ޒަޚަމް – ޗެޕްޓަރ 1

ފެހިކުލައިގެ އަޑި އުސް ވާދީތަކާއި ފަރުބަދަތަކުގެ ދާވަނީގައި، އެތަކެއް ހިސާބު ދުރަށް ފެތުރިފައިވާ މައިދާނުގައި އިމާރާތް ކޮށްފައި އެހެރަ އަލްޙަމްރާއެވެ ކިޔާ ބޮޑު ކިއްލާއަކީ، ދެކޭމީހުންގެ ހިތްތަކަށް އޭގެ ހައިބަވަންތަކަން ވައްދުވައިދޭ، ރީތި އިމާރާތެކެވެ. ކިއްލާގެ ހަތަރުފަރާތް، ޤުދްރަތުގެ ޚަޒާނާއިން ޒީނަތްތެރި ވެފައިވެއެވެ. މުޅި ބިންގަނޑުގައި ޤުދްރަތީ މަޚްމަލުގެ ފެހިކުލައިގެ ދޫލަ ފެތުރިފައިވެއެވެ. ވަޔާ ވިހުރުވެމުންދާ ކުލަކުލައިގެ މާގަސްތަކާއި، މުޅި ތަނަށް ހިޔާދޭ ބޮޑެތި ގަސްތަކެވެ. ކުދިކުދި ފެންކޯރުތަކާއި ފަރުބަދަމަތިން އޮހެމުންދާ ފެން އާރުތަކެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ، އުފާވެރިކަމެވެ. އެއްގަހުން އަނެއްގަހަށް އުދުހެމުންދާ ދޫނިސޫފާސޫފީގެ ގޮވުމުގެ އަޑުން، މުޅި މާޙައުލުގައި ރާގު އަޅުވާލާފައިވެއެވެ. ކޮންމެއަކަސް، ދިރިއުޅުން ވޭތުކުރުމަށްޓަކައި މިފަދަ މަގާމެއް ޚިޔާލުކުރާނީ ހަމަކަށަވަރުންވެސް އުފާވެރިކަމަށް ލޯބިކުރާ މީހެކެވެ. ރަތް އީޓުންވާ ފުރާޅަކާއި، ހުދުކުލައިގެ ތަނބުތަކުން އެކުލަވާލާފައިވާ މި ބޮޑު އިމާރާތް އެތަނުގައި ހުންނައިރު ހީވަނީ، ރީތިކޮށް ނަލަހެދިލައިގެން މާބަގީޗާއަކަށް ގޮސްހުރި ޅަދޮނޅު އަންހެންކުއްޖެއްހެންނެވެ.

އެ ކިއްލާއެއްފަދަ ބޮޑު އިމާރާތުގެ ތަނަވަސް ކޮޓަރިތަކާއި، ބޮޑު ފެންޑާ، ރީތި ގެލެރީ، އަގުބޮޑު ފަރުނީޗަރުން ޒީނަތްތެރި ކޮށްފައިވާ ބޮޑު ކޮޓަރި، ހިތްގައިމު ކާކޮޓަރި، މިއީ ހައްތާވެސް އެގޭގެ ވެރިމީހާގެ މުއްސަނދިކަމާއި ހައިބަވަންތަކަމުގެ ހެކިތަކެވެ.

ނަވާބު ފާރޫޤު ޢަލީ ޚާން ނިޔާވިތާ މިހާރު ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވޭތުވެގެން ހިނގައްޖެއެވެ. ނަމަވެސް، އޭނާގެ ހުވަފަތް އަނބިމީހާ ޙުސްނުބާނޫ އަދިވެސް ދުނިޔޭގައި އެބައިނެވެ. އުމުރުން ފަސްދޮޅަސް އަހަރަށްވުރެ މައްޗަށްގޮސްފައިވާ އެ އަންހެންމީހާގެ ރަތާއި ހުދު ކުލަ އެކުލެވިފައިވާ މޫނާއި، ރިހިކުލައިގެ އިސްތަށިގަނޑުން އޭނާގެ ޤަދަރުވެރިކަމާއި، ހައިބަތުކަން އިތުރުކޮށްދީފައިވެއެވެ. ޒަމާން ބަދަލުވެ، ވިސްނުމާއި ޚިޔާލު ތަފާތުވެފައިވާ އިރުވެސް، އެ މުސްކުޅި އަންހެންމީހާގެ މުސްކުޅި އާދަކާދަތަކަކަށް ބަދަލެއް ނާދެއެވެ. ދެއްކުންތެރިކަމާއެކު ބޭރުފުށުގެ ޤަދަރުވެރި ކަމަށްޓަކައި ފުރާނަ ދިނުމަކަށްވެސް، އެ އަންހެންމީހާ ފަހެއްނުޖެހޭނެއެވެ. އެކަހަލަ ހަރުކަށި އާދަކާދަތަކުގައި ހިފަހައްޓައިގެން އުޅެންހަދައިގެން ފުރާނައިން އަތްދޮވެލަންޖެހޭފަދަ ނުރައްކާތެރި ހާދިސާތަކާވެސް އޭނާއަށް ކުރިމަތިލާން ޖެހިފައިވެއެވެ. ނަމަވެސް، އޭނާގެ އުޅުމަކަށް ބަދަލެއް ނާދެއެވެ.

