ހަތްވަނަ އަންހެން ކުއްޖާ ޞަލާޙުއްދީން އައްޔޫބީ ޤަތުލު ކުރަން އައި ހިދު
ސުލްޠާން އައްޔޫބީގެ ދައުރުގެ ލިއުންތެރިން ސައިފުﷲ އާއި ބެހޭ ގޮތުން މިދަންނަވާ އިބާރާތުން ލިއުއްވާފައިވެއެވެ. – ސުލްޠާން އައްޔޫބީއަށްޓަކައި ޤުރުބާންވި އެއްވެސް އިންސާނަކު ހުރިނަމަ އެމީހަކީ މިދެންނެވި ސައިފުﷲއެވެ. ސުލްޠާން އައްޔޫބީގެ އެންމެ ގާތް އެކުވެރިޔާ އަދި ސިއްރުވެރިޔާ ބަހާއުއްދީން ސައްދާދް އޭނާގެ ޑައެރީގައި ސައިފުﷲ އާއި ބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް ލިޔެފައިވެއެވެ. މިދެންނެވި ސައްދާދުގެ ޑައެރީ އަރަބި ބަހުން ލިޔެވި ރައްކާކުރެވިފާ އަދި އަދަށްވެސް އޮތްކަމުގައި ބުނެވެއެވެ. ސައިފުﷲގެ ނަން ޚާއްސަ ގޮތެއްގައި ތާރީޚްގައި ފާހަގަ ކުރެވިފައެއް ނުވެއެވެ. ސުލްޠާން އައްޔޫބީ އަވަހާރަވިފަހުން ސަތާރަ އަހަރުވަންދެން ސައިފުﷲ ދުނިޔޭގައި ހުރިކަމަށްވެއެވެ. އޭނާގެ އުމުރުގެ އެންމެ ފަހުގެ ސަތާރަ އަހަރު ވެއަތުކުރީ ސުލްޠާން އައްޔޫބީގެ މަހާނަފުޅު ބެލެހެއްޓުމުގައިކަން އެޒަމާނުގެ ލިޔުންތަކުން އެގެއެވެ. ސައިފުﷲ މަރުވުމުން ސުލްޠާން އައްޔޫބީގެ ޤަބުރުފުޅުގެ ކައިރީގައި ވަޅުލުމަށް އޭނާ ވަޞިއްޔަތް ކޮށްފައިވެއެވެ. ނަމަވެސް ސުލްޠާން އައްޔޫބީފަދަ ޤަދަރުވެރިއަކަށް ނުވާތީ އޭނާ ވަޅުލެވުނީ އާންމު ގަބުރުސްތާނުގައެވެ. އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް މިދެންނެވި ގަބުރުސްތާނުގެ މަތީގައި އިންސާނުން އާބާދުވެ ދިރިއުޅެން ފަށައިގަތުމާއެކު ގަބުރުސްތާންގެ ނަމާއި ނިޝާން ފުހެވިގެން ހިގައްޖެއެވެ.
ތާރީޚީ ހަމަތަކުގެ މަތިން ސައިފުﷲއަށް ދެވިފައިވަނީ ހަމައެކަނި ކަނޑުތައް ހުރަސްކޮށްފައި ސުލްޠާން އައްޔޫބީ ޤަތުލުކޮށްލަން އައި ކަމުގެ މުހިންމު ކަމެވެ. އޭރު އޭނާގެ ނަމަކީ މަގުނާނާ މާރިޔޯސްއެވެ. މިމީހާ އަހަނީ ހަމައެކަނި އިސްލާމުންގެ ނަމެވެ. އިސްލާމްދީނަކީ ކޮންކަހަލަ ދީނެއް ކަމެއް އޭނާއަކަށް އެގިފައެއް ނުވެއެވެ. ޞަލީބީންގެ ޕްރޮޕެގެންޑާ އާއި އެއްގޮތްވާ ގޮތުގެ މަތީން އިސްލާމުންނަކީ ނަފްރަތު ކުރުން ހައްގު ބައެއްކަމާއި އިސްލާމް ދީނަކީ ނަފްރަތު ކުރުން ހައްގު ދީނެއްކަމުގައި އެނާ ޔަޤީންކޮށްފައިވެއެވެ. އިސްލާމުންނަކީ އަންހެނުންނަށްޓަކައި ފިދާވެފައިތިބޭ ބައެއްކަމާއި އިންސާނުންގެ މަސް ކެއުމުގެ އާދަވެފައިތިބި ބައެއްކަމުގައިވެސް އޭނާއަށް ޔަގީން ވެފައިވެއެވެ. ކޮންމެއަކަސް މެގްނާނާ މާރިޔޯސްއަށް އިސްލާމުންގެ ނަންއިވުނަސް ނުރުހުމާއެކު ހުޅުގަޑެއް ޖަހައެވެ. މިދެންނެވި އިންސާނާ ބޮޑެތިކުށް ކުރުމުގައި މިސާލެއް ނެތްފަދަ މޮޅުމީހެއްގެ ގޮތުގައި ސުލްޠާން އައްޔޫބީގެ އަރިއަހަށް ދިޔައެވެ. އެފަރާތުން ހަގީގީ މެގްނާނާ މާރިޔޯސް ގަތުލުވެފައި އޭނާގެ މުޑުދާރު ވުޖޫދުން ސައިފުﷲ އުފަންވީއެވެ.
