ހަތްވަނަ އަންހެން ކުއްޖާ
ޞަލާޙުއްދީން އައްޔޫބީ ޞަލީބީންގެ ކަނޑުގެ ލަޝްކަރު ރޫމުގެ ކަނޑަށް ޤަރަޤްކޮށްލެއްވުމަށްފަހު ބަލިވެގެން ދިޔަ ޞަލީބީންގެ އަތުން ޖޫރިމަނާ އަތުލައްވައިގެން މުޞުރުގެ އައްސޭރީގައި ހުންނަވާތާ ހަތްދުވަސް ވީއިރުވެސް މީހަކުނެތި އޮޔާދާ ހުސްނައުފަހަރުތަކާއި މުޅަމަސްތައް ރޫމުގެ ކަނޑުގެ ތެރޭގައި ކޮޅުކޮޅަށް އޮޔާ ދާތީ ފެނެއެވެ. ވާވެލާވެލި ސަލާމަތުން ހުރި ނައުފަހަރުގެ ވާވެލާވެލިވަޔާ ތަޅާތީ ފެނެއެވެ. މިނައު ފަހަރުތައް ބަލާ ފާސްކުރަން ފޮނުއްވި މީހުންގެ ކައިރީގައި ޞަލާޙުއްދީން އައްޔޫބީ ވިދާޅުވި ކަމުގައިވެއެވެ. ބޭނުން ހިފޭ ވަރަށް ސަލާމަތުން ހުރި ނައު ފަހަރު ތިޔަބައިމީހުންގެ ކިޝްތީތަކުގައި ޖަހައިގެން އެއްގަމަށް ގެންނާށެވެ. ބޭނުން ނުހިފޭ ވަރަށް ހަލާކުވެފައި ހުރިނައުފަހަރުގެ ވާވެލާވެއްޔާއި ދެންވެސް އެއިން ވަކިކޮށްގެން ގެނެވެންހުރި ހުރިހާ އެއްޗެއް ގެންނާށެވެ. މި އަމުރުފުޅާއިގެން ނައުފަހަރުތަކުގެ ކައިރިއަށް ދިޔަ މީހުން އެންމެ ގިނައިން ގެނެސްފައިހުރީ ހަގުރާމައިގެ ހަތިޔާރާއި ކާބޯ ތަކެއްޗެވެ.
ޞަލީބީންގެ ލަޝްކަރުގެ ތެރެއިން ކަޑަށް ޣަރަޤްވެގެން މަތުވި މީހުންގެ މުޅަމަސްތައް ރާޅާއި ތަޅަމުން އޮޔާދަމަމުން އެތަކެއް ދުވަސްވަންދެން އައްސޭރިއަށް ލައްވަމުން ދިޔައެވެ. އޭގެ ތެރެއިން ބައެއް ކަށިތައް ހުރީ ފިހި މާލާވެފައެވެ. އަނެއްބައި ކަށިތައްހުރީ ކަނޑުގެ މަސްތައްކައި ހުސްކޮށްފައެވެ. މިޞުރުގެ ސިފައިންގެ ދުނިތަކުން ޒަޚަމްވެފައި ހުރި ހަށިތައްވެސް މަދެއްނޫނެވެ. ޞަލީބީންގެ ލަޝްކަރުން ޞަލާޙުއްދީން އައްޔޫބީއަށް ލިބިވަޑައިގެންނެވި ތީރާ، ދުންޏާ، ދިނިދަޑިއާ، ކަނޑިއާ އެނޫންވެސް ހަތިޔާރުތައް ވަރަށް ފަރުވާތެރި ކަމާއެކު ޓެސްޓުކުރެއްވިއެވެ.
ފުރާނަ ސަލާމަތް ކުރަން ކަނޑަށް ފުންމާލި ޞަލީބީންނާއި ނައު ފަހަރުތަކުގައި ފިލައިގެން ދިޔަ މީހުންގެ ތެރެއިން މިޞުރުގެ އައްސޭރިއަށް އެރިމީހުން މިޞުރުގެ ސިފައިންގެ އަސީރުން ކަމުގައި ވިއެވެ. ޞަލާޙުއްދީން އައްޔޫބީއަށް ފަތަހަ ލިބިވަޑައިގަތުމާއެކުގައި އެމަނިކުފާނުގެ ލަޝްކަރު ބައިބައި ކުރައްވާފައި މިޞުރުގެ އައްސޭރީގެ އެކި ދިމަދިމާއަށް ފޮނުއްވިއެވެ. އެއިން ކޮންމެ ދިމާއަކުން ޞަލީބީއަކު އެއްގަމަށް އެރިޔަސް ވަގުތުން އެމީހާއަށް ހިކި ފޭރާމާއި ރަނގަޅު ކާނާ ދީ ހެދުމަށާއި ޒަޚަމް ވެފައިވާ މީހަކު ފެނިއްޖެނަމަ އަވަހަށް ފަރުވާދީ ހެދުމަށް އަންގަވާފައި އެގޮތުން އަތުލެވޭ ހުރިހާ އަސީރުން އެއް ތަނަކަށް އެއްކުރެވޭނޭ ގޮތަށް އިންތިޒާމް ކުރެއްވިއެވެ.
