ޒަޚަމް – ޗެޕްޓަރ 8

ވަފާތެރިކަމުގެ ނަމުގައި ފަނާވެގެންދިޔަ ދެ އިންސާނުންގެ މަތިވެރި ޤުރްބާނީއަކީ، ޢިބްރަތްތެރި ފިލާވަޅެއް ކަމުގައި ދެކެގެން، އޭގެ ދެ ލޯބިވެރިންގެ ހަނދާނެއްގެ ގޮތުން ދުނިޔެއަށް ދޫކުރި ކުޑަކުޑަ ޞާޢިޤާ، މަލުގެ ދާނެއްގައި ގެންގުޅެ ބޮޑުކުރުމަކީ، އަލްޙަމްރާގެ ހުރިހާ ފަރުދުންގެ ކޮނޑުގައި އެޅިފައިވާ ކިތަންމެ ބޮޑު ޒިންމާއެއް ކަމުގައިވިޔަސް، އެކަން އެމީހުން ގަބޫލެއް ނުކުރެއެވެ. އެގޮތުން އެމީހުން ކުރި ފާފަތަކުގެ ތައުބާވާކަށް ގަސްތެއް ނުކުރިއެވެ. ކަންތައް ދިޔައީ މުޅިން އިދިކޮޅަށެވެ. އެދުވަސްވަރު އަލްޙަމްރާއަށް ދިމާވި ހުރިހާ ހިތާމަތަކެއްގެ އަސްލަކީ ޞާޢިޤާގެ އުފަންވުން ކަމުގައި ޔަގީން ކޮށްގެން، އެކުއްޖާފުޅަށް ސުންޕާގެ ނަމުން ނަންދީގެން، އޭނާއާ ދިމާއަށް ހިތަށްއައިހާ އެއްޗެއް ގޮވައި، އަނިޔާކޮށް ހަދަމުން ގެންދިޔައީ، ރަހުމެއް ހަމްދަރުދީއެއް ނެތިއެވެ.

ޠާހިރުގެ ކުއްލި މަރާ ވިދިގެން، ކުޑަކުޑަ ޞާޢިޤާގެ ބޯމަތިން، މައިންބަފައިންގެ ހިޔާވަހިކަން ކެނޑިއްޖެއެވެ. ގޭގެމީހުންގެ އޯގާތެރިކަމާއި ހަމްދަރުދީ އަމުދުން ނެތިއްޖެއެވެ. ފާޅުގައި އަނިޔާގެ ތީރުތައް އޭނާއާ ދިމާއަށް އުކަން ފަށައިފިއެވެ. ސުންޕާކަމުގެ ހިޔަނީގެ ތެރޭގައި ޞާޢިޤާގެ ވުޖޫދު ފޮރުވިގެން ހިނގައްޖެއެވެ. މިހާރު އޭނާގެ ސޫރަ ދެކެލަން ބޭނުން މީހަކުވެސް، އަލްޙަމްރާގައި ނޫޅެއެވެ.

ޚާއްޞަކޮށް ސަޢްދިއްޔާއަކީ ޞާޢިޤާގެ ފުރާނައިގެ ދުޝްމަނެއް ކަމުގައި ވެއްޖެއެވެ. ގުލްރުޚްއާއި ރީޙާނުގެ ކައިރިން ޞާޢިޤާ ފެނިލިޔަސް، އެދުވަހެއްގެ ކަންތައް އެނިމުނީއެވެ. އެކުއްޖާފުޅާ ދިމާއަށް އެއްޗެތިގޮވައި އަނިޔާކުރަނީ، ވަކިގޮތެއް ބަލައިގެނެއް ނޫނެވެ. އަނބުރައިގަނެގެން ވެއްޓެންދެން އަނިޔާ ކުރެއެވެ. އިސްތަށިގަނޑުގައި ހިފައިގެން ކުއްލިޖަހައެވެ. ޞާޢިޤާގެ ހިޔަނިއެޅޭ ހިސާބަށް ނުދިޔުމަށް، އެހެންކުދިންނަށް އަމުރު ކުރެއެވެ. ބޮޑެތިމީހުންގެ ހަރުކަށި ޢަމަލުތަކާއި، ނަފްރަތުގެ ކުރެހުން، ޅަކުދިންގެ ސިކުނޑީގައި ބިންވަޅު ނެގެމުންދާން ފަށައިފިއެވެ. ބޮޑެތިމީހުން ފަދައިން، ކުދިވެރިން ޞާޢިޤާއަށް އަނިޔާކުރަން ފަށައިފިއެވެ. ޙުސްނުއާރާވެސް އޭނާގެ ހުވަފަތްވުމުގެ ޝަޒާ، އެ ކުޑަކުޑަ އަންހެންކުއްޖާއަށް ދެމުން ގެންދެއެވެ.