ގަތުލުކުރެވުނު، އަދި ގަތުލުގެ ހަމަލާ ދެވުނު އަސީރުންނާއި ރަސްރަސްކަލުން ގަތުލުކޮށްލުމަށްޓަކައި އެމަނިކުފާނުގެ އަހުލުވެރީން އެންމެގިނަ ފަހަރު މަސައްކަތް ކޮށްފައިވާ ބޭފުޅުންގެ ތެރެއިން ބޭފުޅެއްކަމުގައި ތާރީޚް ބުނެއެވެ. މި ދުޝްމަމުންނަށްވުރެ ބޮޑަށް އެމަނިކުފާނުގެ އަހުލުވެރީން އެމަނިކުފާނު ގަތުލު ކުރުމަށްޓަކައި މަސައްކަތް ކުރިއެވެ. އެންމެ ހިތާމަހުރި ކަމަކީ ސުލްޠާން އައްޔޫބީގެ ވާހަކައިގާ އީމާން ނުވާމީހުންގެ ވާހަކައާ އެކުއެކުގައި އީމާން ވެގެންތިބި މީހުންގެ ވާހަކަވެސް ލިޔަންޖެހޭކަމެވެ. އެދުވަސްވަރު ސުލްޠާން އައްޔޫބީ ވަރަށް ގިނައިން ވިދާޅުވެ އުޅުއްވި ބަސްފުޅެއް މިތަނުގައި ދަންނަވާލާނަމެވެ. ”ފަހަށްގޮސް ދުނިޔޭގައި އިސްލާމުން ތިބިނަމަވެސް އެބައިމީހުންގެ ކިބައިގާ އިސްލާމްކަން ހުންނާނީ ހަމައެކަނި ނަމަކަށެވެ. އެބައިމީހުންގެ އީމާންތެރިކަން ވިއްކާލައި، އެބައިމީހުންގެ މައްޗަށް ޞަލީބީން ވެރިކަން ހިންގާދުވަސް ވަރަށް އަވަހަށް އިސްލާމީ ތާރީޚް ދެކޭނެއެވެ.“
ޝައްކެއްނެތެވެ. މިހާރު އަޅުގަޑުމެންނަށް ފެންނަމުން މިދަނީ ސުލްޠާން އައްޔޫބީ އެވިދާޅުވި ދުވަސްތައް ކަމަށްވުމަކީ ދުރުކަމެއްނޫނެވެ. ސައިފުﷲގެ ވާހަކަ ފެށެނީ ސުލްޠާން އައްޔޫބީ ޞަލީބީންގެ ކަނޑުގެ ލަޝްކަރު ރޫމުގެ ކަނޑަށް ޣަރަޤު ކުރައްވާ އަލިފާނަށް ނަޒުރުކުރެއްވި ހިސާބުންނެވެ. ހަނގުރާމަ ނިމި ޞަލީބީންގެ ބައެއް ނައުފަހަރު ސަލާމަތްވެގެން އެނބުރި ދިއަފަހުން ކަނޑުވި މީހުންގެ ތެރެއިން ފުރާނައާއިގެން އެއްގަމަށް އަރާ ޞަލީބީން ހިފާ ހައްޔަރު ކުރެއްވުމަށްޓަކާ ސުލްޠާން އައްޔޫބީ އެމަނިކުފާނުގެ ލަޝްކަރާއިގެން ރޫމުގެ ކަނޑުގެ އައްސޭރީގައި ހުންނެވި ދުވަސްވަރު އަސީރުކުރެވުނު މީހުންގެ ތެރޭގައި ހިމެނުނު ހަތްއަންހެން ކުދީންގެ ވާހަކަ ވަރަށް ތަފްސީލުކޮށް މިފޮތުގެ ކުރީގެ ބައިގާ ލިޔެވިފައިވާނެއެވެ. އެދުވަސްވަރު ސޫދާނީ ލަޝްކަރު މިސުރު ފައިކުރި ބަޣާވާތް ސުލްޠާން އައްޔޫބީގެ ހިކްމަތުގެ އަލިން އޮއްބާލެއްވިއެވެ. އެހަނގުރާމައިގައި ސުލްޠާން ޒަކީގެ އެހީފުޅުވެސް ސުލްޠާން އައްޔޫބީއަށް ލިބިވަޑައިގެންނެވިއެވެ. ސުލްޠާން އައްޔޫބީ ހަނގުރާމައިގައި ބަޣާވާތުގެ ނުރައްކަލުން ސަލާމަތްވެވަޑައި ގެންނެވުމަށް ޞަލީބީން ކަނޑައަޅައިގެންތިބި އަޒުމް ފުނޑުފުނޑު ކޮށްލެއްވުމަށް ސުލްޠާން އައްޔޫބީ ރާއްވަވަން ފެއްޓެވިއެވެ.
ރޫމުގެ ކަނޑުގެ އެއްފަރާތުގައި ރޫމު ޝަހްރުގެ ކައިރީގައު ހުސްބައެއްގައި ޞަލީބީންގެ އިސްވެރީންގެ ކޮންފަރެންސްއެއް ހިންގަމުން ދިޔައެވެ. މިބޭބޭފުޅުންގެ ތެރޭގައި ޝާހް އޮގަސްޓް، ޝާހް ރޭމަންޑް، ޝީންޝާހް ލޫއީ ހަފުތަމްގެ އަޚް ރޮބަޓްވެސް ހިމެނިވަޑައިގަންނަވައެވެ. މިބޭބޭފުޅުންގެ ތެރޭގައި އެންމެ ގަދައަށް ކޯފާއިސް ކުރައްވާފައި އެންމެ ފޯރިއާއެކު ވާހަކަފުޅު ދެއްކެވި ބޭފުޅަކީ ސާޚް އެމްލަރކްއެވެ. އެއީ މިސްރާއި ހަމަލާ ދޭންދިޔަ ޞަލީބީ ލަޝްކަރުގެ ކޮމާންޑަރުކަން ކުރެއްވި ބޭފުޅާއެވެ. ނަމަވެސް ސުލްޠާން އައްޔޫބީ ލަޝްކަރާއިގެން ނިކުމެވަޑައިގެން ކުއްލިއަކަށް ދިމާވި ބޮޑު އާފާތެއްފަދައިން ޞަލީބީ ލަޝްކަރާއި ހަމަލާ ދެއްވައި އިސާހިތަކު އެމީހުން ބަލިކޮށްލެއްވީއެވެ. މިސުރުގެ ބިމުގައި އެއިން އެންމެ މީހެއްގެ ފައިތިލަވެސް ޖައްސާލިއަކަ ނުދެއްވިއެވެ. ހާލުގައި ޖެހިގެން އައްސޭރިއަށް އެރި މީހަކުނަމަ ސުލްޠާން އައްޔޫބީގެ އަމީރުންނަށް ހެއްދެވީއެވެ. ވުމާއެކު ޞަލީބީންގެ ކޮންފަރެންސްގައި ވާހަކަފުޅު ދެއްކެވިއިރު އެމްލަރކްގެ ދެތުންފަތްޕުޅު ތުރުތުރު އަޅައަޅައި ހުއްޓެވެ. އެމަނިކުފާނުގެ ލަޝްކަރު ރޫމްކަނޑަށް ޣަރަޤް ވެގެން ދިޔަތާ ފަނަރަވަނައަށް ވީ ދުވަހު އެމަނިކުފާނުގެ ނައު އިޓަލީގެ އައްސޭރިއަށް ގޮނޑުކޮށްފިއެވެ. ސުލްޠާން އައްޔޫބީގެ ލަޝްކަރުގެ ތީރުވެރިން އެމަނިކުފާނުގެ ނަވުގެ ވާވެލާވެލި އަންދާއަޅިއަށް ހަދާލިއެވެ. އެކަމަކު ނަސީބު ރަގަޅުކަމުން އެމަނިކުފާނުގެ ނަވުގެ މާލިމީންނާއި ފަޅުވެރިސިފައިން ނައު ސަލާމަތް ކޮށްގެން ވާވެލާވެއްޔާ ނުލައި ނައުއޮޔާ ލަމުން ދިޔައެވެ. މިދިޔަދިޔުމުގައި ވަރުގަދަ ތޫފާނެއްގައި ޖެހުނެވެ. އެމީހުން ފަދައިން ސަލާމަތް ވެގެން އައި