މިއަދަކީ، އަލްޙަމްރާގެ ދެކުނުފަރާތު ބޮޑު ބަގީޗާގައި ބެޑްމިންޓަން މުބާރާތެއް އޮތްދުވަހެކެވެ. ކުޅިވަރުގެ ލީޑަރަކީ ރީޙާނެވެ. އެއްފަރާތުގައިތިބީ ރީޙާނާއި ސަމީރާއެވެ. އަނެއްކޮޅުގައި، ގުލްރުޚާއި ފަރްޚެވެ. އެހެން ހުރިހާ ކުދިންވެސް ފޯރިދޭ މީހުންގެ ގޮތުގައި ތިބީއެވެ. އެމީހުންގެ ސާބަހާއި ތަރްޙީބުގެ އަޑުފަށްގަނޑު، މުޅި ހިސާބަށް ގުގުމާފައިވެއެވެ. އިންތިހާދަރަޖައިގެ ރީތި މޫސުމެކެވެ. އުޑުމަތި ސާފު، ނަލަ ދުވަހެކެވެ. ބަގީޗާގައި ކުލަކުލައިގެ ވަސްމީރު މާތައް ފޮޅި، ބަރާވެފައިވެއެވެ. މި ހިތްގައިމު މާޙައުލުގައި ކުޅެވެމުންދާ ބެޑްމިންޓަން މެޗުން މޮޅުވަމުންދަނީ ރީޙާނާއި ސަމީރާއެވެ. އެމީހުންގެ ކުރިމަތީގައި، އަނެއް ދެ ކުޅުންތެރިންނަށް ހިފަހައްޓާލެވޭވަރެއް ނުވެއެވެ. އެހެންނަމަވެސް، އެމީހުން ދޫނުކޮށް ކުޅެމުން ގެންދެއެވެ. އެންމެފަހުން ގުލްރުޚާއި ފަރްޚު ހާސްވެއްޖެއެވެ. ދެރަވެއްޖެކަމަށް ގަބޫލުކުރަން މަޖުބޫރު ވެއްޖެއެވެ. އެ ދަނޑިވަޅުގައި ރީޙާން އެމީހުންނާ ދިމާކޮށްލައިފިއެވެ.
[ފުރަތަމަ ކުޅެން ދަސްކުރާށެވެ. އޭގެފަހުގައި އަހަރެމެންނާ ވާދަކުރަން އަންނާށެވެ. ރަނަގަޅަށް ކުޅެން ނޭނގެނީވިއްޔާ، ތިޔަ ރެކެޓު އެހެންކުއްޖަކާ ހަވާލުކުރާށެވެ.]
[އަހަރެން މިކުޅެނީ ނުލާހިކު ރަނގަޅަށެވެ. މިފަހަރުވެސް ގޭމް ނުލިބުނީ ކަލޭގެ ސަބަބުންނެވެ.] ގުލްރުޚް ރުޅިއައިސްގެން ރެކެޓު ހޫރާލަމުން ފަރްޚާ ދިމާއަށް ބުންޏެވެ.
[ދެރަވީއެވެ. ދެރަވީއެވެ…..] ރީޙާން އަތްތިލަބަޑި ތަޅައިގެންފިއެވެ. [ތިމާގެ ދެރަކަން، ރުޅިގަނޑުގެ ތެރޭގައި ފޮރުވަން އުޅެނީއެވެ.]
[ތިޔަގޮތަށް ކުޅިވަރުގެ މައިދާން ދޫކޮށްލާނީ މޮޔައިންނެވެ. ފިނޑިވެގެން ހުއްޓާނުލާށެވެ.] ދެކުއްޖަކު ގުލްރުޚަށް ހިތްވަރު ދިނެވެ. [ރެކެޓު ހިފައިގެންގޮސް އެމީހުންނާ ވާދަކުރާށެވެ.]
އަނެއްކާވެސް ގުލްރުޚް ރެކެޓު ހިފައިގެންގޮސް ކުޅެން ފަށައިފިއެވެ. ފަރްޚުވެސް ކުދިކިޔާލާފައި ރެކެޓު ސަމާލުކޮށްލައިފިއެވެ. ސަމީރާއާ ރީޙާން އިތުރު ފޯރިއަކާއެކު، އިދިކޮޅު ބޯޅަތައް ދިފާޢުކުރަން ފަށައިފިއެވެ. ނަމަވެސް، ވަރަށް ކުޑަހިނދުކޮޅެއްގެ ތެރޭގައި، ސަމީރާގެ ފައި ފުރޮޅާލައިގެން، ފަޔަށް މާބޮޑަށް ތަދުވުމުގެ ސަބަބުން ކުޅުން ހުއްޓާލަން ޖެހިއްޖެއެވެ.
