މައިދާނުގައި ބޭއްވި ކުޅިވަރުގެ މުބާރާތުގައި ބައިވެރިވި ސުލްޠާން އައްޔޫބީގެ ބާރުގަދަ ލަޝްކަރަކީ އެމަނިކުފާނުގެ ޚާއްސަ ލަޝްކަރެއް ކަމަކަށް މިސްރުގެ މީހުން ހީއެއް ނުކުރެއެވެ. އަދި ކީއްހެއްޔެވެ. އެ ލަޝްކަރަކީ މިސުރުގެ ލަޝްކަރެއް ކަމުގައި އެމީހުން ހީކުރިއެވެ. – ސުލްޠާން އައްޔޫބީއަކީ ރައްޔިތުންގެ މެދުގައި ދިގު ތަޤްރީރުތައް ކުރައްވާ ވެރިއެއްނޫނެވެ. ނަމަވެސް މުބާރާތުގެ ދުވަހުގައި އެ މައިދާނުގައި ތަޤްރީރުކުރެއްވުމަކީ ކޮންމެހެން ބޭނުންވާ ކަމެއްކަމުގައި އެމަނިކުފާނު ދެކެވަޑައިގެންނެވިއެވެ. އެދުވަހު ތަޤްރީރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ. ”މި ލަޝްކަރަކީ ޤަޢުމުގެ އަބުރާއި އިއްޒަތް ރައްކައުތެރި ކުރާ ލަޝްކަރެވެ.“ އަދިވެސް އެމަނިކުފާނު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޞަލީބީންގެ އަޒުމް ކަޑައަޅާފައިވާ ކަންތައްތައް ތަފްސީލުކޮށް ބަޔާން ކުރެއްވިއެވެ. މުސްލިމުން ވެރިންގެ ބެއްލެވުން ކުޑަކަމުން ޞަލީބީން އެބޭފުޅުންގެ ދިރިއުޅުއްވުމަށް ދަތި ކުރަމުން ގެންދާ ކަމުގައި ވިދާޅުވިއެވެ. ގާފިލާތައް ލޫޓުވާ މުސްލިމް އަންހެން ކުދީން ފޭރި އެކުދީންގެ އަބުރުނަގަލާ އެކުދީންގެންގޮސް ކުޑައަގުގާ ވިއްކާލާ ކަމުގައި ވިދާޅުވިއެވެ……. މީސްތަކުންގެ ހިތްތަކުގައި ޤައުމީ ޖޯޝެއް އުފެއްދެވުމުގެ ގޮތުން ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”މުސްލިމް ކޮންމެ ފިރިހެނަކުވެސް ސިފައިންގެ ތެރެއަށް ވަންނާށެވެ. ތިޔަބައިމީހުންގެ އަންހެން ދަރީންގެ އިއްފަތްތެރިކަން ރައްކައުތެރި ކުރާ ބައަކަށް ވާށެވެ. ޤައުމުގެ ރީތިނަން ދަމަހައްޓާ ބައަކަށްވާށެވެ.“ ސުލްޠާން އައްޔޫބީގެ ތަޤރީރުގައިހުރި ޖޯޝެއްގެ ސަބަބުން އަޑުއަހަން ތިބިމީހުންގެ ހިތްތަކަށް ވަރަށް ފުން އަސަރެއް ކުރުވިއެވެ. – ލޭކެކޭގޮތްވިއެވެ. ވުމާއެކު ފޯރިގަދަ ބައެއް ޒުވާނުން ހަމަ އެދުވަހު ސިފައިންގެ ތެރެއަށްވަދެ ޤައުމަށާއި ދީނަށް ވަފާތެރިވުމަށް ހުވާ ކުރިއެވެ.
ސިފައިންގެ ތެރެއަށް މީހުން ވަނުމުގެ ކަންތައް ދިހަ ދުވަސް ވަންދެން ދެމިއޮތެވެ. މިދިހަދުވަހުގެ ތެރޭގައި ހަހާސް މީހުން ސިފައިންގެ ތެރެއަށް ވަންކަމުގައިވިއެވެ. އޭގެ ތެރޭގައި އެންމެ ޒުވާން ޢުމުރުގެ ދެހާސް ފައްސަތޭކަ މީހުން ތިބިކަމުގައިވެއެވެ. ގިނަ މީހުން ސުލްޠާން އައްޔޫބީގެ ލަޝްކަރަށް އައީ އެމީހުން ސަވާރުވާން ގެންގުޅޭ ޖަމަލާއި އަސް ހިފައިގެންނެވެ. ސުލްޠާން އައްޔޫބީ އެތަކެއްޗަށް އަގު ދެއްވިއެވެ. – ސިފައިންގެ ތެރެއަށް އަލަށް ވަންނަ މީހުނަށް ވަރަށް އަވަހަށް ޓްރޭނިންގެ ދޭން ފެށުނެވެ.
މުބަރާތް ނިމުނުތާ ތިންމަސް ދުވަސް ވީއިރު ވައްކަން ކުރުމާއި، ޖުވާކުޅުމާއި، ވާނުވާތަނެއް ނޭގި ރޭގަނޑު މީހުން ގެއްލުމާއި، މިތިން ކުށް ކުރާ މީހުންގެ އަދަދު ވަރަށް މައްޗަށް ހިގައްޖެއެވެ. އޭގެ ކުރިންވެސް އެފަދަ ކުށްކުރެއެވެ. ނަމަވެސް އޭރު ކުށް ކުރާމީހުން ވަރަށް މަދެވެ. – ކުޅިވަރުގެ މުބާރާތަށް ފަހުގައި މިތިންކުށް ބޮޑު ވަބާއެއް ފަދައިން ރަށުތެރެއަށް ފެތުރިގެން ހިގައްޖެއެވެ. – މިތިން ކުށުގެވެސް ބިންގަލަކީ ޖުވާއެވެ. ވައްކަމުގެ ކުށްއޮތީ ވަކި ދާއިރާ އެއްގައި ހުއްޓިފައެވެ. އެންމެ ގިނައިން ވައްކަންކޮށް އުޅެނީ ސިފައިންނެވެ. އެކަކުގެ އެތިގަޑު އަނެކަކު ނަގައިގެންގޮސް ބާޒާރަށް ވިއްކާލުމަކީ އެމީހުންގެ އާދައެކެވެ. – މިގޮތަށް ކަންތައް ހިގަމުން ދިޔަދުވަސްވަރުގެ ތެރެއިން ކޮންމެވެސް ރެއެއެއްގެ ރޭގަޑު ލަޝްކަރުން ތިންއަސް ގެއްލިއްޖެއެވެ. ނަމަވެސް ލަޝްކަރުގެ މީހަކު މަދެއްނުވެއެވެ. ފިޔާދާއިންނާއި ސަވާރުން ހަމައަށް ތިއްބެވެ. ބޮޑެތި ވައްކަންތައް ފެށުނީއެވެ. އިސްވެރިން އެކަމާ އަޅާނުލައި ތިބެއްޖެނަމަ އެކަންވެސް އާދައަކަށް ވެދާނެއެވެ. އެހެން ކަމުން ލަޝްކަރުގެ އިސްވެރިން މިވައްކަމުގެ ރިޕޯޓް މަތީ ދަރަޖައިގެ ވެރިންނާއި ހަމައަށް ގެންގޮސްފިއެވެ. ހަމައެރޭމެ އެ ވައްކަމުގެ ތަހްޤީޤުތައް ކުރެވެން ފަށައިފިއެވެ. އެއީ ނުވަލާ އޮއްބާލާ ވަރަށް ވުރެ ތަންކޮޅެއްބޮޑު ކުށެކެވެ. ފަރުވާކުޑަ ކޮށްލައިފިއްޔާ މާދަމާ އިން ދިހައަސް ގެއްލޭނެއެވެ. އެންމެފަހުން އަތްނުފޯރާ ހިސާބަށް އެކަން ހިގައިދާނެއެވެ. ކޮންމެއަކަށް މައްސަލައިގެ ތަޙްޤީޤުން އެދެވޭ ނަތީޖާއެއް ނުލިބުނެވެ. – ވައްކަން ކުރި މީހާ މައްޗެއް ނުވިއެވެ. ވުމާއެކު ލަޝްކަރުގެ އެންމެނަށް ނަސޭހަތްދީ އެފަދަ ކުށްތައްކުރާ މީހުންނަށް ބޮޑެތި އަދަބު ދެވޭނޭ ކަމުގައި ބިރުގަންނަވާ ﷲއަށް ބިރުވެތިވުމަށް އަންގައި އެބައިމީހުނަށް އިންޒާރު ކުރެވުނެވެ.
