ޞަލާޙުއްދީން އައްޔޫބީ ފަތިސް ނަމާދުން ފައިބާ ވަޑައިގެންނެވި ތަނާ ދޮރުވާނު ކަލޭގެ އައިސް ޢަލީ ބިން ސުފިޔާން ވަޑައިގެން ހުންނެވި ވާހަކަ ދަންނަވައިފިއެވެ. އެ އަޑު ހަމަ އިވިވަޑައިގަތުމާއެކު އެމަނިކުފާނު ދުވެވަޑައިގެން ނިކުމެވަޑައިގެން ޢަލީ ބިން ޞުފިޔާން އާއި ސަލާމް ކުރައްވައިފިއެވެ. ދެން އެމަނިކުފަނުގެ ސަލާމުގެ ޖަވާބުގައި ޢަލީ ބިން ޞުފިޔާން ރައްދު ސަލާމްގެ ބަސްފުޅުތައް ވިދާޅުވާން ފެއްޓެވިތަނާ ޞަލާޙުއްދީން އައްޔޫބީ ސުވާލުތައް ކުރައްވަން ފައްޓަވައިފިއެވެ.
”މިޞުރުގެ ޚަބަރަކީ ކޮބައިތޯއެވެ؟“
”މިހާތަނަށް ޚަބަރު ރަގަޅެވެ.“ ޢަލީ ބިން ޞުފިޔާން ވިދާޅުވިއެވެ.
”އެކަމަކު ސޫދާނީ ލަޝްކަރުގައި ހަމަނުޖެހުން އިތުރުވަމުން އެބަދެއެވެ. އެބައިމީހުންގެ ތެރެއަށް އަޅުގަޑު ފޮނުވި ޖާސޫސުންގެ ފަރާތުން ޚަބަރު ލިބުނު ގޮތުންވިއްޔާ އޭގެ ތެރެއިން ކޮމާންޑަރަކު ލަޝްކަރުގެ އިސްވެރިކަން ޤަބޫލުކޮށްފިނަމަ ބަޣާވާތްކުރަން އެމީހުން ތިބީ ތައްޔާރުގައެވެ.“
ޞަލާޙުއްދީން އައްޔޫބީ އައްޔޫބީ އާއި ޢަލީ ބިން ޞުފިޔާން ވާހަކަފުޅު ދައްކަވަމުން ފޭލިގެކޮޅާއި ދިމާއަށް ހިންގަވައިގެންފިއެވެ.
”އަޅުގަނޑުމެން ނާޖީއާއި އޭނާގެ އެކުވެރިން ނެތިކޮށްލައިފީމުއެވެ. ނަމަވެސް ސޫދާނީ ލަޝްކަރުގެ ތެރޭގައި މިޞުރުގެ ލަޝްކަރާއި ދެ ކޮޅަށް ފަތުރާލެވިފައިވާ ނަފްރަތުގެ ޒަހަރުގެ އަސަރު އަދިވެސް ކުޑަކޮށެއް ނުލެވެއެވެ. – އެމީހުންގެ ތެރޭގައި ހަމަނުޖެހުން އުޅޭ އެންމެ ބޮޑު ސަބަބަކީ އެ މީހުންގެ ވެރިޔާއާއި މަތީ ދަރަޖައިގެ ލީޑަރުން ވީތަނެއްނޭގުމެވެ. – މިހެންވެފައި ވާތީ އެމީހުންގެ ވެރިޔާ ނާޖީ ރޫމުގެ ކަނޑުގެ އައްސޭރީއަށް ދިޔަ ލަޝްކަރާއި އކެގައިގޮސް ވީކަމަށް އަޅުގަޑުގެ ޚަބަރު ފަތުރާ މީހުން ލައްވާ ޚަބަރު ފެތުރުވީމުއެވެ. އެކަމަކު މުޚްތަރިމް އަމީރެވެ. އެ ސޫދާނީ ލަޝްކަރުގެވެރި ނާޖީ ހައްޔަރު ކުރެވި ޤަތުލު ކުރެވިއްޖެކަމުގައި އެމީހުންނަށް ޝައްކު ކުރެވިއްޖެހެން އަޅުގަޑަށް ހީވެއެވެ.“
”އެމީހުން ބަޣާވާތް ކޮށްފިނަމަ މިސުރުގައި ތިބި އަޅުގަޑުމެންގެ ލަޝްކަރަށް އެމީހުން މައިތިރި ކުރެވޭނޭ ކަމަށް ހީފުޅުވެވަޑައިގަންނަވާ ތޯއެވެ؟“ ސުލްޠާން ޞަލާޙުއްދީން އައްޔޫބީ ސުވާލު ކުރެއްވިއެވެ.
”އެފަންސާސް ހާސް މީހުންނާއި ކުރިމަތިލާހާ ހިތްވަރު އަޅުގަޑުމެންގެ ކުޑަ ކުޑަ ލަޝްކަރުގައި ހުރެދާނޭހެން އަޅުގަޑަކަށް ހީއެއް ނުވެއެވެ.“
”އާދޭހެވެ. އަޅުގަޑުމެންގެ ކުޑަ ކުޑަ ލަޝްކަރަކަށް އެމީހުންނާއި ކުރިމައްޗެއް ނުލެވޭނެއެވެ.“ ޢަލީ ބިން ޞުފިޔާން ވިދާޅުވިއެވެ.
