ޤައިދީންގެ ގާފިލާ މުޅަމަސްތަކުގެ ކައިރިއަށް މަޑުކޮށްލި ވަގުތު ރޫމްގެ ކަނޑުގެ އައްސޭރީގައި ހުރި ސުލްޠާން އައްޔޫބީގެ ލަޝްކަރީ ކޭމްޕްއަށް ތިންމީހަކު ދިޔައެވެ. އެމީހުން ވާހަކަ ދައްކަނީ – އިޓަލީ ބަހުންނެވެ. އެމީހުން އަޅައިގެން ތިބީ އިޓަލީގެ ކުދިރަށްތަކުގެ މީހުން އަޅާކަހަލަ ހެދުމެވެ. މިދެންނެވި ތިންމީހުން ދައްކާ ވާހަކަ އައްޔޫބީގެ ކޭމްޕްގެ އެއްވެސް މީހަކަށް ނޭގެއެވެ. ވުމާއެކު، އިޓަލީ ހަނގުރާމަވެރި ގައިދީން ލައްވާ އެމީހުން ދައްކާވާހަކަ ތަޖުރިބާ ކުރުވިއެވެ. ގައިދީން ބުނިގޮތުން ވިއްޔާ އެމީހުންނަކީ އިޓަލީން ފުރައިގެން ދަތުރުކޮށްފައި އައިބައެކެވެ. އެމީހުންގެ އެދަތުރަކީ އެމީހުންގެ އަންހެން ކުދިޔަބަޔަކު ހޯދުމަށްޓަކައި ކުރާދަތުރެކެވެ. އެމީހުން ބޭނުންވަނީ ސިފައިންގެ ވެރިއެއްގެ ގޮތުން ކޭމްޕުގައި ހުންނެވި ބޭފުޅަކާއި ބައްދަލު ކުރުމެވެ. އިޓަލީގެ ހަނގުރާމަވެރި ގައިދީންގެ ފަރާތުން އޭގެ ތިންދަތުރު ވެރިން އައި ބޭނުން އޮޅުން ފިލުވުން ބަހާއުއްދީން ޝައްދާދުގެ އަރިއަހަށް އެމީހުން ފޮނުވުނެވެ. ސުލްޠާން އައްޔޫބީ ވަޑައިގެން ނޫޅުއްވާއިރު ކޭމްޕްގެ ވެރިއަކަށް ހުންނަވަނީ ބަހާއުއްދީން ޝައްދާދެވެ. އެމަނިކުފާނުވެސް އިޓަލީގެ ތިން މީހުނާއި ވާހަކަފުޅު ދެއްކެވުމަށްޓަކައި އެޓަލީގެ ހަނގުރާމަވެރި ގައިދީއަކު ގެންނެވިއެވެ. އެ ގައިދީ ކެލޭގެއަކީ އިޓަލީ ބަހާއި މިސުރުގެ ބަސް ރަގަޅަށް ދަންނަ މީހަކަށްވާތީ އޭނާ މެދުވެރި ކުރައްވައިގެން ޝައްދާދު އެމީހުންނާއި ވާހަކަފުޅު ދެއްކެވިއެވެ. އިޓަލީގެ ތިން ދަތުރުވެރިންގެ ތެރެއިން އެކަކީ މެދު އުމުރުގެ މީހެކެވެ. ދެންތިބި ދެޒުވާނުނެވެ. އޭގެ ތިން މީހުންވެސް ދެއްކީ ހަމަ އެއް ވާހަކައެކެވެ. އޭގެތެރެއިން ކޮންމެ މީހެއްގެވެސް އަންހެން ކޮއްކޮއަކު އެކުދީންގެ ގޭގައި ތިއްބާ ޞަލީބީ ލަޝްކަރުގެ މީހުން ގޮސް އަތުލައި ގަނެގެން ގެނައީ ކަމުގައި ބުންޏެވެ. އެހެންވެފައި ވަނިކޮށް އެކުދިން ސުލްޠާން އައްޔޫބީގެ ހަނގުރާމަވެރި ކޭމްޕްއަށް ގެނެވިއްޖެ ކަމުގައި ކޮންމެވެސް މީހަކު ބުނިބުނުމެއްގެ އަޑުއިވިގެން އަންހެން ކޮއްކޮމެން ހޯދުމަށްޓަކައި ކޭމްޕްއަށް އައީކަމުގައިވެސް ބުންޏެވެ.
އެމީހުން ދެއްކި ވާހަކައަށް ތާއީދު ކުރައްވާ ޝައްދާދު ވިދާޅުވިއެވެ. ”ތިޔައީ ތެދެކެވެ. ހަތްއަންހެން ކުދިން މިތަނަށް އައެވެ. އެކުދިންވެސް ދެއްކީ ކެލޭމެން ތިޔަ ދެއްކިފަދަ ވާހަކަ ތަކެކެވެ. ނަމަވެސް އޭގެ ހަތްކުދިންވެސް ހިމެނުނީ ޖާސޫސުން ކަމުގައެވެ.“ ގައިދީ ކަލޭގެ މެދުވެރި ކުރައްވާ ޝައްދާދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ކޮއްކޮއިންނަކީ ޖާސޫސުންނާއި ގުޅުމެއްހުރި ބައެއްނޫނެވެ. އަޅުގަނޑުމެންނަކީ އަނިޔާ ލިބިގެންވާ ނިކަމެތިބަޔަކީމެވެ. މިހާދުރަށް އަޅުގަނޑުމެން މިދަތުރުކުރީ މީހެއްގެ އަތުން ކިޝްތީއެއް އަތުލައިގެންނެވެ. އަޅުގަނޑުމެން ފަދަ ނިކަމެތި ބައެއްގެ ކޮއްކޮއިންނަށް ޖާސޫސް ކުރުން ފަދަ ނުބައިކަމެއް ކުރެވޭނީ ކިހިނަކުންތޯއެވެ؟ – ތިޔަ ވިދާޅުވާ ހަތްއަންހެން ކުދީންނަކީ ކޮންބައެއް ކަމެއް އަޅުގަނޑުމެނަކަށް ނޭގެއެވެ. އަޅުގަނޑުމެން މިހޯދަނީ އަޅުގަނޑުމެންގެ ކޮއްކޮއިންނެވެ.“ އިޓަލީގެ ތިންދަތުރުވެރިން ދެއްކިވާހަކަ ގައިދީކަލޭގެ މިފަދައިން ތަރުޖަމާކޮށް އެރުވިއެވެ.
”މިހާރު އަޅުގަނޑުމެންގެ ކޭމްޕުގައި އެންމެ އަންހެން ކުއްޖަކުވެސް ނެތެވެ.“ ޝައްދާދު ވިދާޅުވިއެވެ. – ”އެކަމަކު ޞަލީބީ ހަތް އަންހެން ކުދީން މި ކޭމްޕުގައި ތިއްބެވެ. އޭގެތެރެއިން ކުއްޖަކު ވީގޮތެއްނޭގި ގެއްލިފާވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދެންތިބި ހަ އަންހެން ކުދިން ގާހިރާއަށް ފޮނުވުމަށްޓަކައި އިއްޔެނޫން އިހަށްދުވަހުގެ ހެދުނު ފަތިހާ ފުރުވާލައިފިއެވެ. ކަލޭމެން އެކުދިން ދެކެން ބޭނުމިއްޔާ ގާހިރާއަށް ދާށެވެ. އަހަރެމެންގެ ސުލްޠާން އަކީ ހިތްޕުޅުހެޔޮ އޯގާތެރި ބޭފުޅެކެވެ.“
”ނޫނެކެވެ.“ ތިން މީހުންގެ ތެރެއިން އެކަކު ދެންނެވިއެވެ.
”އަޅުގަނޑުމެންގެ ކޮއްކޮއިން ޖާސޫސުންނަކަށް ނުވާނެއެވެ. ތިޔަވިދާޅުވާ ހަތް އަންހެން ކުދިންނަކީ ކޮންމެވެސް އެހެން ކުދިބައެކެވެ. އަޅުގަނޑުމެންގެ ކޮއްކޮއިން ކަނޑަށް ޣަރަގުވެގެން މަރުވީއެވެ. ނުވަތަ އަޅުގަނޑުމެންގެ ލަޝްކަރުން ކޮންމެވެސް ބަޔަކު އެކުދިން ގެންދިޔައީއެވެ.“ ގައިދީ ކަލޭގެ ދެފަރާތުން ދެކެވޭ ވާހަކަތައް ތަރުޖަމާ ކުރަމުން ގެންދިޔައެވެ.