އެއްރެއެއްގެ ރޭގަނޑު ސިފައިންގެ މީހަކު ބޭރަށް ގޮސްފައި އަންނަނިކޮށް އަތުލައި ގަނެވިއްޖެއެވެ. އޭގެ ކުރިން ރޭގަޑު ގެއްލޭ މީހުން މުޅިންވެސް ގޮސްއައިސް އުޅެނީ މަތީ އޮފިސަރުންނަށް ނުފެންނަ ގޮތަށެވެ. ނަމަވެސް އަތުލައިގަނެވުނު މީހާ އެބުރި އައިއިރު ހުރީ ހަމައަކު ނޫނެވެ. އޭނާ ދެއަތަށް ކިރެމުން އަރި އަޅަމުން އަންނަނިކޮށް އޮފިސަރއަކަށް ފެނިގެން ގޮވާލީމާ އެބުރިލި ވަގުތު އޭނާ ވެއްޓިއްޖެއެވެ. އޮފިސަރ މީހާ ކައިރިއަށްގޮސް ބަލާލިއިރު އޭނާ އޮތީ ލެއިން ތަތްތެޅިފައެވެ. ދެން އޮފިސަރ މީހާ އަވަސް އަވަހަށް އޭނާ ނަގައިގަނެގެން ކޮމާންޑަރުންނާއި ހަމައަށް ގެންގޮސްފިއެވެ. ވަގުތުން ފަރުވާދޭން ފެށިއްޖެއެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. މަރުވުމުގެ ކުރިން އޭނާ ބުނިގޮތުންވިއްޔާ އޭނާ އައީ އެހެން މީހަކު މަރާލާފައެވެ. މަރާލި މީހާގެ މަސްގަނޑު ކޭމްޕްއާއި ބައިކޯހުގެ ދުރުމިނުގައި ހުރި ފޭލިގެއެއްގައި އޮންނާނެއެވެ. އޭނާގެ ބަޔާނަކީ ތެދު ބަޔާނެކެވެ. އެތަނުގައި ތިންފޭލިގެ ހުރެއެވެ. އެއީ ރެފިއުޖީންގެ ފޭލިގެ ތަކެކެވެ. އެމީހުންގެ ކައިރީގައި ރީތި އަންހެންކުދިން ތިބެއެވެ. މުބާރާތުގެ ދުވަސްވަރު މައިދާނުގައި އެކުދިންގެ ހަށިތައް އިޝްތިހާރު ކުރަނިކޮށް ދުއްމީހުން ތިބިކަމުގައިވެއެވެ. – ކޭމްޕްއިން ރޭގަޑު ގެއްލޭ މީހުން ގިނައިން ދާކަމުގައި ވަނީ މިދެންނެވި ފޭލިގެ ތަކަށެވެ. އެއްބަޔަކު ގޮސްފައި އައިސް އެނެއް ބަޔަކު ފޮނުވައެވެ.
ރެފިއުޖީންގެ ފޭލިގޭގައި ތިބި އަންހެނުންނަކީ ހަމަ އެކަނި އިއްފަތްތެރިކަން ވިއްކާ ބައެއް ނޫނެވެ. އެއަށްވުރެ މާ ނުރައްކާތެރި ބައެކެވެ. މީހުންގެ މެދުގައި ފިތުނަ އުފެއްދުމާއި މީހުންގެ ހިތްތައް އަތުލައި ގަތުމާއި ދޭތެރެ ޖެއްސުމާއި މިހުރިހާ ކަމެއްގެ މާހިރުން ކަމުގައި އެކުދިންވެއެވެ. އެމީހުންގެ މައްޗަށް ފިދާވެ ފުރާނަ ހޭދަކުރުމަށް ތައްޔާރަށް ތިބޭ ކަމުގައި އެކުދިން ޔަޤީންކޮށްދެއެވެ. މިގޮތުން ފިރިހެނުންގެ ލޯތަކަށް ޢިޝްޤުގެ ދަޅައަޅުވައިގެން އެމީހުން މޮޔަކުރެއެވެ. – ކައިވެނިކުރާނެކަމަށް އެންމެންގެ ކައިރީގައި ވަޢުދު ވެއެވެ. ސިފައިންގެ މީހާގެ މަރުގެ މައްސަލަ ތަޙްޤީޤުކުރިއިރު އެ އަންހެން ކުދިންނަކީ އައްޔޫބީގެ ސިފައިންގެ މެދުގައި ފިތުނަ އުފައްދާ އެމީހުން އެކަކު އަނެކަކަށް ދުޝްމަނު ކުރުވާ ބައެއްކަން އެގުނެވެ. އޭރު މަރުވި ދެ ސިފައިންނަކީވެސް ރެފިއުޖީންގެ ފޭލިގޭގައި ތަޅާފޮޅަނިކޮށް ޒަޚަމްވެގެން މަރުވި ދެމީހުންނެވެ. އެކަކުމަރުވީ ވަގުތުން ފޭލިގޭގައެވެ. އަނެކަކު ޒަޚަމް ވެފައިވާ ހާލުގައި ފޭލިގެއަށް އައިސް ބަޔާން ދީފައި މަރުވީއެވެ.
