މަލުގެ ރާނީ – ޗެޕްޓަރ 10

”ގުލްއެވެ. އުފާވެރި ޚަބަރެއް ދެން ހެއްޔެވެ؟“ ޖީރޫ ލާނެތް ގޮތަކަށް ބުނެލިއެވެ.

”އެއީ ކޮން ޚަބަރެއް ހެއްޔެވެ؟“ ގުލްބާނޫ ބުންޏެވެ.

”އެ ޚަބަރު ދިނީމާ ގުލް އަހަރެންނަށް ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟“ ޖީރޫ ބުންޏެވެ.

”ޖީރޫ އަހަރެންގެ އަތުން އެއްޗެހިތަކެއް އަތުލާފައި އަހަރެންނަށް ދޭން ތިޔަ އުޅެނީ ކޮން ޚަބަރެއް ހެއްޔެވެ؟“ ގުލްބާނޫ ބުންޏެވެ.

”މުހިއްމު ޚަބަރެކެވެ. މުހިއްމު ޚަބަރެކެވެ. ވަރަށް މުހިއްމު ޚަބަރެކެވެ.“ ޖީރޫ ބުންޏެވެ.

”ތިޔަހެން ވިއްޔާ ބުނެބަލާށެވެ.“ ގުލްބާނޫ ބުންޏެވެ.

”ނުބުނާނަމެވެ.“ ޖީރޫ ދެކޮޅުހެދިއެވެ.

”ޖީރޫއެވެ. މާބޮޑަށް އުނދަގޫ ނުކުރާށެވެ. ބުނަން ތިއުޅޭ ވާހަކައެއް ބުނެބަލާށެވެ.“ ގުލްބާނޫ ނުރުހުން ފާޅުކުރިއެވެ.

”ގުލް އަބަދުވެސް ތިޔަ އިންނަނީ ރުޅިއައިސްފައެވެ.“ ޖީރޫ ބުންޏެވެ.

”އާއެކެވެ. އަހަރެންނަށްވާ ގޮތެއް ޖީރޫ އަކަށް ނޭގޭނެއެވެ. އެކަމަކު ޖީރޫވެސް މީހަކު ދެކެ ލޯބިވީމާ އެނގޭނެއެވެ.“ ގުލްބާނޫ ބުންޏެވެ.

”އިރުއަރާ ގޮތާއި އިރު އޮއްސޭ ގޮތްވެސް އެގޭނެދޯއެވެ؟“ ޖީރޫ ސަމާސާ ކޮށްލިއެވެ.

”އާއެކެވެ.“ ގުލްބާނޫ ބުންޏެވެ.

”ތިޔަބައްޔަށާއި ގުލްއަށް މަރުޙަބާއެވެ.“ ޖީރޫ ބުންޏެވެ.

”ޖީރޫއެވެ. މިބަލިދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ޖީރޫއަކީ މޮޔައެކެވެ. ވީއިރު ޖީރޫއަށް އެގޭނީ ކޮންއެއްޗެއް ހެއްޔެވެ؟ ދެން މާ ދިއުޅި ދިގުނުކޮށް ބުނަން ތިޔައުޅޭ ވާހަކަ ބުނެބަލާށެވެ.“

”ގުލް އަނގަ ގަދަކުރަން ހަދައިގެން އަހަރެންވެސް މިހާރު އެވާހަކަ ހަދާންނެތިއްޖެއެވެ.“ ޖީރޫ ބުންޏެވެ.

”ޖީރޫއެވެ. ސަމާސާނުކޮށް ބުނެބަލާށެވެ.“ ގުލްބާނޫ ބުންޏެވެ.

”ގުލްއަށް އެނގޭ ހެއްޔެވެ؟“ ޖީރޫ ބުންޏެވެ.

”ކޮންކަމެއް ހެއްޔެވެ؟“ ގުލްބާނޫ ބުންޏެވެ.

”މިއަދު ސާހިބު އަވަށަށް ދުރުވެ އެބައުޅުއްވައެވެ.“ ޖީރޫ އެންމެފަހުން ބުންޏެވެ.

”ހަމަ ތެދެއްހެއްޔެވެ؟“ ގުލްބާނޫ ފުންމައިގެން ދިޔައެވެ. އުފަލުންގޮސް ޖީރޫގެ ގައިގާ އޮޅުލައިގެންފިއެވެ.

ޖީރޫ އެވާހަކަ ބުނިއިރު ގުލްބާނޫ އިނީ ގޮދަނުން ތޮށި ސާފުކުރާށެވެ. އިރުއޮއްސެންވާއިރަށް އޭނާ އެގޮދަންތައް މުގުރައިގެން ފުށްވެސް ނަގަން ޖެހެއެވެ. ފަހަކަށް އައިސް އޭނާ މަސައްކަތްދެކެ ފޫހިވެފައި އިންނަވަރުން މަސައްކަތްތައް ހުރީ ގޭތެރޭގައި ފުނިޖެހިފައެވެ. ނަމަވެސް ޖީރޫ ގެނެސްދިނީ މަސައްކަތަށްވުރެ މާމުހިއްމު ޚަބަރެކެވެ. ސާހިބު އަވަށަށް ދުރުވެ އުޅުއްވާއިރު މަސައްކަތާއިގެން މަޝްޢޫލުވެފައި އޭނާއަށް އިނދެވޭނޭ ހެއްޔެވެ؟

”ޖީރޫގެ ގާތުގައި ތިޔަވާހަކަ ބުނީ ކާކުހެއްޔެވެ؟ ޖީރޫގެ ލޮލުން އޭނާ ދުށީމު ހެއްޔެވެ؟ މާތްކަލާކޯއެވެ. އަހަރެންގެ ހިތަށް މިވަނީ ކީއްހެއްޔެވެ؟ ސާހިބު އެދުރުވީ ހާދަ ދުވަހެއްގެ ފަހުންނެވެ. އަހަރެން މިދުވަސްތައް ހޭދަކުރިގޮތް ޖީރޫއަށް ބުނެދޭނީ ކިހިނަކުން ހެއްޔެވެ؟ ބުނެދޭނީ ކިހިނަކުން ހެއްޔެވެ؟“ ގުލްބާނޫ މިކަހަލަ ވާހަކަތަކެއް ދައްކާފައި ދެއަތްމައްޗަށް އުފުލައިލާ ﷲއަށް ޝުކުރު ކުރިއެވެ.

