ސަހަރާގެ ސިއްރުން ފުރިފައިވާ ބަޑުތެރެއިން އުފަންވި ފަތިހަކީ އެހެން ފަތިސްތަކާއި ތަފާތު ފަތިހަކަށް ނުވިޔަސް އެ ފަތިހުގެ އަލިކަން އޭގެ ކަޅު މޭގަޑގެ ތެރޭގައި ވަރުގަދަ ސިއްރެއް ފޮރުވާފައިވެއެވެ. މިބުނި ބޮޑު ސިއްރަކީ އިސްލާމީ ވެރިކަމުގެ ހުކުމްތައް ހިންގެވުމަށްޓަކައި ޞަލާޙުއްދީން އައްޔޫބީ ދެކެވަޑައިގަންނަވާ ހުވަފެންފުޅުތަކުގެ ތައުބީރާއި އަޒުމްކަމުގައިވެސް ވެދާނެއެވެ.
ވޭތުވެދިޔަ ރޭ މިޞުރުގެ ސަހަރާގައި ހިގި ހާދިސާގައި ދެފަރާތެއްވެއެވެ. އޭގެ ތެރެއިން އެއްފަރާތް ފެންނަނީ ހަމަ އެކަނި ނާޖީއަށާއި އަދުރޫޝްއަށެވެ. އަނެއް ފަރާތް ފެނިވަޑައިގަންނަވަނީ ޞަލާޙުއްދީން އައްޔޫބީއަށާއި އެ މަނިކުފާނުގެ ޚާއްސަ ސިއްރުވެރިޔާ ޢަލީ ބިން ސުފިޔާނަށެވެ.
ވަލީމާއާއި ކުޅިވަރުތަކަށް ފަހުގައި ޞަލާޙުއްދީން އައްޔޫބީއާއި އެމަނިކުފާނުގެ އަރިއަހުގައި ވަޑައިގެން ތިއްބެވި އިއްޒަތްތެރިންނާއި ނާޖީ ވަކިވީ ވެރިކަމުގެ ހައިބަތުކަމާއި އެކުގައެވެ. ސޫދާނުގެ ސިފައިން ދެސަފަކަށް އެތުރިގެން ތިބެ ޞަލާޙުއްދީން އައްޔޫބީއަށް މަރުހަބާ ދަންނަވަމުން ގެންދިޔައެވެ. އެ މަރުހަބާގެ ޖަވާބުގައި އެމަނިކުފާނުވެސް އަތްޕުޅު ހޫރުއްވަމުން ސިފައިންނާއި ސަލާމް ކުރައްވަމުން ދެ ސަފުދޭތެރެއިން ހިންގަވާފާ ވަޑައިގެން އަސްކޮޅުގެ ކައިރިއަށް ހުއްޓިވަޑައިގެންފާ އަތާއަތް ޖޯޑު ކުރައްވާ ނާޖީއާއި ސަލާމް ކުރެއްވުމަށްފަހު އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. އޭގެ ފަހުގައި އެހެނިހެން އިއްޒަތްތެރިންވެސް އަސްތަކަށް ސަވާރުވެވަޑައިގެން ރަށާއި ދިމާއަށް ދަތުރުފުޅު ފައްޓަވައިފިއެވެ.
ޞަލާޙުއްދީން އައްޔޫބީ އެމަނިކުފާނުގެ އޮފީހާއި ހަމައަށް ވަޑައިގެން އަސް މަޑުކުރައްވާފައި ފައިބާވަޑައިގެންފިއެވެ. – ޢަލީ ބިން ސުފިޔާން ފިޔަވައި އެހެން ބޭފުޅުން ފޮނުވާލައްވާފާ އޭގެ ދެބޭފުޅުން އެކުއެކުގައި އޮފީހަށް ވެދެވަޑައިގެން އެތެރެއިން ދޮރުތަންޑު އަޅުއްވައިފިއެވެ. ފަރިއްކުޅުއްވުމެއް ފެންފޮދެއް ހިއްޕެވުމެއް ނެތި އެދުވަހާއި އެރޭގެ ވަރަށް ދަންވަންދެން އެބޭފުޅުން އެތަނުގައި ތިއްބެވުމަށްފަހު ނިކުމެވަޑައިގެން އެބޭފުޅެއްގެ މަގަކުން އެބޭފުޅަކު ހިންގަވައިގެންފިއެވެ.
