ރީޙާނުމެންގެ ކާރު ސިނަމާއަށްދާން އޮންނަ ފުޅާ މަގު ހުރަސްކޮށްފައި، ހަނި ގޯޅިއަކަށް ލަނބާލައިފިއެވެ. ނަޞީރުއާބާދުގެ ފަރުބަދަތަކުގެ ދާވަނީގައި ދުއްވަމުން، މަޑުމަޑުން ކާރު މައްޗަށްއަރަން ފަށައިފިއެވެ. ޞާޢިޤާ އަދިވެސް އިނީ ކަންބޮޑުވެފައެވެ. އޭނާ ގަތް ބިރުން ތުރުތުރު އަޅަނީއެވެ.
މިއަދު ރީޙާން އެކޮށްލި ހިތްވަރަކީ، ފޮރުވިފައިއޮތް އެމީހުންގެ ލޯބީގެ ސިއްރު ފާޅުވުމަށް ފުދޭވަރުގެ ހެތްކެކެވެ. އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކަށް ވިސްނާލިޔަސް، ޞާޢިޤާގެ ލޯލިތައް ކޮޅަށް ނެގިގެންދެއެވެ. އޭނާ ބިރުގެންފައި އިންކަން ރީޙާނަށްވެސް އެނގެއެވެ. ވީމާ، އޭނާގެ ހިއްސުތައް ހަމައަކަށް އަޅުވައި، ހިތްހަމަ ޖައްސައިދިނުމަށްޓަކައި ރީޙާން ދެތިންފަހަރަކު ވާހަކަ ފަށައިގެންވެސް ކާމިޔާބެއް ނުވިއެވެ. ޞާޢިޤާއަކަށް އަނގައިން ބުނެވޭގޮތެއް ނުވިއެވެ. މަސްތުން ފުރިފައިވާ ނަޒަރަކުން ޞާޢިޤާއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ރީޙާން މަޖާ ވާހަކަ ދައްކާފައި ހީހެދިއެވެ.
[ކަލާ ތިޔަ ދުރުވަނީ ކޮންތަނަކަށްތޯއެވެ؟] އިރުކޮޅެއްގެ ފަހުން މަޑުމަޑުން އިސްއުފުލާލާފައި ބޭރު ބަލާލަމުން، ބިރުގެންފައިވާ އަޑަކުން ޞާޢިޤާ ބުންޏެވެ.
[ހޭވެރިކަން ވެއްޖެތާއެވެ.] ރީޙާން ބާރަށް ހީގަންނަމުން ބުންޏެވެ.
[ކަލާ ތިޔަ ކުރެއްވީ ވަރަށް ގޯސްކަމެކެވެ.] ޞާޢިޤާއަށް ރޮވެން ކައިރިވެއްޖެއެވެ.
[ކޮންކަމެއް ހެއްޔެވެ؟]
[އެންމެންގެ ކުރިމަތީގައި….]
[ކުކުޅެއް ފަހާހެން ފަހައިގަނެގެން ކަލޭ ގެނައީދޯއެވެ.] ޞާޢިޤާ ބުނަންފެށި ޖުމުލަ ރީޙާން ފުރިހަމަ ކޮށްދިނެވެ. ކަލޭ ބިރުގަތީ ހެއްޔެވެ. ބޮޑު ފިނޑިއެކެވެ.]
[އެމީހުން ބުނާނީ ކީކޭތޯއެވެ.] ޞާޢިޤާ އެސްފިޔަ ޖަހާނުލައި ރީޙާނުގެ މޫނަށް ބަލަމުން ގެންދިޔައެވެ.
[އެމީހުން ކިޔާނެ އެއްޗެއް އަހަރެން ބުނެދެން ހެއްޔެވެ.] ޞާޢިޤާއާ ގޯނާކޮށްލުމުގެ ގޮތުން ރީޙާން ބުންޏެވެ.
[އަޑުއަހާކަށް ބޭނުމެއް ނޫނެވެ.] ޞާޢިޤާ ރުޅިއައިކަމަށް ހެދިއެވެ.
[ބުނަންވީ ހެއްޔެވެ؟]
[ނޫނެކެވެ.]
[އެއީ ކީއްވެގެން ހެއްޔެވެ؟]
[އެމީހުން ދައްކާނެ ވާހަކަ އަޅުގަނޑަށް އެނގެއެވެ.] ހިތާމަވެރި އަޑަކުން ޞާޢިޤާ ބުންޏެވެ. [ޤިޔާމަތަކަށް ވުރެވެސް ބޮޑު ކަންތައްގަނޑެއް ލައިގަންނާނެއެވެ.]
[ހޫނ!] ރީޙާން ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލިއެވެ. [ތިޔަ ބުނާ ކަންތައްގަނޑު ދިފާޢު ކުރުމުގެ ހިތްވަރު އެބަހުއްޓެވެ.]
[ކަލާ ތިޔަ ދުރުވަނީ ކޮންތަނަކަށްތޯއެވެ؟] ވާހަކައިގެ މައުޟޫޢު ބަދަލުކޮށްލުމުގެ ބޭނުމުގައި ޞާޢިޤާ ބުންޏެވެ.