”ﷲއަށް ހާސްފުށުން ޝުކުރު ކުރަމެވެ. އިބައިލާހުގެ ރަޙުމަތްފުޅުން މިއަޅާގެ ސާހިބު ސަލާމަތް ކުރެއްވިއަތީ ޝުކުރު ކުރަމެވެ.“

ޖީރޫ މިތަން ބަލަން އިނދެފައި ހީލިއެވެ. ”ޖީރޫއެވެ. މިސްކިތްދަށުގައި ޞަދަޤާތް ކުރަން އަހަރެން ނަދުރެއްވެސް ބުނެފައި އޮންނާނެއެވެ. އަހަރެންނާ އެކުގައި ޖީރޫވެސް ދާންވާނެއެވެ.“

”އާއެކެވެ. ދާނަމެވެ.“ ޖީރޫ ބުނެލިއެވެ.

”ހަމަ މިއަދު ދާންވާނެއެވެ.“ ގުލްބާނޫ ބުންޏެވެ.

”އެންމެ ރަނގަޅެވެ. މިއަދުވެސް ހިނގައިދާނަމެވެ.“ ޖީރޫ ބުންޏެވެ.

”މިމަސައްކަތުގައި އަވަހަށް ނިންމާލަން އަހަރެންނާ އެހީވާށެވެ. ގޭގެ އެންމެ ފުށްކޮޅެއްވެސް ނެތެވެ. މިރޭވެސް ކެވޭނީ ފުށްކޮޅެއް ލިބިގެންނެވެ. ޖީރޫ ގޮދަންކޮޅު މުގުރާށެވެ. އަހަރެން ސާފުކޮށްގެން ފުށް ނަގާނަމެވެ. އެހެންނޫނީ އެއްޗެތި ދޮންނަން އަހަރެން ދާނަމެވެ. ބައްޕަގެ އެއްޗިއްސާ އަހަރެންގެ އެއްޗެތިވެސް ހުރީ ވަރަށް ބޮޑަށް ދާވެފައެވެ. ހަމަތެދެކެވެ. ޖީރޫއެވެ. ސާހިބުގެ ގަޔަށް ވަޒަން އެރީއްސުރެ ފެންވަރާ، އެއްޗެތި ބަދަލުކޮށް ހަދާހިތެއް ނުވެއެވެ.“

”މިއަދު ހަމަގައިމުވެސް ފެންވަރައިގެން އެއްޗެތި ބަދަލުކުރާހިތްވާނެއެވެ.“ ޖީރޫގެ ކުޑަކުޑަ ދެލޯ ލާނެތްކަމާއެކު އަނބުރާލިއެވެ. އެކަމާ ގުލްބާނޫގެ ގާތަށް ހިނިއައެވެ.

ލޯބިވެރިޔާ ބައްދަލުވުމުގެ އުފަލުގައި ގުލްބާނޫގެ ދެފައި ބިންމަތީގައި ހުރެވެސް ނުލައެވެ. އިސްޓާޓުކޮށްފައި ހުރި މެޝިނެއްހެން މަސައްކަތް ކުރަމުންދެއެވެ. އެހުރިހާ ދުވަސް ވަންދެން ގޭތެރޭގައި ނުކުރެވިހުރި މަސައްކަތް ހިނދުކޮޅެއްގެ ތެރޭގައި ނިންމާލައިފިއެވެ. ފެންވަރާ ނަލަހެދިލައިފިއެވެ. ގޯތިތެރޭގައި ހުރި ރޯނުފުރި އެނދެއްގައި ތަންމަތި އަޅާލުމަށްފަހު ރަޙްމާންގުލްގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބާއްވާފިއެވެ. އެހާތަނުން ޖީރޫވެސް އޭނާ ބަލާ އަތުވެއްޖެއެވެ. ވީމާ، ރަޙްމާންގުލްގެ ގާތުގައި ވަރަށް އަވަހަށް އަންނާނަމޭ ބުނެފައި ޖީރޫއާ އެކުގައި އޭނާ ގެއިން ނިކުމެއްޖެއެވެ.

ގުލްބާނޫ ކޯރުގެ އައްސޭރީގައި އޮތް ހިލައެއްގެ މަތީގައި ޢާޞިފްގެ އިންތިޒާރުގައި އިނެވެ. އިންއިރު ވަގުތު ފާއިތުވަމުން ދިޔަވަރަކަށް އޭނާގެ ހާސްކަމާއި ނުތަނަވަސްކަން ބޮޑުވަމުން ދިޔައެވެ. އެންމެފަހުން ނުއިދެވިގެން ތެދުވެއްޖެއެވެ. މަޑުމަދުން ހިނގާފައި ގޮސް ފާލަން މައްޗަށް އަރައިފިއެވެ. ފާލަމުގެ ލަކުޑި ފަޑީގައި ލެނގިލައިގެން އަވަށުން އެތަނަށް އަންނަން އޮންނަ މަގާ ދިމާއަށް ބަލަން ފަށައިފިއެވެ.

