ޒަޚަމް – ޗެޕްޓަރ 6

ޠާހިރު ގޮސް ފާރޫޤުގެ ކޮޓަރިއަށް ވަންއިރު، ނަވާބު ފާރޫޤު ޢަލީ ޚާން، އަބަދީ ނިންޖަކުން ނިދިކުރައްވައިފިއެވެ. ޑޮކްޓަރ ޖުނައިދުގެ އަތުން ފާރޫޤުގެ ހުޅުވިފައިވާ ދެލޯ މަރުވާލުމަށްފަހު ހިންދެމިލައިފިއެވެ. އެ ހިތާމަވެރި ދަނޑިވަޅުގައިވެސް، ޠާހިރަށް އަންހެން ދަރިއަކު ލިބުނު ޚަބަރު ކަންފަތުގައި ޖެހުމާއެކު، އެ ކުޑަކުޑަ މަޢްޞޫމް ކުށެއްނެތް ކުއްޖާއަށް އެކަށީގެންވާ ނަމެއް ދިނުމަކަށް ޙުސްނުބާނޫ ހަނދާންނައްތައެއް ނުލައެވެ. [ސުންޕާ] ފިރިމީހާގެ ވަކިވެދިއުމުގެ ހިތާމައިގައި ރޮއިރޮއި އޮތް ހިތުގެ އެންމެ ފުންމިނުން، މި ނަމުގެ އަކުރުތައް ނުކުމެ، އެހެންމީހުންގެ ކަންފަތާ ހަމައަށްވެސް ފޯރައިފިއެވެ.

ރުއިމާއި ގިސްލުމުގެ އަޑުން އަލްޙަމްރާގެ ފާރުތައްވެސް ގުގުމާލައިފިއެވެ. އުޅެވޭ ނޫޅެވޭގޮތެއް، ކިޔޭ ނުކިޔޭ އެއްޗެއް އެނގޭމީހަކުވެސް އަލްޙަމްރާއަކު ނެތެވެ. އެރޭ، އެ ސުންޕާ ރޭ، އަލްޙަމްރާގެ އެންމެ ވަރުގަދަ ބިންގަލަށް ގުޑުން އަރައިފިއެވެ. އެތަކެއް އިންސާނުންގެ ބޯމައްޗަށް ހިޔާދެމުންދިޔަ އެހީތެރިކަމުގެ ދާވަނި ނަންގަވައިގެން ނަވާބު ފާރޫޤު ޢަލީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ރުއިމާއި ކަރުނަ އޮއްސުން ފިޔަވައި، ދިރިތިބި މީހުނަށް ކުރެވޭނެ ހަމަ އެއްވެސްކަމެއް ނެތެވެ. އިންސާނާގެ އާރެއް ބާރެއް ނެތްކަން އެންމެ ބޮޑަށް އެނގޭނީ، އެފަދަ ވަގުތުތަކުގައެވެ. ކޮންމެއަކަސް، ހިތާދެކޮޅަށް ނަމަވެސް، ނަވާބު ފާރޫޤު ޢަލީ ޚާނުގެ ކަށުކަމާކެމީގެ ކަންތައް ކޮށްފައި، އަބަދަށްޓަކައި ބިމުގެ ބަނޑުތެރޭގައި ރައްކާކުރުމަކީ، މިހާރު އަލްޙަމްރާގެ ފަރުދުންގެ ވާޖިބެކެވެ. އެހެންނޫންނަމަ، ފާރޫޤުގެ މަސްގަނޑު، އެމީހުންނާ ވަކިކުރުމަކީ ފަހަރެއްގައިވެސް އެމީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

