މިދެންނެވި ނައު އިޓަލީގެ އައްސޭރީން ނައްޓާލި ދުވަހަކީ ސޫދާނީން ކުރި ބަޣާވާތް ސުލްޠާން އައްޔޫބީ ފުރިހަމައަށް އޮއްބާލެއްވި ދުވަހެވެ. އެ ބަޣާވާތުގައި ސޫދާނީ ލަޝްކަރުގެ އެތަކެއް ކޮމާންޑަރ އިން މަރުވެ އެތަކެއް ކޮމާންޑަރއިން ޒަޚަމްވިއެވެ. އެތަކެއް ސިފައިން ސުލްޠާން އައްޔޫބީގެ އޮފީހުގެ ކުރިމައްޗަށް ގެނެވުނެވެ. އެމީހުން އަމިއްލައަށް ހަތިޔާރު ބަހައްޓައި ބަލިވެއްޖެ ކަމުގައި ޤަބޫލުކޮށް ސުލްޠާން އައްޔޫބީއަށް ކިޔަމަންތެރިކަން އަދާ ކުރިއެވެ. އެމަނިކުފާނުގެ އަމުރުފުޅެއްގެ އިންތިޒާރުގައި އިސް އޮބާލައިގެން އެމީހުން ތިއްބެވެ. ސުލްޠާން އައްޔޫބީވެސް އެމަނިކުފާނުގެ ލަޝްކަރުގެ ކޮމާންޑަރުންނަށާއި ސިފައިންގެ މަތީދަރަޖައިގެ އޮފިސަރުންނަށް އަމުރުފުޅުތައް އިއްވަވާ ކަންތައްތައް ހަމަޖައްސަވަން އޮފީހުގައި އިންނެވިއެވެ. އެމަނިކުފާނުގެ އަރިއަހުގައި ޢަލީ ބިން ސުފިޔާންވެސް އިންނެވިއެވެ. – މި ފަތަޙައިގައި ޢަލީ ބިން ސުފިޔާންގެ ވަރަށް ބޮޑު ބައެއް ހިމެނެއެވެ.. ޞަލީބީން ބަލިކޮށް ލެއްވުމުގައިވެސް ޢަލީގެ ޖާސޫސީ އިންތިޒާމުތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފުނެވެ. ޔަގީން ކުރެވޭ ގޮތުގައި ސުލްޠާން އައްޔޫބީއަށް ލިބިވަޑައި ގެންނެވި ދެ ކާމިޔާބަކީވެސް ޖާސޫސީ ނިޒާމްތަކުގެ މޮޅުކަމުން ލިބިވަޑައިގެން ކާމިޔާބުތަކެއް ކަމުގައި ބުނެވިދާނެއެވެ.
”ޢަލީއެވެ. އެއްކަލަ ޖާސޫސު އަންހެން ކުދިންނާއި އެކުދީންގެ އެކުވެރިންނާއި ދޭތެރޭގައި ވިސްނާލާނޭ ފުރުސަތެއް އަޅުގަނޑުމެންނަކަށް އަދި ނުލިބެއެވެ. އެމީހުން އަދިވެސްތިބީ އައްސޭރީގައި ހުރި ޤައިދީ ކޭމްޕްގައެވެ. ވީމާ، މިހާރު އަވަހަށް އެހުރިހާ މީހުން މިތަނަށް ގެންނަވާ ބިންގަރާސް ޖަލަށް ފޮނުއްވުމުގެ އިންތިޒާމް ކުރައްވާށެވެ.“
ސުލްޠާން އައްޔޫބީ މަސައްކަތާއިގެން އަވަދިނެތި އިންނަވާފައި ކުއްލިއަކަށް ކަމެއް ހަދުމަފުޅު ވެވަޑައިގަންނަވައިގެން ސިހިވަޑައިގަންނަވަމުން ޢަލީ ބިން ސުފިޔާންއަށް ވިދާޅުވިއެވެ.
