ފަރްޖާދަކީ މަތިންދާބޯޓަށް ފޭބި އެންމެފަހު މީހާއެވެ. ބޯޓުން ފޭބި މީހުންގެ ތެރޭގައިވަނީ ހަލަބޮލިކަން އުފެދިފައެވެ. އެންމެންގެ މޫނުތަކުންވެސް އުފާވެރިކަން ފާޅުވޭވެހުއްޓެވެ. އެއީ އެތަކެއް ދުވަހުއްސުރެ ވަކިވެފައިވާ ގާތްތިމާގެ މީހުންނާ ބައްދަލުވެވޭ ކަމުގެ އުފަލެވެ. އަމިއްލަ ވަޒަނުގެ ފަސްގަނޑުގާ ފައިތިލަ ޖެހުމުގެ އުފަލެވެ. ފަރްޖާދު އެކިމީހުންނަށް ވަކިވަކީން ނަޒަރު ހިންގާލިއެވެ. އެއިން ކޮންމެ މީހަކީވެސް އުފަލާއި ހިތާމައާއި މާޔޫސީއާއި އުއްމީދުގެ ގުޅިފައިވާ ވާހަކައެކެވެ. ޚުދް އޭނާއަކީވެސް ދިގު ވާހަކައެކެވެ. އެވާހަކަ މިހާރު ފުރިހަމަވެއްޖެއެވެ. ނިމިއްޖެއެވެ. ގުލްބާނޫގެ މަރު އޭނާގެ ވާހަކައަށް ނިމުން ގެނެސްފިއެވެ. ވިހިއަހަރު ވަންދެން ނުނިމިއޮތް ވާހަކަ ނިންމާލަދީފިއެވެ.
ފަރުޖާދުގެ ގާތުގައި އިން އަންހެން މީހާ ދަބަސް ހޫރުމުން ތަދުވެ ހިގައިގެންތަނާ ފަރުޖާދު ފެނިގެން ބުނެލިއެވެ.
”ތިޔަހާ ބޮޑަށް ހަމަޖެހިލައްވައިގެން ތިޔައިންނެވީ ބޯޓުގައި އިންނަވަން ގަސްތުކުރައްވަނީތޯއެވެ؟“
”ނޫނެކެވެ. ފައިބާނަމެވެ.“ ފަރުޖާދު ފުންނޭވާއެއްލިއެވެ.
”އެކަމަކު ތިޔައިންނެވި ގޮތަކުން ފައިބަންނަވަން އުޅުއްވާހެނެއް ހިއެއް ނުވެއެވެ.“ ފަހަތުގައި އިން ޒުވާނާވެސް ހިގައިގަންނަމުން ބުންޏެވެ.
”މީނާ ރަށަށް އެދުރުވީ ފުރިހަމަ ވިހިއަހަރުގެ ފަހުންނެވެ. ވީއިރު ރަށަށް ފޭބެންނެވުމަށްޓަކައި ކިހާ ބިޑަކަށް ކެތްމަދުވެލައްވަން ވާނޭތޯއެވެ؟“ އަންހެން މީހާ ޙައިރާންކަމާއެކު ހީލަމުން ޒުވާނާއާ ދިމާއަށް ބަލައިލިއެވެ.
ފަރުޖާދު ފުންގޮތަކަށް ހީލާފާ ތެދުވިއެވެ. ވަރުބަލިކަމާއެކު މޯޅިއަށް ދެމިލިއެވެ. ތެދެކެވެ. ކެތް މަދުވާން ޖެހޭނެއެވެ. ފަރްޖާދު ވިސްނާލިއެވެ. ހިލައިގެ ބުދަކުން ފާޅުވާނީ ކޮން އަސަރެއް ހެއްޔެވެ؟….. ނަމަވެސް ހިސާބަކަށް ލަދުވެތިކަމުގެ އަސަރު އޭނާގެ ލޮލުން ފެންނަން އެބަހުއްޓެވެ….. އޭނާ އެނބުރި އައީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާވެސް ހަމަހިމޭންކަމާއެކު އޭނާ ވިސްނަން ފެށިއެވެ. އެނބުރި އަންނަން އޭނާއަށް މަޖުބޫރު ކުރުވީ ކޮންބޭރެއް ހެއްޔެވެ؟ އޭނާ ވިސްނިވަރަކަށް އޭނާގެ ޚިޔާލުތައް އޮޅުން ބޮޅުންވަމުން ދިޔައެވެ. އެތަކެއް އަހަރުގެ ފަހުން އޭނާ އެނބުރި އެއައި އައުމަކީ ރަނގަޅު އައުމެއް ނޫންކަން އޭނާއަށް އިޙްސާސްވަމުން ދިޔައެވެ. އޭނާގެ ވުޖޫދަކީ ބުރައެއް ކަމުގައި ހީވާން ފެށިއެވެ. އޭނާގެ ޝަޙްޞިއްޔަތު ބޭކާރުވާތަން ފެންނަން ފެށިއެވެ. ގުލްބާނޫ މަރުވެއްޖެއެވެ. އެއަސަރެވެ. އެގުޅުމެވެ. އެކަމަކު އެގުޅުމާއި އެބާރު މަރުގެ ތޫނު ވަކިތަކުން ކަނޑާ ބުރިކޮށްފިއެވެ. އެއީ މުޅި ޢުމުރަށްވެސް އޭނާ އިޢްތިރާފްނުވާން ހުވާކޮށްގެން ހުރި ގުޅުމަކާއި އަސަރެކެވެ. އެކަމަށްޓަކާ އޭނާ ފިލައިގެން އުޅުނެވެ. ބީރައްޓެހި ރަށެއްގާ ވިހިއަހަރު ހޭދަކުރިއެވެ….. އޯހް ގުލް މަރުވެއްޖެއެވެ….. އޭނާ އެނބުރި އަތުވެއްޖެއެވެ. ގުލް ދުނިޔޭގައި އިންހާ ދުވަހަކު އޭނާ ފިލަން ދުވިއެވެ. އޯހް…..! ރިހުމުގެ އުޙްސާސަކުން އޭނާއަށް ދެލޯ މަރާލެވުނެވެ. ވިހި އަހަރު ވަންދެން އޭނާ ފިޠުރަތާ ހަނގުރާމަ ކުރިއެވެ. އަމިއްލަ ނަފްސަށް ދޮގު ހެދިއެވެ. އޮޅުވާލިއެވެ. އޭނާ ޚިޔާލީ އޮއިވަރުގައި ބެހެމުން ބޯޓުން ފޭބިއެވެ……. އެއްކަލަ އަންހެންމީހާ ބޯޓުގެ ސިޑީގެ ފުރަތަމަ ހަރުފަތަށް ފޭބުމާއެކު ދުރުގައި ތިބި ތިމާގެ މީހުންނާ ސަލާމް ކުރިއެވެ. އަތް ހޫރަން ފެށިއެވެ. ފަރުޖާދު ވަކިވުމުގެ ސަލާމް ކުރުމަށްފަހުގާ ފުންމަމުން ކަހަލަ ގޮތަކަށް ސިޑިން ފައިބަން ފެށިއެވެ. އޭނާގެ ކެތް މަދުވެފައިވާވަރު ފެނުމުން ފަރުޖާދަށް ހީލެވުނެވެ.
ގާތްގަނޑަކަށް ހުރިހާ ދަތުރުވެރިންގެ އިސްތިޤްބާލުގައި މީހުން ތިއްބެވެ. ދުރުން އަތް ހޫރަހޫރާ ތިއްބެވެ. އުފަލާއެކު ނަމުން ގޮވަގޮވާ ތިއްބެވެ. މޫނުތަކުންވެސް އުފާވެރިކަން ފާޅުވޭވެހުއްޓެވެ. ދަތުރުވެރިންނާއި އިންތިޒާރުގައި ތިބި މީހުންގެ މެދުގައިވާ ދިގުވަގުތުތައް ނިމިގެން ހިނގައްޖެއެވެ.
ފަރުޖާދު ސިޑީގެ އެންމެ ތިރީ ހަރުފަތްމަތީގާ ހުރެ ވަށައިގެން ނަޒަރު ހިންގާލިއެވެ. ވިހިއަހަރު ދުވަހުގެ ތެރޭގައި ރަންވޭގެ ވެށި އޮތީ މުޅިން ބަދަލުވެފައެވެ. އާކައުންޓަރުތައް އިތުރުވެފައެވެ. ފާރުތައް އުސްވެފައެވެ. ބިލްޑިންގްތައް ޢިމާރާތް ކުރެވިފައެވެ. ހޯލާއި ލައުންޖް އާވެފައެވެ. އޭނާ އެކިތަންތަނަށް ވަކިވަކިން ބަލަމުން ކުރިއަށް ދިޔައެވެ. ހުރިހާ ކަމެއް ނިމިގެން ނިކުންނަންވީއިރުވެސް އޭނާ ބަލާ މީހަކު ނާދެއެވެ. އަންނާނީވެސް ކާކުހެއްޔެވެ؟ އޭނާ އެނބުރި އަންނަކަން އެންގީ ކާކަށް ހެއްޔެވެ؟ އެންމެކުޑަމިނުން އާޞިފަށްވެސް އޭނާ އަންނަ ކަމެއް ނާންގައެވެ.
ފަރުޖާދު ވެއިޓިންގ ހޯލްގައި އިދެގެން ވިސްނިއެވެ. އޭނާ ސީދާ ހަވޭލީއަށް ދާނީބާއެވެ. ނުވަތަ ހޮޓަލެއްގައި މަޑުކުރާނީބާވެއެވެ؟ އާއެކެވެ. ހޮޓަލަކަށް ގޮސް އަރާމުކޮށްލާނީއެވެ. އެއަށްފަހުގައި ހަދާނެ ގޮތަކާމެދު ދެވަނަ ފަހަރަށް ވިސްނާނީއެވެ. ރަނގަޅު ގޮތަކީ އެއީއެވެ.