[ވީކީއްހެއްޔެވެ.]
[ސިނަމާއަށް ނުދުރުވަނީތޯއެވެ؟]
[ފިލްމު ބެލުމުގެ ޝައުޤު ވަރަށް ބޮޑުހެއްޔެވެ؟]
[ނޫނެކެވެ.]
[ތިޔަހެންވިއްޔާ، މަޑުމަޑުން އިންނާށެވެ.]
[ދުރުވަން ގަސްތުކުރައްވާ ތަނެއް، އަޅުގަނޑަށްވެސް އަންގަވާ ލައްވާށެވެ.]
[އަހަންނަށް އިތުބާރު ކުރާށެވެ.]
[ތިޔައީ އަޅުގަނޑު ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ.] ޞާޢިޤާ ބުންޏެވެ.
[ކަލާ ތިޔަ ދައްކާ ބޭކާރު ވާހަކަތަކަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟]
ޞާޢިޤާ ވަކި ޖަވާބެއް ނުދީ، ފަރިގޮތަކަށް ހިނިތުން ވެލިއެވެ. އެވަގުތު، ހަނި ގޯޅިއަކުން ލަނބާލަމުން ރީޙާން ކާރު ހުއްޓާލައިފިއެވެ. ކުރިމަތީގައި އޮތީ ތަނަވަސް މައިދާނެކެވެ. ރީޙާން އަވިއައިނު ރަނގަޅު ކޮށްލަމުން، ކެމެރާ ކޮނޑުގައި އަޅުވާލައިފިއެވެ. ދެން އަވަސް އަވަހަށް ކާރުގެ ދޮރު ހުޅުވާލާފައި ފައިބައިފިއެވެ. އަނެއްފަރާތަށްގޮސް ޞާޢިޤާ ފޭބުމަށްޓަކައި ދޮރު ހުޅުވާލަދިނެވެ. [އަންނާށެވެ.] ބަސްއަހާ ކުޑަކުއްޖަކު ފަދައިން، ޞާޢިޤާ ކާރުން ފައިބައިފިއެވެ.
އިންތިހާދަރަޖައިގެ ރީތި މޫސުމެކެވެ. ފެހިކުލައިގެ ބިޔަ ގަސްތަކުގެ ދިގު ހިޔަނިތައް، ވަޔާ ހެލިލަ ހެލިލާ ހުއްޓެވެ. އުސް ފަރުބަދަތަކުގެ ރީތި ސިލްސިލާއެކެވެ. މަޚްމަލުގެ ދޫލައެއް ފަދައިން، ދުރުދުރަށް ދަންދެން ފެތުރިފައިވާ ވިނަގަސްތަކުގެ ތެރޭގައި އަމިއްލައަށް ފަޅައިގެން ހެދެމުންދާ އެކިފާޑުގެ މާގަސްތަކުގައި މާތައް ފޮޅިފައި ހުއްޓެވެ. ތަންކޮޅެއް ދުރުގައި އޮއިދެމެމުންދާ ފަރުބަދަމަތީގެ ފެންކޯރުގެ ރާޅުތައް، ރާގުކިޔަމުން، ނަށަމުންދެއެވެ.
ޞާޢިޤާ އުސް ހިލަގަނޑެއްގެ މަތީގައި އިށީނދެލައިގެން އިނެވެ. އޭނާގެ ދާދިގާތުގައި ރީޙާން ހުއްޓެވެ.
[އަންނާށެވެ.] އިރުކޮޅެއްގެ ފަހުން ރީޙާން ތިރިއަށް ފައިބަމުން ޞާޢިޤާއަށް ބުންޏެވެ.
[މިހާރު ތިޔަ ދުރުވަނީ ކޮންތަނަކަށްތޯއެވެ؟] އަދިވެސް ޞާޢިޤާގެ ހިތުގައިވާ ބިރުވެރިކަމެއް ނުފިލައެވެ.
[ތިރީގައި އެއޮއް ވާދީއަށެވެ.] ރީޙާން ތިރިއަށް އިޝާރަތް ކޮށްލިއެވެ.
[އެތަނަށްގޮސް ކުރާނީ ކީއްތޯއެވެ؟]
[އެ މަސްތީ ފަޒާގެ ތެރެއަށް ދެމީހުން ގެއްލޭނީއެވެ.] ފިނިފެންމަލެއް ފަރިވެލާ ފަދައިން ޞާޢިޤާ ހިނިތުންވެލިއެވެ.
[އެނބުރި ހިންގަވާށެވެ.]
[އެއީ ކީއްވެގެން ހެއްޔެވެ.]
[އެންމެން ސިނަމާގައި އަޅުގަނޑުމެންނަށް އިންތިޒާރު ކުރާނެއެވެ.]
[ކުރިއަދޭށެވެ.]
[ނަމަވެސް….]
[ޞާޢިޤާއެވެ. ތިޔަ ބޭނުންނެތް ވާހަކަތަކުން އަހަރެން ފޫހިނުކުރާށެވެ.]