އެހެންނައު ފަހަރު އެ ތޫފާނުގައި ޣަރަޤްވެގެން ދިޔައީއެވެ. ނަމަވެސް އެމްލާކްގެ ނައު ބޮޑު މުޢުޖިޒާތެއް ފަދައިން އެއްފަހަރު ގެނބުމުން އަނެއް ފަހަރު ހިކެމުންގޮސް އިޓަލީގެ އައްސޭރިއަށް ގޮނޑުކޮށްލިއެވެ. މިނައު ސަލާމަތްކޮށްގެން އިޓަލީގެ ގޮޑޮދޮށަށް ގެންދިޔުމުގައި ނަވުގެ މާލިމީންނާއި ފަޅުވެރީންގެ މޮޅުކަންވެސް ހިމެނެއެވެ. އެމީހުން ގަދަހިތްވަރާއެކު ފަލިޖަހައިގެން ނައު ކޮންޓްރޯލް ކުރިއެވެ. އެމްލާރކްގެ ނައު އިޓަލީގެ އައްސޭރިއަށް ގޮނޑުކޮށްލުމާ އެކުގައި ނަވުގެ މާލިމީންނާއި ފަޅުވެރީންނަށް އިނާމްތައް ދެއްވިއެވެ. އެދުވަހު އިޓަލީގެ އައްސޭރިއަށް ގޮނޑުކޮށްލިއިރު ޞަލީބީންގެ މަތީ ދަރަޖައިގެ ވެރީން އެމްލާކްގެ އިންތިޒާރުގައި އެތަނުގައި ތިއްބެވެ. އެހަނގުރާމައިގައި ޞަލީބީންނަށް ކެހިދިނީ ކާކުކަން އޮޅުން ފިލާތޯ މަސައްކަތް ކުރައްވަން އެބޭފުޅުން ބޭނުންފުޅުވެ ވަޑައިގަންނަވައެވެ. ސޫދާނީ ލަޝްކަރުގެ ވެރި ނާޖީގެ މައްޗަށްވެސް އެ މައްސަލާގައި ޝައްކު ކުރެވިދާނޭ ކަމުގައި އެބޭފުޅުން ވިސްނެވިއެވެ. މިސުރަށް ހަމަލާ ދިނުމަށްޓަކައި އެބޭފުޅުން ލަޝްކަރު ފޮނުއްވެވީ ނާޖީ ފޮނުއްވި ސިޓީއެއްގައި އެދިފައިވާ އެދުމެއްގެ މަތީންނެވެ. އެސިޓީ ނޫނަސް ދަފަހަރެއްގެ މަތީން ނާޖީ އެބާފުޅުންނަށް ސިޓީ ފޮނުވާފައިވެއެވެ. ވީމާ އެފަހަރު އެބޭފުޅުންނަށް އެފަދަ ބޮޑު ކެއްސެއް ލިބިވަޑައިގަތުމުން ކުރިން ނާޖީ ފޮނުވާފައި އޮތް ދެ ސިޓީގެ ލިޔުމާއި ފަހުން ފޮނުވި ސިޓީގެ ލިޔުން އެއްގޮތްތޯ އަޅާ ބެއްލެވިއެވެ. މި ބެއްލެވި ބެއްލެވުމަކުންވެސް އެ ސިޓީއާ ދޭތެރޭގައި ޝައްކު ކުރައްވާނޭ ޖާގައެއް ލިބިވަޑައެއް ނުގެންނެވިއެވެ. ސިޓީ ލިބިވަޑައިގަތުމާއެކު އެބޭފުޅުންވެސް އަވަހަށް ޤާހިރާއަށް ޖާސޫސުން ފޮނުއްވެވިއެވެ. ނަމަވެސް އެމީހުންގެ ފަހަތުންވެސް އެބޭފުޅުންނަކަށް ސާފު ޚަބަރެއް ލިބިވަޑައެއް ނުވެގެންނެވިއެވެ. ނާޖީގެ މަކަރުވެރި ރޭވުން ސުލްޠާން އައްޔޫބީއަށް އެގިވަޑައި ގަންނަވައިގެން ނާޖީއާއި ނާޖީގެ އެކުވެރިން ޤަތުލު ކުރައްވައި ސިއްރުވެރި ޤަބުރުސްތާނެއްގައި ވަޅުލެއްވެވިކަން އެމީހުންނަށް އޮޅުން ފިލުވައި ދެނޭ އެއްވެސް މީހަކު ނުވިއެވެ. މިސުރަށް ހަމަލާ ދިނުމަށްޓަކައި ލަޝްކަރު ފޮނުއްވައި ދެއްވުމަށް އެދި ޞަލީބީންގެ މަތީ ދަރަޖައިގެ ވެރީންނާއި ރަސްރަސްކަލުންނަށް ނާޖީ ފޮނުވި ސިޓީއަކީ ޚުދު ނާޖީ ލިޔެފައި އޮތް ސިޓީއެކެވެ. ސުލްޠާން އައްޔޫބީ ބަދަލު ކުރެއްވީ ހަމައެކަނި އޭގައިވާ ތާރީޚެވެ. ހަމަލާ ދިނުމަށް ކަޑައެޅިފައިވާ ތާރީޚެވެ. ވުމާއެކު އެސިޓީއަކީ ނާޖީ ލިޔެފައިވާ އެއްޗެއް ނޫންކަމަކަށް އެބޭފުޅުންގެ ހިތްޕުޅަކަށް ނާރައެވެ. ވީމާ އެބޭފުޅުންގެ ޖާސޫސޫންނަކަށްވެސް އެސިޓީއާބެހޭ އިތުރު މައުލޫމާތެއް ނޭގުނެވެ.
ކޮންފަރެންސް ކާމިޔާބެއް ނުވިއެވެ. އެއްވެސް ނަތީޖާއަކާ ހަމައަކަށް އެބޭފުޅުންގެ ވާހަކަފުޅެއް ނުދިޔައެވެ. އެމްލާރކްއަކަށް މާގިނަ ވާހަކައެއް ނުދެއްކެވުނެވެ. ބަލިވެވަޑައި ގަތުމުގެ ސަބަބުން އެމަނިކުފާނު އިންނެވީ ދެރަފުޅުވެފައެވެ. ވަރުފުޅުބަލިވެ ކޯފާއިސްވެފައެވެ. ކޮންމެއަކަސް މި ނާކާމިޔާބު ކޮންފަރެންސް އެންމެ ފަހުން އަނެއް ދުވަހަށްޓަކައި މެދުކަޑާލެވުނެވެ….. އެރޭގެ ރޭގަޑުގެ ވަގުތުގައި އެންމެބޭފުޅުން އެބޭފުޅުން ބަލިވެވަޑައިގެން ކަމުގެ ހިތާމަފުޅު ރަލުގެ ތެރެއަށް ޣަރަޤް ކުރައްވަމުން ގެންދެވިއެވެ. ރޭގަޑުގެ މެހެފިލްގައި އެންމެބޭފުޅުން ރާފޮދު ހިއްފަވަން ތިއްބަވަނިކޮށް އެތަނަށް ކޮންމެވެސް މީހަކުއައެވެ. ރޭމަންޑް ފިޔަވައި އެހެން އެއްވެސް ބޭފުޅަކަށް އެއީ ކާކުކަމެއް އެގިވަޑައެއް ނުގަންނަވައެވެ. މިދެންނެވި މީހާއަކީ ހަމަލާދިން ދުވަހުގެ ހަވީރު މިސުރުގެ އައްސޭރިއަށް ފޭބިމީހެކެވެ. ރޭމަންޑް ވަރަށް ބޮޑަށް އިތުބާރު ކުރައްވަވާ ޖާސޫސެކެވެ. ޞަލީބީންގެ ކަނޑުގެ ލަޝްކަރު ރޫމުގެ ކަނޑުގެ އައްސޭރިއަށް ގޮޑުކޮށްލީ މިދެންނެވި މީހާ އައްސޭރިއަށް ފޭބިތާ ދާދި ކުޑަ އިރުކޮޅެއްގެ ފަހުންނެވެ. ސުލްޠާން އައްޔޫބީގެ ކުޑަކުޑަ ލަޝްކަރު ދިން ހަމަލާއިން ޞަލީބީންގެ އެބޮޑު ލަޝްކަރު ހަލާކުވެގެން ދިޔައީ އޭނާގެ ކުރިމަތީގައެވެ. އޭނާ ބަލަހައްޓައިގެން ހުއްޓެވެ.