ހިތްހަމަޖެހުމާއި އުފަލަކީ ނާޖީގެ ތަޤްދީރުގައި ލިޔެވިފައިވާ ކުށް ބަހެއް ފަދައިން ފޮހެވިގެން ހިނގައްޖެއެވެ. ދަރިފުޅު ވިހެއުމުގެ ތެރޭގައި ދިމާވި ނުރައްކާތެރި ގޮތްތަކެއްގެ ސަބަބުން، އޭނާގެ ހަށިގަނޑުގެ ވަރު ވަނީ ވަރަށް ބޮޑަށް ދެރަވެފައެވެ. ބައްޕަ ނިޔާވުމުގެ ސަބަބުން ޠާހިރު ހުރީ އުނދަގޫދެނިވި ހައިޖާންތަކެއްގައި ހައްޔަރުވެފައެވެ. މިހާރު ނާޖީ ހޮސްޕިޓަލުން އެނބުރި ގެއަށް އަތުވެއްޖެއެވެ. އެކަމަކު ހަމަޖެހިލައިގެން އޭނާގެ ކައިރީގައި އިނދެލާނެ ވަގުތެއް ޠާހިރަކަށް ނުލިބެއެވެ. ތަޢްޒިޔާކިޔަން އަންނަ މީހުންގެ ކިބައިން ސަލާމަތް ވެވިއްޖިއްޔާ ވަޤުފު ބިންތަކާއި މުދާ އަދި އެ ބޮޑު ވިޔަފާރީގެ ކަންތައްގަނޑު އޭނާ ވަށާލައެވެ. ވިޔަފާރިއޭ ބުނިކަމުގައިވިޔަސް، އެއީ މީހަކަށް އުފުލޭވަރުގެ މަސްއޫލިއްޔަތަކަށް ނުވެއެވެ. ގެރިބަކަރީގެ، ދަނޑުހަގުގެ، ގޮވާމުގެ، ނައުޒޯގުފަހަރުގެ، ލަކުޑީގެ، މޭވާގެ، މާމެލާމެލީގެ، ކަފައިގެ މިހެންގޮސް އެންމެ ކުޑަމިނުން ހިލަވެލީގެ ވިޔަފާރިވެސް، އެ ބޮޑު ކިއްލާގެ ތެރޭގައި ހިނގައެވެ. ރަށެއްގެ އެންމެންނަށް ފަސޭހަކަމާއެކުގައި ދިރިއުޅެވޭފަދަ ބޮޑު ބިމެއް ހިފައިގެންހުރި އަލްޙަމްރާއަކީ ކާރުބާރޫއާއި، މުދަލާއި ފައިސާއިން ބަރާވެފައިވާ ތަނެކެވެ. ވީމާ، އެކިކަންތައްތައް ހަމަޖެއްސުމަށްޓަކައި ހަފްތާއެއް ވަންދެން ގެއިންބޭރުގައި އުޅެންޖެހޭ ފަހަރުވެސް ޠާހިރަށް ކުރިމަތިވަނީ މަދެއްކޮށެއް ނޫނެވެ. އެހެންކަމުން، ނާޖީއާއި ކުޑަ ދަރިފުޅުގެ ކައިރީގައި މަޑުކޮށްލަން ކީއްކުރަންތޯއެވެ؟ އޭގެ ދެމައިން ލޮލުން ދެކެލާނެ ފުރުސަތެއްވެސް މިހާރަކަށްއައިސް ޠާހިރަށް އޮންނަނީ ނުލިބިފައެވެ. އެކަމުގެ ހުރިހާ ހިތާމައެއް އުފުލަންޖެހެނީ ނާޖީ ފަކީރަށެވެ. ރޯ ދަރުތަކެއް އަލިފާނުގައި އަނދާފަދައިން، އެފަކީރުގެ އެތެރެހަށި އަނދަމުންދެއެވެ. އޭނާ މިނިވަން ފަޒާއެއްގައި އުޅެނިކޮށް ހިފައިގެންގެނެސް، ފިޔަކޮށާލާފައި ހަމައެކަނި ކޮއްޓަކަށްލާފައި އިންނަމަވެސް، އެންމެރަނގަޅެވެ. އެއާޚިލާފަށް މިހާރު އޭނާ އެއިނީ ރަނގަޅު ޤައިދުޚާނާއެއްގައި ހައްޔަރު ކުރެވިފައެވެ. އެތަނުގެ ތޭރިތަކުގެ ތެރެއިން ތުޑު ތޫނު ތީރުތަކާއި ނޭޒާތައް އަބަދުވެސް އޭނާއާ ދިމާއަށް ދިއްކުރެވިފައި ހުރެއެވެ. އޭނާއަށް ވޭތުކުރަން ޖެހިފައިވަނީ އަނިޔާ ލިބެނިވި ރޭދުވާތަކެކެވެ. ނުބައިކަން ބޮޑުވެގެންވާ ބަދު ރޫޙެއް ފަދައިން އޭނާގެ ފަހަތުން އަޅުވާލައިގެން ފައުޒިއްޔާ އުޅެއެވެ. އޭނާ ލޮލުކޮޅަށް ފެނިލިޔަސް، އެއީ ލޭތިކި ތަޅަތަޅާ އޮންނަ ހިރުގަނޑަކާއި އޫތަކެއްފަދަ ތުނޑު ތޫނު ދަތްތަކެއް ދައްކައިގެން، ކަށިހަފާ ކެއުމަށްޓަކައި އަންނަ ޢިފުރީތެއް ކަމުގައި ނާޖީއަށް އިޙްސާސް ކުރެވެއެވެ. އެންމެ ހިނދުކޮޅަކަށްޓަކައިވެސް ފައުޒިއްޔާގެ ބިރުވެރިކަމާއި ނުރައްކާތެރިކަން، ނާޖީގެ ހިތުން ފޮހެވިގެނެއް ނުދެއެވެ. އަދި އެރޭ ފައުޒިއްޔާ ބުނި [ފުރޭތަ] އަހަރެންގެ މަގުން ކަލޭ އެއްކިބާ ކޮށްލާނަމެވެ.] މި ޖުމްލައިގެ އަޑު އޭނާގެ ކަންފަތުން ކެނޑިގެނެއް ނުދެއެވެ. އަލްޙަމްރާގެ އެހެންމީހުންވެސް ވަކިން ދެރައެއް ނޫނެވެ. ޠާހިރު ގޭގައި ނޫޅޭ ކޮންމެ ވަގުތަކީ، އެމީހުންގެ ޒަޚަމްތަކަށް ފަރުވާ ހޯދާ ވަގުތު ކަމުގައި ހަދައެވެ. އަންޖަމަން އާރާގެ އަވަދިނެތިކަމުން، އޭނާއަކަށް ނާޖީގެ ޙާލު ދެކެލާނެ ފުރުސަތެއް ނުލިބެއެވެ.