[ބޭނުންނެތް ވާހަކައޭތޯއެވެ.] ޞާޢިޤާ ހައިރާންވިއެވެ.
[އާއެކެވެ. ބޭނުންނެތް ވާހަކައެވެ. މިއޮއް މަސްތީ ޖައްވެއް ދެކެބަލާށެވެ. އެހެން ހުރިހާކަމެއް ހަނދާން ނައްތާލާށެވެ. މި އުފާވެރި ހިނދުކޮޅު، ބިރާއި ސިހުމުގެ ތެރެއަށް ނަގާނުލާށެވެ.]
ރީޙާން ޞާޢިޤާގެ އަތުގައި ހިފައިގެން ރައްކާތެރިކަމާއެކު ވާދީގެ ތެރެއަށް ފައިބަން ފަށައިފިއެވެ. މޮޅު ހުދު ފަށުވިފޮތީގެ ހެދުމެއްގައި ހުރިއިރު، ޞާޢިޤާ ފެންނަލެއް ވަރަށް ރީއްޗެވެ. އޭނާގެ މޫނުމަތިން ފެންނަންހުރި އުފަލާއި ބިރުވެރިކަމުގެ ގުޅިފައިވާ ކުލައިން، އޭނާގެ ރީތިކަން އެތައް ގުނައަކަށް އިތުރުކޮށްދީފައި ވެއެވެ.
އޭގެ ދެމީހުން ވަރަށް ގިނައިރު ވަންދެން ވާދީގެ ތެރޭގައި ހިނގަ ހިނގާ ތިއްބެވެ. ރީޙާން އެކިގޮތްގޮތަށް ޞާޢިޤާގެ ފޮޓޯ ނެގިއެވެ. އެ އުފާވެރި މާޙައުލުގައި ވަގުތު ވޭތުވަމުންދާ ގޮތްވެސް އެމީހުންނަކަށް ނޭނގެއެވެ. މިހާރު ހިޔަނިތައް ދިގުވާން ފަށައިފިއެވެ. ވައިރޯޅި ބާރުވާން ފަށައިފިއެވެ. ޞާޢިޤާގެ ހިތުގެ ބިރުވެރިކަން ބޮޑުވާން ފަށައިފިއެވެ. އެތަކެއްފަހަރު ރީޙާނުގެ ގާތުގައި އެނބުރި ދިއުމަށްއެދި އާދޭސް ކޮށްފިއެވެ. ނަމަވެސް، ރީޙާން އެކަމަކާ އަޅައެއް ނުލައެވެ.
[އަދި ހަމަ ތިޔަ އިނީ ބިރުން ހެއްޔެވެ.] ރީޙާން ސިނގިރެޓުގައި ދިގުކޮށް އެއްފަހަރު ދަމާލަމުން ބުންޏެވެ.
[ދެން ހިންގަވާށެވެ.]
[ކީއްވެގެން ހެއްޔެވެ.]
[މިތަނުގައި ރޭގަނޑު ވޭތުކޮށްލައްވަން ގަސްތުކުރައްވަނީ ތޯއެވެ.]
[މުޅި އުމުރު ވޭތުވެގެން ދިޔަޔަސް، ފަރުވާލެއް ނެތެވެ.] ހަމަޖެހިލާފައި ރީޙާން ބުންޏެވެ.
[ތިޔަ ޅެންވެރިކަން ދޫކޮށްލައްވާށެވެ. ޙަޤީޤީ ދުނިޔެއަށް އެނބުރި ދުރުވާށެވެ. އެމީހުން ސިނަމާއިން އެނބުރި އަންނަން އުޅޭނެއެވެ. ރީޙާނެވެ. އެމީހުން ކިހާ އެއްޗިއްސެއް ކިޔާނެތޯއެވެ؟]
[ޞާޢިޤާއާއި ރީޙާން ދުވަހަކު ވަކިވުމެއް ނުވާފަދަ ބަނދެވުމަކުން ބަނދެވިއްޖެއޭ ކިޔައިގެން ވާހަކަ ދައްކާނެއެވެ.] ފަރުވާކުޑަ ގޮތަކަށް ރީޙާން ބުންޏެވެ. [އެހެން ނޫންހެއްޔެވެ؟ ޞާޢިޤާއެވެ. އެއީ ތެދު ވާހަކައެއް ނޫންހެއްޔެވެ؟]
ކުރާނެކަމެއް ނެތިގެން ރީޙާނާ ދިމާއަށް ޞާޢިޤާ ބަލައިލިއެވެ.
[ޞާޢިޤާއެވެ. ތިޔަވަރަށް ބިރުގަންނަނީ ކީއްވެގެން ހެއްޔެވެ؟]
[ކަލާ ކަންތައް ކުރެއްވި ގޮތުންނެވެ.]
