ޒަޚަމް – ޗެޕްޓަރ 7

ޠާހިރު އަނެއްދުވަހު ހެނދުނު ޙުސްނުބާނޫގެ ގާތުގައި އެވާހަކަތައް ދައްކާފައި، ނާޖީ ގޮވައިގެން އެގެއިން ދިއުމުގެ ޚިޔާލު ފާޅުކުރިއެވެ.

[މިގެއިން އޭނާއަށް ދަތިވާކަމެއް ދެނެވޮޑިގެންވާނީ ﷲ އެވެ. އަހަރެމެން އޭނާއާއިގެން މިވަރުން އުޅޭއިރުވެސް، އޭނާގެ ހިތެއް ނުހުރެއެވެ.]

[ތިޔަހެން ހީނުކުރައްވާށެވެ. މަންމާއެވެ. މި މާޙައުލަށް އޭނާ އަދި ފަރިތަ ނުވަނީއެވެ. އެކަމާ އޭނާ މާބޮޑަށް ދެރަވަނީއެވެ.]

[ފަރިތަ ވާނީވެސް މިތަނުގައި އުޅުނީމައެވެ.]

[އޭނާ މާބޮޑަށް ހިކި އަނަރޫފަވަމުންދާތީ، ކުޑަ ދުވަސްކޮޅަކު ބޭރުގައި ގެންގުޅެލަން އަޅުގަނޑު ގަސްތުކޮށްފީމެވެ. އެހެންނޫނީ….]

[ޚުދު ކަލޭ އަހަރެމެންނާ ދުރަށްދާން ބޭނުންވަނީއޭ ބުނަން ނުކެރިގެން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟] ޙުސްނުބާނޫ ދެލޯ ވައްކޮށްލިއެވެ.

[މަންމާއެވެ. ތިޔަހެން ނުބުނުއްވާށެވެ.]

[އެހެން ކޮންކަމެއް ހެއްޔެވެ؟ އަދި ކަލޭގެ ބައްޕަގެ ކަފުނުގައިވެސް ކިލާކޮޅެއް ނުހޭކޭނެއެވެ. ވީއިރު، މިކަހަލަ ދަނޑިވަޅެއްގައި ތިޔަކަހަލަ ވާހަކައެއް ދައްކާއިރު، ކަލޭވެސް ވިސްނާލަން ޖެހޭނެއެވެ.] މަންމަގެ ކަރުނަވީ އަޑުގެ ތެރެއަށް ޠާހިރުގެ ހިތް ގެނބިގެން ދިޔައެވެ.

ކުޑަދުވަސްކޮޅަކަށްޓަކައި ނާޖީ ގޮވައިގެން އެހެންތަނަކަށް ގޮސްލުމުގެ ޚިޔާލު، ޠާހިރު ފާޅުކުރިއެވެ. ނަމަވެސް، އަތްދަށުވެފައިވާ ޝިކާރައެއް ދޫވެގެން ދިޔަދިނުމަކަށް، ޙުސްނުބާނޫގެ ހިތެއް ނުރުހެއެވެ. އަނެއްކާވެސް އެމީހުންގެ ބޮލަށް ގޮންޖަހާލައި ޠާހިރު ގޮވައިގެން ނާޖީ ހިނގައްޖެނަމަ، އެއީ ޙުސްނުބާނޫއާއި ދެންތިބި މީހުންގެ ޤަދަރަށް ލިބޭ ކިހާބޮޑު އުނިކަމެއް ހެއްޔެވެ؟ އެހެންނޫނަސް، އެމީހުންގެ ބަދަލުހިފުން ފުރިހަމަވާނީ، އެ ބީރައްޓެހި އަންހެންކުއްޖާ، ތެޅިތެޅި މަރުވީމައެވެ. އެއޮއްބޮޑު ކަންތައް ނުނިމެނީސް ޠާހިރު ގޮވައިގެން ނާޖީ ހިނގައްޖެނަމަ، އެމީހުންނަށް ކާމިޔާބުވާނީ ކިހިނަކުން ހެއްޔެވެ؟ މަންމަގެ އިންކާރުކުރުމާ ދެކޮޅުހެދުމަށް، ސަޢްދިއްޔާއާއި ފައުޒިއްޔާ ތާއީދުކުރިއެވެ. އެކަމުގައިވެސް އެމީހުން ބޭނުންކުރީ، ވަރަށް މަކަރުވެރި ގޮތެކެވެ. އޯގާތެރިކަމާއި މަޑުމައިތިރިކަން ކުރިއަށް ނެރެގެން، ޠާހިރުގެ ހިތް އަތުލަން މަސައްކަތް ކުރިއެވެ.

[ފުރިހަމަ އެއްއަހަރުދުވަސް ވަންދެން ދަރިފުޅުގެ ވަކިވުމުގެ ހިތާމައިގައި މަންމަ ތެޅިފޮޅުނީމެވެ. އެހެންގޮސް، އެތަކެއް ދުވަސްފަހުން، ދަރިފުޅުގެ ސޫރަ ދުށުމުގެ ނަސީބު ލިބުނީ، މަންމަ ހާދަ ދުޢާއެއްކޮށް، ހާދަ ނަދުރެއް ބުނިފަހުންނެވެ. ތިޔަވަރުން ދާންބޭނުމިއްޔާ އެނބުރިއައީ ކީއްކުރަން ހެއްޔެވެ؟ އެ އިންގޮތަށް އިންނަމަ، އަހަރެންނަށްވެސް މިހާރު އޮތީހީ ކެތްތެރިވުމުގެ ބާރު ލިބިފައެވެ.] މިހާއަވަހަށް ދަރިފުޅު ދިޔައިމާ، ދުނިޔޭގެ މީހުން ބުނާނީ ކީކޭހެއްޔެވެ؟ ދަރިފުޅު އެނބުރި އައުމުން، ދަރިފުޅުގެ ބައްޕަ ކިހާ އުފަލެއް ކުރެއްވި ހެއްޔެވެ؟ އޭރު ކަލޭ އައީ ބައްޕައަށް އޮޅުވާލައި، ކެހިދޭން ހެއްޔެވެ؟ ދަރިފުޅު ތިޔަހެން ހަދައިފިނަމަ، އެ ބައްޕަގެ ފުރާނައަށް ހަމަޖެހުމެއް ލިބޭނެހެއްޔެވެ؟] މަންމަ ރޮމުން، ކަރުނަ އޮއްސަމުން، ތޫނު ލަފުޒުތަކަކުން ޠާހިރުގެ ހިތާ ޙަމަލަދެމުން ގެންދިޔައެވެ.