ޞަލާޙުއްދީން އައްޔޫބީ މުޞުރުގެ އައްސޭރީގައި ހުންނެވި ދުވަސްތަކުގެ ތެރެއިން އެއްދުވަހަކު އަސްމައްޗަށް ސަވާރުވެ ވަޑައިގެން އައްސޭރީގައި އަސް ދުވައްވަވަމުންވަޑައިގެން ފޭލިގެ ކޮޅާއި ދެ މޭލެއްހިސާބު ދުރަށް ނިކުމެ ވަޑައިގެންނެވިއެވެ. އެއީ ބޮޑެތި ހިލަތަކާއި ކުދި ހިލަތަކުން ހެދިފައި އޮންނަ ތަނެކެވެ. އެތަނުގެ ބޭރު ފަރާތުގައި އޮންނަނީ މާސިންގަ ކަނޑެވެ. އެތެރެ ފަރާތުގައި އޮންނަނީ ފެހި ކުލައިގެ ގަސްތައް ހެދިފައިއޮތް ވާދީއެކެވެ. އެތަނުގައި ކަދުރު ރުއްތަކާއި މީހުން ނޫޅޭ ފަޅު ތަންތަނުގައި ހެދޭ ޒާތުގެ ވަރަށް ގިނަ ވައްތަރުގެ ގަސްތައް ހެދިފައި ހުއްޓެވެ. އެހިސާބުގަޑަށް ވަޑައިގެންފާ ޞަލާޙުއްދީން އައްޔޫބީ އަސްމަތިން ފައިބާވަޑައިގެން އެމަނިކުފާނުގެ އަރިއަހުގައި ގެންދެވި ބޮޑީގާޑުންގެ ހަތަރު އަސްވާރުންނާއި އަސްކޮޅު ހަވާލު ކުރައްވާފާ އެތަނުގައި ތިބުމަށް އެމީހުން ގާތުގައި ވިދާޅުވުމަށްފަހު ދެންތިބި ސިފައިންގެ މީހުންނާއި އެމަނިކުފާނުގެ ޚާއްސަ އެކުވެރިޔާ ބަހާއުއްދީންޝައްދާދް ގޮވައިގެން ހިލަބިމުގެ ދާވަނީގައި ހިންގަވަން ފައްޓަވައިފިއެވެ. މި ދެންނެވި ބަހާއުއްދީން ޝައްދާދް އަރަބި ކަރައިން އެމަނިކުފާނުގެ އަރިއަހަށް ވަޑައިގެންނެވީ ޞަލީބީ ހަގުރާމައަށް އައުމުގެ އެއްދުވަސް ކުރިންނެވެ. – ފިނި ދުވަހެކެވެ. ކަނޑުގައި ބޮޑެތި ރާޅުތަކެއްނެތެވެ. ދޭތެރެ ދޭތެރެއިން އުފުލިލާ ރާޅު ބާނިތައްވެސް އައްސޭރިއާއި ދިމާއަށް ދަތުރު ކުރަމުން އައިސްފާ ހިލަތަކާއި ތަންކޮޅެއް ދުރުން އެބުރި ހިގައިދެއެވެ. – ޞަލާޙުއްދީން އައްޔޫބީއާއި އެމަނިކުފާނުގެ އެކުވެރިން ހިލަބިމުގެ ދާވަނީގައި ހިންގަވަމުން ވަޑައިގެން ބޮޑީ ގާޑުންގެ ލޯމަތިން ގެއްލިއްވަޑައިގެންފިއެވެ. – މިހާރު އެބޭފުޅުން ތިއްބެވި ހިސާބުން ވާތްޕުޅު ފަރާތުގައި އެކީ އަކއްޗަކަށް ހިލައިގެ އަޑި ގުޑަން އައިނުގަޑު ހެދިފާ އޮތެވެ. ކަނާތްޕުޅު ފަރާތުގައި އެތީ އައްސޭރިއެވެ. ޞަލާޙުއްދީން އައްޔޫބީ ކުރިއަށް ހިންގަވާފާ ވަޑައިގެން ދޭއް ނުވަތަ ތިނެއް ގަޒުގެ އުސްމިނަށް އުފުލިފާހުރި ހިލަ ގަޑެއްގެ މައްޗަށް އަރާވަޑައިގެން ރޫމުގެ ކަނޑާއި ދިމާއަށް ބައްލަވައިލެއްވި ވަގުތު ކަނޑުގެ ނޫކުލަ އެމަނިކުފާނުގެ ލޯފުޅުގެ ތެރެއަށް އެއްވެގެން އައިކަމުގާ ހީވިއެވެ. – އެމަނިކުފާނުގެ މޫނުފުޅުން ފަތަޙަ އާއި ނަޞްރުގެ އުފާވެރިކަން ފާޅުވޭވެ ހުއްޓެވެ. ކަދުރާފުޅު ހިސާބަކަށް އުފުލިލާފައި ހުއްޓެވެ.