މިދެންނެވި ޖާސޫސު މިސްރުގެ އައްސޭރީގައި ހުރެގެން ވަރަށް ގިނަ މަޢުލޫމާތު ހާސިލް ކުރިއެވެ. އޭނާ އައުމުން ރޭމަންޑް ވަޑައިގެން އެހެން ބޭފުޅުންނަށް އޭނާ ތަޢާރަފްކޮށް އެރުވުމުން އެންމެ ބޭފުޅުން އަވަސް އަވަހަށް ވަޑައިގެން އޭނާ ވަށާލައިފިއެވެ. ޞަލީބީންގެ މަތީ ދަރަޖައިގެ ވެރިން ސުލްޠާން އައްޔޫބީ ޤަތުލުކޮށްލުމަށްޓަކައި ރޮބިން ނަމަކަށްކިޔާ ޖާސޫސީ މާހިރަކު ކަނޑުތައް ހުރަސްކޮށް މިސުރަށް ފޮނުއްވިކަމާއި ރޮބިންއާއި އެހީވާނޭ ފަސް ފިރިހެނުންނާއި ޒުވާން ލޫޅާފަތި ރީތި ހަތް އަންހެން ކުދިން ފޮނުއްވި ކަންވެސް އެމީހާއަށް އެގިފައިވާކަމަށް ބުންޏެވެ. ދެން މިދަންނަވާ ގޮތަށް އޭނާއަށް އެގިހުރި ކަންތައްތައް ތަފްސީލުކޮށް ކިޔައިދޭން ފެށިއެވެ. ”ޒަޚަމްވެފައިވާ މީހަކަށް ހެދިގެން ޒަޚްމީ އަސީރުންނާ އެކުގައި ޞަލާޙުއްދީން އައްޔޫބީގެ ކޭމްޕްއަށް ރޮބިން ދިޔައެވެ. އޭނާގެ ފަސް އެކުވެރިންވެސް ތާޖަރުންގެ ހެދުމުގައި އެތަނަށް ދިޔައެވެ. އޭގެތެރެއިން ކުރިސްޓޮފާރ ކިޔާމީހާ އައްޔޫބީގެ ގައިކޮޅަށް ދުނިޖެހިއެވެ! ނަމަވެސް ނަސީބު ދިމާކުރި ގޮތުން އެދުނި އަމާޒުނުވެ ދިޔައީއެވެ. އޭގެ ފަހުން ކްރިސްޓޮފަރގެ ފަސްއެކުވެރިން ހިފާ ހައްޔަރު ކުރެވި ހަތް އަންހެން ކުދިންވެސް އަތުލައި ގަނެވުނެވެ.“ ޖާސޫސު މީހާ ކަންތައްތައް އޮޅުން ފިލުވާފައިވަނީ ވަރަށް ރަގަޅަށެވެ. ”ސުލްޠާން އައްޔޫބީ ހަތް އަންހެންކުދީންނަށް ހިމާޔަތް ދެއްވާފައި ފަސް ފިރިހެނުން ދޫކޮށްލެއްވިއެވެ. ނަމަވެސް އައްޔޫބީގެ ޖާސޫސުންގެ ވެރިޔާ ޢަލީ ބިން ސުފިޔާން ކުއްލިއަކަށް އެތަނަށް ވަޑައިގެން އެންމެން ހައްޔަރު ކުރައްވައި އޭގެތެރެއިން އެކަކު ލައްވައި އެހެން މީހުންގެ ކުރިމަތީގައި ކުށަށް އިއުތިރާފު ކުރުވާފައި ދެންތިބި މީހުންގެ ކުރިމަތީގައި އެކަކު ޤަތުލު ކުރެއްވިއެވެ. އެއަށްފަހުގައި އެންމެންވެސް ކުށަށް އިއުތިރާފު ވިއެވެ.“ ޖާސޫސު މީހާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”އަޅުގަނޑަކީ ޑޮކްޓަރއެއް ކަމުގައި އައްޔޫބީގެ އަރިއަހުގައި ދެންނެވުމުން ޒަހްމީ އަސީރުންގެ ޒަޚަމްތަކުގައި ބޭސް އަޅައި ދިނުމުގެ ޑިއުޓީ އަޅުގަޑާއި ހަވާލު ކުރެއްވިއެވެ. ދެން އެތަނުގައި އެފަދަ މަސައްކަތުގައި އުޅެމުން ހޯދިހޯދުންތަކުން ސޫދާނީ ލަޝްކަރު ބަޣާވާތް ސުލްޠާން އައްޔޫބީ އޮއްބަވާ ލެއްވުމަށްފަހު ލަޝްކަރުގެ އޮފިސަރުންނާއި ލީޑަރުން ހައްޔަރު ކުރެއްވިކަން އަޅުގަނޑަށް އެގުނެވެ. – ރޮބިންއާއި އެނެއް ހަތަރު ފިރިހެނުންނާއި ހައަންހެން ކުދިން އައްޔޫބީގެ ޤައިދުގައި އެބަތިއްބެވެ. އައްސުލްޠާން އައްޔޫބީ އަދިވެސް ހުންނެވީ ރޫމްގެ ކަނޑުގެ އައްސޭރީގައި ކޭމްޕް ޖައްސަވައިގެންނެވެ.
އެމަނިކުފާނު އަސީރު ކުރެއްވި އެންމެންވެސް އެތަނުގައި އެބަތިއްބެވެ. އެތަނަށް ފޮނުއްވި އަންހެން ކުދީންގެ ތެރެއިން ހަތްވަނަ އަންހެން ކުއްޖާ ވީތަނެއް މިހާރަކު ނޭގެއެވެ. އެއީ އޭގެ ތެރެއިން އެންމެ ހުށިޔާރު އެންމެ ރީތި ކުއްޖާއެވެ. އޭނާގެ ނަމަކީ މޫބީނާއުރު ތަފާސްއެވެ. ހަމައެކަނި މޫބީވެސް ކިޔައެވެ. ސުލްޠާން އައްޔޫބީ މިހާރަކު ކޭމްޕްގައި ވަޑައިގެން ނުވެއެވެ. އެމަނިކުފާނުގެ ޖާސޫސް އަލީ ބިން ސުފިޔާންވެސް އެތާކު ނޫޅުއްވައެވެ. ލިބުނު ބޮޑު ފުރުސަތުގައި ނުހަނު އުދަގުލައިގެން އެތަނުން ފިލައިގެން އަޅުގަނޑު މިއައީއެވެ. ބާރަށް ދުވާ ކިޝްތީއެއް ލިބުނީ ވަރަށް މަތީ އުޖޫރަ އަކަށެވެ. ނަމަވެސް އަޅުގަނޑުމެންގެ އެކުވެރި ރޮބިންއާއި އޭނާއާއެކުގައި ދިޔަ އަންހެން މީހުންނާއި އަންހެން ކުދީންގެ ފުރާނަވަނީ ވަރަށް ބޮޑު ނުރައްކަލުގެ ތެރޭގައެވެ. ފިރިހެނުންނާއި ދޭތެރޭގައި ފިކުރު ބޮޑުކުރަން ނުޖެހުނު ނަމަވެސް އަންހެން ކުދީން ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. އެކުދީންނަކީ ހޮވައިގެން ނެގިފައިތިބި ރީތި ޒުވާން އެހާމެ ހުޝިޔާރު ތަޖުރިބާ ހުރި ކުދިބައެއްކަން ތިޔަބޭފުޅުންނަށްވެސް އެގިވަޑައިގަންނަވާނެއެވެ. އެފަދަ އަންހެން ކުދިޔަބަޔަކު އަތު ޖެހުނީމައި އެކުދީންނާއި ދޭތެރޭގައި މުސްލިމުން ކަންތައް ކުރާނޭގޮތް ތިޔަބޭފުޅުންނަކަށް އޮޅިވަޑައެއް ނުގަންނަވާނެއެވެ.“
”އެއަންހެން ކުދީން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން ގުރުބާން ވާން ޖެހޭނެވެ.“ ސާޙް އޮގަސްޓަސް ވިދާޅުވިއެވެ.