އެއަރޕޯޓުގެ ރަސްމީ ކަންތައްތަކުން ނިމިގެން އޭނާ ބޭރަށް ނިކުމެއްޖެއެވެ. ޓެކްސީއެއް ހޯދުމަށްފަހުގައި ރަށުގެ އެންމެ ރަނގަޅު ހޮޓާތަކުގެ ތެރެއިން ހޮޓަލަކަށް ގެންގޮސްދޭން ބުނެފައި ސޫޓުކޭހާއި ބްރީފްކޭސް ޑްރައިވަރާ ޙަވާލުކޮށްފިއެވެ.
ހޮޓަލުގެ އަރާމު ކޮޓަރިއަށް ވަދެވުމާއެކު އޭނާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ބޭރުގެ ހޫނު ވެއްޓާ އަޅާބަލާއިރު އެއަރކޮންޑިޝަން ކޮޓަރިތެރެ ފިނިވެފައި އަރާމެވެ….. ކޮންމެއަކަސް އޭނާގެ ސާމާނުތައް ތަރުތީބުން ބެހެއްޓުމަށްފަހު ބްރީފްކޭހުން ހެދުމެއް ނަގައިގެންގޮސް ފާޚާނާއަށް ވަދެއްޖެއެވެ….. ފިކުރުތައް އޭނާގެ ސިކުނޑި ވަރުބަލި ކުރުވާފައިވެއެވެ. އެ ވަރުބަލިކަން އެނާގެ މުޅި ވުޖޫދަށް ފެތުރިފައިވެއެވެ. ނަމަވެސް ތާޒާ ފެނުން ފެންވަރާލުމުން ހިސާބަކަށް ވަރުބަލިކަންފިލާ ހަމަޖެހިލިއެވެ. އޭނާ ރީތިވެލައިގެން ނިކުތްއިރު ވެއިޓަރު ސައި ގެނެސްފާ ހުއްޓެވެ. އެހެންކަމުން ހަމަޖެހިލައިގެން އިނދެ އޭނާ ސައިބުޔެވެ. އިރުކޮޅެއްގެ ފަހުން ތެދުވެގެން ގޮސް ކުޑަދޮރުގެ ކައިރިއަށް ހުއްޓުނެވެ. ކުޑަކޮށް ފަރުދާ ކަހާލައިގެން ބޭރުބަލަން ވަރަށް ގިނައިރު ހުއްޓެވެ….. އެއީ އޭނާގެ ވަޒަނެވެ. އޭނާގެ މީހުންނެވެ. އޭނާގެ ރަށުގެ މަގުތަކެވެ. އޭނާގެ އެއްޗިއްސެވެ. އެއިން އެއްވެސް އެއްޗެއްގައި ބީރައްޓެހި ކަމެއް ނެތެވެ. ވިހި އަހަރު ވަންދެން އެއްޗިއްސާ ދުރުގައި އުޅުމާއެކުވެސް ގާތްކަމާއި އަމިއްލަވަންތަކަން ފާޅުވޭވެ ހުއްޓެވެ. އުފަލުގެ ކޮޅެއް ނެތެވެ.
ފަރުޖާދު ގަޑިއެއްހާއިރު ނިދާލާފާ ތެދުވިއިރު އޭނާހުރީ މުޅިން ވަރުބަލިކަންފިލާ އާ މީހަކަށް ވެފައެވެ. ދުވާލުގެ ތިންވަނަދަން ފާއިތުވަމުންދަނީއެވެ. އެހެންކަމުން ޙަވޭލީއަށް ދިޔުމަށްޓަކައި އޭނާ ތައްޔާރުވާން ފެށިއެވެ. އޭނާއަށް އެންމެ ރީތި ސަމަރސޫޓުލިއެވެ. ޓައީ އަޅާ ގޮށް ބާރުކޮށްލަމުން ލޯގަޑުން މޫނުބަލައިލިއެވެ. އެވަގުތު އޭނާއަށް ޝޮކެއް ލިބުނެވެ. ވިހި އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މޫނުމައްޗަށް ވަގުތުގެ ނިޝާންތައް ދޫކޮށްފައިވެއެވެ. އޭނާގެ ރީތި އިސްތަށިގަނޑުގެ އެކިދިމަދިމާއިން ހުދުކުލަ ފެންނަން ހުއްޓެވެ. ނިތްކުރިމަތީގައި އިތުރު ދެތިން ރޫހުއްޓެވެ. އޭނާގެ ދެކޯތާފަތުގެ މަސްތައް ހިސާބަކަށް ފުއްޕާފާ ހުއްޓެވެ. އޭނާ ރަނގަޅަށް ހަދާން އެބަހުއްޓެވެ. އޭގެ ވިހިއަހަރު ކުރިން އޭނާއަކީ ސައްވީސް އަހަރުގެ ޒުވާނެކެވެ. ރީތިކަމުގެ މިސާލެކެވެ. އޭނާގެ ހަށިގަނޑުގެ ބާރުގަދައެވެ. ބައްޓަން