މަލުގެ ރާނީ – ޗެޕްޓަރ 9

ފަރުޖާދު ޢާޞިފް ބެލެހެއްޓީ މީހަކު ލޯބިން މަރުވާހާ ރަނގަޅަށެވެ. އެހާގިނަ ނޯކަރުންނާއި ބާނދީން ޚިދުމަތަށް ޙަޒިރުވެ ތިބުމާއެކުވެސް ޢާޞިފްގެ ހުރިހާ ކަމެއް ކުރަމުން ގެންދިޔައީ ފަރުޖާދުގެ އަމިއްލަ އަތުންނެވެ. ޢަޞިފްގެ އާދޭސްތަކަށް ބީރު ކަންފަތް ދީފަ ގިނަރޭރޭ ހޭލާ އިންނަނީވެސް ފަރުޖާދެވެ. ދުވާލުވެސް ރަނގަޅަކަށް ނުނިދެއެވެ. އިރުކޮޅަކު އޮވެލާފައި އައިސް އިންނަނީ ޢަޞިފްގެ ގާތުގައެވެ. އޭނާ އުފަލަކީވެސް އެއީއެވެ. އަރާމަކީވެސް އެއީއެވެ.

ފުލުހުން ރެޔާ ދުވާލު މަސައްކަތް ކޮށްގެން ފަރުޖާދަށް ހަމަލާދިން މީހާ ހޯދާފިއެވެ. އެއީ އެއާއިލާގެ ޒަމާންވީ ދުޝްމަނުން ދިން ހަމަލާއެކެވެ. ފުލުހުން ދުޝްމަނުން އަތުލައިގެން ހައްޔަރު ކޮށްފިއެވެ. އެހިސާބަށް ކަންތައް ދިޔުމުން ދުޝްމަނުންގެ ފަރާތުން ޞުލްހަވާން މަސައްކަތް ފެށިއެވެ. ކުށްވެރިން ސަލާމަތް ކުރާނޭ މަގު ހޯދަން ފެށިއެވެ.

ފަހަކަށް އައިސް ފަރުޖާދު ކޮންމެ ކަމެއްވެސް ކުރަނީ ޢަޞިފަށްޓަކައެވެ. ވާނީވެސް އެހެންތާއެވެ. ޢާޞިފް އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީ ޢާޞިފްގެ އަމިއްލަ ހަށިގަނޑު އައްޑަނައަކަށް ހަދައިގެންނެވެ. އޭގެފަހުން ޢާޞިފްދެކެ އޭނާ މާބޮޑަށް ލޯބިވާން ފެށިއެވެ. އެހެންކަމުން ޢާޞިފް މަރުން ސަލާމަތް ވުމުގެ އުފަލުގައި ކުލަގަދަ ޙަފްލާއެއް ބާއްވަން ފަރުޖާދު ގަސްތު ކުރިއެވެ. އެޙަފްލާގައި އޭނާގެ މުޅި މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައި ޢާޞިފަށްދޭން ގަސްދުކުރިއެވެ. ޢާޞިފަށް އެކަން އެގުމުން އެކަމާ ދެކޮޅު ހެދިއެވެ. މުދަލުގެ ދަހިވެތިކަމެއް ޢާޞިފްގެ ހިތަކު ނެތެވެ. އޭނާ ބޭނުމީ ފަރުޖާދުގެ ލޯތްބާއި ގާތްކަމެވެ. ފަރުޖާދުގެ މުދަލާއި ފައިސާއާއި ދަނޑުބިންތަކާއި ކާރުޚާނާތައް އޭނާ ބެލެހެއްޓީ އެލޯތްބަށެވެ. މާމަ ދުނިޔޭގައި އިނދެގެން އޭނާއަށް ބޭނުންވާ ވަރަށް ތަކެތި ދީފައިވެއެވެ. އެއިން އޭނާއަށް ފުދިފާ އިތުރުވެއެވެ. ދެން މިދުނިޔެއިން އޭނާ ބޭނުން އެއްޗަކީ ފަރުޖާދުގެ ލޯތްބެވެ.

