ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 20

ޢަލީ ބިން ސުފިޔާން ހަތަރު ދުވަސްވަންދެން ދާރުލް ހުކޫމާތުގެ އެތަން މިތަނުގައި ހިންގެވިއެވެ. ޚާއްސަކޮށް ސޫދާނީ ލަޝްކަރުގެ މަރްކަޒީ އިމާރާތްތައް ހުންނަ ހިސާބު ބެއްލެވިއެވެ. ނަވަވެސް ފަޚްރުލް މިސްރީމެންގެ ނިޝާނެއް ފެނިވަޑައެއް ނުގެންނެވިއެވެ. ފަސްވަނައަށް ވީރޭ ނޫއުޑުގެ ދަށުގައި ސާފުވައިލިބޭ ކަހަލަ ހާމަތަނެއްގައި ޢަލީ ބިން ސުފިޔާން އިންނެވިއެވެ. ޖާސޫސުންގެ ދެމީހުން އެމަނިކުފާނަށް ރިޕޯޓުއަރުވަމުން ގެންދެއެވެ.  އެކަހަލަ މަސައްކަތަކަށް ނިކުމެވަޑައިގެން އުޅުއްވާއިރު އެމަނިކުފާނު މިވެނި ވަގުތެއްގައި މިވެނިތަނެއް އިންނަވާނޭކަމާއި ކުރައްވާނޭ މަސައްކަތްފުޅު އެމަނިކުފާނުގެ ހުރިހާ އެކުވެރިންނަށްވެސް އެގޭނެއެވެ. އެއީ މާ މުހިއްމު ކަމެއް ކުރިމަތިވެގެން އެމަނިކުފާނުގެ ލަފާފުޅު ހޯދަން ޖެހިއްޖެނަމަ ކޮންމެ މީހަކަށްވެސް އެމަނިކުފާނާއި ބައްދަލު ވެވޭނެގޮތް އެންމެންނަށް ފަސޭހައަކަށް ހައްދަވާފާ އޮންނަ ގޮތެކެވެ. އެރޭވެސް އެމަނިކުފާނު އެތަނުގައި އިންނަވަނިކޮށް އެމަނިކުފާނުގެ ޕާޓީގެ ތެރެއިން އެކަކު ކޮންމެވެސް މީހެއްގެ އަތުގައި ހިފައިގެން ދަމާފާ ގެނަސް އެމަނިކުފާނުގެ ކުރިފުޅު މަތީގައި ދެންނެވިއެވެ.

މި މީހާއަކީ ފަޚްރުލް މިސްރީކަމުގައި މީނާ އެބަބުނެއެވެ. އަރިއަޅަމުން ވެއްޓެމުން ތެދުވަމުން ގަސްތަކުގެ ތެރެއިން ހިނގާފައި ދަނިކޮށް މަނިކުފާނުގެ އަރިއަހަށް ގެނައީއެވެ. – އަޅުގަޑު މީނާ އާއި ސުވާލުކުރަން ފެށުމުން އަހަރެންގެ ލަޝްކަރާއި ހަމައަށް ގެންގޮސްދޭށޭ ބުންޏެވެ. އަމަލުވެފައި ހުރި ވަރުން މިމީހާއަށް ވާހަކަވެސް ނުދެއްކެއެވެ.“ އެހާތަނަށް ދިޔައިރު ފަޚްރުލް މިސްރީ ހުރި ދިމާއިން ބިންމަތީގައި އިށީދެއްޖެއެވެ.

”އަޅުގަޑަކީ ސުލްޠާން ލަޝްކަރުގެ އިސް މީހަކީމެވެ.“ އުކުޑި ކޮށްޓަމުން ގިސްލަމުން ފަޚްރުލް މިސްރީ ބުންޏެވެ. ”މަރުގެ އަދަބު ހައްޤުވެފައިހުރި މީހަކީ މެވެ. އެކަމަކު އެންމެ ކުރިން އަހަރެން މިދައްކާ ވާހަކަ އަޑުއަހާށެވެ. އެހެންނޫނީ ތިޔައިގެ ހުރިހާ އެންމެންނަށް މަރުގެ އަދަބު ލިބިދާނެއެވެ.“ އާދައިގެ ހެދުމުގައި ތިބި ޖާސޫސުންނާއި ދިމާއަށް ފަޚްރުލް މިސްރީ އެބުރިލިއެވެ.