”އައްޔޫބީ އެ އަންހެން ކުދިން ޤަތުލު ނުކުރައްވާކަން އަޅުގަނޑަށް ޔަޤީން ކޮށްދެއްވަނިކޮށް ތިޔަވިދާޅުވާފަދަ ޤުރުބާނެއް ވުމަށް އަޅުގަނޑުވެސް މިހިރީ ތައްޔާރުގައެވެ.“ ރޭމަންޑް ދެންނެވިއެވެ. ”ނަމަވެސް އެހެނެއް ނުވާނެއެވެ. އެކުދިން ޤަތުލެއް ނުކުރައްވާނެއެވެ. އެއަންހެން ކުދީންނާއި ދޭތެރޭގައި އެބައިމީހުން ވަހުޝީ އަމަލުތައް ކުރާނެއެވެ. އެކަމާ ހިތާމައިން އެތަނަށް ފޮނުވިއަތީވެ އެކުދިން އަޅުގަނޑުމެނަށް ލައުނަތް ދޭނެއެވެ. ކުރާނޭ ކަމެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް އެކުދިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުމަށް އަޅުގަނޑުވެސް މިހިރީ ތައްޔާރުގައެވެ.“
”މިދަންނަވަނީވެސް ވެދާނޭ ގޮތެކެވެ.“ ރޮބަޓް ދެންނެވިއެވެ. ”އެކުދީންނާއި ދޭތެރޭގައި އޯގާތެރިކޮށް ހިތްތަވައިގެން އަޅުގަނޑުމެންނާއި ދެކޮޅަށް ޖާސޫސު ކުރުވުމަށްވެސް އެކުދިން ބޭނުން ކުރައްވަފާނޭއެވެ. ކޮންމެއަކަސް އަޅުގަޑުމެންގެ ޚަޒާނާތަކުގެ ދެބައިކުޅައެއްބައި ޚަރަދުކޮށްގެންވެސް އެކުދިން ސަލާމަތް ކުރަން މަސައްކަތް ކުރުމަކީ މިހާރު އަޅުގަޑުމެން އަދާކުރަން ޖެހިފައިވާ އެންމެ އިސް ވާޖިބެވެ.“
”އެކުދިން ސަލާމަތް ކުރުން އެހާ މުހިއްމު ކަމަކަށްވީ އެއީ ހަމައެކަނި އަންހެން ކުދިންނަށް ވީތީއެއްނޫނެވެ.“ ފަހުން އައި ޖާސޫސުމީހާ ދެންނެވިއެވެ. ”އެކުދިންނަކީ ތަރުބިއްޔަތު ދެވިފައިވާ މޮޅު ކުދިބައެކެވެ. އެފަދަ ނުރައްކާތެރި ކަމެއްގައި ބޭނުންކުރުމަށްޓަކާ އެކަހަލަ ޤާބިލް ކުދިން ކޮޅެއް އަޅުގަޑުމެން ހޯދާނީ ކޮންގޮތަކުންތޯއެވެ. ކޮންމެ ކޮންމެ އަންހެން ކުއްޖަކު އެފަދަ ކަމަކަށްޓަކައި ތިޔަބޭފުޅުންނަކަށް ތައްޔާރެއް ނުކުރެއްވޭނެއެވެ. ތަނެއްގައި ކުއްޖަކު އިނޭ ކިޔައިފައި އަމިއްލައަށް ގޮސް ދުޝްމަނުންނާއި ހަވާލުވެގަންނާކަށް ނުކެރޭނެއެވެ… ދުޝްމަނުންގެ ވަހުޝީ ޢަމަލުތައް ޒީނަތްތެރި ކޮށްދޭ ގަހަނާ ތަކަކަށް ވުމުގެ ހިތްވަރެއް ނުހުންނާނެއެވެ. ޖާސޫސުކޮށް ޚަބަރުތައް ގެނެސްދިނުމުގެ ކުޅަދާނަކަމެއް ނުހުންނާނެއެވެ. އެކުދިން ހަވާލުވެގެން އެދިޔަ ކަންތަކުގައި އެންމެ ފުރަތަމަ އަބުރާ ޢިއްޒަތް ޤުރުބާން ކޮށްލަން ޖެހެއެވެ. – ނުރައްކަލެއް އަތުވެދާނެތީ އަބަދުވެސް ތައްޔާރު ވެގެން ތިބެންޖެހޭނެއެވެ. އެފަދަ ކުދިންނަކީ ޖާސޫސުންކަން ދުޝްމަނުންނަށް އެގިއްޖެނަމަ ނުކުޅަދާނަ އަނިޔާތައް ކުރާނެއެވެ. – އެންމެ ފަހުން މަރާވެސް ލާނެއެވެ….. މިހާރު ސުލްޠާން އައްޔޫބީގެ ކޭމްޕުގައި އެތިބަ އަންހެންކުދިންނަކީ ގިނަގުނަ ޖަވާހިރާއި ރަންރިހިދީފައި އަޅުގަޑުމެން ހާސިލްކޮށް ތަރުބިއްޔަތު ކޮށްފައި ތިބި ކުދިންބައެކެވެ. – އަރަބި ބަހާއި މިސުރުގެ ބަސް އެކުދިންނަށް ދަސްކޮށްދީފައި އެތިބީ ނުހަނު އުދަގުލާއި މަސައްކަތުންނެވެ. ވީމާ އެފަދަ ޤާބިލް ހަތް އަންހެން ކުދިން އެއްފަހަރާ ނަގާލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.“
”އެ އަންހެން ކުދިން ސުލްޠާން އައްޔޫބީގެ ކޭމްޕުން ބޭރަށް ގެންދެވިއްޖެ ކަމުގައި ޔަގީން ކަމާއެކު ކަލެއަށް ބުނެވިދާނެ ހެއްޔެވެ؟“ ޝާހް އޮގަސްޓަސް ސުވާލު ކުރެއްވިއެވެ.
