ފަޚްރުލް މިސްރީއާއި މޫބީއަށް އެމީހުންގެ މަންޒިލާއި ހަމައަށް ނުދެވެނީސް މަގުމަތިން އަތުލައިގެން ނަމަވެސް މާބޮޑު ފައިދާއެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. ސޫދާނީ ލަޝްކަރުގެ ވެރި ނާޖީއާއި އޭނާގެ ނައިބު އަދުރޫޝްއާއި އެމީހުންގެ އެކުވެރިންލީ ޒަހަރުގެ އަސަރު އޮތީ ކޮށްފައެވެ. – ފާތިމީ ޚިލާފަތުގައިވެސް ލަޝްކަރުގެ ވެރިއަކަށް ހުރި އެނުލަފާ މީހާއަކީ އޭނާގެ ހިތުން ޤައުމުގެ އެންމެ އިސްވެރިޔާ ކަމުގައި ހެދިގެން އުޅުނު މީހެކެވެ. އޭނާ މަސައްކަތް ކުރީ ޞަލާޙުއްދީން އައްޔޫބީ އެއްވެސް ބޭނުމެއް ނެތް އަމީރަކަށް ހަދާ އެމަނިކުފާނަކީ ބޭކާރުވެރިއެއްކަން ސާބިތު ކުރުމަށެވެ. – މުސްލިމް ރަސްރަސްކަލުން އެބޭފުޅުންގެ ހަރަމްތަކުގައި ތިބި އަންހެން ކުދިންގެ ކަންހުޅިތަކުގައި ޤައިދުވެވަޑައިގަންނަވައިގެން އެއުޅުއްވާ އަންހެން ކުދިންގެ ތެރޭގައި ގިނައީ ޢީސާއީންނާއި ޔަހޫދީ އަންހެން ކުދިންނެވެ. – އެފަދަ ރަސްރަސްކަލުން ތިމަންނާމެންނަކީ އިސްލާމުންނޭ ވިދާޅުވެ އެއުޅުއްވަވަނީ ހަމައެކަނި ނަމަކަށެވެ. އެކަހަލަ ރަސްރަސްކަލުންގެ ވެރިކަމުގައި ކާރޫބާރޫ ހިންގަނީ އަމިއްލަ އެދުމުން ފުރިފާ ތިބޭ އޮފިސަރުންނެވެ. ހިތްއެދޭހާ ގޮތަކަށް ދުނިޔޭގެ އުފާތަކުގެ ތެރެއަށް ގެބި މަޖާނަގާމީހުންނެވެ. ސުލްޠާން ޞަލާޙުއްދީން އައްޔޫބީފަދަ ދީންވެރި ޤައުމުދެކެ ލޯބިފުޅުވާ ޤާއިދަކު ޤައުމް ހޭލައްވާލެއްވުމަކީ އެބައިމީހުން އެދޭކަމެއް ނޫނެވެ. ވެރިންނާއި ރަސްރަސްކަލުން ހަރަމްތަކުގެ ސުވަރުގެތަކުން ޙައްޤުގެ ދުނިޔެއަށް ނެރުއްވުމަކީ އެބައިމީހުން ރުހޭ ކަމެއްނުމެނޫންމެއެވެ. – ސުލްޠާން އައްޔޫބީ އެމަނިކުފާނުގެ ބޮޑުބޭބޭފުޅު ޝޭރު ކޯހްގެ ވެރިކަމުގެ ދަށުގައި ހުންނަވައިގެން ކުރެއްވި ހަގުރާމައިންވެސް އަމަނިކުފާނަކީ ކޮންކަހަލަ ބޭފުޅެއްކަން އެމީހުންނަށް އެނގިއްޖެއެވެ. އެ ޝަޙްސިއްޔަތު ވަރުގަދަ އިންސާނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އިސްލާމީވެރިކަން މާތްވެގެންވި އިސްލާމްދީނާއި އަޚްލާޤުގެ ދާއިރާގައި ބަދެލައްވާނޭކަން ދެނެގެންފިއެވެ. ވުމާއެކު އެންމެ ފުރަތަމަވެސް ސުލްޠާން އައްޔޫބީ އިދަޖައްސާލާނޭ ރޭވުންތައް ރޭވިއެވެ. އެބައި މީހުން ކައިރިކައިރީގެ ރަށްތަކުގައި ތިބި ޞަލީބީންނާއި ގުޅުން ބަދަހިކުރިއެވެ. – ޞަލީބީންގެ ޖާސޫސުންނަށާއި ތަޖުރިބާކާރު ލީޑަރުންނަށްޓަކައި މަގުއެއްވަރުކޮށްދިނެވެ. އައްޔޫބީ ހިންގަވަން އޮތް މަގުގައި ފަރުބަދަތައް