ބަހާއުއްދީން ޝައްދާދަކީ ހިތްޕުޅުހެޔޮ އަޚްލާޤް ރަނގަޅު ބޭފުޅެކެވެ. ވުމާއެކު، އިޓަލީގެ ތިންމީހުނަށް ލިބިފައިވާ އަނިޔާއާއި ހިތާމަތަކުގެ ވާހަކަ އިވިވަޑައި ގަތުމުން އެމަނިކުފާނުގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރުކޮށް އެމީހުން ކަމޭހިއްތަވާ އީމާންދާރީ އަދާ ކުރެއްވުމަށްފަހު އިއްޒަތާއި އެކުގައި އެމީހުން ފޮނުވައިލެއްވިއެވެ. އެވަގުތު ކޭމްޕުގައި ހުންނެވިނަމަ އެހާ ފަސޭހައިން އެމީހުން ދިޔަކަ ނުދެއްވީހެވެ. އޭގެ ތިން މީހުންދެއްކި ވާހަކައިގައި އެކުލެވޭ ދޮގުތައް ޢަލީ ބިން ސުފިޔާންގެ ޖާސޫސީ ލޯފުޅަށް ފެނިވަޑައިގެންވީހެވެ……. ކޮންމެ އަކަސް ސުލްޠާން އައްޔޫބީގެ ހަގުރާމަވެރި ކޭމްޕްއިން ނިކުތް އިޓަލީގެ ތިންމީހުން ދިޔަދިމާއެއް ކޭމްޕްގެ އެއްވެސް މީހަކަށް ނޭގެއެވެ. ކޭމްޕްގެ މީހަކު އެއެއް ބަލާކަށް ނުވެސް އުޅެއެވެ. އޭގެ ތިން ދަތުރުވެރިން ކޭމްޕްއިން ނިކުމެވެގެން އިރުއޮއްސި އަދިރި ވަންދެން އެތަންމިތަނުގައި ހިގަހިގާ ތިބީއެވެ. އެގޮތަށް ތިބެފައި އެދުވަހުގެ އިރުއޮއްސިގަތް އަދިރިއާ އެކުގައި ކޭމްޕް ފަހަނައަޅާގޮސް ނުރައްކަލެއް ނާންނާނޭކަން ޔަގީންވާ ހިސާބުން ފަރުބަދަތަކުގެ ތެރެއަށް ވަދެއްޖެއެވެ.
އެތަނުގައި އެކަހަލަ އަށާރަ މީހުން އޭގެތިން މީހުންގެ އިންތިޒާރުގައި ތިއްބެވެ. ކޭމްޕްއަށްދިޔަ ދަތުރުވެރިންގެ ތެރޭގައި ހުރި މެދު އުމުރުގެ މީހަކީ މެގުނާން މާރިޔޯސްއެވެ. – އެކާވީސްމީހުން އެކުލެވޭ މި ޖަމާއަތަކީ އަންހެން ކުދިން ސަލާމަތް ކުރުމަށާއި، އެކަށީގެންވާ ފުރުސަތެއް ލިބިއްޖެނަމަ ސުލްޠާން އައްޔޫބީ ގަތުލުކޮށްލަން އައި ޞަލީބީންގެ ކޮމާންޑޯ ޕާޓީއެވެ. ކޭމްޕަށް ދިޔަމީހުން އެބުރި އައީ އެމީހުނަށް ބޭނުންވާ ވަރަށްވުރެ އިތުރަށްވެސް މައުލޫމާތު ހޯދާގެންނެވެ. ސުލްޠާން އައްޔޫބީ ކޭމްޕްގައި ވަޑައިގެން ނޫޅުއްވާކަމާއި އެމަނިކުފާނު ހުންނެވީ ގާހިރާގައިކަން އޮޅުން ފިލުވިއެވެ. ޝައްދާދުއާއި ވާހަކަ ދެއްކުމުގެ ތެރޭގައި އަންހެން ކުދީން ގާހިރާއަށް ފުރުއްވާލައްވައިފިކަމާއި، އެކުދީންނާއެކުގައި ގައިދީންގެ ފަސްފިރިހެނުންވެސް ގާހިރާއަށް ފޮނުއްވެވިކަން އެމީހުންނަށް އޮޅުން ފިލިއެވެ.
ކޮމާންޑޯ މިޝަންގެ ޕާރޓީ އެތަނަށް އައީ – ބޮޑު ކިޝްތީއެއްގައެވެ. އެމީހުން ދަތުރުކުރި ކިޝްތީ އެޅީ އައްސޭރިއާއި ހަމައިން ކަނޑުތެރެއަށް ހެދިފައިހުރި ބޮޑު ހިލަގަޑެއް ކަޑައިގެންގޮސް ހެދިފައިއޮތް ބޮޑު ދުއްރައެއްކަހަލަ ތަނެއްގެ އެތެރޭގައެވެ. ނަމަވެސް އެމީހުނަކަށް އެތަނުގައި ފިލާ ތިބެވޭކަށް ނޯންނާނެއެވެ. ވީހާއަވަހަކަށް އެމީހުން ޤާހިރާއަށްދާން ފުރަން ޖެހޭނެއެވެ. އެދަތުރު ކުރެވެން އޮތީ އެއްގަމުނ މަގުންނެވެ. އެކަމަކު އެމީހުން ކޭމްޕްއަށް ދިޔުމުގެ އެންމެބޮޑު ބޭނުމަކީވެސް ސަވާރީހޯދުމެވެ. ކޭމްޕްގެ މީހުން ސަވާރުވާންގެންގުޅޭ އަސްތަކާއި ޖަމަލުތައް ބަދެފައިހުރި ތަނެއް ބެލުމެވެ. މިބެލިބެލުމުން ސަވާރުވާނޭ ޖަނަވާރު ވަގަށް ނެގުމަކީ ފަސޭހަކަމެއް ނޫންކަމާއި އެކާވީސް އަސް ނުވަތަ ޖަމަލު ނުނެގޭނޭކަން އެމީހުންނަށް އެގުނެވެ. ވުމާއެކު، އެރޭގެ އިރުއެރުމުގެ އެތަކެއް ގަޑިއުރު ކުރިން އެމީހުން ފައިމަގުގައި ހިގައި ގެންފިއެވެ. އެދާދިޔުމުގައި އެމީހުންނަށް ސަވާރީ ލިބިއްޖެނަމަ ދަތުރުގެ މަގުމަތިން ގައިދިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާނެއެވެ. އެހެންނޫނީ ގާހިރާ ފޯރަންދެން އެމަސައްކަތް ފަސްކޮށްލާފައި ބާއްވާނީއެވެ. އެއީ ދިރިހުރުމާއި މަރުވުމުގެ ހަގުރާމައެއްކަން އެއެންމެނަށްވެސް އެގެއެވެ. ނަމަވެސް އެހަނގުރާމައިގާ އެމީހުންނަށް ކާމިޔާބު ވެއްޖެނަމަ އެއްވެސް މަސައްކަތަކާއި ނުލާ ދިރިއުޅެވޭ ވަރަށް އިނާމް ދެއްވާނޭ ކަމުގައި ޞަލީބީންގެ މަތީ ދަރަޖައިގެ ވަރިންނާއި، ރަސްރަސްކަލުން ވައުދުވެވަޑައިގެންފައިވެއެވެ.
މެގުނާނާ މާރީއޯސްއަކީ ޖަލުން ގެނެވުނު މީހެކެވެ. އޭނާ ހުރީ މަގުފޭރުމުގެ ކުށުގައި ތިރީސް އަހަރަށް ޖަލަށްލާފައެވެ. އެޕާރޓީގައި މެގުނާނާ މާރިއޯސްގެ އިތުރަށް އެހެން ދެކުށްވެރިންވެސް ތިއްބެވެ. އެއީ ސައުވީސް އަހަރަށް ޖަލަށްލާފައިހުރި މީހަކާއި، ހަތާވީސް އަހަރަށް ޖަލަށް ލާފައިހުރި މީހެކެވެ. އެދުވަސްވެރު ޞަލީބީންގެ ޖަލެކޭ ގުރުބާން ކާހެކޭ އެއްގޮތެވެ. ކުއްވެރިވެގެން ޖަލަށްލާ މީހުންނަކީ އިންސާނުން ކަމަށް ޞަލީބީންނެއް ނުދެކެއެވެ. އެމީހުން ލައްވާ އިންތިހާ ދަރަޖައިގެ ބުރަ މަސައްކަތް ކުރުވައެވެ. ޖަނަވާރުވެސް ނުކާފަދަ މުޅަތަކެއްޗާއި ކުނިބުނި އެމީހުނަށް ކާންދެއެވެ. ކުށްވެރީންނަކަށް ރޭގަޑުވެސް އަރާމު ކޮށްލުމަކަށް ހުއްދައެއް ނޯވެއެވެ. އެޒަމާނުގެ ޖަލުތަކުގައި ތިބުމަށްވުރެ މަރުވުންވެސް މާހެޔޮކަން ބޮޑެވެ. އެފަދަ އަނިޔާވެރިކަންބޮޑު ޖަލުތަކުން ހޮވައިގެން ގެނެވުނު ތިންމީހުންނަށްވެސް އިނާމްގެ އިތުރަށް އެމީހުންގެ ކުށް މާފުކުރާނޭ ކަމުގައިވެސް ވައުދުވެފައިވެއެވެ. އެމީހުން ކޮމާންޑޯ ޕާޓީގައި ބައިވެރި ކުރެވުނީ ޞަލީބީއަކު ގަތުލުކޮށްފިނަމަ އެމީހުން ކޮށްފައި ހުރި ފާފަތަކުގެ ތެރެއިން އެތަކެއްފާފަ ފޮހެވިގެންދާނޭ ކަމާއި، އެގޮތުން ގިނަ މުސްލިމުން ގަތުލުކުރި މީހެއްގެ ގިނަ ފާފަ ފުހެވޭނޭކަމުގައި އެމީހުން ލައްވާ ހުވާކުރުވި ފާދިރީ ކަލޭގެ ބުންޏެވެ. އަމުދުން ޞަލާހުއްދީން އައްޔޫބީ ގަތުލުކޮށްލައިފި މީހެއްގެ ހުރިހާ ފާފައެއް ފުހެވިގެންދާނޭ ކަމަށާއި މަރުވުމަށްފަހުގައި އެމީހަކަށް ސުވަރުގެއަށް ދެވޭނޭ ކަމަށްވެސް ފާދިރީ ބުންޏެވެ.