”މާރަގަޅަކަށް ނޭގެއެވެ.“ ޖާސޫސްމީހާ ދެންނެވިއެވެ. ”ކޭމްޕުގައި ތިއްބަސް އެކުދިން އަތުލައިގަތުމަށްޓަކާ ހަށިގަޑުގައި ބާރުހުރި ހަރުދަނާ ބަޔަކު ބޭނުންވާނެއެވެ. ފަހަރެއްގައި މިކަން ލަސްކުރައްވައިފިނަމަ ދެދުވަހެއްގެ ތެރޭގައި ރޮބިން އާއި ދެންތިބި ހަތަރު ފިރިހެނުންނާ އަންހެން ކުދިން ޤާހިރާއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. އޭރުން އެބައިމީހުން ސަލާމަތް ކުރުންވާނީ ވަރަށް އުދަގޫ ކަމަކަށެވެ. – ވަގުތު ނަގާނުލައްވާ އަޅުގަޑުމެން މަސައްކަތް ފަށައިފިނަމަ ކޭމްޕާއި ހަމައިން އެކުދިން އަތުލައި ގަނެވުމަކީ އެކަށީގެންވާ ކަމެކެވެ. – މަނިކުފާނު އަޅުގަޑަށް ވިހި މީހުން ދެއްވާށެވެ. އޭރުން އަޅުގަޑު އެ މީހުންނަށް މަގު ދައްކަފާނަމެވެ. – މިދަންނަވާ މީހުންނަކީ މަރުދެކެ ބިރުގަންނަ ބައަކަށް ވެގެން ނުވާނެއެވެ.“
”ކިތަންމެ ބޮޑު އަގު ދީގެން ނަމަވެސް އެކުދިން އަބުރާ ގެންނަން އަޅުގަޑުމެންނަށް ޖެހޭނެއެވެ. މިސުރު ފަތަހަކުރި ކަމުގެ ޝަރަފުވެރި ނަން ހޯއްދެވުމުގެ ގަސްދުގައި ޞަލީބީންގެ ކަނޑުގެ ލަޝްކަރުގެ ސުޕްރީމް ކޮމާންޑަރެއްގެ ގޮތުން ވަޑައިގެންނެވި ޝާހް އެމަލާރކް ކޯފާ އިސްކުރައްވައި އަޑުގެ ކޮޅަށް ގޮވާލެއްވިއެވެ. އެމަނިކުފާނު އެތަނުގައި ކިތަންމެ އަޑުގަދަ ކުރެއްވިޔަސް ޞުލްޠާން އައްޔޫބީ އެމަނިކުފާނުގެ އުއްމީދުތައް ފުޑުފުޑު ކޮށްލެއްވިއެވެ. އެންމެ ކުޑަމިނުން މިސުރުގެ އައްސޭރިއާއި ހަމައަށްވެސް ވަޑައިގަންނަވާނޭ ފުރުސަތެއްވެސް އެމަނިކުފާނަކަށް ލިބިވަޑައި ނުގެންނެވިއެވެ. – އެކަމާ ކޯފާ އިސްވެފައި ހުންނެވި ވަރުން އެމަނިކުފާނު ދައްކަވާ ވާހަކަފުޅު އެހެން މީހަކަށް އެގޭ ވަރެއް ނުވެއެވެ. މޭޒުމަތީގައި ގޮއްމުށުން ޖައްސަވަމުން ކަރުފުޅުން ނާރު ނަންގަވަމުން އެމަނިކުފަނުގެ ދުޝްމަނުކަމުގެ ޖޯޝް ފައުޅު ކުރައްވަމުން ގެންދަވައެވެ. ”އަންހެން ކުދިންވެސް އަޅުގަޑު ގެންނާނަމަވެ. ސުލްޠާން އައްޔޫބީވެސް ގަތުލު ކުރާނަމެވެ. – އަދި ހަމަ އެއަންހެން ކުދިން ބޭނުންކޮށްގެން އިސްލާމީ ވެރިކަން ބިންގަލުން ލުހެ އެއްލާނަމެވެ.“
”ޝާހް އެމްލާކްއެވެ. މަނިކުފާނު ތިޔަދެއްކި ވާހަކަފުޅަށް ހިތުގެ އަޑިން އަޅުގަޑު ތާއީދު ކުރަމެވެ.“ ރޭމްންޑު ވިދާޅުވިއެވެ. ”ތަރުބިއްޔަތު ދެވިފައިވާ އަންހެން ކުދިންތަކެއް އެހާ ފަސޭހައިން އަޅުގަޑުމެން ނަގާލައިގެން ނުވާނެއެވެ. އާދޭހެވެ. ނަގައެއްނުލާނަމެވެ. ޝާމް ކަރައިގެ ހަރަމްތަކުގެ ތެރެއަށް ފޮނުވައިފައިވަނީ ކިތައް އަންހެން ކުދިންކަން ތިޔަ އެންމެ ބޭފުޅުންނަށްވެސް ރަގަޅަށް އެގިވަޑައި ގަންނަވާނެއެވެ. މުސްލިމުންގެ އެތަކެއް ގަވަރްނަރުންނާއި އަމީރުން އަންހެންކުދިންގެ ކުޅޭ އެއްޗެތި ތަކަކަށް ހަދާފައި ވާކަން އެގިވަޑައިގަންނަވާނެއެވެ. އަންހެންކުދިން މެދުވެރިކޮށްގެން ބަޤްދާދުގެ އަމީރުން ލައްވާ އެބޭފުޅުން އިތުބާރު ކުރައްވާ އެތަކެއް އޮފިސަރުން ޤަތުލު ކުރައްވާފައިވާ ކަންވެސް އެގިވަޑައިގަންނަވާނެއެވެ. – ސަލީބުންނާއި ދެކޮޅަށް އަޑުއުފުލައިފި ކޮންމެ މީހަކުވެސް މިދެންނެވި ގޮތަށް ޤަތުލު ކުރުވައެވެ. އަންހެނުންނާއި ރަލުގެ ބާރުގައި މުސްލިމުންގެ ވެރިކަން ތިންބަޔަށް ބައިކުރުވީއެވެ. އެބޭފުޅުންގެ ތެރެއިން އެކުވެރިކަން ނައްތައިލީއެވެ. ކުޅިވަރާއި މަޖަލުގެ ތެރެއަށް އެބޭފުޅުން ޣަރަޤް ކުރުވީމެވެ. ނަމަވެސް ކަނޑައެޅިގެން އަޅުގަނޑުމެންނަށް ގެއްލުމެއް ދެއްވަފާނޭ ދެބޭފުޅަކު އަދިވެސް އެބަތިއްބެވިއެވެ. އެބޭފުޅުން ދުނިޔޭގައި ތިއްބެވުމަކީ އަޅުގަނޑުމެންނަށްޓަކައި