[މޮޔަޔާއެވެ. އަހަރެން މި ފިޔަވަޅު އެޅީ އެމީހުން ކިޔާނެ އެއްޗެއް ކިޔަދިނުމަށްޓަކައެވެ.] ޞާޢިޤާ ހައިރާންކަމާއެކު ރީޙާނުގެ މޫނަށް ބަލައިލިއެވެ. [ޞާޢިޤާއެވެ. މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ކުށްވެރިން ފަދައިން އަހަރެމެން ސިއްރު ސިއްރުން ބައްދަލުވަމުން ދާންވީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟ ލޯބިވުމަކީ ކުށެއް ހެއްޔެވެ؟ ކަލޭ ގޮވައިގެން މިއަދު އަހަރެން މިއައި އައުމަކީ، ގަސްތުގައި ކުރިކަމެކެވެ. އޭރުން އެމީހުންނަށް ކުށްހީއެއް ކުރެވިފައި އޮންނާކަށް ނުޖެހޭނެއެވެ. ރަނގަޅުވާނީ އެންމެންނަށްވެސް ޙަޤީޤަތް އެނގުނީމައެވެ.]
[އެންމެންނަށް އެނގުނީމާ ވާނެގޮތް….] ޞާޢިޤާގެ ދެތުންފަތް ތުރުތުރު އަޅައިގެންފިއެވެ.
[ހުރިހާކަމެއްވެސް އަހަރެންނަށް އެނގެއެވެ. އެކަމަކު އަހަރެންގެ ޢަޒުމުގައިވެސް ހަރުދަނާކަމެއް ހުންނަންވާނެ ނޫންހެއްޔެވެ؟ އެ އެންމެންނާ ކުރިމަތިލުމުގެ ހިތްވަރު، އަހަރެންގެ ކިބައިގައި އެބަހުއްޓެވެ. އެއްގޮތަކަށްވެސް ކަލޭ ކަންބޮޑު ނުވާށެވެ.]
[އަޅުގަނޑު ބިރުގަނެއެވެ. ރީޙާނެވެ.] ކަރުނަވީ އަޑަކުން ޞާޢިޤާ ބުންޏެވެ.
[އަހަރެން ހުއްޓަސް، ކަލޭ ބިރުގަންނަން ހެއްޔެވެ؟]
[ނުގަނެއެވެ.] ޞާޢިޤާ މިހެން ބުނުމުން، ރީޙާނުގެ ހިތް އުފަލުން ފުރިގެން ދިޔައެވެ.
[އެހެންމީހުނާ ދޭތެރޭގައި ފަރުވާ ނުބަހައްޓާށެވެ. އެހެން ކަންތަކާ ފިކުރު ނުކުރާށެވެ. ހުރިހާ ހިތާމަތައް ހަނދާން ނައްތާލާށެވެ. ހޭށެވެ. އުފާކުރާށެވެ. ލަވަކިޔާށެވެ. ނަށާށެވެ. އަހަރެމެން ދެމީހުން އެކުގައި ވޭތުކުރާ ކޮންމެ ހިނދުކޮޅަކީ، ފުރާނައިގެ ކާނާއެވެ.]
ރީޙާނުގެ ބަސްއަހައިގެން، ދުނިޔޭގެ އެހެން ހުރިހާކަމެއް ޞާޢިޤާ ހަނދާން ނައްތާލައިފި ކަހަލައެވެ. މިހާރު އޭނާ ހެނީއެވެ. ރީޙާނުގެ އެދުމަށް، އެ ރީތި އަޑުން ލަވަކިޔަނީއެވެ. އަތާއި އަތް ގުޅާލައިގެން، ރާގާއި ފައިހަމަ ކުރަނީއެވެ. އެގޮތުގައި ވަގުތުތައް ވޭތުކުރަމުންގޮސް، އެމީހުންނަށް ހޭވެރިކަންވީއިރު، މުޅި ދުވަސް ފާއިތުވެގެންގޮސް އިރުއޮއްސުމާ ދާދި ގާތްވެއްޖެއެވެ. ދެން ރީޙާން އަވަސްއަވަހަށް ޞާޢިޤާގެ އަތުގައި ހިފައިގެން، އެ ބޮޑެތި ހިލަތަކުގެ މަތީގައި ދުވަމުން، ފުމެމުން ކާރާ ދިމާއަށް ދާންފަށައިފިއެވެ.
[ވަރަށް ކުރީގެ ހަނދާނެއް ކަލެއަށް ދައްކާލަން ހެއްޔެވެ؟] ވަކިހިސާބަކަށް މަޑުކޮށްލަމުން ރީޙާން ބުންޏެވެ.
[އަޅުގަނޑަށް އެނގެއެވެ. ތިޔައީ މަރްޙޫމް ބައްޕަގެ ހަނދާނެކެވެ.] އަދަބުވެރި ކަމާއެކު އިސްދަށަށް ޖަހާލަމުން ޞާޢިޤާ ބުންޏެވެ.
[މީގެކުރިން ކަލޭ މިތަނަށް އައިމުހެއްޔެވެ؟]
[ވަރަށް ގިނައިންނެވެ.]
[އެކަނިހެއްޔެވެ.] ރީޙާން ހައިރާންވިއެވެ.