ޢާސިފް ހޮސްޕިޓަލްގައި އޮންނަތާ ދޮޅުހަފްތާ ވެއްޖެއެވެ. އެކަމަކު އަދިވެސް އޭނާގެ ޒަޚަމް ފަސޭހައެއް ނުވެއެވެ. ކަށިގަނޑަށްވެސް ހިސާބަކަށް ގެއްލުން ލިބިފައިވާތީ އޭނާ ގެއަށް ފޮނުވާކަށް އަދިވެސް ނޫޅެއެވެ. ފަރުޖާދުގެ ހުރިހާ ވަގުތެއް އޭނާއާ އެކުގައި ހޭދަކުރެއެވެ. މަޖާ ވާހަކަ ދައްކައެވެ. ތާސްކުޅެއެވެ. ނަމަވެސް ހޮސްޕިޓަލްދެކެ މިހާރު އެނާ ފޫހިވެއްޖެއެވެ.

ޖަލެއްގައި ބަންދުކޮށްފައި އިންނަހެން އޭނާއަށް ހީވާން ފަށައިފިއެވެ. ގުލްބާނޫގެ ހަނދާންތައް އޭނާއަށް އުދަގޫ ކުރަން ފަށައިފިއެވެ. ވީހާ އަވަހަކަށް ގުލްބާނޫ ގާތަށް ދާހިތްވާން ފަށައިފިއެވެ. ނުފެނި ގިނަދުވަސްވީ ވަރަކަށް ގުލްބާނޫ ކިހާ ދެރަވާނޭ ހެއްޔެވެ؟ ކިހާ ފިކުރުބޮޑުވާނޭ ހެއްޔެވެ؟ ޢާޞިފްގެ ޚިޔާލުތައް ގިނައެވެ.

”ފަރުޖާދުއެވެ.“ އެއްފަހަރަކު ވާހަކަ ދައްކަމުން ގޮސް ޢާޞިފް ބުންޏެވެ.

”އާއެކެވެ.“ ފަރުޖާދު ބުންޏެވެ.

”އަހަރެން ހޮސްޕިޓަލުން ދޫކޮށްލާނީ ކޮންއިރަކުން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.

”ތިޔައީ ކީވެގެން ބުނި އެއްޗެއް ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.

”ގެއަށް ނުގޮސް މިތަނުގައި ތިބެންވީ ކީކުރަން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.

“ ޢާޞިފްގެ މުލައްދަނޑީގެ ޒަޚަމާއި ފައިގާ ދުޅަވެފައި ހުރިތަން އަދިވެސް ރަނގަޅެއް ނުވޭ ނޫން ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.

”ނޫނެކެވެ. މިހާރު ރަނގަޅެވެ. ގޭގާވެސް ބޭސްއެޅިދާނެއެވެ. މިތަނުގެ ޑޮކްޓަރުން އަހަރެން ކޮނިމަސްބުރިއަކަށް ހަދައިފިއެވެ.“ ޢާޞިފް ބުންޏެވެ.

“ ޢާޞިފް މޮޔައެކެވެ.“ ފަރުޖާދު ހީލިއެވެ.

”ނޫނެކެވެ. ފަރުޖާދުއެވެ. އަހަރެން މޮޔައެއް ނޫނެވެ. މިހާރު އަހަރެން ގެއަށްދާން ބޭނުމެވެ. ހުއްދަ ހޯދާށެވެ. ގާތްގަޑަކަށް ފައިވެސް ފަސޭހަވެއްޖެއެވެ.“ ޢާޞިފް ބުންޏެވެ.

”ގެއަކަށް ނުދެވޭނެއެވެ. ޑޮކްޓަރުން އަމިއްލައަށް ފޮނުވާލީމާ ނޫނީ ޢާޞިފަކަށް ގެއަކަށް ނުދެވޭނެއެވެ. މިތަނުން ޢަޞިފަށް ލިބެނީ ކޮން އުނދަގުލެއް ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.

”ވަރަށް ގިނަ އުނދަގޫ ލިބެއެވެ.“ ޢާޞިފް ބުންޏެވެ.

”ތިޔަހެން ތިޔަބުނަނީ ކީއްވެގެން ހެއްޔެވެ؟“ ފަރުޖާދު ޙައިރާންވިއެވެ.

”އަހަރެން ކަހަލަ އަބަދު މަސައްކަތުގައި އުޅޭ މީހަކު މިގޮތަށް ބަނދެފައި އޮތުމަކީ އުނދަގުލެއް ނޫން ހެއްޔެވެ؟ ފަރުޖާދުއެވެ. މިހާރުވެސް ކިހާ މަސައްކަތެއް ހުއްޓިފައި އެބަހުރި ހެއްޔެވެ؟ އަވަށުގެ ދަނޑުތަކުގެ ހާލެއްވެސް ނޭގެއެވެ.“ ޢާޞިފް ބުންޏެވެ.