اللّه ގެ އިރާދަފުޅުން، ވިސްނުން ތޫނު، ބުއްދިވެރި ދަރިންތަކެއްވެސް އޭގެ ދެމަފިރިންނަށް ދެއްވާފައިވެއެވެ. އެއީ ތިން ފިރިހެން ކުދިންނާއި، ދެ އަންހެން ދަރިންނެވެ. ތިން ފިރިހެންކުދިންގެ ތެރެއިން މެދަށްހުރި ޠާހިރު، ޞާޢިޤާގެ ސޫރައިގައި އޭނާގެ ހަނދާންތައް، ދުނިޔެއަށް ދޫކުރުމަށްފަހު، ޒުވާން އުމުރުގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފިއެވެ. އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ނަމަކީ އަޒްހަރެވެ. ހަގު ދަރިފުޅުގެ ނަމަކީ ފަޚުރެވެ. އަންހެން ދަރިންނަކީ، އަންޖަމަން އާރާއި ހުސްނު އާރާއެވެ. އެހުރިހާ ކުދިންތައް އަދި ހަމަ ޒުވާނެވެ. މައިމީހާއަށް އިޙްތިރާމް ކުރުމުގައި އެކުދިންނަކީ މިސާލެއް ނެތްފަދަ ކުދި ބަޔެކެވެ. ކޮންމެއަކަސް، މުސްކުޅި ޙުސްނުބާނޫގެ ގުލްޝަނުގެ ރޯކަން ގަދަވެފައި ތާޒާއެވެ. ވިހުރުވެމުންދާ އޮފިތަކާއި، ޅަ ކުރިތަކުން މުޅި ގޮވަތި ވަނީ ފަޅުފިލުވާލާފައެވެ. ދަރިންގެ ދަރިންދެކެ އޭނާ ފުރާނައަށްވުރެ ބޮޑަށް ލޯބިވެއެވެ. އޭނާގެ ދަރިން ކައިވެނި ކޮށްގެން އުޅެނީ ދެބެންގެ ދެދަރި ކުދިންނާއެވެ. ވީމާ، އެ އާއިލާގެ އެކުވެރިކަމާއި އިޚްލާޞްތެރިކަން ވަނީ އެކަތައަށްވުރެވެސް ބާރުގަދަ އެއްޗެއް ކަމުގައި ވެފައެވެ. ހުރިހާ މާމަ ދަރިންގެ ތެރެއިންވެސް ރީޙާނަކީ އެންމެ ލޯބިވާ ދަރިފުޅެވެ. ޅަ ރީޙާނަކީ ޙުސްނުބާނޫގެ ޙަޔާތުގެ އެންމެ އަގުބޮޑު ޖަވާހިރެވެ. ހީވާގޮތުން އެހެންވެފައިވަނީ، އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ފުރަތަމަ ދަރިފުޅު ކަމަށްވާތީ ކަންނޭނގެއެވެ. ރީޙާނަށްވެސް މާމަގެ ލޯބި އިޙްސާސް ކުރެވެއެވެ. ޅައިރުއްސުރެވެސް އޭނާއަކީ ލާނެތް ކުއްޖެކެވެ. އޭނާގެ ކޮންމެ އެދުމެއް ގަބޫލުކުރަން މާމައަށް މަޖުބޫރުވެއެވެ. މުޅި ގޭގައިވެސް މާމަގެ ހައިބަވަންތަކަމުން އަސަރު ނުކުރަނީ ހަމައެކަނި ރީޙާނަށެވެ. އެހެން ހުރިހާ އެންމެންގެ ކުރިމަތީގައިވެސް މާމައަކީ އަމުރުގަދަ ވެރިއެކެވެ. ކިއްލާގެ މުޅި ފަޒާގައިވެސް ވަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމާއި އަމާންކަމެވެ. ފަޚުރުގެ ކުދިންނާއި