ނުރައްކަލުން ފުރިފައިވާ ކަމެކެވެ. އެއީ ނޫރުއްދީން ޒަކީ އާއި ޞަލާޙުއްދީން އައްޔޫބީއެވެ. މީގެ ތެރެއިން އެންމެ ބޭފުޅަކުވެސް މާގިނަ ދުވަހު ދުނިޔޭގައި ހުންނަވައިފިނަމަ އިސްލާމުންގެ ނަން ދުނިޔެއިން ފުހެލުމަކީ އަޅުގަނޑުމެނަށް މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ސޫދާނީ ލަޝްކަރު ކުރި ބަޣާވާތް އޮއްބަވާލެއްވި ބޭފުޅަކީ ޞަލާޙުއްދީން އައްޔޫބީ ކަމުގައިވާނަމަ، އަޅުގަނޑުމެން މިހީކުރާ ވަރަށްވުރެވެސް އެމަނިކުފާނު ނުރައްކުއުތެރިއެވެ. ވުމާއެކު އަޅުގަނޑުމެން ހަގުރާމައިގެ މައިދާނުން އެއްކިބާވެގެން ތިބެ ކޮންމެވެސް އެހެން މަގެއް ހޯދަން ޖެހިއްޖެއެވެ. އެގޮތުން މުސްލިމުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ހަމަނުޖެހުން އުފެއްދުމަށްޓަކައި އޭގެހަތް އަންހެންކުދީން ސަލާމަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.“
”އަޅުގަނޑުމެންގެ ތަޖުރިބާތަކުގެ ތެރޭގައި ބޭނުންހިފަން ވެއްޖެއެވެ.“ ލުއީ ހަފްތަމްގެ އަޚް ރޮބަޓް ވިދާޅުވިއެވެ. މުސްލިމުންގެ ކިބައިގައި ހުންނަ އުނިސިފަތަކުން އަޅުގަނޑުމެން ފައިދާނަގަން ވެއްޖެއެވެ. އަންހެނުންނާއި ރަލާއި، މުދަލުގެ ދަހިވެތިކަން އެބައިމީހުންގެ ހިތްތަކަށް ވައުދުވަނިކޮށް އެބައި މީހުންގެ ޟަމީރުގެ ލޯތައް އަދިރި ވެދާނެއެވެ. އެބައިމީހުން މަރާ ހުސްކުރުމަށް އޮތް އެންމެ މޮޅުގޮތަކީ އެބައިމީހުންގެ އެއްބައެއްގެ އަތުން އަނެއްބަޔަކު މެރުމެވެ. – އެބައިމީހުންގެ ސިކުޑީގެ ޢައްޔާޝީކަން ފުރިހަމަ ކުރުމުގެ މަގުތައް ތަނަވަސް ކޮށްދެނިކޮށް އެބައިމީހުންގެ ދީނުން އަތްދޮވެލަފާނެއެވެ. އެކުވެރީންނޭވެ. – މުސްލިމުންގެ އީމާންތެރިކަން ވަރަށް ފަސޭހައިން ތިޔަބޭފުޅުންނަށް ބައްލަވައި ގަނެވިދާނެއެވެ.“ މިހިސާބުން ރޮބަޓްގެ ވާހަކަފުޅު ހުއްޓަވާލައްވާފައި ޞަލީބުންގެ މަކަރުވެރި ކަމުން އަންހެނުންނާއި ރަލާއި މުދަލުގެ ދަހިވެތި ކަމުގައި ޖައްސާ ރަހްމަތްތެރީން ކަމުގައި ހެދިގެން މަގުފުރެއްދި އަރަބީންގެ އަމީރުންނާއި ވަޒީރުންގެ މިސާލުތައް ދެއްކެވިއެވެ.
އެންމެ ބޭފުޅުންގެ މިސާލުފުޅުތައް ފައުޅުކުރައްވައި ނިމިގެން ކުޑަ އިރުކޮޅެއް ވަންދެން މުސްލިމުންގެ ކިބައިގައި ހުންނަ އުނި ސިފަތަކާއި ދޭތެރޭގައި ވާހަކަފުޅު ދެއްކެވިއެވެ. ދެން އެއްކަލަ އަންހެން ކުދީން މިނިވަން ކުރެއްވުމުގެ އަމަލީ ބަޔާއި ދޭތެރޭގައި ވިސްނަވަން ފެއްޓެވިއެވެ. އެންމެފަހުން އެކަމަށްޓަކައި ވިހި މީހުން ފުރުވާލެއްވުމަށް އެއްބަސްވެވަޑައިގެން ހައެއްކަ ކޮމާންޑަރުން ގެންނަވާ އެމީހުންނަށް އަސްލު މަގްސަދު އޮޅުން ފިލުވައި ދެއްވާފައި އަނެއް ދުވަހުގެ އިރުއޮއްސުމުގެ ކުރިން ފުރުވާލަން އިތުބާރު ހުރި ހިތްވަރުގަދަ ވިހިމީހުން ހޮވުމަށް އަމުރު ކުރެއްވިއެވެ. އެވަގުތު ކޮމާންޑަރުންވެސް ކަމުގެ ނުރައްކައުތެރިކަމާއި ބެހޭގޮތުން އެމީހުންނަށް ފެންނަ އެއްޗެއް އިސްބޭފުޅުންގެ އައިއަހުގައި ދެންނެވިއެވެ.
”މާ ކުރިއްސުރެވެސް ތިޔަވިދާޅުވާ ކަހަލަ ބަޔަކު އަޅުގަނޑުމެން ތައްޔާރުކުރަމުން އެބަގެންދަމެވެ. – މުސްލިމުންގެ ކޭމްޕްތަކަށް ގޮސް އެބައިމީހުން ރޭގަޑު ނިދާފައިތިބޭ މީހުން ރައްކައުތެރި ކުރަން ފޯރިއަށް ތިބޭ ސިފައިންނަށް އުދަގޫ ކޮށްހަދާނޭ އެކަށީގެންވާ ބަޔަކު ތަމްރީނު ކުރަމުން އެބަގެންދަމެވެ.“ އޭގެތެރެއިން ކޮމާންޑަރަކު ދެންނެވިއެވެ. ”އެންމެ ރަގަޅެވެ. އެކަމަކު މިބުނާމީހުންނަކީ ސަތޭކައިން ސަތޭކައަށް އިތުބާރު ކުރެވޭ މީހުން ކަމުގައި ވާންވާނެއެވެ.“ ސާޙް އޮގަސްޓަސް ވިދާޅުވިއެވެ.