ޞަލާޙުއްދީން އައްޔޫބީ ނޭފަތްފުޅު ގުރުކޮށްލައްވާފައި ނޭފަތްޕުޅުގައި ރުމާކޮޅު އަޅުއްވަމުން ވިދާޅުވިއެވެ. ”ހާދަނުބައި ވަހެއް އެބަދުވައެވެ.“ އެމަނިކުފާނު މިހެން ވިދާޅުވުމުން އަރިއަހުގައި ތިބި ސިފައިންގެ ތިންމީހުންގެ ކަޅިތައް އައްސޭރީ އާއިވީ ފަރާތަށް ހިންގާލައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެދިމާއިން ދޫނިތަކެއް ފިޔަ ތަޅާއަޑު އިވިލާފައި ފިސްއަޑަކުން އެއްޗެއް ގޮވާލި އަޑު އިވިއްޖެއެވެ. ހަމަ އެވަގުތު ފިޔަތައް ފަތުރާލައިގެން އުދުހިފާ އައި ތިންހަތަރު އެހަޑަ އުސްކޮށް ހެދިފައި އޮތް ހިލައާނުގަޑުގެ އެއްފަރާތުން އައްސޭރިއަށް ތިރިކޮށްލައިފިއެވެ.
”މުޅަ މަސްތަކެކެވެ.“ އެސޮރުމެން ތިރިކޮށްލިތަން ފެނިވަޑައިގަތުމުން މިހެން ވިދާޅުވެފާ ޞަލާޙުއްދީން އައްޔޫބީ އެދިމާއަށް ހިންގަވައިގެންފިއެވެ. އެމަނިކުފާނުގެ އެކުވެރިންވެސް އެމަނިކުފާނުގެ ފަހަތްޕުޅުން ވަޑައިގެންނެވިއެވެ. ގާތްގަޑަކަށް ވިއްސަކަށް ގަޒުގެ ދުރުމިނަށް ހިންގެވިތަނާ އެހަޑަތަށް އައްސޭރީއަށް ލައްވެފައިހުރި އިންސާނީ މުޅަމަސްތަކެއް ނޮޅަ ނޮޅައިގެން ކާންތިއްބާ ފެނިވަޑައިގެންފިއެވެ. – އެހަޑައަކީ ވަރަށް ހުޝިޔާރު އެއްޗެކެވެ. ވުމާއެކު އެބޭފުޅުންގެ ފިޔަވަޅުފުޅުގެ އަޑު މާދުރުން އެސޮރުމެން އަހައިފިއެވެ. – އެވަގުތު އޭގެތެރެއިން އެކަތި ސަމާލުވެލާފާ އެސޮރުކާން އިން މަސްގަޑުގެ ބޯ ވީދައިގަނެގެން އުދުއްސައިގެން ގޮސް ޞަލާޙުއްދީން އައްޔޫބީމެން ތިއްބެވި ހިސާބަށް އަރާ ހަމަވެފާ އެސޮރުގެ ވަކިތަކުން ހިފަހައްޓާފައި އޮތް ބޯ ޞަލާޙުއްދީން އައްޔޫބީ ކުރިފުޅުމައްޗަށް ވައްޓާލައިފިއެވެ. – އެއަހަޑަ ވައްޓާލި ބޯ އެމަނިކުފާނުގެ ކުރިފުޅުމައްޗަށް ޖެހުމާއެކު އެއާއި ދިމާއަށް އެމަނިކުފާނު ބައްލަވައިލައްވައިފިއެވެ. – އޭގެ ދެލޯ ހުރީ ތަންމިނަށް ހުޅުވިފައެވެ. ހީވަނީ ޞަލާޙުއްދީން އައްޔޫބީ އާއި ދިމާއަށް ބަލަހައްޓައިގެން އޮތް ހެންނެވެ. އޭގެ މޫނާއި އިސްތަށިގަޑުން އެއީ ޞަލީބީއެއްގެ ބޯކަން އަންގައިދެއެވެ. ”އަހުރެމެން މުސްލިމުންގެ ބޯތަކަށްވުރެ މިބައިމީހުންގެ ބޯތައް މާ މޮޅެވެ. – އިސްލާމީ ޚިލާފަތް އަންހެނުންނާއި ރަލަށް ނަޒުރުވެވިގެން އެދަނީ މިބައިމީހުންގެ ބޯތަކުގެ މޮޅުކަމުންނެވެ.“ ބޮލާއި ދިމާއަށް ބައްލަވަން އިރުކޮޅަކު ހުންނަވާފައި އެކުވެރިންނާއި ދިމާއަށް އެބުރިވަޑައިގަންނަވަމުން ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ.
”އާދޭހެވެ. ޞަލީބީން ވިހަ މީދާތަކެއް ފަދައިން އިސްލާމީވެރިކަން ހަޖަމުކުރަމުން ގެންދަނީއެވެ.“ އެތަނުނގައި ހުރި ސިފައިންގެ މީހަކު ދެންނެވިއެވެ. ”އަޅުގަޑުމެންގެ ރަސްރަސްކަލުން ޞަލީބީންނަށް ޖިޒީ ދެއްވަމުން ގެންދަވަނީއެވެ.“ ޝައްދާދު ވިދާޅުވިއެވެ. ”ޞަލީބީން އެތިބީ ފަލަސްތީންގެ މައްޗަށް ވެރިގެންނެވެ. މާތް ސުލްޠާނެވެ. ފަލަސްތީންގެ ބިމުން ޞަލީބީން ނެރެލެވިދާނޭ ކަމުގައި އަޅުގަޑުމެންނަށް އުއްމީދު ކުރެވިދާނެތޯއެވެ؟
“ ﷲގެ ރަޙްމަތްފުޅާއި މެދު މާޔޫސްވެވަޑައި ނުގަންނަވާށެވެ. ޝައްދާދެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ.