ޞަލާޙުއްދީން އައްޔޫބީއާއި ވަކިވެވަޑައި ގަންނަވައިގެން ޢަލީ ބިން ސުފިޔާން ހިންގަވައިގެން ވަގުތު ފާރަވެރިންގެ ކޮމާންޑަރު ކުރިފުޅު މައްޗަށް ހުއްޓިފާ ދެންނެވިއެވެ.
”މާތް މަނިކުފާނެވެ. އަމުރަށް ކިޔަމަންވުމަކީ އަޅުގަޑުމެންގެ ވާޖިބެކެވެ. – ހަމައެފަދައިން ދޫތައް ބަންދު ކޮށްގެން ތިބުމަކީވެސް އެޅުގަޑުމެންގެ ވާޖިބެކެވެ. – ނަމަވެސް މިހާރު އަޅުގަޑުގެ ދަށުގައި ތިބި ސިފައިންގެ މެދުގައި ވަރުގަދަ މާޔޫސްކަމަކާއި ހަމަނުޖެހުމެއް އުފެދިއްޖެއެވެ. ޚުދު އަޅުގަޑުވެސް މިހިރީ މި ދެންނެވި މާޔޫސްކަމަކާއި ހާސްކަމުގެ ޝިކާރައަކަށް ވެފައެވެ.“
”އެއީ ކޮންކަހަލަ ހާސްކަމަކާއި މާޔޫސް ކަމެއް ހެއްޔެވެ؟“ ޢަލީ ބިން ސުފިޔާން ސުވާލް ކުރެއްވިއެވެ.
”ލަޝްކަރުގެ އެއްބައަކަށް ރާބުއިމުގެ ހުއްދަ ދެއްވާފައި އަޅުގަޑުމެންނަށް އެކަން މަނާ ކުރެއްވީ ކީއްވެގެންތޯ މިބައިމީހުން އެބަ ސުވާލު ކުރެއެވެ.“ ކޮމާންޑަރު ދެންނެވިއެވެ. ”އަޅުގަޑުގެ މި ޝަކުވާއަކީ ކުށެއް ކަމުގައި ދެކެވަޑައި ގަންނަވަނީނަމަ އަދަބު ދެއްވިއަސް އެންމެ ރަގަޅެވެ. ނަމަވެސް އަޅުގަޑުގެ ޝަކުވާ އަޑު އައްސަވާށެވެ… އަޅުގަޑުމެންގެ މާތް އަމީރަކީ ﷲއަށް ބިރުވެތިވެ ވަޑައިގަންނަވާ މާތް އިންސާނެއް ކަމުގައި ހީކޮށް އެމަނިކުފާނަށްޓަކައި ހިތާއި ފުރާނަ އިން ޤުރުބާން ވުމަށް އަޅުގަޑުމެން ތައްޔާރުވެ ތިބީމުއެވެ…. އެކަމަކު… ރޭގާ…“
”އެމަނިކުފާނުގެ ފޭލިގެކޮޅަށް ނަށާ އަންހެން ކުއްޖާކު ގެންދެވިއެވެ. އެހެންނޫން ހެއްޔެވެ؟“ ކޮމާންޑަރު ދެއްކެވި ވާހަކަ ފުރިހަމަކޮށް ދެއްވަމުން ޢަލީ ބިން ސުފިޔާން ދެންނެވިއެވެ. ”ކަލޭ ކުށެއް ނުކުރަމުއެވެ. ވެރިޔަކު ކުރެއްވިއަސް އަޅަކު ކުރިއަސް ފާފައެއް ވާނީ ހަމަ ފާފައަކަށެވެ. އެކަމުގެ ސަޒާ އަކަށް ބަދަލުއައުމެއްނެތެވެ…. ނަމަވެސް އެ ނެށުންތެރިޔާއާއި އަމީރު މިޞުރުގެ ސިއްރު ބައްދަލުވެވަޑައިގަތުމުގައި ފާފަތަކާއި ކުޑަވެސް ގުޅުމެއް ނެތްކަމުގައި އަހަރެން ކަލޭމެންނަށް ޔަޤީން ކޮށްދެމެވެ….. އެކަމަކު