ފަޚްރުލް މިސްރީ ވާހަކަ ދައްކާލި ގޮތުންވެސް އޭނާ އެހެރީ އަމަލުވެފައިކަން ޢަލީ ބިން ސުފިޔާނަށް އެގިވަޑައިގެންނެވިއެވެ. އަދިވެސް އިތުރަށް އަމަލުވާން ބޭނުންވެފައި ހުރިކަންވެސް ވިސްނިވަޑައިގެންނެވިއެވެ. ނަމަވެސް އެތަނުގައި އިންނަވައިގެން އެމަނިކުފާނު އޭނާ އާއި ސުވާލެއް ނުކުރައްވައެވެ. އޭނާ ގޮވައިގެން އަވަސް އަވަހަށް އޮފީހަށް ވަޑައިގެންނެވިއެވެ. ދެން އެމަނިކުފާނު ވަޑައިގެންނެވި މަގުމަތިން ފެނިވަޑައިގެންނެވި ދެކޮތަޅު ނެރުއްވާ އޭނާއަށް ދައްކަވާފައި ސުވާލުކުރެއްވިއެވެ.

”މިއީ ކަލޭގެ ކޮތަޅުތަކެއް ހެއްޔެވެ؟ މީގައި ހުރިތަކެތި ކަލޭ ކެއީމުހެއްޔެވެ؟“

”އާދޭހެވެ.“ ފަޚްރުލް މިސްރީ ޖަވާބު ދިނެވެ. ”އޭނާ އަޅުގަނޑަށް ކާންދިނީ ތިޔަ ކޮތަޅުތަކުގައި ހުރި އެއްޗިއްސެވެ.“

ފަޚްރުލް މިސްރީގެ ކުރިމައްޗަށް ޢަލީ ބިން ސުފިޔާން ނެރުއްވި ތަކެތީގެ ތެރޭގައި ބޮޑުދެކޮތަޅުގެ ތަކެތީގެ ތެރޭގައި ބޮޑު ދެކޮތަޅުގެ ތެރެއިން ނެންގެވި ކުޑަ ވަރެއްގެ ދެކޮތަޅުވެސް އޮތެވެ. މި ދެ ކޮތަޅުގައި ހުރި މެޓާފާޑު އެއްޗެއް ނަންގަވާ ޢަލީގެ އަތްތިލަފުޅު ހުޅުވާ ލެއްވުމުން ފަޚުރަށް އެތަކެތި ފެނުމާއި އެކު އޭގެތެރެއިން އެތިކޮޅެއް ދަމައިގެންފިއެވެ. އެވަގުތު ކުއްލިއަކަށް އެއެތި ކޮޅު ޢަލީ އަތުލައްވަވައިފިއެވެ.

”ﷲ އަށް ޓަކައެވެ. ތިޔައެތި ކޮޅު އަޅުގަޑަށް ދެއްވާށެވެ. އަޅުގަޑުގެ ދިރިހުރުން ވަނީ ތިޔަ އެތިކޮޅާއި ގުޅިފައެވެ.“

”އެންމެ ރަނގަޅެވެ. ހުރިހާ ވާހަކައެއް އަހަރެންނަށް ސާފުކޮށް ކިޔައިދީފައި ހުރިހާ އެއްޗެއް ނަގައިގެން ކާލާށެވެ.“ މިހެން ވިދާޅުވެފައި ހަޝީޝްގެ ބާރު ކަނޑުވާލާކަހަލަ ކުނޑިއެއް ގެންނަވާ ޢަލީ ބިން ސުފިޔާންގެ ދެއިގިލިފުޅުން ހިއްޕަވާފައި ނެންގެވި ކުނޑިކޮޅެއް ފަޚްރުލް މިސްރީގެ އަގައަށް އަޅުއްވާ ލައްވައިފިއެވެ. މި ކުނޑިކޮޅު ފަޚްރުގެ ގޮހޮރުގައި ޖެހުމާއެކު އޭނާއަށް ހަމަހޭވެރިކަން އައިސް އެ ހުރިހާ ވާހަކައެއް ޢަލީ ބިން ސުފިޔާންއަށް ދަންނަވަން ފަށައިފިއެވެ. އޭގެ ތެރޭގައި އަންހެން ކުއްޖާގެ ފަހަތުން ދާންޖެހުނު ގޮތާއި ތާޖަރުން ބޯންދިން ގަހުވަ އެއްގެސަބަބުން ހޭބުއްދިފިލައިގެން ގޮސް ޚިޔާލީ ދުނިޔެއަކަށް ދެވުނުކަމާއި ތާޖަރުންގެ މީހުން އޭނާގެ ކައިރީގައި ދެއްކި ވާހަކަތަކާއި އަންހެން ކުއްޖާ ގޮވައިގެން ދަތުރުކުރަން މަޖުބޫރު ވި ގޮތާއި ޖަމަލުގެ ވަފާތެރި ކަމުގެ ވާހަކަވެސް ހިމެނެއެވެ. ދެން އޭނާ ކުރި ދަތުރުގައި ކަންދިމާވިގޮތް މިދަންނަވާ ގޮތަށް ތަފްސީލްކޮށް އެރުވިއެވެ.