އިރުއޮއްސިއްޖެއެވެ. ރޭގަނޑުގެ އަނދިރިކަން ދުނިޔެ މައްޗަށް ވެރިވާން ފަށައިފިއެވެ. ތަރިތައް ފިޔަޖަހަން ފަށައިފިއެވެ. ނަމަވެސް ޢާޞިފެއް ނައެވެ. ކިރިޔަ ކިރިޔާ ހިލަމެއްވިޔަސް ސިއްސައިގެންގޮސްފާ އޭނާ ބަލައިލައެވެ. އެކަމަކު ޢާޞިފެއް ނޫނެވެ. ބައްޕަ އޮތީ ގޭގާ ބަލިވެއެވެ. ހާލު ބަލައިލާނޭ މީހަކުވެސް ނެތިއެވެ. އެކަނިމާއެކަންޏެވެ. ވީމާ، ދެން މާގިނަ އިރަކު އޭނާއަށް ނުއިދެވޭނެއެވެ. ބައްޕަގެ ގާތަށް އޭނާ ދާންޖެހޭނެއެވެ……. ވިސްނާލާފައި އޭނާ ތެދުވިއެވެ. މަޑުމަޑުން ހިގައިގެންފިއެވެ. އޭރު އޭނާގެ ހިތުގައި ޝައްކުތައް އުފެދިފައިވެއެވެ. ނަމަވެސް އެ ޝައްކުތައް ޔަޤީންކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާ ހިތަށް ވިސްނައިދިނެވެ. މިރޭ ޢާޞިފަށް ނާދެވުނީ މަސައްކަތް ބޮޑުކަމުންނެވެ. ޔަޤީނެވެ. މާދަމާރޭ އަންނާނެއެވެ. ގުލްބާނޫ އުއްމީދަކާއެކު އެނބުރި ގެއަށް ދިޔައެވެ…… ޖެހިގެން އައިރޭވެސް ކަންތައްވީ ހަމަ އެހެންނެވެ. ދެން އައިރޭވެސް ޢާޞިފެއް ނައެވެ. ވީމާ ހަތަރުވަނައަށްވީ ދުވަހު އެނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ޖީރޫދެކެ ރުޅިއަތުވެއްޖެއެވެ. ޖީރޫއާ ދިމާއަށް އެއްޗެތި ކިޔައިގެންފިއެވެ.

”ޖީރޫ އަހަރެންނަށް ދޮގު ޚަބަރު ގެނެސްދިނީ އަހަރެންގެ ކިބައިން ކޮންކަމެއްގެ ބަދަލު ހިފަން ހެއްޔެވެ؟“

”ދޮގު ޚަބަރު ހެއްޔެވެ؟“ ޖީރޫ ހައިރާންވެ އަންތަރީސްވިއެވެ.

”އާއެކެވެ.“ ނުރުހުމާއެކު ގުލްބާނޫ ބުންޏެވެ.

”ދޮގު ޚަބަރަކީ ކޮބައިހެއްޔެވެ؟“ ޖީރޫ ބުންޏެވެ.

”ސާހިބު އަވަށަށް ދުރުވެއްޖެއޭ ކިޔާފާ އަހަރެންނަށް ދިން ޚަބަރެވެ.“ ގުލްބާނޫ ބުންޏެވެ.

”އެއީ ދޮގު ޚަބަރެއްނޫނެވެ. ކޮންމެ ދުވަހަކުވެސް ސާހިބު މިއަވަށަށް ދުރުވެއެވެ.“ ޖީރޫ ބުންޏެވެ.

”ތިޔައީ ދޮގެކެވެ.“ ގުލްބާނޫ ބުންޏެވެ.

”އެންމެ ރަނގަޅެވެ. ގުލްބާނޫއަށް ފެންނަ ގޮތެކެވެ. ޤަބޫލުކުރަންޏާ ކުރާށެވެ. ނުކުރަންޏާ ނުކުރާށެވެ.“ ޖީރޫ ބުންޏެވެ.

”ޖީރޫގެ ލޮލުން ސާހިބު ދުށީމުހެއްޔެވެ؟“ ގުލްބާނޫ ބުންޏެވެ.

”އަހަރެންގެ ލޮލަކުން ނުދެކެމެވެ. އެކަމަކު އެންމެންވެސް އެވާހަކަ ދައްކައެވެ. އިއްޔެވެސް ރާޖޫކުމާރީ ވަޅުދަށަށް ފެންބަލާގޮސް އެތަނުގައި އިށީނދެ އިނދެ ސާހިބުގެ ވާހަކަ ދެއްކިއެވެ. ރާޖޫ ކުލާއީގެ ފައި ބިދިގެން ނުހިގޭން ފެށީއްސުރެ ކޮންމެ މަހަކުވެސް ސާހިބު އޭނާއަށް ފައިސާގެ އެހީ ދެއްވައެވެ. ޝޭދޫ ދަންނަމު ނޫންހެއްޔެވެ؟ އޭނާގެ ލޯ އަނދިރިކަން އެނގިލެއްވުމާއެކު އޭނާ ލޮލުގެ ޚާއްޞަ ހޮސްޕިޓަލަކަށް ފޮނުއްވައިގެން ސާހިބުގެ ޚަރަދުގައި ބޭސްކޮށްދެއްވިއެވެ.“ ޖީރޫ މިވާހަކަ ދެއްކުމުން ދެކޮޅު ހެދުމުގެ ގޮތުން ބުނާނޭ އެއްޗެއް ގުލްބާނޫއަކަށް ނުވިސްނުނެވެ. ވީމާ، އޭނާ ދެލޯ ބޮޑުކޮށްގެން ޖީރޫއާ ދިމާއަށް ބަލަން އިނެވެ.

”މިފަހަރު ސާހިބު ދުރުވެ ހުރިހާ ހިސާބު ކިތާބު ބަދަލުކުރެއްވި ވާހަކަވެސް ބޭބެ ބުންޏެވެ. ކިތަންމެ ބޮޑު ކަމަކު ސާހިބުގެ ގާތަށް މީހަކު ދިޔަސް ހުސްއަތާ އެމީހަކު ފޮނުވާ ނުލައްވާ ވާހަކަވެސް ބޭބެ ބުންޏެވެ. މިފަހަރު ދަނޑުތަކުން ކަނޑާ ހުރިހާ ގޮވާމެއް އަވަށު މީހުންނަސް ބަހާލައްވަނީއޭވެސް މީހުން ކިޔާތީ އަހަރެން އަޑުއެހީމެވެ.“ ގުލްބާނޫ އަދިވެސް ހަމަ އެގޮތަށް ދެލޯ ބޮޑުކޮށްގެން ޖީރޫއާ ދިމާއަށް ބަލަން އިނެވެ.