[އޯވހް! އަހަރެން މަރުވެއްޖެއެވެ.] ސަމީރާ ކުއްލިއަކަށް ވެއްޓިއްޖެއެވެ.
ހުރިހާކުދިން ސަމީރާއާ ދިމާއަށް ދުއްވައިގެންފިއެވެ. ރީޙާންވެސް ރެކެޓު އެއްލާލާފައި ދުއްވައިގެންފިއެވެ.
[ވީކީއްހެއްޔެވެ؟ ވެއްޓުނީ ކީއްވެގެން ހެއްޔެވެ؟] ދެލޯ ބޮޑުކޮށްލާފައި ރީޙާން ސުވާލު ކޮށްލިއެވެ.
[އަނިޔާއެއްވީ ހެއްޔެވެ؟] އެހެން ކުއްޖެއްގެ އަޑު އިވުނެވެ.
[ގުލްރުޚް، ބަދު ދުޢާކުރީކަން ނޭނގެއެވެ.] ކުކުރަމުން ސަމީރާ ބުންޏެވެ.
[ފައި ބިނދުނީހެއްޔެވެ؟] ޝާހިދު ބުންޏެވެ.
[އެގޮތަށް ދުވަންވީ ކީއްކުރަން ހެއްޔެވެ؟] އެންމެން ސަމީރާ ވަށާލާފައި ހޯބޯލަވައިގެންފިއެވެ. އެއްބައިކުދިން ގުދަށް، އަނެއްބައިކުދިން ކުޑަކަކޫ ޖަހާލައިގެން، ސަމީރާއަށް ވީގޮތެއް އޮޅުންފިލާތޯ އުޅެއެވެ.
[އޫއީ….] ކުޑަކޮށް ތެދުވެލާފައި އަނެއްކާވެސް ވެއްޓިގަންނަމުން ސަމީރާ ކުކުރައިގެންފިއެވެ.
[ވީގޮތެއް ބަލައިލަން ކުޑަކޮށް ހިނގާލަ ބަލާށެވެ.] ސަމީރާގެ ފައި މޮޑެދެމުން ރީޙާން ބުންޏެވެ.
[ތެދުވެބަލާށެވެ.] ފަރްޚު ބުންޏެވެ. އެވަގުތު ޝާހިދާއާއި ގުލްރުޚް އެހީވެގެން ސަމީރާ ކޮޅަށް ނަގައިފިއެވެ.
[ބިންދައިގެން ދިޔައީތޯ ބަލާލަން، ދެފިޔަވަޅެއް އަޅާލަ ބަލާށެވެ.]
[ވަރަށް ބޮޑަށް ތަދުވެއެވެ. އޫއީ…. އަހަރެންނަކަށް ނުހިނގޭނެއެވެ.]
[ހާދަ ފިނޑިއެވެ. އަދި ބިންދައިގެން ދިޔައީއަކީވެސް ނޫނެވެ. އެހާ ކުޑަކުޑަކަމަކާހެދި އުޅޭވަރު ބަލާބަލާށެވެ.] އެއްކުއްޖަކު މަލާމާތް ކޮށްލިއެވެ.
[ހުނ…. ކަލޭމެންނަކަށް ނޭނގޭނެއެވެ. އަހަރެންނަށް މިއުޅެނީ، ބިމުގައި ފައި އަޅަންވެސް ނުކެރިގެންނެވެ.]
[މިހިރަ ގޮނޑިއާ ހަމައަށްދެވޭތޯ ބަލާބަލާށެވެ.] ޝާހިދާ ބުންޏެވެ.
[ނުހިނގޭނެއެވެ. ނުހިނގޭނެއެވެ.] ސަމީރާ ރޮއިގެންފިއެވެ.
[ނަސީބަކުން ބިންދައިގެނެއް ނުދެއެވެ.] ސަމީރާގެ ފައިގައި އަތްޖައްސާލާފައި ފަރްޚު ބުންޏެވެ.
[ކޮޓަރިއާ ހަމައަށް ގެންދެވޭތޯ ބަލަމާ ހިނގާށެވެ. ފަރުވާއެއްވެސް ދެވޭނީ އޭރުންނެވެ.] އެއްކުއްޖަކު ޚިޔާލު ފާޅުކުރިއެވެ. [އަވަހަށް ޑޮކްޓަރަށް ދައްކަމާ ހިނގާށެވެ.]
[ރަނގަޅުވާނީ އެގޮތެވެ.] ހުރިހާ ކުދިން އެއްބަސްވިއެވެ.] ކޮޓަރިއާ ހަމައަށް ހިނގާފައިދެވޭތޯ، ކުޑަ ހިތްވަރެއް ކޮށްލާށެވެ.]