މިގޮތުގައި ދެއަހަރުދުވަސް ވޭތުވެގެން ހިނގައްޖެއެވެ. އަނިޔާވެރިކަމުގެ އުޑީގެ ދެކިބަދޭތެރޭގައި ޞާޢިޤާގެ ޅަ ސިކުނޑި ފިތެމުން، ދިޔަފެލެމުންދެއެވެ. އާޔާވެސް ހަމަ އެހާ ނުބައެވެ. ވޭތުވެދިޔަ އަހަރު، އާޔާގެ ދޮށީ ފިރިހެން ދަރިފުޅު ޓްރެކްޓަރެއްގެ ދަށުގައިވެގެން އެއްފައި ބުރިވެގެން ދިޔަފަހުން، ހުރިހާވަރެއް ބާލަނީ ޞާޢިޤާއަށެވެ. އޭނާ ކުރާ ކަންތައްވެސް، ކޮންމެހެން ގޭގެ މީހުންނަށް ސިއްރުކުރާކަށް ނުޖެހެއެވެ. އޭނާ ގޮތެއް ހަދާތަން ފެނުނަސް، އެކަން ވަނީ ގޭގެ މީހުންގެ ހިތުގައި ގަނޑުފެނުން ބޮނޑިތާން ކޮށްލުންފަދަ އަރާމުލިބޭ ކަމަކަށެވެ.

އެދުވަސްވަރު ޑޮކްޓަރ ޖުނައިދުގެ އާޔާ، އަމިއްލައަށް އަލްޙަމްރާއަށްގޮސް، ޞާޢިޤާ ގެންގުޅެ ބޮޑުކުރުމުގެ ބުރަ ޒިންމާ، އޭނާގެ ކޮނޑުގައި އެޅިކަން އެއީ ޞާޢިޤާގެ ހެޔޮ ނަސީބެވެ. އެހެންނޫންނަމަ، ކުރީގެ މުސްކުޅި އާޔާ އެކުއްޖާގެ ކަރުގައި ހިފައި މަރާލާކަށްވެސް ފަހެއް ނުޖެހުނީހެވެ.

އަލަށްއައި އާޔާއަކީ ޞާޢިޤާއަށްޓަކައި ފޮނުއްވި ރަޙްމަތުގެ މަލާއިކަތެއް ކަމުގައިވިއެވެ. ފިހި މާލާފައިވާ، ސިފަ ހުތުރު މޫނެކެވެ. އެއްލޮލުގެ މަތީ ބޮނޑި އެއްގޮތަކަށްވެސް ނެތެވެ. ކަނާތުފައި ވަނީ ކޮރުވެފައެވެ. މި ސިފަތައް ލިބިފައިވާ އާޔާ، މައިވަންތަކަމުގެ ދާވަނި ފަތުރާލައިގެންއައިސް، ވާވެލާވެލި ކޮށިފައިވާ ޞާޢިޤާގެ ޙަޔާތުގެ ކިސްތީ ސަމާލުކޮށްފިއެވެ.