ހުރަސްކުރިއެވެ. ނޫރުއްދީން ޒަކީ ނެތްނަމަ މިއަދުގެ ތާރީޚުގައި ޞަލާޙުއްދީން އައްޔޫބީގެ ނަންފުޅު ލިޔެވިފައެއް ނޯތީހެއްޔެވެ. ސުލްޠާން އައްޔޫބީ ކިތަންމެ ކުޑަކުޑަ އިޝާރާތައްކޮށްލެއްވިއަސް ނޫރުއްދީން ޒަކީ އެމަނިކުފާނަށް އެހީފުޅު ފޮނުއްވަވައެވެ. ސޫދާނީ ލަޝްކަރުގެ ވެރި ނާޖީ އަންގައިގެން ޞަލީބީންގެ ލަޝްކަރު ރޫމުގެ ކަނޑުން ދަތުރުކޮށްފާ އައިސް މިސުރުގެ ލަޝްކަރާއި ހަމަލާދިން ޚަބަރު ހަމަލިބިވަޑައިގަތުމާއެކު ނޫރުއްދީން ޒަކީ އެމަނިކުފާނުގެ ލަޝްކަރާއިގެން އެއްގަމު މަގުން ވަޑައިގެން ޞަލީބީންގެ ރަށްތަކާއި ހަމަލާ ދެއްވިއެވެ. އެއްގަމު މަގުން މިސުރާއި ދިމާއަށް ދަތުރުކޮށް އޮތް ބޮޑު ލަޝްކަރާއި ކުރިމަތިލައްވާ އެ ލަޝްކަރުގެ މީހުންގެ އަތްފައި ކަންނެތް ކުރެއްވިއެވެ. އަނެއްކޮޅުން ސުލްޠާން އައްޔޫބީގެ ޖާސޫސީ ތިލްޙާމްތަކުގެ ހިތްވަރު ގަދަކަމުން ރޫމުގެ ކަނޑުން އައި ޞަލީބީ ޞަލީބީ ލަޝްކަރުގެ ނައުފަހަރުތަށް ރޫމުގެ ކަނޑުތެރެއަށް ޣަރަޤް ކުރެއްވިއެވެ. ސޫދާނީ ލަޝްކަރު ބަޣާވާތް ކޮށްފާނޭކަމުގެ ބިރު ހީވެވަޑައިގަންނަވާކަމުގެ ޚަބަރު ނޫރުއްދީން ޒަކީއަށް އެރުވުމަށްޓަކައި ވިދުވަރެއްހާ ހަލުވިކޮށް ދަތުރު ކުރާ ގާސިދުންގެ ބަޔަކު ޢަލީ ބިން ސުފިޔާން ހޯއްދެވިއެވެ. އަވަސް އަވަހަށް ނޫރުއްދީން ޒަކީގެ އަރިއަހަށް އެ މީހުން ފޮނުވާލެއްވިއެވެ. ސޫދާނީ ލަޝްކަރު ބަޣާވާތެއް ކޮށްފާނޭކަމުގެ ބިރުވެރި އަސަރުތައް ފެނިވަޑައިގަންނަވާ ކަމަށާއި މިސުރުގެ ލަޝްކަރުގެ މީސްކޮޅު މަދުކަމުގައި ނޫރުއްދީން ޒަކީއަށް އެންގެވިއެވެ. ޤާސިދުންގޮސް އެ ޚަބަރު އެރުވުމާއެކު ނޫރުއްދީން ޒަކީ ފުދޭވަރެއްގެ ލަޝްކަރެއް ތައްޔާރު ކުރައްވާފައި މިސުރާއި ދިމާއަށް ދަތުރު ކުރުމަށް އެމީހުންނަށް އަމުރުކުރެއްވިއެވެ. މި ލަޝްކަރުގެ އަދަދަކީ ދެހާސް އަސްވާރުންނާއި ދެހާސް ފިދާއީންކަމުގައި ބައެއް މުއައްރިޚުން ލިއުއްވާފައިވެއެވެ. އަނެއް ބައި މުއައްރިޚުން އެ ލަޝްކަރުގެ އަދަދު އެއަށްވުރެ ގިނަކަމުގައިވެސް ލިއުއްވާފައިވެއެވެ. ކޮންމެއަކަސް ނޫރުއްދީން ޒަކީ އެ މަނިކުފަނުގެ އުދަގޫފުޅުތަކާއި ބޭނުން ފުޅުތަކަށް ފަރުވާއެއް ނުބަހައްޓަވާ ސުލްޠާން އައްޔޫބީގެ އުދަގޫފުޅު ތަކާއި ބޭނުންފުޅުތަކަށް އަހައްމިއްޔަތާއި އިސްކަން ދެއްވިއެވެ. ނަމަވެސް ނޫރުއްދީން ޒަކީގެ ލަޝްކަރު މިސްރާއި ހަމައަށް ފޯރުމުގައި ވަރަށް ގިނަ ދުވަސްތަކެއް ނެގިއެވެ. ދެމެދުގައި ހުރި ދުރުކަމުން އަވަސް ފުރުސަތެއްގައި ދިއުމަށް އުޒުރުވެރިވިއެވެ.