”ހިސާބުތައް ބަލަހައްޓާ ޝަރީފުއްދީނާއި ލައަލްޚާން ހުރިހާ ކަމެއް ރަނގަޅަށް ބަލަހައްޓައެވެ.“ ހިތްހަމަޖެހުމާއެކު ފަރުޖާދު ބުންޏެވެ.

”އެމީހުންގެ މަސައްކަތަކާ އަހަރެން ހިތްހަމައެއް ނުޖެހެއެވެ.“ ފަރުޖާދު ބުންޏެވެ.

”ފަރުޖާދަކަށް ނޭގޭނެއެވެ.“ ޢާޞިފް ބުންޏެވެ.

”ފަރުޖާދުއެވެ. ޙާތިމްތާއީއަށް ނުވާށެވެ.“ ޢަޞިފް ބުންޏެވެ.

”އަހަރެން ގޮތެއް ނިންމައިފީމެވެ.“ ފަރުޖާދު ބުންޏެވެ.

”އެއީ ކޮންގޮތެއް ހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.

”ހަނޑޫދަނޑުތަކުން މިފަހަރު ލިބޭ ހުރިހާ ހަނޑުލެއް އަވަށުގެ ފަޤީރުންނަށް ބަހަން ނިންމައިފީމެވެ.“ ފަރުޖާދު ބުންޏެވެ.

”އަނެއްކާ ތިޔަބުނީ ކީކޭހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.

”ހަމަތެދެކެވެ.“ އަހަރެން އެގޮތަށް ނިންމައިފީމެވެ.“ ފަރުޖާދު ބުންޏެވެ.

”އެއީ ކޮންކަމެއްގެ އުފަލުގައި ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.

“ ޢާޞިފް މަރުން ސަލާމަތްވުމުގެ އުފަލުގައެވެ. މިފަހަރު ގޮވާން ބެހޭނީ ތިންބަޔަކަށެވެ. މިއީ އަހަރެންގެ ނިންމުމެކެވެ.“ ފަރުޖާދު ބުންޏެވެ.

”ބޮޑު މޮޔައެކެވެ.“ ޢާޞިފް ބުންޏެވެ.

”ހިތަށްއެރި އެއްޗެއް ކިޔާށެވެ. ކޮންމެ އެއްޗެކޭ ކިޔަސް މިއީ އަހަރެންގެ އެންމެ ފަހު ނިންމުމެވެ.“ ހަރުދަނާ ކަމާއެކު ފަރުޖާދު ބުންޏެވެ.

ފަރުޖާދު އެވާހަކަ އެގޮތަށް ދައްކަން ފެށުމުން އެންމެ ފުރަތަމަ އެއީ ސަމާސާއަށް ދައްކާ ވާހަކައެއް ކަމަށް ޢާޞިފް ހީކުރިއެވެ. ނަމަވެސް ފަރުޖާދު ސީރިއަސްވެފައިވާ ވަރުން އެއީ ތެދެއްކަން މިހާރު ޢާޞިފަށް އެނގިއްޖެއެވެ. ވީމާ އޭނާ ފަރުޖާދަށް ވިސްނައިދޭން ފެށިއެވެ.

”ޙައްޤުވެރިންނަށް ޙައްޤުތައް އަދާކޮށް ދިނުމާއި ފަޤީރުންނަށް އެހީވުމަކީ މުޅިން ދެކަމެކެވެ. މަސައްކަތްކުރާ މީހުންނަށް މަސައްކަތުގެ ބަދަލު ފިރިހަމައަށް ދެމެވެ. އަހަރެމެން އެއްވެސް މީހެއްގެ ޙައްޤުތައް ނެތިކޮށްފައެއް ނޯންނާނެއެވެ. ބޭނުންޖެހިފައި ތިބޭ މީހުންނަށްވެސް އެހީ ފޯރުވަމެވެ. އަންހެން ދަރީންގެ ކައިވެނިތަކުގައި ޚަރަދު ކުރަމެވެ. އެމީހުން އެއްޗަކަށް ބޭނުންވިޔަސް ޖެހިލުމެއްނެތި އައިސް އަހަރެންގެ ގާތުގައި ބުނެއެވެ. ކޮންމެ މީހަކު ކަމަކު ބުންޏަސް އެކަމއް ކޮށްދެވޭތޯ އަހަރެންނަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމެވެ.“ ޢާޞިފް ވާހަކަ ދައްކަމުން ދިޔައިރު ފަރުޖާދު ލާނެތް ގޮތަކަށް ހީހީ އިނެވެ. ދެންވެސް ގެއަށް ދިއުމަށް އެދި ފަރުޖާދުގެ ގާތުގައި ޢާޞިފް އާދޭސް ކުރަމުން ދެއެވެ.