ޞާޢިޤާގެ ދިރިއުޅުމުގައި އޭނާއަށް އެއްގޮތަކަށް ނުލިބިފައިވާ ލޯތްބާއި އޯގާތެރިކަން، ފަހުންއައި އާޔާގެ ފަރާތުން ލިބުނެވެ. ޖިސްމާނީގޮތުންނާއި ބުއްދީގެ ގޮތުން ޞާޢިޤާއަކީ ފުރިހަމަ އިންސާނަކަށް ހެދުމަށްޓަކައި، އާޔާގެ މިންނެތް މަސައްކަތުގެ ބާބު ހުޅުވާލައިފިއެވެ. އޭނާ ވަރަށް އަވަހަށް މާޙައުލާއި ގޭގެ މީހުންގެ އާދަކާދަތައް ދަސްކޮށްލައިފިއެވެ. އަދި ޞާޢިޤާގެ ސުންޕާކަމުގެ ވާހަކަތައްވެސް، އެމީހުންގެ ދުލުން އޭނާ އަޑުއެހިއެވެ. ނަމަވެސް، އެއިން ވާހަކައަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. އޭނާއަށް ވީވަރަކުން ބޮޑެތި މީހުންނާއި ކުޑަކުދިންގެ ވިހަ ބެލުންތަކުން ސަލާމަތް ކޮށްގެން އެމީހުންނާ ދުރުގައި ޞާޢިޤާ ގެންގުޅެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

އިއްތިފާޤުން، ކުއްޖަކު ކުޅެން ދުވަނިކޮށް ފައިކައްސާލައިގެން ވެއްޓުނަސް، އެކަމުގެ އަދަބު ލިބެނީ ޞާޢިޤާއަށެވެ. އޭނާގެ ރާޅުބާނި އިސްތަށިގަނޑުން އިސްތަށި އުފުރައި، އޭނާގެ މަލެއްފަދަ ކޯތާފަތުގައި އެތަކެއް ޒަޚަމް ލައްވައެވެ. ނަމަވެސް، އާ އާޔާ އައިފަހުން، އެފަދަ ކަންތަކުން ސަލާމަތް ކުރެވޭތޯ ބަލައެވެ. އެއީ އެއްވެސް ކުށެއްނެތް މަޢްޞޫމް ކުއްޖެއްކަން އޭނާއަށް އެނގެއެވެ.

ދުވަސްތައް މާޒީއާ އެކުވަމުންގޮސް، ރީޙާނުގެ ދިހަވަނަ އުފަންދުވަސް އަތުވެއްޖެއެވެ. މިދެންނެވި ރީޙާނަކީ މާމަގެ އެންމެ ލޯބިވާ މާމަ ދަރިފުޅެވެ. އަދި އެއީ މުޅި ޚާންދާނުގެ އެންމެ ފުރަތަމަ ކާފަ ދަރިފުޅުވެސްމެއެވެ. ވީމާ، އޭނާގެ ކޮންމެ އުފަން ދުވަހެއް، ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވެމުން ދެއެވެ.

މެހުމާނުން އައިސް ހޯލްތެރެ އޮތީ ފުރިބާރުވެފައެވެ. ހުރިހާ ކުޑަކުދިން، ކުލަކުލައިގެ ހެދުންތައް އަޅައިގެން، ކޮކާތަކެއް ފަދައިން އުދުހި އުދުހިފައި އުޅެއެވެ. ބޮޑެތި މީހުންވެސް، އެމީހަކަށް ހެދެވުނު އެންމެ ބޮޑަކަށް ނަލަހެދިގެން ކޮޅުކޮޅަށް ކުރުކާލި ކަނޑަމުންދެއެވެ. މުޅި އަލްޙަމްރާއަށް އުފާވެރިކަން ފެތުރިފައިވެއެވެ.

ރީޙާން ހުދުކުލައިގެ ކަމްޚުވާބް ފޮތީގެ އާޗްކަންއަކާއި ޖަރީގެ ތާކިހަލެއް އަޅައިގެންއައިސް ކޭކު ފެޅުމަށްޓަކައި މޭޒުކައިރިއަށް ހުއްޓިއްޖެއެވެ. އެވަގުތު ހުރިހާ ކުދިން ދުވެފައިއައިސް އޭނާ ވަށާލައިފިއެވެ. މިހާރު ކޭކުގައި ހަރުކޮށްފައިވާ ދިހަ އުއްބައްތި ދިއްލައިލައިފިއެވެ. ފައުޒިއްޔާ، ރީތި ފިޔޮއްސެއް ހިފައިގެން ކުރިއަށް ޖެހިލައިފިއެވެ. ޠާހިރު މަރުވިތާ މާގިނަދުވަހެއް ނުވަނީސް، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފަޚްރާއި ފައުޒިއްޔާ ކައިވެނި ކޮށްފިއެވެ. ދެއަހަރަށްދާ ކުޑަކުޑަ ސަމީރާއަކީ އެމީހުންގެ ކައިވެނީގެ ފޮނި މޭވާއެވެ.