ރީއްޗެވެ. ރަތް ދޮން ކުލައިގެ ހަން އޮމާންވެފައި ސާފެވެ. ސިހުރުގެ އަސަރު އެކުލެވިފައިވާ ފުން ދެލޮލެވެ. ކަޅުކަލައިގެ އޮފުގަދަ އިސްތަށިގަނޑެކެވެ. ތެދު ނޭފަތެކެވެ. ކޮކާލުގެ ފިޔަކަހަލަ ތުނިތުނި ދެތުންފަތެވެ. ލޯގަޑުން ބަލަހައްޓައިގެން ހުރެ ވިހިއަހަރު ކުރިއަށް އޭނާ ދިޔައެވެ. ހަދާންތަކުގެ ސިލްސިލާއެއް އޭނާގެ ލޮލަށް ބޮނޑިވެގެން ދިޔައެވެ….. ހާސްވެގެން އޭނާއަށް ތެޅިގަނެވުނެވެ. އެއީ އަނބުރާ އިޢާދަ ކުރަން އޭނާ ބޭނުންވާ ހަދާންތަކެއް ނޫނެވެ…. އޭނާ ދަތްކުނޑި ވިކާލާފައި ލޯގަނޑުގެ ކައިރިން ދުރަށް ދިޔައެވެ.
މިހާރު އޭނާގެ އުމުރަކީ ސާޅީސް އަހަރެވެ. އޭނާއަކީ މުސްކުޅިއެއް ނޫނެވެ. އެނާގެ ހަމުގެ ސާފުކަމާއި އޮމާން ކަމަކަށްވެސް ބަދަލެއް ނާދެއެވެ. ކުރަންޖެހުނު ފިކުރުތައް ގިނަކަމުން އޭނާގެ ދެލޯ ސީރިއަސްވެ ރީތިކަން އިތުރުކޮށްފައިވެއެވެ. ހަށިގަނޑުގައި ޒުވާންއިރުގެ ބާރުކަން ނެތް ނަމަވެސް ތެދު ކަމަކަށް ބަދަލެއް ނާދެއެވެ. ހަމުގައި ހުރި ކުޑަދޫކަމެއް ފިޔަވާ އެހެން އެއްވެސް ބަދަލެއް ނާދެއެވެ. އޭނާ ރާއްޖެއިން ބޭރުގައި އުޅުނު އިރު ދޮން ރަޙްމަތްތެރެއިން ”އެންމެރީތި ފިރިހެނާ“ ގެ ލަޤަބް އޭނާއަށް ދީފައިވެއެވެ. އެތަނުގެ ޒުވާން ޅަދޮޅު އަންހެން ކުދިން އޭނާއާ ދިމާއަށް ލެބޭލެއް ބޮޑެވެ. ޒުވާން ފިރިހެނުން އެކަމާ ހަސަދަވެއެވެ. އެގޮތުން މިސް ލިންޑާ އޭނާއަށް ދީފައިވާ މާކްސް ހަދާންވުމުން އެނާގެ ގާތަށް ހިނިއައެވެ.
ފަރުޖާދު ކޮޓަރިން ނިކުމެ ކޮޓަރި ތަޅުލުމަށްފަހުގައި ލިފްޓުން ތިރިއަށް ފައިބައިފިއެވެ. ހޮޓަލުން ނިކުމެފާ މަގުގާ ހިގައިގެންފިއެވެ…. ދަންނަ މަގުތަކެކެވެ. ދަންނަ ގޯޅިތަކެކެވެ….. ފަރުޖާދުގެ އެ ބޮޑު ޙަވޭލީ ހުންނަނީ ޝަހަރާއި ހަމޭލު ދުރުގައެވެ. ވީމާ، ދުއްވާ އެއްޗަކާ ނުލާ އެހިސާބަށް ދިއުމަކީ އަކަށީގެންވާ ކަމެއް ނޫނެވެ. އެހެންވިޔަސް އޭނާ ފައިމަގުގައި ވަރަށް ދުރަށް ހިނގިއްޖެއެވެ. އަމިއްލަ ވަޒަނުގެ ވެއްޔާ އެކުވެ ލާމެހެން ބޭނުންވަނީކަން ނޭގެއެވެ. އެތައް ހިސާބަކަށް ހިނގާފައި އޭނާ ޓެކްސީއެއް ނެގިއެވެ. ޓެކްސީއަށް އެރީއްސުރެ އޭނާއިނީ ބޭރު ބަލަހައްޓައިގެންނެވެ. ރަށުތެރެއަށް ވަރަށް ބޮޑު ބަދަލުއައިސްފާ އެބަހުއްޓެވެ. ދުވަސްވީ ތަންތަނާއި ކަންތައްތައްވެސް މަދެއް ނޫނެވެ. ހަމަގައިމުވެސް މަގުގެ ދެފަރާތުގައި އެހެރީ ކުރިންވެސް ހުރި ގަސްތަކެވެ. އެއީ އޭނާ ދަންނަ ރައްޓެހި ގަސްތަކެކެވެ. އެކަމަކު ގަސްތަކުގެ ބިތްދޮށް ފަރާތުގައި ވަރަށްގިނަ އާބިލްޑިންގތައް ޢިމާރާތް ކޮށްފައި އެބަހުއްޓެވެ.