އޭގެ ތިން މީހުން ކޮމާންޑޯ ޕާޓީގައި ބައިވެރިވީ ނަރަކަ އެއްފަދަ ޖަލުން ސަލާމަތް ވާންވެގެންކަމެއް މަރުވުމަށް ފަހުގައި ސުވަރުގެއަށް ދާން ބޭނުންވާތީ ކަމެއް ނުވަތަ އިނާމްގެ ދަހިވެރި ކަމުގައި ކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. ކޮންމެ އަކަސް އެމީހުން ގެ ހިތްތަކުގައި އިސްލާމުންނާއި ދެކޮޅަށް ނަފްރަތު އުފައްދާފައިވާލެއް ބޮޑުކަމުން އެމީހުންގެ އިއްޒަތް ވަރުގަދަވެ ބަދަލު ހިފުމުގެ ޖޯޝް އިންތިހާއަށް ގޮސްފައިވެއެވެ. އެމީހުން މިސުރުން ފައިބާނީ ފާހަގަ ކޮށްލެވޭފަދަ ކަމެއް ކޮށްފައި ނުވަތަ ފުރާނަތައް ގުރުބާން ކޮށްލައިގެން ކަމުގައި ހީވެއެވެ. ޖަލުން ގެނެވުނު ތިންމީހުންގެ އިތުރަށް ދެން ތިބި އަށާރަ މީހުންނަކީ ލަޝްކަރުގެ ތެރެއިން އިންތިހާބު ކުރެވިފައިތިބި މީހުންނެވެ. އެއީ މިސުރާއި ހަމަލާދޭން ކަނޑުމަގުން ދިޔަ ލަޝްކަރުގައި ބައިވެރިވި އަލިފާނުގެ ހޫނު ރަގަޅަށް ފެނިފައިތިބި މީހުންނެވެ. އެމީހުން ބޭނުންވަނީ އެފަހަރު ބަލިވި ބަލިވުމުގެ ބަދަލު މުސްލިމުންގެ ކިބައިން ހިފާލުމެވެ. އިނާމްގެ ދަހިވެތިކަންވެސް އެމީހުންގެ ހިތްތަކުގައި މުޅިއަކުން ނެތެއްނޫނެވެ. – އެއެންމެންވެސް ސިއްރުނޭގޭ މަންޒިލްއަކާއި ދިމާއަށް ފައިމަގުގައި އެހިގައިގަތީ ވަރުގަދަ ޖޯޝަކާއި އެކުގައެވެ.
ދުވާލު މެންދުރު ވަގުތުގައި އަސްވާރަކު ބާރަށް އަސްދުއްވާފައި އައިސް ސުލްޠާން އައްޔޫބީގެ ހެޑް ކުއާޓާރޒްގެ ކުރިމައްޗަށް އައިސް މަޑުކޮށްލައިފިއެވެ. އޭނާ ދަތުރުކޮށްފައި އައި އަހުގެ ހަތަރު ފަރާތުން ދައު ތިކިތައް ފައިބަފައިބާ ހުއްޓެވެ. އަސްވާރު ކަލޭގެ ވަރުބަލިވެފައި އިންވަރުން ވާހަކަ ދެއްކޭވަރުވެސް ނުވެއެވެ. އޭނާ އަސްމަޑުކޮށްލާފައި ކުޑަކޮށްނޭވާ ހަމަ ޖައްސާލުމަށްފަހު އަހުން ފުންމާލިތަނާ އޭނާގެ އަސް ވަރަށް ބާރަށް ތެޅިގަނެގެންފައި ވެއްޓި މަރުވެއްޖެއެވެ. އަސްވާރުކަލޭގެ އެސޮރަށް އަރާމުގެ ފުރުސަތެއް ނުދީ ކާއެއްޗެއް ބޯނެފެންތިއްކެއް ނުދީ އެއްރޭގެ ހަތަރުދަމާއި ދުވާލެއްގެ ދެބައި ކުޅަ އެއްބައިގާ އެހާބާރަށް އަސް ދުއްވުމުގެ ސަބަބުން އެސޮރުގެ ފުރާނައަށް ކެތްނުކުރެވިގެން ހަށިގަނޑު ދޫކޮށް ދިޔައީއެވެ. އަސްވާރު ކަލޭގެ އަހުން ފުންމާލުމާއެކު ސުލްޠާން އައްޔޫބީގެ ބޮޑީގާރޑުން އައިސް އެމީހާ ވަށާލައިފިއެވެ. އެންމެ ފުރަތަމަ އަސްވާރުކަލޭގެއަށް ފެންބޯންދިނެވެ. އެގޮތުން އަރުތެމި ވާހަކަ ދައްކާލެވޭވަރު ވީމާ ވެރިއަކާއި ނުވަތަ ކޮމާންޑަރަކާއި ބައްދަލުވާން އެދޭކަމުގައި އެމީހާ ބުނެފިއެވެ. އެހާތަނުން ސުލްޠާން އައްޔޫބީވެސް އެތަނަށް ނިކުމެވަޑައިގެންފިއެވެ. އެމަނިކުފާނު ފެނުމުން އަސްވާރުކަލޭގެ އަދަބު އަދާކޮށް ސަލާމް ކުރުމަށްފަހު ދެންނެވިއެވެ. ”ސުލްޠާންގެ އިއްޒަތް މަތިވެރި ކުރައްވާށިއެވެ. ނުބައިވެގެންވީ ޚަބަރަކާއިގެން އަޅުގަނޑު އައިސްހުރީމެވެ.“
އެއަދު އިވިވަޑައިގެންނެވުމުން ސުލްޠާން އައްޔޫބީ އެކަލޭގެ ގޮވައިގެން އެތެރެއަށް ވެދެވަޑައިގެންފައި ވިދާޅުވިއެވެ.
”އަވަހަށް ތިޔަ ޚަބަރު އަހުރެންނަށް އިއްވާށެވެ.“
”ގައިދީ އަންހެން ކުދީން ފިލައިފިއެވެ. އަޅުގަނޑުމެންގެ ހިމާޔަތުގެ އެންމެން މަރާ ހުސްކޮށްފިއެވެ. ސަލާމަތުން އާދެވުނީ ހަމައެކަނި އަޅުގަނޑަށެވެ. އަޅުގަނޑުމެންނާއި ހަމަލާ ދެނީ ކޮންބައެއް ކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. އަޅުގަނޑުމެން ތިބީ ކޮރުދަންތަކުގެ އަލީގައެވެ. ހަމަލާ ދިން މީހުން ތިބީ އަދިރީގައެވެ. އައި ވަކި ދިމާއެއް ނޭގި އަނދިރީގެ ތެރެއިން އައި ތީރުތަކެއް އަޅުގަނޑުގެ ހުރިހާ އެކުވެރިން މަރާ ހުސްކޮށްފިއެވެ.“
ސުލްޠާން އައްޔޫބީގެ އަރިއަހުގައި ވާހަކަ ދަންނަވަން އެހެރީ އަންހެންކުދިން ގޮވައިގެން ދަތުރު ކުރި ގާރޑުންގެ ތެރެއިން ފިލައިގެން ދިޔަ މީހާއެވެ. ސޫދާނީންގެ އަސްތަކުގެ ތެރެއިން އަހަކަށް ސަވާރުވެގެން ރައްކަރުވި މީހާއެވެ. އޭނާއަހަށް ސަވާރުވެ ހަންމުށި އެޅީއްސުރެ އެންމެ ފަހަރަކުވެސް އަސް މަޑުކޮށްލުމެއްނެތި އާދައިގެ ގޮތެއްގައި އެދިގު ދަތުރު ކުރެވޭވަރަށްވުރެ ދެބައިކުޅަ އެއްބައި އަވަހަށް ދަތުރު ނިންމާލީއެވެ.
ސުލްޠާން އައްޔޫބީ އަވަސް އަވަހަށް ޢަލީ ބިން ސުފިޔާނާއި ލަޝްކަރުގެ ނާއިބަކު ގެންނެވުމަށްފަހު ވާހަކަކިޔައި ދިނުމަށް އަސްވާރުކަލޭގެއަށް އަމަރު ކުރެއްވިއެވެ. އެމީހާ ކޭމްޕްއިން ނިކުތީއްސުރެ ކަން ހިގަމުން ދިޔަގޮތް ދަންނަވަން ފެށިއެވެ. އެމީހުންގެ ކޮމާންޑަރއަކަށް ހުރި މީހާ އޭގެ ތެރެއިން އަންހެން ކުއްޖަކު ގޮވައިގެން އެކަހެރިވެ މަޖާ ނަގަންވެގެން އެހެން ކުށްވެރިންނާއި ދޭތެރޭގައި ފަރުވާކުޑަކުރިކަމާއި ނަތީޖާއެއްގެ ގޮތުން ދަތުރުމަތީގައި ދިމާވި އުދަގޫތަކާއި އެންމެ ފަހުން ކަންވީގޮތް އެބޭފުޅުންގެ އަރިއަހުގައި ދެންނެވިއެވެ. ނަމަވެސް ހަމަލާ ދިނީ ކޮންބައެއްކަމެއް ދަންނަވާކަށް އޭނާއަކަށް ނޭގެއެވެ.
”ސާފުކޮށް އެގޭގޮތުގައި ހަމަލާދިން ޞަލީބީން މިސުރުގައި އެބަތިއްބެވެ.“ އޭނާގެ ވާހަކަ އަޑުއައްސަވާފައި ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ.