ޢާޞިފް ޙަވޭލީއަށް ދާން ބޭނުމެވެ. އަވަށަށް ދާން ބޭނުމެވެ. މިހާރު ގުލްބާނޫ އޭނާއަށް އިންތިޒާރު ކުރާނެއެވެ. އެހެންކަމުން ވީހާ އަވަހަކަށް ގުލްބާނޫއާ ހަމައަށް ދާން އޭނާ ބޭނުމެވެ. އެކަމަކު ފަރުޖާދުގެ ގާތުގައި އެވާހަކައެއް އަދި ނުބުނެވޭނެއެވެ. މިހާރު ހަދަންޖެހޭނީ ކޮންމެވެސް މަކަރެކެވެ. ދައްކަން ޖެހޭނީ މަސައްކަތުގެ ބަހަނާއެވެ.

”އަހަރެން މިހެން އޮންނަން ހަދައިގެން ވަރަށް ގެއްލުންވާނެއެވެ. އެންމެންވެސް އަހަރެންނަށް އިންތިޒާރު ކުރާނެއެވެ. ހުވަފަތް އަންހެނުންނަށްދޭ އެހީވެސް ދޭންވާނެއެވެ. އަވަށުގެ ފިރިހެން ކުދިންކޮޅެއް ޝަހަރުގެ ސްކޫލަކަށް ބަދަލުކުރަން ޖެހޭނެއެވެ. ޕޯލްޓްރީ ފާމުގެ ކަންތައް ބަލަން ޖެހޭނެއެވެ.“

މިއީ ގުލްބާނޫއާއި ހަމައަށް ދާނޭ މަގު ފަހިކުރުމުގެ ބަހަނާތަކެވެ. ނަމަވެސް މިއިން ކަމަކާ ފަރުޖާދު އަޅައެއް ނުލައެވެ. ހަމަ ހެނީއެވެ. އެންމެފަހުން އޭނާ ކުރުނުކުރީމާ ފަރުޖާދުވެސް އެއްޗެއް ބުނެލިއެވެ.

”ހާސްވަނީ ކޮންކަމަކާ ހެއްޔެވެ؟ ޢާޞިފްގެ ޒަޚަމް ރަނގަޅަށް ފަސޭހަވަންދެން ޢާޞިފްގެ މަސައްކަތްތަކާ އަހަރެން ޙަވާލުވެއްޖައީމެވެ.“ ފަރުޖާދު ބުންޏެވެ.

”ފަރުޖާދު ހެއްޔެވެ…….؟ ފަރުޖާދު ހެއްޔެވެ؟ ޢާޞިފް ސަމާސާ ކުރިއެވެ.

”ތިޔަހެން ތިޔަބުނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަކީ ބޭކާރު މީހެއް ކަމަށް ޢާޞިފް ހީކުރަނީ ހެއްޔެވެ؟“ ފަރުޖާދު މޭ ފުއްޕާލަމުން ބުންޏެވެ.

”ނޫނެކެވެ. އެހެނެއް ހިއެއް ނުކުރަމެވެ.“ ޢާޞިފް ހީލިއެވެ. ”ފަރުޖާދަކީ އަވަށުގެ ނަން އިވުނަސް ބިރުގަންނަ މީހެކެވެ. އަހަރެން ކުރާ މަސައްކަތް ފަރުޖާދަކަށް ނުކުރެވޭނެއެވެ.“

ޢާޞިފަށްޓަކައި އަހަރެން އެ މަސައްކަތް ކޮށްފާނަމެވެ.“ ފަރުޖާދު ހީލާފާ ޢާޞިފް އަތުގައި އަތުން ޖަހައިލިއެވެ. ”އެއިރުން ޢާޞިފްގެ ހާސްކަން ކުޑަވާނެއެވެ. އަހަރެން ވަޢުދުވަމެވެ. މާދަމާ އަހަރެން އަވަށަށް ދާނަމެވެ. ޢާޞިފް އަހަރެންނަށް އޮޅުންފިލުވަދޭށެވެ. ބަރާބަރަށް ހުރިހާ ކަމެއް ކޮށް ނިންމާލާނަމެވެ.“ ފަރުޖާދު ފުށްޓަތްކެއް ޖަހާލިއެވެ.