”ގުލްއެވެ. އަހަރެން ގުލްއަށް ދޮގުހަދަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަކީ ގުލްގެ ދުޝްމަނެއް ހެއްޔެވެ؟“ މިހިސާބުގަޑުގެ ހުރިހާ އަވަށްތަކުގެ މީހުން ސަހިބަށް ތަޢްރީފުކޮށް ޘަނާ ކިޔާ ފޫހި ނުވެއެވެ.

”ދެން އެންމެ ރަނގަޅެވެ.“ ގުލްބާނޫ ޝައްކާއި ޔަޤީންކަމުގެ ތެރޭގައި އިނދެ ބުންޏެވެ. އޭރު އޭނާގެ ލޮލުން ފެންކަޅިވެފައި ހުއްޓެވެ.

”އަހަރެންގެ ބަސް ޤަބޫލު ކުރާށެވެ. މާދަމާ ގުލް އަމިއްލައަށް ގޮސް ސާހިބާ ބައްދަލުކުރާށެވެ.“ ޖީރޫ ސާދާކަމާއެކު މިހެން ބުނުމުން ގުލްބާނޫގެ އަމިއްލަވަންތަކަން ތެޅިގެން ދިޔައެވެ. ބޮއްކުރާ ދޮށަށް އޮޑި ކަބަންވީ ކީއްކުރަން ހެއްޔެވެ؟ ސާހިބުގެ އަޅާލެއްވުމެއް ނެތްއިރު ސާހިބުގެ ފަހަތުން އޭނާ ދުވަންވީ ކީއްކުރަން ހެއްޔެވެ؟ ސާހިބުގެ ގާތަށް ގޮސްގެން ދުނިޔެއަށް ގިނަވުމަށްވުރެ ހިތް ހަލާކުވެގެން މަރުވުންވެސް މާ ރަނގަޅެވެ. ގުލްބާނޫ ހިތަށް އެރިއެވެ.

”ޖީރޫއެވެ. ސާހިބު އަހަރެންގެ މަތިން ހަދާން ނައްތާލާފައިވާއިރު އަހަރެން ސަހިބަށް ސަލާމް ޖަހަންވީ ކީއްކުރަން ހެއްޔެވެ؟“ ގުލްބާނޫ ބުންޏެވެ.

”ގުލްގެ ބައްޕަ އުޅެނީ ނުލާހިކު ބޮޑަށް ބަލިވެ ނޫން ހެއްޔެވެ؟ އެކަން މެދުވެރިކޮށްގެން ސާހިބުގެ ގާތަށް ދާށެވެ. ސާހިބަށް ނަންގަނެގެން ބައްޕަ ހޮސްޕިޓަލަށް ގެންދެވޭތޯ ބަލާށެވެ.“ ޖީރޫ ބުންޏެވެ.

”ޙައިރާތަށް އެދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ޖީރޫއެވެ.“ ރުޅިވެރިކަމުން ފުރިފައިވާ ނަޒަރަކުން ޖީރޫއާ ދިމާއަށް ބަލައިލާފައި ގުލްބާނޫ ބުންޏެވެ.

ގުލްބާނޫ އޭނާގެ ބައްޕައަށް ބޭސް ހޯދަން ޙަކީމުގެ ގާތަށް ދިއުމުން ޖީރޫ ދެއްކި ވާހަކައަށް ޔަޤީންކަމެއް ލިބުނެވެ. އެތަނުގައި ތިބި އެންމެންވެސް ދައްކަނީ ސާހިބުގެ ރަނގަޅުކަމުގެ ވާހަކައެވެ. ހެޔޮކަމުގެ ވާހަކައެވެ. މަގުމަތިންލާފާ އައިއިރު ގޭގޭދޮށުގައި ތިބި އަންހެނުންވެސް ދައްކަނީ ހަމަ އެވާހަކައެވެ. އަމުދުން ޖީރޫގެ ބޭބެ ސާހިބުގެ މާގިނަ ވާހަކަ ކިޔައިދިނެވެ.

”ކޮންމެ އަވަށެއްގައި މަދްރަސާއެއް އިމާރާތްކޮށްދެއްވަން ސާހިބު އެބައުޅުއްވައެވެ. ކޮންމެ އަވަށެއްގައި ކްލިނިކެއް ހުޅުއްވައިދެއްވާނެއެވެ. މާބޮޑަށް ބަލިވެ އުޅޭ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްދެއްވާނެއެވެ. ލޯ އަނދިރިވެފައި ތިބި މީހުންނަށް ސާހިބުގެ ޚަރަދުގައި ބޭސްކޮށްދެއްވާނެއެވެ. އަވަށުގެ މަގުތައް ސާފުކޮށްދެއްވާނެއެވެ. ފެންހޮޅިތައް މަރާމާތު ކޮށްދެއްވާނެއެވެ. ކަންތައްތަކަށް އެދިގެންދާ މީހުންނަށް އެއްވެސް ހުރަހެއް ނެތި ސާހިބާ ބައްދަލުވެވޭނެ ގޮތްވެސް ހަމަޖައްސަވައި ދެއްވައިފިއެވެ. ސާހިބުގެ ދީލަތިކަން ޙާތިމްތާއީއެކޭ އެއްގޮތެވެ. މިއަޑުއަހަން ގުލްބާނޫ ހުރިއިރު އެސްފިޔަ ޖަހާލަންވެސް ހަދާނެއް ނެތެވެ. ސާހިބު އެހާބޮޑަށް ބަދަލުވީ ހައްޔެވެ؟ ޙަޤީޤަތުގައިވެސް ސާހިބު ބަދަލުވީ ހެއްޔެވެ؟ ގުލްބާނޫގެ ހިތުގައި ސުވާލު އުފެދުނެވެ.

