ދައުވަތު އޮންނަ ރައަށް އިރު އޮއްސިއްޖެއެވެ. އެއީ ހަދުވަރުދޭރެއެކެވެ. އެ ތަނަވަސް ސަހަރާއަށް ހަދުވަރު ދީފާއޮތްއިރު އެ ސާފުއަލީގައި ސަހަރާގެ ކުދި ކުދި ހިލަކޮޅުތަކަށް ދަންދެން ރީތިކޮށް ފެންނަން ހުއްޓެވެ.
ހަނދުގެ ރިހި އައްޔާއި ދިއްލާފައި ހުރި އެތަކެއްހާސް ކޮރުދަންތަކުގެ އަލި އެކުވެގެން ރޭގަޑު ދުވާލަށް ބަދަލުކޮށްލާފައި އޮތެވެ. ތަނަވަސް މައިދާނުގެ ވަށައިގެން ލެވިފައިވާ ފާރެއް ފަދައިން ބޮޑީގާޑުންތައް އެތުރިގެން ތިއްބެވެ. ބޮޑެތި ބޮޑެތި ރަސްރަސްކަލުންގެ ތަޚްތުފަދަ ފުރިހަމަ ގޮޑިކޮޅެއް ޞަލާޙުއްދީން އައްޔޫބީ އިށީދެވަޑައިގަތުމަށްޓަކައި މައިދާނުގެ އެއްފަރާތެއްގައި ބަހައްޓާފައި ހުއްޓެވެ. އެގޮޑި ކޮޅުގެ ދެފަރާތުގައި އިއްޒަތްތެރި މެހެމާނުން އިށީދެވަޑައިގަންނަވާ ގޮޑިކޮޅުތައް އަތުރާފައި ހުއްޓެވެ. ކުޅިވަރުތައް ކުޅުމަށް ޚާއްސަ ކުރެވިފައިވާ ތަނަވަސް މައިދާނުގެ ތަންކޮޅެއް ދުރުގައި މެހްމާނުންނަށްޓަކައި ރީތި ފޭލިގެތައް ޖަހާފައިހުއްޓެވެ. މިފޭލިގެތަކުން ނެއްޓި އެއްފަރާތެއްގައި ޞަލާޙުއްދީން އައްޔޫބީއަށް ޚާއްސަ ކުރެވިފައިވާ ފޭލިގެ ހުއްޓެވެ. އެއީ އެމަނިކުފާނު ރޭގަޑު ވެއަތު ކުރެއްވުމަށް ހަމަޖެހިފައިވާ ފޭލިގެއެވެ. ވީމާ އެރެއަށް އިރު އޮއްސުމުގެ ކުރިން ޢަލީ ބިން ސުފިޔާން އެތަނަށް ވަޑައިގެން މި ދެންނެވި ޚާއްސަ ފޭލިގޭގެ ވަށައިގެން ބޮޑީ ގާޑުން ބައިތިއްބެވިއެވެ. ޢަލީ ބިން ސުފިޔާން ބޮޑީގާޑުންގެ ކަންތައް ހަމަޖައްސަވަމުން ގެންދެވިއިރު ނާޖީ ސިއްރުގޮތުގައި ޒަކޯއީއާއި ބައްދަލުކޮށް އެންމެފަހުގެ ވަސިއްޔަތް ކުރަމުން ގެންދިޔައެވެ. އެރެއަށް އިރު އޮއްސުނުއިރު ޒަކޯއީގެ ރީތިކަން އެތަކެއް ގުނައަކަށް އިތުރު ކުރުވާފައި ހުއްޓެވެ. ސިހުރުގެ އަސަރު އެކުލެވިފައިވާ މަޑު މަޑު މީރުވަހެއް އޭނާގެ ހަށިގަޑުން ދުވަ ދުވާ ހުއްޓެވެ. ފޭރާމުން މަހްރޫމްވެފައިވާ ކޮޑު މައްޗަށް އޭނާގެ ފަށުވި އިސްތަށިގަޑު ވިހުރުވާލާފައި އޮތެވެ. އެއިސްތަށިގަޑުގައި ބޮޑެތި ބޮޑެތި އަޅުވެރިންގެ ނަޒަރުތައްވެސް ހަފުސް ކޮށްލާފަދަ ހިތްގައިމުކަން ހުއްޓެވެ. އެނާ އަޅައިގެން ހުރި ހެދުމުގެ ތުނިކަމުން ހަށިގަޑުގެ ވަނާތައް ފާޅުވޭވެ ހުއްޓެވެ. އޭނާގެ ތުންފަތް މަތީގައި ހުރި ޤުދުރަތީ ފަރިކަން ފޮޅިލުމަށް ތައްޔާރުވެފައި އިން މަލެކޭ އެއްފަދައެވެ.