މިސުރުގައި ސުލްޠާން އައްޔޫބީއާއި ދެކޮޅަށް ހަމަނުޖެހުން އުފެދިގެން އުޅޭކަން އެގުމުން ހަމައެކަނި ނަމަކަށް އިސްލާމުންނަށް ހެދިގެން އުޅޭ ސިފައިންނާއި މަތީ ދަރަޖައިގެ ވެރިންލައިދީގެން ފަސާދައިގެ ހުޅުގަނޑު ބޮޑު ކުރުވިއެވެ. – ސިއްރުންފިލާ ތިބެގެން ސިފައިންގެ ރުޅިގަދަ ކުރުވިއެވެ. ބަޣާވާތްކުރުމަށް ހެއްލުންތެރި ކުރުވިއެވެ. ސޫދާނީ ލަޝްކަރުގެ ވެރިޔާއާއި އޭނާގެ ނާއިބުން ސިއްރުގޮތެއްގައި މަރުއްވާފައި ވަޅުލެއްވިކަން އެބައިމީހުންނަށް ޚަބަރުގެނެސްދޭ މީހުންގެ ފަރާތުން އޮޅުން ފިލުވިއެވެ. އެހާ ތަނަށް ދިއުމުން ސޫދާނީ ލަޝްކަރުގެ އާދައިގެ ސިފައިންގެ ބަޔަކު އަމިއްލައަށް ކޮމާންޑަރުންނަށްވެ މިސުރުގައި ތިބި ސުލްޠާން އައްޔޫބީގެ މީސްކޮޅު މަދު ލަޝްކަރާއި ހަމަލާ ދިނުމުގެ ރޭވުންތައް ރާވަން ފެށިއެވެ. އެވަގުތު މިސުރުގައި ތިބި ސުލްޠާން އައްޔޫބީގެ މުޅި ލަޝްކަރުގެ ދެބައިކުޅަ އެއްބައި މީހުންކަމުގައި ބުނެވުނެވެ. ދާރުލް ހުކޫމިއްޔާގައި ސުލްޠާން އައްޔޫބީ ވަޑައިގެން ނެތިނސް އެކަމުގެ ފައިދާ ހާސިލް ކުރަން ސޫދާނީ ލަޝްކަރުގެ މީހުން ގަސްދު ކުރިއެވެ. ފަންސާސްހާސް ސިފައިން އެކުލެވޭ ސޫދާނީ ލަޝްކަރު މިސުރުގެ އުދަރެހުން އަރާފައިވާ އިސްލާމީ ހަނދުގެ މައްޗަށް ފެތުރިގަނެ އެ އަލިގަދަ ހަނދުގެ ގަދަ ނޫރު ފަނޑުކޮށްލާފަދަ ވަރުގަދަ ރޭވުންތައް ރޭވިއެވެ.