[ނޫނެކެވެ. އާޔާއާ އެކުގައެވެ. ބައްޕަ ނިޔާވީ މިތަނުން ވެއްޓިގެން ކަމުގައި އާޔާ ބުންޏެވެ.] [މާމަ މީހުން ލައްވާ ހިލަ އެއްކޮށްގެން މިތަން ހައްދަވާފައި މިވަނީ، އެ މަރްޙޫމުގެ ހަނދާނުގައެވެ.]
އޭގެ ދެމީހުން އެތަނުގައި އިރުކޮޅަކު މަޑުކޮށްލިއެވެ. އެއީ ލޯތްބަށްޓަކައި ޤުރްބާންވެގެންދިޔަ، ތެދުވެރި އިންސާނެއްގެ ހަނދާންތަކެވެ. ދުވަހަކު ފަނާވުމެއްނެތް ލޯބީގެ ނިޝާނެކެވެ.
ސިނަމާގައި އެންމެންވެސް ރީޙާނަށް އިންތިޒާރު ކުރިއެވެ. ސަމީރާގެ އިންތިޒާރު، އެހެންމީހުންނާ މުޅިން ތަފާތެވެ. ބިރާއި، ސިހުމާއި ނުތަނަވަސްކަމުން ފުރިގެންވާ ޖަޒްބާތު ތަކާއެކު، އޭނާ އިންތިޒާރު ކުރިއެވެ. ރީޙާން ދިޔައީ ޞާޢިޤާވެސް ގޮވައިގެންނެވެ. ފުރަތަމަ އެއީ ރީޙާނުގެ ލާނެތް ހަރަކާތެއް ކަމުގައި ހީކުރިނަމަވެސް، ގިނައިރުވީ ވަރަކަށް އޭނާގެ ކެތްތެރިކަން ކުޑަވެ، ނުތަނަވަސްކަން ބޮޑުވަމުން ދިޔައެވެ.
ފިލްމު ފެށިއްޖެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ގަޔާވެގެން ފިލްމެއް ނުބެލެއެވެ. ސިއްރު ވާހަކަތައް ދެކެވެމުން ދިޔައެވެ. ނަޢީމު، ފަރީދު، ފަރްޚު، ޝާހިދު އަދި އަންހެންވެރިން ވައިއަޑުން ރީޙާނާއި ޞާޢިޤާގެ ވާހަކަ ދައްކަމުން ދިޔައިރު، އަސައްދު ހަމަޖެހިލައިގެން ސިނގިރެޓެއް ބޯލަބޯލާ އިނެވެ.
އިންޓަވަލް ވެއްޖެއެވެ. ހުރިހާ ފިރިހެންކުދިން ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ. ދުންފަތުގެ އިސްތިޢްމާލުކުރާ މީހަކު ސިނގިރެޓަކަށް އެދޭފަދައިން، އެކުދިން ތިބީ ރީޙާނަށް ބޭނުންވެފައެވެ.
[އަދިވެސް އޭގެ ދެމީހުން ވީތަނެއް ނޭނގެއެވެ.] އެންމެފަހުން ނަޢީމަށް ނުހުރެވިގެން ބުންޏެވެ.
[އެމީހުން އެދިޔައީ ކޮންތަނަކަށް ހެއްޔެވެ.] ފަރްޚު ބުންޏެވެ.
[އެއްގޮތަކަށްވެސް ނޭނގެއެވެ.] ފަރީދު ބުންޏެވެ.
[ވެގެން މިއުޅެނީ ކީއްހެއްޔެވެ.] އަނެއްކާވެސް ނަޢީމެވެ.
[ރީޙާން ސަމާސާކުރާ މޫޑެއްގައިހުރި ދުވަހެއްނަމަ، ޞާޢިޤާފަކީރުގެ ދުވަސް ދިޔައީއެވެ.]
ސިނގިރެޓު ބޯންތިބެގެން އެއްކުއްޖަކު އަނެއްކުއްޖަކަށް ޚިޔާލު ފާޅުކުރިއެވެ.
[ސާހިބު މަނިކުފާނެވެ. މިފެންނަނީ ކޮން ކަންތައްގަނޑެއް ތޯއެވެ.؟] އަސައްދު ކުރެން ފަރީދު އެހިއެވެ.
[ވަކިން އަހަންނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟] ސިނގިރެޓުގެ އަޅި ކަނޑާލަމުން އަސައްދު ބުންޏެވެ.
[ކޮންމެވެސް ވަރަކަށް އެނގޭނެއެވެ.] ނޫނެކޭ ބުނުމުގެ ގޮތުން އަސައްދު ބޯހަލުވާލިއެވެ. އެކަމަކު އޭނާ އައިސްފައިހުރި ހިންޏެއްގެ ސަބަބުން، ހުރިހާ ކުދިން އޭނާ ވަށައިގެން ސުވާލުތައް ކުރަން ފަށައިފިއެވެ.
[އަހަރެމެންގެ ކައިރީގައިވެސް ނިކަން ބުނެބަލާށެވެ.]