ފޭލިގޭގައި މަރުވެފައިއޮތް މީހާގެ މަސްގަޑު ބަލާ، މީހުން ފޮނުވިއެވެ. އެމީހުންނާއެކުގައި ކޮމާންޑަރަކުވެސް ދިޔައެވެ. – މަރުވިމީހާ ބުނިމަގުން ބުނިތަނަށް ދިޔައިރު ދެވަނަ މީހާގެ ފުރާނަނެތް މަސްގަޑު އޮތެވެ. ނަމަވެސް ފޭލިގެއެއް ނެތެވެ. ކުޑަތަންކޮޅެއް ކުރިން އެތަނުގައި ފޭލިގެއެއް ހުރި ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. ނަމަވެސް ރޭގަނޑުގެ ވަގުތުގައި އެމީހުން ހޯދުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. – އެހެންކަމުން އެބޭކާރު މަސައްކަތް ހުއްޓާލާފައި މަރުވެފައި އޮތް މީހާގެ މަސްގަޑު ހިފައިގެން ގޮސް ސުލްޠާން އައްޔޫބީއަށް ރިޕޯޓް އަރުވައިފިއެވެ. ލަޝްކަރުގައި ކުއްތައް ގިނަ ވަމުންދާ ކަމަށާއި ވޭތުވެދިޔަރޭ ލަޝްކަރުން ތިން އަސް ގެއްލިފައިވާކަމުގައި އެ ރިޕޯޓުގައި ލިޔެފައި އޮތެވެ. – ސުލްޠާން އައްޔޫބީ އެ ރިޕޯޓު ބައްލަވާފައި ޢަލީ ބިން ސުފިޔާން ބަލާ ފޮނުއްވަވައިގެން ގެންނަވާ އެމަނިކުފާނުގެ ހެދުން އަޅުވާފައި ލަޝްކަރުގެ ތެރެއަށް ފޮނުއްވައިގެން ކުށްކުރާމީހުންގެ އަދަދު ގިނަވަމުންދަނީ ކީއްވެގެންތޯ ބެއްލެވުމަށް އެންގެވިއެވެ. އެ މައްސަލާއިގައި އަލްބަރަކް އާއިވެސް ސުލްޠާން ވާހަކަފުޅު ދައްކަވާ ކުށްތައް ގިނަ ވަމުންދަނީ ކީއްވެގެންތޯ ބަލާ އޮޅުން ފިލުވުމަށް އަމުރު ކުރެއްވިއެވެ.
ކުށްތައް ގިނަވަމުންދަނީ ކީއްވެގެންތޯ ސުލްޠާން އައްޔޫބީ އެކުރައްވާ ސުވާލުގެ ޖަވާބު ރަށުތެރޭގައިވާކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. ޢަލީ ބިން ސުފިޔާންގެ ޖާސޫސުން ހޯދި ހޯދުންތަކުން އެގިފައިވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެރަށުގާ ޚާއްސަކޮށް ފާހަގަކޮށްލެވޭ ބޮޑުކިއްލާއެއް ފަދަ ގެއެއް ހުރެއެވެ. މިގޭގައި މިސުރުގެ ފުރިހަމަ ޚާންދާނެއް އެއްވެސް ދަތިކަމެއް ނެތި ތަނަވަސްކަމާއެކު ދިރިއުޅެފައިވެއެވެ. މިގޭގައި ދިރި އުޅުނު މީހުންނަކީ އިއްޒަތްތެރިން ކަމުގައިވިއެވެ. މިގެއިން އަބަދުވެސް ފަޤީރުންނަށް ޞަދަޤާތް ދީއުޅެއެވެ. – ވާރިސުން ނެތް ނިކަމެތިންނަށް މުދަލާއި ފައިސާގެ އެހީ މިގެއިން ލިބުނެވެ. ކުޅިވަރު މުބާރާތުގައި މިގޭގެ ޚާންދާނުގެ މީހުން އެހީއެއްގެ ގޮތުން ދެކީސާ އަސްރަފީ ސުލްޠާން އައްޔޫބީއަށް އެރުވިއެވެ. މިގޭގައި ދިރިއުޅެނީ ވިޔަފާރިވެރި ޚާންދާނެކެވެ. ސުލްޠާން އައްޔޫބީ މިސްރަށް ވަޑައިގެންނެވުމުގެ ކުރިން ސޫދާނުގެ އަމީރުންނާއި ވަޒީރުންނާއި މަތީ ފަންތީގެ ބޭފުޅުން ވަޑައިގެން މެހެމާނުންގެ ގޮތުގައި މިގޭގައި ތިއްބަވައެވެ. ސޫދާނީ ލަޝްކަރުގެ މަތީ ދަރަޖައިގެ އޮފިސަރުންވެސް ހަމަ މިގޮތަށް ތިއްބަވައެވެ. ސުލްޠާން އައްޔޫބީ މިސްރަށް ވަޑައިގެން ސޫދާނީ ލަޝްކަރު ރޫޅާލެއްވުމުން މި ޚާންދާންގެ މެމްބަރުންދެކެ ލޯބިވާ މީހުން މިސްރުގެ ވެރީންނަށް ބޯލަބާ ކިޔަމަންވެ ސުލްޠާން އައްޔޫބީގެ ވަފާތެރިން ކަމުގައިވިއެވެ.
ކުށްކުރާ މީހުންގެ އަދަދު ގިނަވަމުންދާ ޚަބަރު ސުލްޠާން އައްޔޫބީއަށް ލިބިވަޑައިގެންނެވުމުން ރަށުތެރޭގައި ކުށުގެ ވަބާ ފެތުރެމުންދާ ސަބަބު އޮޅުން ފިލުއްވުމަށް ޢަލީ ބިން ސުފިޔާން އަށާއި އަލްބަރަކްއަށް އެންގެވިދުވަހުގެ އަނެއްރޭ އެއްކަލަ ބޮޑުގޭގެ ކޮޓަރިއެއްގައި ދިހަބާރަ މީހުންގެ ޖަލްސާއެއް އޮތެވެ. އެމީހުން އިށީދެތިބި ގޮޑިތަކުގެ ކުރިމަތީގައި ރާތަށިތައް އަތުރާފައި ހުއްޓެވެ. – ކޮންމެއަކަށް މި ޖަލްސާގައި ރަލުގެ ދައުރެއް ފެށިގެން ހިގަމުން ދަނިކޮށް މުސްކުޅިފުރައިގެ މީހަކު އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. އޭނާއާއި އެކުގައި ރީތި އަންހެން ކުއްޖަކުވެސް އައެވެ. އެއަންހެން ކުއްޖާގެ މޫނުގެ އެއްފަޅި ނިވާވާގޮތަށް ބުރުގާ އެއް އަޅާފައިއޮތެވެ. މިދެންނެވި މުސްކުޅިޔާ ކޮޓަރިއަށް ވަނުމާއެކު ކޮޓަރީގައި ތިބި މީހުން މުސްކުޅިޔާއަށް އިޙްތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވިއެވެ. މިމުސްކުޅިޔާ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަންޑު އެޅުމަށްފަހު ގޮނޑިއެއްގައި އިށީދެއްޖެއެވެ. – އަންހެން ކުއްޖާވެސް މޫނު ބުރުގާ އެއްފަރާތް ކޮށްލަމުން ޖެހިގެން ހުރި ގޮނޑީގައި އިށީދެއްޖެއެވެ.