”އަޅުގަޑުމެން މާޔޫސްވަނީ އަޅުގަޑުމެންގެ އަޚުންގެ ކިބައިގާ ހުންނަ ނުބައި ޒާތުގެ ސަބަބުންނެވެ.“ ދެވަނަ މީހާ ދެންނެވިއެވެ. ”ކަލޭތިޔަބުނީ ވަރަށް ބޮޑު ތެދެކެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ”ބޭރުން އަންނަ ހަމަލާތައް އަހަރުމެންނަށް ހުއްޓުވިދާނެއެވެ. ކާފިރުންގެ އެފަދަ ބޮޑު ކަނޑުމަތީގެ ލަޝްކަރެއް އެހާ ކުޑަކުޑަ ބާރަކުން އަލިފާނަށް ނަޒުރު ކޮށްލެވި ދާނޭކަމުގައި ފަހަރެއްގައިވެސް ތިޔަބައިމީހުން ހީކުރީމުހެއްޔެވެ؟ ނޫނެކެވެ. އެއީ ތިޔަބައިމީހުންނަށް ލަފާކޮށްލަންވެސް ދަތި ކަމަކަށް ނޫނީ ނުވާނެއެވެ. ޝައްކެތްނެތެވެ. އެއައި ބޮޑު ލަޝްކަރަކީ މެހިތަކެއް ފަދައިން މުޅި މިޞުރުގެ ތެރެއަށް ފެތުރިގެން ދާފަދަ ބައިބޯ ލަޝްކަރެކެވެ. ނަމަވެސް އެ ލަޝްކަރު ބަލިކޮށްލާނޭ ހިތްވަރު މާތްﷲ އަހުރުމެންނަށް ދެއްވިއެވެ. އެހަރުމެން އެ ލަޝްކަރު ބަލިކޮށްލީ ސަރާސަރު ބިޑު މައިދާނެއްގައި ހަގުރާމަކޮށްގެނެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އަހުރެމެން އެބައަމީހުން ބަލިކުރީ ކަނޑުގެ އަޑިއަށް ޣަރަޤުކޮށްގެންނެވެ. އެކަމަކު އަހުރެމެންގެ އެކުވެރިންނޭވެ. – އަހުރެމެންގެ ތެރެއިން އަހުރެމެންނަށް ހަމަލާއެއް ދީފިނަމަ އެހާ ފަސޭހައެއްކޮށް ތިޔަބައިމީހުންނަކަށް ފަތަހައެއް ނުހޯދޭނެއެވެ. ތިޔަބައިމީހުންގެ އަޚަކު ތިޔަބައިމީހުންނަށް ހަމަލާ ދީފިނަމަ އެންމެ ފުރަތަމަ އެކަމާއި ދޭތެރޭގައި ވިސްނާލާނެއެވެ. – ތިޔަބައިމީހުންގެ އަޚް ތިޔަބައިމީހުންގެ މައްޗަށް ހަމަލާ ދީފާނެ ބާވެއޭ ހިތައް އަރާނެއެވެ. އަޚުންނާއި ދެކޮޅަށް ކަނޑި އުފުލައިލުމުގެ ހިތްވަރެއް ތިޔަބައިމީހުންގެ މުލައްދަޑި ތަކަކު ނުހުންނާނެއެވެ. – ފަހަރެއްގައި ތިޔަބައިމީހުންގެ ކަނޑިތަކުން ތިޔަބައިމީހުންގެ އަޚަށް ހަމަލާ ދީ ހަގުރާމަކުރަން ފަށައިފިނަމަ އެ ދަޑިވަޅަކީ ޣަނީމާ އެއްކަމުގައި ދެކިގެން ތިޔަބައިމީހުންގެ ދުޝްމަނުންނާ ކުރިން ހަމަލާދިން އަޚާއާއިފަހުން ހަމަލާދޭންފެށި އަޚުގެ ދުވަސްދުއްވާލާނެއެވެ.“
ޞަލާޙުއްދީން އައްޔޫބީ އައްސޭރީގައި މަޑުމަޑުން ހިންގަވަމުން ވަޑައިގެން ވަކި ހިސާބަކަށް ހުއްޓިވަޑައިގެންފާ ގުދުވެވަޑައިގެން ކޮންމެވެސް އެއްޗެއް ނަންގަވާ އަތްތިލަފުޅު މަތީގައި ބާއްވަވަމުން އަރިހުގައި ތިއްބެވި ސިފައިންނާއި ޝައްދާދުއަށް ދައްކަވާލެއްވިއެވެ. އެއީ އެމަނިކުފާނުގެ އަތްތިލަފުޅާ އެއްވަރުގެ ބޮޑު ޞަލީބެކެވެ. ވަރުގަދަ ޗޭނުފަށެއްގައި ލާފާ އޮތް ކަޅުވަކަރުގެ ޞަލީބެކެވެ. އެމަނިކުފާނު ޞަލީބު ނަންގަވާ އެކުވެރިންނަށް ދެއްކުމަށްފަހު އައްސޭރީގައި ތިބެގެން އެހަޑަތައް ނޮޅާއިގެން ކަމުން ގެންދާ މުޅަމަސްތަކާއި ދިމާއަށް ބައްލަވާލައްވައިފިއެވެ. ދެން އަވަސް އަވަހަށް ހިންގަވާފައި އެބޮލުގެ ކައިރިއަށް ވަޑައިގެންފިއެވެ. އޭރު ބިލުގެ މިލްކިއްޔާތާއި ދޭތެރޭގައި ތިން