”އެމީހުން މިކަންތައް ކުރަން ޖެހޭނީ ކަލޭމެންނާއި އަހަރެމެންގެ ލޮލަށް ނުފެންނަ ހިސާބުގައި ތިބެގެންނެވެ. ގޮތެއްގޮތެއް ނުބަލާ ތާކުތިބި މީހުންތަކެއް ފޮނުވައިފިނަމަ އެއްވެސް ކަމެއް ނުކޮށް މަޖަލުގައި ދެއަތް އުރާލައިގެން ތިބެފައި އެނބުރިއައިސް ތިމަންމެން މިއައީ ވަރަށް ގިނަ ކަންތައްތައް ކޮށްފައޭ ބުނުމަކީވެސް އެކަށީގެންވާ ކެމެކެވެ.“
”މަނިކުފާނު ހައިރާންފުޅުވެވަޑައި ގަންނަވާ ކަހަލަ ވާހަކައެއް ދަންނަވާލާފާނަމެވެ.“ އޭގެ ތެރެއިން ކޮމާންޑަރަކު ދެންނެވިއެވެ. ”ޖަލުން ހޮވާ ލެވިފައިވާ ބަޔަކުވެސް އަޅުގަނޑުމެންގެ ލަޝްކަރުގައި ތިބޭނެއެވެ. އޭގެތެރޭގައި ޑާކޫންނާއި، ވައްކަން ކުރާ ވަގުންނާއި، މަގުފޭރޭ މީހުން ވެސް ހިމެނެއެވެ. އެއީ ބޮޑެތި ބޮޑެތި އަދަބުތަކުގައި ތިބި މީހުންނެވެ. މަރުވެއްޖައުމަށް ދާންދެން ޖަލުގައި ތިބެންޖެހޭ ބައެކެވެ. އަޅުގަނޑުމެން ޖަލަށްގޮސް ވާހަކަ ދައްކައިލުމުން އެމީހުންގެ ގާތަށް ފޯރީއައިސްގެން ސިފައިންގެ ތެރެއަށް ވަނީއެވެ. އަޅުގަނޑުމެން ބަލިވި ހަނގުރާމައިގާވެސް އެމީހުން ހިތްވަރާއި ފަންވަރުން އަޅުގަނޑުމެންގެ އެތަކެއްނައު ސަލާމަތްކޮށްގެން ގެނައި ގޮތުގެ ވާހަކަ އިވި ވަޑައިގަތަސް ތިޔަބޭފުޅުން ހައިރާން ފުޅުވެވަޑައިގަންނަވާނޭ ކަންނޭގެއެވެ…… ތިޔަ ވިދާޅުވާ އަންހެން ކުދީން ސަލާމަތް ކުރުމުގެ ހަނގުރާމައިގައި ބައިވެރިކުރަން މި ދަންނަވާ ކަހަލަ ތިންމީހުން އަޅުގަނޑު އަރުވަފާނަމެވެ.“
މުއައްރިޚުން ލިއުއްވައެވެ. މުސްލިމުންގެ ތެރޭގައި އުފަލާއި މަޖަލުގެ ހައިޖާނު ބޮޑުވަމުން އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލެމުންދިޔަ ދުވަސްވަރު އެބައިމީހުންގެ އަޚްލާޤީ ފެންވަރު ދަށްކޮށް މުޅިން ނައްތާލުމަށްޓަކައި އެބައިމީހުންގެ ސިކުނޑީގެ އައްޔާށީކަން ފުރިހަމަކުރަން ބޭނުންވާ ހުރިހާ ސާމާނެއް ޞަލީބީން ހޯދާދިނެވެ. އެކަމުގައި މަގު ފަހިކޮށްދިނެވެ…… އެހުރިހާ ގޮތަކުން މުސްލިމުންގެ ބާރު ދެރަކޮށްލައި އެންމެ ހަމަލާއަކުން އެބައިމީހުން ދުނިޔެއިން ވަކިކޮށްލެވިދާނޭ ކަމުގައި ސަލީބީން އުއްމީދު ކުރިއެވެ. މި ހަމަލާއަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ޞަލީބީންގެ ތެރޭގައި އިސްލާމުންނާއިމެދު ނަފްރަތު ގެ ތޫފާނެއް އުފެއްދިއެވެ. އެއަށްފަހުގައި އިސްލާމުންނާއި ދެކޮޅަށް ކުރެވެން އުޅޭ ހަނގުރާމައިގައި ބައިވެރިވުމަށް ހުރިހާ ޞަލީބީންނަށް ދައުވަތު ދެވުނެވެ. ނަތީޖާއެއްގެ ގޮތުން ޞަލީބީންގެ ހުރިހާ ޤަބީލާތަކުންވެސް އެ ލަޝްކަރުގައި މީހުން ބައިވެރިވާން ފަށައިފިއެވެ. އޭގެ ތެރޭގައި ފާދިރީންނާއި ބޮޑެތި ކުށްތައް ކުރުމަށް އާދަވެފައިވާ މީހުންވެސް ހިމެނެއެވެ. އެމީހުން ވެއަތުވެދިޔަ ތަނުގައި ކުރެވިފައިވާ ކުށްތަކުން ތައުބާވެގެން މުސްލިމުންނާއި ދެކޮޅަށް ހަތިޔާރު ނެގިއެވެ. ބައެއް ރަށްރަށުގެ ޖަލުތަކުގައި ދިގު މުއްދަތަށް ޖަލަށްލާފައިތިބި މީހުންވެސް ޖަލުން މިނިވަންކޮށްފައި ސިފައިންގެ ތެރެއަށް ވައްދިއެވެ. މިކުށްވެރިންނާއި ދޭތެރޭގައި ޞަލީބީން ކުރި ތަޖުރިބާތައްވީ ވަރަށް ކާމިޔާބު ތަޖުރިބާ ތަކަކަށެވެ. އެގޮތުން އަންހެން ކުދީން ސަލާމަތް ކުރުމަށާއި ސުލްޠާން އައްޔޫބީ ގަތުލު ކުރަން މީހުން ހޮވި ކޮމާންޑަރ އެކަމުގައި ކުށްވެރިން އިންތިޚާބު ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދިނެވެ. ބޮޑެތި ކުއްތައް ކުރާމީހުން ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް ފަސްނުޖެހޭނެކަން އޭނާ ދަނެއެވެ.
އިރު އަރަންވާއިރަށް އިންތިހާ ދަރަޖައިގެ ހިތްވަރުގަދަ ވިސްނުންތޫނު ވިހިމީހުން ތައްޔާރު ކޮށްފައި ބޭތިއްބިއެވެ. އޭގެ ތެރޭގައި ރޫމުގެ ޖަލުން ގެނެވުނު މެގުނާނާ މާރިއޯސް ކިޔާ މީހަކުވެސް ހިމެނެއެވެ. – ސުލްޠާން އައްޔޫބީގެ ކޭމްޕުގައި ޑޮކްޓަރއެއްގެ ގޮތުގައި އުޅެފައި އައި ޖާސޫސް ކަލޭގެއަށް އެކޮމާންޑޯ ޕާރޓީގެ ކޮމާންޑަރ ކަމާއި ގައިޑްކަން ހަވާލުކުރެވުނެވެ. މިބައި މީހުން ކުރަންވީ ކަމެއްކަމުގައި އެންގީ މުސްލިމުންގެ ޤައިދުގައި ތިބި ހައަންހެން ކުދީން ސަލާމާތް ކުރުމެވެ. – އެމަސައްކަތާއިގެން އުޅެނިކޮށް ފަހަރުގައި އެކުވެރިން ފެނި އެމީހުން މިނިވަން ކުރެވޭކަހަލަ ގޮތެއް ދިމާވެއްޖެނަމަ މިނިވަން ކުރުމަށާއި އެހެންނޫނީ އެމީހުންނަށްޓަކއި ނުރައްކަލާއި ކުރިމަތިލުމަކީ ބޭނުންކަމެއް ނޫންކަމަށް އަންގައި ވިސްނައިދިނެވެ. ދެން އެމީހުނާއި ހަވާލުކުރެވުނު އަނެއްކަމަކީ ސުލްޠާން އައްޔޫބީ ގަތުލު ކޮށްލުމެވެ.
މިދެ މަޤަސަދަށްޓަކައި ތައްޔާރު ކުރެވުނު ޕާރޓީއަށް އެއްވެސް ކަހަލަ އަމަލީ ޓްރޭނިގްއެއް ނުދެވެއެވެ. ހަމައެކަނި ދުލުން އެންގުން އެންގުންތަކަކަށް ފަހުގައި ބޭނުންވާނޭ ހަތިޔާރާއި އެހެނިހެން ސާމާނު ހަވާލު ކޮށްފައި މަސްވެރީންގެ ފޭރާމުގައި ރިޔާނެގިނަވަކަށް ލާފައި ހަމައެދުވަހު ފުރުވާލެވުނެވެ.