”ލަޝްކަރުގައި ޖުވާ ކުޅުމާއި ވައްކަން ކުރުމާއި ބަދުއަޚްލާޤީ ކަންތައްތައް ގިނަވަމުންދާ ކަމުގެ ޝަކުވާ މިސްރުގެ އަމީރުގެ ކަންފަތްޕުޅާއި ހަމައަށް އިއްޔެގައި ފޯރައްޖެއެވެ.“ މުސްކުޅިޔާ ރަގަޅަށް ހަމަޖެހިލާފައި ވާހަކަ ދައްކަން ފަށައިފިއެވެ. – ”ވުމާއެކު އަހަރެމެންގެ މި ޖަލްސާއަކީ ވަރަށް މުހިއްމު ޖަލްސާ އެއްކަމުގައި ވެއްޖެއެވެ. މިސްރުގެ އަމީރުގެ އަމުރުފުޅަށް ސިފައިންގެ މީހުންގެ ހެދުން އަޅުވާފައި ލަޝްކަރުގެ ތެރެއަށް ޖާސޫސުން ފޮނުއްވައިފިއެވެ. މިބުނި ޖާސޫސުންނަށް ކާމިޔާބު ވިޔަނުދިނުމަށް އަހަރެމެން މަސައްކަތް ކުރަން ޖެހޭނެއެވެ. އަހަރެންނަށް އަލަށް ލިބުނު ޚަބަރުތަކަކީ ވަރަށް ބޮޑަށް އުއްމީދު އާލާކޮށްދިން ޚަބަރު ތަކެކެވެ. މިސުރުގެ ސިފައިންގެ ދެ މީހަކު އަންހެން ކުއްޖަކާހެދި ތަޅާފޮޅާ ހަގުރާމަކޮށް މަރުވެގެން ހިގައްޖެއެވެ. އެއީ އަހަރެމެންގެ ކާމިޔާބީގެ ފެށުމެވެ.“
”ތިންމަސް ދުވަހުގެ ތެރޭގައި ހިގާފައިވަނީ ޤަތުލުކުރުމާއި ޤަތުލުވެގެން ދިއުމުގެ ހަމަ އެންމެ ހާދިޘާއެއް ހެއްޔެވެ؟“ މުސްކުޅިޔާގެ ވާހަކަ މެދު ކަޑާލަމުން އޭގެ ތެރެއިން މީހަކު ބުންޏެވެ. ”ކާމިޔާބުގެ ދުވެލި މަމަޑެވެ. – އަހަރެމެން ކާމިޔާބޭ ކިޔަންވާނީ ސުލްޠާންގެ ކޮމާންޑަރަކު ހަމަ އެ މަޤާމްގެ އަނެއް ކޮމާންޑަރ މަރާލާފައި ތިމާވެސް މަރުވެގެން ދިޔައިމައެވެ. އެހެން ނޫނީ ކާމިޔާބޭ ކިޔައިގެން ނުވާނެއެވެ.“
”ތިޔަވަރަކުންވެސް ކާމިޔާބުއެކޭ އަހަރެންނަކަށް ނުބުނެވޭނެއެވެ. އަހަރެންދެކޭ ގޮތުގައި ކާމިޔާބަކީ ކޮމާންޑަރއަކު ނުވަތަ ނާއިބަކު އޭނާގެ ހަތިޔާރުން ސުލްޠާން އައްޔޫބީއާއި ހަމަލާދީ ޤަތުލު ކޮށްލުމެވެ.“ މުސްކުޅިޔާ ބުންޏެވެ.
”އެއްހާސް ސިފައިން ޤަތުލުވެގެން ދިޔައަސް އައްޔޫބީގެ ލަޝްކަރަކަށް ލިބޭނޭ ގެއްލުމެއް ނޯންނާނެއެވެ. އަންނާނޭ ބަދަލެއްވެސް ނޯންނާނެއެވެ. އަހަރެމެންގެ ނަޒަރު ދަހިވެތިވެފައިވަނީ ޚުދު ސުލްޠާން އައްޔޫބީއަށެވެ. އަހަރެމެންގެ މަޤްސަދަކީ އައްޔޫބީ ޤަތުލުކޮށްލުމެވެ. – ވެއަތުވެދިޔަ އަހަރު ހިގި ދެ ހާދިޘާ ކަލޭމެންވެސް ހަދާން ހުންނާނެއެވެ. އައްސޭރީގައި ހުންނަވަނިކޮށް ސުލްޠާން އައްޔޫބީގެ ގައިކޮޅަށް ޖެހި ދުނިވެސް އަމާޒެއް ނުވިއެވެ. ރޫމުންއައި މީހުނަކަށްވެސް ކާމިޔާބެއް ނުވިއެވެ. އެހުރިހާ މީހުންވެސް މަރުވެގެން ދިޔައީއެވެ. އޭގެ ތެރެއިން ނަސީބު ކުޑަ އެންމެ މީހަކު އިސްލާމްވިއެވެ. އެއިން އެގޭއެއްޗަކީ ކޮބައި ހެއްޔެވެ؟ – ޝައްކެއްނެވެ. އެއިން އެގޭއެއްޗަކީ ސުލްޠާން އައްޔޫބީ ޤަތުލު ކުރުމަކީ ކަލޭމެންތިޔަ ހީކުރާ ކަހަލަ ފަސޭހަ ކަމެއް ނޫންކަމެވެ. – އަހަރެމެން ހުއްޓާނުލައި މަސައްކަތް ކޮށްގެން ފަހަރެއްގައި ސުލްޠާން އައްޔޫބީ ޤަތުލު ކޮށްލެވުނަސް ދެންވެރިކަމަށް އިސްވާމީހަކީ އެމަނިކުފާނަށް ވުރެ މާ ހަރުކަށި ޤާނޫނާއި ޤަވާއިދުތަކުގައި މާ ބޮޑަށް ހިފަހައްޓަވާ އިސްލާމްކަން ގަދަ ބޭފުޅަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވީމާ އަހަރެންނަށް ފެންނަ އެންމެ ރަގަޅު ގޮތަކީ މިހާރުވެސް ކަންތައް ކުރަމުން މިގެންދާ ފަދައިން އެއްވެސް މީހަކަށް އިޝާރާތްވެސް ނުވާގޮތަށް މަޑުމަޑުން އެމަނިކުފާނުގެ ލަޝްކަރު ހަލާކުގެ މަގަށް އަޅުވާލުމެވެ. މިއީ ޞަލީބީންނަށް ތަރްހީބްދޭ މީހުން ބަޣްދާދާއި ދިމިޝްޤުގައި ތިއްބެވި މުސްލިމްވެރިންނާއި އަމީރުންވެސް ހަލާކުކުރި ގޮތެވެ.“
”ޞަލީބީންނަށް ތަރުހީބުދޭ މީހުންނާއި ސޫދާނީން ބަލިވެގެންދިޔަތާ އެއް އަހަރު ވެއަތުވެގެން ހިގައްޖެއެވެ.“ އޭގެތެރެއިން އެކަކު ބުންޏެވެ. ”މި އެއްއަހަރު ދުވަހުގެ ތެރޭގައި ކަލޭމެންނަށް ކުރެވުނީ ކީއްހެއްޔެވެ؟……. މުޙްތަރިމް ވެރިޔާއެވެ. ކަލާތިޔަ ޚިޔާރު ކުރަނީ ވަރަށް ދިގު މަގެކެވެ. ވީހާ އަވަހަކަށް ދެބޭފުޅަކު ޤަތުލުކޮށްލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެއްބޭފުޅަކީ ސުލްޠާން އައްޔޫބީއެވެ. އަނެއްބޭފުޅަކީ ޢަލީ ބިން ސުފިޔާންއެވެ.“
”އެންމެ ފުރަތަމަ ޢަލީ ބިން ސުފިޔާން ޤަތުލުކޮށްލެވިއްޖެނަމަ ސުލްޠާން އައްޔޫބީ ދުނިޔޭގައި ހުންނެވިއަސް އެމަނިކުފާނުގެ ދެ ކަންފަތްޕުޅު ބީރުވެ ދެލޯފުޅު އަދިރިވެދާނެއެވެ.“ ދެވަނަ މީހާ ބުންޏެވެ.
