ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 28

ސުލްޠާން އައްޔޫބީގެ އަސްވާރުންނަށް ދަތުރުކުރެވެން އޮތީ އަސްތަކުގެ ފިޔަވަޅުތައް ބަލައިގެން ކަމަށްވާތީ އެމީހުން ދަތުރަށް ފެށީ ފަތިސްވެ އަލިވީމައެވެ. ޞަލީބީންގެ ޖަމާއަތުގެ މީހުން އަންހެން ކުދިންގޮވައިގެން އެރޭގެ ރޭދެބައިވަންދެން ދަތުރުކޮށްފައި ކުޑައިރުކޮޅަކު އަރާމު ކޮށްލުމަށްޓަކައި މަޑުކޮށްލިއެވެ. ދެން އަނެއްކާވެސް ފަތިސްވެ އަލިވުމުގެ ކުރިން ދަތުރަށް ފަށައިފިއެވެ.

މެގުނާނާ މާރިއޯސް ކަންތައްކުރީ ވަރަށް ބުއްދިވެރި ގޮތަކަށެވެ. ސަވާރުކުރުމަށްޓަކައި އޭނާ ބޭނުން ކުރީ ޖަމަލެވެ. އަސްފަދައިން އިރުއިރުކޮޅާ އަރާމު ދިނުމަށާއި ކާންބޯންދިނުމަށް މަޑުކުރާކަށް ނުޖެހޭނެއެވެ. ވުމާއެކު އޭނާގެ ދަތުރު ވަރަށް އަވަސްކަމާއެކު ކަޑައްތުކުރެވެމުން ދިޔައެވެ.

އިރުއޮއްސެން ވަރަށް ކައިރިވެފާ ހުއްޓާ ސުލްޠާން އައްޔޫބީގެ އަސްވާރުންނަށް މުޅަމަސްތަކެއް ފެނިގެން އެތަނަށް އަސްތައް މަޑުކޮށްފިއެވެ. ޢަލީ ބިން ސުފިޔާންގެ ނާއިބަށް ބާލިޔާންގެ މަސްގަޑު ފެނިވަޑައިގަތުމާއެކު އެއީ ކާކުކަން އެގިވަޑައިގެންފިއެވެ. އެހަޑައާއި ހޯރަތައް ނޮޅައިގެން ކައިފާއޮތް ނަމަވެސް އޭނާގެ މޫނުއޮތީ ސަލާމަތުންނެވެ. އެހެން މީހުންގެ ހަށިތައްވެސް ހުރީ އެހަޑަތަކާއި ބާޒުތަކުގެ ވަކިތަކާއި ތުންގަޑުތަކުން ދަމައިގެން ނޮޅައިގެން ކައިފައެވެ. އެމުޅަ މަސްތަކާއި ބިމަށް އެމިފައިހުރި ލޭތަކުން ހާދިސާ ހިގިތާ އަދި އެހާގިނަ ދުވަހެއް ނުވާކަން އެގެއެވެ. އެއީ ބަޣާވާތުގައި ހިގި ހާދިޘާއެއްނަމަ އެތަނުގައި ހުންނާނީ އިންސާނީ ކަށިތަކެކެވެ. މަހާއި ލޭގެ ނިޝާންވެސް ނުހުންނާނެއެވެ. – ސުލްޠާން އައްޔޫބީގެ އަސްވާރުންނަށް އެކަންވީ އޮޅުން ބޮޅު އަރަތަކަށެވެ. – ނަމަވެސް ވަގުތު ނަގާލާކަށް މާގިނަ އިރަކު އެމީހުން ނުތިބެއެވެ. ކުރިން ދަތުރުކުރަމުންދާ އަސްތަކުގެ ފިޔަވަޅު ބަލައިގެން އެމީހުން ކުރިއަށްދާން ފަށައިފިއެވެ. ތަންކޮޅަކަށް ދިޔަތަނާ ޖަމަލުގެ ފިޔަވަޅުގެ ނިޝާންވެސް ފެންނަން ފަށައިފިއެވެ. މި ނިޝާންތައް ފެންނަންފެށީ ގާތްގަޑަކަށް ބައިމޭލު ހިސާބުންނެވެ. – އެދުވަހުގެ އިރު އޮއްސުމަކުންވެސް އެމީހުން ދަތުރު ހުއްޓައެއް ނުލައެވެ. އެއީ އޭރު އެމީހުން ދަތުރުކުރަމުން ދަނީ އަޑިގުޑަން ހިސާބުން ކަމަށްވާތީ އެމީހުން ދަތުރުކުރާމަގު ފިޔަވައި ކުރިއަށް ދާން އެހެން އެއްވެސް މަގެއް ނެތީމައެވެ. ކުރިން ދަތުރުކުރާ މީހުންވެސް ދާނީ ހަމައެމަގުންކަން ޔަގީން ވާތީއެވެ.