”އަޅުގަޑުމެން ދަތުރުކުރަމުން ގޮސް އިރުއޮއްސި އަދިރިވީމާ ކައިބޮއި ހެދުމަށްޓަކައި ޖަމަލު މަޑުކޮށްލީއެވެ. އެވަގުތު ތިއޮއް ކުޑަ ކޮތަޅުން އެއްޗެތި ނަގައިގެން އަންހެން ކުއްޖާގެ އަތުން އަޅުގަޑަށް ކާން ދިނެވެ. އޭގެ ފަހުން އަޅުގަޑަކީ ރަސްކަލެއްކަމުގައި އަޅުގަޑަށް އިހްސާސްކުރެވެން ފަށައިފިއެވެ. އެގޮތުން އަޅުގަޑު ރަގަޅަށް އަމަލު ވެއްޖެކަން ޔަގީންވުމުން އަޅުގަޑުދެކެ ލޯބިވާ ކަމުގައި ޔަގީންކޮށްދެމުން ސޫދާނީ ލަޝްކަރުގެ ވެރި ނާޖީއާއި ހަމައަށް ގެންގޮސްދެނިކޮށް އަޅުގަޑާއި އިންނާނޭކަމަށް ބުނެ ވައުދުވިއެވެ. ނަމަވެސް އަޅުގަޑަށް ކެތްނުކުރެވިގެންގޮސް ކައިވަންޏަކާއި ނުލައި އަޅުގަޑުގެ އަންބަކަށް އޭނާ ހެދުމަށް މަސައްކަތް ކުރީމެވެ. އެގޮތުން އެކުއްޖާގެ ކަރާމާތާއި އަބުރަށް ނުރައްކާތެރިވާ ހިސާބަށް ދިއުމުން އެކުއްޖާގެ ބުއްދިވެރިކަމުން ލޯތްބަކީ އެއަށްވުރެމާ އެއްޗެއްކަމަށް ބުނެ ވާހަކަދައްކައިގެން އަޅުގަނޑުގެ ހިތުގެ އެދުން ފިނިކޮށްލިއެވެ. އެވަރުންވެސް އަޅުގަޑުގެ ހިއްސުތަކަށް ވެރިވުމަށް އެދަނީ ހަޝީޝްގެ އަސަރާއި އަންހެން ކުއްޖާގެ ޒުވާން ކަމާއި ރީތި ކަމުގެ ބާރުކަމެއް އަޅުގަޑަކަށް އިޙުސާސެއް ނުކުރެވުނެވެ. – ކައިބޮއި ހެދުމަށްޓަކައި ތިންވަނަ ފަހަރު އަޅުގަޑުމެން ޖަމަލު މަޑުކުރިއިރު އަންހެން ކުއްޖާ ގެނައި ކޮތަޅުތަކެއް ނެތެވެ. ކުރީ ދެފަހަރު ޖަމަލު މަޑުކޮށްގެން އެ އުޅުނު އުޅުމުގައި ކޮތަޅުތައްވެއްޓި ގެއްލުނީކަން އެގުނެވެ. -އެކަން އެގުމުން އެބުރިގޮސް ކޮތަޅުތައް ހޯދުމަށް އަންހެން ކުއްޖާ އެދުނެވެ. ނަމަވެސް އަޅުގަޑަކީ ފައުޖީ ކޮމާންޑަރެއް ކަމުން އަޅުގަޑު ގެއްލިއްޖެކަން އެގުމުން ލަޝްކަރުގެ މީހުން އަޅުގަޑު ހޯދަން އުޅޭނެކަމުގައި ބުނެ އެކުއްޖާއަށް އެކަން ޔަޤީންކޮށްދީފާ ނުކައި ތިބެ ބަޑަށް މަރުވެދާނޭ ކަމުގެ ބިރެއް ނެތްކަމަށާއި ދަތުރުމަތީގައި ދިމާވާ ކޮންމެވެސް އާބާދީ އަކުން ކާތަކެތި ހޯދިދާނެކަމަށް ބުނީމެވެ. ދެންވެސް އަންހެން ކުއްޖާގެ ހިތްހަމައެއްނުޖެހުނެވެ. މީހުން އުޅޭ ރަށަކަށް އަރާކަށްވެސް އޭނާ ޤަބޫލެއް ނުވިއެވެ. ކޮތަޅުތައް ހޯދަން އެބުރި ދިއުމަށް އެދި ފަށްފަށުން އެކުއްޖާއާދޭސް ކުރިއެވެ.