އެއީ ހަމައެކަނި ނާޖީއާ ހަމައިގާ ހުއްޓިފައިވާ އަނިޔާތަކެއްނަމަ، ހިތްވަރު ކޮށްލާފައި ކެތްތެރިވެގެން، އޭނާއަށް އިނދެވިއްޖައީހެވެ. ނަމަވެސް، އެ ލޯބިލޯބި ތުއްތު ކުއްޖާފުޅުވެސް އެމީހުންގެ ނުބައި ބަސްތަކާއި ބަދު ދުޢާތަކުން ސަލާމަތެއް ނުވެއެވެ. އެންމެންގެ ނަޒަރުގައި ނާޖީގެ ކުޑަ ދަރިފުޅަކީ ސުންޕާ ކުއްޖެކެވެ. ނަވާބު ފާރޫޤު ޢަލީ ޚާނުގެ ޙަޔާތުގައި ފަހު ސިއްކަ ޖެހުމަށް މެދުވެރިވި އަސްލެވެ. އަލްޙަމްރާ ބަރުބާދުވެދިއުމުގެ ސަބަބެވެ. ކުރާނެކަމެއް ނެތެވެ. އެއީ އޭގެ ދެމައިންގެ ނަސީބުގައިވާ ގޮތެވެ. ދަރިފުޅު ގޮވައިގެން ނާޖީ ހޮސްޕިޓަލުން ގެއަށް އައިދުވަހު، އާޔާގެ ފަރުވާކުޑަކަމުން، ފައިކައްސާލައިގެން ފާޚާނާ ތެރެއަށް ވެއްޓި، އެންމެންގެ ކުޑަދައްތަގެ ޅިނދުކަށިގަނޑު ބިންދައިގެން ދިޔައެވެ. ވީމާ އެއީވެސް، އެ ކުޑަ ދަރިފުޅުގެ ސުންޕާކަމުން ވީކަމެއް ކަމުގައި އެމީހުން ޔަގީންކުރިއެވެ. އަނެއްކޮޅުން ހަމައެދުވަހު، ކޮންމެވެސް ނޯކަރެއްގެ އަތުން ކަފަގުދަނެއްގައި ރޯވެގެން، ތިންހަތަރުލައްކަ ރުފިޔާގެ ގެއްލުން ލިބުނެވެ. ހަމަ އެދުވަސްކޮޅު، ޙުސްނުއާރާގެ ފިރިމީހާ ޕެރިހަށްކުރި ދަތުރެއްގައި، އޭނާ ދަތުރުކުރި ބޯޓަށް ދިމާވި ހާދިސާއެއްގައި މަރުވެއްޖެއެވެ. ކޮންމެއަކަސް، އެ ސުންޕާ ޚަބަރު، އަލްޙަމްރާއަށް ލިބުނުވަގުތު، ޙުސްނުއާރާ އިނީ ކުޑަކުޑަ ޞާޢިޤާ އުރާލައިގެންނެވެ. އެހެންކަމުން، ޞާޢިޤާ އަކީ ހަލާކާއި މުސީބާތް ހިފައިގެންއައި ސުންޕާއެއް ކަމުގައި ހަދާކަށް ފަސްޖެހެންވީ އެއްވެސް ސަބަބެއްނެތެވެ. އެހުރިހާ ހިތާމަވެރި ހާދިސާތަކާ ގުޅުވައިގެން، ޞާޢިޤާއާ ދިމާއަށް، ހިތަށްއެރިހާ އެއްޗެއްގޮވަނީ، ނާޖީގެ ކުރިމަތީގައެވެ. ސިއްރު ވަންހަނާ ކަމުގައި އެއްޗެތި ކިޔުމުގެ ބޭނުމެއް އޮތްކަމަކަށް އެމީހުން ނުދެކެއެވެ. މައިލަގޮނޑިއަށް ކުރާނެ އަސަރުތަކެއް އެމީހުންނަކަށް އިޙްސާސެއް ނުކުރެވެއެވެ. ކުރާނެކަމެއް ނެތެވެ. މިހާރު ނާޖީގެ ހިތުގައި އިތުރަށް އޮހޭނެ އެންމެ ލޭފޮދެއްވެސް ނެތެވެ. އޭނާގެ ލެޔާއި ކަރުނަ، ވަނީ ހިކިފައެވެ. މިހާރު އޭނާގެ އާދައަކީ، ހެނދުނު އިރުއަރައިފީވިއްޔާ، ކުޑަ ދަރިފުޅު ގޮވައިގެން، ބޭނުންތެރި ސާމާނުކޮޅެއް ހިފައިގެންގޮސް، ކިއްލާގެ ފުރަގަހު ބަގީޗާގައި އިނދެގެން ވިސްނުމެވެ. ފަރުބަދަތަކުގެ މަތިން ފައިބައިގެން ރީތި ކޯރެއްގެ ސިފައިގައި، އެ ބަގީޗާގެ ތެރެއިން ދެމެމުންދާ ފެންއާރުގެ ކައިރީގައި އިނދެގެން، ތިމާގެ ނަސީބާމެދު ޝަކުވާކޮށް، ހެޔޮ ދުވަހެއް ދައްކަވާތޯ ﷲ ގެ ޙަޟްތަރުގައި ދުޢާ ދެންނެވުމެވެ.

ފަހަކަށްއައިސް ޠާހިރުވެސް ނާޖީއާ ދުރުހެލިވެ، ފަރުވާކުޑަ ކުރަމުންދާކަމުގައި އޭނާއަށް ހީވާން ފަށައިފިއެވެ. އެކަމަކު އެއީ ހަމަ އޭނާއަށް ކުރެވޭ ކުށް ހީއެކެވެ. ޠާހިރުގެ އަވަދިނެތިކަމުން، ނާޖީގެ ކައިރީގައި ހޭދަކުރާނެ ވަގުތު، ހަމަ ނުލިބެނީއެވެ. ފަހަރެއްގައި ނާޖީގެ ކައިރިއަށް އާދެވުނަސް، ކުޑަ ދަރިފުޅުގެ ލޯބީގެ ތެރެއަށް ގެއްލިގެންދާވަރުން، ޝަކުވާގެ އެންމެ ލަފުޒެއް ބުނެލާކަށްވެސް ނާޖީއަކަށް ނުކެރެއެވެ.

ފުރިހަމަ ދެމަސްދުވަސް މާޒީއާ އެކުވެގެން ހިނގައްޖެއެވެ. ވަގުތުގެ ފަރުވާއަކުން، ނާޖީގެ ހިތާމައަކަށް ލުޔެއް ނުލިބެއެވެ. އަލްޙަމްރާގެ މީހުން ދެކޭގޮތުގައި، ނާޖީގެ ދަރިފުޅުގެ ސުންޕާކަމުން، އެގެއަށް ދިމާވާ ބަދުނަސީބުތައް ހައްތަހާ ދަނީ ގިނަވަމުންނެވެ. އައި ގަދަ ވަޔާއި ވާރޭގެ ޠޫފާނެއްގައި، އަލްޙަމްރާގެ ބިތްދޮށު ފާރު ވެއްޓިގެން، ދެ ކަނީޒުން މަރުވެއްޖެއެވެ. ނޯކަރު ފިރިހެން ކުއްޖެއްގެ އަތުން އަންޖަމަން އާރާގެ ކުޑަ ދަރިފުޅާ އެކުގައި، ގާޑިޔާ ކައްސާލައިގެންގޮސް، އެ ދަރިފުޅު ޒަޚަމް ވެއްޖެއެވެ. ހަމަ އެދުވަސްވަރު، ބޮޑުމާމަ ޙުސްނުބާނޫގެ ބޮލުގައި މާގަދައަށް ރިހެން ފަށައިފިއެވެ. މާމަގެ އެންމެ ލޯބިވާ މާމަދަރިފުޅު ރީޙާން ކުޅެން ދުވަނިކޮށް، ފައިކައްސާލައިގެންގޮސް ވެއްޓިފައި އަނިޔާވެއްޖެއެވެ. މިހިރީ ހައްތާވެސް ޞާޢިޤާގެ ސުންޕާކަމުން ދިމާވާ ހާދިސާތަކެވެ. މި އަޑުތައް އިވިއިވި، ނާޖީގެ ފިކުރު ހުސްވެއްޖެއެވެ. އިތުރަށް ކެތްތެރިވާނެ ހިތްވަރެއް، ދެން އޭނާގެ ކިބަޔަކު ނެތެވެ. މިހާރު އަލްޙަމްރާގެ އަންހެނުންގެ އިތުރަށް، އެތިބަ ބޮޑެތި ފިރިހެނުންތައްވެސް، ކުޑަކުޑަ ޞާޢިޤާއަކީ ސުންޕާ ކުއްޖެއް ކަމުގައި، ހަދައިގެން ވާހަކަ ދެއްކުމަކީ އެމީހުންގެ ޙައްޤެއް ކަމުގައި ދެކެންފަށައިފިއެވެ.