[މަންމާއެވެ. ކުރީގައި ދިޔަހެން، އަބަދަށްޓަކައި ގެ ދޫކޮށްލާފައި ދާކަށް އަޅުގަނޑު ނޫޅެމެވެ. އަޅުގަނޑު މިދަނީ، ހަމައެކަނި ނާޖީގެ ޞިއްޙަތަށްޓަކައެވެ.]

[އާއެކެވެ! އާއެކެވެ! ތިޔަހެން ބުނާނެކަން، މާކުރިންވެސް އަހަރެންނަށް އެނގެއެވެ. ނާޖީގެ ކުރިމަތީގައި، މި ހުވަފަތް މައިމީހާގެ ހިތާމަވެރި އިޙްސާސްތަކަކީ ކޮން އަގެއްހުރި އެއްޗެއް ހެއްޔެވެ؟] މަންމަ ގިސްލަން ފަށައިފިއެވެ.

[ތިޔަހާ ބޮޑަށް ދާހިތްވާއިރު، އަހަރެމެންކުރެން އެހުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ހިތްއެދޭތާކަށް ދިޔައިމާ ނިމުނީ ނޫންހެއްޔެވެ؟] ޙުސްނުއާރާ އެދޭތެރެއަށް ޒަހަރުކޮޅެއް ވައްޓާލިއެވެ.

[އަހަރެމެންގެ ޙާލު ދެކެވޮޑިގެންވާނީ ﷲ އެވެ. މާތްކަލާނގެއާ ވަކީލެވެ.] ރިހުން އެކުލެވިފައިވާ އަޑަކުން، މަންމަ ބުންޏެވެ. [އަހަރެމެންގެ ނަސީބުގައި ހިތާމައަކަށްފަހު ހިތާމައެއް ކުރިމަތިވުމަށް ލިޔުއްވާފައި ވަނީނަމަ، އަހަރެމެންގެ އޮންނާނީ ކޮން އާރެއް ބާރެއް ހެއްޔެވެ؟] މަންމަގެ ހިތާމަވެރި ބަސްތައް އަޑުއިވުމުން، ސަޢްދިއްޔާއާއި ފައުޒިއްޔާއަށްވެސް ރޮވިއްޖެއެވެ.

ޙުސްނުބާނޫއާއި އޭނާއަށް ވައިއަޅުވާ މީހުންގެ ޙަމަލަތައް އަމާޒުވެއްޖެއެވެ. ޠާހިރުގެ ކަރު އެލިއްޖެއެވެ. ތުންފަތްމަތީގައި ހަމަހިމޭންކަމުގެ ސިއްކަ ޖެހިއްޖެއެވެ. މަންމައަށްޓަކައި، ނާޖީ ގޮވައިގެން އަލްޙަމްރާއިން ނުދިއުމަށް ހިތުގައި ކަނޑައަޅައިގެން، ޠާހިރު އެތަނުން ހިނގައްޖެއެވެ.

އެރޭ ނުހަނު ލޯތްބާއެކުގައި ޠާހިރުގެ ކަނދުރާގައި އަތް އަޅުވާލަމުން، ހިނިތުންވެލާފައި ނާޖީ ސުވާލު ކޮށްލިއެވެ.

[އަޅުގަނޑުމެން ދަނީ ކޮންއިރަކުންތޯއެވެ؟]

[ކަލެއަށް މިގެއިން ލިބެނީ ކޮން އުނދަގުލެއްކަން ދެނެވޮޑިގެންވާނީ ﷲ އެވެ.] ނިތްކުރިއަށް ރޫއަރުވާލާފައި، ނުރުހުމުގެ ރާގަކަށް ޠާހިރު ބުންޏެވެ. [މިތަނުން ދިޔުމަކީ އަހަރެންނަށް ކިހާ އުނދަގޫ ކަމެއްކަން، ކަލެއަށްވެސް އެނގޭނެއެވެ. ނިކަން ވިސްނާލަ ބަލާށެވެ. ބައްޕަ ނިޔާވިތާ އަދި މާގިނަދުވަހެއް ނުވެއެވެ. މިހާރު ހިނގައްޖެނަމަ، މީހުން ކިޔާނީ ކީކޭހެއްޔެވެ. ކަންތައްތަކަށް ކެތްކުރަންވާނެއެވެ.] އެނދާ ދިމާއަށް ހިނގައިގަންނަމުން ޠާހިރު ބުންޏެވެ. އޭގެއިތުރުން، ދެއްކި އެއްވެސް ވާހަކައެއް ނާޖީއަކަށް އަޑެއް ނުއިވެއެވެ. އޭނާ އަހާކަށްވެސް ބޭނުމެއް ނޫނެވެ. މިހާރު އޭނާގެ ކައިރީގައި އެހެރީ އޭނާގެ ލޯބިވާ ފިރިމީހާ ޠާހިރެއް ނޫނެވެ. އެއީ ޙުސްނުބާނޫގެ ފިރިހެން ދަރިފުޅު ޠާހިރެވެ. ނަވާބުޒާދާއެކެވެ. އެރޭ ޠާހިރުގެ ވާހަކަތަކާއި ޢަމަލު ހުރިގޮތުން، ނާޖީގެ ހިތް ކުދިކުދިވިއެވެ. ލޭ އޮހޮރުނެވެ. އޭނާ ދެރަވެ އަދި ރުއިލެއް ބޮޑުކަމުން، ޠާހިރުގެ ހިތަށްވެސް އަސަރުކުރިއެވެ. ނަމަވެސް، ހަމްދަރުދީ ފާޅުކުރުމުގެ ގޮތުން އެންމެ ލަފުޒެއްވެސް އޭނާ ނުބުނެއެވެ. ނާޖީއަކީ ނުވިސްނޭ މޮޔަކުއްޖެކެވެ. އެންމެ ރަނގަޅުވާނީ، އެ މޮޔަކުއްޖާ ދައްކާ ވާހަކައާ އަޅާނުލީމައެވެ. ހަމްދަރުދީ ފާޅުކޮށް، އޭނާއާ އެއްކޮޅަށް ވާހަކަ ދައްކައިގެން ކަމަކު ނުދާނެއެވެ. ޠާހިރުގެ ހިތަށް އެރިއެވެ.