”އަޅުގަޑު މިއައީ އެކަމުގެ އިންތިޒާމްވެސް ކޮށްފައެވެ. – އަޅުގަޑު މިއައީ ހަލުވިކޮށް ދަތުރުކުރާ ދެ ގާޞިދުން ނޫރުއްދީން ޒަކީގެ އަރިއަހަށް ފޮނުވާފައެވެ. އެމީހުންގެ އަތުގައި އެމަނިކުފާނުގެ އަރިއަހަށް މެސެޖެއް ފޮނުވީމެވެ. އޭގައި ލިއުނީމެވެ. މިސުރުގައި ބަޣާވާތުގެ ޖައްވެއް އުފެދިއްޖެއެވެ. އަޅުގަޑުމެން ތައްޔާރުކުރި ކުޑަކުޑަ ލަޝްކަރުގެ އެއްބައިމީހުން ވީ ރޫމުގެ ކަނޑުގެ އައްސޭރީގައެވެ. ވުމާއެކު ޝައްކު ކުރެވޭ ބަޣާވާތް އޮއްބާލުމަށްޓަކައި މާތް މަނިކުފާނުގެ އެހީފުޅު ބޭނުމެވެ.“
”އެފަރާތުން އެހީއެއް ލިބިވަޑައިގެންފާނޭ ކަމުގައި އުއްމީދު ކުރެއްވޭ ތޯއެވެ؟“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”ނޫރުއްދީން ޒަކީ އުޅުއްވަނީ ފްރާންސްއާއި ހަމަލާ ދެއްވައިގެން ކަމުގައި ދާދި އިހަކަށް ދުވަހު ފާސިދަކު ގެނައި ޚަބަރަކުން އެގެއެވެ. އެމަނިކުފާނުގެ އެހަގުރާމަވެސް ފެއްޓެވީ ހަމަ އަޅުގަޑުމެންނަށް އެހީވެވަޑައިގެންނެވުމަށްޓަކައެވެ. އޭރުން ފްރާންސްގެ އަމީރުންނާއި ލަޝްކަރުގެ ވެރިން ވަޑައިގެން ތިއްބެވީ ޞަލީބީ ލަޝްކަރާއެކުގައި ރޫމްގެ ކަނޑުގެ އައްސޭރީގައެވެ. -ފްރާންސްގެ ހަގުރާމަވެރި ލަޝްކަރު ސޫދާނުގެ ލަޝްކަރާއި ބައިވެރިވެގެން އަޅުގަޑުމެންނާއި ހަމަލާ ދިނުމަށްޓަކައި މިސުރުގެ ސަރަޙައްދާއި ދިމާއަށް ދަތުރު ކުރަނީއެވެ. ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތުގައި މުޚްތަރިމް ޒަކީ ވަޑައިގެން ދެއްވި އެންމެ ހަމަލާއަކުން ޝާހް ފްރޭންކްގެ ހުރިހާ ރޭއްވެވުމެއް ބަރުބާދު ކޮށްލައްވާ ޝާހްފްރޭންކްގެ ވެރިކަމުގެ ދަށުގައި އޮންނަ ރައްތަކުގެ ތެރެއިން ގިންރައްތަކެއް އަތުލެއްވިއެވެ. ޞަލީބީންގެ ބައެއް މީހުންގެ އަތުން އެމަނިކުފާނު ޖިޒީވެސް ނެންގެވިއެވެ. ފޭލިގެ ކޮޅުގައި ދެކޮޅަށް ހިންގަވަމުން ނުހަނު އަސަރާއެކު ޞަލާޙުއްދީން އައްޔޫބީ ވާހަކަފުޅު ދެއްކެވިއެވެ. “ ޞުލްޠާން ޒަކީގެ ޤާސިދުގެ ފަރާތުން މި ޚަބަރުތައް ސާފުވުމުން އަޅުގަޑު ވަރަށް ބޮޑަށް ހާސްވިއެވެ.“
”ތިޔަހެން ވިއްޔާ އެތަނަށްވެސް ޞަލީބީން ހަމަލާ ދޭނެތޯއެވެ؟“ ޢަލީ ބިން ޞުފިޔާން ސުވާލު ކުރެއްވިއެވެ.