އަބައްދަލުވެވަޑައިގަތުމުގައި ފޮރުވިފައިވާ ސިއްރު ކަލޭމެންގެ ގާތުގައި ބުނެދޭކަށްވެސް އަދި ނެތީމެވެ. …. ކެތްތެރި ވެގެން ތިބޭށެވެ…. މަޑުމަޑުން ވަގުތު ވެއަތުވަމުން ދިޔަ ވަރަކަށް ރޭގައި ހިގި ކަންތައްތައް ތިޔަބައިމީހުންނަށްވެސް އެގެމުން އޮޅުން ފިލުވަމުންދާނެއެވެ.“ ކޮމާންޑަރުގެ ކޮޑުމަތީގައި އަތްޕުޅު ބާއްވަވާލައްވަމުން ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”ފަރުވާތެރިކަމާއެކު އަހަރެންގެ ވާހަކަ އަޑު އަހާށެވެ. ޢާމިރު ބިން ޞާލިހެވެ. ކަލެއަކީ ސިފައިންގެ ތެރޭގައި އުޅޭތާ އެތަކެއް ދުވަސްވެފާހުރި މީހެކެވެ. ލަޝްކަރާއި އެ ލަޝަކަރުގެ ވެރިޔާގެ ފަރާތްޕުޅުގައި ސިއްރު ތަކެއް ހުންނާނޭ ކަމާއި އެ ސިއްރުތައް ރައްކާތެރި ކުރުމަކީ އަހަރެމެން އެންމެންގެ ވާޖިބެއްކަން ކަލެއަށް ރަގަޅަށް އެގޭނެއެވެ. – މިގޮތުން ރޭގައި ނަށާ އަންހެން ކުއްޖާ އަމީރު މިޞުރުގެ ފޭލިގެ ކޮޅަށް އެދިޔަ ދިއުމަކީވެސް ބޮޑު ސިއްރެކެވެ. ވުމާއެކު އެ މައްސަލާއާއި ބެހޭ ގޮތުން ކަލޭގެ ބެލުމުގެ ދަށުގައި ތިބި ސިފައިންގެ ހިތުގައި ޝައްކުތައް އުފެދުނަ ނުދޭށެވެ. ރޭގައި ހިގި ކަންތަކާއި ބެހޭގޮތުން އެހެން މީހުންގެ ކައިރީގައި ވާހަކަ ދައްކާވެސް ނުހަދާށެވެ.“
ޢަލީ ބިން ސުފިޔާންގެ ތެދުވެރިކަމާއި މޮޅުކަން އެ ކޮމާންޑަރު ރަގަޅަށް ދަންނާތީ އެމަނިކުފާނު އެ ދެއްކެވި ވާހަކަފުޅު ޤަބޫލުކޮށް ހިތްސާފު ކޮށްފިއެވެ… ދެން ތިބިމީހުންގެ ހިތްތަކުގައި އުފެދިފައިވާ ޝައްކެއްވެސް ދުރުކޮށްދީފިއެވެ.
ޖެހިގެން އައި ދުވަހު ޞަލާޙުއްދީން އައްޔޫބީ މެންދުރުގެ ފަރިއްކޮޅަށް އިންނަވަނިކޮށް އެ މަނިކުފާނުގެ ފައިންޕުޅު ދުށުމަށްޓަކައި ނާޖީ އައިސް ހުރި ޚަބަރު ލިބިވަޑައިގެންނެވިއެވެ. ވުމާއިއެކު އެމަނިކުފާނު ފަރިއްކޮޅުން ނިމި ވަޑައިގެން ނާޖީ އާއި ބައްދަލު ކުރައްވައިފިއެވެ. އެންމެ ފުރަތަމަ ފެނިވަޑައި ގަތުމާ އެކުވެސް ނާޖީ ހުރީ ކޮންމެވެސް ކަމަކާ ކަންބޮޑުވެ ރުޅިއައިސްފާކަން އެމަނިކުފާނަށް އެގިވަޑައިގެންފިއެވެ.