”ސުލްޠާން އައްޔޫބީގެ މޭފުޅުގައި ރައްކައުކުރައްވާފައި ހުންނަ ހުރިހާ ސިއްރުތަކެއް އެންމެ ފުރިހަމައަށް ދެކެމުންދާ ތޫނުދެލޯ އަހަރެން ހާސިލްކޮށްފީމެވެ.“ މުސްކުޅިޔާ މިހެން ބުނެފައި އޭނާއާއެކުގައި އައިސްއިން އަންހެންކުއްޖާގެ ބުރިކަށީގައި އަތްޖައްސާލިއެވެ.- ”މިބުނި ދެލޮލަކީ މިއީއެވެ. ދެކިބަލާށެވެ. މި ދެލޮލުގައި މިހިރީ ކޮންފަދަ ސިޙުރެއް ހެއްޔެވެ؟ – ސުލްޠާން އައްޔޫބީގެ ޤާއިމް މަޤާމެއް ކަމުގައިވާ ޚާދިމުއްދީން އަލްބަރަކްގެ ނަން ކަލޭމެންވެސް އަހާނޭކަން ނޭގެއެވެ. ފަހަރެއްގައި އޭނާ ދަންނަ މީހުންވެސް ތިޔައިގެ ތެރޭގައި ތިބެދާނެއެވެ. – ސުލްޠާން އައްޔޫބީގެ މޭ ފުޅުގެ އެތެރެފެންނަން ތިބޭނީ ހަމައެންމެ ދެމީހުންނެވެ. އޭގެ ތެރެއިން އެކަކީ އަލްބަރަކްއެވެ. ދެވަނަ މީހަކީ ޢަލީ ބިން ސުފިޔާންއެވެ. މި ޢަލީ ޤަތުލުކުރުން ވާނީ ބޮޑު ކަމަކަށެވެ. ވީމާ، އަލްބަރަކްގެ މައްޗަށް އަހަރެންގެ ބާރު ހިންގި ފަދައިން ޢަލީ ބިން ސުފިޔާންގެ މައްޗަށްވެސް ބާރު ހިންގާނަމަވެ.“
”ޚާދިމުއްދީން އަލްބަރަކް ސާހިބާގެ ބާރުގެ ދަށަށް ގެނެވިއްޖެތޯއެވެ؟“ ކޮންމެވެސް މީހަކު ސުވާލުކުރިއެވެ. ”އާއެކެވެ.“ އަންހެން ކުއްޖާގެ ރީތި އިސްތަށިގަޑުގައި ފިރުމާލަމުން މުސްކުޅިޔާ ބުންޏެވެ. ”މިހިލިހިލާތަކުން އަހަރެން އޭނާ ބަދެލައިފީމެވެ. – އަހަރެން މިރޭ ކަލޭމެނާއި މި ބައްދަލު ކުރީ މި އުފައުވެރި ޚަބަރުގެ އިތުރަށްވެސް ކުޑަ ވާހަކަކޮޅެއް ދައްކާލުމުގެ ބޭނުމުގައެވެ. – ވީހާ އަވަހަކަށް އަހަރެމެންގެ މި ޖަލްސާ ރޫޅާލަން ޖެހޭނެއެވެ. މިގޮތަށް މާގިނަގިނައިން އަހަރެމެން އެއްވުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. – ކަލޭމެން އެންމެންވެސް މި އަންހެން ކުއްޖާ ދަންނާނޭކަންނޭގެއެވެ. މިއީ ކިހާ ޅަކުއްޖެއް ހެއްޔެވެ. – މީނާގެ ބުއްދިވެސް އަދި ފުރިހަމައެއް ނުވެއެވެ. ވީމާ، އަހަރެން ކުޅެން ހަވާލުކުރި ޑްރާމާ އެހާމޮޅަށް މީނާއަށް ކުޅެވިދާނޭ ކަމަކަށް ފަހަރެއްގައިވެސް އަހަރެން ހިއެއް ނުކުރަމެވެ. ޢަލީ ބިން ސުފިޔާން ނުވަތަ އަލްބަރަކް އަހަރެންގެ ދަލުގައި ޖެއްސިދާނޭ ކަމުގެ އުއްމީދުގައި އަހަރެން މަސައްކަތް ކުރަމުން ގެންދާތާ މިހާރު ފުރިހަމަ އެއް އަހަރު ވެއްޖެއެވެ. އެއިން މީހަކާއި އަހަރެން ބައްދަލެއް ނުކުރަމެވެ. ސަބަބަކީ އެއިން މީހަކަށް އަހަރެންނަކީ ކާކުކަން އަންގަން ބޭނުން ނުވުމެވެ. ލަޝްކަރުގެ މަތީ ދަރަޖައިގެ ވެރިން އާމުންނާއި ބައްދަލުވެ ގުޅިގެން އުޅުން ސުލްޠާން އައްޔޫބީވަނީ މަނާކުރައްވާފައެވެ. އެހެންކަމުން ޢަލީ ބިން ސުފިޔާންމެނާއި ހަމައަށް ދަލެއް އެއްލާނޭ ގޮތެއް ނެތިފާހުއްޓާ މުބާރާތެއް ބާއްވަވަން އިއުލާން ކުރައްވައިފިއެވެ. މި މުބާރާތުގައި ސިފައިންގެ މަތީ ދަރަޖައިގެ އޮފިސަރުންނާއި ކޮމާންޑަރުން އާމުންގެ ތެރޭގައި ކުޅި ބަލަން ތިބުމަށާއި އާންމުންނާއި ރައްޓެހިކަން އުފައްދަން ސުލްޠާން އައްޔޫބީ އެންގެވި ޚަބަރު ލިބިއްޖެއެވެ. ވީމާ، އަހަރެންގެ މަޤްސަދު ޙާސިލް ކުރެވޭތޯ މި އަންހެން ކުއްޖާ ގޮވައިގެން ކުޅިބަލަން ދިޔައީއެވެ. އެކަމަކު އެތަނަކުން ޢަލީ ބިން ސުފިޔާނެއް ނުފެނުނެވެ. ފެނުނީ ހަމައެކަނި އަލްބަރަކްއެވެ. ނަސީބު ދިމާކުރި ގޮތުން އަލްބަރަކާއި ޖެހިގެންހުރި ދެގޮނޑިއަކީ ހުސްދެގޮނޑިއެވެ. ވީމާ، އަހަރެން އަވަސް އަވަހަށް މީނާ ގޮވައިގެންގޮސް އެދެ ގޮނޑީގައި ޖައްސާލައިފީމެވެ. އަލްބަރަކާއި ޖެހިގެން ހުރި ގޮނޑީގައި ބޭންދީ އަށްމަސް ދުވަސް ވަންދެން ޓްރޭނިންގ ދީފައިއިން މި އަންހެން ކުއްޖާއެވެ. ކޮންމެ އަކަސް މީނާ ވަރަށް މޮޅެވެ. އަހަރެންނަކީ މީނާގެ ފިރިމީހާ ކަމަށާއި މުސްކުޅި ފިރިހެނަކާއެކު ދިރިއުޅެން ޖެހުމުގެ ސަބަބުން މީނާއަކީ އަނިޔާ ލިބެމުންދާ އަންހެން ކުއްޖެއް ކަމުގައި ބުނެގެން އަލްބަރަކްގެ ހަމްދަރުދީ ހޯދާ އެފަދަ ހަރުދަނާ އީމާންތެރިޔާ މީނާގެ ރީތިކަމުގެ މައްޗަށް ފިދާކުރުވައިފިއެވެ. އެންމެފަހުން ދެމީހުންގެ ބައްދަލުވުމަކަށްޓަކައި ވަގުތާއި ތަނެއްވެސް