[ހިނގާފައިދާނީ ކިހިނަކުންހެއްޔެވެ؟ އޭނާ އެއުޅެނީ ތަދުވާލެއް ބޮޑުކަމުން، ބިންމަތީގައި ފައިވެސް ނޭޅިގެންނެވެ.]
[އަހަރެން އުފުލާލައިގެން ގެންގޮސް ދީފާނަމެވެ.] އަސައްދު ބުންޏެވެ. ނަމަވެސް، އުފުލާލައިގެން ގެންދާ ވާހަކަ ބުނީމާ ސަމީރާ ލަދުގެންފިއެވެ. އެކަމާ އިންކާރު ކޮށްފިއެވެ.
[އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާށެވެ. އޭރުން އަހަރެން ގެންގޮސްދީފާނަމެވެ.] މިހެން ބުނެފައި ރީޙާން އަތްދިއްކޮށްލުމުން، އަނެއްކާވެސް ސަމީރާ ލަދުގެންފިއެވެ.
[އޮވހްހޯ!] ރީޙާން ކުއްލިއަކަށް ސަމީރާގެ އަތުގައި ހިފައިފިއެވެ.
[އެހެން ކޮންމެވެސްގޮތެއް ހޯދާށެވެ.] ސަމީރާ އާދޭސްކުރިއެވެ.
[މިއީވެސް ގޮތެކެވެ.] ފަރުޚް ބަލާކަށް ނުހުރެ، ސަމީރާ ނަގައިގަނެގެން ހިނގައިގެންފިއެވެ. އަދި ސަމީރާ އާދޭސްކޮށްކޮށް އޮއްވާ، އޭނާ ކޮނޑަށްލައިގެން ގެންގޮސް ކޮޓަރިއަށް ލައިފިއެވެ. އެހާތަނުން އަލްޙަމްރާގެ ބޮޑެތި މީހުންނަށް ސަމީރާގެ ފައި ފުރޮޅާލައިގެން ވެއްޓުނު ޚަބަރު ލިބިގެން، ކަނޑެއް އުތުރިގަތްހެން ސަމީރާގެ ކޮޓަރިއާ ދިމާއަށް އުތުރިގެންފިއެވެ. އެކަކު އަނެކަކަށް ހާސްވެގެން ކަންބޮޑުވެގެން އުޅެގަތްގޮތުން ހީވީ، މާބޮޑު ހާދިސާއެއް ހިނގައިގެން އުޅޭހެންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އަނިޔާވެގެން އުޅެނީ ސަމީރާއަށެވެ. އެންމެން ލޯބިވާ ސަމީރާއަށެވެ. ވީއިރު، އެކަމާ ކަންބޮޑުވެ ދެރަނުވާނީ ކާކުހެއްޔެވެ؟
[ފަތިހުވެސް ފައިކައްސާލައިގެން ފާޚާނާއަށް ވެއްޓުނެވެ.] ސަމީރާ ކަންބޮޑުކޮށްލިއެވެ.
[މިއަދު ތިޔަ ވެއްޓުނީ ދެވަނަ ފަހަރަށް ހެއްޔެވެ؟] އަލްޙަމްރާގެ ބޮޑު މާމަ ޙުސްނުބާނޫ ބިރުގެންފައިވާ އަޑަކުން ސުވާލު ކޮށްލިއެވެ.
[ލައްބައެވެ.] ސަމީރާ ޖަވާބު ދިނެވެ.
[ހެނދުނު ތެދުވިތަނުން ފެނުނީ ކާކުގެ ސޫރައެއްކަން ދެނެވޮޑިގެންވާނީ ﷲ އެވެ. ފިކުރު ބޮޑުވެފައިވާ ރާގަކަށް ފައުޒިއްޔާ ބުންޏެވެ.
[ޞާޢިޤާ ގެއެވެ.] ރީޙާން އަންގައިދިނެވެ.
[ހަމަތެދެއް ހެއްޔެވެ؟] ކޮންމެވެސް މީހަކު ބުންޏެވެ.
[އާއެކެވެ….] ސަމީރާ ޅަވެލާފައި ބުންޏެވެ.