ފަރިކަމާއި ލޫޅާފަތި ކަމުގެ ދެވަނައެއް ނެތްފަދަ އެރީތި އަންހެންކުއްޖާ އާއި ދިމާއަށް ބަލައިލާފައި ނާޖީ ބުންޏެވެ. ”ކަލޭގެ ޖިސްމާނީ ރީތިކަމުން ޞަލާޙުއްދީން އައްޔޫބީއަށް އަސަރު ނުކޮށްފިނަމަ ދުލުގެ ބޭނުން ހިފާށެވެ. މި ހުރިހާ ދުވަސްވަންދެން އަހަރެން ކަލެއަށް ދަސްކޮށްދިން ފިލާވަޅުތައް ހަދާން ނައްތާނުލާށެވެ. އެމަނިކުފާނުގެ އަރިހަށް ދެވުނީމާ އެމަނިކުފާނުގެ ކަނީޒަކަށް ނުވާށެވެ. ގަސްކައިރީގައި ހުންނައިރު ލޮލަށް ފެނިފާ ގަހަށް އެރީމާ ހެއްލޭކަހަލަ އިންސި މޮލަކަށް ވެގެން އިނުމަށް ހަދާން ނައްތާ ނުލާށެވެ. ކަލޭގެ ފައިތިލާގެ ދަށުގައި އެމަނިކުފާނު ވަޑުވާށެވެ. ކަލެއަށް އެހިލަގަޑު ފެނަށް ހަދާ ލިވިދާނޭ ކަމުގައި އަހަރެން ޔަގީން ކޮށްދެމެވެ. ކިލިޔޮޕަޓްރާ އަކީވެސް ދުނިޔޭގެ ބިމުގައި އުފަންވި އަންހެނެކެވެ. އޭނާގެ ޒުވާން ކަމާއި ރީތިކަމުގެ ސިހުރުގައި ޖައްސައިގެން ޖޫލިއަސް ސީޒާރ ކަހަލަ އެކަތައިގެ އިންސާނަކުވެސް އުއްގަޑެއް ފަދައިން ވިރުވާލާފައި މިސްރުގެ ހިލަބިންގަޑަށް އޮހޮރުވާލިއެވެ. ހަދާން ކުރާށެވެ. މިބުނި ކިލިޔޮޕަޓްރާއަކީ ކަލެއަށް ވުރެ ވަކިން ރީތި އަންހެނެއް ނޫނެވެ. އަހަރެން ކަލެއަށް މިދިން ފިލާވަޅުތަކަކީ ކިލިޔޮޕެޓްރާގެ ރޭވުންތަކުން ނަގައިދިން ފިލާވަޅުތަކެކެވެ. އަންހެނުންގެ މިފަދަ ރޭވުންތަކާއި އާދަތައް ފަހަރެއްގައިވެސް ނާކާމިޔާބެއް ނުވާނެއެވެ.“ ޒަކޯއީ ހިނިތުންވެގެން ހުރެ ނާޖީގެ ވާހަކަތައް އަޑުއަހަމުން ގެންދިޔައެވެ. – މިސްރުގެ ބިންގަޑުން ދެވަނަ ކިލިޔޮޕަޓްރާ އެއް އުފަން ވެއްޖެއެވެ. – މިސްރުގެ ތާރީޚް އަބުރާ އިޢާދަވުމުގެ ދުވަސް އަންނަނީއެވެ. – ނާޖީ ހިތާ ހިތާ ކިޔާލިއެވެ.
އިރުއޮއްސުމާ އެކު ކޮރުދަންތަކުގައި ރޯކޮށްލެވިއްޖެއެވެ. ޞަލާޙުއްދީން އައްޔޫބީ އަސްމައްޗަށް ސަވާރުވެ ވަޑައިގެން ވަޑައިގަންނަވާ މައިދާންއަށް ނިކުމެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ ވާތް ކަނާތްޕުޅު ފަރާތުގައާއި ކުރިފުޅު މަތީގައާއި ފަހަތްޕުޅުގައި ޚާއްސަ ބޮޑީ ގާޑުންތައް އަސް މައްޗަށް ސަވާރުވެގެން ތިއްބެވެ. އެރެއަށްޓަކައި ޞަލާޙުއްދީން އައްޔޫބީއަށް ޚާއްސަ ކުރެވުނު ފޭލިގޭގެ ކައިރީގައި ބޭތިއްބެވީވެސް މިބައިމީހުންގެ ތެރެއިން ޢަލީ ބިން ސުފިޔާން ހޮއްވެވި ދިހަ މީހުންނެވެ.
ޞަލާޙުއްދީން އައްޔޫބީ ފެނުމައިއެކު ބެރުދުންމާރި ތާޅަފިލީގައި އިސްތިޤްބާލްގެ ރާގު ކުޅެން ފަށައިފިއެވެ. މަރުހަބާގެ އަޑު ގުގުމާލާފިއެވެ. ”މިޞުރުގެ އަމީރު ޞަލާޙުއްދީން އައްޔޫބީއަށް މަރުހަބާއެވެ.“ އެއަޑު ފަށްގަޑުގެ ތެރޭގައި ނާޖީ ކުރިއަށް ޖެހިލާފައި އެމަނިކުފާނާއި ބައްދަލު ކުރަމުން ދެންނެވިއެވެ. ”މަނިކުފާނަށްޓަކައި ނިކަމެތި އަޅުގަޑުގެ ޖާނު ޤުރުބާނެވެ. މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކުރައްވާ މާތްސާހިބާއަށް މިތިބަ އެންމެން މަރުހަބާ ދަންނަވައެވެ. – މިބައިމީހުންގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ދެކެވަޑައިގެން ބައްލަވާށެވެ. – މަނިކުފާނު ކުރައްވާ އެންމެ އިޝާރާތަކަށްވެސް ޖާނުތައް ޤުރުބާން ކޮށްލަން އެތިބީ ތައްޔާރުގައެވެ.“ ޚުޝާމަދު ކުރުމުގެ ގޮތުން ނާޖީގެ ދުލަށް އައިހާ އެއްޗެއް ކިޔަމުން ގެންދިޔައެވެ.
ޚާއްސަ ގޮޑި ކޮޅުގައި ޞަލާޙުއްދީން އައްޔޫބީ އިށީދެވަޑައިގަތުމާ އެކު ކަޑަބޮއް ޖަހާފައި ދުވަމުން އަންނަ އަސްތަކެއްގެ އަޑު އިވެންފަށައިފިއެވެ. މައިދާނުގެ ދެކޮޅުން ދުއްވާފައި އައި އަސްތައް ކޮރުދަށްތަކުގެ އަލިފޯރާ ފަށަށް އައުމުން ބަލައިލިއިރު އެއިން ކޮންމެ ފަރާތެއްގައި ހަތަރު އަސްވާރުން ތިއްބެވެ. އެބައިމީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނެތެވެ. ކޮންމެ ސަވާރަކުވެސް އަންނަނީ އަނެއް ސަވާރަކާއި ކުރިމަތިލައިގެންނެވެ. އެއަންނަގޮތަށް އަންނަނީނަމަ އެއްއަސްވާރަކު އަނެއް އަސްވާރެއްގައި ލައިގަންނާނޭކަން ޔަގީނެވެ. އެކަމަކު އެއަސްވާރުންތައް ކުރަން އުޅޭ ކަމެއް އަދި ހަމަ އެކަކަށްވެސް ނޭގެއެވެ. އެންމެން ހައިރާންވެގެން ބަލަން ތިއްބާ ދެފަރާތުގެ އަސްވާރުންތައް އަސްދުއްވަމުން އައިސް އެއްބަޔަކު އަނެއްބަޔަކާއި ކައިރިވެގެން ދިޔަ ވަގުތު އަސްތަކުގެ ރިކާބު ތަކުގައި ފައި އަޅުވާލާފައި އެންމެން އެއް ފަހަރާ އަސްމައްޗަށް ކޮޅަށް ތެދުވެއްޖެއެވެ. އެއްއަތުން ލަގަނުގައި ހިފަހައްޓާފައި އަނެއްއަތް ދަމާލައިފިއެވެ. ދެކޮޅުން އައި ދެބައިމީހުން އަސްމަތީގައި ތިބެގެން ހިފާ އޮޅުލަން ފަށައިފިއެވެ. އެމީހަކާއި ކުރިމަތިލީ މީހަކު އަލުން ވައްޓާލެވޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. މިގޮތަށް ހިފާ އޮޅުލަމުން އަސްވާރުންތައް ކުރިއަށް އަރައިގެން ދިޔަ ބޮޑީގައި އޭގެ ތެރެއިން ދެމީހަކު އަހުން ނައްޓާލައިގެން ވެއްޓި ބިންމަތީގައި ފުރޮޅެމުން ދާންފަށައިފިއެވެ. ނުވެއްޓި ސަލާމަތްވީ މީހުންގެ ތެރެއިން އެކަކު އޭނާއާއި ކުރިމަތިލި އަސްވާރު އަސްމަތިން ލުއްސާލައިގެން އޭނާގެ އަހުގައި ބައިންދައިގެން ކުރިއަށްދާން ފަށައިފިއެވެ. ހީވަނީ ޤިޔާމަތް ލައިގަނެގެން އުޅޭހެންނެވެ. އަޑުފަށްގަޑު ގަދަވެގެންގޮސް އެމީހެއްގެ އަމިއްލަ އަޑުވެސް އެމީހަކަށް ވަކި ކުރަން އެގޭ ވަރެއް ނޫނެވެ.