”އެކަށީގެންވާ ކަމެކެވެ.“ ޖަވަބުގައި ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. “ ހަމަލާ ދިން މީހުންނަކީ ސަހަރުގެ ޑާކޫންނަށްވެސް ވެދާނެއެވެ. އެހާރީތި އެހާ ފުރިހަމަ އަންހެން ކުދި ބައަކު ޑާކޫންނަށްޓަކައި ވަރަށް ބޮޑު ސިހުރަކަށް ވާނެއެވެ.“
”މީނާ ދެއްކި ވާހަކަ ފަރުވާތެރިކަމާ އެކު ޢަލީ އަޑު ނާއްސަވަނީއެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”ގައިދީ އަސީރުންގެ ފިރިހެނުން މުޅަމަސްތަކުގެ ކައިރީގައި ހުރި ހަތިޔާރުތައް ނަގައިގެން އައިސް ގާޑުން ގަތުލުކުރަން އުޅެން ފެށީމާ ގާރޑުންގެ ތެރެއިން ދެމީހަކު ދުނި އުކައިގެން އެމީހުން މަރާލީ ކަމަށާއި އެބަޔަކު ގާރޑުންނާއި ހަމަލާ ދިނީ އޭގެ ފަހުންކަމުގައި މީނާ ބުނެފިއެވެ. އެހެންކަމުން ގާޑުންނާއި ހަމަލާ ދިން ޞަލީބީންނަކީ ކުރިއްސުރެ އެމީހުންނަށް ފާރަލަމުންދިޔަ ބެއެއްކަން ސާފުކޮށް އެގެއެވެ.“
”އެއީ ކޮންމެ ބައަކަށްވިއަސް އިހަށް އެވާހަކަ ނުދައްކާށެވެ. މުހައްރަމް ސުލްޠާންއެވެ.“ ނާއިބު ދެންނެވިއެވެ. ”މި ވަގުތު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މަގުދައްކާ މީހެއްގެ ގޮތުގައި މީނާ ބަހައްޓައިގެން ހާދިސާ ހިގި ތަނަށް ދަތުރު ކުރާނޭ ވިހި އަސްވާރުން ތައްޔާރު ކުރައްވާ ފުރުވާލެވުމެވެ. އޭގެފަހުގައި ހަމަލާ ދިންބައަކު އޮޅުން ފިލުއްވަވާނީއެވެ.“
”އެމީހުން އެކުގައި އަޅުގަނޑުގެ ނާއިބަކުވެސް ފޮނުވާނަމެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.
”ފުރަތަމަ މީނާއަށް ކާންދެއްވާށެވެ. ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އެއަށް ފަހުގައި ކުޑައިރުކޮޅަކު މީނާ އަރާމުކޮށްލިއަ ދެއްވާށެވެ. އެހާތަނަށް ބާރަށް ދަތުރުކުރާ އަސްވާރުންގެ ވިހިމީހުން ތައްޔާރު ކުރައްވާފައި އެބަޔަކު ހޯއްދަވަން ފޮނުއްވާށެވެ. ފެނިވަޑައި ގަންނަވަނީނަމަ އެއަށްވުރެ ގިނައަސްވާރުން ފޮނުއްވިއަސް އެންމެ ރަގަޅެވެ.“
”އަޅުގަނޑު ސަވާރު ވެގެން އައި އަސް މޮހިތަނުގާ އަށްއަސް ބަނދެފައި އޮތެވެ.“ ގާރޑް ދެންނެވިއެވެ. ”ނަމަވެސް އެތަނުގައި އިންސާނެއްގެ ހިލަންވެސް ނެތެވެ. ހަމަލާ ދިނީ އެއަސްތަކުގައި އައިމީހުން ކަމަށް ވުން އެކަށީގެންވެއެވެ. އެތަނުގައި އަށްއަސް އޮތީވިއްޔާ އަސްވާރުންގެ އަށް މީހުން ވެސް ތިބޭނެއެވެ.“
”ހަމަލާ ދިން މީހުންގެ އަދަދު މާގިނައެއް ނުވާނެއެވެ.“ ނާއިބު ދެންނެވިއެވެ. ”އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ގޮސް އެމީހުން އަތުލައި ގަންނާނަމެވެ.“
”އެއީ ނުރައްކުއުތެރި ހަނގުރާމަވެރިންކަން ހަދާން ކުރައްވާށެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އެމީހުންގެ ގާތުގައިތިބި އަންހެން ކުދީންނަކީ ފައްކާ ޖާސޫސުންނެވެ. ތިޔަބޭފުޅުންނަށް އޭގެތެރެއިން އެންމެ ޖާސޫސަކު ނުވަތަ އެންމެ ހަގުރާމަވެރިއަކު އަތުލައި ގަނެވުނަސް އެއަތުލައި ގެންނެވެނީ ދުޝްމަނުންގެ ދުއިސައްތަ ހަގުރާމަވެރިންކަމުގައި ހީކުރައްވާށެވެ. އެންމެ ޖާސޫސަކު އަތުލައި ގަތުމަށްޓަކައި ދުޝްމަނުންގެ ދުއިސައްތަ ހަނގުރާމަވެރިން ދޫކޮށްލާކަށްވެސް އަޅުގަނޑު ޖެހިލުމެއް ނުވާނެއެވެ. އާދައިގެ އެންމެ އަންހެނަކަށް ކުރެވޭނޭ އެއް ކަމެއްވެސް ނޯންނާނެއެވެ. ނަމަވެސް ޖާސޫސް ކުރުމުގެ ތަޖުރިބާ ލިބިފައިއިން އަންހެނަކު އެކަނިމާއެކަނި ބޮޑު ލަޝްކަރެއް ޣަރަގު ކޮށްލަފާނެއެވެ. އޭގެ ހަ އަންހެން ކުދީންނަކީ އިންތިހާ ދަރަޖައިގެ ނުރައްކައުތެރި ކުދިބައެކެވެ. އޭގެތެރެއިން އެންމެ ކުއްޖަކު މިސުރަށް އެރިއަސް ތިޔަބޭފުޅުންގެ މުޅި ލަޝްކަރު ހަލާކު ކޮށްލާނެއެވެ. ޖާސޫސް ފިރިހެނަކު ނުވަތަ އަންހެނަކު ހިފާހައްޔަރު ކުރަން ނުވަތަ މަރާލަން ގަސްތުކޮށްގެން އެކަމަށްޓަކައި ދުއިސައްތަ ސިފައިން ގުރްބާންކޮށްލިއަސް އެވިޔަފާރި އެއްވަރު ނުވާނޭ ކަމުގައި މިދަންނަވަނީ އެހެންވެގެންނެވެ. ހަމަލާދިން މީހުން އަތުލައި ނުގަނެވުނަސް އަޅުގަނޑަކަށް ފަރުވާއެއް ނެތެވެ. އެކަމަކު ކޮންމެ ގޮތަކުންވެސް އެއަންހެންކުދީން ހިފާހައްޔަރު ކުރައްވަންވާނެއެވެ. އެހެން ގޮތެއް ނެތިއްޖިއްޔާ ދުނި ޖައްސަވައިގެން މަރާލެއްވިއަސް ފިލައިގެން ދިޔަ ދެއްވައިގެން ނުވާނެއެވެ.“
އެންމެ ގަޑިއިރެއް ތެރޭގައި ބާރަށް ދަތުރުކުރާ ވިހި އަސްވާރުން ފުރުވާލައްވައިފިއެވެ. އޭގެތެރޭގައި ޢަލީ ބިން ސުފިޔާނާއި ނާއިބު ޒާހިދީވެސް ހިމެނިވަޑައިގަންވައެވެ. އެމީހުންނަށް މަގު ދައްކަން ދިޔައީ އެއްކަލަ ގާރޑް ކަލޭގެއެވެ. ހަމަލާ ދިން ބަޔަކު ހޯދަން ދިޔަމީހުންގެ ތެރޭގައި އެއްކަލަ ފަޚުރުލް މިސްރީ ޚާއްސަ ގޮތެއްގައި ބައިވެރި ކުރެއްވިއެވެ. އެއީ ބާލިޔާން މޫބީ ހޯދަން ވިހިމީހުންނާ އެކުގައި އޭނާ ފޮނުއްވާނޭ ކަމުގައި ވިދާޅުވެ ޢަލީ ބިން ސުފިޔާން ވެވަޑައިގެންނެވި ވަޢުދުފުރިހަމަ ކުރެއްވުމަށްޓަކައި ކުރެއްވި ކަމެކެވެ. ނަމަވެސް އެބަޔަކު ހޯދުމަށްޓަކައި ފަޚުރުލް މިސްރީ އެފޮނުއްވާ މީހުންގެ ތެރޭގައި ބާލިޔާން އާއި މޫބީ ހިމެނޭކަމެއް ފަހަރެއްގައިވެސް ޢަލީ ބިން ސުފިޔާންއަކަށް އެގިވަޑައެއް ނުގަންނަވައެވެ.
މިކޮޅުން ޞަލީބީންގެ ޖާސޫސް ހައަންހެން ކުދީން ހޯދައިގެން ހިފާހައްޔަރު ކުރެއްވުމަށްޓަކައި ވިހި އަސްވާރުންނާއި ކޮމާންޑަރަކު ފުރުވާލެއްވި އިރު ހަމަ އެ އަންހެން ކުދީން މިނިވަންކޮށްގެން ގެންދިއުމަށްޓަކައި ޞަލީބީންގެ ވިހި ކޮމާންޑަރ އިންނާއި ކޮމާންޑަރަކު އެކުލެވޭ ޖަމާއަތެއްގެ ބަޔަކު ދަތުރު ކުރަމުން އާދެއެވެ. އަންހެންކުދީން ހިފާ ހައްޔަރު ކުރަން ނިކުތްމީހުން ދަތުރު ކުރަނީ ފައިމަގުގައެވެ. ދެޕާޓީގެހުރި ތަފާތަކީ މިއީއެވެ. – ކޮންމެއަކަސް އޭގެތެރެއިން އެއްބަޔަކަށްވެސް އެމީހުން ހޯދަން އެދާ އަންހެން ކުދީން ވީތަނެއް ނޭގެއެވެ.