”ޞަލީބީން ހަމަލާ ދީފާނޭތީ ކުޑަކޮށްވެސް އަޅުގަޑު ބިރެއް ނުގަންނަމެވެ. އެކަމާ ފަރުވާއެއް ނުބަހައްޓަމެވެ.“
”އަޅުގަޑު ކަންބޮޑުވަނީ ކުފުރާއި ލަޝްކަރުގެ ހަގުރާމަ ހުއްޓުވަން ތިބިމީހުން ރަލުގެ ބަޑިޔާތަކަށް ގެބެމުން ދާތީއެވެ. މުސްލިމުންގެ ކިއްލާތައް ހިމާޔަތްކުރަން ތިބި މީހުން ހަރަމް ތަކުގައި ހައްޔަރުވަމުން ދާތީއެވެ. – އަންހެނުންގެ ފައިތަކުގައި ކަސްތަޅުއަޅުވައިފިއެވެ. ޢަލީއެވެ. އާޅުގަޑުގެ ބޮޑުބޭބޭފުޅު އަސަދުއްދީނު ޝޭރުކޯހްގެ ނަންފުޅު ދުވަހެއްގައިވެސް އިސްލާމީ ތާރީޚުން ފުހެވިގެން ނުދާނެއެވެ. މިހާތަނަށް އެބޮޑުބޭބޭފުޅު ދިރި ހުންނެވިނަމަ ކޮންފަދަރަގަޅުތޯއެވެ؟ ހަގުރާމައިގެ މައިދާނަށް އަޅުގަޑު ނެރުއްވެވީ އެމަނިކުފާނެވެ. އެމަނިކުފާނުގެ ހަގުރާމަވެރި ލަޝްކަރުގެ އެންމެ އިސް ޖަމާޢާތުގެ ކޮމާންޑަރުކަން އަޅުގަޑު ކުރީމެވެ. އުދަގޫ ވަގުތުތައްވެސް އަޅުގަޑު ދުށީމެވެ. ބޮޑުބޭބޭ ފުޅު ޝޭރުކޯހްގެ އަރިއަހުގައި ޞަލީބީން ހިޞާރުކޮށްގެން އެތަކެއް މަސްދުވަސް ވަންދެން އަޅުގަޑު ހުރީމެވެ. އަބަދުވެސް ބޮޑުބޭބޭފުޅު ޝޭރުކޯހް އަޅުގަޑަށް ފިލާވަޅު ދެއްވަމުން ގެންދެވިއެވެ. – ހާސްކަމާއި ބިރުވެރިކަމުން ސަލާމަތްވެ ހުރުމަށާއި އެކުވެރިވެ އެއްބާރުލުމަށާއި ﷲގެ އަމުރުފުޅަށް ރައްކައުތެރި ވުމަށް ވިދާޅުވިއެވެ. އިސްލާމްދީނުގެ ޢިލްމު މަތިވެރި ކުރުމަށް އެންގެވިއެވެ. – ޢަލީއެވެ. ބޮޑުބޭބޭފުޅު ޝޭރުކޯހްގެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުރެގެން މިސުރު މީހުންނާއި ޞަލީބީން އެކުލެވޭ ލަޝްކަރަކާއި ދެކޮޅަށް އަޅުގަޑު ހަގުރާމަ ކުރީމެވެ. އެފަހަރު ސިކަންދަރިއްޔާ ޙިޞާރު ކޮށްގެން ހުރިއިރު ބަލިވުމުގެ ހުރިހާ އަލާމާތްކެއް އަޅުގަޑުމެންގެ ބޯމަތީގައި އެބުރި އެބުރި ހުއްޓެވެ. އެފަދަ ވަގުތުގައި އަޅުގަޑުމެންގެ ކުޑަކުޑަ ލަޝްކަރުގެ ހިތްވަރު އެލެމުންދަނިކޮށް އެބައިމީހުންނަށް ހިތްވަރުދީ ހަގުރާމައިގެ ޖޯޝް ތާޒާ ކުރުމަށްޓަކައި އަޅުގަޑު ކުރި މަސައްކަތް މޮޅަށް ދެނެވޮޑިގެންވާނީ ﷲއެވެ. – ކޮންމެއަކަސް ބޮޑުބޭބޭފުޅު ޝޭރްކޯހް ހަމަލާ ދެއްވަން ފައްޓަވާފައި ހިޞާރު ރޫޅާލެއްވެވިއެވެ. – މިވާހަކަތައް ޢަލީއަށް ރަގަޅަށް އެގިވަޑައި ގަންނަވާނެއެވެ. – އީމާންތެރިކަމެއް ނެތް މީހުން ކާފިރުންނާއި އެއްބައިވެގެން އަޅުގަޑުމެންގެ މައްޗަށް ކޮންފަދަ ވަރުގަދަ ތޫފާނުތައް ގެނެސްގެންތޯއެވެ؟ ނަމަވެސް އަޅުގަޑު ހާހެއް ނުވަމުއެވެ. ހިތްވަރުދެރައެއް ނުކުރަމެވެ.“
”ތިޔަ ހުރިހާ ކަމެއްވެސް އަޅުގަޑު ހަދާން އެބަ ހުއްޓެވެ. ސުލްޠާންއެވެ…..“ ޢަލީ ބިން ޞުފިޔާން ވިދާޅުވިއެވެ. ”އެފަދަ ބިރުވެރި ނުރައްކައުތެރި ހަގުރާމައަކާއި ޤަތުލު ޢާމަކަށް ފަހުގައި މިސުރު މީހުން ތެދުމަގަށް އަތުވެދާނޭ ކަމުގައި އުއްމީދު ކުރެވުނެވެ. ނަމަވެސް ޚިޔާނަތްތެރިންގެ އެކަކު މަރުވާ އިރަށް އެ މަޤާމްއަށް އަނެކަކު އާދެއެވެ. އަޅުގަޑަށް ހީވާ ގޮތުގައި ހިޔާނާތްތެރިން އުފައްދަނީ އާރާއި ބާރު ކެޑެމުންދާ ޚިލާފަތެވެ. ފާތިމީ ޚިލާފަތް ހަރަމް ތަކުގެ ތެރެއަށް ގެއްލިގެން ނުދިޔަ ނަމަ މިއަދު މަނިކުފާނު ހުންނަވާނީ ޔޫރަޕުގައި ޞަލީބީންނާއި ހަގުރާމަ ކުރައްވާށެވެ. ނަވަމެސް އަޅުގަޑުމެންގެ ޚިޔާނާތްތެރި އަޚުން އިސްލާމީ ވެރިކަމުގެ ސަރަހައްދުން ބޭރަށް މަނިކުފާނު ވަޑައިގެންނެވި އަކަނުދެއެވެ. ރަސްގެފާނު އުފަލާއި މަޖަލުގެ ތެރެއަށް ގެބިވަޑައިގެންފިނަމަ ރައްޔިތުންގެ ތެރެއިން ބަޔަކު އެފަދަ ރަސްކަމެއް ކުރުމުގެ ހުވަފެންތައް ދެކެންފަށާފާނެއެވެ. ދެން އެބައި މީހުން ކާފަރުންގެ ފަރާތުން ބާރާއި އެހީ ހޯދަން ފަށާފާނެއެވެ. އީމާންތެރިކަން ގެއްލެމުންދާ މީހުން ވެރިކަމުގެ ދަހިވެތިކަމުގައި ކާފަރުންގެ އަޒުމާއި ތިމާމެންގެ އަނބިދަރީންގެ ޢިއްފަތްތެރިކަންވެސް ހަދާންނައްތާލައެވެ.“
”އަޅުގަޑު އަބަދުވެސް އަޅުގަޑުމެންގެ މީހުންދެކެ ބިރު ގަންނަމެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ.