 

ގުލްބާނޫގެ ސަބަބުން ޖީރޫ އިނީ ކަންބޮޑުވެފައެވެ. ހާސްވެފައެވެ. ސާހިބުގެ ފަރުވާކުޑަކަމުން ގުލްބާނޫއަށް ލިބުނު ހިތާމައަށްވުރެ ޖީރޫއަށް ލިބުނު ހިތާމަ ވަކިން ކުޑައެއް ނޫނެވެ. ކުޑަމިނުން ގުލްބާނޫއާ ބައްދަލުވެލާނޭ ފުރުޞަތުވެސް ސާހިބަށް ލިބިނުލައްވަނީ ހެއްޔެވެ؟ ނުވަތަ ގުލްބާނޫގެ މަތިން ސާހިބު ހަދާން ނެތުނީ ހެއްޔެވެ؟ ނުވަތަ ގުލްބާނޫ އެހެއްދެވީ ސާހިބުގެ ކުޅޭ އެއްޗަކަށް ހެއްޔެވެ؟ ޖީރޫ ވިސްނާލިއެވެ. ކުޅެކުޅެ ފޫހިވެލެއްވީމާ އެއްލަވައިލެއްވީ ހެއްޔެވެ؟

ގުލްބާނޫ ފިކުރުބޮޑުވެގެން ގޮސް މީހުންނާ ވާހަކަ ދައްކައި އުޅުންވެސް މަދުކޮށްލައިފިއެވެ. އޭނާގެ ހިތްހަމަޖައްސައިދެވޭތޯ ޖީރޫ ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. އެކަމަކު ފައިދާއެއް ނުކުރެއެވެ. އެދުވަސްކޮޅު ރަޙްމާންގުލްގެ ޙާލުވެސް ވަރަށް ބޮޑެވެ. ތެދުވެ އުޅެވޭވަރުވެސް ނުވެއެވެ. ވަރުބަލިވަނީއެވެ. ގައިގާ ވަރު ނުހުންނަނީއެވެ. މީހާ ފެންނައިރު ހީވަނީ ފުރާނަހުރި މައްޔިތެއް ހެންނެވެ. ޖީރޫ ވަރަށް ނަޞީހަތްދީފިއެވެ. ”ގުލްއަށްޓަކައެއް ނޫނެވެ. ހަމައެކަނި ބައްޕައަށްޓަކައި ބައްޕަގެ ހާލަށްޓަކައި ސާހިބާ ބައްދަލުކޮށްބަލާށެވެ.“ ގުލް އެއަޑެއް ނާހައެވެ. ބުނާބަހުގައި ހިފެހެއްޓުމަކީ ބައްޕަގެ ފަރާތުން ގުލްބާނޫއަށް ވާރުތަވެފައިވާ ކަމެކެވެ. ފަހަރެއްގައިވެސް މީހެއްގެ ކުރިމަތީގައި ބޯލެނބުމަކީ އޭގެ ދެބަފައިންނަށް ދަސްވެފައިވާ ކަމެއް ނޫނެވެ.

މިހާރު ޖީރޫގެ ގިނަވަގުތު ހޭދަކުރަނީ ގުލްބާނޫއާ އެކުގައެވެ. ގޭތެރޭގެ މަސައްކަތުގައި ގުލްބާނޫއަށް އެހީވިއެވެ. ތެލިތަށި ދޮވެދީ ކައްކައިދީވެސް ހަދައެވެ. ގުލްބާނޫގެ ބައްޕައަށް ސައިދީ ކާންދީވެސް ހަދައެވެ. ގުލްބާނޫގެ ބައްޕައަށް ސައިދީ ކާންދީވެސް ހަދައެވެ.

އެދުވަހަކީ ރަޙްމާންގުލްގެ ހާލު ވަރަށްބޮޑު ދުވަހެކެވެ. ކޮންމެވެސް ކަމަކު ތެދުވަން އުޅެނިކޮށް އަނބުރައިގަނެގެން އެނދުކައިރިއަށް ވެއްޓުނީއެވެ. އެވަގުތު ތެދުވަން އުޅެނިކޮށް އަނބުރައިގަނެގެން އެނދުކައިރިއަށް ވެއްޓުނީއެވެ. އެވަގުތު ގުލްބާނޫ ދުވެފައި ގޮސް ބައްޕަގެ ގައިގާ އޮޅުލައިގެންފައި ރޯން ފެށިއެވެ. މިރުއިމަކީ ހިލަ ހިތެއްވެސް ވިރިގެންދާފަދަ ވޭނީ ރުއިމެކެވެ. އެތަން ދެކޭކަށް ޖީރޫއަކަށް ކުޅަދާނައެއް ނުވިއެވެ. އެހެންކަމުން ގުލްބާނޫގެ ގޮތްދޫނުކުރުމާ ދެކޮޅަށް ނަމަވެސް ސާހިބާ ވާހަކަ ދައްކައިގެން ގުލްބާނޫގެ ބައްޕައަށް ފަރުވާއެއް ހޯދައިދެވޭނޭ މަގެއް ފެނޭތޯ މަސައްކަތް ކުރަން އޭނާ ގަސްތުކުރިއެވެ.

”ބޭބޭއެވެ. އަހަރެންނަށް ކަމެއް ކޮށްދެވިދާނޭ ހެއްޔެވެ؟“ ޖީރޫ ގެއަށް ދިޔައިރު އޭނާގެ ބޭބެ ކާން އިންދާ ގޮސް ކައިރީގައި އިށީންނަމުން ބުންޏެވެ.

”އެއީ އަނެއްކާ ކޮންކަމެއް ހެއްޔެވެ؟“ ޖީރޫ ބޭބެ ބުންޏެވެ.