ތެދެކެވެ. ޞަލީބީންވެސް ރޫމްގެ ކަނޑާއި ދިމާއަށް ދަތުރު ކޮށްފައިދަނީ ހަމަ އެ މަގުންނެވެ. ފަރުބަދަތަކުގެ ތެރެއިން ހެދިފައިއޮތް ނިވާމަގު ހުރަސްކޮށްފައިގޮސް ދުރުދުރަށް ފެތުރިފައިއޮތް މައިދާނެއްގެ އަނގަމައްޗަށް ނިކުމެ ވުމާއެކު އެމީހުން ކުޑަކޮށް މަޑުކޮށްލައިފިއެވެ. އެއީ އެމީހުން ހޯދަން ބަޔަކު އަތުވެދާނެތީ އެކަން ޔަގީން ކުރުމުގެ ގޮތުން މަޑުކޮށްލި މަޑުކޮށްލުމެކެވެ.

ސުލްޠާން އައްޔޫބީގެ އަސްވާރުންގެ ދަތުރު ވަކި ހިސާބަކަށް ދިޔަތަނާ ވައި ރޯޅީގާ ތެތް ފިނިކަމެއް އުފެދި ކަނޑު ކައިރިވަމުންދާ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. އެކަމަކު އަދިވެސް ޞަލީބީންނެއް ނުފެނެއެވެ. އެކަމުގެ ފިކުރު ކުރަމުން އެމީހުން ދަތުރު ކުރަމުން ދަނިކޮށް މަގުގެ އެއް ފަރާތަކުން ބިންމަތީގައި ހުރި ކާތަކެއްޗާއި އަސްތަކެއް ބަދެފައިހުރި ކަމުގެ ނިޝާންތައް ފެނިއްޖެއެވެ. އެތަން ފެނުމުން ރޭގައި ކޮންމެވެސް ބަޔަކު އެތަނުގާ ފޭލިގެ ޖަހައިގެން ތިބިކަން އެމީހުންނަށް އެގިއްޖެއެވެ. ވުމާއެކު އެހިސާބުން އަނެއްކާވެސް އެއަސްތަކުގެ ފިޔަވަޅުތަކުގެ ނިޝާނަށް ބަލަމުން އައްޔޫބީގެ އަސްވާރުންވެސް ކުރިއަށް ދަތުރު ކުރަން ފަށައިފިއެވެ. އެދުވަހުގެ އިރުވެސް އެމީހުންނާ އެކުގައި ދަތުރުކުރަމުން ކުރުއަށްގޮސް އޭގެ މަންޒިލް މަގްސޫދު އަތުލައިފިއެވެ. – ރޭގަޑުގެ އަދިރިކަން ދުނިޔެ މައްޗަށް ވެރިވެ ތަރިތައް ފިޔަޖަހަން ފެށުމުން ދަތުރު ވެރިންވެސް އެމީހުންގެ އަސްތައް މަޑުކޮށް އެސޮރުމެންނަށް ކާނާއާއި ބޯފެންދީ ހިސާބަކަށް އަރާމނު ކޮށްލާނޭ ފުރުސަތު ދިނުމަށްފަހުގައި އަނެއްކާވެސް ދަތުރަށް ފަށައިފިއެވެ. – ތަންކޮޅަކަށް ދިޔަތަނާ ވައިރޯޅި ބާރުވެ ކަނޑުގެ ލޮނުގަޑުވަސް ދުވަން ފަށައިފިއެވެ. އައްސޭރީގެ ހިލަތައް ފެންނަން ފަށައިފިއެވެ. އެވަގުތު އެބައިމީހުންގެ އަސްތަކުގެ ދުވެލި ބާރުކޮށްލައިފިއެވެ. ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އައްސޭރި އަތުލައިފިއެވެ. އެ ހިސާބުން ސުލްޠާން އައްޔޫބީގެ އަސްވާރުން އަސްތައް މަޑުކޮށް ވަޑައިގެން ހޯދާ ބަލަން ފަށައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި ހިލަތަކުގެ މަތީގައި ތިބި ދެމީހުން ފެނިއްޖެއެވެ. އެދެމީހުން ތިބީ އަސްވާރުންނާއި ދިމާއަށް ބަލާށެވެ. ނަމަވެސް އެމީހުނާއި ދިމާއަށް އަސްވާރުން ބަލަން ފެށުމުން އޭގެ ދެމީހުންވެސް އަސް އަވަހަށް ހިލަތަކުގެ މަތިން ފައިބައިގެން އެފަރާތަށް ދުއްވައިގެންފިއެވެ. އަސްވާރުންވެސް އަސްތަކުގައި ފުންނާބުން ޖަހާ ކުރިއަށް ދުއްވާލައިފިއެވެ. ތަންކޮޅަކަށް ދިޔަތަނާ ކުރިއަށް ދިއުން ދަތިވެގެން އަސްތައް މަޑުކުރަން ޖެހިއްޖެއެވެ. ވީމާ އެހާތަނަށް އަސްތައް މަޑުކޮށްފައި ހިލަތަކުގެ މައްޗަށް އަރައިގެން އެފަރާތުގައި ބަޔަކު ތިބިތޯ ބެލުމަށް އޭގެތެރެއިން އެކަކު ފޮނުވައިފިއެވެ. އެމީހާ ދިޔަގޮތަށްގޮސް ބޮޑު ހިލަގަޑެއްގާ ބަނޑު އަޅުވައިގެން އަނެއްފަރާތަށް ގުދުވެ ބަލަން އޮވެފައި ކުއްލިއަކަށް އެބުރި ދެންތިބި އެކުވެރިންނަށް އަސްތަކުން ފައިބައިގެން އޭނާގެ ކައިރިއަށް އައުމަށް އަތުގެ އިޝާރާތުން އަންގަން ފަށައިފިއެވެ. – މި އިޝާރާތް ލިބުމާއެކު ހުރިހާ އެންމެން އެއްފަހަރާ އަސްތަކުން ފުންމާލައިގެން އެދިމާއަށް ދުއްވައިގެންފިއެވެ. ޢަލީ ބިން ސުފިޔާންގެ ނާއިބު އެންމެންގެ ކުރިއަށް ނިކުމެވަޑައިގެން ދުވެވަޑައިގަންނަވާ ހިލަގަޑުގެ މައްޗަށް އަރައިވަޑައިގެންފިއެވެ. ކުރީގެ މީހާ ފަދައިން އެމަނިކުފާނުވެސް ހިލަގަޑުގައި ބަޑުފުޅު އަޅުއްވާފައި ގުދުވެ ވަޑައިގެން އެފަރާތަށް ބައްލަވާލެއްވުމަށްފަހު ތެދުވެވަޑައިގެން ތިރިއަށް ފައިބާވަޑައި ގަންނަވާ ހުރިހާ އެކުވެރީން ބައިބައި ކޮށްލައްވާފާ އެކުދިމަދިމާއަށް ފޮނުވާލައްވައިފިއެވެ.

