަނުން ސަލާމަތްވިއެވެ. ނަމަވެސް ދެވަނަ ވަޒަން ދިޔައީ ބޮޑު ސާހިބު ޒަޚަމްކޮށްލާފައެވެ. ވަޒަން އެރީ ބޮޑު ސާހުބުގެ މުލައްދަނޑިއަށެވެ. އަވަސް އަވަހަށް ޖީރޫގެ ދެކޮނޑުގައި ހިފާ ތަޅުވައިގެންފައި ބުންޏެވެ. ”ޖީރޫގެ ގާތުގައި ތިޔަވާހަކަ ބުނީ ކާކުހެއްޔެވެ؟“
”އަހަރެންގެ ބޭބެއެވެ. މިއަވަށުގެ އެންމެނަށްވެސް އެކަން އެނގެއެވެ.“ ޖީރޫ ބުންޏެވެ.
”ތިޔަ ހާދިޘާ ހިނގީ ކޮން އިރަކު ހެއްޔެވެ؟“ ގުލްބާނޫ ބުންޏެވެ.
”އިއްޔެ ހަވީރު ނުވަތަ އިއްޔެރޭގެ ވަގުތެއްގައެވެ.“ ޖީރޫ ބުންޏެވެ.
ގުލްބާނޫ ހިތާ ދިމާއިން މޭގައި ހިފަހައްޓާލިއެވެ. ޖީރޫއަކީ ހަރު މުސްކުޅިއަކަށް ނުވިއަސް، އޭނާގެ އެޙަރަކާތުގެ ސަބަބުން ކޮންމެވެސް އެއްޗެއް ވިސްނުނެވެ. ނަމަވެސް އެކަން ޔަގީން ކުރާހިތެއް އޭނާ ނުވިއެވެ.
ގުލްބާނޫ ތެދުވެގެން ގޮސް ދޮރުކަނީގައި ލެނގިލިއެވެ. ދެންމެ އެލިބުނު ޚަބަރެއްގެ ސަބަބުން އޭނާގެ ހިތްއޮތީ މޮޅިވެފައެވެ. ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޖީރޫ އެނގުމާއި ނޭނގުމުގެ ތެރޭގައި ހުރެގެން ގޮސް ގުލްބާނޫގެ ފަރަގަހަށް ހުއްޓުނެވެ. އޭނާގެ ކޮނޑުމަތީގައި އެއްއަތް ބާއްވާލައިގެން އަނެއް އަތުން މޫނު އަނބުރުވާލިއެވެ.
”ގުލްއެވެ.“ ޖީރޫ މިހެން ބުނުމާއެކު ގުލްބާނޫ އޭނާގެ ގައިގައި ހިފައިގެންފާ ކޮނޑުގާ ބޯއަޅަމުން ރޮއިގެންފިއެވެ. ”ގުލްއެވެ. ވެގެން ތިޔައުޅޭ ގޮތެއް އަހަރެންގެ ގާތުގައި ބުނެބަލާށެވެ.“ ޖީރޫ ހާސްކަމާއެކު ބުންޏެވެ.
”ޖީރޫއެވެ. ސާހިބު ޒަޚަމްވެއްޖެއެވެ.“ މޮޅިވެރި އަޑަކުން ގުލްބާނޫ ބުންޏެވެ.
”އެކަމުން ގުލްއަށް……“ ޖީރޫ ހާސްވިއެވެ.
ގުލްބާނޫ ދޯޕައްޓާއިން ކަރުނަ ފުހެލިއެވެ. ނަމަވެސް އޭނާގެ ހާސްކަން ކުޑައެއް ނުވެއެވެ. ބިރުވެރިކަމުގެ ހިޔަނިތައް އޭނާގެ ދެލޮލުން ފެނިފެނި ހުއްޓެވެ.
”ސާހިބާ ސަލާމަތްވި ހެއްޔެވެ؟“ ގުލްބާނޫ އެހިއެވެ.