ފުރަތަމަ ނިކުތް އަސްވާރުން އަސް ދުއްވާފައި ގޮސް އަދިރީގެ ތެރެއަށް ގެއްލުމުން އަނެއްކާވެސް އެހެން ބަޔަކު ނިކުމެއްޖެއެވެ. އެގޮތަށް އަނެއްކާ ބުރު ނިންމާލުމަށްފަހު ދެން އޮތީ ޖަމަލުމަތީގައި ކުޅަދާނަ ކަން ދެއްކުމެވެ. މިހެންގޮސް ކަނޑިހަގުރާމައާއި، ހަތިޔާރަކާއިނުލާ ބަނޑު މުސާރައަސް ބެއްދުންފަދަ ކުޅިވަރުތައް ކުޅެވުނެވެ. މި ނުރައްކާތެރި ކުޅިވަރުތަކުގައި ބައިވެރިވި ސިފައިންގެ ތެރެއިން އެތަކެއް މީހުން ޒަޚަމްވިއެވެ. ޞަލާޙުއްދީން އައްޔޫބީ ބިރުފުޅުގެންވަޑައިގަތުމެއް ނެތި ހައިބަތުކަމާ އެކު މި ކުޅިވަރުތައް ބައްލަވަން އިންނެވިއެވެ. އެމަނިކުފާނު އިސްލާމް ދީނަށްޓަކައި ކުރައްވާ ޖިހާދުގައި ބޭނުން ފުޅުވެވަޑައިގަންނަވަނީ އެކަހަލަ ހިތްވަރުގަދަ ފަހުލަވާނުންނެވެ. ވުމާއެކު އެރޭ މައިދާނުގައި ހެވިކަމުގެ ކުޅިވަރުތައް ދެއްކި ސިފައިންގެ ހިތްވަރާއި ކުޅަދާނަކަން ދެކެވަޑައިގެންފައި ޢަލީ ބިން ސުފިޔާންގެ ކަންފަތްޕުޅު ކައިރީގައި އެމަނިކުފާނު ވިދާޅުވިއެވެ. ”މިބައިމީހުންގެ ކިބައިގާ އިސްލާމީ ޖޯޝް ހުރިނަމަ ހަމައެކަނި މިބައިމީހުން ގޮވައިގެން ގޮސް އަހަރެންނަށް ޞަލީބީން ކުޑަކަކޫ ޖައްސާލެވިދާނެއެވެ.“
މިއަޑު އިވިވަޑައިގަތުމުން ޢަލީ ބިން ސުފިޔާން ކުރިންވެސް އެރުވި ލަފާފުޅު މިފަހަރުވެސް ޞަލާޙުއްދީން އައްޔޫބީއަށް އެރުވިއެވެ. ”ނާޖީ މަޤާމުން ދުރުކުރައްވައިފިނަމަ ތިޔަ ވިދާޅުވާ ޖޯޝްވެސް އެބައިމީހުންގެ ކިބައިގާ އުފެއްދެވިދާނެއެވެ.“
ޢަލީ ބިން ސުފިޔާން އެ ވިދާޅުވަނީ ކިތަންމެ ބޮޑު ތެދުފުޅަކަށްވިޔަސް އެގޮތަށް އަމަލުކުރައްވާކަށް ޞަލާޙުއްދީން އައްޔޫބީ ޤަސްދެއް ނުކުރައްވައެވެ. އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ ނާޖީފަދަ ވިސްނުން ތޫނު ބުއްދިވެރި ތަޖްރިބާކާރުވެރިއަކު މަޤާމުން ދުރު ކުރެއްވުމުގެ ބަދަލުގައި އޭނާ އިސްލާހް ކުރައްވާ ތެދުމަގަށް ގެންނެވުމަށެވެ. އެމަނިކުފާނު މިރޭ އެ މައިދާނަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީވެސް އަމަލީ މައިދާނުގައި ނާޖީގެ ލަޝްކަރުގެ ފެންވަރު ހުރި ވަރެއް އަމިއްލަ ލޯފުޅުން ދެކެވަޑައި ގަތުމެވެ. އެ ހަފްލާގައި ސިފައިންގެ ކޮމާންޑަރުން ރާ ބުއިމާއި އަންހެން ކުދިންގެ ނެށުމުގެ ޕްރޮގްރާމް އެއް ބާއްވަން ނާޖީ އެދުމުން ހުއްދަ ދެއްވީ ލަޝްކަރުގެ މީހުން އުފަލާއި މަޖަލުގެ ތެރެއަށް ގެބިފައިވާވަރު ބެއްލެވުމަށެވެ.