އަހަޑަ ތަޅާފޮޅާން ތިއްބެވެ. އެސޮރުމެންނަށް ޞަލާޙުއްދީން އައްޔޫބީ ފެނުމުން ފިޔަތައް ހުޅުވާލާފައި އުދުއްސައިގެންފިއެވެ. – ޞަލާޙުއްދީން އައްޔޫބީ އެއްކަލަ ޞަލީބު ހިއްޕަވާގެން ވަޑައިގެން ބާޒު ވައްޓާލި ބޮލުގެ މަތީގައި ޞަލީބު ބާއްވަވާފައި ދުވެވަޑައިގެން ޝައްދާދުމެންގެ އަރިއަހަށް ހުއްޓިވަޑައިގަންނަވަމުން ވިދާޅުވިއެވެ. ”އަހުރެން ވާހަކަ ދެއްކި ޞަލީބީންގެ ޤައިދީ އޮފިސަރެއްގެ ކަރުގައިވެސް ހަމަ މިކަހަލަ ޞަލީބެއް އޮތެވެ. ޞަލީބީ ލަޝްކަރަށް ވަންނަ ކޮންމެ މީހަކުވެސް ޞަލީބުގައި އަތްލައިގެން ހުރެ ޞަލީބަށްޓަކައި ޤުރުބާންވެގެން ދަންދެން ހަގުރާމަ ކުރުމަށާއި މި ބިންމަތީގައި އެންމެ މުސްލިމަކު ހުއްޓާވެސް ހަމަނޭވާ ނުލުމަށް ވައުދުވެ ހުވާކުރަން ޖެހޭކަމަށް އޭނާ ބުންޏެވެ. މިހުވާ ކުރުމަށްފަހުގައި ކޮންމެ މީހެއްގެ ކަރުގައި އެކަހަލަ ޞަލީބެއް އަޅުވައިދޭ ކަމުގައިވެސް ބުންޏެވެ. – ދެންމެގައި ބިންމަތިން އަހުރެން ހޮވި ޞަލީބަކީ ކާކުގެ އެއްޗެއް ކަމެއް އަހުރެންނަކަށް ނޭގެއެވެ. އެހަޑަ ވައްޓައިލި ބޮލުގެ މަތީގައި އެހުރެން ހޮވި ޞަލީބު މިބޭއްވީ އޭނާގެ ފުރާނަ ޞަލީބާއި ވަކިވިޔަ ނުދިނުމަށެވެ. – އޭނާވެސް މަރުވެގެން އެދިޔައީ ޞަލީބަށްޓަކައެވެ. ސިފައިން އެބައިމީހުން ކުރާ ހުވައަށް އިޚްތިރާމް ކުރަންޖެހޭނެއެވެ.“
”ޞުލްޠާނެވެ.“ ޝައްދާދު ވިދާޅުވިއެވެ. ޔެރޯސެލަމްގެ މުސްލިމުންނަށް ޞަލީބީންނަށް އިޚްތިރާމް ކުރަމުން ގެންދަނީ ކިހާވަރަކަށްކަން މަނިކުފާނަށް އެގިވަޑައިގަންނަވާނެއެވެ. – އެރަށުގައި ތިބި މުސްލިމުން އެބައިމީހުން އެބައިމީހުންގެ އަބިދަރިން ގޮވައިގެން ރަށުން ފައިބާގެން އެތިބަ ދަނީއެވެ. އަޅުގަޑުމެން މުސްލިމް އަންހެން ދަރިންގެ އަބުރުވެރިކަން ފޭރެނީއެވެ. އަޅުގަޑުމެންފަދަ މުސްލިމް ޤައިދީން އަދިވެސް އެބައިމީހުން ހިފަހައްޓަމުން ގެންދަނީއެވެ. އާރެއް ބާރެއް ނެތިފައި ތިބި ނިކަމެތި މުސްލިމުން ޖަނަވާރުތަކެއް ފަދައިން ދިރިއުޅެމުން ދަނީއެވެ. ވީއިރު މި ދެންނެވި ޞަލީބީންގެ ކިބައިން އަޅުގަޑުމެން ބަދަލު ހިފާކަށް ނުވޭތޯއެވެ؟“
”ހަމައެކަނި ބަދަލުހިފާނީއަކީ ނޫނެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ފަލަސްތީންވެސް އަޅުގަޑުމެން އަތުލާނަމެވެ. އެކަމަކު ފަލަސްތީނާއި އަޅުގަޑުމެންނާއި ދެމެދަށް އަޅުގަޑުމެންގެ ވެރިން ހުރަސް އަޅުއްވައިގެން ތިއްބެވިއެވެ.“ ޞަލާޙުއްދީން އައްޔޫބީ ތަންކޮޅަކަށް ހިންގަވާފައި ހުއްޓިވަޑައިގަންނަވަމުން ވިދާޅުވިއެވެ. ”ކާފިރުން ޞަލީބުގައި އަތްލައިގެން ތިބެ އިސްލާމީ ވެރިކަން ދުނިޔެއިން ނައްތާލުމަށް ހުވާކުރި ފަދައިން އަޅުގަޑުވެސް އަޅުގަޑުގެ މޭގައި އަތްއަޅައިގެން ﷲ އަށް ބިރުވެތިވެ ބޯލަބައިގެންހުރެ ފަލަސްތީން އަތުލުމަށާއި އިސްލާމީވެރިކަން ދުނިޔޭގެ ކަންކޮޅުތަކަށް ފަތުރާލުމަށް ހުވާކުރީމެވެ. – އެކަމަކު