ޞާޢިޤާވެސް ފިނިފެންމާކުލައިގެ ފްރޮކެއް ލައިގެން، ކުދިންތަކުގެ ތެރޭގައި ހުއްޓެވެ. ކޭކުގައި ދިހަ އުއްބައްތި ދިއްލައިލިތަން އޭނާއަށް ފެނުމުން، ރީޙާނުގެ ކައިރިއަށް ދިއުމަށް އޭނާ މަސައްކަތްކުރަން ފަށައިފިއެވެ. އަދި ހަމަ ވަރަށް އަވަހަށް ދެއަތުން ކުދިންތައް ދުރުކުރަމުން، ހަތަރު އަހަރުގެ ކުޑަކުޑަ ޞާޢިޤާ ގޮސް ރީޙާނުގެ ކަނާތްފަރާތުގައި ހުއްޓިއްޖެއެވެ. ނަސީބު ރަނގަޅުކަމުން، ގޭތެރޭގައި މަޖާ ބޮޑުކަމުން، އެއްވެސްމީހަކަށް އޭނާއެއް ނުފެނެއެވެ. އެހެންނޫންނަމަ، އެފަދަ ބަރަކާތްތެރި ދަނޑިވަޅެއްގައި، އެމީހުންނަށް ފެންނަ ހިސާބަށް އެކުއްޖާފުޅު އަޔަކަނުދޭނެއެވެ.

[ބިސްމި ކިޔާފައި އުއްބައްތިތަކަށް ފުމެލާށެވެ.] ރީޙާނުގެ ކަންފަތްދޮށުގައި ފައުޒިއްޔާ ބުންޏެވެ.

[އެއީ ތެދެކެވެ. ދަރިފުޅާއެވެ. އަވަހަށް ބިސްމި ކިޔާށެވެ.] އެތަކެއް އަޑު އެއްފަހަރާ އިވިގެން ދިޔައެވެ.

[ބައްތިތަކަށް ފުމެލާށެވެ.] މާމަވެސް އަމުރު ދީފިއެވެ. ނަމަވެސް، ރީޙާނުގެ ކުރިން ޞާޢިޤާ ފުމެލައިގެން، ދެ އުއްބައްތި ނިވާލައިފިއެވެ. ރީޙާން އަޑުގެ ކޮޅަށް ރޮއިގެންފިއެވެ.

[ބައްތިތަކަށް ފުމެލީ ކާކުހެއްޔެވެ؟] ދެތިންމީހުން އެއްފަހަރާ ހަޅޭއްލަވައިގެންފިއެވެ.

[އަހަލެންނެވެ…. އަހަލެންނެވެ.] އަތްތިލަބަނޑި ތަޅައިގެންފައި، އުފަލާއެކު ޞާޢިޤާ ގޮވާލިއެވެ.

[ސުންޕާގަނޑު….] ބަނޑުހައިގެންފައިވާ ސިންގާއެއް ފަދައިން، އޭނާއާ ދިމާއަށް ސަޢްދިއްޔާ ފުންމައިގެންފިއެވެ.