މަގުމަތިން އަތުލައިގެންފާނޭ ކަމުގެ ބިރު ހީވާލެއް ބޮޑުކަމުން އަންހެން ކުއްޖާގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދީފާ ގަދަކަމުން ކަހަލަ ގޮތަކަށް އަންހެން ކުއްޖާ ޖަމަލަށް ސަވާރު ކުރުމަށްފަހު ޖަމަލު ނަގައިގެން ދަތުރުފެށީމެވެ. – އަޅުގަޑު ލަޝްކަރާއި ވަކިވެގެން ދަތުރަށް ފެށިތާ ތިންވަނައަށްވީ ރޭގެއަނެއް ދުވަހު ޝަހަރުގެ ބޭރުގައި ހުރި ސޫދާނުގެ ލަޝްކަރުގެ ކޮމާންޑަރެއްގެ ގެއާއި ހަމައަށް ފޯރައްޖެއެވެ. އެހާ ތަނުން ޖަމަލު މަޑުކުރުވާފާ އަޅުގަޑު ގޮވައިގެން ކޮމާންޑަރުގެ ގެއަށް އެ އަންހެން ކުއްޖާ ދިޔައެވެ. – އޭރު އަޅުގަޑުގެ ބޮލުތެރޭގައި ކުދިކުދި ފަނިތަކެއް ދުވާހެން ހީވެއެވެ. ފާޑެއްގެ ނުތަނަވަސްކަމެއް އިހުސާސްކުރެވެއެވެ. އެއީ ހަޝީޝް ނުލިބުމުން ހިއްސުތަކަށް ކުރަމުންދާ އަސަރެއް ކަމެއް އަޅުގަޑަކަށް ނޭގެއެވެ. އިރުކޮޅެއްގެ ތެރޭގައި ޙަގީގީ ދުނިޔެއަށް އާދެވިއްޖެއެވެ. ސިކުޑީގައި އާބާދު ކޮށްގެން އުޅުނު ޚިޔާލީ ރަސްކަމުގެ ސުވަރުގެ ކާތަކެތި އަޅާފައިހުރި ކޮތަޅުތަކާ ސަހަރާގެ ތެރެއަށް ގެއްލިގެން ހިގައްޖެއެވެ. ނަމަވެސް އަންހެން ކުއްޖާއަކަށް އެކަމެއްނޭގެއެވެ. އޭނާ އެއްވެސް ޖެހިލުމެއްނެތި އަޅުގަޑުގެ ކުރިމަތީގައި ކޮމާންޑަރާއި ވާހަކަ ދެއްކިއެވެ. ޞަލީބީންގެ މެސްޖް ކޮމާންޑަރަށް ރައްދު ކޮށްފާ ބަޣާވާތްކުރުމަށް އެދުންވެރި ކުރުވިއެވެ. އެއަޑުތައް އިވެން ފެށުމުން އަޅުގަޑަކީ މިސުރު ސިފައިންގެ ސަލާމަތީ މަރުކަޒަކުން ފިލައިގެން އައިސްހުރި މީހެއްކަން ހަދާންވާން ފަށައިފިއެވެ. – ކުރެވުނު ކުށުގެ ބޮޑުކަން އިހްސާސްކުރެވެންފަށައިފިއެވެ. – އަޅުގަޑު އިނީ އަމަލުވެފައިކަމުގައި ހީކޮށް ކޮމާންޑަރުގެ ކައިރީގައި އަންހެން ކުއްޖާ ދެއްކިވާހަކަ ތަކުގެ ތެރޭގައި ސުލްޠާން އައްޔޫބީއާއި ޢަލީ ބިން ސުފިޔާންއާއި ދެމެދުގައި ކުށްހީތަކެއް އުފެއްދިކަމާއި ސުލްޠާންއަކީ އަންހެން ކުދިންނާއި ރަލުގެ މައްޗަށްފިދާ ވެފައި ހުންނެވި ބޭފުޅެއްކަމުގައި ހަދައިގެން ދޮގު ވާހަކަދައްކާ މީހުންގެ ހިތްތައް ނުބައި ކުރުވިކަމަށް ދެކެވުނު ވާހަކަވެސް ހިމެނެއެވެ.