ޙުސްނުއާރާގެ އެންމެ ހަގު ދަރިފުޅު ފިޔަވައި، އެހެން ހުރިހާ ކުދިންވެސް ކިޔަވައި ނިމިއްޖެއެވެ. އެ ދަތި މަސްއޫލިއްޔަތުން ހުރިހާ ކުދިންގެ ސިކުނޑި ސަލާމަތްވެ، މިނިވަންކަން ލިބުމަށްފަހުގައި، މުޅި އަލްޙަމްރާވެސް ފިކުރުތަކުން ސަލާމަތް ވެއްޖެއެވެ. ހުނުމުގެ ތޫފާނާއި، އުފަލުގެ އާރުތައް، އަލްޙަމްރާގެ ތެރޭގައި ދައުރުކުރަން ފަށައިފިއެވެ. އުފަލުން ފުރިފައިވާ ރޭދުވާތައް، ޒުވާންކަމުގެ މީރުވަހުން އެއްވަސްކުރުވަން ފަށައިފިއެވެ. މިހާރު އަލްޙަމްރާއަށް އަންނަ ކޮންމެ ދުވަހަކީ، އީދު ދުވަހެކެވެ. ކޮންމެ ރެއަކީ އާ ކާވެނީގެ ރެއެކެވެ. އަލްޙަމްރާގައި ދިރިއުޅެމުންދާ ހަމަކޮންމެ ފަރުދެއްގެ ޙަޔާތްވެސް، މީރުވަސްދުވާ މާތައް ފަރިވެ ފޮޅިފައިވާ ގުލްދަސްތާއެކޭ އެއްފަދައެވެ. އެހެންނަމަވެސް، ސުވަރުގޭގެ ނަމޫނާއެއްފަދަ މި ރީތި ބޮޑު ކިއްލާގެ ކޮންމެވެސް ކަނެއްގައި، އުފަލާއި އަރާމުން އަދި ހިތްހަމަޖެހުމާއި ތަނަވަސްކަމުން އެއްކިބާވެފައިވާ ފަރުދަކު ދިރިއުޅެމުންދާކަމީ، ޝައްކެއްހުރި ކަމެއް ނޫނެވެ. ކަނީޒުންނާއި ޚާދިމުންވެސް ރަސްދަރިކަލުންފަދަ ޤަދަރުވެރި ގޮތެއްގައި ދިރިއުޅެމުންދާ މާޙައުލުގައި، ހިތާމައިގެ ފޭރާންލައިގެން ދިރިއުޅެމުންދާ ޞާޢިޤާއަކީ މަރްޙޫމް ޠާހިރުގެ ހަމައެކަނި އިން އެންމެ އަންހެން ދަރިފުޅެވެ. އެ ނިކަމެތި ޔަތީމު އަދި މިސްކީނު އަންހެންކުއްޖާ އަކީވެސް އަލްޙަމްރާގައި އުފަންވެފައި އިން އަންހެން ކުއްޖެކެވެ. އެންމެ ތުއްތު ދުވަސްވަރާއި ޅައުމުރާ ފާއިތުވެގެންގޮސް، ޒުވާންވީވެސް ހަމަ އެ ކިއްލާގައެވެ. ނަމަވެސް، އެ ކިއްލާގައި އުޅޭ އެހެންމީހުން ފަދައިން ޞާޢިޤާގެ ޙަޔާތުގެ ގުލްޝަނުގައި އުފާވެރިކަމުގެ އެންމެ މަލެއްވެސް ނުފޮޅެއެވެ. އޭނާގެ ވަށައިގެންވަނީ، ތުނޑު ތޫނު ކަށިތަކެވެ. މަލާމާތާއި ނަފްރަތުގެ ބަސްތައް، އެންމެ ހިނދުކޮޅަކަށްޓަކައިވެސް އޭނާގެ ކަންފަތުން ކެނޑިގެނެއް ނުދެއެވެ. ރުޅިއާއި ނުރުހުމުގެ ކަޅިތައް، އަބަދުވެސް އޭނާއާ ދިމާއަށް އަމާޒުވެފައި ހުރެއެވެ. މިހާރު ޞާޢިޤާގެ އުމުރުން ފުރިހަމަ ވިހި އަހަރު ވޭތުވެގެން ހިނގައްޖެއެވެ. އެ ވިހި އަހަރު އޭނާއަށްޓަކައި، ވިހި