”އިސްލާމުންގެ ނަން ދުނިޔެއިން ފުހެވިގެން ދާނަމަ ދާނީ ހަމަ މުސްލިމުންގެ އަތުންނެވެ. ނަމަވެސް ﷲ އެގޮތަށް އިރާދަ ނުކުރައްވާށިއެވެ. – އަޅުގަޑުމެންގެ ތާރީޚު ޚިޔާނާތްތެރިންގެ ތާރީޚަކަށް ވަމުން ދަނީއެވެ. ހިގަމުން މިދާ ހާދިޘާތައް އަންގައިދޭ ގޮތުންވިއްޔާ އިސްލާމުންނޭ ކިޔައިގެން އެއުޅޭ މީހުން ކޮންމެވެސް ދުވަހަކުން އެބައިމީހުންގެ އަމިއްލަ ރަށްތައް ކާފިރުންނާއި ހަވާލު ކުރާނެއެވެ. – އެއިން ރަށެއްގައި އިސްލާމުން ދިރިއުޅުނު ނަމަވެސް އެރަށްތަކުގައި މިސްކިތްތައް މަދުވެ ގަހުވަޚާނާތައް ގިނަވާނެއެވެ. އަޅުގަޑުމެންގެ އަންހެން ދަރިން ޞަލީބީ އަންހެނުން ފަދައިން އެބައިމީހުންގެ އިސްތަށިގަޑުތައް ރޫޅާލާފައި، ލަދުވެތިކަން ފައިދަށަށް އެއްލައިލާނެއެވެ. – ކާފިރުން އެބައިމީހުންގެ މަގަށް އަޅުގަޑުމެންގެ އަންހެން ދަރިންވެސް ގެންދަނީއެވެ. ނުވަތަ މިހާރު ގެންގޮސް ނިމިއްޖެއެވެ. މިހާރު އަނެއްކާވެސް މިޞުރުގައި ހަމަ އެކަހަލަ ތޫފާނެއް އުތުރެމުން އެބަދެއެވެ. – ޢަލީއެވެ. ކުރިއަށް ވުރެވެސް މަނިކުފާނުގެ މުހައްލިމަތުގެ ބާރުގަދަ ކުރައްވާ ތަނަވަސް ކުރައްވާށެވެ. ދުޝްމަނުންގެ ސަރަހައްދައްގޮސް ހަމަލާދީ ހަބަރުތައް ގެނެސްދޭނެ ސިއްޚަތު ރަގަޅު ވިސްނުންތޫނު ޒުވާނުން ހޯދުމަށް އަޅުގަޑުގެ އެކުވެރިންގެ ގާތުގައި ބުނެފީމެވެ. ޞަލީބީން އެމީހުންގެ ދިފާއުތައް ވަރުގަދަކޮށް ބާރުގަދަ ކުރަމުން ގެންދަނީއެވެ….. މީގައި މަނިކުފާނުވެސް ފުރިހަމައަށް ޖާސޫސީ ހަގުރާމައިގެ ތައްޔާރުތައް ކުރައްވާށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރައްވަންވީ ކަމަކީ ޞަލީބީ ލަޝްކަރުގެ ތެރެއިން ސަލާމަތްވެގެން އައިސް އަޅުގަޑުމެންގެ އަމީރުގެ ގޮތުގައި ތިބި މީހުންނާއި ބައްދަލު ކުރައްވާ މައުލޫމާތު އޮޅުން ފިލުއްވެވުމެވެ. – އެހުރިހާ އެންމެންނާ އަޅުގަޑު ބައްދަލު ކޮށްފީމެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ވަރަށް ބޮޑަށް ޒަޚަމް ވެފައެވެ. ޒަޚަމް ނުވާ މީހުންވެސް ގިނަދުވަހު ކަނޑުގާ ފަތަފަތާ ތިބުމުގެ ސަބަބުން ޒަޚަމްވެފައި ތިބިމީހުނަށް ވުރެވެސް ހާލު ދެރައެވެ. މިހާރު އެންމެންނަށްވެސް ފަރުވާ ދެވެމުން ދަނީއެވެ.“
ސުލްޠާން އައްޔޫބީ އެހާ ތަނުން ވާހަކަފުޅު ހުއްޓަވާ ލައްވާފައި ދޮރުވާނު ކަލޭގެއަށް ވިދާޅުވެފާ ނާސްތާ ގެނައުމަށް އެންގެވުމަށްފަހު އަނެއްކާވެސް ވާހަކަފުޅު ދައްކަވަން ފައްޓަވައިފިއެވެ.