ހިލަތަކުގެ އެފަރާތުން އަސްތައް ގޮވާއަޑު އިވެން ފެށުމުން އެތަނުގައި ޞަލީބީން އެބަތިބިކަން ސުލްޠާން އައްޔޫބީގެ އަސްވާރުންނަށް އެގިއްޖެއެވެ. އެއީ ފަރުބަދަގަޑަކުން ހެދިފައިއޮތް ބަޑުދުއްރަގަޑެއްގެ ތެރޭގައި ޞަލީބީންގެ ނައު ރައްކައުތެރި ކަމާއެކު ނަގިލި ލާފައި އޮތްތަނެވެ. މިހާރު އެމީހުން އަސްތަކުން ފައިބައިގެން ނަވަށްއަރަން އުޅެނީއެވެ. މިގޮތުން އެންމެ ފުރަތަމަ އަންހެން ކުދިން ނަވަށް އެރުވުމަށްފަހު އަސްތައް ދޫކޮށްލާފާ ފިރިހެންވެރިން ނަމަވަށް އަރަން ތައްޔާރު ކޮށްލިތަނާ އެމީހުންގެ މައްޗަށް ލައިގެން މުސީބާތެއް ފަދައިން ތީރުތަކެއް އޮހެން ފަށައިފިއެވެ. – ތީރު އުކާމީހުންގެ މަޤްސަދަކީ ޞަލީބީން ދިރިތިއްބާ އަތުލައިގަތުމަށެވެ. – ވީމާ ތީރުވެރިން ސީދާ ޞަލީބުންގެ ހަށިތަކަށް އަމާޒު ކުރާކަށް ނޫޅެވެ. ނަމަވެސް ޞަލީބީންނަށް ލިބުނު ސިހުމުގައި އެގޮތް މިގޮތަށް ތެޅިފޮޅިގެންފައި ކަނޑުތެރެއަށް ފުންމަން ފެށުމުން އެފުންމިމީހުން ތީރުތަކަށް ހެރި މަރުވެގެން ދިޔައީއެވެ. – ނަވުގައި ތިބި މީހުން ނަވުގެ ނަގިލި ނަގައިގެން ފަލިޖަހާ ބޭރަށް ނެރެން ފަށައިފިއެވެ. ޢަލީ ބިން ސުފިޔާންގެ ނާއިބު ހަޅޭއްފުޅު ލައްވައިގެންފައި ނައު އައްސޭރިއަށް ގޮޑުކުރަން އެންގެވިއެވެ. އެހެން ނަމަވެސް އެމީހުން އެއަޑެއް ނާހައެވެ. ދެފަރާތުގެ ފަލިތައް ބާލާލާފައި ފަލިޖަހަމުން އައްސޭރިއާއި ދުރަށް ދާން ފަށައިފިއެވެ. – ވުމާއެކު ދެން އެހެން ގޮތެއް ނެތިގެން ސީދާނަވާއި އަމާޒުކޮށްފައި ތީރުއުކުމަށް ޢަލީ ބިން ސުފިޔާންގެ ނާއިބު އަމުރު ކުރައްވައިފިއެވެ. ދެން ވަޑިގޮތެއް ނުބަލާ އެމީހުން ތީރުތައް އުކައިގެންފިއެވެ. – އިސާހިތަކު ނުވުގައިތިބި އެންމެން މަރާ ހުސްކޮށްލައިފިއެވެ. ނައުގަޑު ދެއަތަކަށް ކިރެމުން އޮޔާދަމަމުން އައްސޭރިއަށް ގޮޑުވާންފަށައިފިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ރާޅާ ތަޅަމުން ނައުގަޑުއައިސް ގޮޑު ދޮށަށް ބީހިއްޖެއެވެ. ދެން ޢަލީ ބިން ސުފިޔާންގެ ނާއިބާއި އެމަނިކުފާނުގެ އެކުވެރިން ނަވަށް އަރާވަޑައިގެން ބެއްލެވިއިރު ފުރާނާހުރި ހަމަ އެންމެ މީހަކުވެސް ނަވުގައި ހުރި ކަމަކަށް ނުވިއެވެ. ހުރިހާ އަންހެން ކުދިންވެސް ތިބީ މަރުވެފައެވެ. ބައެއް މީހުންގެ ގަޔަށް ތިން ހަތަރު ތީރު ހެރިފައި ހުއްޓެވެ. ޞަލީބީ ކޮމާންޑޯ ޕާރޓީގެ ތެރެއިން ދިރިހުއްޓާ ހަމަ އެންމެ މީހަކުވެސް އަތުލައިނުގެންނެވުނަ ތީވެ ހިތާމަ ކުރައްވަމުން ކުރިންވެސް އޮތްތަނުގައި ނައު އަޅުއްވާފައި އެކުވެރިންނާއެކުގައި ދިފާއުގެ މަރުކަޒާއި ދިމާއަށް ޢަލީ ބިން ސުފިޔާންގެ ނާއިބު ދަތުރަށް ފައްޓަވައިފިއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.