”އާއެކެވެ. ހަމައެކަނި މުލައްދަނޑިއަށް ވަޒަން އަރައިގެން ޒަޚަމްވީއެވެ.“ ޖީރޫ ބުންޏެވެ.
”މާތްކަލާކޯއެވެ. އޭނާގެ ގަޔަށް ވަޒަން އެރިނަމަ….“ ގުލްބާނޫ އަމިއްލައަށް ވާހަކަ ދައްކޯގޮތަށް ބުނެލިއެވެ.
”ކޮންކަމެއް ހެއްޔެވެ؟ ގުލްއެވެ.“ ޖީރޫ ކުއްލިއަކަށް ގުލްބާނޫ ކުރިމައްޗަށް ހުއްޓި މާނައިން ފުރިގެންވާ ނަޒަރަކުން ގުލްބާނޫއާ ދިމާއަށް ބަލައިލިއެވެ. ”ވެގެން އުޅޭ ގޮތެއް ބުނެބަލާށެވެ.“ ޖީރޫ މިހެން ބުނުމުން ގުލްބާނޫ އެއްވެސް ފޮރުވުމެއްނެތި އެނާގެ ލޯބީގެ ވާހަކަ ވަރަށް ސާފުކޮށް ޖީރޫއަށް ކިޔައިދިނެވެ. ”ގުލްއެވެ. ތިޔައީ ހަމަ ތެދެއް ހެއްޔެވެ؟“ ޖީރޫ ހައިރާންކަމުން ފުރިފައިވާ އަޑަކުން ބުންޏެވެ.
”އާއެކެވެ. ހަމަ ތެދެކެވެ.“ ޖެހިލުމެއްނެތި ގުލްބާނޫ ބުންޏެވެ.
”ގުލް ހާދަގޯހެވެ. އަހަރެން ގާތުގައި ބުނެވެސް ނުލައެވެ.“ ޖީރޫ ބުންޏެވެ. ”ތިޔައީ ހަމަ ރަނގަޅު ރައްޓެއްސެކެވެ.“
”ޖީރޫއެވެ. އޭނާގެ ހާލު ބަލާނީ ކިހިނަކުން ހެއްޔެވެ؟“ ގުލްބާނޫ ހާސްކަމާއެކު ބުންޏެވެ.
”އަހަރެންގެ ބޭބެ ފޮނުވާނަމަވެ. މިއަވަށުގެ އެންމެން އުޅެނީ ސަހިބުންގެ ހާލުބަލަން ހަވޭލީއަށް ދާށެވެ.“ ޖީރޫ ބުންޏެވެ.
”ޖީރޫއެވެ. އެންމެ ފަހަރަކު ނޫނެވެ. ކޮންމެ ދުވަހަކު އެއްފަހަރު ބޭބެ ހަވޭލީއަށް ފޮނުވާށެވެ.“
”އާއެކެވެ. ކޮންމެ ދުވަހަކުވެސް ފޮނުވާނަމަވެސް. ގުލް ފިކުރު ބޮޑުނުކުރާށެވެ.“ ޖީރޫ ބުންޏެވެ.
”ޖީރޫއެވެ. އެއްވެސް މީހެއް ގާތުގައި މިވާހަކަ ނުބުނާށެވެ.“ ގުލްބާނޫ ބުންޏެވެ.
”އަހަރެންނަކީވެސް ގުލް ކަހަލަ މޮޔައެއް ކަމަށް ހީކުރީ ހެއްޔެވެ؟ ހަނދާންކުރާށެވެ. އަހަރެންނަކީ ގުލްގެ ރަނގަޅު ރަޙްމަތްތެރިއެކެވެ.“ އާސިފްގެ ޚަބަރު ގުލްބާނޫއަށް ގެނެސްދިނުމުގެ ޒިންމާއާއި ގުލްބާނޫގެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވުމުގެ ޒިންމާއާއި ޖީރޫ ޙަވާލުވިއެވެ.