ޤަރުނަށްވުރެވެސް ދިގުކަމުގައިވިއެވެ. އެއީ އެތަކެއްހާސް ދުވަހާއި، އެތަކެއް ލައްކަ ގަޑިއާއި، އެތަކެއް ކުރޯޑު މިނެޓު އެކުލެވިފައިވާ ވިހި އަހަރެވެ. ހަމަ އެފަދައިން، އެ ވިހި އަހަރުގެ ތެރޭގައި، ގުނާ އަދަދު ނުކުރެވޭހާ ގިނަ އަނިޔާތަކާއި، ބަދު ދުޢާތަކާއި ހިތާމަވެސް، ޞާޢިޤާއަށް އުފުލަން ޖެހިފައިވެއެވެ. އޭނާގެ ޙަޔާތުގެ ކޮންމެ ހިނދުކޮޅެއް، އޭނާގެ ހަށިގަނޑުގެ ލޭގެ ތިކިތައް ވަކިވަކިން އިމްތިހާނު ކޮށްލިއެވެ. ނަމަވެސް، ޞާޢިޤާއަކީ ޤުދްރަތުގެ ފުރިހަމަ ނަމޫނާއެކެވެ. އޭނާގެ ރީތިކަމަކީ، މިސާލުޖެހުން ދަތިވާފަދަ ރީތިކަމެކެވެ. އެންމެ ހެޔޮވަރުގެ އިސްކޮޅަކާއި، އެކަށީގެންވާ ރޫފައެކެވެ. ދިގު އެސްފިޔަތަކަކާއި، ކަޅުކުލައިގެ ފުން ދެލޮލެވެ. އެއްވެސް އައިބެއްނެތް، ލޫޅާފަތި ހަށިގަނޑެކެވެ. ރަނުގެ ކުލައަރާ އޮމާން ހަމެކެވެ. މުތީތަކެއްފަދަ ރީތި ދަތްތަކެކެވެ. ކޮންމެއަކަސް، އެ އަންހެންކުއްޖާއާ ދިމާއަށް އެންމެ ފުރަތަމަފަހަރު ބަލައިލާފައި ނުސިހޭނެ އެއްވެސްމީހަކު ނުހުންނާނެއެވެ. އޭނާ ދެކެފި މީހަކަށް، އެއީ ޙޫރުޕަރީއެކޭވެސް ބުނެވިދާނެއެވެ.

އެކަމަކު އެ ކިއްލާގައި ދިރިއުޅޭ އެއްވެސް މީހަކަށް، އޭނާއަށް ޤުދްރަތުން ދެއްވާފައިއެވާ ފުރިހަމަކަމެއް ވިސްނޭހެނެއް ހިއެއްނުވެއެވެ. ރީޙާންވެސް އޭނާއާ ދިމާއަށް ލޮލުގެ ކުޑަކޮޅުންވެސް ބަލާނުލައެވެ. އަސަދުއާއި ފަރަޙުވެސް، ހުވަފެނެއްގައިވެސް އޭނާ ދެކެލާކަށް ބޭނުމެއް ނުވެއެވެ. ފަރީދޫންއާއި ޝާހިދުގެ ސިކުނޑިއަކަށް، ފަހަރެއްގައިވެސް އޭނާގެ ޚިޔާލެއް ނާދެއެވެ. އެކަން އެއްކިބައިގައި އޮއްވާ، އެއިން އެއްވެސް ކުއްޖެއްގެ އޯގާތެރި ބަލާލުމެއްވެސް ޞާޢިޤާ ފަކީރަކަށް ނުލިބެއެވެ. އެންމެންގެ މޫނުމަތިންވެސް އޭނާއަށް ފެންނަނީ، ދުރުހިލޭކަމާއި ބީރައްޓެހިކަމެވެ. މަލާމާތުގެ ކުލަވަރުތަކެވެ. އޭނާއަށް ތަނެއް ދޮރެއް ނޭނގޭވަރުގެ ޅައުމުރުގައި އެމީހުން އޭނާއާދޭތެރޭގައި ކަންތައް ކުރާގޮތެއް ނުވިސްނެއެވެ. ފަހަރެއްގައިވެސް އޭނާއަށް އޯގާތެރިކަމެއް ލިބެނީ، ބޮޑުދައިތަ އަންޖަމްއާއި ބޮޑުބޭބެ ފަޚްރުގެ ފަރާތުންނެވެ. ޚާންދާނުގެ އެހެން