[އަހަރެން ބުނާނީވެސް ކީކޭހެއްޔެވެ؟]
[ކަލެއަށް އެނގިފައިވާ އެއްޗެކެވެ.]
[އަހަރެންނަށް އެނގޭވަރަކީ، ސިނަމާއަށް އައުމަށް އެމީހުން ގަސްތުކޮށްފައި ނުވާކަމެވެ.]
[ހަމަތެދެއް ހެއްޔެވެ؟؟؟] ސުވާލުން ފުރިފައިވާ ލޯތަކެއް އަސައްދާ ދިމާއަށް އުފުލިގެން ދިޔައެވެ.
[ތިޔަހާބޮޑަށް ހައިރާންވާންވީ ކީއްވެގެން ހެއްޔެވެ؟] އެމީހުންގެ ހައިރާންކަމާއި ހަމަހިމޭންކަން ފެނުމުން، އަސައްދު ބުންޏެވެ.
[އެމީހުންގެ ޕްރޮގްރާމް އޮތީ ކިހިނަކުން ހެއްޔެވެ؟]
[ހަމައެކަނި ދުއްވާލަން ދިއުމަށެވެ.]
[ޞާޢިޤާއާ އެކުގައި ހެއްޔެވެ.] މަލާމާތުގެ ގޮތަކަށް ފަރްޚު ހީލިއެވެ.
[ހެނީ ކޮންކަމަކާ ހެއްޔެވެ. ފަރްޚެވެ.] އަސައްދު ބުންޏެވެ.
[އަޖައިބު ކަންތައް ފެންނާތީއެވެ.]
[އެކަމަކީ އެހާބޮޑަށް އަޖައިބުވާންވީ ކަމެއް ހެއްޔެވެ.]
[ރީޙާނާއި ޞާޢިޤާ…. ޞާޢިޤާއާއި ރީޙާން….]
[ބައެއްފަހަރު އާދަޔާ ޚިލާފު ކަންތައްވެސް ވެއެވެ.]
[އެހެންދޯއެވެ.]
އެކުއްޖަކަށް ފެންނަ ގޮތަކަށް އެކުއްޖަކު ވާހަކަ ދައްކަމުން ގެންދިޔައެވެ.
[ދެން ހުއްޓާލާށެވެ. ކަލޭމެންނަކާ އެކަމަކާ ކީއްހެއްޔެވެ؟ އެއީ ރީޙާނުގެ ޒާތީ މައްސަލައެކެވެ.] އަސައްދު ހީލާފައި ބުންޏެވެ. އެދުވަހު އެކުދިންނަށް އަލަށް އެނގުނު ކަންތަކަކީ، އަޅާނުލައި ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. ފަރްޚު އަދިވެސް އެކަން ގަބޫލު ކުރާކަށް ނުރުހެއެވެ. ނަމަވެސް، ފަރީދު އެކަމާ އުފާވިއެވެ.
[ލޯތްބަކީ، ބާރެއް ނުފޯރާ ޖަޒްބާތެކެވެ.] ރީޙާން މިސާލެއްކަމުގައި ހަދައިގެން ވަރަށް ފޯރިގަދަ ބަހުސެއް ކުރެވެން ފަށައިފިއެވެ.
[އަނެއްކާ އެއީ ރީޙާނުގެ ލާނެތް ޢަމަލެއް ކަމުގައި ނުވެހިނގައިދާނެ ބާވައެވެ.] ފަރްޚު ހެމުން ބުންޏެވެ.
[ނުވާނެއެވެ.] އަސައްދު ޔަގީން ކޮށްދިނެވެ.
[އެކަމުގައި ރީޙާން ހަރުދަނާވެފައި ހުރިކަމުގައި ހީވޭހެއްޔެވެ؟]
[ޔަގީނެވެ.]
[އަހަރެންނަށްވެސް ހިސާބަކަށް ޝައްކު ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.] ޝާހިދު ބުންޏެވެ. އެއްކަލަ ދުވަސް ހަނދާން އެބަހުރި ހެއްޔެވެ. ޞާޢިޤާ ބަގީޗާއަށް ނުނުކުންނަހާ ހިނދަކު ރީޙާން ކުޅެން ނުފަށާހުރީ ނޫންހެއްޔެވެ.]
[އެއީ ތެދެކެވެ. އެހެންދުވަހަކު ބޮޑުދައިތަ އޭނާއާ ދިމާއަށް ސުންޕާއެކޭ ބުނުމުންވެސް، ރީޙާން ކިހާބޮޑަކަށް ރުޅިއައި ހެއްޔެވެ؟]
[މިހާރަކަށްއައިސް އޭނާ ވަރަށް ގިނައިން ގެއްލެއެވެ. އަހަރެންވެސް މިހުންނަނީ އެކަމުގެ ސަބަބު އޮޅުންފިލުވަން ބޭނުންވެފައެވެ.]
[އަހަރެން ވަރަށް ބޮޑަށް އުފާވެއްޖައީމެވެ.] ފަރީދު ބުންޏެވެ.