”ޒަޚަމްވެފައިތިބި ފިރިހެން ބައަކާއި ހެޔޮ ހާލުގައިތިބި އަންހެން ކުދިންކޮޅެއް އަޅުގަޑު ކުރިމައްޗަށް ގެނެވުނެވެ. ގެނެވުނު ހަ ފިރިހެނުންނަކީ ކަޑުވެފާތިއްބާ ސަލާމަތްކޮށްގެން ގެނެވުނު ހަ އަސީރުންނެވެ. އޭގެތެރެއިން އެކަކު އެއީ އާދައިގެ ސިފައިންގެ މީހެއް ނޫންކަމާއި އެއީ މަތީ ދަރަޖައިގެ އޮފިސަރެއް ކަމުގައި އަޅުގަޑަށް ޝައްކުކުރެވެއެވެ. އެންމެ ފުރަތަމަ އަޅުގަޑު މިދެންނެވި މީހާ އާއި ބައްދަލު ކުރައްވާށެވެ. ހެޔޮ ހާލުގައި ތިބިކަމަށް އަޅުގަޑު ދެނެންނެވި ހަތް އަންހެން ކުދިން އަޅުގަޑާއި ހަމައަށް ގެނައީ ތާޖަރުންގެ ފަސްމީހުންނެވެ.“ ދެން އެ ތާޖަރުންގެ ފަސް މީހުންނާ ހަތް އަންހެން ކުދިންނާއި ބެހޭ ގޮތުން ޞަލާޙުއްދީން އައްޔޫބީގެ އަރިއަހުގައި ދެންނެވި ވާހަކަތައް ތަފްސީލުކޮށް ވިދާޅުވެ ދެއްވުމަށްފަހު އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”ހަތް އަންހެން ކުދިން ބޭތީއްބީ އަޅުގަޑުގެ ހިމާޔަތުގެ ދަށުގައި ކަމަށް އެކުދިންގެ ގާތުގައި ބުނި ނަމަވެސް ހަޤީގަތުގައި އެކުދިންނަކީވެސް އަސީރުންނެވެ. އެކުދިންނަކީ ވަރަށް ފަޤީރުބައެއް ކަމަށާއި ޞަލީބީންގެ ނައުފަހަރުގައި އަލިފާން ރޯވުމުން ކުޑަކުޑަ ކިޝްތީ ގަޑަކަށްލާފާ އެކުދިން ކަނޑުތެރެއަށް ދޫކޮށްލުމުން ކިޝްތީގަޑު އޮޔާވަޔާ ތަޅަމުން އައްސޭރިއަށް ގޮޑުވީ ކަމަށް ބުނުމުން އެ ކުދިންނާއި ދޭތެރޭގައިވެސް އަޅުގަޑުގެ ހިތުގައި ޝައްކު އުފެދުނެވެ. ވުމާއެކު މި ދެންނެވި ހަތް ކުދިންވެސް ވަކިފޭލިގެއެއްގައި ބައިތިއްބާފައި ފޭލިގޭގެ ކައިރީގައި ފާރަވެރިން ބައިތިއްބީމެވެ. މަނިކުފާނު ނާޝްތާ ކުރައްވައިގެން ވަޑައިގެން އަވަހަށް އެކުދިންނާއި ބައްދަލު ކުރައްވާށެވެ.“ ޞަލާޙުއްދީން އައްޔޫބީ ވާހަކަ ފުޅު ނިންމަވާލައްވަމުން ހިނިފުޅުވަޑުވާލަމުން ވިދާޅުވިއެވެ. ”އިއްޔެގާ އަޅުގަޑުމެން އައްސޭރީގައި ހިގާލަން ނިކުމެގެން އުޅެނިކޮށް ކޮންމެވެސް މީހަކު އަޅުގަޑުގެ ގަޔަށް ދުންޏެއް ޖެހިއެވެ. ނަމަވެސް ދުނި އަޅުގަޑުގެ ގައިގާ ލައްވާނުލާ ގޮސްޖެހުނީ އަޅުގަޑުގެ ދެފައިގެ ދެމެދުން ބިންގަޑުގައެވެ.“ ޞަލާޙުއްދީން އައްޔޫބީ އެއްކަލަ ދުނި ނަންގަވާ ޢަލީ ބިން ސުފިޔާނަށް ދައްކަވާ ލެއްވިއެވެ. ”އެއީ ފަރުބަދައިގެ ހިސާބެކެވެ. އެހެން ކަމުން އެއިން ހިސާބަކުންވެސް މީހަކު ނުފެނުނެވެ. އަޅުގަޑުގެ ބޮޑީގާޑުން ދުރުދުރަށް ދާންދެން ހޯދިއެވެ. ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެކަމަކު އޭގެ ހަތް އަންހެން ކުދިން އަޅުގަޑާއި ހަވާލު ކޮށްފާ އެބުރިދިޔަ ތާޖަރުންގެ ފަސްމީހުން ފެނުނީ ހާދިޘާ ހިގިތަނާއި ދާދި ކައިރިންނެވެ.“
”ތާޖަރުންގެ ފަސްމީހުން ދިޔައީތޯއެވެ؟“ ހައިރާން ކަމާއެކު ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”މަނިކުފާނު އެމީހުން ދިއުމުގެ ހުއްދަ ދެއްވީތޯއެވެ؟“