ކަނޑައެޅައިފިއެވެ. އެދުވަހު ގެއަށްގޮސްފައި އެ ވީރާނާ އިމާރާތުގައި އަލްބަރަކްއާއި އެކުގައި ކުޅެންވީ ކޮންކަހަލަ ތަމްޝީލެއްކަން އަހަރެން މީނާއަށް ބުނެދީފީމެވެ. ކަޑައެޅިފައިވާ ގަޑިއަށް މިމީހުން އެ ޢިމާރާތަށް ދިޔައެވެ. މިމީހުންގެ ފަސް ފަހަތުން އަހަރެންވެސް ހަތަރު މީހުން ގޮވައިގެން އެތަނަށް ދިޔައީމެވެ. އަހަރެމެން ފިޔަވާ އިތުރު ދެމީހުން އެތަނުގައި ތިބޭނެއެވެ. އެމީހުން އެތަނަށް ދިޔައީ މީނާއާއި އަލްބަރަކް އެތަނަށް ދިއުމުގެ ކުރީންނެވެ. މިބުނި ދެމީހުންނަކީ އަހަރެމެންގެ ޖަމާޢަތުގެ މީހުން ކަމުގައިވިޔަސް ކަލޭމެނަކަށް އެމީހުނެއް ނޭގޭނެއެވެ. – އަލްބަރަކަށްޓަކައި ޖާނުދޭން ތައްޔާރަށް ހުރިކަން އެރޭ މިކުއްޖާ ހާމަކޮށްދިނެވެ. – އަހަރެންގެ ހަތަރު އެކުވެރިން ކަނޑިއާއި ލޮންސިން މި މީހުންނާއި ހަމަލާ ދިނެވެ. މި ތަމްޝީލުވެސް ޙަޤީޤީކަން ބޮޑުކަމުންގޮސް އަހަރެމެންގެ މަޤްސަދަކީ ކޮބައިކަން އަލްބަރަކްގެ ހިތަށްވެސް ނޭރިއެވެ. – ކަނޑިއާއި ލޮންސިން އެހާ ވަރަށް ހަގުރާމް ކުރިއިރު އެއްވެސް މީހަކު ޒަޚަމް ނުވީމާވެސް އެ ނަސީބު ކުޑަ މީހާއަކަށް ވިސްނާލާކަށް ނޭގުނެވެ. އެންމެފަހުން މީނާ ކަހަލަ ހިތްވަރުގަދަ އަންހެން ކުއްޖަކު އިންނަންވާނީ ހަމަ މިކަހަލަ ހިތްވަރުގަދަ ފިރިހެނެއްގެ ހިމާޔަތުގައި ކަމަށްބުނެފައި އެފައު ފައުޅުކުރަމުން މިކުއްޖާ އެނާ އާއި ހަވާލުކޮށްފައި އަހަރެންގެ އެކުވެރިން ގޮވައިގެން އެ ތަނުން ދިޔައީމެވެ.“
”އަހަރެންގެ ނަންކަމުގައި އޭނާގެ ގާތުގައި ބުނެފައި އޮންނާނީ އާސިފާއެވެ.“ އންހެން ކުއްޖާ ބުންޏެވެ. “ އެހާމަތީ ފަންތީގެ ބުއްދިވެރިއަކު އެހާ ފަސޭހައިން އަހަރެންގެ ދަލުގައި ޖެހުނީތީ އަހަރެން މިއިނީ ހައިރާންވެ އަންތަރީސްވެފައެވެ. މިހާރު އަހަރެންގެ ހިކުމަތުން ރާބުއިމަށްވެސް އޭނާއަށް އާދަކޮށްދީފީމެވެ. – އަހަރެންނާއި ބައްދަލު ވުމުގެ ކުރިން އޭނާއަކީ އެންމެފަހަރަކުވެސް ރާބުއިމީހެއް ނޫނެވެ. އޭނާގެ ކުރީގެ އަނބިމީހާއާއި ދަރިންވެސް ދިރިއުޅެނީ އަހަރެންވެސް އިންނަ ގޭގައެވެ. ނަމަވެސް މިހާރު އެމީހުންގެ މަތިން އޭނާ މުޅިން ހަދާން ނައްތާލައިފިއެވެ.“ މިގޮތުން އެ ޖަލްސާގައި ތިބި މީހުންނަށް ހުރިހާ ވަހަކައެއް ތަފްސީލުކޮށް އަންހެން ކުއްޖާ ކިޔައިދިނެވެ. ސުލްޠާން އައްޔޫބީ އެހާބޮޑަށް އިތުބާރު ކުރައްވާ ޚާއްސަ ސިއްރުވެރިޔާ އަތްދަށުލީ ގޮތާއި މިހާރު އޭނާގެ މައްޗަށް ބާރު ހިންގަމުން ގެންދާގޮތް ސާފުކޮށްކިޔައިދިނެވެ.
”މިތިންމަސް ދުވަހުގެ ތެރޭގައި ސުލްޠާން އައްޔޫބީގެ ވަރަށް ގިނަ އަގުބޮޑު ސިއްރުތައް އަހަރެންނާއި ހަމައަށް މީނާ ގެނެދީފިއެވެ.“ އަންހެން ކުއްޖާ ވާހަކަ ހުއްޓާލީމާ އަނެއްކާވެސް މުސްކުޅިޔާ ފަށައިފިއެވެ. ”ސުލްޠާން އައްޔޫބީ ވަރަށްބޮޑު ލަޝްކަރެއް ތައްޔާރު ކުރައްވަމުން އެބަގެންދަވައެވެ. މި ލަޝްކަރު ދެބައިކޮށްލައްވާފައި އެއް ބަޔަކު ބައިތިއްބަވާނީ މިސުރުގައެވެ. އަނެއްބައި މީހުންގެ ލީޑަރަކަށް އެމަނިކުފާނު ހުންނަވައިގެން ޞަލީބީންނާއި ހަނގުރާމައަށް ނިކުމެވަޑައިގަންނަވާނެއެވެ. މިފަހަރު އެމަނިކުފާނުގެ އަމާޒަކީ ޖެރީޝެލަމްއެވެ. – އަލްބަރަކްގެ ފަރާތުން މިއަންހެން ކުއްޖާއަށް އެގިފައިވާގޮތުންވިއްޔާ މި ހަގުރާމައަށްޓަކައި އެންމެ ފުރަތަމަ ސުލްޠާން އައްޔޫބީ ކުރައްވަން ޤަސްދު ކުރައްވާކަމަކީ މުސްލިމް ރަސްރަސްކަލުންނާއި ކިއްލާތަކުގެވެރި އެމަނިކުފާނަށް ކިޔަމަން ކުރުވާ އެއްބައިކުރުމެވެ. – އަހަރެމެން އަލްބަރަކް އަތްދަށުލީ ފަދައިން ޞަލީބަށް ތާޢީދު ކުރާމީހުން މިހާރު ތިބީ މުސްލިމް ރަސްރަސްކަލުންނާއި ކިއްލާތަކުގެ ވެރިންގެ މައްޗަށް ބާރު ހިންގައިގެންނެވެ. ވީމާ، އެ އެންމެބޭފުޅުން އެކަތިގަޑަކަށް ހެއްދެވުމަށްޓަކައި ސުލްޠާން އައްޔޫބީއަށް ވަރަށް ގިނަ ވަޤުތު ބޭނުންފުޅުވެވަޑައިގަންނަވާނެއެވެ.“
”އަލްބަރަކްއަކީ މިހާރު އަޅުގަނޑުމެންގެ ޖަމާޢަތުގެ މެމްބަރެއްކަމުގައި ހީކުރަންވީތޯއެވެ؟“ އެތަނުން މީހަކު ސުވާލުކުރިއެވެ.