”އިއްޒަތްތެރި އަމީރެވެ. ސޫދާނުގެ ފަންސާސްހާސް ސިފައިން އެކުލެވޭ ލަޝްކަރުގެ ތެރެއަށް މިޞުރުގެ ސިފައިން އެއްކުރެއްވުމަށް އަމުރުފުޅު ކުރެއްވީމުތޯއެވެ؟ އެއީ ރަގަޅު ކަމެއް ތޯއެވެ؟ ސޫދާނުގެ ސިފައިންނަކީ ހަގުރާމައިގެ ތަޖުރިބާ ހުރި ބައެކެވެ. މިޞުރުގެ ސިފައިންނަކީ ދާދި އިހަކަށް ދުވަހު މަސައްކަތް ދަސްކޮށް ދެއްވި ބައެކެވެ.“ ޞަލާޙުއްދީން އައްޔޫބީ ނިކުމެ ވަޑައިގެން ނާޖީގެ ކައިރިއަށް ހުއްޓިވަޑައި ގަތުމުން އޭނާ ދެންނެވިއެވެ.
”އާއެކެވެ. ނާޖީއެވެ. ތިޔަ އަމުރު އަހުރެން ކުރީމެވެ.“ ކެތްތެރިކަމާއި އެކު ޞަލާޙުއްދީން އައްޔޫބީ ޖަވާބު ދެއްވިއެވެ. ”އިއްޔެގެ ހަތަރު ދަމާއި ރޭގެ ވަރަށް ބޮޑުބައެއް ފާއިތުވަންދެން ތިޔަ ކަމާއި ދޭތެރޭގައި އަހުރެން ވިސްނީމެވެ. އެގޮތަށް އެކަންތައް ކުރުމަށް އަހުރެން އަމުރުކުރީ އޭގެ ފަހުގައެވެ. ލަޝްކަރުގެ އެކިބައިބައިގާ މީގެ ފަހުން ތިބޭނީ ސޫދާނުގެ ސިފައިންގެ ސަތޭކައަކުން ދިހަ މީހުންނެވެ. ދެން މުޅިންވެސް ތިބޭނީ މިޞުރުގެ ސިފައިންނެވެ. – ވިސްނިއްޖެހެއްޔެވެ؟ – މިހާރު ކަލެއަކީ ސިފައިންގެ ވެރިޔާއެއް ނޫނެވެ. ލަޝްކަރުގެ މަރުކަޒީ އޮފީހުގެ މުއައްޒިފެކެވެ. އެ އަމުރުވެސް ކެލެއާއި ހަމައަށް ފޯރައިދާނެ ކަމުގައި ހީކުރަމެވެ.“
”މާތް ވެގެންވީ އިއްޒަތްތެރި ވެރިޔާއެވެ.“ ނާޖީ ދެންނެވިއެވެ. ”އަޅުގަޑަށް ތިޔަ ދެއްވަނީ ކޮން ކުށެއްގެ އަދަބެއްތޯއެވެ؟“
”އަހުރެންގެ މިނިންމުމާއި ކަލޭ ނުރުހެނީނަމަ މަޤާމުން ދުރުވާށެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ.
”އަޅުގަޑާއި ދޭތެރޭ މަކަރުވެރި ރޭވުމެއް ރޭވެމުން ދާ ކަމުގައި ހީވެއެވެ.“ ނާޖީ ދެންނެވިއެވެ. ”މި ދެންނެވި ރޭވުމާއި މެދުގައި މަނިކުފާނުގެ މޮޅުސިކުޑިފުޅާއި ފުން ނަޒަރުން ތަޙްޤީގް ކުރެއްވުމަކީ ކޮންމެހެން ބޭނުން ކަމަކެވެ. – ސިފައިންގެ މަރުކަޒުގައި އަޅުގަޑުގެ ދުޝްމަނުން ވަރަށް ގިނައެވެ.“
”އަޅުގަޑުގެ ރަހްމަތްތެރިޔާއެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ”އެގޮތަށް ކަންތައް ކުރުމަށް އަހުރެން ނިންމީ އެހުރެމެންގެ ލަޝްކަރު މަކަރުވެރި ނުރައްކާތެރި ރޭވުންތަކުން އަބަދަށްޓަކައި ސަލާމތްކޮށްފާ ބޭއްވުމަށާއި ލަޝްކަރުގެ މަތީ މަޤާމްތަކުގައި ތިބޭ މީހުންނާއި ދަށް މަޤާމް ތަކުގައި ތިބޭ މީހުން ރާބޮއެ ޖުވާކުޅެ އެކި އެކި ޖަލްސާތަކުގައި ނަށާ ލަވަކިޔާ ހެދިޔަ ނުދިނުމަށްޓަކައެވެ.“