އަނެއްދުވަހު، ލިބުނު އެންމެ ފުރަތަމަ ދަނޑިވަޅުގައި، ޙުސްނުބާނޫ އޭނާގެ ހިތުގެ ދިލަ ހޫނުގަނޑު ފިލުވާލައިފިއެވެ. ހިތް ފުރެންދެން ނާޖީއާ ދިމާއަށް އެއްޗެތި ގޮވާލައިފިއެވެ. ހަމައެފަދައިން ޙުސްނުއާރާއާއި ސަޢްދިއްޔާވެސް އެހާވަރު ކޮށްލިއެވެ. ފައުޒިއްޔާ ދަތްކުނޑި ވިކަވިކާފައި އެއްޗެތި ގޮވިއެވެ.

[ކަލޭ ދާންބޭނުމިއްޔާ އެކަނިދާށެވެ. ޠާހިރު ގޮވައިގެންދާން މަސައްކަތް ކޮށްފިނަމަ، ކަލެއަށް ލިބޭނީ، އޭނާގެ ފުރާނަނެތް މަސްގަނޑެވެ. ވިސްނިއްޖެ ހެއްޔެވެ؟]

ދެން ހަދާނެ އެއްވެސްގޮތެއް ނާޖީއަކަށް ނުވިސްނެއެވެ. ދިރިއުޅުންދެކެ އޭނާ ފޫހިވެއްޖެއެވެ. ދުނިޔޭގައި އިންނާކަށް ދެނެއް އޭނާ ބޭނުމެއް ނޫނެވެ. ދިމާވިގޮތަކުން، އެދުވަހު ސަޢްދިއްޔާއާއި ފައުޒިއްޔާ ދެއްކި ވާހަކަތައް އަޑުއިވުމުން، ދެންއޮތް އުންމީދުކޮޅުވެސް ގެއްލިއްޖެއެވެ.

[އަދި އެއްވެސްކަމެއް ގޯހެއްނުވެއެވެ. އެ ފުރޭތައިގެ ކިބައިން އަހަރެމެންނަށް ސަލާމަތް ވެވިދާނެއެވެ. ކަލެއަށް ވެވުނުވަރަކުން ޠާހިރު އަތުއަޅުވާލެވޭތޯ މަސައްކަތް ކުރާށެވެ.] ވާހަކަ ދައްކަމުން ދައްކަމުންގޮސް ސަޢްދިއްޔާ ބުންޏެވެ.

[އަހަރެން އަބަދުވެސް ތިޔަ މަސައްކަތް އެބަކުރަމެވެ.] ފައުޒިއްޔާ ބުންޏެވެ. [މިހާރު އޭނާ ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އަހަރެންނަށް ހީވާގޮތުންވިއްޔާ، އެ ބީރައްޓެހިގަނޑުގެ ފަރާތުން މިހާރު ޠާހިރުގެ ހިތް ފުރިއްޖެއެވެ. އެކަހަލަ އަންހެނުންނާހެދި ފިރިހެނުން އެހާގިނަދުވަހަކު ނޫޅޭނެއެވެ. އެކަމަކު، އެއީ މީހަކު މޮޔަވާހާވެސް ރީތި އަންހެނެކެވެ.]

[ރީތިވީމާ ކުރާނީ ކީއްހެއްޔެވެ؟ ކަލެއާ އަޅާބަލާއިރު، އެއީ ދެން ކާކުހެއްޔެވެ؟ ތަހުޒީބާއި ސަމާޖުގެ ރީތިކަމުގެ ކުރިމަތީގައި، ޖަންގަލީގެ ރީތިކަން ކުރިއަރާނީ ކިހިނަކުން ހެއްޔެވެ؟ އަދި އެހެންނޫނަސް، ކަލެއަކީ ވަކިން ހުތުރު ކުއްޖެއް ނޫނެވެ. އެންމެފަހުން އޭނާދެކެ ފޫހިވެގެން، ކަލެއާ އިނުމަށް ޠާހިރަށް މަޖުބޫރުވާނެއެވެ.] ސަޢްދިއްޔާ ބުންޏެވެ.

[ޠާހިރު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް އަހަރެން ކުރާނަމެވެ. އެގޮތުންވެސް އޭނާ ނުލިބިއްޖިއްޔާ ނުރައްކާތެރި ފިޔަވަޅެއް އެޅުމަކަށްވެސް އަހަރެން ފަހެއް ނުޖެހޭނަމެވެ.]

[ކަލޭ މާޔޫސް ނުވާށެވެ. ހުރިހާކަމެއް ރަނގަޅުވެދާނެއެވެ. މިފަހަރުވެސް ޠާހިރު މިގެއިން ގެންދަންވެގެން، އޭނާ ކިހާ މަސައްކަތެއް ކޮށްފިހެއްޔެވެ؟ އެކަމަކު އެންމެފަހުން ޠާހިރަށް ޖެހުނީ، އަހަރެމެންގެ ބަސް ގަބޫލުކުރަން ނޫންހެއްޔެވެ؟]

[އެ އަންހެނާގެ ބަސް ގަބޫލުނުކޮށް، އޭނާ އަހަރެމެން ބުނިގޮތް ހެދިކަން، އެއީ ވަރަށް މޮޅަށް ދިމާވި ކަމެކެވެ.]

[ކުރިއަށް އޮތްތަނުގައި ވާގޮތެއްވެސް ބަލަން ތިބޭށެވެ. ލޯބީގެ ރޯގާއަކީ، އޭގެ ފަނިތައް ފެތުރިގެންދާހާ ހަލުވިކަމާއެކު، ފަނާވެގެންވެސް ދާއެއްޗެކެވެ.]