ޞާޢިޤާވެސް މާމައާއި ބޮޑުދައިތަދެކެ ގަންނަ ބިރެއްގެ ސަބަބުން، ސަމީރާއަށް ވެގެންއުޅޭގޮތެއް ބަލައިލަން ދިޔައެވެ. އެކަހަލަ ތަނަކަށް އޭނާއަށް ނުދެވުނަސް، އެމީހުން ކުރާނެވަރު އޭނާއަށް އެނގެއެވެ. ނަމަވެސް، ކޮޓަރީގެ ދޮރުމައްޗަށް އެރިތަނާ، އޭނާއާ ނިސްބަތްކޮށް ރީޙާނުގެ ދުލުން އެ ބޭރުކޮށްލި ޖުމްލަ އަޑުއިވުމުން، އެތެރެއަށް ވަންނާކަށް އޭނާގެ ހިތެއް ނުރުހުނެވެ. އޭނާ ހަމައެތަނުގައި ފެންނަންހުއްޓާ ރީޙާން އެ ވިހަ ޖުމްލަ ބުނެ ނިންމާލައިފިއެވެ. އެ އަޑު އޭނާއަށް އިވުމަކުންވެސް ލަދުގަނެ ދެރަވާކަށް ރީޙާން ބޭނުމެއް ނުވިއެވެ. ވީމާ، އެވަރުގެ ބަޔަކު އެއްވެގެން އުޅޭތަނަކަށް އޭނާ ވަނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ހިތަށް ވީތަދުންނާއި، ލިބުނު ފޫހިކަމުގައި، އެހެންމީހުނަށް ނުފެންނަނީސް އޭނާ އެތަނުން އެނބުރި ހިނގައްޖެއެވެ.
އެރޭ ޒުވާނުންގެ ޕާޓީ އޮތީ ސަމީރާގެ ކޮޓަރިއަށް ޖަމާވެފައެވެ. އޭނާގެ ފަޔަކަށް އެހާބޮޑު ގެއްލުމެއްވެސް ނުލިބެއެވެ. ހަށިގަނޑުގެ ބުރައަށް ފައި ފުރޮޅާލައިގެން، ހިސާބަކަށް ފަޔަށް ތަދުވެލީއެވެ. އެހެންނަމަވެސް، އެއީ މާބޮޑު ކަމަކަށް ހަދައިގެން އެކަކު އަނެކަކަށް ހީވަނީ، އެހެންކަމެއް ހެންނެވެ. އެންމެންވެސް އެކަމުގެ ޒިންމާ އަޅުވަނީ ޞާޢިޤާގެ ބޮލުގައެވެ. އެދުވަހު އެންމެފުރަތަމަ ސަމީރާއަށް ފެނުނީ ޞާޢިޤާގެ މޫނޯލައެވެ. ސަމީރާގެ ފަޔަށް އެޖެހުނީ އެކަމުގެ ސުންޕާޔޯލައެވެ. އެކަމަކު އެއީ ތެދެއް ކަމެއްވެސް ނޭނގެއެވެ. ގޭގެ ބޮޑެތި މީހުންގެ ވަސްވާސްވެރިކަމަށް ޙަޤީޤީ ސިފަ ގެނައުމަށްޓަކައި އެހެން ބުނަނީ ނޫންކަމެއްވެސް ނޭނގެއެވެ. އެރޭ ހުރިހާ ޒުވާނުން ކޮޓަރިއަށް އެއްވެތިބެގެން ދައްކާ ވާހަކައިގެވެސް މައުޟޫޢަކީ ހަމަ ޞާޢިޤާއެވެ. އޭނާގެ ސުންޕާކަމުގެ ވާހަކަ ދައްކަމުންދާއިރު، އެހެންކުދިންނަށް އެކަން ޔަގީން ކޮށްދިނުމުގެ ގޮތުން، އެންމެ ފޯރީއާއެކު ވާހަކަ ދައްކަނީ ސަމީރާއާއި ރީޙާނެވެ. އަސައްދު އެމީހުންނާ މުޅިން ދެކޮޅެވެ. އެއީ އޭނާގެ މަންމަ އަންޖަމަން އާރާގެ ތަރުބިއްޔަތުގެ އަސަރު ކަމަށްވެސް ވެދާނެއެވެ. ނުވަތަ އޭނާގެ ކިބައިގައި ﷲ އަށް ބިރުވެތިވުމުގެ މާތް ސިފަ ހުންނަނީކަމަށް ވުންވެސް އެކަށީގެންވެއެވެ. އަދި އޭނާގެ އުމުރުގެ ބޮޑުބައި އަލްޙަމްރާއިން ބޭރުގައި ވޭތުކޮށްފައިވާތީ، އެމީހުންގެ ޝައްކު މިޒާޖާ އޭނާއާ ނުގުޅުމަކީވެސް ދުރުކަމެއް ނޫނެވެ. މިގޮތުން އަބަދުވެސް ޞާޢިޤާއަށް އޭނާ ހަމްދަރުދީވެއެވެ. އަދި އެ ހަމްދަރުދީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންދާކަންވެސް އޭނާއަށް އިޙްސާސް ކުރެވެއެވެ. ޝާހިދާއި، ނަޢީމާއި ފަރީދުވެސް އަސައްދަށް ތާއީދު ކުރަމުންދެއެވެ. އެކަމާ ސަމީރާއާއި ރީޙާން ވަރަށް ބޮޑަށް ރުޅިއައެވެ.