ހުރިހާ މެންބަރުންނާ، އޭގެ ދެމީހުންގެ އާދަކާދަތައް ވަރަށް ތަފާތެވެ. އަންޖަމަން ދިރިއުޅެނީ އަލްޙަމްރާއާ މާދުރުގައެވެ. އޭނާ އެގެއަށް އައިސްއުޅެނީ ވަރަށް މަދުފަހަރެއްގައެވެ. ފަޚުރު ދިރިއުޅެނީ އަލްޙަމްރާގައެވެ. ނަމަވެސް، އޭނާގެ މަންމަ ޙުސްނުބާނޫގެ ހައިބަވަންތަކަމާއި އަނބިމީހާގެ ކަޅިއެޅުންތަކުގެ ސަބަބުން، ފާޅުގައި ޞާޢިޤާދެކެ ލޯބިވެވޭކަށް ނޯވެއެވެ. ޞާޢިޤާއަށް ތަނެއް ދޮރެއް ނޭނގޭ ޅައުމުރުގައި އެހެންކުދިންނާ އެކުގައި ކުޅެލާހިތުން އޭނާވެސް އެކުދިންގެ ކައިރިއަށްދެއެވެ. އެއިން ކޮންމެފަހަރަކު އޭނާއަށް ހަރުކަށި އަދަބު ލިބެއެވެ. ވީމާ، ދުވަހެއް ދުވަހަކަށް އޭނާއަށް އެކަންތައް ވިސްނެމުން، އެހެންކުދިންނާ ދުރުހެލިވަމުންދެއެވެ. އެކަނިވެރިކަން ޚިޔާރުކޮށް، ކޮންމެހެން ބުނަންޖެހޭ އެއްޗެއް ފިޔަވައި އިތުރު ވާހަކަދެއްކުން ހުއްޓާލީއެވެ. އޭނާއަށް މިއައި ބަދަލުގެ ސަބަބުން، ބޮޑެތިމީހުންގެ އަނިޔާއާ އެއްވަރު ކުދިންގެ މަލާމާތް، ހިސާބަކަށް ކުޑަވެލިއެވެ. ބޮޑުވެ ތަންދޮރު އެނގޭވަރުވީފަހުން، އެ ކެތްކުރަން ދަތި މާޙައުލާ ދުރަށް ދިއުމަށް ބައެއްފަހަރު އޭނާގެ ހިތް އެދެއެވެ. ދުނިޔޭގައި އޭނާއަށް އެހީވާނެ އެއްވެސްމީހަކު ނެތްކަން ހަނދާންކޮށްލާފައި އަލްޙަމްރާގެ ވަށައިގެން އޮއިދެމެމުންދާ ކޯރުގެ ތެރެއަށް ފުންމާލުމަށް އޭނާގެ ހިތް އެދެއެވެ. މި މަޤްޞަދުގައި ކިތަންމެ ފަހަރަކު އަލްޙަމްރާގެ ފުރަގަހުގެ ބެލްކަނީއަށްގޮސް ކޯރާދިމާއަށް ބަލަން ހުރެއެވެ. އެކަމަކު، އަމިއްލަ ހަށިގަނޑު ކޯރުގެ ފެންގަނޑާ ހަވާލުކުރާކަށް އޭނާއަކަށް ނުކެރެއެވެ. ދުނިޔެއަށް އުފަންވެއްޖެ ކޮންމެ އިންސާނެއްގެވެސް އެންމެބޮޑު އެދުމަކަށްވާނީ، ދިރިހުރުމެވެ. މިގޮތުން ޞާޢިޤާއަކީވެސް އިންސާނެކެވެ. ގަނޑު ލޭކޮޅަކުން އުފެދިފައިވާ ހިތެއް އޭނާގެ މޭގެތެރޭގައިވެސް ވިންދުޖަހައެވެ. ހެޔޮގޮތާއި ނުބައިގޮތް، މީރު އެއްޗިއްސާއި ނުބައި އެއްޗެތި ވަކިކުރަން އޭނާއަށް އެނގެއެވެ. ވީމާ، ދުނިޔޭގައި ދިރިއިންނަންވެސް އޭނާ ބޭނުންވެއެވެ. ހިތަށްއަރާހާ ފަހަރަކު މަރުވުމަކީ ފަސޭހަކަމެއް ނޫންކަންވެސް އޭނާއަށް ވިސްނެއެވެ.