”އަޅުގަޑުމެންގެ ސިފައިން އެމީހުންގެ އެއްޗެތި ފާސްކުރިއެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ޝައްކުކުރެވޭ ކަހަލަ އެއްވެސް އެއްޗެއް އެމީހުންގެ އަތަކުން ނުފެނުނެވެ.“ ”އަމީރުންނާއި ޖާސޫސުންގެ ނަޒަރު ވަރަށް ބޮޑަށް ތަފާތުވާނެއެވެ.“ ފަރުވާތެރި ކަމާއެކު ދުންޏަށް ބައްލަވައި ލައްވަމުން ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. އެންމެ ފުރަތަމަ އަޅުގަޑު މަސައްކަތް ކުރާނީ އެ މީހުން އަތުލައިގަތުމަށެވެ.“
ސުލްޠާން އައްޔޫބީގެ ފޭލިގެ ކޮޅުން ޢަލީ ބިން ސުފިޔާން ނިކުމެ ވަޑައިގެންނެވިތަނާ ދޮރުވާނު ކަލޭގެއައިސް ދެންނެވިއެވެ. ”އިއްޔެގާ ޤައިދު ކުރެވުނު ޢީސާއި ހަތް އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ވީތަނެއް ނޭގި ގެއްލިއްޖެ ކަމުގައި ކޮމާންޑަރަކު އައިސް ބުނެފިއެވެ. – ސުލްޠާނާއި ހަމައަށް މިޚަބަރު ގެންދިއުމަކީ ކޮންމެހެން ބޭނުން ކަމެއްތޯއެވެ؟“
”ނޫނެކެވެ. ތިޔައީ ސުލްޠާންއަށް އުދަގޫފުޅުކުރާ ކަހަލަ މުހިއްމުކަމެއް ނޫނެވެ.“ މިހެން ވިދާޅުވެފާ ޢަލީ ބިން ސުފިޔާން އެކަމާއި ދޭތެރޭގައި ވިސްނާވަޑައި ގަތުމަށްޓަކައި ކުޑަކޮށް މަޑުކޮށްލައްވައިގެން ހުންނަވަނިކޮށް ޚަބަރު ހިފައިގެން އައި ކޮމާންޑަރު އެމަނިކުފާނުގެ އަރި އަހަށް ކައިރި ވެލާފާކަންފަތްޕުޅާއި ދިމާއަށް ގުދުވެލަމުން ދޮރުވާނު ކަލޭގެއަށް ނުއިވޭ ވަރަށް ސިއްރުސިއްރުން ދެންނެވިއެވެ.
”ޢީސާއީ އަންހެން ކުއްޖަކުވީތަނެއް ނޭގި ގެއްލުމަކީ އެހާ މުހިއްމު ކަމެއް ނޫނެވެ. އެކަމަކު ފަޚުރުލް މިސްރީ ކިޔާ ކޮމާންޑަރަކު ރެއިންސުރެ ވީތަނެއް ނޭގި ގެއްލިފައިވާކަން އެއީ ވަރަށް މުހިއްމު ކަމެކެވެ. – އޭނާ އަންހެން ކުދިންތިބި ފޭލިގޭގެ ކައިރިއަށް ގޮސްފާ އެބުރި ޒަޚްމީ އަސީރުން ތިބި ފޭލިގެތަކާއި ދިމާއަށް ދަނިކޮށް ދުށްފަހުން އޭނާ ނުފެންނަ ކަމަށާއި ވީގޮތެއް ނޭގޭ ކަމަށް ރޭގައި ފޯރީއަށް ތިބި މީހުން ބުނެއެވެ.“
”ތިޔަ ޚަބަރާއިގެން ސުލްޠާންގެ އަރިއަހަށް ނުގޮސް އިހަށް މަޑުކޮށްލާށެވެ. – ރޭގައި ތިޔަބުނާ ފަޚުރުލް މިސްރީ ފޯރީއަށް ނިކުތް ވަގުތު ފޭލިގެތަކުގެ ކައިރީގައި ފޯރީއަށްތިބި މީހުން އެއް ތަނަކަށް އެއް ކުރަން އަވަހަށް ދާށެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.
ރޭގައި ފޯރިއަށް ތިބި ސިފައިން އެއް ކުރުމަށް ކޮމާންޑަރުގެ ގާތުގައި ވިދާޅުވެފާ ޢަލީ ބިން ސުފިޔާން ވަޑައިގެން ކޮމާންޑަރުންގެ ފޭލިގެއަށް ވެދެވަޑައިގެންފާ ކުރީ ދުވަހު ސުލްޠާން އައްޔޫބީގެ އަރިއަހުގައި އައްސޭރީއަށް ނިކުތް މީހުން އެމަނިކުފާނުގެ އަރިއަހަށް އައުމުން އަންގަވައިފިއެވެ. އެވަގުތަކީ އެމީހުންވެސް އެތަނުގައި ތިބި ވަގުތަކަށް ވާތީ އޭގެ ހަތަރު ކޮމާންޑަރުން ވަރަށް އަވަހަށް އެމަނިކުފާނުގެ އަރި އަހަށް އަތުވެއްޖެއެވެ.
”އިއްޔެގައި އެތާޖަރުންނާއި އަންހެން ކުދިން ކެލޭމެންނަށް ފެނުނުއިރު ތިބިތަނަށް އަވަހަށް ދާށެވެ. އަދިވެސް ތާޖަރުންގެ މީހުން އެތަނުގައި ތިބި ކަމުގައި ވަނީނަމަ އެމީހުން ހައްޔަރު ކޮށްގެން އަހަރެން ދަން ދެން އިންތިޒާރުގައި ތިބޭށެވެ. – އެމީހުން އެތަނުން އެބުރި ހިގައްޖެ ކަމުގައި ވާނަމަ ކަލޭމެން އަވަހަށް އެބުރި އަންނާނެއެވެ.“ ޢަލީ ބިން ސުފިޔާން ކޮމާންޑަރުންނަށް އަމުރުކުރެއްވިއެވެ.