ޞަލީބީންގެ ކޮމާންޑޯ ޕާޓީގެ މީހުން އަނެއްދުވަހުގެ އިރުއޮއްސުމުގެ ކުރިން ދަތުރުގެ ވަރަށް ބޮޑު ބައެއް ކަޑައްތު ކޮށްފިއެވެ. އެމީހުން ދަތުރު ކުރަނީ އަޑިގުޑަން މަގު ތަކުންނެވެ. މައްޗަށްއަރަމުން ތިރިއަށް ފައިބަމުންނެވެ. – ވުމާއެކު، އެދުވަހުގެ އިރު އޮއްސުމާއި ދާދި ގާތްވެފައި ވަނިކޮށް އުސް މަގަކުން މައްޗަށް އަރަމުން ދަނިކޮށް ކަދުރު ރުއްތަކާއި ފެހި ކުލައިގެ ގަސްތައް ހެދިފައި އޮތް މައިދާނަކަށް ޖަމަލުތައް މަޑުކޮށް އެއިން ސާމާނުތައް ބާލަންތިބި ބަޔަކު ފެނިއްޖެއެވެ. އެމީހުންގެ ކައިރީގައި ބާރަ ނުވަތަ ސާދަ އަސްވެސްއޮތެވެ. މިއަސްތަކުގެ މައްޗަށް ސަވާރު ވެގެންތިބި މީހުންނަކީ ހަގުރާމަވެރިން ކަމުގައި ހީވެއެވެ. ބާކީތިބި އެންމެންނަކީވެސް ޖަމަލު ސަވާރުންނެވެ. އެމީހުން ފެނުމުން ފައިމަގުގައި ދަތުރު ކުރަންމުން އައި ޞަލީބީންގެ އެކާވީސް މީހުން ހުއްޓިއްޖެއެވެ. ހައިރާން ކަމާއެކު އެކަކު އަނެކެއްގެ މޫނަށް ބަލަން ފެށިއެވެ. ކުރިމަތިން ފެންނަން އެހެރީ މިވަގުތައް އެންމެ ބޭނުންތެރި ސަވާރީ ކަމުގައިވާ އަސް ތަކާއި ޖަމަލުތަކެއްކަން ޔަގީން ކުރަން ދަތިވިއެވެ.
”އަހަރެމެން މިއައީ ޞަލީބުގައި އަތްލާ ތެދުހިތުން ހުވާކޮށްފައެވެ. – އެހުވާގެ ބަރަކާތްތެރިކަމާ ސަލީބުގެ ކަރާމާތްތެރިކަން ނިކަން ދެކިބަލާށެވެ. މިއީ މުއުޖިޒާތެކެވެ. އަހަރެމެންގެ ކަލާނގެ އަހަރެމެންނަށް ސަވާރީތައް ފޮނުއްވައިފިއެވެ. މި ވަގުތު ކަލޭމެންގެ ހިތްތަކުގައި ފާފައެއް ކުރުމަށް ނުވަތަ ވާޖިބް އަދާ ކުރުމުގައި ފަސްޖެހުމަށް ނުވަތަ ފުރާނަ ސަލާމަތް ކޮށްގެން ފިލުމަށް ޚިޔާލު ކުރެވިފައި ވާނަމަ އަވަހަށް އެ ޚިޔާލު ކަލޭމެންގެ ހިތްތަކުން ނެރެލާށެވެ. ކަލޭމެންގެ ކަލާނގެ ޔޫސުފް މަސީޙް ނުވަތަ އަނިޔާ ލިބިފައި ތިބޭ މީހުންގެ އެކުވެރިޔާ، އަނިޔާވެރިންގެ ދުޝްމަން ކަލޭމެންނަށް އެހީ ފޮނުއްވައިފިއެވެ.“ ހައިރާން ކަންމަތީގައި ތިބި އެކުވެރިން ހުއްޓުވަމުން އެމީހުންގެ ކޮމާންޑާރ ބުންޏެވެ.
މިއަޑު އިވުމާއެކު އެމީހުންގެ މޫނުތަކުން ފައުޅުވޭވޭ ހުރި ވަރުބަލިކަން ފިލާގޮސް މޫނުތައް އަލިވެ އުޖާލާ ވެއްޖެއެވެ. ސަވާރީންގެ އަތުން އެމީހުން ބޭނުން އަދަދަކަށް އަހާއި ޖަމަލު އަތުލުމަށްޓަކައި އުފުލަން ޖެހޭނޭ އުދަގޫތަކާއި ދޭތެރޭ އަކު އެމީހުން ވިސްނައެއް ނުލައެވެ.
ގާތްގަޑަކަށް ސަތޭކަ ވަރަކަށް ޖަމަލު އެކުލެވޭ އެ ގާފިލާއަކީ ސަލާމަތީ މަރުކަޒުގައި ތިބި ލަޝްކަރަށް ކާބޯތަކެތި ހިފައިގެން ދަތުރު ކުރާ ގާފިލާއެކެވެ. އެތެރެ ވަރިން ދަތުރުކުރާއިރު ދުޝްމަނުންގެ ބިރެއް ނޯންނާނޭތީ ކާ ތަކެތި އުފުލާ ގާފިލާ ރައްކައުތެރި ކުރުމުގެ އެއްވެސް އިންތިޒާމެއް ކުރެވިފައިއެއް ނެތެވެ. އެމީހުނާ އެކުގައި ފޮނުއްވާފައިތިބީ ހަނގުރާމަ ވެރި އެންމެދިހަ އަސްވާރުންނެވެ. ނަމަވެސް އެމީހުންނަކީ އަދި މިހާތަނަށް ކުއްލި ހަމަލާ އަކާއި ކުރިމަތިލާފައި ތިބި ބައެއް ނޫނެވެ…. އެއާއި ޚިލާފަށް ޞަލީބީންގެ އެކާވީސް މީހުންނަކީ އެފަދަ ކުއްލި ހަމަލާތަކުގެ ތަޖުރިބާ ލިބިފައިތިބި ބައެކެވެ. ވުމާއެކު ޞަލާޙުއްދީން އައްޔޫބީ ގެންގުޅުއްވާ ހަގުރާމަވެރި އުކުޅަކުން އެމީހުން ބޭނުން ކުރިއެވެ. އެމަނިކުފާނުގެ މޮޓޯ ( ”ހަމަލާދީފައި ސަލާމަތުން އެބުރި ދުވާށެވެ.“) އެއާ އެއްގޮތްވާ ގޮތުގެމަތިން އެމީހުން އަމަލު ކުރިއެވެ. ޞަލާޙުއްދީން އައްޔޫބީ ނުވަތަ މަދު މީސް ކޮޅަކާއިގެން ވަޑައިގެން އެއޮއް ބޮޑު ސޫދާނީ ލަޝްކަރުގެ ފަހަތުން ހަމަލާ ދެއްވާ ލަޝްކަރް ރޫޅާލައްވާފައި ސަލާމަތުން ވަޑައިގެންނެވި ގޮތް އެމީހުން ހަދާން ބެހެއްޓިއެވެ. އެއީ ހަނގުރާމައިގެ ހަމަލާތަކުގައި އެންމެ ކާމިޔާބު ގޮތްކަން މިހާރު އެމީހުނަށް އޮތީ ދަސް ވެފައެވެ.
ސުލްޠާން އައްޔޫބީގެ އެވަރުގަދަ މޮޓޯ އާއި އެއްގޮތްވަގޮތުން ދެވުނު ހަމަލާތަކުގެ ކާމިޔާބުކަން ބޮޑުކަމުން ރޭގަޑުގެ ވަގުތުގައި ދުޝްމަނުންގެ ފަހަތުން ގޮސް ހަމަލާ ދިނުމަށްޓަކާ ބާރަށް އަސްދުއްވާ، ބުއްދިވެރި، ހަށިގަނޑު އުފެދުމަށް ބަލާއިރު އާދަޔާ ޚިލާފަށް ސިއްޙަތު ރަގަޅުކަމަށް ފެންނަ ހަނގުރާމަވެރި ޖަމާއަތެއް ތައްޔާރު ކުރުމަށް އެމަނިކުފާނު އަމުރު ކުރެއްވިއެވެ. ދުޝްމަނުންގެ ރާއްޖެތަކަށް ހަނގުރާމަވެރި ޖާސޫސުން ފޮނުއްވެވުމަށް ރޭއްވެވިއެވެ. އެމަނިކުފާނުގެ މިކަހަލަ ހުރިހާ މޮޅު އުކުޅުތަކެއް ދުޝްމަނުން ދަސްކުރަމުން ގެންދިޔައެވެ. ދުޝްމަނުންގެ ލަޝްކަރުގެ ފަހަތުން ގޮސް ހަމަލާ ދިނުމުގެ އުކުޅު ޞަލީބީންނަށް ދަސްނުވާއިރު ބައެއް ބައެއްފަހަރު އާދައިގެ ދަތުރުވެރި ޣާފިލާތައް ޑާކޫން އަރައިގަނެގެން ލޫޓްވާލިއަސް ސަރުކާތުގެ ގާފިލާތައް އަބަދުވެސް ސަލާމަތް ކަމާއެކު މަންޒިލްތަކަށް ދެއެވެ. ވީމާ، މިފަހަރުވެސް ލަޝްކަރަށް ކާބޯތަކެތި ހިފައިގެންދާ ގާފިލާ ބިރެއްނެތި ދަތުރު ކުރަމުން ދިޔައެވެ. އޭގެ ކުރިންވެސް ދެފަހަރެއްގެ މަތިން ހަމައެގޮތަށް ލަޝްކަރަށް ކާބޯތަކެތި ގެންދެވިއްޖެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ގާފިލާ ދަތުރުކުރަނީ ހަމައެމަގުންނެވެ. އެހެން ކަމުން މިފަހަރުވެސް ސަލާމަތީ ފިޔަވަޅު އެޅުއްވުމަކީ ކޮންމެހެން ބޭނުން ކަމެއްކަމަކަށް ސުލްޠާން އައްޔޫބީ ދެކެވަޑައެއް ނުގަންނަވައެވެ.