”ބޭބޭއެވެ. ގުލްގެ ބައްޕަ އުޅެނީ ވަރަށް ބަލިވެއެވެ.“ ޖީރޫ ބުންޏެވެ.

”ހަމަ ތެދެއް ހެއްޔެވެ؟ ބޭބެވެސް އޭނާ ނުދެކޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ.“ ޖީރޫގެ ބޭބެ ބުންޏެވެ.

”އާއެކެވެ. ބޭބޭއެވެ. އޭނާއަށް ތެދުވެވެސް ނޫޅެވެއެވެ. އޭނާގެ ގާތް ތިމާގެ މީހަކު މިއަވަށުގައި ނެތްކަން ބޭބެއަށްވެސް އެނގޭނެއެވެ.“ ޖީރޫ ބުންޏެވެ.

”އާއެކެވެ. އެނގެއެވެ.“ ޖީރޫގެ ބޭބެ ބުންޏެވެ.

”ބޭބޭ ސާހިބުގެ ގާތަށް ގޮސް ގުލްބާނޫގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެ އުޅޭ ވާހަކަ ބުނެދޭށެވެ.“ ޖީރޫ ބުންޏެވެ.

”މިހާރު މިދަނީއެވެ. ބޭބެ ތިޔަކަމާ އުޅެދޭނަމެވެ.“ ޖީރޫގެ ބޭބެ ބުންޏެވެ.

”ބޭބެ ހާދަ ރަނގަޅެވެ. އަވަހަށްދާށެވެ. ގުލް އިނީ ދެރަވެގެން ގޮސް ހަދާނެގޮތް ބޮޑުވެފައެވެ.“ ޖީރޫ ބުންޏެވެ.

”ޖީރު ގޮސް ގުލްގެ ހިތްހަމަޖައްސައިދޭށެވެ. ބޭބެ އަންނާނަމެވެ. ފަހަރެއްގައި ގުލްގެ ބައްޕަ ހޮސްޕިޓަލަށް ގެންދަންވެސް ޖެހިދާނެއެވެ. ސާހިބަށް ފަނިލައްވައިފިނަމަ ޑޮކްޓަރ އެގެއަށް ގެނެސްވެސް ދެއްވަފާނެއެވެ.“ ޖީރޫގެ ބޭބެ ބުންޏެވެ.

”ތިޔަހެން ވިއްޔާ އަވަހަށް ދާށެވެ. ބޭބޭއެވެ.“ ޖީރޫ ބުންޏެވެ.

”ޖީރޫއަށް އެނގޭ ހެއްޔެވެ؟ ދުވަސްކޮޅެއްގެ ފަހުން މިއަވަށަށް ޑޮކްޓަރަކުވެސް ގެންނާނެއެވެ. ﷲ ސާހިބުގެ ޢުމުރު ދިގުކުރައްވާށިއެވެ. އަހަރެމެން ކަހަލަ ފަޤީރުންނަށް ސާހިބު އެވެލައްވަނީ ހާދަ ބޮޑު އެހީއެކެވެ.“ ޖީރޫ ބޭބެ ބުންޏެވެ.

”މާގިނަ ވާހަކަ ނުދައްކާ ބޭބެ އަވަހަށް ދާށެވެ.“ ޖީރޫ ބުންޏެވެ. ”ލަސްވާން ހަދައިގެން ސާހިބު ޙަވޭލީއަށް ދުރުވެދާނެއެވެ. ބޭބޭއެވެ. ބަލިވެއޮތީ ގުލްގެ ބައްޕަކަން އެނގިލައްވާ ކަހަލަ ގޮތަކަށް ނަންގަންނާށެވެ.“ ޖީރޫ މިހެން ބުނުމުން އޭނާގެ ބޭބެ ހައިރާންކަމާއެކު އޭނާއާ ދިމާއަށް ބަލައިލިއެވެ.

”މޮޔަޔާއެވެ. ކޮންމެހެން ގުލްގެ ބައްޕައޭ ބުނަންވީ ކީއްކުރަން ހެއްޔެވެ؟ ސާހިބު އެހީވެލައްވަނީ ބަލިމީހުންނަށެވެ. ބަލިމީހާގެ ވާހަކަ ނަންގަތީމާ ނިމުނީއެވެ.“ ޖީރޫ ބޭބެ ހިނިތުންވެލިއެވެ.

”ބޭބޭއެވެ. ކޮންމެހެންވެސް ގުލްބާނޫގެ ބައްޕައޭ ނަންގަންނާށެވެ. ފަހަރެއްގައި އެއީ ސާހިބު ދެނެލައްވާ ބަޔަކަށްވެސް ވެދާނެއެވެ. އެއިރުން ތަންކޮޅެއް އަވަހަށް ބޭހުގެ ކަންތައް ހަމަޖެހިދާނެއެވެ.“ ގުލްބާނޫގެ ވާހަކ ސާހިބަށް ނަންގަންނާނޭގޮތް ޖީރޫ ރާވާލިއެވެ.

”އާއެކެވެ. ކޮއްކޯއެވެ؟ ބުނާނަމެވެ. ބުނާނަމެވެ.“ ޖީރޫގެ ބޭބެ ކުރުތާ ނަގާ ކޮނޑުމައްޗަށް އެއްލައިގެން ގޮސް ދަނޑަށް ގެންދާ އުދަލި ހިފައިގެން ހިނގައިގެންފިއެވެ.

”މެންދުރުގެ ފަހުން ޖީރޫގެ ބޭބެ ގެޔަށް އައި އިރު އޭނާގެ އަތުގައި ނޫޓުތަކެއް ހުއްޓެވެ.