ހިތްވަރުގަދަކަމާއި، ސަވާރުވުމާއި، ކަނޑިހަގުރާމަ އާއި އެނޫންވެސް ހެވިކަމުގެ ހުރިހާ ފަންނެއްގައި ހަގުރާމަވެރި ނަޒަރަކުން ބަލައިފިނަމަވެސް ލަޝްކަރުގެ އެންމެންނަކީ އެކަށީގެންވާ މޮޅު ބަޔަކަށް ވިޔަސް ކެއުމުގެ ވަގުތުގައި އެބައިމީހުންނަކީ ގޮތެއް ފޮތެއް ނެތް ބަޔަކުކަމުގައިވިއެވެ. ހުރުމަތެއް ނެތި ރާބުއިމާއި ހަޅޭއްފަޅޭއްލެވުމާއި، އަދަބާއި އަޚްލާޤުން އެއްކިބާ ވެގެންދާފަދަ ހުތުރު އަމަލުތައް އެމީހުންގެ ކިބައިން ފެނިގެން ދިޔައެވެ. – އެރޭގެ ވަލީމާގެ ކަންތައް އިންތިޒާމު ކޮށްފައިއޮތީ ތަނަވަސް ބޮޑު މައިދާނެއްގައެވެ. އެއްފަރާތެއްގައި ލަޝްކަރުގެ ދަށުދަރަޖައިގެ މީހުންނަށް ތައްޔާރު ކޮށްފައިހުރި އިރު އެއްވެސް އުދަގުލެއްނެތި ދެހާސް މީހުންނަށް އެއްފަހަރާ ކެވޭގޮތަށް އިންތިޒާމް ކުރެވިފައި ވެއެވެ. ތަންކޮޅެއް ދުރުގައި ޞަލާޙުއްދީން އައްޔޫބީއާއި އެހެނިހެން އިއްޒަތްތެރިންގެ ފަރިއްކޮޅު ތައްޔާރުކޮށްފައި ހުއްޓެވެ. – ކުކުޅާ، ބަކަރިއާ، ގެރިއާ، ޖަމަލުފަދަ ކާންބޭނުންކުރާ ހުރިހާ ވައްތަރެއްގެ އެއްގަމު މަހާއި ކަޑުމަސް ފިހެފާ، ތެތްލާފާ ހަނާކޮށްފާ، ރޯސްކޮށްފާ ހުއްޓެވެ. އެހެނިހެން ސާމާނުގެ ވާހަކަ ދައްކާނެ ކަމެއްނެތެވެ. ކޮންމެ ވައްތަރަކުންވެސް ނަންހުސްކޮށް ތައްޔާރުކޮށްފައި ހުއްޓެވެ. ސިފައިންގެ މީހުންނަށްޓަކައި ޚާއްސަ ތަނެއްގައި ކުދި ކުދި ބިއްލޫރިތަށިތަކާއި ރާދޯރުތައް އަތުރާފައި ހުއްޓެވެ. މިފަދަ ފުރިހަމަ ވަލީމާއެއްގައި ސިފައިންގެ މީހުންތައް އެ އުޅެގަތް ގޮތް ބުނެދޭންވެސް ނޭގެއެވެ. ކާތަކެތީގެ މައްޗަށް ޖަހިގަންނައިރު ހީވަނީ އެހެންކަމެއްހެންނެވެ. ރަލުގެ ކޯވަރުތައް ދިރުވާލާއިރު ދުރުގައި ހުންނަ މީހާއަށްވެސް ރީތިކޮށް އަޑުއިވެއެވެ. ރޯގިލި ކަންފުޅެއް ނުވެފާ ތިބިބައެކޭ އެމީހުންނެކޭ އެއްވެސް ތަފާތެއް ނެތެވެ. ޞަލާޙުއްދީން އައްޔޫބީ ހަމަހިމޭން ކަމާއެކު މި މަންޒަރު ބައްލަވަން އިންނެވިއެވެ. އެހެން އިންނެވިއިރު އެމަނިކުފާނުގެ ހިތްޕުޅަށް އަރާފައިބަމުން ދާއެއްޗެއް މޫނުފުޅުގެ މަތިން ފާޅުވިޔަކަ ނުދެއްވައެވެ. އެމީހުންގެ އެ ހައިޖާނީ ކަންތައްގަޑު ފެނިވަޑައިގަތުމުން އެމަނިކުފާނު ނާޖީއާއި ކޮށްލެއްވީ ހަމަ އެންމެ ސުވާލެކެވެ.
”އަހަރެމެންގެ ލަޝްކަރުގައި އެކުލެވޭ ފަންސާސްހާސް ސިފައިންގެ ތެރެއިން މިރޭ މިތަނަށް އައުމަށް ދައުވަތު ދޭން ހަމައެކަނި މިބައިމީހުން އިންތިޚާބް ކުރީ ކޮންގޮތަކަށް ބަލާފައި ހެއްޔެވެ؟ ….. މިއީ ލަޝްކަރުގައި ތިބި އެންމެ ވިޔާނުދާ މީހުން ހެއްޔެވެ؟“
”ނޫނެކެވެ. މާތް އަމީރު، މިޞުރެވެ.“ ނިކަމެތި އަޅަކުފަދައިން ނާޖީ ދެންނެވިއެވެ. “ މި ދެހާސް މީހުންނަކީ ލަޝްކަރުގެ އެންމެ ޚާއްސަ މީހުންނެވެ. މިބައިމީހުންގެ މޮޅުކަމާއި ކުޅަދާނަކަން މަނިކުފާނު ދެކެވަޑައިގެންފީމުއެވެ. މިބައިމީހުންގެ ހިތްވަރުގަދަކަން ވަޒަން ކުރައްވައިފީމުއެވެ. އަޅުގަޑުގެ މި މޮޅު ލަޝްކަރު ހަގުރާމައިގެ މައިދާނަކަށް ފައިބައިފިނަމަ މަނިކުފާނު ހައިރާންފުޅުވެވަޑައިގަންނަވާނެއެވެ. ވުމާއެކު، މިބައިމީހުންގެ ފަރާތުން ފެނިވަޑައިގަންނަވާ ކުދި ކުދި އުނި ސިފަތަކަށް ސަމާލުވެވަޑައިނުގަންނަވާށެވެ. މިހާރުވެސް މަނިކުފާނު އިޝާރާތެއް ކޮށްލައްވައިފިނަމަ އަމިއްލަ ފުރާނަތަކުން ޤުރުބާން ވުމަށް މިމީހުން ތިބޭނީ ތައްޔާރުގައެވެ. މާތް މަނިކުފާނެވެ. ބައެއް ފަހަރު މިބައިމީހުންނަށް އަޅުގަޑު ޗުއްޓީދެނީވެސް މަރުވުމުގެ ކުރިން ދުނިޔޭގައި މަޖާތައް ފުރިހަމައަށް ހާސިލްކުރާނޭ ފުރުސަތު ދިނުމަށްޓަކައެވެ.“
