ޞަލާޙުއްދީން އައްޔޫބީގެ ފޭލިގެ ކޮޅުން ޒަކޯއީ ނިކުތީ ރޭގަޑުގެ އެންމެފަހު ދަމުގައެވެ. އެ ދަންވަރު ނާޖީގެ ފޭލިގެއަށް ދިއުމުގެ ބަދަލުގައި ޒަކޯއީ ހިގައިގަތީ އެހެން ދިމާއަކަށެވެ. އޭނާތަން ކޮޅަކަށް ދިޔަތަނާ ކަޅުފޭރާމަކުން ހަށިގަޑު ނިވާކޮށްގެން ހުރި މީހަކު ވައިއަޑުން ޒަކޯއީއަށް ގޮވާލައިފިއެވެ. އެއަޑު އިވުމުން ޒަކޯއީ އެބުރިފާ ގޮސް އެމީހާގެ ކައިރިއަށް ހުއްޓިއްޖެއެވެ. އެވަގުތު އެމީހާ އަވަސް އަވަހަށް ޒަކޯއީ ގޮވައިގެންގޮސް އެއްފަރާތެއްގައި ހުރި ފޭލިގެއަކަށް ވަދެއްޖެއެވެ. އެތަނުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރުމަށްފަހު ޒަކޯއީ ނިކުމެ ނާޖީގެ ފޭލިގެއާއި ދިމާއަށް ހިގައިގެންފިއެވެ. އޭރުވެސް ނާޖީ ހޭލާ އުޅެއެވެ. ޞަލާޙުއްދީން އައްޔޫބީގެ ފޭލިގެކޮޅަށް ޒަކޯއީ ވަނީއްސުރެއް އެބުރި އައުމާއި ދޭތެރޭގައި އެތަކެއް ފަހަރު ނާޖީ ނިކުމެ އެ ދިމާއަށް ބެލިއެވެ. ޒަކޯއީ އައުން ލަސްވި ވަރަކަށް ނާޖީގެ އުފާވެރިކަން ބޮޑު ވަމުން ދިޔައެވެ. އެހުޝިޔާރު އަންހެން ކުއްޖާގެ އިޝްޤުގެ މަޅީގައި ޞަލާޙުއްދީން އައްޔޫބީ ހަފުސް ކޮށްގެން އުޑުގެ އުސް ކަމާއި ހަމައިން ދަމަމުންގެނެސް ނާޖީގެ ވިސްނުން ފޯރާ ހިސާބު ތިރިއަށް ވައްޓާލައިފިއެވެ. – މިހަކަލަ މުޑުދާރު ޚިޔާލުތަކެއް ނާޖީގެ ސިކުޑީގައި ބުރުޖަހަމުން ދިޔައެވެ.
”އަދުރޫޝްއެވެ.“ އެންމެ ފަހުން ކެތް ނުކުރެވިގެން ނާޖީ ބުންޏެވެ. ”ރޭގަޑުގެ ހަތަރު ދަން ވެއަތު ވެގެން ދަނީއެވެ. އެކަމަކު އަދިވެސް އޭނާ އެއް ނާދެއެވެ.“
”އޭނާއެއް ދެން ނާންނާނެއެވެ.“ އަދުރޫޝް ބުންޏެވެ. ”އަމީރު މިޞުރުގެ އަރިއަހުގައި އޭނާ ގެންދަވާނެއެވެ. އެއްވެސް ރަސްކަލަކު އެފަދަ ޖަވާހިރެއް އަބުރާ ރައްދެއް ނުކުރައްވަވާނެއެވެ….. އެކަމާއި ދޭތެރޭގައި މަނިކުފާނު ވިސްނާވަޑައިގެނެވީމުތޯއެވެ؟“
”ނުވިސްނަމެވެ.“ ނާޖީ ބުންޏެވެ. “ އަހަރެންގެ ރޭވުމުގެ ތިޔަފަރާތަކަށް އަހަރެންނަކަށް ވިސްނައެއް ނުލެވުނެވެ.“
”ޤަވައިދާއި އެއްގޮތްވާ ގޮތުން އަމީރު މިޞްރު މަނިކުފާނުގެ ޒަކޯއީ އާއި ކައިވެނި ބައްލަވައިގެންފާނޭ ކަމަކަށް ހީފުޅެއް ނުކުރައްވަމުތޯއެވެ؟“ އަދުރޫޝް ބުންޏެވެ. ”އެހެންވެއްޖެނަމަ އެ އަންހެން ކުއްޖާއަކީ ބޭނުން ފުއްދުމަށް އެކަށީގެންވާ ކުއްޖަކަށް ނުވެހިގާދާނޭ ކަމުގެ ބިރު ހީފުޅެއް ނުވޭތޯއެވެ؟“
”އެއީ ވަރަށް ހުޝިޔާރު ކުއްޖެކެވެ.“ ނާޖީ ބުންޏެވެ. ”އެކަމަކު ނަށާ އަންހެން ކުއްޖަކަށް އޮތީވެސް ކޮން އިތުބާރެއް ހެއްޔެވެ؟ – އެއީ ތަޖުރިބާ ހުރި ނަށާ އަންހެން ދަރިއެކެވެ. އަދުރޫޝް ތިޔަބުނާހެން ފަހަރެއްގައި އޭނާ އަހަރެމެންނަށް ކެއްސެއް ދިނުމަކީވެސް އެކަށީގެންވާކަމެކެވެ.“
ނާޖީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދާ ޒަކޯއީ އައިސްފޭލިގެއަށް ވަދެފާ ހިނިތުން ވެލަމުން ބުންޏެވެ.