[ތިޔައީ ވަހުމެވެ. ވަސްވާހެވެ….] އެންމެފަހުން އަސައްދަށް އުނދަގޫވެގެން ބުންޏެވެ.
[އޭނާ އުފަންވީ ދުވަހު އަހަރެމެން އެންމެންގެ ކާފަ ނިޔާވެއްޖެއެވެ.] ގުލްރުޚް، މާޒީ ހަނދާން ކޮށްދިނެވެ.
[އެއީ ހަމަ އިއްތިފާޤެވެ. އޭރު ކާފަ ބަލިވެ އުޅުއްވާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.] އަސައްދު ޖަވާބު ދިނެވެ.
[އެކަހަލަ އެންމެ ކަމެއް ހެއްޔެވެ؟ އޭގެ ކުޑަދުވަސްކޮޅެއް ފަހުން، ކުޑަދައްތަގެ ފިރިމީހާއަށް ދިމާވި ވައިގެ އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ.]
[އެއީވެސް ޞާޢިޤާގެ ސުންޕާކަމުން ވީކަމެއް ހެއްޔެވެ؟] އަސައްދު ބުންޏެވެ.
[ކަފަގުދަނުގައި އަލިފާން ރޯވެގެން، ހަމަ އެދުވަސްވަރު އެތަކެއް ލައްކަ ރުފިޔާގެ ގެއްލުންވިއެވެ. އަދި ޠާހިރު ބޮޑުބޭބެވެސް….]
[އެއީވެސް ޞާޢިޤާގެ ސުންޕާކަން ދޯއެވެ؟]
[ދެން އެހެން ކާކުގެ ސުންޕާކަމެއް ހެއްޔެވެ؟ އުފަންވީ ވަގުތުން ފެށިގެން އަލްޙަމްރާއަށް ސުންޕާކަމުގެ ވާރޭ ވެހެމުންދާން ފަށައިފިއެވެ.]
[ވަސްވާހުގެވެސް ޙައްދެއް އޮންނަންވާނެއެވެ.] އަސައްދު ބުންޏެވެ. [ކަލޭމެންކަހަލަ ކިޔަވައިގެންތިބި ޒުވާނުންތަކެއްގެ ތިޔަފަދަ ފެންވަރުދަށް ޚިޔާލުތަކެއް ހުންނާތީ، އަހަރެން ހައިރާން ވެއްޖައީމެވެ. އުމުރު ހަމަވެގެން ކާފަ ނިޔާވީތީ، އެކަމުގެ ކުށްވެރިއަކީ ޞާޢިޤާއެވެ. ޚާލިދު ބޭބެއަށް ވައިގެ އެކްސިޑެންޓެއް ދިމާވީތީ، އެކަމުގެ ކުށްވެރިއަކީވެސް ޞާޢިޤާއެވެ. ކަފަގުދަނުގައި އަލިފާން ރޯވީމާ، އެކަމުގެ ޒިންމާ އެޅެނީވެސް ޞާޢިޤާގެ ބޮލުގައެވެ. މިއީ ފަހެ ކުޑަ އަޖައިބެއް ހެއްޔެވެ؟…..] އަސައްދު ރުޅި އަތުވެއްޖެއެވެ.
[ކޮންމެ ގޮތެއްވިޔަސް، އެއީ ޙަޤީޤަތެވެ. އޭނާ އުފަންވީ ވަގުތުން ފެށިގެން، މިއަދާ ހަމައަށް ސަތޭކައިން، ހާހުން މި އަލްޙަމްރާއަށް ސުންޕާ ޖެހެމުން އެބަދެއެވެ.] ރީޙާން ތަފްސީލުކޮށް ހުރިހާ ހާދިސާތަކެއް ކިޔާލިއެވެ.
[އަހަރެން ބުނާ ވާހަކައެއް ގަބޫލު ކޮށްފާނަމު ހެއްޔެވެ؟] އަސައްދު ބުންޏެވެ.
[އާއެކެވެ.]
[ވޭތުވެގެން މިދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި، އަލްޙަމްރާއަށް ދިމާވީ ހަމައެކަނި ސުންޕާ ކަންތައް ހެއްޔެވެ؟]
[ތިޔަ ބުނީ ކީކޭހެއްޔެވެ؟]
[އެއްވެސް އުފާވެރި، ބާއްޖަވެރި ހާދިސާއެއް، އަލްޙަމްރާއަކު ނުހިނގާ ހެއްޔެވެ؟] އަސައްދު ބުންޏެވެ.