ޢާޞިފް ހާސްވިއެވެ. އޭނާއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. ނަމަވެސް ގުލްބާނޫގެ ވާހަކަ ފަރުޖާދަށް ކިޔައިދޭން އޭނާ ބޭނުންވިއެވެ. މަސައްކަތަކީ ހަމަ އެކަނި ބަހަނާއެއް ކަމާއި އަވަށަށް ދާން ބޭނުންވަނީ ގުލްބާނޫއާއި ބައްދަލުކުރަންކަން އޮޅުންފިލުވަދޭން ބޭނުންވިއެވެ. ގުލްބާނޫއަކީ އޭނާގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯތްބޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އޭނާއަކަށް އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ. އެވާހަކަ ބުނެފިއްޔާ ފަރުޖާދުގެ ހިތުގައި އޭނާއަށް އޮތް އިތުބާރުވެސް ކެނޑިދާނެއެވެ. ޢާޞިފް ވިސްނާލިއެވެ….. އޭނާ ހުރިހާ ވާހަކައެއް ފަރުޖާދަށް ކިޔައިދޭނެއެވެ. އެކަމަކު މިހާރަކު ނޫނެވެ. ވަގުތު ޖެހުނީމައެވެ.

ފަރުޖާދު އަނެއް ދުވަހުގެ ހެދުނު ހެދުނާ ދަނޑުވެރިންގެ އަވަށަށްދާން ތައްޔާރުވެގެން ފުރަތަމަ ހޮސްޕިޓަލަށް ދިޔައެވެ. ޢާޞިފް އޮތް އެނދުގެ ކައިރިން ގޮނޑިއެއް ދަމާލައިގެން އިށީނެވެ. ޖީބުން ކުޑަ ނޯޓުފޮތެއް ނަގާ ޚާއްޞަ ކަންތައްތައް ނޯޓް ކުރަން ތައްޔާރުވިއެވެ.

”އާނ! އަހަރެން ތައްޔާރެވެ. އެންމެ އަވަސްކުރަންޖެހޭ ކަމަކީ ކޮބައިހެއްޔެވެ؟“ ފަރުޖާދު ހީލިއެވެ. އެވަގުތު ޢާޞިފް މަޖުބޫރު މަކާއެކު އެނާއާ ދިމާއަށް ބަލައިލާފާ ވިސްނާލިއެވެ. ހުރިހާ ކަމެއްވެސް ފަރުޖާދަށް ކުރެވިދާނެއެވެ. އެކަމަކު ޤުލްބާނޫގެ ކަންތައް….. އެހާތަނަށް ޚިޔާލު މެދުކަނޑާލާފައި އަވަހަށް ގޮސް ކުރަންވީ ކަންތައް ފަރުޖާދަށް ކިޔައިދޭން ފަށައިފިއެވެ.

”އަޅުގަނޑު މިރޭ އައިސް ތަފްސީލު ރިޕޯޓު ކިޔައިދޭނަމެވެ. މަނިކުފާނު ހިތްޕުޅު ހަމަޖައްސަވައިގެން އަރާމު ކުރައްވާށެވެ.“ ފަރުޖާދު މިހެން ބުނަމުން ތެދުވިއެވެ. ”އަހަރެން ހުރިހާ ކަމެއްވެސް ކުރާނީ ޢާޞިފް ބުނާގޮތަށް ރަނގަޅަށެވެ. ބަރާބަރަށެވެ.“ ޢާޞިފާ ވަކިވުމުގެ ސަލާމް ކޮށްފައި ފަރުޖާދު ހިގައިގެންފިއެވެ.