އެކުވެރިންނޭ! އަޅުގަޑުމެންގެ ތާރީޚްގެ މުސްތަޤްބަލުން ކުޑަވެސް އަލިކަމެއް އަދި އަޅުގަޑަކަށް ނުފެނެއެވެ. އެއްޒަމާނެއްގައި ޞަލީބީން ރަސްކަން ކުރާތީ އެބައިމީހުން ހަގުރާމަ ފަށައިގަންނާނޭ ދަޑިވަޅަކަށް ބަލަބަލާ އަޅުގަޑުމެން ތިބީމުއެވެ. ނަމަވެސް މިހާރު އަޅުގަޑުމެންގެ އިއްޒަތްތެރި މާތް ބޭފުޅުންނަށް ރަސްކަން ލިބިވަޑައިގަންނަވަމުން ދާތީ ޞަލީބީން އެ ތިބެނީ އަޅުގަޑުމެންނާއި ހަގުރާމަ ފަށާނޭ ދަޑިވަޅަކަށް ފާރަވެރިވެގެން ބަލަބަލައެވެ. މިގޮތުން ދެބައިމީހުންގެ ބަދަލުވަމުންދާ ޙާލަތުގެ މައްޗައް ބަލާފާ މުސްލިމުންނަށް ދުނިޔޭގެ ވެރިކަން ލިބޭ ދުވަހެއް އަޔަސް އަބައިމީހުންގެ މައްޗަށް އަމުރު ހިންގާ ބައެއްގެ ގޮތުގައި ތިބޭނީ ޞަލީބީން ކަމުގައި އަޅުގަޑަށް ދެންނެވިދާނެއެވެ. މުސްލިމުން ތިބޭނީ ދުނިޔޭގެ ރަސްކަންލިބުނީތީ އެބައިމީހުން މިނިވަންވީ ކަމުގައި ހީކޮށްގެން އެކަމުގެ މަސްތުގައެވެ. އެކަމަކު އެބައިމީހުން ފަހަރެއްގައިވެސް މިނިވަނެއް ނުވާނެއެވެ. – ހަމަކަށަވަރުންވެސް ﷲ ގެ އިރާދަފުޅާލައިގެން ފަލަސްތީން ހިފުމަށް އަޅުގަޑު ހުވާ ކުރަމެވެ. ނަމަވެސް މުސްލިމުންގެ ހާލަތު ބަޔާން ކޮށްދޭ ގޮތުން ވިއްޔާ އެބައިމީހުންގެ އަތުން ފަލަސްތީން ގެއްލޭނެއެވެ….. ޞަލީބީންގެ ސިކުޑިތައް މާ މޮޅެވެ…. ސޫދާނުގެ ފަންސާސްހާސް ސިފައިން އެކުލެވޭ ލަޝްކަރު ބެލެހެއްޓީ ކާކު ތޯއެވެ؟ އަޅުގަޑުމެންގެ ޚިލާފަތުގެ އަތުކުރީގައި ނާޖީ ނަމަކަށް ކިޔާ ހަރުފައެއް ގެންގުޅުއްވަމުން ގެންދަވަނިކޮށް އޭނާގެ ލަޝްކަރަކީ އަޅުގަޑުމެންނަށްޓަކައި ބޭކާރު އަދި ނުރައްކާތެރި ލަޝްކަރެއް ކަމުގައި ދުށް މިޞުރުގެ ފުރަތަމަ އަމީރަކީ އަޅުގަޑެވެ. ނާޖީ ލިއުނު ފަތް އަޅުގަޑުމެންނަށް އަތުލައި ނުގަނެވުނުނަމަ މިދުވަސް އަންނަންވީއިރު އަޅުގަޑުމެން ތިބީހީ އެ ލަޝްކަރުގެ އަތުން މަރުވެގޮސްފައެވެ. ނުވަތަ އެބައިމީހުންގެ އަތް ދަށުގައި ޤައިދު ވެފައެވެ.“
ކުއްލިއަކަށް އިވުނު މަޑުމަޑު އަޑަކާއެކުގައި އައި ތީރެއް ޞަލާޙުއްދީން އައްޔޫބީގެ ދެޕައިންޅުގެ ދެމެދުން ބިންގަޑަށް ހެރިއްޖެއެވެ. އޭރު އެމަނިކުފާނު ހުންނެވީ ތީރު އައި ދިމާއަށް ފުރަގަސްދެއްވައިގެންނެވެ. ސިފައިންގެ މީހުންނާއި ޝައްދާދުވެސް އެ ދިމާއަކަށް ނުބައްލަވައެވެ. ވުމާއިއެކު ތީރު އައިސް ބިންގަޑަށް ހެރުމުން އެބޭފުޅުން ސިހިވަޑައިގެންފާ އެދިމާއަށް އެބުރިވަޑައިގެންފިއެވެ. ނަމަވެސް ތޫނު ހިލަތައް ފިޔަވާ އެހެން އެއްވެސް އެއްޗެއް އެތަނަކުން ފެނިވަޑައެއް ނުގެންނެވިއެވެ. – ތީރުގެ ހަމަލާ އަންނައިރު މައިދާނުގައި ތިއްބެވުމަކީ ހިތްވަރުގެ އަމަލެއް ނޫނެވެ. އެއްތީރު ދޫކޮށްލި ބަޔަކު އަނެއްތީރުވެސް ދޫކޮށްލާނެއެވެ. ވީމާ އެބޭފުޅުން އެހާމަ ތަނުގައި ތިއްބަވާކަށް ނުހައްދަވައެވެ. އަވަސް އަވަހަށް ދުވެވަޑައިގެން ވަރުގަދަ ފާރެއްހެން ހެދިފައި ހުރި ބޮޑު