”ހަމަމިހާރު އަޅުގަނޑު އަޖުރު ފޮނުވާނަމެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”ރައްކައުތެރިކަމާއެކު އެހުރިހާ މީހުން މިތަނަށް ގެނުވާނަމެވެ. ……. ސުލްޠާންއެވެ. ހަތްވަނަ އަންހެން ކުއްޖާގެ މަތިން މަނިކުފާނު ހަދުމަފުޅު ނެތުނީކަމުގައި ހީވެއެވެ. އެކުއްޖާ މިހާރު އިނީ ސޫދާނީ ކޮމާންޑަރ ބާލިޔާންގެ ގާތުގައެވެ. ޖާސޫސް ކުރުމާއި ބަޣާވާތުގެ ކަންތައްތައް ފައުޅަވީ އެކުއްޖާގެ ފަރާތުންނެވެ. ބޭރުގައި އެތިބަމީހުންގެ ތެރޭގައި ބާލިޔާންނެތްކަން އަޅުގަނޑަށް އެގެއެވެ. ޒަޚްމީންގެ ތެރެއަކުވެސް އޭނާއެއް ނެތެވެ. އަޅުގަނޑުގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއަކުވެސް ނެތެވެ. ހަތްވަނަ އަންހެން ކުއްޖާ ފަޚްރުލް މިސްރީ ދެންނެވި – މޫބީކިޔާ އަންހެން ކުއްޖާ ބާލިޔާން ގޮވައިގެން ފިލާ ރައްކައުވެއްޖެ ކަމުގައި އަޅުގަނޑަށް ޝައްކުވެއެވެ.“
”މަނިކުފާނުގެ ޝައްކު ފިލުވާލައްވާށެވެ. ޢަލީއެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”މިހާރު މިތަނުގައި މަނިކުފާނުގެ ބޭނުމެއް އަޅުގަނޑަކަށްނެތެވެ. ބާލިޔާން ފިލައިފި ކަމުގައި ވަނީނަމަ މިހާރު އޭނާ ރޫމުގެ ކަނޑާއިވީ ފަރާތުން ނިކުމެދާނެއެވެ. ޞަލީބީން ފިޔަވާ އެނާއަށް އެހީވާނީ ކޮންބައެއް ތޯއެވެ. އެންމެ ރަގަޅެވެ. އިހަށް އެއްކަލަ ޖާސޫސުން ބިންގަރާސް ޖަލަށް ފޮނުއްވާށެވެ. އެއަށްފަހުގައި މަނިކުފާނުގެ ޖާސޫސުން ތައްޔާރުކުރައްވާފައި ރޫމުގެ ކަނޑު ހުރަސްކޮށް އެފަރާތަށް ފޮނުއްވާށެވެ.“
”އަޅުގަޑުމެންގެ ޖާސޫސުންނަށް އަޅުގަޑުމެންގެ ވަޒަނުގެ އެތަން މިތަނަށް ފޮނުވާލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ސުލްޠާން އައްޔޫބީއަށް މި މަޝްވަރާ އެރުވީ ނޫރުއްދީން ޒަކީ ފޮނުއްވި ލަޝްކަރުގެ ވެރިޔާއެވެ. – “
އަޅުގަނޑުމެންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުސްލިމް އަމީރުންގެ ފަރާތްޕުޅުން އަތުވެދާނޭ ނުރައްކަލެއްގެ ބިރުވެރިކަން ޞަލީބީންގެ ފަރާތުން އަތުވެދާނޭ ނުރައްކަލަކަށް ވުރެ މާބޮޑެވެ. – އެފަދަ އަމީރުންގެ ހަރަމްތަކަށް އަޅުގަޑުމެންގެ ޖާސޫސުން ފޮނުއްވަވަނިކޮށް ވަރަށް ގިނަ ސިއްރުތައް އޮޅުން ފިލާނެއެވެ.“ އަމިއްލައެދުން ފުޅައިގެން އަވަދިނެތި އުޅުއްވާ އަމީރުން ޞަލީބީންގެ ކުޅޭ އެއްޗެތިތަކަކަށް ވެވަޑައިގެންފައިވާ މިންވަރު ވަރަށް ތަފްސީލްކޮށް އޭނާ ދެންނެވިއެވެ. – ބޭރުން އަންނަ ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނީތޯ ނުވަތަ އަމިއްލަ ގޭގައި ދިއްލާފައި ހުންނަ ބައްތިން ގޭގައި ހުޅުރޯވިޔަ ނުދެއް ވާނީތޯ ބެއްލެވުމަށްޓަކައި ސުލްޠާން ޒަކީ އަބަދުވެސް ވިސްނާ ވަޑައިގަންނަވާ ކަމުގައި އޭނާދެންނެވިއެވެ.