މި އަޑުތައް އިވުމުން، ރޭލުގެ ފުރޮޅުތައް ފަދައިން، ނާޖީގެ ސިކުނޑި އެނބުރިގެންފިއެވެ. އެއީ އޭނާގެ ޝައްކުވެފައިވާ ހިތުގެ ޤާތިލު ކަމުގައި ވެއްޖެއެވެ. ރެޔާދުވާލު އެގެއިން ދާނެގޮތަކާމެދު ވިސްނަން ފަށައިފިއެވެ. ނަމަވެސް، ދާނީވިއްޔާ ކޮންތަނަކަށް ހެއްޔެވެ؟ އޭނާގެ މަންމަ މަރުވެއްޖެއެވެ. ގާތްތިމާގެ މީހަކު ނެތެވެ. ދުރުހިލޭ މީހެއްގެ ކައިރިއަށްގޮސް އޭނާ ބުނާނީ ކީކޭހެއްޔެވެ؟ އެކަމަކު، އޭނާ އެ ޚިޔާލު ދުލެއް ނުކުރެއެވެ. ދެން އޮތީ ހަމައެންމެ ގޮތެކެވެ. އެއީ އެންމެ ޔަގީންކަންބޮޑު ގޮތްވެސްމެއެވެ. އާއެކެވެ. އަމިއްލައަށް މަރުވުންނޫން އެހެން އެއްވެސްގޮތެއް ދެން ނެތެވެ. ނާޖީ މިގޮތަށް ޢަޒުމް ކަނޑައަޅައިގެން، ރަނގަޅު ފުރުސަތަކަށް ބަލަބަލާ އިނެވެ.

ޠާހިރު ކޮޓަރިއަށް ވަންއިރު ނާޖީއަށް އޮތީ ނިދިފައެވެ. ވީމާ، ދުވާލު ހަތަރުދަމުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި އޭނާ އެނދުގައި އޮށޯވެލައިފިއެވެ. ނިދިފައިއޮތް ނާޖީއަށް އުނދަގޫކުރުމަކީ އޭނާއަށް ރުހެވޭކަމެއް ނޫނެވެ. އެރޭނޫނަސް ނާޖީއަށް ނިދިފައި އޮއްވާ ގޮވާހޭލެއްވުމަކީ އޭނާ ކުރާކަމެއް ނޫނެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން، އެނދުގައި ޖެހޭއިރަށް އޭނާއަށް ނިދިއްޖެއެވެ.

ނާޖީ އޮތީ ނިދާފައެއް ނޫނެވެ. ވީމާ، ޠާހިރަށް ނިދެންދެން އެގޮތަށް މަޑުމަޑުން އޮވެފައި، އޭނާ ތެދުވެއްޖެއެވެ. ކައިވެނީގެ ހަނދާނެއްގެ ގޮތުން އޭނާގެ އިނގިލީގައި ޠާހިރު އަޅުވައިދީފައިއޮތް އަނގޮޓި ނަގައި އެނދުގެ ބޯލާކޮޅުން ބާލީސްދަށުގައި ބާއްވައިފިއެވެ. ކުޑަކޮށް ގުދުވެލާފައި، ނުހަނު ލޯތްބާއެކުގައި ޠާހިރުގެ މޫނަށް ބަލައިލައިފިއެވެ. ހިތާމަ ހުއްޓެވެ. އެއީ ކޮންފަދަ މަޖުބޫރު އިންސާނެއް ހެއްޔެވެ؟ މައިމީހާ ދޫކޮށްލެވޭކަށްވެސް، އަނބިމީހާގެ ބަސް ގަބޫލުކުރެވޭކަށްވެސް، އެފަކީރަކަށް ނެތެވެ. ނާޖީ ވިސްނާލިއެވެ. އޭނާގެ ފިރިމީހާގެ ސިކުނޑިއަށް މިނިވަންކަންދީ، ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި ކުރަންއޮތް އެންމެފަހުގެ ކަންތައް، މިރޭ ނާޖީ އެއުޅެނީ ކުރާށެވެ. އޭރުން ހުރިހާ ކަމެއް ހަމަޖެހޭނެއެވެ. ހުރިހާ ހިތާމައެއް ފިލާނެއެވެ. އޭނާ ލޮލުން ލޭކަރުނަ އޮއްސަމުން، އެންމެފަހުފަހަރު، ފިރިމީހާއާ ދިމާއަށް ބަލައިލާފައި، ސިއްރު ސިއްރުން ކޮޓަރިން ނުކުމެއްޖެއެވެ. އެވަގުތު، އެކުޑަކުޑަ ލޯބިލޯބި ދަރިފުޅުގެ މަތިންވެސް އޭނާ ހަނދާނެއް ނެތެވެ.

ނާޖީ، މޮޔައަކު ފަދައިން ދުވަމުންގޮސް ބަގީޗާ ހުރަސްކޮށްފައި ކޯރާ ދިމާއަށް ނުކުމެއްޖެއެވެ. މައްޗަށް އަރައިގެންގޮސް، އެންމެ އުހުގައި އޮތް ބޮޑު ހިލަގަނޑެއްގެ މައްޗަށް އަރާފައި އެނބުރި އަލްޙަމްރާގެ އެ ބޮޑު އުސް އިމާރާތާ ދިމާއަށް އެއްފަހަރު ބަލައިލައިފިއެވެ. އެއީ ހިލައިގެ އިމާރާތެކެވެ. އެގޭގައި ދިރިއުޅޭ މީހުންނަކީވެސް ހިލަ ހިތްތަކެއް ލިބިފައިވާ ހިލައިގެ އިންސާނުންތަކެކެވެ.