”ސާހިބާގެ އަމީރުގެ ހަށިކޮޅުގެ ބުރަދަން ވަޒަން ކުރައްވާފާ އެ ބަރުދަނުގެ ރަން ދެއްވާށެވެ. އަޅުގަޑަށް ދެއްވުމަށް ވައުދު ވެވަޑައިގަތް އިނާމަކީ އެއީ ނޫންތޯއެވެ؟“
އެންމެ ފުރަތަމަ ވީގޮތް ކިޔައިދޭށެވެ.“ ކެތްތެރިކަމެއް ނެތި ނާޖީ ބުންޏެވެ.
”ކަންތައްވީ ސާހިބާ އެދިލެއްވި ގޮތަށެވެ. ޒަކޯއީ ޖަވާބު ދިނެވެ. “ ޞަލާޙުއްދީން އައްޔޫބީއަކީ ހިލަގަޑެކޭ ނުވަތަ އެކަތައިގެ އިންސާނެކޭ ދެންނެވީ ކާކުތޯއެވެ؟ – އެއީ މުސްލިމުންގެ ތެރެއިންވެސް އަރާ ހުންނެވި މުސްލިމެކޭ ދެންނެވީ ކޮން ދުލަކުންތޯއެވެ؟“ ޒަކޯއީ ފުންނާބުން ބިންގަޑުގައި ޖަހާލަމުން ބުންޏެވެ.
”އެ މަނިކުފާނަކީ ވައިރޯޅިއާ އެކުގައި ބުރައިގެންދާ ފަދަ ހިރަފުސް ވެލި ކޮޅަކަށްވުރެވެސް ބަލިކަށި އިންސާނެކެވެ.“
”ކަލޭގެ ރީތިކަމުގެ ޖާދޫއާއި ބަސްމޮށުންތެރިކަމުގެ ތުލުސްމީގެ ބާރުގައި އެމަނިކުފާނު ވެލިކޮޅަކަށް ވެރެވެސް ބަލިކަށިކޮށްލައިފީމުއެވެ.“ އަދުރޫޝް ބުންޏެވެ. ”ކަލެއާއި ބައްދަލުވެވަޑައި ގަތުމުގެ ކުރިން އެމަނިކުފާނަކީ ހިލަ ގަޑެކެވެ.“
”އާދޭހެވެ. އަޅުގަޑާއި ބައްދަލުވެވަޑައިގަތުމުގެ ކުރިން އެމަނިކުފަނަކީ ހިލަގަޑެކެވެ. އެކަމަކު މިހާރު އެމަނިކުފާނަކީ ހަނަފަސް ވެލިފުންޏެއް ފަދަ ބޭފުޅެކެވެ.“
”އަހަރެންނާއި ބެހޭ ގޮތުން އެއްވެސް ކަހަލަ ވާހަކަފުޅެއް ދެއްކެވިހެއްޔެވެ؟“ ނާޖީ ސުވާލު ކުރިއެވެ.