ހިލަގަޑެއްގެ ނިވަލަށް ވެދެވަޑައިގެންފިއެވެ. އެތަނުގައި ރަގަޅަށް ހަމަޖެހި ވަޑައިގަތުމަށްފަހު ޝައްދާދުގެ އަގަފުޅަށް އިގިލިފުޅު ލައްވާފައި ވަރަށް ބާރަށް ތުމުން ފުހެލައްވައިފިއެވެ. – ކުޑަވެސް އިޝާރާތެއް ލިބިދާނޭކަމުގެ އިންތިޒާރުގައި ކުރީއްސުރެ ތައްޔާރަށް ތިބި އަސްވާރުންނަށް އެ އަޑު ހަމަ އިވުމާއިއެކު އަސްތަކުގައި އެދިމާއަށް މިސްރާބު ޖަހައިފިއެވެ. ބަސްބުނާހާ ކުޑަ ހިދުކޮޅެއްގެ ތެރޭގައި ކަޑަބޮއްޖަހަމުން ދުވެފައި އަންނަ އަސްތަކުގެ ފިޔަވަޅުތަކުގެ އަޑު އެބޭފުޅުންނަށް އިވިވަޑައިގެންފިއެވެ. އެ އަޑު ކައިރިވެގެން އަންނަން ފެށުމުން ހިލަގަޑުގެ ނިވަލުގައި ފިލާތިބި ސިފައިންގެ ތިންމީހުން އެއްކަލަ ދުނި އައި ދިމާއަށް ދުއްވައިގެންފިއެވެ. ތިންމީހުން ތިން ހިސާބުންގޮސް ފަސޭހައިން އެރޭ ގޮތަށް ތިރިކޮށްހުރި ހިލަގަޑުތަކުގެ މައްޗަށް އަރަން ފަށައިފިއެވެ. އެމީހުންގެ ފަސް ފަހަތުން ޞަލާޙުއްދީން އައްޔޫބީވެސް ވަޑައިގެންނެވިއެވެ.
”ޞުލްޠާނެވެ.“ ދުޝްމަނުންގެ ކުރިމައްޗަށް މަނިކުފާނު ނިކުމެވަޑައި ނުގަންނަވާށެވެ.“ އެތަނުން ސިފައިންގެ މީހަކަށް ޞަލާޙުއްދީން އައްޔޫބީ ފެނުމުން ދެންނެވިއެވެ. ނަމަވެސް އެމަނިކުފާނު އައަޑެއް ނާއްސަވައެވެ. ހުއްޓިވަޑައިގަތުމެއް ނެތި ކުރިއަށް ވަޑައިގެންނެވިއެވެ.
އެހާތަނުން އަސްވާރުންވެސް އެތަނަށް އަތުވެއްޖެއެވެ. އެބައިމީހުން އަސްތައް މަޑުކޮށްލަގަންތަކަށް ދޫޖައްސާލުމާއެކު ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ”އަހަރުމެން އަސްތައް މިތަނަށް ދޫކޮށްލާފައި ހިލަތަކުގެ އެފަރާތައް ކަލޭމެން ދާށެވެ. އެދިމާއިން ތީރެއް އަތުވެއްޖެއެވެ. ވީމާ، އެދިމާއިން އެއްވެސް މީހަކު ފެނިއްޖެނަމަ ހިފާ ހައްޔަރުކޮށްގެން ގެންނާށެވެ.“
ޞަލާޙުއްދީން އައްޔޫބީ އުސްހިލަގަޑެއްގެ މައްޗަށް އަރާ ވަޑައިގެންފާ ބައްލަވައިލެއްވުމުން ދުރުދުރަށް ދަންދެން ފެތުރިފައި ހުރި ހިލަ ކުދި ހިލަތަކާއި ބޮޑެތި ހިލަތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް ފެނިވަޑައެއް ނުގެންނެވިއެވެ. އެމަނިކުފާނު ހިލަގަޑުގެ މަތީގައި އިރުކޮޅަކު ހުންނަވާފައި އަރިއަހުގައި ތިބި ސިފައިންނާއެކު އެ ފަރާތަށް ފައިބާ ވަޑައިގެންފިއެވެ. ހުރިހާ ފަރާތަކަށް ހިންގަވާ ބެއްލެވުމަށްފަހު މައްޗަށް އަރާވަޑައިގަންނަވާގެން ހޯއްދެވިއެވެ. ނަމަވެސް އެއިއން ހިސާބަކުން އިންސާނެއްގެ ނިޝާންވެސް ފެނިވަޑައެއް ނުގެންނެވިއެވެ. ވުމާއެކު ދެން އަނެއްކާވެސް ތިރިއަށް ފައިބާވަޑަގެން އެއްކަލަ ދުނި ހެރިފައިހުރި ތަނަށް ވަޑައިގަންނަވާ އެހެން މީހުންވެސް އެތަނަށް އެއްކުރައްވައިފިއެވެ. ދެން އެމަނިކުފާނު ގުދުވެވަޑައިގެން ބިންގަޑަށް ހެރިފައިހުރި ދުނިނެންގެވުމަށްޓަކައި ދުނީގައި އަތްޕުޅުލެއްވިތަނާ އެއްވެސް ބާރެއްނެތް ގޮތެއްގައި ދުނި ބިންމައްޗަށް ވެއްޓިއްޖެއެވެ.