މިފަހަރުގެ ގާފިލާވެސް ބިރެއް ސިހުމެއްނެތި ސަލާމަތީ މަރުކަޒާއި ދިމާއަށް ދަތުރު ކުރަމުންގޮސް އިރުއޮއްސެން ކައިރިވީމާ އެއްކަލަ މައިދާނުގައި ފޭލިގެތައް ޖަހަން ފަށައިފިއެވެ. އެމީހުން ފޭލިގެތައް ރުކުރުވާލިތަނާ ކުޑަ ތަންކޮޅެއް ދުރުގައި އެމީހުނަށްޓަކައި އިންތިހާދަރަޖައިގެ ނުރައްކައުތެރިކަމެއް ވާކަން އެމީހުނަކަށް ނޭގެއެވެ.
އަނެއްކޮޅުން ޞަލީބީ ކޮމާންޑަރގެ އަމުރަށް އެބައިމީހުންވެސް ފޭލިގެޖަހައިފިއެވެ. އެއީ އަޑިތަނެއްކަމުން އަނެއްބައި މީހުންނަކަށް އެމީހުނެއް ނުފެނެއެވެ. ފޭލިގެޖަހާ ނިމުމުން ދެމީހުން ގެނެސްފައި ޞަލީބީ ކޮމާންޑަރ ބުންޏެވެ. ”ކަލޭ އެ ގާފިލާގައި އޮތީ ކިތައްޖަމަލާއި ކިތައް އަސްތޯ ބަލާށެވެ. ހަނގުރާމައިގެ ހަތިޔާރު އަޅައިގެން ތިބީ ކިތައް މީހުންތޯއާއި ނުރައްކައުތެރިކަން ހުރީ ކިހާވަރަކަށްތޯ ބަލާށެވެ.“ ޚަބަރު ބަލަން ދެމީހުން ފޮނުވާލަމުން ކޮމާންޑާރއާއި ދެންތިބި މީހުން ރޭގަޑުގެ ވަގުތުގައި ހަމަލާ ދޭނޭގޮތްތައް ރާވަން ފަށައިފިއެވެ. އެމީހުންގެ އަތުގައި ހަތިޔާރު މަދެއްނޫނެވެ. – އެމީހުންގެ ކިބައިގައި ޖޯޝް ކުޑައެއްނޫނެވެ. ކޮންމެ މީހަކުވެސް ޞަލީބަށްޓަކައި ފުރާނަ ދުއްވާލަން އެތިބީ ތައްޔާރުގައެވެ.
ރޭދަބައިވުމުގެ ކުރިން އެއްކަލަ ދެމީހުން ޚަބަރު ހިފައިގެން އަތުވެއްޖެއެވެ. އަމީހުން ގާފިލާގެ ކައިރިއަށްގޮސް ރަގަޅަށް ބަލާހަދާފައި ބުންޏެވެ. ”ހަތިޔާރު އެޅި ދިހަ ފަހުލަވާނުން ގާފިލާގައި އެބަތިއްބެވެ. މިވަގުތު އެންމެންވެސް އެއްތަނެއްގައި ނިދާފައި އެބަތިއްބެވެ. ހުރިހާ އަސްތައް އެއްފަރާތެއްގައި ބަނދެފައި އެބަހުއްޓެވެ. ޖަމަލު ސަވާރުން ބައިބަޔަށް ބެހިލައިގެން ނިދާފައި އެބަތިއްބެވެ. އެމީހުން ގެންދާ ސާމާނުގެ ތެރޭގައި ގިނައިންހުރީ ކާޑުގެ ސާމާނެވެ. އެތަކެތި ހުރީ ގޯނިގޯންޏަށް އަޅައި ތުން އައްސާފައެވެ. ޖަމަލު ސަވާރުންގެ އަތުގައި ހަތިޔާރެއް ނެތެވެ.“ ޚަބަރު ހޯދަން ދިޔަމީހުން ގެނެސްފިން ސާފު ޚަބަރު އަޑުއިވުމުން ގާފިލާ ލޫޓުވާލުމަކީ މާއުދަގޫ ކަމެއް ނޫންކަން ޞަލީބީ ކޮމާންޑަރަށް އެގުނެވެ.
ގާފިލާގެ މީހުން ނިދާފައި ތިބިލެއް ގަދަކަމުން ކަނޑިއާއި ޚަންޖަރުން އެމީހުން ކޮށާ ބުރިކުރި އިރު އެއިން ހަނގުރާމަވެރިއަކަށްވެސް ހެއެއް ނުލެވުނެވެ. ޖަމަލު ސަވާރުންގެ ތެރެއިން މީހަކަށްވެސް ހޭލެވުނުހެނެއް ހީއެއް ނުވެއެވެ. ލޯހުޅުވާލެވުނު މީހަކަށްވެސް ވާނުވާއެއް ނޭގިގެން އުޅެނިކޮށް ފުރާނަ ދުއްވާލައެވެ. އަޑެއް އިއްވާ ލައިފިނަމަ އެއަޑަކީ އޭނާގެ އަރުތެރެއިން ނިކުންނަ އެންމެފަހުގެ އަޑު ކަމުގައި ހަދާލައެވެ. ޞަލީބީ ކޮމާންޑޯ ޕާރޓީގެ މީހުން އެރޭ އެތަނުގައި ގަތުލްއާމެއް ހިންގާލިއެވެ.
”މިއީ މުސްލިމުންނަށް ގެންދާކާޑުގެ ސާމާނެވެ. މިތަކެތި ހަލާކުކޮށް ސުންނާފަތި ކުރާށެވެ. ޖަމަލުތައްވެސް މަރާ ހުސްކުރާށެވެ.“ ޞަލީބީ ކޮމާންޑަރ ގޮވަމުން ގެންދެއެވެ. އެއަޑު އިވުމާއެކު ބަލާކަށް ނުތިބެއެވެ. ކޮންމެ މީހަކުވެސް އެމީހއްގެ ކަނޑި ދަމައިގަނެގެން ޖަމަލުތަކުގެ ބަޑަށް ގޯޅަން ފަށައިފިއެވެ. އެތާގައި އެކަންތައްގަޑު ހިގަމުން ދިޔައިރު ކޮމާންޑަރވެސް ހިމޭނަކުން ނުހުރެއެވެ. އޭނާ ކޮޅުކޮޅަށް ދުވެލާފައި އަސް ތަކުގެ އަދަދު ގުނާލިއެވެ. ރަގަޅުފަލަ ޖަމަލު ހޮވައިގެން ނެގިއެވެ. ބާރައަހާއި ނުވަ ޖަމަލު ލިބުމުން ފުދޭވަރަށްވުރެ އިތުރަށްވެސް އެމީހުންނަށް ސަވާރީ ލިބިއްޖެއެވެ.
އިރުއަރާ އަލިވިއުރު ދެބައިމީހުންގެ ފޭލިގެތަކުގެ ދެމެދުން ފެންނަނީ ވަރަށް ބިރުވެރި މަންޒަރުތަކެކެވެ. އިންސާނުންގެ މުޅަމަސްތައް އެތަން މިތަނަށް އުކިފާހުއްޓެވެ. ބައެއް ޖަމަލު މަތުވެފައި، އަނެއްބައި ޖަމަލު މަރަށް ތެޅިތެޅި ތިއްބެވެ. ބައެއް ޖަމަލު ފުރާނަ ސަލާމަތްކޮށްގެން ފިލަން ދުވެދުވެ ތިއްބެވެ. މުޅި މައިދާން އޮތީ ލެއިން ކަޅުވެފައެވެ. ބަލާލި ކޮންމެ ދިމާއަކުން މަރުވެފާހުރި މުޅަމަސްތަކާއި މަރަށް ތެޅެމުންދާ ޖަމަލުތައް ފެންނަން ހުއްޓެވެ. ކާޑުގެ ސާމާނު އަޅާ ފުރާފައިހުރި ގޯނިތައް ފެޅި ކުދކުދިވެފަ ހުއްޓެވެ. ފުށާއި އެހެނިހެން ސާމާނުތައް ލޭތަކުގެ ތެރެއަށް ވިހުރުވިފައި ހުއްޓެވެ. އެއިން ހިސާބަކުން ދިރިހުރި އިންސާނަކު ފެންނާކަށް ނެތެވެ. ހަމަލާދިން މީހުން ބާރައަހާއި ނުވަ ޖަމަލުގައި ފިލާ ރައްކައުވެއްޖެއެވެ. އެމީހުންނަށް ކުރިމަތިވެފައިވާ އެންމެދަތި މައްސަލަ ފުރިހަމަ ވެއްޖެއެވެ. ސަވާރީ ލިބިއްޖެއެވެ. މިހާރު އެމީހުންގެ ސަވާރީތައް ބާރަށް ދުއްވާފައިގޮސް އެމީހުންގެ އަސްލު ޝިކާރަ ހޯދުމަކަށް މާއުދަގުލެއް ނުވާނެއެވެ.
މިހާރު ޞަލީބީން އެތިބީ އެމީހުންގެ އަސްލު ޝިކާރައާއި ދާދި ގާތުގައެވެ. މޫބީގެ ރީތިކަމާއި ޒުވާން ކަމުގެ އަސަރާއި ރަލުގެ މަސްތުގައި ކުރިއްސުރެ ބާލިޔާންގެ ސިކުޑި އޮތީ ގަޑުވެފައެވެ. އެންމެ ރީތި އެންމެ ޒުވާން ހަތްއަންހެން ކުދީން މިހާރު އެނާގެ ގާތުގާ އެބަތިއްބެވެ. ވުމާއެކު، ދުނިޔޭގެ ހުރިހާ ކަމެއް އޭނާވަނީ ހަދާންނެތިފައެވެ. ނުރައްކަލެއް އަތުވެދާނެއެކޭ އޭނާގެ ހިތަކަށް ނާރައެވެ.