އޭނާ ދެއްކި ވާހަކަ ނުހަނު ފަރުވާތެރި ކަމާއެކު އަޑު އައްސަވަން އިންނަވާފައި ސުލްޠާން އައްޔޫބީ ވެދާޅުވިއެވެ.“ ތިޔަ އެންމެ ބޭފުޅުންގެ ތެރެއިން ހަތިޔާރު ލިބިވަޑައިގެންފައިވާ ބޭފުޅުންނަކީ ބުއްދިއާއި ވިސްނުން ރަގަޅު ދީނަށް ހުރުމަތްތެރިކޮށް ހިއްތަވާ އިޚްލާސްތެރި ބޭފުޅުންގެ ކަމުގައި ވަނީނަމަ ބޭރުން އަންނަ ހަމަލާތަކަޢި ރަށުތެރޭގައި ރާވާ ރޭވުން ތަކުން އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. އަމިއްލަ ވަޒަނަކަށްވެސް ނުރައްކަލެއް ނާންނާނެއެވެ. ތަޔަބޭފުޅުންގެ ނަޒަރުގައި ސަރަހައްދުން ބޭރަށް ދުރުދުރަށް އަމާޒު ކުރައްވާށެވެ. – އިސްލާމީ ވެރިކަމަކީ ވަކި ސަރަހައްދެއްގައި އޮތް ކަމެއްނޫނެވެ. ނަމަވެސް ތިޔަބޭފުޅުން އަމިއްލަފުޅަށް ﷲގެ އެމަތިވެރި ދީން ވަކި ސަރަހައްދެއްގައި ބަންދު ކުރައްވައިފިއްޔާ ތިޔަ ބޭފުޅުންގެ އަތްޕުޅުން ތައްޔާރު ކުރެއްވި ގައްދުޚާނާއެއްގައި ގައިދުވެ ވަޑައިގެންނެވެނީ ކަމުގައި ހީފުޅު ކުރައްވާށެވެ. – ރޫމުގެ ކަނޑުގެ އެފަރާތަށް ތިޔަބޭފުޅުން ނަޒަރު ހިންގަވާ ލައްވާށެވެ. އެއޮއް ބޮޑު ކަނޑަކަށްވެސް ތިޔަބޭފުޅުންގެ މަގަކަށް ހުރަހެއް ތިޔަބޭފުޅުންގެ މަގަކަށް ހުރަހެއް ނޭޅޭނެއެވެ. ގޭގައި ދިއްލާފައި ހުންނަ ބައްތިދެކެ ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. އެންމެ ފުމެލުމަކުންވެސް ގޭގައި ހުންނަ ބައްތިތައް ނިއްވާލެވިދާނެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެން އެންމެންއެކުވެ އެކަތިގަޑަކަށް ވެގެންތިބެ އީމާންތެރިކަމުގެ ބައްތި ދިއްލާއޭގެ ހުޅުގަޑު ބޮޑުކުރެވޭތޯ މަސައްކަތް ކުރަންވީއެވެ.“
”މުހައްރިމުލް ސުލްޠާންއެވެ. އިސްލާމް ދީންގެ ދުޝްމަނުން ނެތިކޮށްލެވޭނޭ ކަމުގައި އަޅުގަނޑުމެން އުއްމީދު ކުރަމެވެ.“ ލަޝްކަރުގެ ވެރިޔާ ދެންނެވިއެވެ. ”އަޅުގަނޑުމެން މާޔޫސެއް ނުވަމެވެ.“
”އަޅުގަނޑުގެ ލޮބުވެތި ރަހުމަތްތެރީންނެވެ. ހަމައެކަނި ދެ ލައުނަތަކުން ސަލާމަތް ވެވަޑައިގެން ތިއްބަވާށެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”މާޔޫސް ކަމާއި ސކުޑީގެ އައްޔާޝީކަމުން ސަލާމަތް ވެވަޑައި ގަންނަވާށެވެ. އެންމެ ފުރަތަމަ އިންސާނާއަށް މާޔޫސްކަން ލިބެއެވެ. ދެން ސިކުޑީގެ އައްޔާޝީކަމުގެ ޒަރީއްޔާއިން ގޮސް ހަލާކުގެ މަގު ޚިޔާރު ކުރާނެއެވެ.“