”އިއްޒަތްތެރި މަތިވެރިވެގެންވާ ސާހިބާއެވެ.“ ނާޖީ ދެންނެވިއެވެ. ”މަނިކުފާނުގެ އަރިއަހުން އަޅުގަޑު އެމުރުފުޅު ހޯދީމެވެ.“
”އާއެކެވެ. އެކަމަކު ރާބުއިމާއި ނަށުމާއި ލަވަ ކިއުމަށް އަހުރެން ހުއްދަދިނީ ނާޖީގެ ލަޝްކަރުގެ އަސްލު ހާލަތު ބަލާ ވަޒަންކުރުމުގެ ބޭނުމުގައެވެ. އެއީ އިސްލާމީ ލަޝްކަރެކޭ ބުނާތީ އެ މީހުންގެ އަޚްލާޤީ ފެންވަރު ހުރި ވަރެއް ބެލުމަކީ އަހުރެންގެ ވާޖިބެކެވެ. ފަންސާސްހާސް މީހުން އެއް ފަހަރާ ސިފައިން ތެރެއިން ވަކިކޮށްލުމަކީ އަހުރެންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަކަމަކު މިޞުރުގެ ސިފައިން ސޫދާނުގެ ސިފައިންނާއި އެއްކޮށް އެކަތިގަޑަކަށް ހަދައި ރަގަޅު ކުރެވޭތޯ މަސައްކަތް ކުރެވިދާނެއެވެ. – އަހުރެމެން މި ދައްކާ ވާހަކަ އަޑުއަހާށެވެ. އަހުރެމެންގެ ތެރޭގައި މިޞުރުގެ މީހުންނާއި ސޫދާނުގެ މީހުންނާ ޝާމުކަރައިގެ މީހުންނާ އަޖަމީންނެއް ނުތިބޭނެއެވެ. އަހުރެމެން އެންމެންނަކީވެސް މުސްލިމުންނެވެ. އަހުރެމެންގެ ދިދައަކީ އެއް ދިދައެކެވެ. އަހުރެމެންގެ ދީނަކީ އެއް ދީނެކެވެ. އަހުރެމެން އެންމެންނަކީ އެއްބައެކެވެ.
”މާތް އަމީރެވެ. ތިޔަހެން ހެއްދެވީމާ އަޅުގަޑުގެ ޤަދަރާއި ހައިޘިއްޔަތަށް ވެގެންދާނެގޮތް ވިސްނާ ވަޑައިގެންނެވިނަމަ ކޮން ފަދަ ރަގަޅުތޯއެވެ؟“ ނާޖީ ދެންނެވިއެވެ.
”ނާޖީއެވެ.“ މިކަން މިގޮތަށް ހަމަޖެއްސިއެއް ކަމަކު ކަލޭގެ ކިބައިގައި ހުރި ޤަދަރަކާއި ހައިޘިއްޔަތަކަށް އުނި ކަމެއް ނާންނާނެއެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ”ކަލޭގެ މަޒީއަށް ނަޒަރު ހިންގާލަބަލާށެވެ. – ކަލޭގެ އަމަލުތައް ހުރި ގޮތް އަހުރެންގެ ދުލުން ކިޔައިދިނުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ…… ދެން އަވަހަށް މިތަނުން އެބުރިދާށެވެ. ކަލޭގެ ލަޝްކަރުގައި ހުރި ހަތިޔާރާއި އެހެނިހެން ސާމާނާއި ޖަނަވާރާއި އައްޑަނުފަދަ ތަކެތީގެ ތަފްސީލު ލިޔެފާ އަހުރެންގެ ނާއިބާ ހަވާލުކުރާށެވެ. ހަތް ދުވަހުގެ ތެރޭގައި އަހުރެން މިކުރި ޙުކުމަށް އަމަލު ކޮށްނިންމާށެވެ.“
ދެންވެސް ނާޖީ ކޮންމެވެސް އެއްޗެއް ދަންނަވަން އުޅުނެވެ. ނަމަވެސް އޭނާ ވާހަކަ ފެށުމުގެ ކުރިން ޞަލާޙުއްދީން އައްޔޫބީ މީހުންނާއި ބައްދަލު ކުރައްވާ ކޮޓަރި ކޮޅުން ނިކުމެވަޑައިގެންނެވިއެވެ.