[ނުހިނގާންވީ ކީއްވެގެން ހެއްޔެވެ؟]
[މިގެއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ކުރިމަތިވެގެން އަންނައިރު، އެއްކަލަ ޞާޢިޤާގެ ސުންޕާކަން، އެ އުފާތަކަށް ހުރަސްނާޅަނީ ކީއްވެގެން ހެއްޔެވެ؟ ޝޭޚްޕޫރުގެ ރާޒީގެ މައްސަލަ ނިމުނުއިރު، ކާފަ ނިޔާވިތާ އެންމެ މަހެއްވެސް ނުވެއެވެ. އޭރުވެސް، ހަމަ މި ފަޒާއަށް، ތިޔަ ބުނާ ޞާޢިޤާ ނޭވާލަމުންދެއެވެ. އޭގެ އެއްއަހަރު ފަހުން، ވަގުފް ބިންތަކުގެ ހަނގުރާމަގަނޑު ނިމިއްޖެއެވެ. ހަމަ އެއަހަރު، މޭވާ ބަގީޗާތަކުން އިންތިހާދަރަޖައިގެ ބޮޑު ފައިދާވިއެވެ. އެންމެ ދޮށީ ބޮޑުބޭބެގެ ވިޔަފާރިގަނޑު ހިނގައިގަތީވެސް ހަމަ އެއަހަރުއެވެ. މިއީ ހައްތަހާވެސް ޞާޢިޤާ ދުނިޔެއަށް އައިފަހުން ދިމާވި ހެޔޮ ނަސީބެވެ.] އަސައްދު އެދެއްކި ތެދު ވާހަކަތަކާއި، ހިތުގެ އަޑިން ރީޙާނަށް އެއްބަސްވެވުނު ނަމަވެސް، ދުލުން އިޢްތިރާފުވުމަކީ ވަރަށް ދަށްކަމެއް ކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ.
[އަސައްދު ކިތަންމެ ވަރަކަށް ހެކިދެއްކިއަސް، އަހަރެމެންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށްގެން ޞާޢިޤާއަކީ ސުންޕާކަމުގެ މުޖައްސިމާއެއް ކަމުގައި ސާބިތު ކޮށްދީފާނަމެވެ.] އެނދުގައި އޮތް ސަމީރާ އަކަށްވެސް ހިމޭނަކުން ނޯވެވުނެވެ. [ހެނދުނު އެންމެ ފުރަތަމަ އޭނާގެ ސޫރަ ފެނިއްޖެ މީހަކަށް، އެދުވަހަކު ހެޔޮގޮތެއް ނުވެއެވެ.]
[އެއީ ހަމަ ތެދެކެވެ. އަހަރެންނަށްވެސް އޭނާގެ ސޫރަ ފެނިއްޖެ ދުވަހަކު، އެއްގޮތަކަށްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ހިތްވެސް އޮންނަނީ މާބާރަށް ތެޅިތެޅިއެވެ.] ރީޙާން ބުންޏެވެ.
[ތިޔައީ ހައްތަހާވެސް ކަލޭމެންގެ ޢަޤީދާއެވެ. މިހާރުވެސް އެހެންގޮތަކަށް ވިސްނަން ފަށަނިކޮށް، ތިޔަ ހުރިހާ ސުންޕާކަމެއް ކެނޑިގެން ހިނގައިދާނެއެވެ.] ރީޙާން ވަކިއެއްޗެއް ނުބުނެ، ބާރަށް ހީގެންފިއެވެ.
[ހޭނެކަމެއްނެތެވެ. ރީޙާނެވެ. ނިކަން އޭނާގެ މަގާމުގައި ހުރެގެން ކަލޭ ވިސްނާލަ ބަލާށެވެ. އެފަކީރާ ދޭތެރޭގައި ކަލޭމެންގެ ޢަމަލުތައް ތިޔަ ހުންނަނީ ކިހާ އަނިޔާވެރި ގޮތަކަށް ހެއްޔެވެ؟ އެކަމުގެ ސަބަބުން، އޭނާ ކިހާ ހިތާމައެއް ކުރާނެ ހެއްޔެވެ؟ އޭނާގެވެސް އޮންނަނީ ހިތެކެވެ. އެކަމަކު، އެ ހިތުގައި ދިރިހުރުމުގެ އެއްވެސް ރޫޙެއް ނެތެވެ. މިއޮއްބޮޑު ޚާންދާނުގެ ތެރޭގައި އެފަކީރު އެއިންނަނީ މުޅިން އެކަނިވެރި ވެފައެވެ.]
[އެފަކީރުގެ އެކަނިވެރިކަން ފިލުވާލަދޭށެވެ. އަހަރެންގެ ރަޙްމަތްތެރިޔާއެވެ.] އަސައްދުގެ ކޮނޑަށް އަތް އެއްލަމުން ރީޙާން މަލާމާތް ކޮށްލިއެވެ. އެވަގުތު އެންމެން އެއްފަހަރާ ހީގެންފިއެވެ. [އެ ހަމަހިމޭންކަމުގެ ކުލުސްމު ފޫދުއްވާލަދޭށެވެ. ކަލެއަށް އެކަންކުރަން ކެރިދާނެ ހެއްޔެވެ؟ އަވަހަށް ޖަވާބު ދޭށެވެ. ރުހުމުގެ ބަސް އިއްވާށެވެ.]