ކޮމާންޑަރުން ފޮނުވާ ލައްވާފައި އެއްކަލަ ހަތް އަންހެން ކުދިން ތިބި ފޭލިގެއަށް ޢަލީ ބިން ސުފިޔާން ވަޑައިގަންނަވައިފިއެވެ. އޭރު ހަތް އަންހެން ކުދިންގެ ތެރެއިން ހަ އަންހެން ކުދިންގެ ތެރެއިން ހަ އަންހެން ކުދިން ފޭލިގޭގެ ބޭރުގައި އިށީދެލައިގެން ތިއްބެވެ. ކައިރީގައި ސިފައިންގެ މީހުން ފޯރީއަށް ތިއްބެވެ. ޢަލީ ބިން ސުފިޔާން އެކުދިން ކޮޅަށް ނަންގަވާ ސަފަކަށް ބައިތިއްބެވުމަށްފަހު މަހްރަބް ބަހުން ސުވާލު ކުރައްވަން ފެއްޓެވިއެވެ.
”ހަތްވަނަ އަންހެން ކުއްޖާ ކޮބައިހެއްޔެވެ؟“
ހަ އަންހެން ކުދިން ހައިރާން ކަމާއެކު އެއް ކުއްޖަކު އަނެއް ކުއްޖަކާއި ދިމާއަށް ބަލައިލާފައި ބޯހަލުވާލައިފިއެވެ. ”ކަލޭމެން އެންމެންވެސް އަހަރެމެންގެ ބަސް އެގެއެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ދެންވެސް އެކުދިން އަގަޔަކުން ނުބުނެއެވެ. ހަމަ ހިމޭން ކަމާއެކު ޢާލީ ބިން ސުފިޔާންގެ މޫނުފުޅަށް ބަލަން ތިއްބެވެ.
”މިތިބަ އަންހެން ކުދިންގެ ފޭރާންތައް ބާލުވާށެވެ. ދެން ލަޝްކަރުގެ ތެރެއިން ވަހުށީ ފާޑުގެ ބާރަ ސިފައިން މިތަނަށް ގެންނާށެވެ.“ އެކުދިން އަގައިން ނުބުނެ ތިބިނަމަވެސް މޫނު މަތީގެ ކުލަވަރާއި ހަށިގަޑުގެ ހަރަކާތްތަކުން ޢަލީ ބިން ސުފިޔާނަށް ޝައްކުވެވަޑައި ގަންނަވައިގެން އެކުދިންގެ ފުރަގަހަށް ވަޑައިގަންނަވަމުން ޢަރަބި ބަހުން ވިދާޅުވިއެވެ.
އެ އަޑުފުޅު އިވުމާއެކު ހުރިހާ ކުދިން އެއްފަހަރާ ސިހިގެން ގޮސްފާ އެބުރި ޢަލީ ބިން ސުފިޔާންއާއި ދިމާއަށް ބަލައިލަމުން އޭގެ ތެރެއިން ދެތިން ކުއްޖަކު އެއް ފަހަރާ ޢަރަބި ބަހުން ވާހަކަ ދައްކަން ފަށައިފިއެވެ.
”އަންހެން ކުދިބަޔަކާއި ދޭތެރޭގައި ތިޔަފަދަ ޢަމަލެއް މަނިކުފާނަކަށް ނުކުރެއްވެވޭނެއެވެ. – އަޅުގަޑުމެންނަކީ މަނިކުފާނާއި ދެ ކޮޅަށް ހަގުރާމަކުރި ބަޔަކީމުއެއް ނޫނީމުއެވެ.“
ޢަލީ ބިން ސުފިޔާން ބާރާށް ހިނިފުޅުވަޑުލައްވަމުން ވިދާޅުވިއެވެ. ”އާއެކެވެ. ކަލޭމެންނަކަށް އަހަރެން ދެރަގޮތެއް ނުހަދާނަމެވެ. އަހަރެންކަންތައް ކުރާނީ ވީހާ ރަގަޅަކަށެވެ. ބިރުގަންނަވާލުމުގެ ގޮތުން އަހަރެން ހަމަ އެންމެ އެއްޗެއް ބުނާއިރަށް ކަލޭމެން އަރަބި ބަހުން ވާހަކަ ދައްކަން ފަށައިފިއެވެ. ވީމާ، އަނެއްކާ އިތުރު ދެއެއްޗެއް ނުބުނަނީސް ހަތްވަނަ އަންހެން ކުއްޖާ ވީތަނެއް ބުނާށެވެ.“ ޢަލީ ބިން ސުފިޔާން މި ކުރެއްވި ސުވާލަށް ޖަވާބު ދިނުމަށް އިންކާރު ކުރުމުގެ ގޮތުން ހުރިހާ ކުދިން އެއްފަހަރާ ބޯހޫރާލުމުން އަނެއްކާވެސް އެމަނިކުފާނު ވިދާޅުވިއެވެ. ”އަހަރެން މިކުރާ ސުވާލުގެ ޖަވާބު ހޯދާފާ ނޫނީ ހުއްޓައެއް ނުލާނަމެވެ. ސުލްޠާން އައްޔޫބީގެ ކުރިފުޅު މަތީގައި ތިބިއިރު ޢަރަބި ބަސް ނުދަންނަ ކަމުގައި ހެދިގެން ކަލޭމެން ތިބީމުނޫންހެއްޔެވެ؟ ނަމަވެސް މިހާރު ތިޔަ އަރަބި ބަހުން ވާހަކަ ދައްކަނީއެވެ. އަހަރެމެންނަށް ވުރެވެސް ކަލޭމެން މާމޮޅުހެން ހީވެއެވެ. ވީ އިރު ތިޔަފަދަ އަންހެން ކުދިބަޔަކު ދޫކޮށްލަފާނޭކަމުގައި ކަލޭމެންނަށް ހީކުރެވެނީ ހެއްޔެވެ؟“ މިހެން ވިދާޅުވެ އެބުރިވަޑައިގެން ފޯރި މީހާއަށް އެންގެވިއެވެ. ”މިތިބަ އަންހެން ކުދިންތައް ގެންގޮސް ފޭލިގޭގެ އެތެރޭގައި ބައިތިއްބާށެވެ.“