ޢަލީ ބިން ސުފިޔާންމެން ދަތުރު ކުރައްވަމުން ޤާހިރާއާއި ހަމައަށް ވަޑައިގެންނެވި އިރުވެސް އެބަޔަކު ހޯއްދެވުމަށްޓަކައި އެމަނިކުފާނު އެވަޑައިގެންނެވި މީހުންގެ އިތުރު އެއްވެސް ނިޝާނެއް ފެނިވަޑައިނުގެންނެވިއެވެ. ވުމާއެކު ޤާހިރާއަށް އަރާވަޑައިގެން އެރަށުގައި ހުންނަ ސޫދާނީ ހެޑްކުއާޓާގައި ބައިތިއްބަވާފާ ތިބި އެމަނިކުފާނުގެ ޖާސޫސުން ގެންނަވާފާ ފަޚްރުލް މިސްރީމެންގެ ޚަބަރެއް އެގިފައިވޭތޯ ސުވާލު ކުރެއްވިއެވެ. އެވަގުތު އެތަނުން މީހަކު ކުރިއަށް ޖެހިލާފައި އެމަނިކުފާނަށް ދެންނެވިއެވެ. ”ވޭތުވެދިޔަ ރޭގެ ރާގަނޑު ޖަމަލެއްގައި ދެސަވާރުން އައެވެ. އެދިރީގެ ތެރެއިން ފެނުނު ފެނުމުން ހީވާގޮތުގައި އެއީ އަންހެނަކާއި ފިރިހެނެކެވެ. – އެމީހުންގޮސް ވަނީ މިވެނި އިމާރާތަކަށެވެ.“
ޖާސޫސްމީހާ އެދެންނެވި އިމާރާތަށް ހަމަލާދެއްވުމުގެ އިޚްތިޔާރު ޢަލީ ބިން ސުފިޔާންއަށް ލިބިވަޑައިގެންވެއެވެ. ސޫދާނީ ލަޝްކަރަކީ އިސްލާމީ ވެރިކަމުގެ ދަށުގައި އޮންނަ ލަޝްކަރެކެވެ. އަމިއްލަ އިޚްތިޔާރާއި ބާރު ލިބިގެންވާ މިނިވަން ލަޝްކަރެއް ނޫނެވެ. ނަމަވެސް ފަހަށް ވިސްނާ ވަޑައިގެންފާ ޢަލީ ބިން ސުފިޔާން އެފަދަ ހަމަލާއެއް ނުދެއްވައެވެ. އަދައަދާ ހުރި އަލިފާން ގަޑަކަށް ތެޔޮ އެޅުއްވުން ކަހަލަ ނުރައްކާތެރި އަމަލެއް ނުކުރައްވައެވެ. އެމަނިކުފަނުގެ ގަސްދުފުޅަކީ ހަމަ އެކަނި ފަޚުރުލް މިސްރީއާއި މޫބީ ހައްޔަރު ކުރެއްވުމެއް ނޫނެވެ. އެދަތުރުފުޅުގައި އެމަނިކުފާނު ޤާހިރާއަށް ވަޑައިގެންނެވި އެންމެ ބޮޑު ބޭނުންފުޅަކީ ސޫދާނީ ސިފައިންގެ ސިއްރު ރޭވުންތަކާއި ކުރިއަށްއޮތް ތަނުގައި އެމީހުން ކަންތައް ކުރަން ގަސްތުކޮށްފައިވާ ގޮތެއް އޮޅުން ފިލުއްވަވައިގެން ސަލާމަތީ ފިޔަވަޅު އަޅުއްވާނޭ މަގު ފަހިކުރެއްވުމެވެ. ވުމާއެކު އެމަނިކުފާނުގެ ސިފައިންނަށް އައު އެންގެވުންތައް އަންގަވަންދެން ކަންތައް ކުރަންވީގޮތް ބުނެދެއްވިއެވެ. އެމަނިކުފާނުގެ ޖާސޫސުންގެ ތެރޭގައި އަންހެން ކުދިންވެސް ހިމެނެއެވެ. އޭގެތެރެއިން ބައެއް ކުދިންނަކީ ފަޤީރު މުސްލިމުންނެވެ. ޢީސާއީންގެ ތެރެއަކުވެސް ޔަހޫދީންގެ ތެރެއަކުވެސް އެކުދިންނެއް ނުހިމެނެއެވެ. އެއީ ރަށުތެރޭގައި ހުންނަ ގަހުވަ ޚާނާ ތަކުގައި މަސައްކަތް ކުރާ ވިސްނުންތޫނު ހުޝިޔާރު އަންހެން ކުދިބައެކެވެ. ނަމަވެސް ޢަލީ ބިން ސުފިޔާން ފަހަރެއްގައިވެސް އެކުދިންގެ މައްޗަކަށް ސަތޭކައިން ސަތޭކައިގެ އިތުބާރެއް ނުދެއްވައެވެ. އެފަދަ ކުދިން ދެބައިކުޅެލާކަށްވެސް ފަހެއް ނުޖެހޭނެކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވައެވެ. – މިދެންނެވި ޖާސޫސް އަންހެން ކުދިންގެ ފަރާތުންވެސް ޢަލީ ބިން ސުފިޔާން ހޯއްދަވަން އެދިވަޑައިގެންނެވި އަންހެން ކުއްޖާ މޫބީގެ އެއްވެސް ޚަބަރެއް ލިބިވަޑައެއް ނުގެންނެވިއެވެ.