މޫބީއޭ ކިޔާ ޞަލީބީ އަންހެން ކުއްޖާއާ އެކުގައި ބާލިޔާން ދަތުރު ކުރަމުން ވަރަށް ދުރަށް ހިގައްޖެއެވެ. އެމީހުން ދަތުރު ކުރަނީ އާމު މަގުތައް ދޫކޮށް މީހުން ނޫޅޭ ހިސާބުގެ މަގުތަކުންނެވެ. މިމަގު ތަކަކީ ބާލިޔާން ވަރަށް ރަގަޅަށް ދަންނަ މަގުތަކެކެވެ. ރޫމްގެ ކަނޑާއި ދިމާއަށް އެމީހުން ދަތުރު ކޮށްފާދާއިރު ސޫދާނީ ލަޝްކަރުގެ ކޮމާންޑަރުންނަށް ސުލްޠާން އައްޔޫބީ މާފު ދެއްވި ކަމެއް ބާލިޔާން އަކަށް ނޭގެއެވެ. އޭނާ އެގޮތަށް ފިލައިގެންދާ އެންމެބޮޑު ސަބަބަކީ ސުލްޠާން އައްޔޫބީގެ ކޯފާދެކެ ގަންނަބިރަކުންނެވެ. އަނެއް ސަބަބަކީ މޫބީފަދަ ރީތި އަންހެން ކުއްޖަކު ލިބުނީމައި ދޫކޮށްލަން ބޭނުން ނުވާކަމެވެ. – މޫބީއާއި ބައްދަލު ނުވާއިރު ދުނިޔޭގެ އެންމެ ރީތި ކުދިން ތިބެނީ ހަމައެކަނި މިސުރާއި ސޫދާނުގައި ކަމުގައި ބާލިޔާން ޔަގީން ކޮށްފައިވެއެވެ. ނަމަވެސް އިޓަލީގެ އެ ކާފިރު އަންހެން ކުއްޖާ ފެނުމުން އެއީ މުޅިން ކުށްހީއެއްކަން އޭނާއަށް އެގިއްޖެއެވެ. އެކުއްޖާގެ ރީތިކަން އޭނާ މުޅިން ކަނުކޮށްފިއެވެ. އެއަންހެން ކުއްޖާއަށްޓަކައި މަތިވެރި މަގާމާއި ތިމާގެ ދީނާއި ވަޒަން ދޫކޮށްލުމަށްވެސް ބާލިޔާން އެހުރީ ތައްޔާރު ވެގެންނެވެ. އެއަންހެން ކުއްޖާ އޭނާއާއި ގުޅުނު ބޭނުން ކެޑިގެން އޭނާގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރަމުން ދާކަމެއް އޭނާއަކަށް ނުވިސްނެއެވެ. ބާލިޔާންއަށް ނޭގުނު ނަމަވެސް މޫބީ ބޭނުން ކަނއްތައް މޫބީ ކޮށްނިންމައިފިއެވެ. އޭނާގެ އަބުރާއި އިއްޒަތް ގުރުބާން ކޮށްގެން އެ މަގްސަދު ފުރިހަމަ ކޮށްފިއެވެ. އޭނާގެ އުމުރައްވުރެ އެތަކެއް ގުނައަށް އުމުރުން ދުވަސްވެފައި ތިބި ފިރިހެނުންގެ އައްޔާޝީ ކަމުގެ ޒަރީއާއަށް ވެގެން އޭނާ އައިބޭނުން ފުއްދައިފިއެވެ.