ރާޅުގެ ގަދަ އަޑުފަށްގަނޑާއެކު އޮއިދެމެމުންދާ ކޯރާ ދިމާއަށް ނާޖީ ގުދުވެލައިފިއެވެ. ފިރިމީހާގެ ނަންގަނެފައި، އެ ނުރައްކާތެރި ކޯރަށް އޭނާ ފުންމާލައިފިއެވެ. [ތާ……… ހިރު………] އެތައް އިރެއްވަންދެން ފަޒާގެ ތެރޭގައި އެ އަޑު ގުގުމާފައި ހުއްޓެވެ. ނާޖީ ކޯރުގެ ފެންގަނޑަށް ޖެހުމާއެކު، ގަދަ އޮއިވަރާ އެކުގައި ދަމައިގެންފިއެވެ. ބޮޑެތި ރާޅުތަކުގެ ހޮޅިދަށުވެއްޖެއެވެ. ހިތާމައިން ފޯވެފައިވާ ނިކަމެތި އަންހެން ކުއްޖެއްގެ ހިތާމަތަކުން، ދުނިޔެ ސަލާމަތް ވެއްޖެއެވެ.

ނާޖީ ކޯރަށް ފުންމާލި ވަގުތު، ކުއްލިއަކަށް ބިރުގަނެގެން ޠާހިރަށް ހޭލެވިއްޖެއެވެ. ފުންމައިގެން ތެދުވެ، ވަށައިގެން ހޯދާލެވިއްޖެއެވެ. އޭރު ނާޖީއެއް އެނދަކު ނެތެވެ. ހީވާގޮތުން ނާޖީ ފާޚާނާއަށް ދާންވެގެން ތެދުވި ވަގުތު، އެނދަށް ގުޑުންއެރީމާ ބިރުގަނެގެން އޭނާއަށް ހޭލެވުނީއެވެ. މިގޮތުން ޠާހިރު ހިތްހަމަ ޖައްސާލާފައި އަނެއްކާވެސް އޮށޯވެއްޖެއެވެ. އެކަމަކު އޭނާގެ މޭތެޅެނީ އަމަށަކު ވަރަކަށް ނޫނެވެ. ބާރަށް ހިފަހައްޓައިގެން އޮންނައިރުވެސް ހީވަނީ، އެހެންކަމެއް ހެންނެވެ. އެވަނީ ކީއްހެއްޔެވެ؟ އޭނާގެ ހިތް ނުތަނަވަސްވަނީ ކީއްވެގެން ހެއްޔެވެ؟ އެއްގޮތަކަށްވެސް ނޭނގުނެވެ. އޭނާ ފުރޮޅިލާފައި، އަވަސްއަވަހަށް ލޯމަރާލުމަށްފަހު، ލޯ ހުޅުވާލައިފިއެވެ. ދެންވެސް އޭނާގެ ހިތުގެ ނުތަނަވަސްކަމެއް ކުޑައެއް ނުވިއެވެ. މަޑުމަޑު ފެހިކުލައިގެ ނިދާބޮކި ދިއްލާލާފައި، ސިނގިރެޓެއް ރޯކޮށްލައިގެން، ނާޖީ ފާޚާނާއިން ނުކުންނަންދެން އިންތިޒާރުކުރަން ފަށައިފިއެވެ. ދެންވެސް އޭނާގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. އޭނާގެ ނުތަނަވަސްކަން، ހިނދެއް ހިނދަކަށް ބޮޑުވަމުން ދިޔައެވެ. ސަބަބު ނޭނގޭ ގޮތްތަކެއް އޭނާއަށް އެވަނީ ކީއްވެގެން ހެއްޔެވެ؟ އެއްގޮތަކަށްވެސް ހިތަކަށްނައެވެ. ވީދަމެއްވެސް ނޭނގެއެވެ. އޭނާ ގަޑި ބަލައިލުމުގެ ބޭނުމުގައި، ބާލީސްދޮށަށް އަތް ބާނާފައި ގަޑި ނަގައިފިއެވެ. އެވަގުތު އެތަނުގައި އޮތް ނާޖީގެ އަނގޮޓިވެސް، ގަޑިއާ އެކުގައި ނެގުނެވެ. އެ އަނގޮޓި ފެނުމުން، ޠާހިރުގެ ހާސްކަން އިތުރުވެއްޖެއެވެ. ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެއީ ނާޖީގެ އިނގިލިން ވަކިނުކޮށް ގެންގުޅޭ އަނގޮޓިއެކެވެ. އޭނާގެ ހިތުގައި ނާޖީގެ ލޯބި ރައްކާތެރިވެފައިވާ ފަދައިން، އެ އަނގޮޓިވެސް ނާޖީގެ އިނގިލީގައި ރައްކާތެރިކަމާއެކު އޮވެއެވެ. ނަމަވެސް، މިރޭ އެ އަނގޮޓި، އެ ރީތި ލޫޅާފަތި އިނގިލިން ވަކިވެފައި އެވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ފިކުރުކޮށްލާފައި، ކުޑަވާއިނގިލީގައި އަނގޮޓި އަޅާލުމަށްފަހު، ގަޑި ބަލައިލައިފިއެވެ. މިހާރު މެންދަމުންއަލިވެ ތިނެއް ޖަހައިފިއެވެ. އަދިވެސް ނާޖީ ފާޚާނާއަކުން ނުނުކުމެއެވެ. އެކަމަކު މިހާރު މާލަސްވެއްޖެއެވެ. ޠާހިރަކަށް ނޯވެވުނެވެ. އޭނާ ތެދުވެފައި ނާޖީއަށް ގޮވާލައިފިއެވެ. ނަމަވެސް، ޖަވާބެއް ނުލިބުނެވެ. ވީމާ، އޭނާ ކެތްތެރިކަމެއްނެތި ގޮސް ފާޚާނާގެ ދޮރުފަތުގައި އަތް ޖައްސާލައިފިއެވެ. ދޮރުފަތްހުރީ އެތެރެއިން ތަންޑު އަޅާފައެއް ނޫނެވެ. އޭނާ އަތްޖައްސާލުމާއެކު، ވަރަށް ފަސޭހައިން ދޮރުފަތް ހުޅުވިއްޖެއެވެ. އޯވހް! މާތްކަލާކޯއެވެ. ފާޚާނާތެރެއަކު ނާޖީއެއް ނެތެވެ. އޭނާ އެދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ފަހަރެއްގައި، ދަރިފުޅުގެ ކައިރީގައިވެސް ވެދާނެއެވެ. އޭނާ އަވަސްއަވަހަށް، ޖެހިގެންހުރި ކޮޓަރިއަށް ހިނގައްޖެއެވެ. އާޔާ ގަދަ ނިދީގައި އޮތެވެ. ފިޔާތޮށިކުލައިގެ ޗާދަރަކުން ނިވާކޮށްލާފައިވާ ފަށުވީގެ ތަންމަތީގައި ކުޑަ ދަރިފުޅު ނިދާފައި އޮތެވެ. ނަމަވެސް، ނާޖީއެއް ނެތެވެ. ކޮންމެވެސްކަމެއް ބޭނުންވެގެން މަންމަގެ ކައިރިއަށްވެސް ހިނގައިދާނެއެވެ. ޠާހިރު ވިސްނާލާފައި، އަނގޮޓިއަށް ބަލައިލައިފިއެވެ. އެވަގުތު ކުއްލިއަކަށް، ރަތް ފަށުވީގެ ހެދުމެއް އަޅައިގެންހުރި ޒުވާން ނާޖީ، އޭނާގެ ޚިޔާލަށް އަތުވެއްޖެއެވެ. އެއީ ދިމާވި އިއްތިފާޤެއްކަމެއް، ނުވަތަ ލިބުނު ރޫޙާނީ މެސެޖެއް ކަމެއްވެސް ނޭނގެއެވެ.