ޙަވާލީއަށް ދާން އޮންނަ މަގަށް ޓެކްސީ ލަނބާލުމާއެކު ފަރުޖާދުގެ ހިތް ތެޅެން ފެށިއެވެ. ހީވަނލީ ދެންމެ ދެންމެ އަނގައިގެ ތެރެއިން ބޭރަށް ފުންމާލަފާނޭހެންނެވެ. ތަންކޮޅަކަށް ދިޔަތަނާ ދުރުން ޙަވޭލީ ފެންނަން ފަށައިފިއެވެ. އެވަގުތު އޭނާގެ ދެލޮލުން ކަރުނަ އައެވެ. އޭނާއަށް ހީވީ ޙަވޭލީގެ ބަދަލުގައި އޭނާގެ މާމަ ދެއަތް ދިއްކޮށްލައިގެން އޭނާގެ އިސްތިޤްބާލުގައި ހުރިހެންނެވެ…… ކުއްލިއަކަށް އޭނާގެ މާމަގެ އުޖާލާ މޫނު އޭނާގެ ޚިޔާލީ ލޮލަށް ފެންނަން ފެށިއެވެ. އެއާއެކުގައި އެތަކެއް މޫނު އެސިލްސިލާއަށް އިތުރުވަމުން ދިޔައެވެ. އޭނާ ފެންކަޅިވަފައިވާ ދެލޮލުން އެމޫނުތަކަށް ބަލަމުން ދިޔައެވެ.
”ސާހިބާއެވެ. ބޭރަށް ފައިބަންވާނީތޯއެވެ؟ ނުވަތަ ޓެކްސީގައި އެތެރެއަށް ވަންނަންވީތޯއެވެ؟“ ޓެކްސީ ޑްރައިވަރު ޓެކްސީގެ ދުވެލި ކުޑަކޮށް މަޑުކޮށްލަމުން ފަރްޖާދާ ސުވާލުކޮށްލިއެވެ.
”އެތެރެއަށެވެ.“ ފަރުޖާދު ބުނެލި އެންމެ ލަފްޒެއްގައި ހުރި ހައިބަތު ކަމަކުން އިތުރު ސުވާލެއްނެތި ޑްރައިވަރު ޓެކްސީގައި ޙަވޭލީގެ ގޭޓުން ވަދެއްޖެއެވެ. އޭރު ފަރުޖާދުގެ ޖަޒުބާތުތައް ތެޅި ފޮޅެނީއެވެ. އޯހް! އޭނާގެ އަމިއްލަ ގެއެވެ…… މާތްކަލާކޯއެވެ. އޭނާއަށް އެވަނީ ކިހިނެއް ހެއްޔެވެ؟…… އޭނާ އެނބުރި ހިނގައްޖެއެވެ. އޭނާގެ ދެލޯ ޙަވޭލީގެ ވަށައިގެން ޠަވާފް ކުރަން ފަށައިފިއެވެ. ވަގުތުގެ ހަމަލާތަކުން ހަވޭލީއަށްވެސް ބަދަލުތަކެއް އައިސްފައިވެއެވެ. ކުރީގައިހުރި އުޖާލާކަމެއް މިހާރަކު ނެތެވެ. އެހަލަބޮލިކަމާއި އެކުލަތަކެއް ނެތެވެ. ކުޑަމިނުން އިންސާނެއްގެ ހިލަންވެސް ނެތެވެ. ނަމަވެސް އޭރު ޙަވޭލީގެ ބޭރުގައާއި އެތެރޭގައި މީހުންތައް ރަކަރަކަލާނެއެވެ. އަމުދުން ހަވޭލީގެ މައިދޮރުން މީހުން ވަދެ ނިކުމެ ނުވާއިރެއް ނާންނާނެއެވެ. އެކަމަކު މިހާރު އެދޮރުވެސް އެހެރީ ވީރާނާ ވެފައެވެ. ފަޅުވެފައެވެ. އެކަމާ އޭނާގެ ހިތުގައި އެތައް ޝައްކަކާއި ވަހުމެއް އުފެދުނެވެ. ގުލް މަރުވެއްޖެއެވެ….. އާޞިފް….. އޭނާގެ ކުއްލިއަކަށް ބޮލަށް ޙަރަކާތެއް ގެނައެވެ…. ނޫނެކެވެ. އެކަހަލަ ކަމެއް އޮތްނަމަ ގުލް މަރުވި ޚަބަރު ދިންމީހާ އެޚަބަރުވެސް ދިނީހެވެ. އޭނާ ހަތަރު ފަރާތަށް ނަޒަރު ހިންގާލިއެވެ. ޙަވޭލީގެ ފަހަތުބައިގައި ކުދިބަޔަކު ކުޅެން ތިއްބެވެ. އެވަގުތު އޭނާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އެހާތަނުން