އެބޭފުޅުން ވާހަކަފުޅު ދައްވަން ތިއްބަވަނިކޮށް ޢަލީ ބިން ސުފިޔާން ވަޑައިގެންފިއެވެ. އެމަނިކުފާނު އެވަޑައިގެންނެވި ގޮތަށް ވަޑައިގެން ގާސިދެއްގެ އަތަށް މެސެޖްއެއް ދެއްވާފައި ރޫމްގެ ކަނޑުގެ އައްސޭރީގައި ހުރި ކޭމްޕްއާއި ދިމާއަށް ފުރުވާލައްވައިފިއެވެ. ގާސިދުގެ އަތުގައި ޢަލީ ބިން ސުފިޔާން ފޮނުއްވި މެސެޖްއަކީ ރޮބިން އާއި އޭނާގެ އެކުވެރިންނާއި ހަ އަންހެން ކުދީން ސިފައިންގެ ވިހިމީހުންގެ ބެލުމުގެ ދަށުން އަހަށް ނުވަތަ ޖަމަލަށް ސަވާރު ކޮށްފައި ދާރުލް ހުކޫމާތަށް ފޮނުއްވުމަށް އަންގަވާ ލިޔުއްވާފައިވާ މެސެޖްއެކެވެ. – ގާސިދު ފުރުވާ ލެއްވުމަށް ފަހުގައި ސިފައިންގެ ހަތް މީހުންނާއިގެން ކޮމާންޑަރ ބާލިޔާން ފެނިވަޑައިގަންނަވާތޯ ޢަލީ ބިން ސުފިޔާން ނިކުމެވަޑައި ގަންނަވައިފިއެވެ. އެންމެ ފުރަތަމަ ބޭރުގައި ތިބި މީހުންކުރެން ބާލިޔާންގެ ޚަބަރު އެއްސެވިއެވެ. – ހަނގުރާމައިގެ ތެރޭގައި އޭނާ ނުދެކޭ ކަމުގައި އެންމެންވެސް ދެންނެވިއެވެ. ސުލްޠާން އައްޔޫބީގެ ލަޝްކަރާއި ހަމަލާދޭން ރޫމުގެ ކަނޑުގެ މަގުންދިޔަ ލަޝްކަރު ބަލިވެގެން ދިޔައިރު އޭނާ ނުދާ ކަމަށްވެސް އެމީހުން ދެންނެވިއެވެ. އެމީހުންގެ ފަރާތުން އެއްވެސް އެއްޗެއް އޮޅުންފިލާވަޑައި ނުގަތުމުން ދެން ޢަލީ ބިން ސުފިޔާން ވަޑައިގެންނެވީ ބާލިޔާންގެ ގެއަށެވެ. ނަމަވެސް، މުސްކުޅި އަންހެން ދެނޯކަރު ފިޔަވައި އެހެން މީހަކު އެގެއަކުން އެމަނިކުފާނަކަށް ފެނިވަޑައެއް ނުގެންނެވިއެވެ. – ބާލިޔާންގެ ގޭގައި އަބަދުވެސް ޒުވާން ފަސް އަންހެން ކުދިން ތިބޭކަމަށާއި އޭގެތެރެއިން ޢުމުރުން ދޮށިވާކުދިން ކޮންމެވެސް ތަނަކަށް ފޮނުވާލާފައި އައު ކުދީން ގެންނަކަމުގައި އޭގެ ދެ އަންހެނުން ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި ދެނެވިއެވެ. ބަޣާވާތުގެ ކުރިން ބާލިޔާންގެ ކައިރިއަށް ވަރަށް ރީތި ފަރަންޖީ އަންހެން ކުއްޖަކު އައި ކަމާއި އެ އަންހެން ކުއްޖާ ފެނުމުން ބާލިޔާން އެކުއްޖާގެ އަޅާކަށްވެ ބަޣާވާތުގެ އެއްދުވަސް ފަހުން ސޫދާނީން ބަލިވެ ހަތިޔާރު ބެހެއްޓި ދުވަހުގެރޭގެ ކޮންމެވެސް ވަގުތެއްގައި ބާލިޔާން އަހަކަށް ސަވާރުވެ އެ ފަރަންޖީ އަންހެން ކުއްޖާވެސް އަހަކަށް ސަވާރުކޮށްގެން ފުރައިގެން ދިޔަކަމަށާއި – އެމީހުން ދިޔަ ނުދިޔަ ތަނެއް ނޭގޭކަމަށާއި އެމީހުނާއެކުގައި އަސްވާރުންގެ އިތުރު ހަތްމީހުންވެސް ދިޔަކަމަށާއި، ބާލިޔާން ފުރިއިރު ހަރަމްގައި ތިބި އަންހެން ކުދީން އެކުއްޖެއްގެ އަތުޖެހުނު އެއްޗެއް އެކުއްޖަކު ހިފައިގެން ފިލިކަމުގައިވެސް އޭގެ ދެއަންހެނުން ދެންނެވިއެވެ.