ބާލިޔާންހުރީ އޭނާދެކެ މޫބީ އިންތިހާ ދަރަޖައަށް ލޯބިވާ ކަމުގައި ހީކޮށް އެކުށްހީގައި ބަނދެވި ނިމިފައެވެ. އެކަމަކު އޭނާދެކެ މޫބީ ނަފްރަތު ކުރެއެވެ. އެކަނިއިން އަންހެންކުއްޖަކަށްވާތީ ފިލައިގެން ނުދެވޭނޭކަން އެގޭތީ ބާލިޔާންއާއި އެކުގައި އުޅުމަށް އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. ރޫމްގެ ކަނޑު ހުރަސް ކޮށް ރޮބިންއާއި ހަމައަށް ދެވެންދެން ބާލިޔާންގެ ހިމާޔަތް އޭނާއަށް ނުލާހިކު ބޭނުމެވެ. – ތާޖަރުންގެ ހެދުން އަޅައިގެން އުޅުނު ރޮބިންއާއި، ރޮބިންގެ އެކުވެރީން ހައްޔަރު ކުރެވިފައި ތިބިކަމެއް މޫބީއަކަށް ނޭގެއެވެ. ބާލިޔާންގެ ކުޅޭ އެއްޗަކަށް ވެގެން އޭނާ އެއިންނަނީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. ދަތުރު އަވަސް ކުރުމަށާއި ތަންތަނަށް މަޑުކޮށްގެން ނުތިބުމަށް އެތަކެއް ފަހަރު ބާލިޔާންގެ ގާތުގައި އޭނާ ބުނެފިއެވެ. އެގޮތަށް މަޑުކޮށްގެން ތިއްބާ ސުލްޠާން އައްޔޫބީގެ ލަޝްކަރުގެ މީހަކަށް ފެނިއްޖެ ނަމަ ހިފާހައްޔަރު ކޮށްފާނޭކަމަށް ބުނެ ބާލިޔާންއަށް ވިސްނާދީދީ އޭނާ ވަރުބަލިވެއްޖެއެވެ. ނަމަވެސް ބާލިޔާން އެއަޑެއް ނާހައެވެ. – ރަގަޅު ހިޔާދޭ ޖާގައެއް ފެނިއްޖެނަމަ އެތަނަކަށް އޭނާ މަޑުކުރެއެވެ. – އޭނާ ގެނައި ރަލުގެ ޚަޒާނާއިން މަސްތުކަން ހޯދައެވެ.
އެންމެ ފަހުން ދަތުރު ދިގުވާން ފެށުމުން އެއްރެއަކު މޫބީ ގޮތެއް ވިސްނައިފިއެވެ. – އެރޭ އޭނާގެ އަމިއްލަ އަތުން ރާބޯންދީގެން ބާލިޔާންގެ ޚަބަރު ހުސްކޮށްލިއެވެ. – އޭރު އެމީހުނާ އެކުގައި އައި އަނެއް ހަތްމީހުން ތަންކޮޅެއް ދުރުގައި ނިދާފައި ތިއްބެވެ. – ބާލިޔާން ރަގަޅާށް ޚަބަރު ހުސްވެއްޖެކަން ޔަޤީންވުމާއެކު މޫބީ މަޑުމަޑުން ތެދުވެގެން ގޮސް އަނެއް ހަތްމީހުންގެ ކައިރިއަށް ހުއްޓިއްޖެއެވެ. އޭގެތެރެއިން އެންމެ ޒުވާން އެންމެ ރީތި މީހާއަށް ގޮވާ ހޭލައްވައިގެން އެހެން މީހުނާއި ދުރަށް ގެންގޮސްފިއެވެ.