ނާޖީއަކީވެސް އިންސާނެކެވެ. ވީއިރު، އޭނާއަށްވެސް ކެތްތެރިވެވޭނީ ވަކިމިންވަރަކަށެވެ. މިހާރު އެފަކީރު ހިކި އަނަރޫފަވެގެންގޮސް، ކަށީގެ އޮނިގަނޑަކަށް ވެއްޖެއެވެ. ހީވަނީ، އެދުވަހު ފޮޅުނު މަލެއް، ފަތިހުގެ ފިނީގައި ބިނދެލައިގެން ގެންގޮސް، މާޖަހާ އެތީގައި ޖެހުމުގެ ސަބަބުން، މިލާ މޯޅިވެފައި ވާހެންނެވެ.

އެދުވަހު ޠާހިރު ގެއަށްއައީ ދޮޅުހަފްތާ ވަންދެން އަލްޙަމްރާއިން ބޭރުގައި އުޅުމަށްފަހުގައެވެ. އެންމެ ފުރަތަމަވެސް އޭނާ ދިޔައީ ނާޖީއާއި ކުޑަ ދަރިފުޅުގެ ކައިރިއަށެވެ. އެއީ އެތަކެއް ދުވަހުގެ ފަހުން، އެހާ ކައިރިން، އެހާ ފަރުވާތެރިކަމާއެކު ނާޖީއާ ދިމާއަށް ބަލައިލުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެވަގުތު އޭނާގެ ހިތުގައި މީހަކު ބާރަށް ހިފައިގަތީމާ ވާކަހަލަ ތަދެއް އިޙްސާސް ވިއެވެ. އެއޮއްފަދަ ރީތި، ލޯބިލޯބި ނާޖީގެ މޫނުމަތީގައި އެއްވެސްކަހަލަ ތާޒާކަމެއް ނެތެވެ. އެ ބޮޑުބޮޑު ދެލޯ ހުރީ ވަޅުވަދެފައެވެ. ލޮލުގެ ކައިރީގައި ކަޅުކުލައިގެ ދާއިރާއެއް އުފެދިފައިވެއެވެ. މިހުރިހާ ދުވަހުވެސް ޠާހިރު ހީކޮށްގެންހުރީ، ވިހެއުމުގެ ކަންތައްތަކުން ސަލާމަތްވީމާ ނާޖީއަށް ފުރިހަމަ ޞިއްޙަތު ލިބިދާނެ ކަމުގައެވެ. ނަމަވެސް، އޭނާ ހީކުރިގޮތެއް ނުވިއެވެ. މިއަދު އޭނާގެ ނާޖީ އޭނާއަށް އެފެންނަނީ މުޅިން އެހެން ސިފައެއްގައެވެ. އެއީ ފަރުބަދަމަތީގެ ރީތިކަން މިލްކުކޮށްގެން އިން ނާޖީކަމާ ދޭތެރޭގައިވެސް ޝައްކުވާވަރުވެއެވެ. އެކަމާވީ ދެރައިން، ޠާހިރުގެ ހިތް އިޚްތިޔާރުން ބޭރުވިއެވެ. އެންމެފަހުން ކެތްތެރިކަން ކުޑަވެގެންގޮސް، ނާޖީގެ ގައިގައި އޭނާއަށް އޮޅުލައި ގަނެވިއްޖެއެވެ.

[ނާޖީއެވެ. އަހަރެންގެ ނާޖީއެވެ. ކަލެއަށް ވެފައި ތިޔަހަރީ ކީއްހެއްޔެވެ؟ ތިޔަހާބޮޑަށް ކަލޭ ހިކި އަނަކޫރަވަމުންދަނީ ކޮންސަބަބަކާހުރެ ހެއްޔެވެ؟ ކަލޭގެ ހަށިގަނޑަށް ލިބެނީ ކޮން އުނދަގުލެއް ހެއްޔެވެ؟] ޠާހިރުގެ ހަމްދަރުދީއާއި އިންތިހާދަރަޖައިގެ ލޯބި އިޙްސާސް ކުރެވުމުން، ނާޖީގެ ހިތުގައި އޮއްބާލައިގެން އިން ޠޫފާން އުތުރިގެންފިއެވެ. ޖުންޖުލައިގެ ކޮޅިގަނޑު އައިސް ކަރުނައިގެ ވާރޭ ވެހެންފަށައިފިއެވެ. ޠާހިރުގޭ މޭގައި މޫނު ފޮރުވާފައި އޭނާ ބާރަށް ރޯންފަށައިފިއެވެ.