ޝައްކެއްނެތެވެ. ޞާޢިޤާގެ އެކަނިވެރިކަމަކީ އޭނާއަށްޓަކައި ބޮޑު ބުރައެކެވެ. ނަމަވެސް، މި އެކަނިވެރިކަމުގެ ތެރެއިން އޭނާ ޚިޔާރުކޮށްފައިވާ ހަމަހިމޭންކަމަކީ، އޭނާގެ ރީތިކަމުގެ ތެރެއަށް އިތުރުވި ސިފައެއް ކަމުގައިވިއެވެ. ޒުވާން ދައުރަށް އެޅުނުފަހުން އޭނާގެ ހިތުގައި ދިރިހުރުމުގެ ކުޑަ އުންމީދެއް އުފެދިއްޖެއެވެ. ނުއެނގުމުގެ ތެރޭގައި އޭނާގެ ހިތް ކޮންމެވެސްކަމަކަށް އެދެންފަށައިފިއެވެ. އެހުރިހާ ޒުވާން ފިރިހެންކުދިން އުޅޭ އަލްޙަމްރާއިން ޚާއްޞަ ގޮތެއްގައި އޭނާއަށް ރީޙާން ފާހަގަކުރެވެން ފަށައިފިއެވެ. އެކަމަކު އެއީ މޮޔަ ޚިޔާލެއްކަން އޭނާއަށް އެނގެއެވެ. ބިމުގެ ވެލިކޮޅަކަށް، އުޑުގައިހުރި ތަރިއެއް ހާސިލު ނުކުރެވޭނެކަން ޔަގީންވެއެވެ. އެންމެންގެ ލޯބީގެ އަމާޒުފަތްގަނޑު ކަމުގައިވާ ރީޙާނަކީ ޅައިރުއްސުރެވެސް ބޮޑާކުއްޖެކެވެ. އޭނާގެ ލޮލުން އަބަދުވެސް ޞާޢިޤާއަށް ފެންނަނީ ދުރުހިލޭކަމާއި ބީރައްޓެހިކަމެވެ. ރީޙާނަކީ މާމަގެ ދެލޮލުގެ ކޮއިކަމުގައިވާއިރު، ޞާޢިޤާއަކީ އެ މާމަގެ ފައިދަށުގެ ހިރަފުހެވެ. ވީއިރު، އެފަދަ ތަފާތު ދެފަރުދަކު ގުޅޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެހުރިހާކަމެއް ޞާޢިޤާއަށް އިޙްސާސް ކުރެވެއެވެ. ޙާލަތަށް މިއައި ބޮޑު ބަދަލުގެ ސަބަބުން، ބައެއްފަހަރު ބުއްދިގޯސްވާން އުޅެނީކަމުގައިވެސް ޞާޢިޤާއަށް ހީކުރެވެއެވެ. އެފަކީރަށް ލިބޭ ކޮންމެ ހިތާމައަކާއި ހިތްދަތިކަމެއްގައި އޭނާއަށް އެހީތެރިކަމެއް ލިބެނީ، ހަމައެކަނި އޭނާ ގެންގުޅެ ބޮޑުކުރި އާޔާގެ އުނގުންނެވެ. އޭނާގެ ޒަޚަމްތަކަށް ފަރުވާދޭ މީހަކީ އާޔާއެވެ. މައިވަންތަކަމުގެ ލޯބިން ފުރިފައިވާ ދާވަންޏެއް، އޭނާއަށްޓަކައި އާޔާ ފަތުރާލަދީފައިވެއެވެ. އެހެންމީހުންގެ ނަފްރަތާއި ރުޅިވެރިކަމުން ފުރިފައިވާ ތޫނު ނަޒަރުތަކުން އޭނާ ސަލާމަތްކޮށްފައި ބެހެއްޓުމަށްޓަކައި، އާޔާއަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރެއެވެ. އެފަދަ އަނިޔާ ލިބެނިވި މާޙައުލެއްގައި ޞާޢިޤާއަށް ދިރިއުޅެން