އެމީހުން ދެއްކި ދިގުވާހަކަތަކުގެ ތެރޭގައި ބަޣާވާތް ކުރަނީނަމަ ވަގުތު ނަގާނުލުމަށާއި ސުލްޠާން އައްޔޫބީ ދިފާޢުގެ މަރުކަޒުގައި ހުންނަވަނިކޮށް ބަޣާވާތްކޮށްފިނަމަ ފުރިހަމަ ކާމިޔާބު ލިބެނެ ކަމަށްވެސް އަންހެން ކުއްޖާ ބުންޏެވެ. ތިންހަތަރު ދުވަސް ފަހުން ޞަލީބީން ދެވަނަ ހަމަލާއެއް ދޭނޭކަމަށް އެ ޙަމަލާއިން ދިފާޢު ކުރުމަށްޓަކައި އެތަނުން މީހުން ގެންދެވޭނޭ ކަމަށް ބުން ދޮގު ހަދައިގެން ކޮމާންޑަރުގެ ލޭ ހޫނު ކުރުވިއެވެ. އެއަޑު އިވުމުން މާ ލަސްތަކެއް ނުވެ ސޫދާނީ ލަޝްކަރު ގޮސް މިސުރުގެ ލަޝްކަރަށް ހަމަލާ ދޭނެ ކަމަށް ކޮމާންޑަރު ބުންޏެވެ.

އެމީހުން ދެއްކި ހުރިހާ ވާހަކައެއް އިވޭ ހިސާބުގައި ކުރާ ހުރިހާ ކަމެއް ފެންނަފަށުގައި އަޅުއިންދާ ރޭދެބައިވިފަހުން އެހެން ކޮޓަރިއަކަށް އަޅުގަޑު ގެންގޮސްފިއެވެ، އެތަނުގައި އަޅުގަޑު ނިދުމުގެ އިލްތިޒާމުކޮށްފައި ހުއްޓެވެ. އަންހެން ކުއްޖާ އާއި ކޮމާންޑަރު ހަމައެކޮޓަރީގައި ތިބި ގޮތަކަށް ތިއްބެވެ. މިދެކޮޓަރީގެ ދެމެދުގައި ބޮޑު ދޮރެއް ހުއްޓެވެ. މިދޮރު ހުރީ ބަންދު ކޮށްފައެވެ. – އަޅުގަޑަށް ކުރެވުނު ކަންތަކާއި ކުށުގެ ބޮޑުކަން ހިތަށް އަރާވަރުން ލޮލަށް ނިދިނައިސްގެން ދެ ކޮޓަރި ވަކި ކުރަން ހުރި ދޮރުގައި ކަންފަތް ޖަހައިގެން އަނެއް ކޮޓަރީގައި ދައްކާ ވާހަކައެއް އިވޭތޯ މަސައްކަތް ކުރީމެވެ. އެކޮޓަރިން އަންހެން ކުއްޖާ ވާހަކަ ދައްކާ އަޑާއި ރޭއަޑު އިވިއިވި ހުއްޓެވެ. – އަންހެން ކުއްޖާ ދެއްކި ވާހަކތަކުގެ ތެރޭގައި އަޅުގަޑު އެތަނަށް ގެންދިޔައީ ހަޝީޝްއާއި އަންހެން ކުއްޖާގެ ލޯބީގެ ބާރުގައި ކަމަށް ބުންޏެވެ. އޭނާ ދަތުރު ކުރުމަށްޓަކައި އެހީތެރިއަކު ބޭނުންވެފައި ވަނިކޮށް އަޅުގަޑު އަމިއްލައަށް ގޮސް އެތަނަށް ވަދެ ގަތީމާ އެގޮތހުން އަޅުގަޑުގެ ބޭނުން ހިފި ކަމުގައި ބުންޏެވެ. – ދަތުރު މަތީގައި ހަޝީޝް އަޅައިގެން އަޅުގަޑަށް ކާންދޭން ގެންގުޅުނު ކާތަކެތި ގެއްލުމަށްފަހުގައި އެރޭގެ އިރުއަރަން ވާއިރަށް ހަޝީޝްކޮޅެއް ނުދީފިނަމަ އެމީހުންނަ އަޅުގަޑު އުދަގޫ ކުރާނޭ ކަމަށްވެސް އަންހެން ކުއްޖާ ބުންޏެވެ. – މިހިސާބުން އެމީހުން ވާހަކަ ދެއްކުން ހުއްޓާލައިފިއެވެ. ދެން އެކޮޓަރިން އިވުނު އަޑުތަކުން އޭރު އެތަނުގައި ހިގަމުން ދަނީ ރާބުއިމާއި ފާހިޝް އަމަލުތަކެއްކަން އަޅުގަޑަށް އެގުނެވެ. އެގޮތުގައި އެތައް އިރެއްވީފަހުން އަނެއްކާވެސް ވާހަކަ ދައްކާއަޑު އިވެން ފަށައިފިއެވެ. އެފަހަރު އިވުނީ ކޮމާންޑަރުގެ އަޑެވެ. – އެމީހާއަކީ މިހާރު އަހަރުމެންނަށްޓަކައި ބޭކާރުމީހެކެވެ. އެނާ ޤައިދު ކުރަންވީއެވެ. ނުވަތަ މަރާލަންވީއެވެ. – ކޮމާންޑަރު މިހެން ބުނުމުން އެބަހަށް އަންހެން ކުއްޖާ ތާއީދު ކުރިއަޑުއިވުނެވެ.