އޭނާގެ ކަނާތްފަރާތުގައި ހުރި ގާފޮޅުތެރޭގައި އިންދާފައި ހުރި ގަސްތަކާ ދިމާއަށް ގުދުވެގެން އޮތް މީހަކު ފެނުނެވެ. އޭނާ މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކު ފިޔަވަޅުއަޅަމުން ހަވޭލީގެ ފެންޑާއާ ދިމާއަށް ދިޔައެވެ…… އެދިގު ފެންޑާވަނީ ދޮވެ ސާފުކޮށް ކުލަލާ އޮފުދާރު ކޮށްފައެވެ. ދޮރުތަކާއި ދޮރުފަތްތަކުގައިވެސް ދަވާދުލާ ރީތި ކޮށްފައިވެއެވެ. އެގޮތުން އެބައިގާ މީހުން އުޅޭކަން އެނގެއެވެ. އޭނާގެ ކާބަފައިންގެ ޒަމާނުގެ ބެއެއް ފަރުނީޗަރު ހުއްޓެވެ. އެހެންކަމުން އެއެއްޗިއްސާމެދު އޭނާގެ ހިތުގައި ޚާއްސަކަމެއް ދެވުނެވެ. އެއެއްޗެތީގެ ރީތިކަމާއި މޮޅުކަމުން އޭނާއަށް ޝައުޤުވެރިވެވުނެވެ. ކޮންމެއަކަސް އެއެއްޗިއްސަށް ވަކިވަކިން ނަޒަރު ހިންގަމުން އޭނާ ކުރިއަށް ގޮސްގޮސް ހުއްޓާ ކަނާތްފަރާތުން ދޮރެއް ހުޅުވިއްޖެއެވެ. އެވަގުތު ފަރުޖާދަށް ކުއްލިއަކަށް ހުއްޓެވިއްޖެއެވެ. ޙައިރާންވެ އަންތަރީސްވެއްޖެއެވެ. ދެލޯ ބޮޑުވެއްޖެއެވެ.
”ގުލްބާނޫ….!“ ބޭއިޙްތިޔާރުގައި އޭނާއަށް ބުނެލެވުނެވެ…… ލިބުނު ސިހުމާއި ޙައިރާން ކަމުގައި ހުރި ފިޔަވަޅުމަތިން ގުޑާލަންވެސް އޭނާއަކަށްވެސް ނޭގުނެވެ. ގުލް މަރުވި ޚަބަރު އެއީ ދޮގު ޚަބަރެއްތާއެވެ. އޭނާގެ ހިތަށް އެރިއެވެ. ހާދަ ދެރައެވެ. އެޚަބަރަށް އިތުބާރުކޮށްފައި އެނބުރި އާދެވުނުކަން އެއީ އޭނާއަށް ކުރެވުނު ވަރަށްބޮޑު ކުށެކެވެ. އޭނާގެ ކުލަ ފަނޑުވަފައިވާ މޫނާއި ތުރުތުރު އަޅާ ވުޖޫދު ހަމައަކަށް އެޅުވުމުގެ ކުރިން ގުލް ހިނިތުންވަމުން ނިކުމެއްޖެއެވެ. އެވަގުތު ފަރުޖާދު ދެލޯ މަރާލާފައި ހުޅުވާލިއެވެ. ޙައިރާންކަމުން ފުރިފައިވާ ނަޒަރަކުން ގުލްއާ ދިމާއަށް ބަލަން ފެށިއެވެ.
”އަޅުގަނޑަކީ ގުލްބާނޫއެއް ނޫނެވެ…. ޓިނާއެވެ.“ ހިތްހެޔޮކަމާއެކު ހިނިތުންވެލަމުން ޓިނާ ބުންޏެވެ.
”ޓިނާ……!!“ ފަރުޖާދު އަދިވެސް ހުރީ ޙައިރާންވެފައެވެ. ނަމަވެސް އޭނާގެ މޮޔަކަމާމެދު ހިނިއައެވެ. ގުލްއަކީ ވިހި އަހަރު ކުރީގެ މީހެކެވެ. ވީއިރު ކިތަންމެ ރީއްޗަސް ބަދަލުތަކެއް އަންނާނެތާއެވެ. ޓިނާއަކީ ގުލްބާނޫގެ ފޮޓޯކޮޕީއެކެވެ. ނަމަވެސް އެއީ ޒުވާންކަމުގެ ފުރިހަމަ ނަމޫނާއެކެވެ. އެއީ ވިހި އަހަރުގެ ތަފާތު އަންގައިދޭ ހެއްކެކެވެ. ”ތިޔައީ….“ ޙައިރާންކަމުން ފުރިގެންވާ ނަޒަރަކުން ޓިނާއާ ދިމާއަށް ބަލައިލަމުން ފަރުޖާދު ބުންޏެވެ.