އަސައްދު ހިމޭންވި ނަމަވެސް، އެހެން އެންމެން ބާރަށް ހެނީއެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ދެރަވިއެވެ. އެންމެ ތުއްތުއިރުއްސުރެ އޭނާ ލޯބިވަނީ ގުލްރުޚް ދެކެއެވެ. އެހެންކަމުން، ޞާޢިޤާއާ ދޭތެރޭގައި އެރޮނގުން ވިސްނުމަކީ އޭނާ ބޭނުން ކަމެއްވެސް ނޫނެވެ. ޞާޢިޤާއާ ދޭތެރޭގައި އޭނާގެ ހިތުގައި އުފެދިފައިވާ ހަމްދަރުދީއަކީ، ލޯބީގެ ބިންގާ ކަމަކަށް ނުވާނެއެވެ.
[ހިމޭންވީ ކީއްވެގެން ހެއްޔެވެ؟] އަނެއްކާވެސް ރީޙާން ގޯނާކޮށްލިއެވެ.
[ހާދަވަރަކަށް ހަމްދަރުދީ ވެއެވެ.] ފަރްޚުވެސް ދިމާކޮށްލައިފިއެވެ.
[އާއެކެވެ. އަހަރެން މިއުޅެނީ ކަލޭމެންނަށް ޙަޤީޤަތް އޮޅުންފިލުވައި ދިނުމަށެވެ. އެވާހަކަ ނުބައިކޮށްލީ ކަލޭމެންނެވެ. ލޯބިވާ މީހަކަށްނޫނީ ހަމްދަރުދީވެގެން ނުވާނެހެއްޔެވެ؟] ލަދުގަތް ނަމަވެސް، އަސައްދު ދިފާޢު ކުރިއެވެ.
[އަހަރެމެން އެންމެންނަށްވެސް ޙަޤީޤަތް އެނގެއެވެ. އުފަންވީއްސުރެ މިހާތަނަށް….] ފޯރިއާއެކު ރީޙާން ވާހަކަ ދައްކަން ފެށިތަނާ، އަސައްދު އެވާހަކަ މެދުކަނޑާލައިފިއެވެ.
[އެހުރިހާ ހާދިސާއަކީވެސް އިއްތިފާޤެވެ. ރީޙާނެވެ. އެހެން އެއްވެސްކަމެއް ނޫނެވެ. ޞާޢިޤާ އުފަންނުވިނަމަ، ދުނިޔެ ނިމެންދެން ކާފަ ހުންނަވާނެ ހެއްޔެވެ؟ ނުވަތަ އެ ވައިގެ ހާދިސާއެއް ނުހިނގާނެ ހެއްޔެވެ….؟]
[ތިޔަ ހުރިހާކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ހަމަގައިމުވެސް، އެއީ އުފަންވުމުގައިވެސް ސުންޕާ ކުއްޖެކެވެ.]
[ޞާޢިޤާގެ ފަހުން އަލްޙަމްރާގައި އުފަންވުމުގެ ސިލްސިލާ މެދުކެނޑިގެނެއް ނުދެއެވެ. އޭނާ އުފަންވިތާ ދެއަހަރު ފަހުން ސަމީރާ އުފަންވެއްޖެއެވެ. ސަމީނާ ހަގީ، އޭނާއަށްވުރެ އެންމެ ތިން އަހަރެވެ. އޭގެފަހުން ޢާމިރެވެ. ދެން ބާޤިރެވެ. އެކަމަކު ތިޔަބުނާ ސުންޕާ ކަންތައްތައް އެއިން ކުއްޖެއްގެ އުފަންވުމާ ގުޅައިގެން ވާހަކަދައްކާ އަޑެއް ނުއިވެއެވެ. އަލްޙަމްރާގެ ދެކުނުފަރާތު ބޮޑުކޮޓަރީގެ ފަންގިފިލާ ވެއްޓިގެން، މަންމަގެ ކޮއްކޮގެ ޅިނދުކަށިގަނޑު ބިނދުނުއިރު، ސަމީރާ އުފަންވިތާ ދެތިންދުވަސްވެސް ނުވާކަމުގައި މަންމަ ބުނުއްވާތީ އަހަމެވެ. އަދި މާމަގެ ދައްތަ ނިޔާވީ، ޢާމިރަށް ދެމަހުގައި ކަމަށްވެސް މަންމަ ބުނުއްވައެވެ.] އަނެއްކާވެސް އަސައްދު ހެކިތަކާއި ދަލީލުތައް ދެއްކިއެވެ. އެއީ ތެދު ޙަޤީޤަތްވެސްމެއެވެ. އެވާހަކަތަކުން އެންމެންނަށްވެސް އަސަރުކޮށްފައިވާކަން އެނގެއެވެ.