”ނޫނެވެ.“ މުސްކުޅިޔާ ބުންޏެވެ. ”އޭނާއަކީ ތެދުހިތުން އައްޔޫބީއަށް ވަފާތެރިކަން އަދާކުރާ މީހެކެވެ. – މިއަންހެންކުއްޖާއަށް ވަފާތެރިވާ ފަދައިން މިހާރުވެސް ސުލްޠާން އައްޔޫބީއަށް އޭނާ ވަފާތެރިވެއެވެ. އަލްބަރަކްގެ ހިތުގެ ޚަޒާނާގައި ހުންނަ ސުލްޠާން އައްޔޫބީގެ ސިއްރުތައް އަތުލައިގަތުމަށްޓަކައި މީނާއުޅެނީ ސުލްޠާން އަށާއި ސުލްޠާންގެ ޤައުމަށާޢި އިސްލާމްދީނަށް ވަފާތެރިއެއް ކަމުގައި ހެދިގެންނެވެ. މި އަންހެން ކުއްޖާގެ ރީތިކަމާއި ޒުވާންކަމާއި ލޯބީގެ ޢަމަލުތައް ހާމަކުރުމުގައި އެހުންނަ ސިހުރުވެރިކަމުގެ އިތުރަށް ބުއްދިވެރިކަމާއި ހިކްމަތްތެރިކަންވެސް ހުންނާނެއެވެ. – އެހެން ވިއަސް އަހަރެމެންގެ ޖަމާޢަތުގެ ތެރެއަށް އަލްބަރަކް ގެނައުމަކީ ވެވޭނޭ ކަމެއް ނޫނެވެ. – އެއީ ކޮންމެހެން ބޭނުން ކަމެއްވެސް ނޫނެވެ. އޭނާ ކިތަންމެ ދުރުގައި ހުއްޓަސް މިހާރު އެނާއަކީ އަހަރެމެންގެ އަތު ތެރޭގައިއޮތް ކުޅޭއެއްޗެކެވެ.“
”ޞަލީބީންނާއި ހަގުރާމަ ކުރެވުމުގެ އިތުރަށް ޞުލްޠާން އައްޔޫބީ ކުރައްވަން ޤަސްތު ކުރައްވާފައިވަނީ ކޮންކޮން ކަންތައްތަކެއްހެއްޔެވެ؟“ ޖަލްސާގައި ތިބި މީހުންގެ ތެރެއިން ހަރުކުލައިގެ މީހަކު ބުންޏެވެ.
”އެމަނިކުފާނުގެ ސިކުޑިފުޅުގައިވަނީ އިސްލާމީ ވެރިކަން ފެތުރުއްވެވުމުގެ ޚިޔާލުފުޅެވެ.“ މުސްކުޅިޔާ ބުންޏެވެ. ”ޞަލީބީވެރިކަން ވައްޓާލައްވާފައި އިސްލާމީ ދިދި ވިހުރުވާލެއްވުމުގެ ރޭއްވެވުންތައް އެމަނިކުފާނު ރާއްވަވައިފިއެވެ. – ”ކަނޑުތައް ހުރަސްކޮށްފައި އައިސް އުޅޭ އަހަރެންގެ ޖާސޫސުން ހައްޔަރުކުރައްވާ ހަލާކުކުރެއްވުމަށްޓަކައި ސުލްޠާން އައްޔޫބީގެ އަމުރުފުޅަށް، ޢަލީ ބިން ސުފިޔާންގެ ބެއްލެވުމުގެ ދަށުން ގިނަ ޢަދަދެއްގެބަޔަކަށް ތަމްރީން ދެއްވަމުން އެބަގެންދަވައެވެ. އަލްބަރަކްގެ ފަރާތުން އެގިފައިވާގޮތުގައި ޢަލީ ބިން ސުފިޔާންގެ ބެއްލެވުމުގެ ދަށުން ތަމްރީން ދެއްވަމުން ގެންދަވާ މީހުންގެ އިތުރަށް އެހެން ލަޝްކަރެއްވެސް އައްޔޫބީ ތައްޔާރު ކުރައްވައެވެ. – އެއީ ޞަލީބީންގެ ރާއްޖެތަކަށް ފޮނުއްވައިގެން ޖާސޫސް ކުރުވާ ޞަލީބީން ފަސާދަކުރުވާ ހަލާކުކުރެއްވުމަށް ތައްޔާރު ކުރައްވާ ލަޝްކަރެކެވެ. މިބައި މީހުންނަށްވެސް މިހާރު ތަމްރީން ދެއްވަން ފައްޓަވައިފިއެވެ. މިގޮތުން ވަރަށް ނުރައްކައުތެރި ރޭއްވެވުންތައް އައްޔޫބީ ރާއްވަވަމނުން އެބަގެންދަވައެވެ. ސިފައިން ބައިވެރިވާ ކުޅިވަރުގެ މުބާރާތެއް އިންތިޒާމް ކުރެއްވީވެސް އެމަނިކުފާނު ރާއްވަވާ ރޭއްވެވުންތަކަށް ޢަމަލީ ސިފަ ގެންނެވުމަށްޓަކައެވެ. އެމަނިކުފާނު ޤަސްދުކުރައްވާފައިވާ ފަދައިން މުބާރާތް ނިމުނުތާ މާގިނަދުވަހެއްނުވެ ހަހާސް ނުވަތަ ހަތްހާސް ޒުވާނުން ސިފައިންގެ ތެރެއަށް ވަދެއްޖެއެވެ. – ސިފައިންގެ ތެރެއަށް ވަންނަ މީހުންގެ އަދަދު އަދިވެސްދަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި ސޫދާނީންވެސް ހިމެނެއެވެ. އެހެންކަމުން އައްޔޫބީގެ ލަޝްކަރުގައި ނުބައި ކަންތައްތަކުގެ އޮއް އިންދުމަށް އަހަރެމެންގެ މަތީ ފަރާތުން އަހަރެންނަށް އަންގަވާފައިވެއެވެ. މުސްލިމުންގެ ހިތްތަކަށް އަންހެނުންގެ ސިހުރު ޖައްސާ ޖުވާގެ ޝައުޤުވެރިކަން ވެއްދުމަށްވެސް އަންގަވާފައިވެއެވެ.“