ނާޖީ ދެންނެވި ވާހަކަތަކަށް ޞަލާޙުއްދީން އައްޔޫބީ ވަކި ޖަވާބެއް ނުދެއްވާ އިންނަވާފައި އެތަނަށް ހާޒިރްވެތިބި މެހެމާނުންނާއި ދިމާއަށް އެނާ ދިއުމުން ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި އެމަނިކުފާނު ވިދާޅުވިއެވެ. ”އަޅުގަޑު ބަލަން ބޭނުން ކަންތައްތައް ބަލާ ނިމިއްޖެއެވެ. ސޫދާނުގެ ލަޝްކަރުގެ މީހުންނަކީ ރާ ބުއިމާއި ހައިޖާނު އުފެއްދުމަށް އާދަ ވެފާ ތިބި ބައެކެވެ. މަނިކުފާނު ވިދާޅުވީ އެބައިމީހުންގެ ކިބައިގާ ދީނީ ޖޯޝް ނެތް ވާހަކައެވެ. އެއީ ތެދުފުޅެކެވެ. ދީނީ ޖޯޝް ފިޔަވާ ހަރުދަނާ އަޚްލާޤެއްވެސް އެމީހުންގެ ކިބައަކު ނެތެވެ. އެބައިމީހުން ގޮވައިގެން މަނިކުފާނު ހަގުރާމައިގެ މައިދާނަކަށް ވަޑައިގެންފިނަމަ ހަގުރާމަ ކުރުމުގެ ބަދަލުގައި ފުރާނަ ސަލާމަތް ކޮށްގެން ފިލާނޭ ގޮތަކާއި ދޭތެރޭގައި ފިކުރު ކޮށްކޮށް ތިބޭނެއެވެ. ޣަނީމާ މުދާތައް ލޫޓުވާނެއެވެ. އަސީރު ކުރެވޭ އަންހެނުންނާ އެކުގައި ފާހިޝް އަމަލްތައް ކުރާނެއެވެ.“
”ތިޔަ ބަލީގެ ފަރުވާ އަޅުގަޑު ދަންނަވާފާނަމެވެ.“ ޢަލީ ބިން ސުފިޔާން ދެންނެވިއެވެ. ”ތަފާތު ހިސާބުތަކުން ހޮއްވަވައިގެން މަނިކުފާނު ތައްޔާރު ކުރެއްވި ލަޝްކަރު ސޫދާނުގެ ފަންސާސްހާސް ސިފައިން އެކުލެވޭ ލަޝްކަރާއި އެއްކުރައްވާށެވެ. – އޭރުން ވިޔާނުދާ އާދަތައް ހިފިފާތިބި ސިފައިން ރަގަޅު މީހުންނާ އެކުވެ އެކަތިގަޑަކަށް ވުމުން އާދަ ރަގަޅު ވެދާނެއެވެ.“
ޞަލާޙުއްދީން އައްޔޫބީ ހިނިފުޅުވަޑުވާ ލައްވާފައި ޢަލީ ބިން ސުފިޔާންއަށް ވިދާޅުވިއެވެ. އަޅުގަޑުގެ ހިތުގެ ސިއްރު މަނިކުފާނަށް އެގިވަޑައިގަންނަވާ ކަމުގައި ހީވިއެވެ. ތިޔަވިދާޅުވީ ހަމަ އަޅުގަޑުވެސް ޤަސްތު ކުރާ ގޮތެވެ. އެކަމަކު އަދި ތިޔަ ވާހަކަ މަނިކުފާނަށް ދަންނަވަން ނުފެންނާތީ ނުދަންނަވާ އޮތީއެވެ. ވީމާ، މަނިކުފާނުވެސް ތިޔަ ވާހަކަ އެހެންމީހެއްގެ ގާތުގައި ވިދާޅުނުވާށެވެ.“
އެހެން މީހުންގެ ހިތުގައި އޮންނަ ސިއްރު ދެނެވަޑައިގަތުމަކީ ޢަލީ ބިން ސުފިޔާންގެ ކިބައިގާ ހުންނަ ވަރަށް ޚާއްސަ ސިފަފުޅެކެވެ. ހަމައެފަދައިން އެމަނިކުފާނަކީ އާދަޔާ ޚިލާފަށް ވިސްނުންފުޅު ތޫނު ބޭފުޅެއްވެސްމެއެވެ.
ޢަލީ ބިން ސުފިޔާން ދައްކަވަމުން ގެންދެވި ވާހަކަފުޅު ކުރިއަށް ގެންދެވުމަށްޓަކައި އެއްޗެއް ވިދާޅުވުމުގެ ބޭނުންފުޅުގައި އަގަފުޅު ހުޅުވާލެއްވިތަނާ ކުއްލިއަކަށް ކޮރުދަންތަކުގެ އަލި ގަދަވެގެން ހިގައްޖެއެވެ. ބިންމަތީގައި އަގުބޮޑު ދޫލައެއް ފަތުރާލެވިއްޖެއެވެ. ދުންމާރިތަކާއި ތާޅަފިލިތަކުގައި ހިތްގައިމު ރާގެއް އާޅުވާ ލެވިއްޖެއެވެ. އެންމެންގެ މެދުގައި ފުން ހަމަހިމޭން ކަމެއް ފެތުރިއްޖެއެވެ. މައިދާނުގައި އެއްފަރާތަކުން ސަފުހަދާލާފާ ނިކުތް ނަށާ އަންހެން ކުދިންތަކެއް ފެނިއްޖެއެވެ. އެއީ އެންމެ މޮޅު އެންމެ ތުނި ފަށުވި ފޭރާމުން ނަލަ ހެދި ޒީނަތްތެރިވެގެން ތިބި ޅަނދޮޅު ޅަނބާޅަ ވިއްސަކަށްކުދިންނެވެ. އެކި ކުދިން އަޅައިގެންތިބީ އެކި ކުލައިގެ ހެދުމެވެ. ފައިގެ ފުންނާބާއި ހަމައަށް ފޯރާވަރަށް ފަހާފައިހުރި ގަޔަށް ދޫ ހެދުންތަކުގައި ސަހަރާގެ ލުއިލުއި ވައިރޯޅިތައް ބީހިލުމުން ހީވަނީ މައު އޮފިތަކެއް ޖައްވުގެ ތެރޭގައި ވިހުރުވެމުން އަންނަހެންނެވެ. – އެކުދިން އަޅައިގެން ތިބި ހެދުމުގެ ކުލައާއި މޫނުތަކުގެ ބައްޓަންތައް ތަފާތު ނަމަވެސް ހަށިތަކުގެ ލޫޅާފަތިކަމާއި ހަރަކާތްތައް މުޅިން އެއްގޮތެވެ. – ހާމަ އަތްދަޑިތަކުން ނެށުމުގެ ފާޑު ދައްކަމުން ކުރިއަށް އަންއިރު އެކުދިން ފިޔަވަޅު އަޅާތީ އެއް ނުފެނެއެވެ. ހީވަނީ ވައިރޯޅިއާއި އެކުވެގެން އަންނަ ބާނިތަކެއް ހެންނެވެ.