އަޅުގަޑާއި ދޭތެރޭގައި އެމީހުން ކަންތައް ކުރަން ޤަސްތުކުރާގޮތް އެގުމުން އެތަނުން ފިލޭނޭ ގޮތަކާމެދުގައި ވިސްނަން ފަށައިފީމެވެ. އަދިރި ރޭގަޑެއްގެ މެންދަމުގެ ފަހުގެވަގުތެކެވެ. ވުމާއެކު އަޅުގަޑު އަވަސް އަވަހަށް ކޮޓަރިން ނުކުމެއްޖައީމެވެ. އޭރުވެސް އެންމެ ފުރިހަމަ ގޮތެއްގައި އަޅުގަޑުގެ ސިކުޑި އަޅުގަޑަކާ އެހީއެއް ނުވެއެވެ. ބައެއްފަހަރު ހަމަވިސްނުން އައި ނަމަވެސް ގިނަވަގުތު ދަނީ އެއްޗެއް ނުވިސްނޭ ފަދަ ހާލެއް ގައެވެ. އެކަމަކު ފަތިސްވެ އަލިނުވަނީސް ނުރައްކަލާ ދުރަށް ދާންޖެހޭނެއެވެ. ދެފަރާތުގެ މީހުން އަޅުގަޑަށް ފާރަލާނޭކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. ދެފަރާތުންވެސް މަގުގެ ހިޔަނިތައް އަޅުގަޑަށް ފެނި ފެނި ހުއްޓެވެ. އަޅުގަޑުމެންގެ އަމިއްލަ ލަޝްކަރުގެ މީހުންގެ އަތް ދަށުވިސް އިންތިހާ ދަރަޖައިގެ ބޮޑު ކުށްވެރި އަކަށް ވާނެއެވެ. އަނެއް ކޮޅުން ސޫދާނީ ލަޝްކަރުގެ މީހުންގެ އަތްދަށުވެއްޖެނަމަ ވަގުތުން މަރާލާނެއެވެ. ކުރީޒަމާނުގެ ފިރްޢައުނުން ވެރިކަން ކުރެއްވި ކިއްލާތަކުގާ ސޫދާނީ ލަޝްކަރުގެ މީހުން އެބަދުވެސް ފާރައަށް ތިބެއެވެ. ހަޝީސްގެ އެދުމާއި ގެންފައިވާބިރާއި އައިސްފައިހުރި ގަދަރުޅީގެ ސަބަބުން ސިކުޑިއާއި ހަށިގަޑުގެ ބާރު ކުޑަވަމުން ދެއެވެ. އެރޭގެ ހަތަރު ދަމު އެގޮތަށް ހިގަން ޖެހުމުގެ ސަބަބުން ފައިވެސް އުޒުރު ވެރިވާން ފަށައިފިއެވެ. އެންމެ ފަހުން ވަރުބަލިވެގެންގޮސް އެއީ ރޭގަޑުކަމެއް ދުވާލުކަމެއް ހުރެވެނީ ކޮންތަނެއްގައި ކަމެއް ހަދާން ނެތިއްޖެއެވެ. – އަލުން އެބުރިގޮސް އެއީ ޢީސާޢީ އަންހެން ކުއްޖާ މަރާލަންވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އަހެއް ނުވަތަ ޖަމަލެއް ލިބިއްޖެނަމަ އަހަރެމެންގެ ސަލާމަތީ މަރުކަޒަށް ގޮސް ސުލްޠާން އައްޔޫބީގެ ފައިންޕުޅު މައްޗަށް ވެއްޓި މައާފަށް އެދޭނީއޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. މިކަހަލަ ވިސްނުމެއް އަންނަ ފަހަރަކުވެސް އިސާހިތަކު އެވިސްނުމުގެ މައްޗަށް ފުސްބުރާ ފަޑުވެގެން ދެއެވެ. ކުރިމަތިން ފެންނަ ކޮންމެ އެއްޗެއް އަދިރީގެތެރެއަށް ގޮސް ގެއްލެއެވެ. އެ ހާލެއްގައި އުޅެނިކޮށް އަޅުގަޑު ގޮވައިގެން މިތަނަށް އައިމީހާއާއި ބައްދަލު ވެއްޖެއެވެ. އައީ ރަނގަޅަށް ތަރުބިއްޔަތު ދެވިފައިހުރި ޖާސޫސެއްކަން އޭނާއަށް އަޅުގަޑު ފެނުމުން އޯގާތެރިކަމާއެކު ހަމްދަރުދީ ފާޅުކޮށް ވާހަކަ ދައްކަން ފަށައިފިއެވެ. އޭނާގެ މަޤްސަދު އަޅުގަޑަށް ވިސްނުނަނުދީ ޢަލީ ބިން ސުފިޔާންގެ އަރިއަހަށް އަޅުގަޑު ގެނެސްފިއެވެ.“