[ނާޖީއެވެ.] ޠާހިރު ކަންބޮޑުވެއްޖެއެވެ. [ކަލެއަށް ވީގޮތެއް ނިކަން ބުނެބަލާށެވެ.]

[ޠާހިރު…!] ނާޖީ އަދިވެސް ބޮޑަށް ގިސްލަން ފަށައިފިއެވެ.

[ކަލޭ ރޮނީ ކީއްވެގެން ހެއްޔެވެ؟….]

[އަޅުގަނޑު ގޮވައިގެން މިތަނުން ހިންގަވާށެވެ. ޠާހިރެވެ.] ޠާހިރު ދައްކާ ވާހަކަ ނާޖީއަށް އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ.

[ދާންވީ ކޮންތަނަކަށް ހެއްޔެވެ؟] ހައިރާންކަމާއެކު ޠާހިރު ސުވާލު ކޮށްލިއެވެ.

[ކޮންމެ ތަނެއްވެސް އެންމެ ރަނގަޅެވެ. ކޮންމެވެސް ތަނަކަށް ހިންގަވާށެވެ…..] ނާޖީގެ ލޮލުން ފައިބާ ކަރުނައިން ޠާހިރުގެ މޭމަތި ތެމެމުންދެއެވެ. [މިތަނުގައި މާގިނަދުވަހު އިންނަންވެއްޖެނަމަ، އަޅުގަނޑު މަރުވެދާނެއެވެ…..]

[ނާޖީއެވެ.] ޠާހިރު އެހީވެގެން ނާޖީ ގެންގޮސް އެނދުގައި ބައިންދާފައި، ކައިރީގައި އިށީނދެއްޖެއެވެ. [މިގޭގައި އުޅޭހިތް ނުވަނީހެއްޔެވެ؟ މިއީ އަހަރެންގެ ގެ ނޫންހެއްޔެވެ؟ މިގެ ކަލެއަށް ކަމުނުދަނީ ހެއްޔެވެ؟] އެ ސުވާލުގެ ޖަވާބު، ނާޖީއަށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟ އަލްޙަމްރާއަކީ ގެއެއް ނޫންކަމާއި، އެހީ ރަންރިހީގެ ތޭރިތަކަކުން ހަދާފައިވާ ޤައިދުޚާނާއެއްކަން، ފިރިމީހާއަށް އަންގައިދޭނީ ކިހިނަކުން ހެއްޔެވެ؟ [އެކަނި އިނދެ ފޫހިވީމާ، މަންމަގެ ކައިރިއަށްދާށެވެ. އެތަނުގައި އެންމެންވެސް ކަލޭގެ ހިތްއުފާ ކޮށްދޭނެއެވެ.] ޠާހިރު ބުންޏެވެ.

[ނުކެރޭނެއެވެ. ޠާހިރެވެ. އޭނާ…. އޭނާ….]

[ތިޔަ ބުނަނީ ކީކޭހެއްޔެވެ؟….] ވަކި ޖަވާބެއް ނުދީ އަނެއްކާވެސް ނާޖީ ރޯން ފަށައިފިއެވެ.

[މަންމަދެކެ ކަލޭ ބިރުގަންނަނީ ހެއްޔެވެ؟] ނާޖީ ރޯވަރުން ކޮންމެވެސް އެއްޗެއް ވިސްނިގެން ޠާހިރު ސުވާލު ކުރިއެވެ.

[ލައްބައެވެ….] ނާޖީ ޖަވާބު ދިނެވެ.

[ބިރުގަންނަނީ ކީއްވެގެން ހެއްޔެވެ؟]

[ޠާހިރެވެ. މިގޭގެ އެންމެންވެސް އަޅުގަނޑަކީ ނުބައި މީހެއްކަމުގައި ހީކުރެއެވެ.]

[ތިޔައީ ކަލެއަށް ހީވާގޮތެވެ. ނާޖީއެވެ.] ނާޖީގެ މޮޔަކަމުން، ބޭއިޚްތިޔާރުގައި ޠާހިރަށް ހީގަނެވިއްޖެއެވެ.

[ނޫނެކެވެ. ޠާހިރެވެ. އަޅުގަނޑު މި ނަންގަންނަނީ ހަމަތެދެވެ.]