”އަޅުގަނޑަކީ ޓިނާއެވެ. މަރްޙޫމް ގުލްބާނޫގެ ދަރިފުޅެވެ.“ ޓިނާ ފަރިގޮތަކަށް ހީލާފާ މިހެން ބުނުމުން ފަރުޖާދުގެ ގައިން ހީބިހި ނެގިއެވެ. ހިތަށް ކަށިތަކެއް ހެރުނުހެން ހީވިއެވެ….. އާއެކެވެ. އެއީ ހަމަ އެހިނިތުންވުމެވެ. އެ މިޔުޒިކީ އަޑެވެ.
”ތިޔައީ ހަމަ ގުލްގެ ދަރިފުޅު ހެއްޔެވެ؟“ ބޭކާރު ސުވާލެއްކަން އެނގޭއިރުވެސް ފަރުޖާދަށް އަހާލެވުނެވެ.
”ލައްބައެވެ. ގުލްބާނޫއަކީ އަޅުގަނޑުގެ މަންމައެވެ. ތިޔަބޭކަލަކު އަޅުގަނޑުގެ މަންމަ ދެނެލައްވާހެން ހާދަ ހީވެއެވެ.“ ދުވަހަކު ލޮލުންވެސް ނުދެކޭ މީހަކު ގުލްއޭ ކިޔައިގެން މާ ގާތްކޮށްލައިގެން ވާހަކަ ދައްކަން ފެށީމާ ޓިނާ ޙައިރާންވެގެން ސުވާލު ކުރިއެވެ. އޭރު އޭނާހުރީ ފަރުޖާދާ ދިމާއަށް އަރިމަތިވާ ގޮތަކަށެވެ. އެހެންކަމުން ވަޔާ ވިހުރުވި އޮތް ދިގު އިސްތަށިގަނޑު ރީތިކޮށް ފަރުޖާދަށް ފެނެއެވެ. ޝައްކެތް ނެތެވެ. އެއީ ހަމަ ގުލްބާނޫގެ އިސްތަށިގަނޑެވެ. އެ ރީތިކަމެވެ. އެދިގުކަމެވެ. އެއޮފެވެ…. އާއެކެވެ. އެދޭތެރޭގައި ވިހިއަހަރުގެ ދުރުމިން ނުވާނަމަ އެހެން މީހުން ކިތަންމެވަރަކަށް ދެކޮޅު ހެދިޔަސް އެއީ ގުލްބާނޫ ނޫނެކޭ އޭނާއަކަށް ނުބުނެވޭނެއެވެ.
”ތިޔަބޭކަލެއްގެ ނަމަކީ ކޮބައިތޯއެވެ؟“ ޓިނާ އެހިއެވެ. ”ދުރުވީ ކޮންތާކުންތޯއެވެ؟ ބައްޕައާ ބައްދަލުވެލައްވަނީތޯއެވެ؟“ ފަރުޖާދަށް އެއަޑު އިވޭ ކަމަކަށް ނުވިއެވެ. އޭނާހުރީ އަހަރުތަކެއްގެ ދައުރު ކުރުމުގައި ބުރުޖަހަޖަހައެވެ. ”ތިޔަބޭކަލަކު މިތަނަށް ތިޔަދުރުވީ އެންމެ ފުރަތަމަ ފަހަރުހެން ހީވެއެވެ. މީގެ ކުރިއަކުން ތިޔަބޭކަލަކު އަޅުގަނޑު ނުދެކެމެވެ.“ ފަރުޖާދު ގެއްލިފައި ހުރިވަރުން ޓިނާގެ ގާތަށް ހިނިއައި ނަމަވެސް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ. އެވަގުތު އާއެކާ ބުނުމުގެ ގޮތުން ފަރުޖާދު ބޯހަލުވާލިއެވެ. އެއްބަސްވުމުގެ ހުރިހާ ކުލަތަކެއް އޭނާ މޫނުމަތިން ފެންނަން ހުއްޓެވެ.
”މުޙްތަރަމާއެވެ. އަޅުގަނޑަކީ އަޅުގަނޑުގެ މަންމަގެ ފޮޓޯކޮޕީއެކެވެ.“ ޓިނާ ހީލަމުން ބުންޏެވެ. އެވީ ވަގުތުކޮޅުގެ ތެރޭގައި ގުލްބާނޫގެ ހުރިހާ ހަރަކާތެއް ފަރުޖާދަށް ފެނިގެން ދިޔައެވެ. ޙަރަކާތްކުރާ ގޮތަށް ރައްކާ ކުރެވިފައިވާ ތަޞްވީރުތަކެއް ފަދައިންނެވެ. ނުރައްކާތެރިކަމުގެ އިޙްސާސެއް ފަރުޖާދުގެ މުޅި ހަށިގނޑަށް ފެތުރިގެންދާހެން ހީވިއެވެ. އޭނާ އަދިވެސް ޝައްކާއި ޔަޤީންކަމުގެ ތެރޭގައި ޓިނާއާ ދިމާއަށް ބަލަމުން ގެންދިޔައެވެ…… އެގޭގައި މަޑުކުރަންވީ ކަމެއް ނުވަތަ އެނބުރިދާންވީ ކަމެއް އޭނާއަކަށް އަދި ނުވިސްނެއެވެ.