ފަޚްރުލް މިސްރީ  ދެއްކި ވާހަކައާއި މެދު ވިސްނާވަޑައިގަތުމުން ކޮންމެ ވަގުތެއްގައިވެސް ސޫދާނީ ލަޝްކަރުގެ މީހުން ބަޣާވާތްކޮށް ހަމަލާ ދީފާނޭކަން ޢަލީ ބިން ސުފިޔާންއަށް އެގިވަޑައިގެންނެވިއެވެ. ވީމާ އަވަހަށް ސިފައިންގެ ކޮމާންޑަރުން ސަމާލުކުރުވާ އެ ޚަބަރު ސުލްޠާން އައްޔޫބީއަށް އެރުވުމަކީ ބުއްދިވެރި ކަމެއް ކަމުގައި ޚިޔާލު ކުރެއްވުނެވެ. ނަމަވެސް އެކަންކަމައިގެން އުޅުއްވަން ހައްދަވައިގެން ފުރުސަތު ގެއްލިދާނޭ ކަމުގެ ބިރު ހީވެ ކުރިން ކުއްއްވާނޭ ކަމަކާ ދޭތެރޭގައި ވިސްނާވަޑައިގަތުމަށް ސުލްޠާން އައްޔޫބީ އެދިވަޑައިގަންނަވާ ކަމުގެ ޚަބަރާއިގެން އެމީހަކު އެމަނިކުފާނުގެ ކަންފަތްޕުޅަށް އެ ޚަބަރު އަރުވައިފިއެވެ. އެ ޚަބަރު އިވިވަޑައިގަތުމުން ޢަލީ ބިން ސުފިޔާން ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވިއެވެ. ސިފައިންގެ ސަލާމަތީ މަރުކަޒުގައި ހުންނެވި ސުލްޠާން އައްޔޫބީ އެތަނަށް ވަޑައިގެންނެވީ ކޮންއިރަކުތޯ ޚިޔާލު ކޮށްލެވުނެވެ. ޢަލީ ބިން ސުފިޔާން ވަޑައިގެން ސުލްޠާން އައްޔޫބީއާއި ބައްދަލުވެ ވަޑައިގަތުމުން ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އައްސޭރީގައި ތިބި ޞަލީބީ ޖާސޫސުންގެ ތެރެއިން ބައަކު މިހިސާބަށް އައިސްގެން އުޅޭ ޚަބަރު އަޅުގަޑަށް ލިބިއްޖެއެވެ. ވީމާ، ސަލާމަތީ މަރުކަޒުގައި އަޅުގަޑުގެ މާބޮޑު ބެނުމެއް ނެތަތީ އަޅުގަޑުގެ އެކުވެރިންނާއި މަރުކަޒު ބެލެހެއްޓުން ހަވާލުކޮށްފައި މިތަނަށް އައީއެވެ. ޤާހިރައަށް ކޮންމެވެސް ކަހަލަ ބޮޑު ނުރައްކަލެއް އަތުވެދާނޭކަމުގެ ބިރުވެރިކަން އިހްސާސް ކުރެވިގެން ހިތްނުތަނަވަސްވާ ވަރުން އަޅުގަޑަށް ކެތްނުކުރެވުނީއެވެ. ވިދާޅުވެބައްލަވާށެވެ. ޤާހިރާގެ ޚަބަރަކީ ކޮބައިތޯއެވެ؟“