[ކަލޭ މިތަނަށްއައިސް ތިޔަ ފާވެގަތީ ކީއްވެގެން ހެއްޔެވެ؟] ފައުޒިއްޔާ އެނބުރިލާފައި ޞާޢިޤާގެ ދެކޮނޑުގައި ހިފާފައި ހަލުވައިގެންފިއެވެ. މާމަ ޙުސްނުބާނޫވެސް އެކުއްޖާފުޅަށް ސުންޕާގެ ލަޤަބު ދިނުމަށްފަހު، އޭނާގެ އިސްތަށިގަނޑުގައި ހިފާފައި ކުއްލިއެއް ޖަހައިފިއެވެ. އެހާބާރަށް ކޮއްޕާލައިފިއެވެ. ޞާޢިޤާ ފަކީރު ބަންޑުން ވެއްޓިއްޖެއެވެ. މި ރަޙުމްކުޑަ މަންޒަރު ފެނުމުން، އެތާ ދާދިކައިރީގައިހުރި ހިތްހެޔޮފާޑުގެ މެހުމާނަކު، އަވަސް އަވަހަށް ޞާޢިޤާ ނަގާފައި އޭނާގެ ގައިގައި ފިރުމާލައިފިއެވެ.

[ތިޔަ ކުއްޖާ ދޫކޮށްލާށެވެ. ސުންޕާގަނޑާއެވެ. އަވަހަށް މިތަނުން ރައްކާވާށެވެ. ނަސީބުކުޑަ އާޔާ ކޮބައިހެއްޔެވެ މިފަދަ ބާއްޖަވެރި ދަނޑިވަޅުގައި، މި ސުންޕާ މިތަނަށް އަޔަދިނީ ކީއްވެގެން ހެއްޔެވެ؟ ލަދެއްނެތިގެން ދެ އުއްބައްތިވެސް ނިވާލައިފިއެވެ….] މާމަ އެއްޗެތިގޮވަން ފަށައިފިއެވެ.

[ހާދަ ބޮޑަކަށް އަހަރެންގެ ހިތް އެބަތެޅެއެވެ.] ފައުޒިއްޔާ ބުންޏެވެ.

[އަހަރެންގެ ދަރިފުޅަށް ރަޙްމަތް ލައްވާނެތެވެ.] ރީޙާނުގެ މަންމަ ބުންޏެވެ.

[ރީޙާނުގެ ބޯމަތިން އަވަހަށް ޞަދަޤާތް ކުރާށެވެ.] އެހެންމީހެއްގެ އަޑު އިވުނެވެ.

[ނަސީބުކުޑަ ސުންޕާގެ ކަރު އަނބުރާލަފާނަމޭ ހިތަށް އަރައެވެ.] ސަޢްދިއްޔާ ބުންޏެވެ.

[އަހަރެމެންގެ ހުރިހާ އުފާތަކެއް ބުރުއްސާލައިފިއެވެ.]

މިގޮތުން ގޭގެ އެންމެންވެސް ޞާޢިޤާއާ ދިމާއަށް، ބަހުގެ ތީރުތައް އުކަން ފަށައިފިއެވެ. ވައި އަޅުވާ ފާޑުގެ މެހުމާނުންވެސް، ދެރަވެ ދެރަވެފައި އެމީހުންނާ އެއްކޮޅަށް ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް، ތަޢްލީމު ލިބިފައިވާ ސިކުނޑި ރަނގަޅު މީހުން، ތުންފިއްތާލުމަކުން އެމީހުންގެ އަނިޔާވެރިކަމާ ދެކޮޅުހެދިއެވެ. އަލްޙަމްރާގެ މީހުން، އެމީހުންގެ އަމިއްލަ ލެޔާ އެފަދަ ބޮޑު ދުޝްމަންތަކެއް ބާއްވައިގެން އުޅޭތީ، އެމީހުން ހައިރާންވިއެވެ.