”މިއީ ސާހިބު ދެއްވި ފައިސާއެވެ. އަދި މިއޮތީ ހޮސްޕިޓަލްގެ ޑޮކްޓަރަށް އޮތް ސިޓީއެވެ. މިއެއްޗެތި ގެންގޮސް ގުލްބާނޫގެ އަތަށް ދޭށެވެ. އަހަރެމެން ގޮސް މާދަމާ ހެދުނުން އޭނާ ހޮސްޕިޓަލަށް ގެންދާނީއެވެ.“ ޖީރޫގެ ބޭބެ ބުންޏެވެ.

”ތިޔަ ނިމުނީ ހެއްޔެވެ؟“ ޖީރޫ ޙައިރާންވިއެވެ.

”ދެން ކޮން އެއްޗެއް ހެއްޔެވެ؟“ ޖީރޫގެ ބޭބެ ބުންޏެވެ.

”ސާހިބު އެއްވެސް އެއްޗެއް ނުބުނުއްވާ ހެއްޔެވެ؟“ ޖީރޫ ބުންޏެވެ.

”ސާހިބު ބުނުއްވާނީ ކީކޭ ހެއްޔެވެ؟“ ޖީރޫގެ ބޭބެ ހައިރާންވިއެވެ.

”އެއީ…..އެއީ……“ ސާފުކޮށް ބުނާކަށް ޖީރޫއަކަށް ނުކެރުނެވެ.

”ބޮޑު މޮޔައެކެވެ.“ ޖީރޫގެ ބޭބެ ބުންޏެވެ.

”ގުލްބާނޫގެ ބައްޕައޭ ބޭބެ ނަންގަތިން ހެއްޔެވެ؟“ ޖީރޫ ބުންޏެވެ.

”އާއެކެވެ. ކޮއްކޯއެވެ. ބުނީމެވެ.“ ޖީރޫގެ ބޭބެ ބުންޏެވެ.

”ދެން ބުނުއްވީ ކީކޭހެއްޔެވެ؟“ ޖީރޫގެ ބޭބެގެ ގާތަށް ރުޅިއައެވެ. ”އެއެންމެންގެ ތެރޭގައި އިންނަވައިގެން ބޭބެގެ ވާހަކަ އަޑުއެއްސެވިކަން އެއީ ކުޑަކަމެއް ހެއްޔެވެ؟“ ބޭބެ އެހެން ނަންގަންނައިރަށް ވަގުތުން ސިޓީ ލިޔެ ދެއްވާފައި ފައިސާވެސް ދެއްވައިފިއެވެ. ހޮސްޕިޓަލަށް ގޮސް ކަންތައް ކުރަންވީ ގޮތް ބޭބެއަށް ކިޔައިދެއްވައިފިއެވެ. ކޮއްކޮ މިފައިސާ ގެންގޮސް ގުލްގެ އަތަށް ދޭށެވެ. މާދަމާ ހެދުނު ރަޙްމާންގުލް ގޮވައިގެން ބޭބެ ހޮސްޕިޓަލަށް ދާނަމެވެ.“

ޖީރޫ އެހެން ގޮތެއް ނެތިގެން ފައިސާއާއި ސިޓީގައި ހިފިއެވެ. އޭނާ އެރޭވުން ރޭވީ ޢާޞިފާއި ހަމައަށް ގުލްބާނޫގެ ޚަބަރު ފޯރުވުމުގެ ބޭނުމުގައެވެ. ނަމަވެސް އެރޭވުންވެސް ބޭކާރުވީއެވެ. އެކަމާ އޭނާ ޙައިރާންވިއެވެ. މާޔޫސްވިއެވެ. ޙަޤީޤަތުގައިވެސް ގުލްބާނޫގެ މަތިން ސާހިބު ހަދާންނެތުނީހެއްޔެވެ؟ އެހެން ވެއްޖެނަމަ ގުލްބާނޫއަށް ކުރާނޭ އަސަރު ހިތަށް އަރާފައި އޭނާ ބިރުގަތެވެ. ނަމަވެސް ބޮލަށް ޙަޔާތެއް ގެނެސް އެޚިޔާލު އޭނާގެ ސިކުނޑިން ނެރެލިއެވެ. އެއާއެކުގައި އުއްމީދުގެ ދޯދިފަށެއް އޭނާއަށް ފެނުނެވެ. ވީމާ ސާހިބު މިރޭ އެގެއަށް ދުރުވާނެއެވެ. މިޚިޔާލު އައުމުން އޭނާ އުފާވިއެވެ. އަމިއްލައަށް ހީލިއެވެ.

ޖީރޫ ފައިސާއާއި ސިޓީ ހިފައިގެން ގުލްބާނޫގެ ގެޔަށް ދިޔައިރު އެދުވަހުގެ އިރުއޮއްސެން ކައިރިވެއްޖެއެވެ. ހޫނު މޫސުމް ނިމި ފިނި މޫސުމަށް ބަދަލުވަނީއެވެ. ދެމޫސުމް ބެދޭ ދުވަސްވަރަކީ ވަރަށް ހިތްފަސޭހަ ދުވަސްވަރެކެވެ. އިރުއޮއްސުމާއެކު ފިނިވާން ފަށާނެއެވެ…….. ޖީރޫ އެގެއަށް ވަންއިރު ގޭގެ ފެންޑާ މަތީގައި ހުރި އެނދެއްގައި ރަޙްމާންގުލް އޮތެވެ. މިހާރުވެސް އޭނާގެ ހުން ވަރަށް ގަދައެވެ. ޙަކީމްގެ ބޭހަކުން ކުޑަވެސް ލުޔެއް ނުލިބެއެވެ. ފަތްޕިލާވެލީގެ ފައްސަންގު ކައްކައިގެން އޭގެ ފެންވެސް ބޯންދީފިއެވެ. ގަހުވަވެސް ބަރާބަރަށް ދެމުން ގެންދެއެވެ. އެކަމަކު ވާކަމެއް ނެތެވެ. މިހާރުވެސް ބަރާބަރަށް ދެމުން ގެންދެއެވެ. އެކަމަކު ވާކަމެއް ނެތެވެ. މިހާރުވެސް ގުލްބާނޫ އުޅެނީ ގަށާބަތްކޮޅެއް ކައްކައިގެން ސައިފޮދަކާއެކު ބައްޕައަށް ކާންދެވޭތޯއެވެ. އެވަގުތު ޖީރޫ ވަދެގެން ގޮސް ރަޙްމާންގުލްގެ ހާލު އަހުވާލު އޮޅުންފިލުވާލާފައި ގުލްބާނޫއަށް ލޮލުން އިޝާރާތްކޮށް ބޭރަށް ނިކުތުމަށް ބުނެފިއެވެ. ދެން އޭނާ ބޭރަށް ނިކުމެ ގޯތިތެރޭގައި ހުރި އެނދުގައި އިށީނދެއްޖެއެވެ. ގުލްބާނޫ ކުރާ ކަންތައް ނިންމާފައި އަންނަންދެން އިންތިޒާރު ކުރަން ފަށައިފިއެވެ.