ހުރިހާ ޚަބަރެއް ވަރަށް ތަފްސީލުކޮށް ސުލްޠާން އައްޔޫބީގެ އަރިއަހުގައި ޢަލީ ބިން ސުފިޔާން ދެންނެވިއެވެ. ”މަނިކުފާނު ވިދާޅު ވެއްޖެނަމަ ދުލުގެ ހަތިޔާރު ބޭނުން ކޮށްގެން ބަޣާވާތް ހުއްޓުވޭތޯ މަސައްކަތް ކޮށްފާނަމެވެ. އެހެން ނޫނީ ސުލްޠާން ޒަކީގެ ފަރާތްޕުޅުން އެހީފުޅު އަންނަންދެން އިންތިޒާރު ކުރަންވީއެވެ. ޖާސޫސުން މެދުވެރިކޮށްގެން އަޅުގަޑަށް ހަގުރާމަ ކުރެވިދާނެއެވެ. އަޅުގަޑުމެންގެ ލަޝްކަރެއް ދީފިނަމަ އެ ހަމަލާ ހުއްޓުމުވުގެ ބާރެއް ނިލިބޭނެއެވެ.

ސުލްޠާން އައްޔޫބީ އިސްތަށި ފުޅުވަތަށް ޖައްސަވައިގެން ބޮޑު ފިކުރުފުޅެއްގައި ދެކޮޅަށް ހިންގަވަން ފައްޓަވައިފިއެވެ. – އެމަނިކުފާނާއި ދިމާއަށް ކަޅިހުއްޓަވާ ލައްވައިގެން ޢަލީ ބިން ސުފިޔާން ހިމޭނުން ހުންނެވިއެވެ.

”އާދޭހެވެ. ޢަލީއެވެ. މަނިކުފާނުގެ ދޫފުޅާއި މަނިކުފާނުގެ ޖާސޫސުން ބޭނުން ކުރައްވާށެވެ. ނަމަވެސް އެއީ ހަމަލާ ހުއްޓުވުމަކަށް ނޫނެވެ. ބަޣާވާތް ދިނުމަށް ބާރު އެޅުއްވުމަށެވެ. ސޫދާނުންގެ މީހުން އަޅުގަޑުމެންގެ މައްޗަށް ބަޣާވާތް ދޭންވާނެއެވެ.

ރޭގަޑުގެ ވަގުތުގައި ފޭލިގެތަކުގައި އަޅުގަޑުމެން ނިދާފައިތިއްބާ އެމީހުން އައިސް ހަމަލާ ދިނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.“ ސުލްޠާން އައްޔޫބީ ހިންގަވަން ހުންނަވާފައި ކުއްލިއަކަށް ހުއްޓިވަޑައިގަންނަވަމުން ޢަލީ ބިން ސުފިޔާންއަށް ވިދާޅުވިއެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅު އުވިވަޑައިގަތުމުން ޢަލީ ބިން ސުފިޔާން ވަރަށް ބޮޑަށް ހައިރާންފުޅުވަޑައިގެން ހުންނެވިއެވެ.

”މިތަނުގައި ތިބި ހުރިހާ ކޮމާންޑަރުންނަށް އަންގަވާފައި މަނިކުފާނުވެސް އަޅުގަޑުގެ ކައިރިއަށް ވަޑައިގަންނަވާށެވެ.“ ޢަލީއަށް ލިބިވަޑައިގެން ހައިރާން ކަމެއްގެ ބޮޑުކަމުން ބަސްފުޅުވިދާޅުވާން ހަނދުމަފުޅު ނެތިފާހުންނަވަނިކޮށް އަނެއްކާވެސް ސުލްޠާން ވިދާޅުވިއެވެ.

”ދިފާޢީ މަރުކަޒުން އަޅުގަޑު އައިސް މިތަނުގައި ހުރިކަން ކޮމާންޑަރުން ފިޔަވައި އެހެން އެއްވެސް މީހަކަށް އެގިގެން ނުވާނޭކަމުގައި އެމީހުންނަށް އަންގަވާށެވެ. މިރަށުގައި ހުރިކަން ސޫދާނީންނަށް ސިއްރުކޮށްފާ ބޭއްވުމަށް އަމުރު ކުރައްވާށެވެ. އެއީ ކޮންމެހެން ބޭނުންކަމެކެވެ. އަޅުގަޑު މިރަށަށް މިއައީ ނުރައްކާތެރި ކަމާއެކު ސިއްރުވެރި ގޮތެއްގައެވެ.“

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.