އަންހެންކުދިން މައިދާނުގެ މެދަށް އައިސް ފަޅި ދާއިރާއެއްހެން ހުއްޓިފާ ޞަލާޙުއްދީން އައްޔޫބީ އިންނެވި ދިމާއަށް އެބުރި އަދަބު އަދާކުރުމުގެ ގޮތުން ގުދުވެލާފިއެވެ. މި ހަރަކާތުގެ ސަބަބުން ހުރިހާ ކުދިންގެ އިސްތަށިގަޑުތައް ކޮޑުތަކުގެ މައްޗަށް ވިހުރުވިގެން ހިގައްޖެއެވެ. އެވަގުތު މިއުޒިކް ކުޅޭ މީހުން އަންހެން ކުދިންގެ އިސްތަށިގަޑުތަކާއި ހަށިތަކުގެ ސިހުރުވެރިކަން އިތުރުކޮށްލައިފިއެވެ. – އިރުކޮޅެއްގެ ފަހުން ހަމަ އެދިމާއިން ހައިބަ ބޮޑު ދެބަބުރުން ދައްކާލައިފިއެވެ. ޗީތާގެ ހަން އަދެގެން ހުސްގަޔާތިބި ދެބަބުރުން ބޮޑު ޓުކުރިއެއް ހިފައިގެން އައިސް އަންހެން ކުދިން ހަދައިގެން ތިބި ފަޅި ދާއިރާގެ ކުރިމަތީގައި ބަހައްޓާފައި އެބުރި ހިގައްޖެއެވެ. އެމީހުން ދިއުމާއެކު ހަރުފަ ނައްޓަން ރާގުފުމޭ މީހުން އެމީހުންގެ ދުންމާރިތަކުގައި ރާގު އަޅުވާލައިފިއެވެ. އެ އަޑު ޖައްވުގެ ތެރެއަށް އަރައިގެން ދިޔަވަގުތު އެ ބޮޑު ޓުކުރީގެ ތެރެއިން ނުފޮޅޭ މަލެއް މަޑުމަޑުން މައްޗަށް އަރަމުންގޮސް ވަކިވި ހިސާބަކަށް އަރާފާ ފޮޅިލައިފިއެވެ. – ބަލަބަލާތިއްބާ މަލުގެ ތެރެއިން އަންހެން ކުއްޖެއްގެ ހަނދެއްފަދަ މޫނު ދައްކާލައިފިއެވެ. – ރަތްވިލާ ދަޅަ އެޅިފާއޮތް އުދަރެހަކުން ހަނދު އަރަމުން އަންނަ ފަދައިން ވަރަށް މަޑުމަޑުން އެ ކުއްޖާ ތެދުވަން ފަށައިފިއެވެ. – ރީތި ކަމާއި ޝާއްބަކަން ފުރިހަމަވެފައިވާ އެ އަންހެން ކުއްޖާއަކީ ދުނިޔެ މަތީގެ ކުއްޖެއްހެނެއް ހީއެއް ނުވެއެވެ. އޭނާގެ ހިނިތުންވުމުގައިވެސް ޖިސްމާނީ ގޮތެއް ނެތެވެ. އޭނާގެ އިސްތަށިގަޑުގައި އެހެރަ ވިދުވަރެއް މިޞުރުގެ އެއްވެސް އަންހެން ކުއްޖެއްގެ އިސްތަށިގަޑެއްގައި ނުހުރެއެވެ. ކޮންމެ އަކަސް އެ ރީތި އަންހެން ކުއްޖާ މަލުގެ ފިޔަތަކުގެ ތެރެއިން ނިކުމެ ބިންމަތީގައި ފައިތިލަ ޖައްސާލިވަގުތު ހަށިގަޑަށް އެ ލައްވާލި ބަނޑިއެއްގެ ސަބަބުން ކުޅި ބަލާ މީހުން ހައިރާންވެ އަންތަރީސްވިއެވެ.