ކުޅިވަރު ނިމުމުން ސިފައިންގެ ތެރެއަށް މީހުން ވަންނަން ފެށުމާއެކު މުސްކުޅިޔާގެ އެކުވެރީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ސިފައިންގެ ތެރެއަށް ވެއްދިކަމަށާއި އެމީހުން ވަރަށް ހުޝިޔާރު ކަމާއެކު ލަޝްކަރުގައި ޖުވާކުޅުވަން ފަށައިފިއެވެ. އަންހެނުންނާއި ޖުވާއަކީ ވައްކަން ކުރުމާއި ޤަތުލުކުރުމާއި ހަމައަށް އިންސާނުން ގެންގޮސްދޭ އެއްޗެއް ކަމަށް މުސްކުޅިޔާ ބުންޏެވެ. މިގޮތުން ސުލްޠާން އައްޔޫބީގެ ލަޝްކަރުން ހަލާކުގެ މަގަށް ފުރަތަމަ ދޮރު ހުޅުވާލުމަށް ފަހުގައި އިއްފަތްތެރިކަން ވިއްކާ އަންހެނުންނަށް ޓްރޭނިންގެދީފާ ލަޝްކަރުގެ ކޭމްޕްތަކުގެ ކައިރިއަށް ފޮނުވި ކަމަށާއި މިއަންހެނުންނަކީ ހަށިތަކުގެ ވިޔަފާރިކުރާ ތަޖުރިބާކާރުންކަން ވަންހަނާކޮށްގެން އުޅުމަށް އަންގާފައި ވާނޭކަމަށާއި އޭރުއްސުރެ އެ އަންހެނުން ކޭމްޕްތަކަށް ސިއްރިޔާތުގެ ގޮތުގައިވަދެ ސުލްޠާންގެ ލަޝްކަރުގެ މީހުން މަގުފުރައްދާ އެމީހުންގެ މެދުގައި ފިތުނަފަސާދަ އުފައްދަމުން ގެންދާ ކަމަށްވެސް މުސްކުޅިޔާ ބުންޏެވެ. އަދިވެސް މުސްކުޅިޔާގެ ވާހަކަކުރިއަށް ގެންދަމުން ބުންޏެވެ. ”އަހަރެން ފެށި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށައިފިއެވެ. އިހަށް ރޭ އަހަރެމެންގެ އަންހެނަކުއިން ފޭލިގެއަކަށް ސިފައިންގެ ދެމީހުން އެއްވަގުތެއްގައިގޮސް އެކަކު އަނެކަކަށް ތަޅާފޮޅާ ހަގުރާމަ ކުރިކުރުމުގެ ތެރޭގައި އެކަކު އަންހެން މީހާގެ ފޭލިގޭގައި މަރާލެވިއްޖެއެވެ. އަނެކަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ހާލުގައި ކޭމްޕަށްދިޔަފަހުން މަރުވެއްޖެއެވެ……. މިކަންކުގެ ރިޕޯޓް ސުލްޠާން އައްޔޫބީގެ އަރިއަހަށްވެސް ގެންދެވިއްޖެއެވެ. ވީމާ ލަޝްކަރަށް ޖާސޫސުން ފޮނުއްވައިގެން ނުބައި ކަންތައްތަކާއި ވައްކަން ގިނަވަމުންދަނީ ކީއްވެގެންތޯ ބެއްލެވުމަށް އަލްބަރަކް އާއި ޢަލީ ބިން ސުފިޔާންއަށް ސުލްޠާން އައްޔޫބީ އަންގަވައިފިއެވެ. މިހިސާބަށް ކަންތައް ގޮސްފައިވާތީ ކަލޭމެންގެ ކިބައިން ކަމަކަށް އެދެން އަހަރެން ބޭނުމެވެ. އެއީ ކޭމްޕްތަކަށް ފޮނުވަން އަހަރުމެން ގެންގުޅޭ އަންހެނުންގެ ކައިރީގައި އިހަށް އެމީހުންގެ މަސައްކަތް ހުއްޓާލައިގެން ތިބުމަށް ބުނެލާދިނުމެވެ. އެގިއްޖެ ނޫންހެއްޔެވެ. ކޭމްޕްތަކާ ވައިއެޅޭ ހިސާބަށް ނުދިއުމަށްވެސް އެމީހުން ގާތުގައި ބުނާށެވެ.“
މަޖްލިސްގައި ދެކެވުނު ވާހަކައިން އެގޭގޮތުގައި އާސިފާއޭ ކިޔައިގެން އެއުޅޭ އަންހެންކުއްޖާ ކޮންމެ ފަސްދުވަހެއް ދޫކޮށް ހަވަނައަށް ވާ ރޭ މުސްކުޅިޔާއަށް ޚަބަރުދޭން އަންނަކަން އެގުނެވެ. އެގޮތުން އޭނާ ބޭރަށް ނުކުންނަންވެއްޖެ ރެއެއް ވިއްޔާ މަސްތުވާކަހަލަ ކުޑިއެއްއަޅައިގެން އަލްބަރަކްއަށް ރާބޯންދެއެވެ. މިކުޑީގައި ހުންނަ އަސަރެއްގެ ސަބަބުން އިރުއެރުމުގެ ކުރިން އަލްބަރަކްއަށް ހޭނުލެވޭ ކަމުގައިވެއެވެ. މިސުރުގެ ރަށުތެރޭގައާއި ކައިރިކައިރީގެ ކުދިއަވަށްތަކުގައި ގަހުވަޚާނާތަކާއި ޖުވާޚާނާތައް ސިއްރުވެރި ގޮތުގައި ހިންގަމުންދާކަންވެސް މަޖްލިސްގައި ދެކެވުނު ވާހަކަތަކުން ހާމަވިއެވެ. އެތަންތަނުން ވަރަށް ކާމިޔާބު އަސަރުތަކެއް ފެންނަކަމަށް ހީވާކަމުގައިވެއެވެ. ތަރުބިއްޔަތު ދެވިފައިވާ އަންހެނުން ރަގަޅު ރަގަޅު އާއިލާތަކުގެ ޒުވާނުން އެތަނަށް ގެންގޮސްގެން އެމީހުން ފާފައިގެ މަގަށް އަޅުވަމުން ގެންދެއެވެ. މިހާރު ކުރެވެމުންދަނީ މުސްލިމް އަންހެން ކުދިންގެ ތެރެއިން ލަދުވެތިކަން ފިލުވާލާ ފަރުދާއެއްނެތި ފިރިހެނުންގެ ތެރެއަށް ނުކުމެ އުޅެން ދަސްކޮށްދިނުމުގެ މަގު ތަނަވަސްކުރުމުގެ މަސައްކަތެވެ.“
މިރޭ މިއެއްވި އެއްވުމަކީ ޖާސޫސުންގެ ސިއްރުވެރި އެއްވުމެކެވެ. މިހާރު އެމީހުން ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދައްކާ ނިމިގެން މަޖްލިސް ރޫޅާލާފައި ބޭރަށް ނިކުންނަން ފަށައިފިއެވެ. – ބުއްދީގެ ބޭނުން ކޮށްގެން އެމީހުން އެތަނުން ނުކުތީ ފަހަރަކު މީހެކެވެ. އެކަކު ނުކުންނަނީ އަނެކަކު ދާތާ ފަނަރަވަރަކަށް މިނިޓް ފަހުންނެވެ. އެންމެފަހުން ދިޔައީ މުސްކުޅިޔާއެވެ. ނަމަވެސް އާސިފާ އާއި އެހެން ފިރިހެނަކު އޭރުވެސް އެތެރޭގައި ތިއްބެވެ. އެމީހުން ނިކުތީ އެހެން އެންމެންގޮސް ނިމުނުތާ ކިތަންމެ އިރެއްގެ ފަހުންނެވެ.
**********