”އިރާދަކުރެއްވިއްޔާ ފަރުޖާދަށް ހުރިހާ ކަމެއްވެސް ރަނގަޅަށް ކުރެވޭނެއެވެ.“ ޢާޞިފް މިހެން ބުނިއިރު އޭނާގެ އަދުގައި ހުރި ފޫހިކަން ފަރުޖާކަށް އިޙްސާސެއް ނުކުރެވުނެވެ.

”މިއީ ދާއިމީ ވަޒީފާއެއް ނޫނެވެ. ޢާޞިފް ގަދަވަންދެން ޢާޞިފްގެ ޒިއްމާތަކާއި އަހަރެން ޙަވާލުވީއެވެ. ވިސްނިއްޖެ ހެއްޔެވެ؟“ ފަރުޖާދު ހުއްޓިފައި ހިނިތުންވެލަމުން ބުންޏެވެ.

”އަވަށަށް ގޮސް އަހަރެންނަށް ވީހާ ރަނގަޅަކަށް މަސައްކަތް ކުރާނަމެވެ. އެކަމަކު އެއީ ހަމައެކަނި ޢާޞިފަށްޓަކައެވެ. ޢާޞިފް ގަދަވަންދެންނެވެ.“

”ޝުކުރިއްޔާއެވެ.“ ޢާޞިފް ބުނެލިއެވެ.

“ ޢާޞިފަށާއި ޢާޞިފްގެ މަސައްކަތަށް މަރްޙަބާއެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢާޞިފްގެ ޒަޚަމް ފަސޭހަވާނެއެވެ.“ ފަރުޖާދު ބުންޏެވެ.

”ތިޔަހެންވިއްޔާ ރަނގަޅަށް ފަސޭހަނުވަނީސް ފައިގެ ދުވަސް ދުއްވާލަން ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.

”ހޫނ!….“ ޢާޞިފް ދިގުކޮށް ހޫނ! އެއް އަޅުވާލާފައި ހިމޭން ވެއްޖެއެވެ.

”ދެންދަނީއެވެ. އިރާދަ ކުރެއްވިއްޔާ އިރުއޮއްސެންވާއިރަށް އަންނާނަމެވެ.“ ފަރުޖާދު މިހެން ބުނެފައި ދިއުމަށްޓަކާ އަނެއްކާވެސް އެނބުރިލިއެވެ. ”މިހާރުވެސް ހާދަ އަވިގަދައެވެ.“

”ރަނގަޅުވާނެއެވެ. މިއަދު ހޫނުވައިވެސް ޖެހޭނެއެވެ. މެންދުރު ވަގުތު ކަންތައް ހުންނާނެއެވެ.“ ޢާޞިފް ބުންޏެވެ.

ޢާޞިފަށްޓަކައި ތިޔަ ތަޖުރިބާވެސް ކޮށްލާނީއެވެ.“ ފަރުޖާދު ހީލިއެވެ.

ފަރުޖާދު ދިއުމުން ޤުލްބާނޫގެ ޚިޔާލުގެ ތެރެއަށް ޢާޞިފް ގެއްލުނެވެ….. ކަޅުވިލާގަނޑެއް ފަދަ އިސްތަށިގަނޑު ސިހުރު އެކުލެވިފައިވާ ބޮޑު ދެލޯ، މައު އޮފިކޮޅެއް ކަހަލަ ލުއި ލުއި ހަށިގަނޑު، ފިނިފެންމަލުގެ މީރުވަސް…. ޢާޞިފް ދެލޯ މަރާލާފައި މިކަންތައްތައް އިޙްސާސްކޮށްލިއެވެ…… ޤުލްބާނޫ ފަކީރު ހީކުރާނީ ކީކޭ ހެއްޔެވެ؟ އޭނާ ކިހާ ކަންބޮޑުވާނޭ ހެއްޔެވެ؟ ވެގެން އުޅޭ ގޮތެއް އޮޅުންފިލުވާލަން ކުޑަމިނުން މީހެއްގެ ގާތުގައި އަހާވެސް ނުލެވޭނެއެވެ. ކޮންފަދަ މަޖުބޫރު ކަމެއް ހެއްޔެވެ؟ އެހެން މީހުން ފަދައިން އޭނާގެ ޙާލު ދެކެލަން ޤުލްބާނޫއަށްވެސް އާދެވޭނެނަމައެވެ. ޢާޞިފް އަނެއްކާވެސް ބާރަށް ދެލޯ މަރާލާފައި ހިންދިރުވާލިއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.