[ތިޔައީ ތެދެކެވެ. ޞާޢިޤާއަށް ލިބެމުންދާ އަނިޔާ، ދެން އަދި މާބޮޑުވާނެއެވެ. ހިތްތައް ކުދިކުދިވެގެންދާވަރު ކޮށްލާނެއެވެ.]
އިންޓަވަލްވެފައި ފެށެންވާއިރަށް، ހުރިހާ ކުދިން ހޯލްތެރެއަށް ވަދެއްޖެއެވެ. ނަމަވެސް، އެކުދިން ފަށާފައިވާ އެ ބޮޑު ވާހަކަގަނޑު އަދިވެސް ނިމުމަކަށް ނާދެއެވެ.
[ﷲ ރަޙްމަތް ލައްވާނެތެވެ. ތިޔަކަމުގެ ސަބަބުން، ވަރަށް މައްސަލަ ގޯސްވާނެއެވެ. ރީޙާނާ ދޭތެރޭގައި މާމަ ނިންމަވާފައިވަނީ އަދި މުޅިން އެހެންގޮތަކަށެވެ.] މިހާރު އެހުރިހާ ކުދިންގެ މޫނުތަކުންވެސް ފެންނަނީ، ފިކުރު ބޮޑުވުމުގެ ޢަލާމާތްތަކެވެ.
[މިހާރު އަހަރެން ފިލްމު ބަލާހިތެއް ނެތެވެ. ގެއަށް އެނބުރި ދަމާހިނގާށެވެ.] ނަޢީމު ބުންޏެވެ.
[ދާނެކަމެއް ނެތެވެ.]
[އޭނާއެއް ނާންނާނެއެވެ.]
[އެއީ ކީއްވެގެން ހެއްޔެވެ؟] ސަމީރާއަށް ފުންމައިގެން ތެދުވެވުނެވެ.
[އޭނާ ރާވާފައިވަނީ މުޅިން އެހެން ޕްރޮގްރާމެކެވެ.] ޝާހިދު ހީލާފައި މިހެން ބުނުމުން، އަސައްދު ލޮލުގެ އިޝާރާތުން އެކަން މަނާކުރިއެވެ.
[އޭނާގެ ޕްރޮގްރާމަކީ ކޮބައިހެއްޔެވެ؟]
ޝާހިދު އޮޅުންފިލުވައިދޭން އުޅެނިކޮށް، ކުއްލިއަކަށް އަސައްދު އޭނާގެ ކަންފަތް އަނބުރާލައިފިއެވެ.
އެދުވަހު އެއްކުއްޖަކުވެސް ގަޔާވެގެން ފިލްމެއް ނުބަލައެވެ. އެކުދިން ދައްކާ ވާހަކަ އަޑުއެހުމަށްޓަކައި ސަމީރާ ވަރަށް ބޮޑަށް ކަންފަތްދީގެން އިނެވެ. ނަމަވެސް، އޭނާއަކަށް އެއްވެސް އެއްޗެއް އޮޅުންފިލާގޮތެއް ނުވިއެވެ. ހިނދެއް ހިނދަކަށް އޭނާގެ ކެތްތެރިކަން ކުޑަވަމުން ދިޔައެވެ. ޝާހިދު ބުނިއެއްޗަކުން އޭނާގެ ހިތް މާބޮޑަށް ޝައްކުވިއެވެ.
އެނބުރި ދިޔައިރު، ހުރިހާ ކުދިންވެސް މަޖާ ނެގިއެވެ. އެކަމަކު ސަމީރާ ހަމަ އަނގައިންވެސް ނުބުނެއެވެ. ގެއާ ހަމަޔަށް ދެވުނުއިރު، އޭނާގެ ޠަބީޢަތް ވަނީ މުޅިން ގޯސްވެފައެވެ.
ސަމީރާ ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި، ސީދާ ރީޙާނުގެ ކޮޓަރިއަށް ދިޔައެވެ. އޭނާ އަތުވެއްޖެތޯ ރީޙާނުގެ ނޯކަރާ ސުވާލު ކުރިއެވެ. އެވަގުތު އޭނާ އަދި ނާންނަ ކަމުގައި ބުނެ، ނޯކަރު ޖަވާބު ދިނެވެ. ދެން އޭނާ އައީ ޞާޢިޤާގެ ކޮޓަރިއަށެވެ. އާޔާއާ ސުވާލު ކުރުމުން، އޭނާވެސް ބުނީ ޞާޢިޤާ އަދި ނާންނަ ކަމުގައެވެ. ނޯކަރުންގެ ކިބައިން ލިބުނު ޖަވާބުގެ ސަބަބުން، ސަމީރާގެ ޝައްކާއި ނުތަނަވަސްކަން އިންތިހާއަށް ދިޔައެވެ. މައްސަލައަކީ، ވިސްނައިގަނެވޭ ވަރަށްވުރެ މާއުނދަގޫ މައްސަލައެކެވެ.