”އާދޭހެވެ.“ ޒަކޯއީ ޖަވާބުދިނެވެ. ”ނާޖީ އަކީ ކޮންކަހަލަ އިންސާނެއްތޯ ސުވާލު ކުރެއްވިއެވެ. – ޖަވާބުގައި މިޞުރުގެ މީހަކަށް އިތުބާރު ކުރައްވަނީނަމަ ހަމައެކަނި ނާޖީއަށް އިރުބާރު ކުރައްވާށޭ ދެންނެވީމެވެ. – އޭގެ ފަހުގައި އަޅުގަޑަށް މަނިކުފާނު ދަސްވީ ކިހިނަކުންތޯ އެއްސެވިއެވެ. މު ސުވާލުގެ ޖަވާބުވެސް ފުރިހަމައަށް އެރުވީމެވެ. މަނިކުފާނަކީ އެޅުގަޑުގެ ބައްޕަގެ ރަހްމަތްތެރިއެއް ކަމާއި ކޮންމެވެސް ބެނުން ފުޅެއްގައި އަޅުގަޑުމެންގެ ގެއަށް މަނިކުފާނު ވަޑައިގެން އުޅުއްވި އުޅުއްވުމުގާ މަނިކުފާނަކީ ޞަލާޙުއްދީން އައްޔޫބީގެ ޣުލާމެއްކަމަށާއި އެމަނިކުފާނު އަމުރުކުރައްވައިފިނަމަ ކަނޑަށް ފުންމާލެއްވުމަށްވެސް ފަސްޖެހިވަޑައި ނުގަންވާނޭ ކަމުގައި މަނިކުފާނު ވިދާޅުވިކަމުގައިވެސް ދެންނެވީމެވެ…… ދެން އަނެއްކާވެސް އަޅުގަޑަކީ އިއްފަތްތެރި އަންހެން ކުއްޖެއްތޯ އެއްސެވިއެވެ. އަޅުގަޑު ދެންނެވީމެވެ. އާދޭހެވެ. މަނިކުފާނުގެ ކަނީޒަކީމެވެ. މަނިކުފާނު ކުރެއްވި ކޮންމެ އަމުރުފުޅަކަށް ކިޔަމަން ވުމަށް ލޮލުން ބޮލުން ތައްޔާރު ވެގެން އިނީމެވެ. ހުރިހާ ސުވާލަކާއި ޖަވާބަކަށް ފަހުގައި އެމަނިކުފާނުގެ އަރިއަހުގައި އިރުކޮޅަކު އިށީދެލައިގެން އިނުމަށް ވިދާޅުވިއެވެ… މި އަމުރުފުޅު އިއްވެވުމާއެކު އަޅުގަޑު އިށީދެއްޖައީމެވެ. ދެން ވީ ކިހިނެއް ކަމަށްތޯއެވެ؟ އިސާހިތަކު އެހަރު ހިލަގަޑު އުށަށްވެގެން ވިރެން ފަށައިފިއެވެ. އަޅުގަޑު އަވަސް އަވަހަށް އެއުށްތައް އަޅުގަޑުގެ ތައްގަޑަށް އަޅަން ފަށައިފީމެވެ. މަނިކުފާނު އެންގެވި ގޮތަށް ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހުގައި އަޅުގަޑު އެބުރި އަންނަންވެގެން އަމުރު ހޯދަން ދެންނެވުމުން ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގެންފާ އެމަނިކުފާނު ވިދާޅުވިއެވެ. މުޅި އުމުރުގައި އެންމެ ފުރަތަމަ ފަހަރު އަހުރެންނަށް ފާފަ ކުރެވިއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވުމުން އަޅުގަޑު ދެންނެވީމެވެ. ތިޔައީ ފާފައެއް ނޫނެވެ. މަނިކުފާނު ފާފައެއް ނުކުރައްވަމުއެވެ. އަޅުގަޑަކަށް މަކަރެއް ނުހައްދަވަމުއެވެ. ކެއްސެއް ނުދެއްވަމުއެވެ. ގަދަކަމުން ކަމެއް ނުކުރައްވަމުއެވެ. ރަސްރަސްކަލުން ފަދައިން ހުކުމް ކުރައްވައިގެން ނުގެންނަވަމުއެވެ. މަނިކުފާނުގެ އަރިއަހަށް އަޅުގަޑުއައީ އަމިއްލައަށެވެ. އަދިވެސް އަންނާނަމެވެ.“
ސާފުބަހުން ޒަކޯއީ އެދެއްކި ވާހަކަތައް އޭނާގެ ހަށިގަޑު ފަދައިން އޮރިޔާންކަން ބޮޑެވެ. ޒަކޯއީ އަގައިން ބޭރުވަމުންދިޔަ ހުތުރު ވެގެންވީ ބަސްތައް ނިންމާ ލުމާއެކު ނާޖީ އުފަލުން އޭނާގެ ގައިގާ އޮޅުލައިގެންފިއެވެ. އެވަގުތު އަދުރޫޝް ތެދުވެގެން ސާބަސްދީފާ ނާޖީއަށް ޝުކުރު އަދާކުރަމުން ފޭލިގެއިން ނިކުމެއްޖެއެވެ.