ޞާޢިޤާ ދެ އުއްބައްތި ނިވާލުމުން، އަލްޙަމްރާގެ ބޮޑު ހޯލުގައި ނަފްރަތާއި ރުޅިވެރިކަމުގެ ހައިޖާނީ އޮއިވަރެއް ހިނގައިގެންފިއެވެ. އެމީހެއްގެ ހިތަށްއެރި އެއްޗެއް ޞާޢިޤާއާ ދިމާއަށް ކިޔަމުން ގެންދިޔައެވެ. އަންޖަމަން އާރާއާއި ފަޚްރު ބޮޑުބޭބެ، ޞާޢިޤާ ޙިމާޔަތްކޮށް އެކަންތައްގަނޑު މަތަކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، ފަޚްރު ބޮޑުބޭބެއަށް، އަނބިމީހާ ފައުޒިއްޔާގެ ޒީލަގަދަކަން އެނގޭތީ، އޭނާއަކަށް މާގިނަ ވާހަކައެއް ދައްކާކަން ނުކެރުނެވެ. އެމީހުންނާ ދެކޮޅަށް އެއްޗެއް ބުނެލަން ކެރުނީވެސް ހަމައެކަނި އަންޖަމަން އާރާއަށެވެ. ކުރާނީ ކީއްހެއްޔެވެ؟ އެއީ އެކަނި ޖާނެކެވެ. ވީއިރު، ބޮޑު ލަޝްކަރަކާ ކުރިމަތިލެވޭނީ ކިހިނަކުން ހެއްޔެވެ؟

އެދުވަހު ޞާޢިޤާގެ އާޔާއަށްވެސް އެވަރު ކޮށްލިއެވެ. ބައެއްމީހުން ޞާޢިޤާއަށާއި އާޔާއަށް އަނިޔާވެސް ކުރިއެވެ. ވީމާ، އާޔާފަކީރު ހަމަ އެވަގުތު ޞާޢިޤާ ގޮވައިގެންގޮސް، ކޮޓަރިއަށް ވަންގޮތަށް އެދުވަހު ދެން ކޮޓަރިއަކުން ނުނުކުމެއެވެ. އަދި ޞާޢިޤާވެސް ނުކުތަކަ ނުދެއެވެ.

އެފަދަ ކުދިބޮޑެތި ހާދިސާތައް ހިނގަމުންދެއެވެ. އެގޮތުގައި ދުވަސްތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވަމުންދެއެވެ. އެއްދުވަހުން އަނެއްދުވަހަށް ޞާޢިޤާއަށްވެސް ތަންދޮރު އެނގެމުން، ހެޔޮވިސްނުން ލިބެމުން މާޙައުލު ދަސްވަމުން ދިޔައެވެ. އޭނާގެ ބުއްދި ފުރިހަމަވަމުން ދިޔަވަރަކަށް، ޠަބީޢަތަށް މަޑުމައިތިރިކަމާއި އެކަނިވެރިކަން އިތުރުވަމުން، އާޔާ ފިޔަވައި އެހެން އެންމެންނާ ދުރުހެލިވަމުން ދިޔައެވެ.

ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އަލްޙަމްރާގެ ކުޑަކުދިންކޮޅުވެސް ބޮޑެތިވަމުން، އެކުދިންގެ ހަށިތަކަށް ޒުވާންކަމުގެ ކުލަ އަންނަމުންދެއެވެ. ހަށިތަކުގެ ބައްޓަންތައް ރީތިވެ، ވަނާތައް ފާޅުވަމުންދެއެވެ. ރީޙާން، އަސައްދު، ފަރުޚް، ނަޢީމު، ފަރީދު، މާހުރުޚް، ގުލްރުޚް، ސަމީރާ ޞާޢިޤާ، ޝާހިދާ، ސަމީނާ، މިއީ ހައްތާވެސް ޝަބާބުގެ ގުލްޝަނުގައި ފަރިވަމުންދާ ކުލަކުލައިގެ މާތަކެވެ. ވީމާ، އެ މާތައް ފޮޅިލުމުގެ ކުރިން، މާބުރުތައްވެސް މާތަކުގެ ވަށައިގެން ބުރުޖަހަމުންދާތަން ފެންނަން ފަށައިފިއެވެ. ރީޙާން، ސަމީރާއާ މާބޮޑަށް ގަޔާވާން ފަށައިފިއެވެ. އަސައްދު ގުލްރުޚާ އެކުގައި މާގިނައިން ފެންނަ ފަށައިފިއެވެ. ފަރުޚަށް ސަމީނާއާ ނުލައި އެއްވެސް ކުޅިވަރެއްގައި ބައިވެރި ނުވެވޭން ފަށައިފިއެވެ. ނަޢީމު، ޝާހިދާގެ ވަށައިގެން އެނބުރެން ފަށައިފިއެވެ. ނަމަވެސް، ޞާޢިޤާއާ ދިމާއަށް ބަލާލާނެ ބައިވެރިއަކު ނެތެވެ. ފަހަރެއްގައި އެހެންކުދިން ކުޅެން ތިއްބާ އޭނާއަށް އެތަނަށް ދެވުނަސް، އެދެން އެދުވަހެއްގެ ކަންތައް ނިމުނީއެވެ. އެތިބަ ޝާހީ ކުދިންކޮޅަށް ކޮންމެވެސް ސުންޕާކަމެއް ޖެހޭނެއެވެ. ކުޅެކުޅެ ދާހިއްލައިގަނެގެން ތަންކޮޅެއް ބޮޑަށް ކުއްޖެއްގެ ގައިކަހާލިޔަސް، އެއީ ޞާޢިޤާގެ ސުންޕާކަމުން ވީކަމެއް ކަމުގައި ހަދައިގެން، އެންމެންވެގެން އޭނާއާ ދިމާކޮށްލާނެއެވެ. އެމީހުންގެ އަނިޔާވެރިކަމާއި ތޫނު ބަސްތަކުން، އެފަކީރުގެ ހިތް ޒަޚަމްވެ، ލޭއޮހޮރެމުން ދާވަރެއް އޮޅުންފިލުވަން ބޭނުން އެކަކުވެސް އުޅޭކަމަކަށް ނުވެއެވެ. ޚުދު އޭނާވެސް އެކަން ދަނެއެވެ. ކޮޓަރިތެރޭގައި އޭނާގެ ގިނަ ވަގުތުތައް ހޭދަކުރެއެވެ. މާބޮޑަށް ފޫހިވެއްޖިއްޔާ، ބަގީޗާގެ ތެރެއިން އޮއިދެމެމުންދާ ކޯރުގެ އައްސޭރީގައި އޮންނަ ބޮޑު ހިލަގަނޑެއްގެ މަތީގައި އިނދެގެން އަމިއްލަ ޙަޔާތުގެ ހިތިކަމާ ދޭތެރޭގައި ވިސްނައެވެ.

އަމުދުން ޞާޢިޤާގެ މޮޔަ ހިތް، ނުއެނގުމުގެ ތެރޭގައި ރީޙާނާ ދިމާއަށް ލެނބެމުން، ރީޙާނަށް އަޅުކަންކުރަމުން ދާންފެށުމުން، އެ އެކަނިވެރި އަންހެންކުއްޖާގެ ހިތްދަތިކަމާއި ހިތާމަތައް މާބޮޑުވެއްޖެއެވެ. އޭނާއަށްޓަކައި ދިރިއުޅުމަކީ ބޮޑު ބުރައަކަށް ވެއްޖެއެވެ. އިޙްސާސްތައް ކުރިއަށްވުރެވެސް ބަލިކަށިވެއްޖެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މުޅި އަލްޙަމްރާއިންވެސް އޭނާގެ އެންމެ ބޮޑު ދުޝްމަނަކީ ރީޙާނެވެ. ވީއިރު، ރީޙާނުގެ ލޯބީގައި އޭނާ ފަނާވެގެން ދިޔަޔަސް، ރީޙާނުގެ ހިތަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ އެއްފަރާތުން ވެވޭ ލޯތްބަކުން ލިބޭނީ ކޮން މީރުކަމެއް ހެއްޔެވެ؟ އާހް. ތަޤްދީރަށް ތަދްބީރުކުރެވޭނީ ކާކަށް ހެއްޔެވެ؟ ކޮންމެ ފަހަރަކުވެސް ޞާޢިޤާ ހެއްދެވިފަރާތް، ޝުކުރުވެރިކަމާއެކު ހަނދާންކޮށްލައެވެ.

އެކަހަލަ މިކަހަލަ ގޮތެއްގައި ޞާޢިޤާގެ ހިތާމަވެރި ޙަޔާތުން ވިހި އަހަރު ވޭތުވެގެން ހިނގައްޖެއެވެ. ފުރިހަމަ ވިހި އަހަރު މާޒީގެ ފުސްކަމުގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ.

ނުނިމޭ…

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.