ގުލްބާނޫގެ ގާތުގައި ޖީރޫވީ ވައުދު ފުއްދަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ. އާސިފްގެ ޚަބަރު ގުލްބާނޫއަށް ގެނެސްދިނެވެ. އޭރު ހާސްކަން އިންތިހާއަށް ގޮސްފިއެވެ.
އާސިފް ޒަޚަމްވުމަށްފަހުގައި ޖީރޫ ފިޔަވައި އެހެން ރަޙްމަތްތެރިންނާއި ގުލްބާނޫ ވަތް ކަނޑާލިއެވެ. އަނބު ބަގީޗާއަށް ގޮސް ރީތި އަނބު ކެއުމާއި، ކުޅެންދިއުމާއި، ކިޝްތީ ޖަހަން ދިއުން މުޅިން ހުއްޓާލައިފިއެވެ. އަބަދު ގޭތެރޭގައި އިންނަން ފަށައިފިއެވެ. ބައްޕަގެ ކަންތަކަށްދޭ ސަމާލުކަންވެސް ކުޑަވާން ފަށައިފިއެވެ.
ރަޙްމާންގުލް ރޭގަނޑު ހުންއައުމާ ކެއްސުން ބޮޑުވާން ފަށައިފިއެވެ. އެއްދުވަހުން އަނެއް ދުވަހަށް ބަލިބޮޑުވަމުން ދާން ފަށައިފިއެވެ. އޭނާގެ ހާލު ހުރިގޮތުން ފިހާރައަށް ނުދެވޭތާވެސް މިހާރު ކިތަންމެ ދުވަހެއް ވެއްޖެއެވެ. އެއީވެސް ގުލްބާނޫއަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ރައްޓެހި ކުެދިން އޭނާ ހޯދަން އައިމާ ބައްޕަ ބައްޔޭ ކިޔާ ބަހަނާ ދައްކައިގެން އެކުދިންނާ އެކުގާ ނުގޮސް ފަރުޖެއެވެ. އެދުވަހުވެސްވީ އެހެންނެވެ. އެކުދިން ބަލާ އައިމާ ބައްޕަ ބަލިކަމުންނޭ ކިޔާފާ ނުދާން ދެކޮޅުހެދިއެވެ. އޭރު އޭނާގެ ބައްޕަ އިނީ އަޑުއިވޭ ހިސާބުގައެވެ. އެހެންކަމުން ބައްޕަ ބުންޏެވެ.
”ދާށެވެ. ދަރިފުޅާ ގުލްއެވެ. ރައްޓެހި ކުދިން ދެރަކުރާކަށް ނުވާނެއެވެ.“
”ނޫނެކެވެ. ބައްޕާއެވެ.“ ގުލްބާނޫ ބުންޏެވެ.
”އެއީ ކީއްވެގެން ހެއްޔެވެ؟ ދަރިފުޅާއެވެ. ގޭގައި އިނދެގެން ކުރާނީ ކީއްހެއްޔެވެ؟ ދަރުފުޅު މާބޮޑަށް ބަދަލުވެއްޖެހެން ބައްޕައަށް ހީވެއެވެ. ރައްޓެހި ކުއްޖަކާ ދެބަސްވީހެއްޔެވެ؟“ ރަޙްމާންގުލް ބުންޏެވެ.
”މިހާރު ކުޅޭހިތް ނުވަނީއެވެ.“ ގުލްބާނޫ ބުންޏެވެ.
”ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ އެހާބޮޑަށް ބަލިވެ އުޅެނީކީވެސް ނޫނެވެ. މިހެން ކެއްސާތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެއެވެ.“ ރަޙްމާންގުލް ބުންޏެވެ.