[މި އަނގޮޓި އަޅުގަނޑުގެ ފުރާނައަށް ވުރެވެސް އަގު ބޮޑެވެ. ޠާހިރެވެ. މި އަނގޮޓި އަޅުގަނޑުގެ އިނގިއްޔާ ވަކިކުރެވޭނީ، ހަމައެކަނި މަރު އައިމައެވެ. މިއީ ކަލާގެ ލޯބީގެ އެންމެ ފުރަތަމަ ނިޝާނެވެ.] އެތަކެއް ދުވަސް ކުރިން ނާޖީ ބުނެފައިވާ އެ ޖުމްލަ، ޠާހިރުގެ ކަންފަތުގައި ގުގުމާލައިފިއެވެ. އެ އަޑު އިވުމުން، ޠާހިރު ހާސްވެގެން ބޯހޫރައިގެންފިއެވެ. ދުވެފައި ބޭރަށް ނުކުމެއްޖެއެވެ. އަޑުގެކޮޅަށް ނާޖީއަށް ގޮވަމުން، އަލްޙަމްރާގެ އެތަންމިތަން ހޯދަން ފަށައިފިއެވެ. އެކަމަކު، ނާޖީއެއް ނުފެނުނެވެ. ދާންވީ މީހާ ގޮސް ނިމިއްޖެއެވެ. ވީއިރު، އެގެއިން އޭނާ ފެންނާނީ ކިހިނަކުން ހެއްޔެވެ؟

[ނާޖީގެ ކުއްލި ގެއްލުމާ ވިދިގެން، ގޭގެ އެންމެންވެސް ކަންބޮޑުވިއެވެ. ހައިރާންވިއެވެ. އެމީހުންގެ ހިތުގައިވަނީ، އަނިޔާގެ ކަށިތަކެވެ. ނާޖީއަށް ވީކަމެއްވީ، އެމީހުންގެ ސަބަބުންކަން، ހިތުގެ އަޑިން ގަބޫލުކުރި ނަމަވެސް، ޠާހިރަށް ދެއްކުމުގެގޮތުން އެންމެންވެސް ނާޖީ ހޯދުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. އަނިޔާވެރިން އަނިޔާކޮށްފައި، އެކަމާ ދެރަވެ، ލަދުގަންނަން ވެއްޖެނަމަ، ދުނިޔެއިން އަނިޔާވެރިކަން ފިލައިގެން ހިނގައިދާނެއެވެ. ވީމާ، ނާޖީ ފަކީރުގެ ގެއްލުމަށްވެސް، އެމީހުން ދިނީ މުޅިން އާ ނަމެކެވެ. ސުވާލު ކޮށްލައިފި ކޮންމެ މީހެއްގެ ކައިރީގައި، ނާޖީ ފިލައިފިކަމަށް ބުނެ، ޚަބަރު ފަތުރަން ފަށައިފިއެވެ.

[އެކަހަލަ އަންހެނުންނަކީ، އެއްތަނެއްގައި ހިމޭނުން ތިބޭނެ ބައެއް ނޫނެވެ. ކަލާސީންނަކަށް ނަވެއް ބަލެއް ނުވާނެއޭ ބުނާ އުސޫލުން، އެކަހަލަ އަންހެނުންނަކަށް، ލޯބިވެރިންނެއްވެސް ބަލެއް ނުވާނެއެވެ. އެކެއްގެ ކައިރީގައި މާގިނަދުވަސްވީމާ، އާ ލޯބިވެރިއަކު ހޯދައިގެން އޭނާ ދިޔައީއެވެ. ފިލާ ރައްކާވީއެވެ.] ގޭގެ އެންމެންވެސް ވާހަކަ ދައްކަނީ މިފަދަ ގޮތަކަށެވެ. އެ ހެޔޮލަފާ އަންހެންކުއްޖާގެ އަބުރަށް ހުތުރު އެރުވުމަކަށް ފަސްޖެހޭ މީހަކު، އެގެއަކު ނެތެވެ.

ޠާހިރު ރެޔާދުވާލު ނާޖީ ހޯދުމަށްޓަކައި ތެޅިފޮޅެނީއެވެ. ކެއިންބުއިމެއް، ނިދުމެއް، ފެންވެރުމެއް ނެތެވެ. މިގޮތުގައި ދެތިންދުވަސްވީއިރު، އޭނާގެ ސިކުނޑިއަށްވެސް އެކަމުގެ އަސަރު ފޯރައިފިއެވެ. ހިތާމައަށް ކެތްނުކުރެވިގެންގޮސް، އޭނާ މޮޔަވާ ހިސާބަށް ހިނގައްޖެއެވެ. އެންމެފުރަތަމަ އެމީހުން ބައްދަލުވީ ޤުދްރަތީ ފެންއާރުތަކާއި ރޯގަސްތަކުން ފުރިފައިވާ ވާދީގެ ތެރޭގައި، ނާޖީއަށް ގޮވަމުން ދުވަންފަށައިފިއެވެ. ނަމަވެސް، ލޯބީގެ ޙައްޤުގައި އެނބުރި އައުމަށް ޠާހިރު އެގޮވާ ގޮތުން، ނާޖީއާ ހަމައަށް ފޯރާނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ އަޑުފޯރާ ފަށަށްވުރެ މާދުރަށް ނާޖީ ގޮސްނިމިއްޖެއެވެ. އެކަމަކު އޭނާ ދިޔައީ ކީއްވެގެން ހެއްޔެވެ؟ އަނގޮޓީގެ ނިޝާންތަކުން އެނގެނީ، ނާޖީ ދުނިޔޭގައި ނެތްކަމެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ ދިރިއުޅުންދެކެ ނާޖީ ފޫހިވާންވީ ކީއްވެގެން ހެއްޔެވެ؟ ޠާހިރުގެ ޒަޚަމްވެފައިވާ ސިކުނޑިއަކަށް، އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ.