ދަސްކޮށްދިނީ އާޔާއެވެ. ފެންނަ ފެނުމަށް އާޔާއަކީ ކިތަންމެ ސިފަހުތުރު މީހެއްނަމަވެސް، އޭނާގެ ހިތް، ސާފު ބިއްލޫރި ފަދައެވެ. ކޮންމެވެސްކަހަލަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފިހިގެން އާޔާގެ މޫނުގެ ސިފަ ވަނީ، ނުހަނު ބިރުވެރި ސިފައަކަށް ބަދަލުވެފައެވެ. އޭނާގެ މޫނުގައި އަލިފާނުގެ ޝިކާރައަކަށްނުވެ ސަލާމަތުންހުރި މަސްކޮޅުވެސް ހުންނަނީ އެއްބައި ހުދުކޮށް، އަނެއްބައި ކަޅުކޮންނެވެ. އެއްލޮލުގެ މަތީބޮނޑި އެކުގައިވަނީ އަނދައިގެންގޮސްފައެވެ. ވީމާ، އެ ލޯ ހީވަނީ، މާމަތީގައި ހުންނަހެންނެވެ. ބޮލުގެ އިސްތަށިގަނޑު ހުންނަނީ ވަރަށް ކުރުކޮށް، އިދިކީލިގޮތަކަށެވެ. އެއީވެސް އަލިފާނުގެ އަނިޔާއިން އިސްތަށިގަނޑަށް އައިސްފައިވާ ބަދަލެކެވެ. އެކަމަކު މިފަދަ ބިރުވެރި ސިފައިގައި އިންނަ އާޔާގެ އުނގުން އަބަދުވެސް، ލޯބީގެ ފިނިކަން ޞާޢިޤާއަށް ހާސިލުވެއެވެ. އާޔާއަކީ ހެޔޮހިތުން ޞާޢިޤާއަށް ހަމްދަރުދީވާ، ހިތާމައިގެ ބައިވެރިއެކެވެ. މާބޮޑަށް ހިތްދަތިވެއްޖިއްޔާ، އާޔާގެ އުނގުން އެހިތަށް އޭނާ ހަމަޖެހުން ހޯދައެވެ. ރޯން ބޭނުންވެއްޖިއްޔާ، އާޔާގެ އިޚްލާޞްތެރިކަމުގެ ދާވަންޏަށް އެ ކަރުނަތައް އޮއްބާލައެވެ. ކޮންމެއަކަސް، މިދެންނެވި އާޔާ
ފިޔަވައި އެހެން އެންމެންނަކީވެސް ޞާޢިޤާގެ ދުޝްމަނުންނެވެ. ރަޙުމެއް ހަމްދަރުދީއެއްނެތް އަނިޔާވެރިންނެވެ. ޝައްކެއްނެތެވެ. ޞާޢިޤާގެ ޙަޔާތަކީ ޢަޖައިބެކެވެ. ގަދަފަދަ ވޭނެކެވެ. ނުކުރާ ކުށަކަށްޓަކައި އުފުލަންޖެހިފައިވާ ޝަޒާއެކެވެ. މީހުން އޭނާގެ ބޮލުގައި އަޅުވައިގެންއުޅޭ ކުށަކީ، އޭނާ އުފަންވުމުގެ ކުރިން ހިނގައިދިޔަ ހާދިސާއެކެވެ. މިކަމުގައި އޭނާ ކުރާނީ ކީއްހެއްޔެވެ؟ ޤަދަރުވެރިކަމުގެ ބޮޑާކަމުން، ސިކުނޑި ފަރުދާކުރެވިފައިވާ އެ މޮޔައިންތަކަކަށް އެވަރުވެސް ނޭނގެއެވެ. ޞާޢިޤާއާ ދޭތެރޭގައި ވީހާވެސް އަނިޔާވެރިކޮށް ޢަމަލުކުރެވުނު ވަރަކަށް އެމީހުންގެ ހިތްހަމަޖެހެއެވެ.

ނުނިމޭ

 

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.