ބާލިޔާގެ ގެއިން ޢަލީ ބިން ސުފިޔާން އެބުރިވަޑައިގަންނަވަނިކޮށް ކަޑަބޮއްޖަހަމުން ދުވެފައިއައި އަހެއް އެމަނިކުފާނު އިންނެވި އަހުގެ ކުރިމައްޗަށް މަޑުކޮށްލައިފިއެވެ. އެމަނިކުފާނު ރަގަޅަށް ބައްލަވާ ލެއްވިއިރު އެއަހުގައި އިނީ ފަޙުރުލް މިސްރީއެވެ. އޭނާ އަހުން ފުންމާލައިގެން ދުވެފައި އައިސް ޢަލީ ބިން ސުފިޔާންގެ އަރިއަހަށް ހުއްޓިފައި މާނޭވާލަމުން ތުރުތުރު އަޅުވަމުން ދެންނެވިއެވެ.
”އަޅުގަނޑު މި އަންނަނީ މަނިކުފާނުގެ ފަހަތްޕުޅުންނެވެ. – އަޅުގަނޑުވެސް މިއުޅެނީ އެ ކާފިރު އަންހެން ކުއްޖާއާއި ބާލިޔާން ހޯދަން ވެގެންނެވެ. – އެމީހުންގެ ކިބައިން އަޅުގަނޑު ބަދަލު ހިފާނަމެވެ. އަޅުގަނޑުގެ އަމިއްލަ އަތުން އޭގެ ދެމީހުން ގަތުލުކޮށް ނުލެވޭހާ ދުވަހަކު ހަމަޖެހުމުގެ ނޭވާއެއް ނުލާނަމެވެ. – އެމީހުން ދިޔައީކޮން ތަނަކަށްކަން އަޅުގަނޑަށް އެގެއެވެ. އެމީހުންގެ ފަހަތުން އަޅުގަނޑު ދިޔައިމެވެ. – ނަމަވެސް އެމީހުންނާ އެކުގައި ހަތިޔާރު އެޅި ހަތް އަސްވާރުން އެބަތިއްބެވެ. އަޅުގަނޑު ހުރީ އެކަންޏެވެ. އެމީހުން ދިޔައީ ރޫމްގެ ކަނޑާއި ދިމާއަށެވެ. އެމީހުން ދަތުރު ކުރަމުން ދަނީ ޢާމު މަގުތަކުން ނެއްޓި މީހުން ނޫޅޭ ހިސާބުންނެވެ.“ ޢަލީ ބިން ސުފިޔާންގެ ކަކޫފުޅުގައި އަތްބާއްވާލައްވަމުން އޭނާ ބުންޏެވެ. ”މާތް ﷲ އަށްޓަކައެވެ. އަޅުގަނޑަށް އެންމެ ހަތަރު ސިފައިން ދެއްވާށެވެ. – އޭރުން އެމީހުންގެ ފަސް ފަހަރުން އަޅުގަނޑު ދާނަމެވެ. – އެމީހުން މަރާލާފައި އަޅުގަނޑު އެބުރި އަންނާނަމެވެ.“
ފަޙްރުލް މިސްރީ އެދުނު އެދުމުގެ މަތީން ހަތަރުމީހުންގެ ބަދަލުގައި ވިހި މީހުން ދެއްވާނޭ ކަމުގައި ވިދާޅުވެ ޢަލީ ބިން ސުފިޔާން ވައުދު ވެވަޑައިގެން ފަޚްރުގެ ހިތްހަމަ ޖައްސަވައިދެއްވިއެވެ. – ”އެހާއަވަހަކަށް އެމީހުނަކަށް ކުރިއަކަށް ނުދެވޭނެއެވެ. ކެތްކޮށްގެން އަހަރެންގެ ކައިރީގައި ހުންނާށެވެ.“ ބާލިޔާންމެން ދިޔަދިމާ އެގިވަޑައިގެންނެވީތީ އެކަމާ އުފާފުޅު ކުރައްވަމުން ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.