ޢަލީ ބިން ސުފިޔާން އަންހެން ކުއްޖާއާއި ދިމާއަށް ބައްލަވައި ލައްވާފައި ޞަލާޙުއްދީން އައްޔޫބީއާއި ދިމާއަށް އެބުރި ވަޑައިގެން ހިނިފުޅުވަޑުވާލެއްވުމުން ހަމައެގޮތަށް ހިނިފުޅުވަޑުވާލައްވާފައި ޢަލީގެ ކަންފަތްޕުޅު ކައިރިއަށް ގުދުވެ ވަޑައިގެންފާ މަޑުމަޑުން ވިދާޅުވެލެއްވިއެވެ. ”އެ އަންހެން ކުއްޖާ އެހާ ފުރިހަމަވާނޭކަމަކަށް އަޅުގަޑު ހިތަކަށް ނާރައެވެ.“
އެހާ ތަނުން ނާޖީ އައިސް އެމަނިކުފާނުގެ އަރިހަށް ހުއްޓިފާ ދެންނެވިއެވެ. “ އަމީރު މިޞުރުގެ އިއްޒަތް މެތިވެރި ކުރައްވާށިއެވެ. އެ އަންހެން ކުއްޖާގެ ނަމަކީ ޒަކޯއީއެވެ. ސިކަންދަރިއްޔާއިން އަޅުގަޑު އޭނާ ގެނައީ ހަމަ އެކަނި މަނިކުފާނަށްޓަކައެވެ. އެއީ ނެށުމުގެ ވިޔަފާރި ކުރާ ކުއްޖެއް ނޫނެވެ. އިއްފަތްތެރިކަން ވިއްކާ ކުއްޖެއްވެސް ނޫނެވެ. ނެށުމަކީ އޭނާ ލޯބިކުރާ ފަންނެކެވެ. ނަށަނީ އެނާގެ ޝައުޤެއް ފުރިހަމަކޮށްލުމުގެ ގޮތުންނެވެ. މަހެފިލަށް ގޮސް އުޅުމަކީ އޭނާ ކުރާ ކަމެއްނޫނެވެ. އޭނާގެ ބައްޕައަކީ އަޅުގަޑު ދަންނަ މީހެކެވެ. އެއީ ކަނޑުގެ އައްސޭރީގައި މަހުގެ ވިޔަފާރި ކުރާ މީހެކެވެ. މި އަންހެން ކުއްޖާއަކީ މަނިކުފާނަށް އިހްތިރާމް ކުރާ ކުއްޖެކެވެ. މަނިކުފާނަކީ ރަސޫލެއް ކަމުގައި ޔަގީން ކޮށްގެން އިން ކުއްޖެކެވެ. އަޅުގަޑަށް އެ އަންހެން ކުއްޖާއާއި ބައްދަލުވެވުނީ ދިމާވި އިއްތިފާގަކުންނެވެ. ކޮންމެވެސް ކަމަކު އޭނާގެ ބައްޕައާއި ބައްދަލުވާން އަޅުގަޑު ދިޔަދުވަހަކު ޞަލާޙުއްދީން އައްޔޫބީ އަމީރުވެވަޑައިގެންނެވި ވާހަކަ އެހީމޭ ބުންޏެވެ. ﷲ އަށްޓަކައި އެމަނިކުފާނާއި ބައްދަލު ކޮށްދޭށޭ ބުނެ އާދޭސްކުރިއެވެ. – މަނިކުފާނަށް ހަދިޔާ ކުރުމަށްޓަކައި އޭނާގެ ހަށިގަޑައި ނެށުމުގެ ފަންނު ފިޔަވައި އެހެން އެއްވެސް އެއްޗެއް އޭނާގެ އަތުގައި ނެތްކަމުގައިވެސް ބުންޏެވެ. އިއްޒަތްތެރި ޤަދަރުވެރި މުހްތަރިމް އަމީރެވެ. މި ހަފްލާގައި ނެށުމާއި ލަވަ ކިއުމުގެ ހުއްދައަށް އަޅުގަޑު އެދުނީ މި އަންހެން ކުއްޖާ މަނިކުފާނުގެ ކުރިފުޅު މައްޗަށް ގެނައުމުގެ ބޭނުމުގައެވެ.“
”އަހަރެމެންގެ ކުރިމަތީގައި އަންހެން ކުދިން އޮރިޔާން ނެށުން ނަށައިގެން ނުވާނޭކަމާއި އެފަދަ ނެށުންތައް ބެލުމަކީ އަހަރެންގެ ހިތް ރުހޭ ކަމެއްނޫންކަން އޭނާއަށް އަންގައި އޮޅުން ފިލުވަދިނީމުހެއްޔެވެ؟“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ”ނަމަކަށް ފޭރާން ލައްވައިފައި މިތަނަށް ނެރެފާ އެތިބަ އަންހެން ކުދިން އެތިބީ އެބައިމީހުންގެ އައުރަ ނިވާ ނުކޮށެވެ. މުޅިން އޮރިޔާން ހާލުގައެވެ.“
”މަތިވެރި އަމީރެވެ.“ ލަދުވެތިކަމާއި އެކު ނާޖީ ޖަވާބު އެރުވިއެވެ. ”މިޞުރުގެ އަމީރު އަންހެން ކުދިންގެ ނެށުން ދެކެވަޑައިގަތުމަށް ރުހިވަޑައި ނުގަންނަވާނެ ކަމުގައި އަޅުގަޑު ބުނީމެވެ. ނަމަވެސް ޒަކޯއީ އެވާހަކަ ޤަބޫލެއް ނުކުރިއެވެ. އޭނާގެ ނަށުމުގެ ފާފަތަކަށް ދައުވަތު ދިނުން ނޯންނާނޭ ކަމަށާއި އެނެށުން ދެކެވަޑައިގަތުމަށް މަނިކުފާނު ރުހިވަޑައިގަންނަވާނޭ ކަމުގައި އޭނާ ބުންޏެވެ. – ދަންނަވަންތޯއެވެ؟ މިއީ އިއްފަތްތެރި އަންހެން ކުއްޖަކު ނަށާ ރިވެތި ނެށުމެއް ކަމާށާއި ޞަލާޙުއްދީން އައްޔޫބީގެ ކުރިފުޅުމައްޗަށް ހުށަހަޅަން އޭނާ ބޭނުން ވަނީ އޭނާގެ ޒުވާން ހަށިގަޑު ފިޔަވައި އޭނާގެ ފަންނުގެ މޮޅުކަން ކަމުގައިވެސް ބުންޏެވެ. އެންމެ ފަހުން ވާހަކަ ނިންމާލަމުން އޭނާއަކީ ފިރިހެނަކަށް ވީނަމަ މާތް މަނިކުފާނުގެ ފުރާނަފުޅު ހިމާޔަތް ކުރާ ބޮޑީގާޑުންގެ ތެރޭގައި ޝާމިލް ވެގެން އެމަތިވެރި ހިދުމަތުގައި ދެމި ހުރުމަށް ބޭނުންވާ ކަމުގައި ވެސް ބުންޏެވެ.“