ރީޙާނާއި ޞާޢިޤާގެ ނަން ފަށްފަށުން ސަމީރާގެ ސިކުނޑީގައި ހައިޖާނު އުފައްދަމުން ދިޔައެވެ. ތެދެކެވެ. ރީޙާން ފަހަރެއްގައިވެސް އޭނާގެ ކުރިމައްޗަށް ލޯބި ހުށަހަޅާފައެއް ނުވެއެވެ. އެކަމަކު ރީޙާނަކީ، އޭނާގެ މިލްކެއް ކަމުގައި މިއަދާ ހަމަޔަށްވެސް އޭނާ އެއިނީ ގަބޫލު ކޮށްގެންނެވެ. ރީޙާނުގެ ހިތްގައިމު މިޒާޖާއި، ގޭމީހުންގެ ޚިޔާލުވެސް އޭނާއަށް އޮތީ ރަނގަޅަށް އެނގިފައެވެ. މާމަ ނިންމަވާފައިވާ ނިންމުންވެސް އޮތީ އޭނާގެ ކަންފަތާ ހަމަޔަށްވެސް ފޯރާފައެވެ.
ހަވީރުގެ ދިގު ހިޔަނިތައް ކަޅުވަމުން ދާންފަށައިފިއެވެ. ސަމީރާ ކެތްތެރިކަމެއްނެތި ބޭރު ބޮޑުފެންޑާގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އޭނާ އެހެރީ ރީޙާނާއި ޞާޢިޤާ އެނބުރި އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. މިހާރު ދެކޮޅަށް ހިނގަހިނގާ އޭނާ ވަރުބަލި ވެއްޖެއެވެ. ހިނގާހާވަރު ނެތިގެން، ތަނބެއްގައި ލެނގިލައިފިއެވެ. އަދި ކަޅިވެސްޖަހާނުލައި އަލްޙަމްރާގެ ގޭޓާ ދިމާއަށް ބަލަމުން ގެންދަން ފަށައިފިއެވެ.
އިރުއޮއްސި އަނދިރިވީފަހުން، ރީޙާނުގެ ކާރު އަލްޙަމްރާގެ ގޭޓުން ވަދެގެން އަންނަތަން ފެނުމުން، ސަމީރާގެ ނޭވާ ހާސްވާން ފަށައިފިއެވެ. އަވަސް އަވަހަށް އޭނާ ފެންޑާގެ ތަނބުތަކަށް އަރުވާފައިވާ މާވެޔޮގަނޑެއްގެ ނިވަލަށްވަދެ ފިލައިފިއެވެ. ދެން ސިއްރު ސިއްރުން ބަލަންހުއްޓާ، ރީޙާން ކާރު މަޑުކޮށްލާފައި ފައިބައިފިއެވެ. ހިނިތުންވެފައިވާ އުފާވެރި މޫނެކެވެ. ކޮންމެއަކަސް އެއީ ސަމީރާގެ ހިތް ކުދިކުދިކޮށްލި ހިނިތުންވުމެއް ކަމުގައި ވިއެވެ. އޭނާ ހިތާ ދިމާއިން މޭގައި ބާރަށް ހިފަހައްޓާލައިފިއެވެ. ދެންވެސް އިތުރު ހިތްދަތި ކަމެކެވެ. ރީޙާނުގެ އެ ރީތި އަތުގެ އެހީގައި، ޞާޢިޤާ ކާރުން ބާލައިފިއެވެ. އަދި ކުޑަކޮށް ގުދުވެލާފައި ޞާޢިޤާގެ ކަންފަތްދޮށުގައި މަޑުމަޑުން އެއްޗެއް ބުނެލައިފިއެވެ. އެވަގުތު ސަމީރާގެ ހިތުގެ ވިންދު ހުއްޓިގެން ދިޔަކަމުގައި އިޙްސާސްވިއެވެ. ރީޙާން އެބުނެލި އެއްޗަކުން ޞާޢިޤާ ލަދުގެންފިއެވެ. ކުޑަކޮށް އެއްފަރާތަކަށް ޖެހިލާފައި ދުއްވައިގެންފިއެވެ. ފެންޑާގެ ހަރުފަތްތަކުން އަރަމުން، ފަރިގޮތަކަށް އެނބުރިލާފައި އެއްފަހަރު ރީޙާނާ ދިމާއަށް ބަލައިލައިފިއެވެ. ޖަވާބުގައި ރީޙާނުވެސް އަތް އުފުލާލާފައި ސަލާން ކޮށްލުމުގެ ގޮތުން އަތް ހޫރާލިއެވެ. ސަމީރާގެ ގައިން، ކޮޅަށް ހުރުމުގެ ބާރު ކެނޑިއްޖެއެވެ. އޭނާ މަޑުމަޑުން ތިރިވާން ފަށައިފިއެވެ. ދެންވެސް އޭނާ އެ މަންޒަރު ބަލަމުން ގެންދިޔައެވެ. ޞާޢިޤާ ގޮސް އޮބާލަންދެން ހުރެފައި، ރީޙާން އަލުން ކާރަށް އަރައި ގަރާޖާ ދިމާއަށް ކާރު ދުއްވާލައިފިއެވެ.