އެއްދުވަހަކު ހެނދުނު ތެދުވެގެން ނާޖީ ހޯދުމަށްޓަކައި ގެއިން ނުކުންނަން ދަނިކޮށް، ސަޢްދިއްޔާއާއި ފައުޒިއްޔާ ދެއްކި ވާހަކައެއް، ޠާހިރުގެ އަމިއްލަ ކަންފަތަށް އަޑު އިވިއްޖެއެވެ. އެއީ ޔޯލަކޯލައެއް ނޫނެވެ. އެއީ ދެ އަނގައަކުން ނުކުމެގެން ޠާހިރުގެ ދެކަންފަތާ ހަމައަށް ފޯރި، ޒަހަރަށްވުރެ ހިތި ބަސްތަކެކެވެ. ސަޢްދިއްޔާމެން އެވާހަކަތައް ދައްކަމުން ދިޔައިރު، މަންމައާއި ޙުސްނުއާރާވެސް އެ މަޖިލީހުގައި ތިއްބެވެ.

[ކަށި ލުހިއްޖެއެވެ. ބަލާއިން ސަލާމަތް ވެވިއްޖެއެވެ.] ސަޢްދިއްޔާ ބުންޏެވެ.

]އެއީ އަމިއްލައަށްދިޔަ ދިއުމެއް ނޫނެވެ. އަހަރެމެންގެ މޮޅުކަމުން، އެ ޑައިނު ފައްސާލީއެވެ. އޭނާ ނެތިކޮށްލުމަށް އަހަރެން ހުވާކުރީމެވެ. ޠާހިރަށް ނޭނގޭގޮތުން ކުދި އަނިޔާ ކޮށްލީމެވެ. ކޮބާ ހީވޭހެއްޔެވެ؟ އެންމެފަހުން ކެތްކޮށްލާކަށް ނުކެރުނެއް ނޫންހެއްޔެވެ؟]

[އަހަރެން ކުރިވަރު ވަކިން ދެރަހެއްޔެވެ؟ ޠާހިރު ގޭގައިނޫޅޭ ވަގުތެއްގައިވިއްޔާ، އަހަރެން އިންނަނީ އަބަދުވެސް އޭނާއާ ދިމާކޮށްލާފައެވެ. އަހަރެމެންގެ މޮޅުކަން ނިކަން ދެކެބަލާށެވެ. އެކަކަށް އެކައްޗެއްވެސް އަންގާނުލައި ބަލާވެރިކަން ފައްސާ ނަގާލައިފީމެވެ.]

[ނަމަވެސް، އޭނާ ދިޔައީ ކޮންތަނަކަށް ބާވައެވެ؟ ޠާހިރު ރެޔާދުވާލު، އުޑާއި ބިން އެއްކޮށްގެން ހޯދަމުން ހިނގާއިރުވެސް، ކުޑަވެސް ނިޝާނެއް ނުފެނުނެވެ.] ޠާހިރަށް އިވުނު، ފައުޒިއްޔާއާއި ސަޢްދިއްޔާގެ ވާހަކަތައް، އިބްލީހުގެ މަޝްވަރާއަށް ވުރެވެސް ނުބައެވެ.

[ކޮންމެ ތަނަކަށް ދިޔައީވިއްޔާ އަހަރެމެންނަށް ކީއްހެއްޔެވެ؟ ދިރިއިނަސް، މަރުވިޔަސް، މިތަނުން ދިޔައިމާ އެނިމުނީ ނޫންހެއްޔެވެ؟ އެގޮތުންވެސް މިގޮތުންވެސް އަހަރެމެންގެ މަގު ސާފުވެއްޖެ ނޫންހެއްޔެވެ؟]

[ނަމަވެސް، ޠާހިރު އެހެރަ ދީވާނާ ވަނީއެވެ.] ފައުޒިއްޔާ ބުންޏެވެ.

[ދެނަހުރިކަމަށް ނުހަދާށެވެ. އެއީ ހަމަ ކުޑަދުވަސްކޮޅެއްގެ ކަމެކެވެ. ކަލޭ ހާސްނުވާށެވެ. ވީހާ ގިނައެއްކޮށް، ޠާހިރުގެ ކައިރީގައި އުޅެވޭތޯ ބަލާށެވެ. ހިތާމަތައް ލުއިވިވަރަކަށް، އަމިއްލައަށް މަގަށް އެޅިދާނެއެވެ. ދެން އަދި ކަލެއާ ކައިވެނިކުރީމާ، ހުރިހާކަމެއް ރަނގަޅުވެދާނެއެވެ. އޭރުން، އެ ބީރައްޓެހި ޖާހިލުގެ މަތިން ހަނދާންވެސް ނުވާނެއެވެ.] ސަޢްދިއްޔާ ބުންޏެވެ.

[އަނެއްކާވެސް އެ ބަލާ މިތަނަށް ފާވެއްޖިއްޔާ ހަދާނީ ކިހިނަކުން ހެއްޔެވެ؟] ފައުޒިއްޔާ ބުންޏެވެ.