[ނާޖީއެވެ. ބައްޕަ ނިޔާވުމުގެ ހިތާމައިގައި އިންނަވަނިކޮށް، ޙުސްނުއާރާގެ ފިރިމީހާ މަރުވުމުން، މަންމަގެ ހިތާމަތައް ވަނީ އިންތިހާއަށް ގޮސްފައެވެ. ވީމާ، މިދުވަސްވަރު މަންމަގެ މިޒާޖު ވަނީ ހަރުކަށި ވެފައެވެ. އެކަމަކު ކަލޭ ދެރަނުވާށެވެ. ހުރިހާކަމެއް ރަނގަޅުވެދާނެއެވެ. ކަލެއާ ދިމާއަށް އެއްޗެއް ބުނާނެ މީހަކު މިގެޔަކު ނޫޅޭނެއެވެ. އެންމެންވެސް ކަލޭދެކެ ލޯބިވާނެއެވެ. އެ ދެ މަރުގެ ސަބަބުން، މިދުވަސްކޮޅު އެންމެންވެސް އެތިބީ ހިތާމައިން ފޯވެފައެވެ.] ޠާހިރުގެ އެ ވަރުގަދަ ޔަގީންކަން ފުނޑުފުނޑުކޮށްލަން ނާޖީއަށް ކެރޭނީ ކިހިނަކުން ހެއްޔެވެ؟ ލިބޭ އަނިޔާއެއްވިއްޔާ ލިބެމުންދަނީ ހަމައެކަނި ނާޖީފަކީރަށެވެ. ޠާހިރުގެ ކުރިމަތީގައި އެމީހުން މަތިއޮމާންކުރަނީ، ޝައްކުވެސް އުފެދޭވަރަށްވުރެ މާބޮޑަށެވެ. ޠާހިރަށް ހިތްހެޔޮކަމާއެކު އަލި މޫނުތައް ދައްކަމުން، ނާޖީގެ ޙަޔާތަށް ޒަހަރުލަނީ، ހިތަށްވެސް ނުގެނެވޭފަދަ މަކަރުވެރި ގޮތެއްގައެވެ. ވީއިރު، އެކަން އޮޅުންފިލުވައިދިނުމުގެގޮތުން، ނާޖީ ދެން އިތުރަށް ދައްކާނީވެސް ކޮންވާހަކައެއް ހެއްޔެވެ؟

އެދުވަހު ކަންދިމާވިގޮތުން، ނާޖީއާއި ޠާހިރު ދެއްކި ވާހަކަ، ފައުޒިއްޔާއަށް އަޑުއިވިއްޖެއެވެ. ވީމާ، އޭނާ ހަމަވަގުތުން ދުވެފައިގޮސް ޙުސްނުބާނޫއަށް އެވާހަކަތައް އިއްވައިފިއެވެ. އޭނާގެ ރުޅިގަނޑު އެތައް ގުނައަކަށް އިތުރު ކުރުވައިފިއެވެ.

އެދުވަހުގެ ފަހުން ނާޖީއަށް އުނދަގޫ ދިނުމުގެ އާ ގޮތްތަކެއް އެމީހުން ރާވައިފިއެވެ. މިހާރު އަންޖަމަން އާރާއެއްވެސް ނެތެވެ. ދުވަސްކޮޅަކު އަލްޙަމްރާގައި އިނދެލާފައި އޭނާވެސް، ފިރިމީހާގެ ގެއަށް ހިނގައްޖެއެވެ. ގިނައިންދަނީ ޠާހިރުވެސް ގޭގައި ނޫޅޭ ވަގުތެވެ. އެއީ އެމީހުންނަށް ލިބުނު ޣަނީމާއެއް ކަމުގައި ދެކެގެން، އަވަސްކަމާއެކު ފުރުސަތުގެ ބޭނުން ހިފަމުން ގެންދެއެވެ. ހެތްކެއް، ނިޝާނެއްވެސް ނުފެންނަގޮތުން، ނާޖީ ފަކީރުގެ ވަށައިގެން އަނިޔާވެރިކަމުގެ ދާ ފަތުރަމުން ގެންދަން ފަށައިފިއެވެ. ޠާހިރު ގޭގައި އުޅެނީނަމަ، އެންމެންވެސް ނާޖީދެކެވާ ލޯބިން އަވަދިވަނީއެވެ. އޭނާއަށް ހަމްދަރުދީވެ، އޭނާގެ ޞިއްޙަތު ގެއްލެމުންދާތީ ހިތާމަ ފާޅުކުރެއެވެ. މިގޮތުން ޠާހިރުގެ މޫނުމައްޗަށް ކެހިވެރިކަމުގެ ފަރުދާ ވައްޓަމުން، ނޭނގުމާއި އަނދިރީގެ ތެރޭގައި ބަހައްޓައިގެން، ނާޖީއަށްޓަކައި ކަށްވަޅު ކޮންނަމުން ގެންދެއެވެ.