”ބިންގަޑަށް ދުނިހެރުނީ އައިލެއް ދުރުކަމުންނެވެ. އެހެން ނޫންނަމަ ދުނި ހެރޭނީ ސީދާ އަހުރެންގެ ކަދުރާއަށް ނުވަތަ ބުރިކައްޓަށެވެ. ބިންގަޑަށްވެސް އެހާ ބޮޑަށް ދުނި ނުވަނީ އައިލެއް ދުރުކަމުންނެވެ.“ ޞަލާޙުއްދީން އައްޔޫބީ ދުނި ނަންގަވާފައި ބައްލަވައިލައްވަމުން ވިދާޅުވިއެވެ. ”މިއީ ހަޝީޝަންގެ ދުންޏެއް ނޫނެވެ. މިއީ ޞަލީބީންގެ ދުންޏެކެވެ.“
”ސުލްޠާންގެ ފުރާނަފުޅުވަނީ ނުރައްކަލުގެ ތެރޭގައެވެ.“ އަތުނުން ސިފައިންގެ މީހަކު ދެންނެވިއެވެ.
”އާއެކެވެ. އަބަދުވެސް އަހުރެންގެ ފުރާން އޮންނާނީ ނުރައްކަލުގެ ތެރޭގައެވެ.“ ހިނިފުޅުވަޑުވާލައްވަމުން ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ”އަހުރެންގެ އެކުވެރިންނޭވެ. އަހުރެން މިނުކުތީ ރޫމުގެ ކަނޑުގައި ޞަލީބީންގެ ނައުފަހަރު އޮޔާދާތަން ދެކެލާށެވެ. އެކަމަކު އެކުވެރިންނޭވެ! ޞަލީބީންގެ ނައުފަހަރު ދުވަހެއްގައިވެސް އޮޔަކާ ނުދެއެވެ. އެމީހުން އަދިވެސް އަންނާނެއެވެ. ވިލާތަކެއް ފަދައިން ގުގުރަމުން އަންނާނެއެވެ. ވިލާތަކުން ވާރޭ ވެހޭ ފަދައިން އޮހިގަންނާނެއެވެ. ބިމުގެ އަޑިންނާއި ބުރިކަށިފަރާތުންވެސް އެމީހުން ހަމަލާ ދޭނެއެވެ. ނަމަވެސް މީގެ ފަހުން އަހުރެމެން އެގޮތަށް ހަގުރާމަކޮށްގެން ނުވާނެއެވެ. ލަޝްކަރު ގޮވައިގެން ހަގުރާމައަށް ނިކުމެގެން ނުވާނެއެވެ. – ހަގުރާމައިގެ ތަރުބިއްޔަތުގެ ތެރެއަށް އެއްކަމެއް އަހުރެން އިތުރު ކުރަމުން އެބަގެންދަމެވެ. – އެއީ ހަގުރާމައިގެ ފަންނުގެ އައު ބާބެކެވެ. އެއަށް ކިޔަނީ ޖާސޫސީ ހަގުރާމައެވެ.“
ޞަލާޙުއްދީން އައްޔޫބީ ތީރު ހިއްޕަވައިގެން ވަޑައިގެން އަސްމައްޗަށް ސަވާރުވެ ވަޑައިގެން ކޭމްޕާއި ދިމާއަށް މިސްރާބު ޖައްސަވާފިއެވެ. ސިފައިންނާއި އަސްވާރުންވެސް އެމަނިކުފާނުގެ ފަހަތްޕުޅުން ދަތުރަށް ފަށައިފިއެވެ. އެމީހުންބައި ބަޔަށް ބެހިލާފައި އެމަނިކުފަނުގެ ވާތްޕުޅު ފަރާތާއި ކަނާތްޕުޅު ފަރާތުގައި ކުރިފުޅުމަތީގައާއި ފަހަތްޕުޅުގައި ތިބެގެން އަސް ދުއްވަމުން ދިޔައެވެ. – އެއިން ކޮންމެ ފަރާތަކުން ތީރުގެ ހަމަލާއެއް އައި ނަމަވެސް އެމަނިކުފާނުގެ ހަށިކޮޅަސް ނޭރާނޭ ގޮތަށް ހިމާޔަތް ކުރަމުން ގެންދިޔައެވެ.