”ޖީރޫއެވެ. އަހަރެންނަށް ގޮވަނީ ކީއްކުރަން ހެއްޔެވެ؟“ ގުލްބާނޫ އަތް ފުހެމުން ނިކުމެ ސުވާލުކޮށްލިއެވެ.

”މިއަދު އަހަރެންގެ ބޭބެ ސާހިބުގެ ގާތަށް ފޮނުވީމެވެ.“ ޖީރޫ މޮޅިވެރި އަޑަކުން ބުންޏެވެ.

”ކީކުރަން ހެއްޔެވެ؟“ ނުރުހުމާއެކުގައި ގުލްބާނޫ ބުންޏެވެ.

”އަހަރެން މިދައްކާ ވާހަކަ އަޑުއަހާ ބަލާށެވެ.“ ޖީރޫ ބުންޏެވެ.

”އާނ! ތިޔަ ދައްކާވާހަކައެއް ދައްކާބަލާށެވެ.“ ގުލްބާނޫ ބުންޏެވެ.

“ ސާހިބު ކޮންމެ ދުވަހަކުވެސް މީހުންނާ ބައްދަލުކުރައްވަން އިންނަވައެވެ. އެމީހުންގެ ފަރިޔާދުތައް އަޑުއައްސަވައެވެ.“ ޖީރޫ ބުންޏެވެ.

”ދެން އަހަރެން ކުރަންވީ ކީއްހެއްޔެވެ؟“ ގުލްބާނޫ އަޑުގައި ހަރުކަށިކަން ހުއްޓެވެ.

”އަހަރެންގެ ބޭބޭ ގޮސް ގުލްގެ ބައްޕަ ބަލިވެ އުޅޭ ވާހަކަ ނަންގަތެވެ. ނިކަން ބަލާބަލާށެވެ. ސާހިބު ވަގުތުން ސިޓީދެއްވާ ބައްޕަ ހޮސްޕިޓަލަށް ގެންދަން ބުނުއްވިއެވެ. އަދިވެސް……“ ތަފްޞީލލުކޮށް ބުނަން ނުކެރިގެން ޖީރޫ ހުއްޓާލިއެވެ.

”ސާހިބުގެ ގާތަށް ސަލާމް ޖަހަންދާށޭ ޖީރޫގެ ގާތުގައި ބުނީ ކާކު ހެއްޔެވެ؟“ ގުލްބާނޫގެ ގާތަށް ރުޅިއައިސް ރަތްވިއެވެ.

”ސަލާމްޖަހަން ދިޔައީ ކާކުހެއްޔެވެ؟ ގުލްގެ ބައްޕަ ބަލިވާހަކަ ނަންގަންނައިރަށް ވަގުތުން ސިޓީ ދެއްވައިފިއެވެ. ފަހަރެއްގައި މިރޭ ގުލްއާ ބައްދަލުވެލައްވަން ސާހިބު ދުރުވުންވެސް އެކަށީގެންވެއެވެ. މިހިރީ ސާހިބު ދެއްވި ފައިސާއެވެ. ޖީރޫ ޖެހިލުންވެގެން އިނދެ ގުލްބާނޫއާ ދިމާއަށް ނޫޓުތައް ދިއްކޮށްލިއެވެ.. އެވަގުތު ގުލްބާނޫގެ ގަޔަށް ޕެޓްރޯލް އަޅާފައި އަލިފާން ދަނޑިއެއް އެއްލީމާ ތެޅިގަންނަހެން ތެޅިގެންފިއެވެ. ދެލޯ ރަތް އަނގުރުގަނޑެއްހެން ވެއްޖެއެވެ. އޭނާ ކުއްލިއަކަށް ނޫޓުތައް ދަމައިގަތުމަށްފަހު ކަޅި އަޅައިގެންފިއެވެ. އެތަން ފެނުމުން ޖީރޫ ބިރުގަތެވެ. ގުލްބާނޫއަކީ ރުޅިގަދަ ކުއްޖެއްކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެހާބޮޑަށް ރުޅިއައިސްފާ އިންދާ އޭގެކުރިން ދުވަހަކުވެސް އޭނާ ނުދެކެއެވެ. ވީމާ އިތުރު މައްސަލައެއް ކުރިމަތިނުވަނީސް އެގެއިން ދިއުމަށްޓަކައި މަޑުމަޑުން އޭނާ ތެދުވިއެވެ.

”ހުއްޓޭށެވެ. ޖީރޫއެވެ.“ ގުލްބާނޫ ވަރަށް ބާރަށް ބުންޏެވެ. ”ޖީރޫ ބައްޕަގެ ގާތުގައި މަޑުކޮށްލާށެވެ. އަހަރެން އެބަ އަންނަމެވެ. ގުލްބާނޫ މިހެން ބުނެފައި ޖީރޫ އެއްޗެއް ބުނުމުގެ ކުރިން ގަޑަގަޑަޖަހާފައި ބޭރަށް ނިކުމެއްޖެއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.