ނާޖީ މުޅިން ހަމަހިމޭން ވެއްޖެއެވެ. އޭނާގެ ދޫމައްޗަށް ޝަކުވާގެ އެންމެ ލަފުޒެއްވެސް މިހާރަކު ނުގެނެއެވެ. ބައެއް ބައެއްފަހަރު، ހިތްދަތި ވެގެންގޮސް ކެތްކުރަން ދަތިވެއްޖެނަމަ، ޠާހިރުގެ މޭގައި ބޯއަޅާލައިގެންއޮވެ މަޑުމަޑުން ރޮއިލުމަށްފަހު، އަޅުގަނޑު ގޮވައިގެން މިނޫން އެހެން ކޮންމެވެސް ތަނަކަށް ހިންގަވާށޭ ބުނެލައެވެ. އެފަދަ ވަގުތުތަކުގައި އޭނާގެ ފަށުވި އިސްތަށިގަނޑުގައި ފިރުމާލާފައި، ހިތްވަރުގެ ބަސްތަކުން ހެޔޮ ނަސޭހަތްދީ ހެދުމަށްފަހު، ޠާހިރު ހިތްހަމަޖައްސާލައެވެ. އޭނާއަށް ވިސްނޭގޮތުގައި، ނާޖީއަށް އެހެން އެވަނީ، މާޙައުލު ބަދަލުވުމުގެ ސަބަބުންނެވެ. އަލްޙަމްރާގެ މާޙައުލަށް ހޭނުނީމާ، ހުރިހާކަމެއް ރަނގަޅުވެދާނެ ކަމުގައި އޭނާ ޔަގީން ކުރެއެވެ. ނަމަވެސް، އެހެނެއް ނުވިއެވެ. އެއްދުވަހުން އަނެއްދުވަހަށް ނާޖީ ހިކި އަނަރޫފަވަމުންގޮސް، ބިރުގަންނަންޖެހޭ ދަރަޖައަށް ކަންތައް ހިނގައްޖެއެވެ. ގޭގެ މީހުންގެ ދެފުށް ދެގޮތް ރޭވުންތަކުން، ޠާހިރުގެ ހިއްސުތައް ނިންދަވައެއް ނުލެވުނެވެ. އޭނާ މާބޮޑަށް ނާޖީއާ ދޭތެރޭގައި ވިސްނަން ފަށައިފިއެވެ.

[ނާޖީއެވެ.] އެއްދުވަހަކު ނާޖީގެ މޫނުގައި ދެއަތުން ހިފަހައްޓާލާފައި ޠާހިރު ސުވާލު ކޮށްލިއެވެ. [ކަލެއަށް ތިޔަ ވަނީ ކީއްހެއްޔެވެ؟ ތެދުތެދަށް ބުނެދީބަލާށެވެ.]

[ޠާހިރެވެ. އަޅުގަނޑު މަރުވެދާނެއެވެ. އަޅުގަނޑުގެ ނޭވާ ހާސްވަނީއެވެ. އަޅުގަނޑު ގޮވައިގެން މިތަނުން ހިންގަވާށެވެ.] ރޮއިގެންފައި އަނެއްކާވެސް ނާޖީ ހަމަ އެ ޖުމްލަ ތަކުރާރު ކޮށްލިއެވެ.

[އެންމެރަނގަޅެވެ. ކަލޭ ގޮވައިގެން އަހަރެން މިތަނުން ދާނަމެވެ.] ޠާހިރު ބުންޏެވެ.

[ހަމަ ތެދެއްތޯއެވެ؟]

[އާއެކެވެ….]

[ކޮންއިރަކުން ތޯއެވެ؟]

[ވަރަށް އަވަހަށެވެ.]

[ތިޔަ ބުނުއްވަނީ ހަމަތެދެއްތޯއެވެ؟]

[ގަބޫލު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ.]

[ޠާހިރެވެ. ކަލާ ހާދަ ރަނގަޅެވެ.] ގެއްލެމުންދާ އުފާތައް އަނބުރާ ލިބިދާނެކަމުގެ އުންމީދުގައި، ނާޖީ ހިނިތުންވެލިއެވެ. އެވަގުތު، ނިވެމުންދިޔަ ބައްތިއަކަށް ތެޔޮފޮދެއް އަޅާލީމާ އަލިވާފަދައިން، ނާޖީގެ ދެލޯ އަލިވެގެން ދިޔައެވެ.

]ކަލޭ އުފަލުގައި އުޅޭތަން ދުށުމަށް އަހަރެން ބޭނުމެވެ.]

[ޠާހިރެވެ….] އެތަކެއް ދުވަސްފަހުން ނާޖީގެ ޚާއްޞަ ހިނިތުންވުމާއި ލަދުވެތިކަން، ޠާހިރަށް ފެނިގެން ދިޔައެވެ. ކޮންމެއަކަސް، ދެމަފިރިންގެ މި ވާހަކަތަކަށްފަހުގައި، ޠާހިރަށް ނޭނގިނަމަވެސް، އަލްޙަމްރާއިން ނާޖީއަށް ކޮންމެވެސްވަރެއްގެ އަނިޔާތަކެއް ލިބެމުންދާ ކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ދެރަވެސްވިއެވެ.

ނުނިމޭ

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.