”ބައްޕާއެވެ.“ ގުލްބާނޫއަށް ކުއްލިއަކަށް ރޮއިގަނެވުނީ ކީއްވެގެން ކަމެއް ނޭގުނެވެ. އެތަން ފެނުމުން ރަޙްމާންގުލް ކަންބޮޑުވިއެވެ. އެހެންކަމުން ގުލްބާނޫއަށް ގޮވާ ގެނެސް ގާތުގައި ބައިންދާފާ އޯގާތެރިކަމާއެކު ސުވާލުތައް ކުރަމުން ގެންދިޔައެވެ. ގުލްބާނޫއަކީ ސާދާ އަންހެން ކުއްޖެކެވެ. އޭނާގެ ހިތުގައިވާ ސިއްރު ވަންހަނާ ކުރެވޭ ވަރަށް ވުރެ މޭގެތެރޭގައި މާބޮޑަށް ފެތުރިގެން ގޮސްފައިވެއެވެ. ވީމާ ރަޙްމާންގުލް އެހާ ލޯތްބާއި އޯގާތެރިކަމާއެކު ސުވާލުތައް ކުރަން ފެށުމުން އޭނާގެ ހިތް، ދިރޭ ރަހައަށް ވެގެން އޮހެން ފަށައިފިއެވެ. ”ބައްޕާއެވެ. ސާހިބާ ގަޔަށް ވަޒަން އަރައިފިއެވެ. ސާހިބާ ޒަޚަމްވެއްޖެއެވެ.“
ރަޙްމާންގުލް ހައިރާންވެގެން ދެލޯބޮޑުވެއްޖެއެވެ. މުޅިމީހާ ތުރުތުރު އަޅަން ފަށައިފިއެވެ. އޭނާ ހާސްކަމުން ފުރިފައިވާ އަޑަކުން ބުންޏެވެ. ”ދަރިފުޅު ކަންބޮޑުވެގެން ތިޔައުޅެނީ އެކަމާ ހެއްޔެވެ؟“
”އާއެކެވެ. ބައްޕާއެވެ.“ ގުލްބާނޫ ކުއްލިއަކަށް ބައްޕަގެ މޭގައި ބޯއަޅާފައި ރޯން ފަށައިފިއެވެ. އެވަގުތު ބައްޕަ ދެލޯ ބޮޑުކޮށްގެން ގުލްބާނޫއާ ދިމާއަށް ބަލައިލިއެވެ. ދެން އޭނާގެ ދެރަދެރަ ގެޔާ ދިމާއަށް ނަޒަރު ހިންގާލިއެވެ. މަށީގެ ބާ ފާރެކެވެ. ތިރިތިރ ފުރާޅުގަނޑެކެވެ. އެންމެ ކޮޓަރިއެއް ހުރި ގެއެކެވެ. ބާރަޖާ ފަތުރައިގެން ތަންމަތީ ހަދާފައިވާ ދެއެނދެވެ. މުށީގެ ކަންވާރުކޮޅެކެވެ. ހެލިހެލިހުރި ދެތިން ގޮނޑިއެވެ. އެހެން އެއްވެސް އެއްޗެއް ނެތެވެ. މާތްކަލާކޯއެވެ. މިވީ ކިހިނެއްހެއްޔެވެ؟ ހާހަކާ ސުމަކާ އެއްވަރުވާނީ ކިހިނަކުން ހެއްޔެވެ؟ ރަޙްމާންގުލް ހިތަށް އެރިއެވެ. ވާނީވެސް އެހެންތާއެވެ. މިހާރުވެސް ގުލްބާނޫ އެއިނީ އޭނާގެ މޭގައި ބޯޖަހައިގެން ރޯށެވެ. އެއޮތީ ފޮތް ހުޅުވާލެވިފައެވެ. ކިޔާނެ ވަރަކަށް ކިޔަންވީއެވެ. ގުލްބާނޫގެ ގާތުގައި އިތުރަށް ކުރާނޭ ސުވާލެއް ނެތެވެ….. ގުލްބާނޫގެ ގައިގާ ހިފާ ތަޅުވައިގެންފާ ހަޅޭއްލަވައިގަންނަން ރަޚްމާންގުލް ހިތަށް އެރިއެވެ. ދުވަސްވެ ބާވެފައިވާ ފާރެއްގައި ބޯތަޅައިގެންނަމަ ސަލާމަތްވާނޭ ކަމަށް އުންމީދު ކުރެވިދާނެއެވެ. ނަމަވެސް ޢަލީ ނޫރު މުޙައްމަދުގެ އުސް ޙަވޭލީގެ ފާރުގައި ބޯ ތަޅަން ހަދައިގެން ބޯފަޅާއިގެން ގޮސް ލޭ އައުން ނޫން ކަމެއް ނުވާނެއެވެ. ގުލްއެވެ. ތިޔަކުރީ ކީއްހެއްޔެވެ؟…… ގުލްބާނޫދެކެ ރަޙްމާންގުލް ރުޅިއައެވެ. ނަމަވެސް އެއްޗެއް ބުނެވޭކަށް ނެތެވެ. އޭނާއަށް ލޯބީގެ އަމަލީ ތަޖުރިބާ ލިބިފައިވެއެވެ. އެކަކު އަނެކެއްގެ ބަސް ނޭގޭ ހާލުގައިވެސް ރޭޝްމާންދެކެ އޭނާ ލޯބިވިއެވެ. ޢާއިލާއާއި ޤަބީލާގެ އެންމެންނާ ދެކޮޅަށް އޭނާ ރޭޝްމާންއާ ކައިވެނި ކުރިއެވެ. ދުވަހަކު ވަކިވުމެއް ނުވާފަދަ ގަދަފަދަ ގުޅުމަކުން ގުޅުނެވެ. ކުރާނޭ ކަމެއް ނެތެވެ. އޭރު ލޯތްބަށް ހުރަސް އެޅީ ޢާއިލާއާއި ޤަބީލާގެ މީހުންނެވެ. މިފަހަރު ލޯތްބަށް ހުރަސް އަޅާނީ މުދަލާއި ފައިސާއެވެ. މުއްސަނދިކަމާއި ޤަދަރެވެ. އެފަދަ ގޮތެއް ދިމާވެއްޖެނަމމަ ކުރާނީ ކީއްހެއްޔެވެ؟ އެންމެ ފުރަތަމަ ބަލަންވީ ޢަލީ ނޫރު މުޙައްމަދުގެ ފިރިހެން ދަރިފުޅު ގުލްބާނޫއާމެދު ދެކޭގޮތެވެ. ޔަޤީންކުރަންވީ އެއީ ކުޅޭ ކުޅިވަރެއްތޯއެވެ؟ ނުވަތަ ލޯބީގައި އޭނާ ސީރިއަސްވެފައިވާވަރެވެ. އެކަހަލަ މުއްސަނދި ޤަދަރުވެރިއަކު ގުލްބާނޫ ކަހަލަ ނިކަމެތި ފަޤީރު ކުއްޖަކަށްޓަކައި ބޯލަނބާފާނޭ ހެއްޔެވެ؟ ދުނިޔެއާ ހަނގުރާމަ ކުރުމުގެ ހިތްވަރު ހުންނާނޭ ހެއްޔެވެ؟ ހިނދުކޮޅެއްގެ ތެރޭގައި ޚިޔާލުތަކުގެ ސިލްސިލާއެއް ރަޙްމާންގުލްގެ ސިކުނޑިއަށް އަރާ ފައިބައިގެން ދިޔައެވެ. އޭނާގެ އަރުތެރޭގައި މާޔޫސީއާއި ނާއުންމީދުގެ ހިތިރަހަ ހިފާލިއެވެ. ފިކުރުބޮޑުވެފައި އިންވަރުން ގުލްބާނޫ އެތަނުން ތެދުވެގެން ދިޔަކަމެއްވެސް އޭނާއަކަށް ނޭގުނެވެ.