”އެހާގިނައިން ތަންތަނަށް މަޑުކޮށްގެން ތިބުމަކީ ރަގަޅު ކަމެއް ނޫނެވެ. ވީހާ އަވަހަކަށް އައްސޭރިއާ ހަމައަށް ދެވޭތޯ މަސައްކަތް ކުރާށެވެ. އަހަރެމެން ހޯދަން މީހުން އަންނާނެއެވެ.“ މޫބީ ފަށްފަށުން ބާލިޔާންއަށް ނަސޭހަތްތެރިވަމުން ގެންދެއެވެ. އޭނާ އެހެން ބުނާ ކޮންމެ ފަހަރަކު ފިކުރެއްނެތް ރަސްކަލެއް ފަދައިން ބާލިޔާން ހީގަނެއެވެ. އޭނާ ދައްކާ ވާހަކަ އާއި ދޭތެރޭގައި ފަރުވާ ކުޑަކޮށްލައެވެ.
ބާލިޔާންއާއި އޭނާގެ އެކުވެރިން އަންހެން ކުދީން ސަލާމަތް ކުރިރޭގެ ފަހުރޭ އަރާމުތަނެއްގައި ފޭލިގެ ޖަހައިގެންތިބި ތިބުމުގައި މޫބީގެ ގާތުގައި ބާލިޔާން ބުންޏެވެ. ”އަހަރެމެންގެ ތެރޭގައި މިތިބީ ހަތް ފިރިހެނުންނެވެ. ކަލޭމެންގެ ތެރޭގައިވެސް ހަތް އަންހެން ކުދީން އެބަތިއްބެވެ.. ކަލޭ އެކަނި އިންއިރު އަހަރެންގެ އެކުވެރިންގެ ކުރިމަތީގައި ކަލެއާއެކު މަޖާ ނަގަމުން ދިޔައިރު އަހަރެންގެ އެކުވެރިން ޗުއްޕުވެސް ނުބުނެއެވެ. އެކަމުގެ ބަދަލުގައި އިނާމް ދޭން ގަސްދު ކުރަމެވެ. ވީމާ، ކަލޭގެ އެކުވެރި އަންހެން ކުދިން އަހަރެންގެ އެކުވެރި ފިރިހެނުންނާއި ހަވާލުކޮށްފައި އެއީ އެމީހުންގެ ވަފާތެރިކަމުގެ އިނާމް އޭ ބުނާށެވެ.“
”ތިޔައީ ވާނޭ ކަމެއް ނޫނެވެ.“ މޫބީ ރުޅިއައިސް ރަތްވެފައި ބުންޏެވެ. ”އަހަރެމެންނަކީ ފާހިޝް އަމަލުތައް ކުރާ ބައަކީމެއް ނޫނީމެވެ. ކަލޭގެ ކުޅޭއެއްޗަކަށް ވެގެން އަހަރެން މިއިންނަނީ މަޖުބޫރުވެގެންނެވެ. އެތިބަ ހައަންހެން ކުދިންނަކީ ކަލޭމެން ގަނެފައިތިބި ކަނީޒުންނެއްނޫނެވެ.“
”ކަލެއަކީ އަބުރުވެރި އަންހެން ކުއްޖެއް ކަމަކަށް ފަހަރެއްގައިވެސް އަހަރެން ހީއެއް ނުކުރަމެވެ.“ ހައިބަތު ހުރިގޮތް ދައްކާލަމުން ބާލިޔާން ބުންޏެވެ. ކަލޭމެންގެ ހުރިހާ ކުދިންނަކީވެސް އަހަރެމެންނަށްޓަކައި ހަށިތަކުގެ ހަދިޔާތައް ހިފައިގެން އައިސް ތިބި ކުދިންނެވެ. އެތިބައަންހެން ކުދީންނަކީ މިހާތަނަށް ކިތައް ފިރިހެނުންގެ ހިތްއުފާ ކޮށްދީފައިތިބި ކުދިބައެއްކަމެއް އަހަރެންނަކަށް ނޭގެއެވެ. ހަމަކަށަވަރުންވެސް ތިޔައިގެ ތެރޭގައި އެންމެ މަރިޔަމެއްވެސް ނެތެވެ.“
”އަހަރެމެންގެ ހަށިތަކުން ހަދިޔާ ކުރަނީ އަހަރެމެންގެ ވާޖިބު އަދާކުރުމަށްޓަކައެވެ.“ މޫބީ ބުންޏެވެ. ”ފިރިހެނުންގެ ކައިރިއަށް އަހަރެމެން ދަނީ އެމީހުންގެ އައްޔާޝީ ބޭނުންތައް ފުއްދާކަށް ނޫނެވެ. އަހަރެމެންގެ ހަށިތަކާއި، އަހަރެމެންގެ ރީތިކަމާއި، އަހަރެމެންގެ އިއްފަތްތެރިކަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަނީ އަހަރެމެންގެ ވަޒަނާއި އަހަރެމެންގެ ދީން އަހަރެމެންނާއި ހަވާލު ކޮށްފައިވާ ވާޖިބެއް އަދާ ކުރުމަށެވެ. އެއާއި ޚިލާފަށް މިހާރު ކަލޭތިޔަ އެދެނީ އައްޔާޝީ ބޭނުންތައް ފުއްދާދިނުމަށެވެ. އެއީ ފަހަރެއްގައިވެސް އަހަރެމެން ރުހޭނޭ ކަމެއް ނޫނެވެ. އަހަރެމެން އައްޔާޝީ ކަންތައްތަކުގައި ހައްޔަރުވާ ދުވަހަކީ އަހަރެމެންގެ ޞަލީބަށް ހަލާކާއި ގެއްލުން ކުރިމަތިވާން ފަށާނޭ ދުވަހެކެވެ. ޞަލީބް ހަލާކުވެ ކުދިކުދި ވެގެން ދާނޭ ދުވަހެވެ. އަހަރެމެންގެ އިއްފަތްތެރިކަމުގެ ބިއްލޫރިގަޑު ފުޑު ކުރަމުން މިގެންދަނީ ޞަލީބަށް ގެއްލުން ލިބުނަ ނުދިނުމަށެވެ. މުސްލިމް ވެރިއަކު ނައްތާ ލުމަށްޓަކައި ދިހަ މުސްލިމުންނާއި އެކުގައި ރޭތައް ވެއަތު ކުރުން ހުއްދަކޮށް އަހަރެމެންނަށް ޓްރޭނިންގް ދެވިފައިވެއެވެ. އެއީ އަހަރެމެންގެ ދީނުގައި ހުއްދަކަމެކެވެ. އަހަރެމެންނަށް ލިބޭ ބޮޑު ސަވާބެކެވެ. އަހަރެމެންގެ ހަށިތަކުން މުސްލިމުންގެ ދީނީ ލީޑަރެއްގެ ހަށިގަނޑު މުޑުދާރު ކޮށްލެވިއްޖެނަމަ ކުރެވިފައިހުރި ހުރިހާ ފާފަތަކެއް ފިލާގޮސް މުޅިން ޠާހިރުވާނޭ ކަމުގައި އަހަރެމެން ދެކެމެވެ.“
”ކަލޭތިޔަ ބުނަނީ އަހަރެންގެ ބޭނުން ތިޔަ ހިފަނީ ޞަލީބުގެ ސަލާމަތަށްޓަކައި ކަމުގައޭ ހައްޔެވެ.“ ބާލިޔާން އާއި ދަޖަލު ކުރަން ފެށިތަނާ ބާލިޔާންގެ އިހްސާސްތައް މަޑުމަޑުން ހޭލަން ފަށައިފިއެވެ. ”ކަލޭ ގަސްދު ކުރަނީ ޞަލީބް ރައްކާތެރިކުރާ މީހަކަށް އަހަރެން ހަދަން ހެއްޔެވެ.“
”އަދިވެސް ކަލެއަށް ޝައްކުވަނީ ހެއްޔެވެ.“ މޫބީ ބުންޏެވެ. ”ކަލޭ ޞަލީބާއި ރަހަމަތްވެ ގަތީ ކީވެގެން ހެއްޔެވެ.“
”ސުލްޠާން އައްޔޫބީގެ ވެރިކަމުގެ ދަށުން މިނިވަން ވުމަށެވެ.“ ބާލިޔާން ބުންޏެވެ. ”ކަލެއާއި ބައިވެރިވީ ޞަލީބް ރައްކައުތެރި ކުރާކަށް ނޫނެވެ. އަހަރެންނަކީ މުސްލިމަކީމެވެ. އެހެނަސް އަހަރެންނަކީ ސޫދާނީއަކީމެވެ.“
”އެންމެ ފުރަތަމަ އަހަރެންނަކީ ޞަލީބީ އަކީމެވެ.“ މޫބީ ބުންޏެވެ. ”ދެވަނައަށް އަހަރެންނަކީ އައްޔާޝީއަކީމެވެ. އެއަށްފަހުގައި އަހަރެންނަކީ އަހަރެން އުފަންވީ ވަޒަނުގެ އަންހެން ދަރިއަކީމެވެ.“ ބާލިޔާންގެ އަތުގައި ހިފާލަމުން މޫބީ ބުންޏެވެ. ”ކަލެއަކީ މުސްލިމެކެވެ. އެކަމަކު ކަލޭގެ ދީނަކަށް ކަލޭއިތުބާރެއް ނުކުރެއެވެ. ދީންގެ މައްޗަށް ވަޒަމުގެ ބާރު ހިގަނީ އެހެންވެގެންނެވެ. އެއީ ކަލޭގެ ބަލިކަށިކަމެއްނޫނެވެ. ކަލޭގެ ހިތުގައި އެޅިފައިވާ ދީންގެ ބިންގަލުގެ ބަލިކަށިކަމެވެ. އަހަރެންނާއި އެކުގައި ކަނޑު ހުރަސްކޮށްފައި ދަނިކޮށް އަހަރެމެންގެ ދީންގެ ބާރުގަދަކަން ކަލެއަށް ދައްކާފާނަމެވެ. އޭރުން ކަލޭގެ ކާބަފައިންގެ ދީން ކަލޭ ހަދާންނެތިދާނެއެވެ.“