”އަހަރެންނަކީ ކާކުކަން ކަލެއަށް ރަގަޅަށް އެގޭނެއެވެ. އަހަރެން އައި ތަނަކާއި އައި ބޭނުންވެސް އެގޭނެއެވެ. – ސުލްޠާން އައްޔޫބީ ފަދަ ބޭރު ޝަހަރެއްގެ ބޭފުޅަކަށް އަޅުވެތިވެގެން އުޅެންޖެހިފައި ވަނިކޮށް އެކަމުން ސަލާމަތް ކުރުމަށްޓަކައި އަހަރެން ކަލޭމެނަށް އެހީވީމެވެ. – ނަމަވެސް ކަލޭމެންގެ ކޮމާންޑަރ ބާލިޔާން އެހުރިހާ އިހްސާންތެރިކަމެއް ހަނދާން ނައްތާލާފައި އަހަރެންނާއި ކުޅެން ފަށައިފިއެވެ. ރާ ބޮއިގެން މަސްތުވެގެން އައިސް އަހަރެންގެ ހަށިގަނޑުން އުފާ ހޯދަންފަށައިފިއެވެ. ބުއްދިވެރިކަމާއި ރޭވުންތައް ރާވައިގެން ބަޣާވާތްކޮށް ފަތަހަ ހޯދުމުގެ ބަދަލުގައި އަހަރެންނަކީ އޭނާގެ ހަރަމްގެ ކަނީޒަކަށް ހަދައިގެން ދުނިޔަވީ އުފާތަކާއިގެން ތެޅިގެންފިއެވެ. – ހަރުދަނާ ގޮތެއްގައި ބަޣާވާތް ކުރުމުގެ ބަދަލުގައި އަވަސް އަރައިގަނެގެންގޮސް ތަނެއް ދޮރެއް ނުބަލާ ލަޝްކަރު ދެބައަށް ބަހާލައި، ފަރުވާކުޑަގޮތަކަށް ހަމަލާ ދީގެން ހަަމަ އެރޭމެ ކެލޭމެންގެ އެބޮޑު ލަޝްކަރު ބަރުބާދުކޮށްނިންމާލައިފިއެވެ. – ކަލޭމެން ބަލިވުމުގެ ޒިންމާދާރަކީ މިތަނުގައި ނިދާފައި އެއޮތް ކޮމާންޑަރއެވެ. މިހާރުވެސް އަހަރެމެންނާ އެކުގައި އޭނާއެދަނީ އަމިއްލަ އެދުމަށްޓަކައެވެ. – ހަމައެކަނި އަހަރެންގެ ބޭނުމުގައެވެ. – އޭނާ ގޮވައިގެން ކަނޑު ހުރަސްކޮށްފައިގޮސް އަހަރެމެންގެ ލަޝްކަރުން މަތީ މަޤާމް ހޯދާދިނުމަށާއި، އެއަށްފަހުގައި އޭނާއާއި ކައިވެނިކުރުމަށް އޭނާއެދެމުން އެބަދެއެވެ. އެކަމަކު އަހަރެން އޭނާއަކާ ކައިވެންޏެއް ނުކުރާނަމެވެ. އަހަރެމެންގެ ލަޝްކަރުން މަތީ މަޤާމް ހޯދައިދޭނީވެސް އަހަރެން ކައިވެނި ކުރާނީވެސް އަހަރެން ހިތްރުހޭ މީހަކާއެވެ. އެގޮތުން އެންމެ ބޮޑަށް އަހަރެންގެ ހިތްރުހޭ މީހަކީ ކަލެއެވެ. ކަލެއަކީ ޒުވާނެކެވެ. ހިތްވަރުގަދަ މީހެކެވެ. ބުއްދިވެރިއެކެވެ. ހަމަތެދެކެވެ. އެންމެ ފުރަތަމަ ކަލޭ ފެނުނު ވަގުތުން ފެށިގެން އަހަރެންގެ ހިތް ކަލެއަށް އެދެން ފަށައިފިއެވެ. ކަލޭދެކެ ލޯބިވާން ފަށައިފިއެވެ. އޭ! އަހަރެންގެ ލޯބިވެރިޔާއެވެ. އެއޮށް މުސްކުޅިމީހާގެ ކިބައިން އަހަރެން ސަލާމަތްކޮށްދޭށެވެ. އަހަރެންނަކީ ކަލޭގެ މިލްކެކެވެ. ހަމައެކަނި ކަލޭގެ މިލްކެކެވެ. އޮއޮތް މުސްކުޅިމީހާގެ ދުވަސް ދުއްވާލާފައި އަހަރެން ގޮވައިގެން ކަޑު ހުރަސްކޮށް ހިގާށެވެ. އޭރުން ލަޝްކަރުގެ މަތީ މަޤާމް ލިބޭނެއެވެ. މުދަލާއި ފައިސާ ކަލޭގެ ފައިތިލައިގެ ދަށަށް އޮހޭނެއެވެ. އެކަމަކު އެއޮއް މީހާ މަރާލުމަކީ އަހަރެން ކުރާ ޝަރުތެކެވެ. މިހާރު އޭނާ އޮތީ މަރުނިދިނިދާފައެވެ. އަވަހަށް ގޮސް އެމީހާ ގަތުލުކޮށްފާ އަހަރެން ގޮވައިގެން ހިގާށެވެ. ދެއަތް އެއްކޮށްލާފައި ސިފައިންގެ މީހާގެ ކަރަށް އަތްވައްޓާލަމުން އަންހެން ކުއްޖާ އެދެއްކިވާހަކަތަކުގެ އަސަރު ވަރަށް ފުރިހަމައަށް އެސިފައިންގެ މީހާއަށް ކޮށްފިއެވެ. – އިސާހިތަކު އެއަންހެން ކުއްޖާގެ ރީތިކަމުގެ ސިހުރުގައި އޭނާ ހައްޔަރު ވެއްޖެއެވެ. އެކުއްޖާ ގައިގާ އޮޅުލައި ގަނެ މެއާއި ކައިރި ކޮށްލަމުން ވަކި ގޮތެއް ނުބަލާ އެކުއްޖާގެ ގައިގާ ބޮސްދޭން ފަށައިފިއެވެ. – މޫބީ އަކީ ރީތީގެ ބޭނުންކޮށްގެން ސިހުރު ހަދަން ވަރަށް މޮޅު ކުއްޖެކެވެ. – މިފަހަރުވެސް އޭނާގެ މޮޅު ސިހުރު ބޭނުން ކުރިއެވެ. ސިފައިންގެ މީހާ ގާތްވެލުމުން އޭނާ ދުރަށް ޖެހިލިއެވެ. އެގޮތުން ސިފައިންގެ މީހާގެ ޝައުގުވެރިކަން އިތުރު ކުރުވިއެވެ. އެވަގުތު ސިފައިންގެ މީހާ ކެތްތެރިކަން ކުޑަ ހިތަކާއި އެކުގައި މޫބީގެ އުނަގަނޑުގައި ހިފަހަށްޓާ ގާތައް ދަމާލިއެވެ. ދެންހަމަ އެސިކުންތުގައި ސިފައިންގެ މީހާ ބުރި ކައްޓަށް ވަން ތީރެއް މޭފޫ އަޅުވާލާފައި ނިކުމެއްޖެއެވެ. ސިފައިންގެ މީހާގެ އަގައިން ފާޑެއްގެ އަޑެއް އިއްވުމާއި އެކު އަރި އަޅާލައިގެން ވެއްޓިއްޖެއެވެ.
”ހަރާމް ކޯރުމީހާއެވެ. ދިރިހުރުމުގެ ހައްގެއް ކަލެއަކަށް ނެތެވެ.“
”ކަލޭ އޭނާ ގަތުލު ކުރީއެވެ.“ މޫބީ މިހެން ބުނިތަނާ ކޮންމެވެސް މީހަކު އޭނާގެ ފަހަތުން އައިސް ނަގާ ކޮޑަށް ލައިގެން ބާލިޔާންގެ ކައިރިއަށް ގެން ގޮސްފިއެވެ. އަހަރެމެންނަކީ ބާލިޔާންގެ ރަހްމަތްތެރިންނެވެ. އަހަރެމެންގެ ދިރިތިބުންވަނީ ބާލިޔާން އާއެކުގައެވެ. އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު މަގުއޮޅުވާލާކަށް ކަލެއަކަށް ނުކެރޭނެއެވެ. މަގު އޮޅުނު މީހާއަށް ސަޒާލިބިއްޖެއެވެ.“
އެކަންތައްގަޑު ހިގަމުން ދިޔައިރުވެސް ބާލިޔާން އޮތީ ރަލުގެ މަސްތުގައި އަމަލުވެފައެވެ.