[ކުށްވެރިއަކީ އެފަކީރެއް ނޫނެވެ. އެފަކީރަށް ނަންކީ މީހުންނެވެ. ޞާޢިޤާއަކީ ކޮންފަދަ ނުރައްކާތެރި ނަމެއް ހެއްޔެވެ؟ އެއީ ވިދުވަރު ނޫންހެއްޔެވެ؟] މަހެފިލްގެ ކުލަ ބަދަލުވަމުންދާތަން ފެނުމުން، ފަރްޙު އަވަސްއަވަހަށް މައުޟޫޢު ބަދަލުކޮށްލިއެވެ.
[ހުނ! ވިދުވަރު….] ސަމީރާ މަލާމާތް ކޮށްލިއެވެ.
[ވިދާލާ ވިދުވަރުން ތަނަކަށް ހޮނުއަޅައިފިނަމަ، އެތަނެއް އަންދައި އަޅިއަށް ހަދާލައެވެ….] ހަމަ އެ ރާގުގައި ރީޙާނުވެސް މަލާމާތް ކޮށްލިއެވެ.
[ތިޔައީ ހަމަ ތެދެކެވެ. އަހަރެންނަށް އޭނާ ކިރިޔަކިރިޔާ ފެނިލިޔަސް، މުޅި ހަށިގަނޑުގައި ވިދުވަރުގެ ބާރު ހިނގައިގަނެއެވެ….] ފަރްޙުގެ ހަށިގަނޑަށް އެގެނައި ލާނެތް ހަރަކާތެއްގެ ސަބަބުން، އަނެއްކާވެސް އެންމެން އެއްފަހަރާ ހޭންފަށައިފިއެވެ.
[ހިނގާލާއިރުވެސް ހީވަނީ، އަލީގެ ރާޅެއް އަންނަހެންނެވެ.] ރީޙާން ބުންޏެވެ.
[އަސައްދު ފިޔަވައި އެހެން އެންމެންވެސް މަލާމާތުގެ ބަސްތައް ބޭނުންކުރަމުން ގެންދިޔައެވެ. އެމީހުންނަށް ޙަޤީޤަތް ވިސްނައިދޭން އޭނާ ކުރި މަސައްކަތުން، އެއްވެސް ފައިދާއެއް ނުފެނުނެވެ.
ކޮޓަރިތެރޭގައި މަލާމާތާއި ހުނުމުގެ ތީރުތައް އޮހެމުންދާއިރު، އެ ތީރުތަކުން ޒަޚަމްވަމުންދާ ރޫޙެއް، ކުޑަދޮރުގެ ކައިރީގައި ހުރިކަމެއް، އެކަކަށްވެސް ނޭނގެއެވެ. ޝައްކެއްނެތެވެ. އެހުރިހާ ވާހަކައެއް ޞާޢިޤާ އަޑުއެހިއެވެ. އެއިން އޭނާގެ ހިތަށް ކުރަންވީ އަސަރެއް ކުރިއެވެ. ނަމަވެސް، އެއިން އެކަކާ ދޭތެރޭގައިވެސް އޭނާގެ ޝަކުވާއެއް ނެތެވެ. އެކަމަކު، ރީޙާނުގެ ދުލުން އޭނާއާ ދެތެރޭގައި އެފަދަ ބަސްތަކެއް ބޭރުވެގެން ދިއުމުން، އޭނާ ވަރަށް ބޮޑަށް ދެރަވިއެވެ. ހިތަށްކުރި އަސަރަކުން، އޭނާގެ ރޫޙު ތެޅިގަނެގެން ދިޔައެވެ. ހިތާމަ ހުއްޓެވެ. މިތަނަށް އައުމުގެ ބަދަލުގައި، އޭނާގެ އަމިއްލަ ކޮޓަރިއަށް ދެވުނުނަމަ ކޮންފަދަ ރަނގަޅުވީސް ހެއްޔެވެ؟ ކަރުނަތައް ދިރުވާލަމުން ޞާޢިޤާ ވިސްނާލިއެވެ. އޭރުން ހަމަގައިމުވެސް ރީޙާން އެދެއްކި ވާހަކަތަކެއް އޭނާއަކަށް ނުއިވުނީހެވެ. ޞާޢިޤާ ތިރީތުންފަތުގައި ދައިގަތުމަށްފަހުގައި ދުއްވައިގެންފިއެވެ.
ނުނިމޭ…