”ދީންގެ އަންހެން ދަރީންނަށް ހިލޭފިރިހެނުންނާ އެކުގައި ރޭތައް ވެއަތުކުރުމާއި ރާބުއިމާއި ރާބޯންދިނުން ހުއްދަކޮށް އެއީ ސަވާބެއް ކަމުގައި ބުނާ ދީނަށް އަހަރެން ލާނެއް ދެމެވެ.“ ކުއްލިއަކަށް ބާލިޔާންގެ ސިކުޑި ހޭލަން ފަށައިފިއެވެ. ”ކަލޭ ހަމައެކަނިކަލޭގެ އިއްފަތްތެރިކަން އަހަރެން ލައްވާ ލޫޓްވީކީއަކީ ނޫނެވެ. އަދި ކީއްހެއްޔެވެ. އަހަރެންގެ އިއްފަތްތެރިކަންވެސް ކަލޭ ލޫޓްވައިފީމުއެވެ. އަހަރެންގެ ކުޅޭ އެއްޗަކަށް ކަލޭވީއެއް ނޫނެވެ. އެއާއި ޚިލާފަށް ކަލޭގެ ކުޅޭއެއްޗަކަށް އަހަރެން ހެދީއެވެ.“
”މުސްލިމެއްގެ އީމާންތެރިކަން ގަތުމަށްޓަކައި އިއްފަތްތެރިކަމަކީ އެއްވެސް އަގެއް ހުރިއެއްޗެއް ނޫނެވެ.“ މޫބީ ބުންޏެވެ. އަހަރެން ކަލޭގެ އިއްފަތްތެރިކަން ލޫޓްވީއަކީ ނޫނެވެ. ރަނގަޅަށް ހަދާން ކުރާށެވެ. ކަލޭގެ އީމާންތެރިކަން އަހަރެން ގަތީއެވެ. އެކަމަކު ކަލޭ ހެޔޮމަގަށް ނެރިފާ ދެން އަނެއްކާވެސް މަގު އޮޅުމަށްޓަކައި ދޫކޮށްލާފާ އަހަރެން ނުދާނަމެވެ. ކަލޭ ގޮވައިގެން އަހަރެން މިދަނީ މަތިވެރި އުޖާލާ ކަމަކާއި ދިމާއަށެވެ. އެތަނުގައި ކަލޭގެ މުސްތަޤްބަލު އުޖާލާވެފާ ވަނިކޮށް ކަލެއަށް ފެންނާނެއެވެ.“
”ތިޔަބުނާ މަތިވެރި އުޖާލާކަމުގެ ތެރެއަށް އަހަރެން ނުދާނަމެވެ.“ ބާލިޔާން ބުންޏެވެ.
”ވިސްނާބަލާށެވެ. ބާލިޔާންއެވެ.“ މަޑުމައިތެރިކަމާއެކު މޫބީ ބުންޏެވެ. ”ހަގުރާމަވެރި ފިރިހެނަކީ އެބައިމީހުން ކުރާ ވައުދުތަކާއި، ހިންގާ ވިޔަފާރީގެ ހުރުމަތް ކަނޑާ ބައެއް ނޫނެވެ. އަހަރެންގެ ވިޔަފާރި އޮތީ ކަލޭ ގަބޫލުކޮށް ނިމިފައެވެ. އަހަރެން ކަލޭގެ އީމާން ތެރިކަން ގަނެ ރަލުގެ ތެރެއަށް ގަންބާލައިފީމެވެ. އެވިޔަފާރީގައި ކަލޭކީ އަގު ކަލެއަށް ދީ ނިންމައިފީމެވެ. ކަލޭ ބުނިހާ ދުވަހަކު ކަލޭގެ ކަނީޒަކަށް ނުވަތަ ކައިވެނި ކުރާ އަންބަކަށް ވެގެން އަހަރެން އިދެފީމެވެ. ދެ މި ވިޔަފާރރި ރޫޅާލަން ނޫޅޭށެވެ. ބަލިކަށި އަންހެން ކުއްޖަކަށް ކެހިނުދޭށެވެ.“
”އަހަރެން ގޮވައިގެން ކަނޑުހުރަސް ކޮށްފާގޮސް ދައްކާނޭ ކަމަށް ތިޔަ ބުނާ އުޖާލާކަން މިތަނުން އަހަރެންނަށް ކަލޭ ދައްކައިފީމުއެވެ.“ ބާލިޔާން ބުންޏެވެ. އަހަރެންގެ މުސްތަގްބަލާއި އަހަރެންގެ ބާއްޖަވެރިކަން އަލިމަސް ތަކެއް ފަދައިން ވިދާތީ މިތަނުން އަހަރެންނަށް ފެންނަން ފަށައިފިއެވެ.“ ބާލިޔާން ބުންޏެވެ. އެވަގުތު މޫބީ އެއްޗެއް ބުނަން އުޅެނިކޮށް ބާލިޔާން އަނެއްކާވެސް ގަދައަޑުން ވާހަކަ ދައްކަން ފަށައިފިއެވެ. ”ގޮތެއް ނެތް އަންހެން ކުއްޖާއެވެ. ހިމޭންވާށެވެ. ސުލްޠާން އައްޔޫބީ އަހަރެންގެ ދުޝްމަނަކަށް ވިޔަސް އެމަނިކުފާނު އެވިދާޅުވާ ޝަހާދަތުގެ ދެކަލިމައިގައި ނަންގަނެވޭ ރަސޫލުﷲ صلى الله عليه وآله وسلم އަކީ އަހަރެންގެ ދުޝްމަކަށް ނުވާނެއެވެ. އެމަތިވެރި މާތް ރަސޫލާގެ ނަންފުޅަށްޓަކައި މިސްރާއި ސޫދާންވެސް އަހަރެން ގުރުބާން ކޮށްފާނަމެވެ. އެ ބަރަކާތްތެރި މުގައްދަސް ނަންފުޅަށްޓަކައި ބަލިވެއްޖެ ކަމުގައި ގަބޫލްކޮށް ސުލްޠާން އައްޔޫބީގެ ކުރިފުޅުމަތީގައި ހަތިޔާރު ބަހައްޓަފާނަމެވެ.“
”ތަންކޮޅެއް މަދުން ރާބޯށޭ ކިތައްފަހަރު ބުނެވިއްޖެ ހެއްޔެވެ؟“ މޫބީ ޒީރެއް ހަދާލިއެވެ. “ އެހާގިނައިން ރޯބޮއިގެން ރޭގަޑު ހަތަރުދަމު އަހަރެންނާއި ކުޅެން ހޭލާއިންނަން ހަދައިގެން ކަލޭގެ ސިކުނޑި އޮތީ މުޅިން ބޭކާރު ވެފައެވެ. – އެކަމުގެ ސަބަބުން އަހަރެންނަކީ ކަލޭގެ އަނބިމީހާކަންވެސް ކަލޭ ހަދާން ނެތިއްޖެއެވެ.“
”އަހަރެންނަކީ ޞަލީބީއެއްގެ ފާހިޝް އަންހެނެއްގެ ފިރިހެނަކަށް ނުވާނެއެވެ.“ ކައިރީގައި ހުރި ރާފުޅިއާއި ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ރާފުޅިނަގާ ދަރަށް އެއްލާލަމުން ބާލިޔާން ފުންމައިގެން ތެދުވެއްޖެއެވެ. ދެން އެކުވެރީންނަށް ގޮވާ ގެނެސްފައި ބާލިޔާން ބުންޏެވެ. ”ތިޔަ ތިބި އަންހެން ކުދިންނާއި މިހިރަ އަންހެން ކުއްޖާއަކީ ކަލޭމެންގެ ގައިދީންނެވެ. މިބައިމީހުން ގޮވައިގެން ގާހިރާއަށް އެބުރިހިގާށެވެ.“
”ގާހިރާ އޭ ތޯއެވެ؟“ އޭގެ ތެރެއިން އެކަކު ހައިރާން ކަމާއެކު ބުންޏެވެ.“ ސާހިބާ ގާހިރާއަސް ދުރުވަން ގަސްދު ކުރައްވަނީތޯއެވެ؟“
”އާއެކެވެ.“ ބާލިޔާން ޖަވާބު ދިނެވެ. ”ގާހިރާއަށް ދާން ބުނީމާ ހައިރާން ވާނޭކަމެއް ނެތެވެ. މިސަހަރާތަކުގައި މިގޮތަށް އުޅެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ މިތަނުގައި ސަލާމަތްކަމެއް ހޯދަން ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އަސްތަކުގައި އަސްދާނެ ގޮނޑިތައް އަޅާށެވެ. އެއަށްފަހުގައި ކޮންމެ އަންހެން ކުއްޖަކު ވަކިއަހެއްގައި ބުރިކަށިމަތީގައި ދަމާ ބަދެގެން ދަތުރު ފަށާށެވެ.“