”ގޭތެރެއަށް ވަންނަވާ އިށީންނަވާށެވެ. މިރޭ ބައްޕަ އުޅުއްވާނީ އަވަށުގައިކަން ނޭގެއެވެ. ބޭނުންވެލައްވަނީ ބައްޕައާ ބައްދަލުވެލައްވަންތޯއެވެ؟ ދުރުވާށެވެ. ވަންނަވާށެވެ.“ ދޮރު ދިމާއަށް ހިނގައިގަންނަމުން ޓިނާ ބުންޏެވެ.
”ނޫނެކެވެ.“ ފަރުޖާދު އަވަސް އަވަހަށް އެނބުރިލިއެވެ.
”ބައްޕައަށް ނަންގަންނާނީ ކީކޭތޯއެވެ؟ ކޮންނަމެއްތޯއެވެ؟“ ޓިނާ ބުންޏެވެ.
”އެއްޗެއް ބުނާނޭ ކަމެއް ނެތެވެ. މާދަމާ ހަދުނުން އަހަރެން އަތުވެދާނަމެވެ.“ފަރުޖާދު ޓިނާއާ ދިމާއަށް ބަލައިވެސްނުލާ މިހެން ބުނެފައި ހިނގައިގެންފިއެވެ…… ވިހިއަހަރު ވަންދެން އެއަޑަށް ފިލަން އޭނާ ދުވިއެވެ. ނަމަވެސް އެނބުރެމުން ސެބުރެމުން އޭނާއާ ހަމައަށް އަނެއްކާވެސް އެއަޑު އައީއެވެ. މިހާރުދެން އެއަޑަށް ފިލަން އޭނާދާނީ ކޮންތާކަށް ހެއްޔެވެ؟…… އޭނާ ކަންބޮޑުވެގެން ދުރުދުރުގައި ދެފައި އަޅަމުން ގޭޓާ ދިމާއަށް ގޮސްގޮސް ހުއްޓާ ރަޙްމޫއަށް ފެނިގެން އާޞިފުގެ ރައްޓެއްސެކޭ ހިތާ އަދަބުވެރިކަމާއެކު އޭނާއާ ސަލާމް ކުރިއެވެ. ގާފޮޅުތެރޭގައި އިންދާފައި ހުރި ގަސްތަކާ ދިމާއަށް ގުދުވެ ގަސްތައް ރަނގަޅުކުރަން އޮތް މާލީވެސް ތެދުވެ ނިތްކުރިއާ ދިމާއަށް އަތް އުފުލައިލާ ސަލާމް ކުރިއެވެ. ނަމަވެސް އެއިން މީހަކަށް އޭނާއެއް ނޭގުނެވެ. އޭނާވެސް އެއީ ކާކުކަން އެމީހުންނަށް އަންގާކަށް އެއްޗެއް ނުބުނެއެވެ. ބުނާނޭ ހޭވެރިކަމެއްވެސް އޭނާގެ ނެތެވެ. އޭނާގެ ހިތުގައިވަނީ ހައިޖާނު އުފެދިފައެވެ. ސިކުނޑި ފަޅައިގެންދާން އުޅެނީއެވެ….. އެއްފޮޓޯގެ އެތައް ފަރާތެއް އޭނާގެ ކުރިމަތީގައި އެނބުރެނީއެވެ. އެއީ ގުލްބާނީހެ ފޮޓޯއެވެ. އޭރު އެއީ ގުލްބާނޫއެވެ. ގުލްއެވެ. އެކަމަކު މިހާރު އެއީ ޓިނާއެވެ.
ފަރުޖާދު ވިސްނަމުން ފިކުރު ކުރަމުން ތެޅެމުން ފޮޅެމުން ހޮޓަލާ ހަމައަށް ދެވުނުގޮތްވެސް ނޭގުނެވެ….. އޭނާ ކޮޓަރިއަށް ވަދެ އެނދުމަތީގައި އުއްޑުން އޮށޯވެ ފަންގިފިލާއާ ދިމާއަށް ބަލަހައްޓައިގެން އޮތްއިރު ވާރޭގެ ފޮދުވަރުތައް ބިމަށް އޮހޭހެން މާޒީގެ ހަދާންތައް އޭނާގެ ސިކުނޑިއަށް އޮހެމުން ދިޔައެވެ.