[ތައުބާވާށެވެ. ދެން އޭނާއަކަށް މިގެއަކަށް ނާދެވޭނެއެވެ. އަހަރެން އެންމެ އުފާވިކަމަކީ، ހަރުފަވެސް މަރުވެފައި، ލަޓިގަނޑުވެސް ސަލާމަތް ވީތީއެވެ. އެއީ އަހަރެން އެދޭވެސް ގޮތެވެ. ކަލެއަށް ވީވަރަކުން ޠާހިރު އަތްދަށުލެވޭތޯ ބަލާށެވެ.] ދެން އިތުރަށް އެންމެ ލަފުޒެއްވެސް އަޑުއަހާހާ ހިތްވަރެއް، ޠާހިރުގެ ކިބައަކު ނެތެވެ. މިހާރު އޭނާއަށް ހުރިހާކަމެއް އެނގިއްޖެއެވެ. ފައުޒިއްޔާއާއި ސަޢްދިއްޔާ އެދައްކާ ވާހަކަތަކުގައި، މަންމަ ޙުސްނުބާނޫއާއި ޙުސްނުއާރާވެސް ބައިވެރިވެއެވެ. އެމީހުންވެސް ނާޖީއަށް ކުރި އަނިޔާއެއް މަދެއް ނޫނެވެ. މާތްކަލާކޯއެވެ! ނުއެނގުމުގެ ތެރޭގައި އޭނާއަށް އެކުރެވުނީ ކޮންފަދަ ބޮޑު ކުށެއް ހެއްޔެވެ؟ ނާޖީއާ ދޭތެރޭގައި އެހާބޮޑަށް ފަރުވާކުޑަ ކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އެތިބަ އިންސާނިއްޔަތުކަމުގެ ދުޝްމަނުން ދެއްކި ދަޅަތަކަށް ހެއްލެވުނީ ކީއްވެގެން ހެއްޔެވެ؟ ހިތާމަ ހުއްޓެވެ. ހުރިހާކަމެއް ސާފުވީއިރު، ވަގުތު ފާއިތުވެއްޖެއެވެ. ނާޖީ އެވަރަށް ރޮއި އާދޭސްކުރިއިރު، އެ ބަސް ގަބޫލު ކުރެވުނުނަމަ، މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. ކުށްވެރިއަކީ ޚުދު އޭނާއެވެ. ނާޖީގެ މަރުގެ ޒިންމާދާރަކީ އޭނާއެވެ. ޠާހިރުގެ ހިތުގެ އަޑިން ކުށަށް އިޢްތިރާފުވިއެވެ. ދެން ނުހަނު ބާރަށް، ނާޖީއަށް ގޮވާލާފައި ދުއްވައިގެންފިއެވެ. އެ އަޑަށް، ސިހިގެންގޮސްފައި އެންމެން އެއްފަހަރާ އެދިމާއަށް ބަލައިލިއެވެ.

ނާޖީ ފިޔަވައި އެހެން އެއްވެސްކަމެއް ޠާހިރު ހަނދާނެއް ނެތެވެ. ވިސްނުމާއި ފިކުރު ކުރުމުގެ ބާރު އޭނާއަށް ވަނީ އަލްވަދާޢު ކިޔާފައެވެ. އޭނާ މޮޔައަކު ފަދައިން ދެކޮޅަށް ދުވަނީއެވެ. އަޑުގެ ކޮޅަށް ނާޖީއަށް ގޮވަނީއެވެ. ގަހެއްގެ ފަތެއް ހެލިލިޔަސް، ނާޖީގެ ދޯޕައްޓާ ވަޔާ ވިހުރިލާހެން ހީވަނީއެވެ. ނާޖީ ކަމުގައި ހީކޮށް، ވައިރޯޅީގެ ފަހަތުންވެސް އޭނާ ދުވަނީއެވެ. އެގޮތަށް އާވާރާއަކު ފަދައިން ދުވަމުން ދުވަމުންގޮސް، ފަރުބަދަގަނޑެއްގެ އެންމެ ކުރިއަށް އޭނާ އަރައިފިއެވެ. އަލްޙަމްރާއިން އޭނާ ބަލަހައްޓަން ފޮނުވާފައިތިބި ގާތް ތިމާގެ ދެތިންމީހުންނާއި ހައެއްކަ ނޯކަރުންވެސް އޭނާގެ ފަހަތުން ދުވެދުވެ ވަރުބަލި ވެއްޖެއެވެ. އެކަމަކު އޭނާ އަތުލެވޭގޮތެއް ނުވިއެވެ. އެ އެންމެން ވަށައިގެން ތިބެމެ، އެއިންމީހަކަށް އެއްވެސްކަމެއް ނުކުރެވިގެން އުޅެނިކޮށް، ދެއަތް ދިއްކޮށްލާފައި ނާޖީއަށް ގޮވާލުމަށްފަހު، އެ ފަރުބަދަގަނޑުގެ މަތިން، ވާދީގެ ތެރެއަށް ޠާހިރު ފުންމާލައިފިއެވެ. ބޮޑެތި ހިލަގަނޑުގަނޑުގައި ތެޅެމުން، ކަށި ގަސްތަކަށް އެމުނެމުންގޮސް، ވާދީގެ ތެރެއަށް ޖެހުނުއިރު، ޠާހިރު އޮތީ މުޅިން ކުނޑިކުނޑި ވެފައެވެ. ނާޖީގެ އަތުން ޠާހިރު ފޭރިގަތުމަށް މަސައްކަތްކުރި އަލްޙަމްރާގެ އަހުލުވެރިންނަށް ލިބުނީ، ހަމައެކަނި އޭނާގެ ފުރާނަނެތް މަސްގަނޑެވެ.

ނާޖީއާއި ޠާހިރުގެ ލޯބީގެ މީރުވަހުން އެއްވަސްވެފައިވާ އެ ރީތި ފަޒާއަކީ، އެމީހުންގެ ލޯބީގެ އެންމެފަހުގެ މަންޒިލް ކަމުގައިވެ ނިމިއްޖެއެވެ. ލޯބީގެ ތާރީޚަށް އަނެއްކާވެސް އާ ދެ ނަން އިތުރުވެއްޖެއެވެ. އަމިއްލަ ހިތުގެ ލެއިން، އެ ތާރީޚީ ފޮތުގައި، ޠާހިރާއި ނާޖީގެ ނަން ލިޔެވިއްޖެއެވެ.

ނުނިމޭ

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.