”ކަލޭމެންނަށް ތިޔަދެވޭތަނެއް ކަލޭމމެންނަށް އެގޭ ހެއްޔެވެ؟“ މޫބީ ސުވާލުކުރިއެވެ.
”އަހަރެމެން މިދަނީ ކަނޑަށްއެރި މަރުވާށެވެ.“ އޭގެ ތެރެއިން އެކަކު ޖަވާބު ދިނެވެ. ”ކަލެއަކީ އަހަރެމެންނާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. – ބާމިޔާން ދާ ކޮންމެ ތަނަކަށް އޭނާއާ އެކުގައި އަހަރެމެންވެސް ދާނަމެވެ.“ އެމީހުން މޫބީއާދިމާއަށް އެތިވަރު ގޮވަމުންގެންގޮސް ގަދަކަމުން ކަހަލަ ގޮތަކަށް ބާލިޔާންގެ ކައިރީގައި ބާއްވާފާ އެމީހުންވެސް އޮށޯވެއްޖެއެވެ.
އަނެއްދުވަހު ހެނދުނު ބާލިޔާން ހޭލައިގެން ތެދުވުމުން ރޭގައި ހިގި ކަންތައް އެމީހުން އޭނާއަށް އޮޅުންފިލުވައި ދިނެވެ. ނަމަވެސް އެވާހަކަތަކެއް އޭނާ ގަބޫލެއް ނުކުރެއެވެ. އޭނާ ގަބޫލުކުރީ މޫބީ ދެއްކި ވާހަކައެވެ.
”އޭނާ އަހަރެން މަރާލާނޭ ކަމަށް ބުނެ ބިރުދައްކައިގެން ގެންދިޔައީއެވެ.“ މޫބީ ދޮގު ހެދިއެވެ.
”އެއީ ދޮގެކެވެ. ތިޔަ މަކަރުވެރި އަންހެން ކުއްޖާ ދެއްކި ވާހަކަ އަހަރެމެން އަޑުއެހީމެވެ. އޭނާއަށް މަގު އޮޅުވާލީ މިހިރަ އަންހެނާއެވެ. އޭނާ ގެންދިޔައީ އަހަރެމެންގެ ކުރި މަތީގައެވެ.“
އަދިވެސް ބާލިޔާން އަކަށް ހަމަ ހޭވެރިކަމެއް ނުލިބެއެވެ. ރަލުގެ މަސްތާއި މޫބީގެ ރީތީގެ ސިހުރުގައި ޖެހި ހަފުސްވެފައި ހުރިވަރުން އޭނާއަކަށް ހެޔޮނުބައި ވަކިވާ ވަރެއް ނުވެއެވެ. އެހެންކަމުން އެކުވެރިން ދެއްކި އެއްވެސް ވާހަކައަކާ އޭނާ އަޅައެއް ނުލައެވެ.
ރޭގައިހިގި ހާދިސާއަށް ފަހުގައި އަމުދުން ބާލިޔާންމެންގެ އަތްދަށުން ސަލާމަތްވެގެން ނުދެވޭނޭކަން މިހާރު މޫބީއަށް އެގިއްޖެއެވެ. – ބާލިޔާންގެ އެކުވެރިންގެ ވަފާތެރިކަމާއި އެކަކު އަނެކަކަށް ގަތުލުކުރަން ޖެހުނަސް އެމީހުން ފަސްނުޖެހޭނޭކަން މޫބީއަށް ޔަގީންވެއްޖެއެވެ.
ޢަލީ ބިން ސުފިޔާން ބާލިޔާންމެންގެ ފަހަތުން މީހުން ނުފޮނުއްވެވީ ކީއްވެގެން ކަމެއް ނޭގެއެވެ. ބަޣާވާތުގެ ފަހުން ސިފައިންގެ އިންތިޒާމްތައް ހަމަޖެއްސެވުމަށްޓަކައި ސުލްޠާން އައްޔޫބީގެ އަރިއަހުގައި ޢަލީ ބިން ސުފިޔާންވެސް އަވަދިނެތި އުޅުއްވަމުން ގެންދަވައެވެ.