”ނާޖީއެވެ. ކަލޭބުނަން ތިޔަ އުޅެނީ ކީކޭ ހެއްޔެވެ؟“ ޞަލާޙުއްދީން އައްޔޫބީ ސުވާލު ކުރެއްވިއެވެ. އެ އަންހެން ކުއްޖާ އަހުރެންގާތަށް ގެނެސްގެން އާނާއަށް ތައުރީފު ކުރަންވޯ ހެއްޔެވެ؟ އެތަކެއް ހާސް ފިރިހެނުންގެ ކުރިމަތީގައި ހަށިގަޑު ދިމާއަށް ލައިގެން އެނަށާ ނަށުމަށް ސާބަސް ދޭންވީ ހެއްޔެވެ؟ ތެދެކެވެ. ފިރިހެނުންގެ ހިތްތަކުގައި ޖިންސީ ޖޯޝް އުފެއްދުމުގެ މޮޅުކަން ކިތަންމެ ފުރިހަމައަކަށްވެސް އޭނާގެ ކިބައިގާ އެބަހުއްޓެވެ.“
”ތިޔަހެން ވިދާޅު ނުވާށެވެ. އަމީރު މިސްރެވެ.“ ނާޖީ ދެންނެވިއެވެ. ”އަޅުގަޑު އެ އަންހެން ކުއްޖާ މިތަނަށް ގެނައީ މަނިކުފާނުގެ ފައިންޕުޅު ދުށުމުގެ ޝަރަފު ހާސިލްކޮށްދިނުމަށް ވައުދު ވެގެންނެވެ. އެ މަޤްސަދުގައި އޭނާ މިތަނަށް އައީ ވަރަށް ދުރުންނެވެ. ނިކަން ދެކެވަޑައިގެންބައްލަވާށެވެ. އޭނާގެ ނެށުމުގައި ވިޔަފާރީގެ ކުޑަވެސް އަސަރެއް ނެތެވެ. އަދި ކީއްތޯއެވެ. އޭނާގެ އާދަ ތަކުން ފެންނަނީ ނަޒުރު ކުރުމުގެ ފާޑުވެރިކަމެވެ. – މަނިކުފާނާއި ދިމާއަށް އޭނާ އެ ބަލަނީ ކޮންފަދަ އުއްމީދީ ނަޒަރަކުންތޯއެވެ؟ އެޅުކަން ކުރެވެނީ ހަމަ އެކަނި ﷲ އަށެވެ. ނަމަވެސް އޭނާގެ މަސްތު ދެލޮލާއި ނެށުމުގެ ތެރޭގައި އެ ލައްވާލާ ބަނޑިތަކުގައި މަނިކުފާނަށް އަޅުކަން ކުރަމުން އެބަ ގެންދެއެވެ. މާތް މަނިކުފާނެވެ. ކުޑަކުޑަ ހިދުކޮޅަކަށްޓަކައި މަނިކުފާނުގެ ފޭލިގެއަށް އައުމުގެ ހުއްދަ އެ އަންހެން ކުއްޖާއަށް ދެއްވާށެވެ. އެއީ މުސްތަޤްބަލަށްޓަކައި އަގުހުރި މެއެއް ކަމުގައި ދެކެވަޑައިގަންނަވާށެވެ. އަންނަން އޮތް ތަނުގައި އިސްލާމް ދީނަށްޓަކައި ޖިހާދަ ކުރާނޭ ހިތްވަރުގަދަ ދަރީންތަކެއް އޭނާގެ ބަޑުންވެސް އުފަންވެދާނޭ ކަމުގައި ޤަބޫލު ކުރައްވާށެވެ. އެއިރުން އެކަހެރި ގޮތުގައި މަނިކުފަނާއި ވާހަކަ ދައްކާ ލުމުގެ ޝަރަފު ލިބުނުކަމުގައި އޭނާގެ ދަރިންގެ ގާތުގައި ފަޚުރުވެރި ކަމާއިއެކު ބުނާނެއެވެ.“ ނާޖީ ނުހަނު އަސަރާއިއެކު ވާހަކަ ދައްކަވަމުން އެކުއްޖާއަކީ މާތް ބައްޕައެއްގެ އިއްފަތްތެރި އަންހެން ކުއްޖެއް ކަމުގައި ދަންނަވަމުންގޮސް އެންމެ ފަހުން އެކުއްޖާ އާއި ބައްދަލުވެވަޑައި ގަތުމަށް ރުހިވަޑައިގަންނަވާ ކަމުގެ ބަސްފުޅު ޞަލާޙުއްދީން އައްޔޫބީގެ އަރިހުން ހޯދައިފިއެވެ!
”އެންމެ ރަގަޅެވެ. އަހުރެންގެ ފޭލިގެއަށް އޭނާ ފޮނުވާށެވެ.“ ޒަކޯއީ އޭނާގެ ހަށިގަޑުން ލައްވާލާ ކޮންމެ ބަނޑިއަކާއއެކު ޞަލާޙުއްދީން އައްޔޫބީގެ މޫނުފުޅަށް ބަލައިލާފާ ހިނިތުންވެލައެވެ. ދެންތިބި އަންހެން ކުދިން ކޮކާތަކެއްފަދައިން ޒަކޯއީގެ ވަށައިގެން އުދުހި އުދުހި ތިއްބެވެ. މިއީ ތެޅި ތެޅިފާ ފުމެ ފުމެފާ ނަށާ ޒާތުގެ ނެށުމެއް ނޫނެވެ. ކޮރުދަންތަކުގެ އަލީގައި ބައެއް ފަހަރު އެކުދިން ފެނައިރު ކުލައިގެ ފެންގަޑެއްގައި ފަތަމުންދާ ޕަރީ ތަކެއްފަދައެވެ. އެރޭގެ ހަދުވަރުވެސް އެހެން ރޭރެއާއި މުޅިން ތަފާތެވެ. ސާފު ބިއްލޫރިކުލައިގެ ހަދުވަރެކެވެ. އަންހެންކުދިން ނެށުމުގެ ޕްރޮގްރާމް ހިގަމުން ދިޔަ އިރު ޞަލާޙުއްދީން އައްޔޫބީ ހަމަ ހިމޭން ކަމާއި އެކު ވިސްނަވަމުން އެގެންދަވަނީ ކޮން އެއްޗެއް ކަމެއް އެއްވެސް މީހަކަށް ނޭގެއެވެ. ނާޖީގެ ސިފައިން ރާ ކައިގެން މުޅު ތަނުގައި ހާޖާނު އުފައްދާފާ މިހާރު މައިތިރި ވެއްޖެއެވެ. މަރުވެފާތިބި ބައެކޭ އެއްފަދައެވެ. މުޅި ތަނަށް ވަޖިދުގެ އަސަރު ފެތުރިފައި އޮތެވެ. – ނާޖީ އޭނާއަށް ލިބުނު ފުރިހަމަ ކާމިޔާބީއަށް ހިނިތުންވެލާ ހުއްޓެވެ.
ނުނިމޭ…