އެހާތަނުން ފަޚުރުލް މިސްރީއާ އެކުގައި ފޯރިއަށް ނިކުތް ސިފައިންގެ މީހުން ޢަލީ ބިން ސުފިޔާންގެ ކުރިފުޅު މައްޗަށް ހާޒިރު ކުރެވިއްޖެއެވެ. – ދެން ރޭގައި ކަންހިގިގޮތް އެމީހުން ކުރެން އައްސަވާ އޮޅުންފިލުއްވެވުމުގެ ގޮތުން ސުވާލު ކުރެއްވިއެވެ. އަންހެން ކުދިންގެ ފޭލިގޭގައި ފޯރިއަށް ހުރި މީހާ ދެންނެވިގޮތުން ވިއްޔާ އޭނާ އެތަނުގައި ބަހައްޓާފައި ފަޚުރު ދިޔައީ ޒަޚްމީ އަސީރުންތިބި ފޭލިގެތަކާއި ދިމާއަށެވެ. ކުޑަ އިރުކޮޅެއްގެ ފަހުން ކޮންމެވެސް މީހަކާއި ފަޚްރު މިސުވާލު ކުރި އަޑު އިވުނެވެ. ”ކަލެއަކީ ކާކު ހެއްޔެވެ؟ ތިރިއަށްފައިބާށެވެ.“ ފޯރީ މީހާ އެފަރާތަށް ބަލައިކަމުގާ ވިޔަސް އަދިރިކަމުން އެއްޗެއް ނުފެނުނުކަމުގައި ބުންޏެވެ. ނަމަވެސް ކުރިމަތީގައި ނަމަވެސް ކުރިމަތީގައި ހުރި ފަސްފުނި މަތިން ހިޔަންޏެއް ފެނިލާފާ ގެއްލުނު ކަމުގައި ވެސް ބުންޏެވެ.
ފޯރީމީހާ އެބުނާ ފަސްފުނީގެ ކައިރިއަށް ޢަލީ ބިން ސުފިޔާން އަވަސް އަވަހަށް ވަޑައިގަންނަވައިފިއެވެ. އެއީ އައްސޭރީ އާއި ދާދި ކައިރީގައި ހުރި ފަސްފުންޏެކެވެ. އެފަސްފުނީގައި ހިލަ ގޮތް ވަރަށް އެބަ ހުއްޓެވެ. ޢަލީ ބިން ސުފިޔާން ވަށައިގެން ހިންގަވާ ބައްލަވާލެއްވި އިރު އެއްފަރާތަކުން މީހަކު މައްޗަށް އަރާފައި ހުރި ކަން ސާފުކޮށް އެގެން ހުއްޓެވެ. ފަސްފުނީގެ ކައިރިން ބިންމަތީގައި ދެވައްތަރެއްގެ ފިޔަވަޅު ތަކެއްގެ ނިޝާން ހުއްޓެވެ. އެއްވައްތަރަކީ ސިފައިން އަރާކަހަލަ ބޫޓަކަށް އަރައިގެން ހުރި ފިރިހެނަކު ހިގާފައި ހުރި ފިޔަވަޅު ތަކެއްގެ ނިޝާން ތަކެކެވެ. އަނެއް ވައްތަރަކީ އަންހެނެއްގެ ކުޑަ ފައިތިލައެއްގެ ފައިވާނުން ހެދިފާ ހުރި ނިޝާންތަކެކެވެ. އޭގެ ތެރެއިން އަންހެން މީހާ ހިގާފާ ދިޔައިރު ދޫކުރި ފިޔަވަޅުގެ ނިޝާންތައް ގޮސްފާހުރި ދިމާއަށް ޢަލީ ބިން ސުފިޔާން ހިންގަވާގެންފިއެވެ. ނަސީބަކުން އެ ފިޔަވަޅުތައް ރޮބިންއާއި މޫބީ ބައްދަލުވި ފޭލިގެއައި ހަމައަށް އެމަނިކުފާނު ގެންގޮސްދީފިއެވެ. އެހާތަނުން ފޭލިގޭގެ ފަރުދާހިއްލައިލައްވާފާ އެމަނިކުފާނު ވެދެވަޑައިގެންފިއެވެ.
ޢަލީ ބިން ސުފިޔާންގެ ތަޙްޤީޤީ ނަޒަރުން ވަރަށް ރަގަޅަށް ޒަޚްމީ އަސީރުންނާއި ދިމާއަށް ބައްލަވައިލެއްވިއެވެ. އެމަނިކުފާނު ފޭލިގެއަށް ވެދެވަޑައިގެންނެވި އިރު ތެދުވެ އިށީދެލައިގެން އިން ރޮބިން އެމަނިކުފާނު ފެނުމާއެކު މާ ބޮޑަށް ކުކުރަން ފަށައިފިއެވެ. ކުއްލިއަކަށް އޭނާގެ އެތެރެ ހަށީގެ ޒަޚަމްތަކުގެ ރިހުން ގަދަ ވެއްޖެއެވެ. ނަމަވެސް އެމަނިކުފާނު އޭނާގެ ކުކުރުމަކަށް ސަމާލުކަމެއް ނުދެއްވައެވެ. އޭނާގެ ކޮޑުގައި ހިއްޕަވައިގެން ނަންގަވައިގެން ބޭރަށް ނެރުއްވާ ސުވާލު ކުރައްވަން ފައްޓަވައިފިއެވެ.
”އަހަރެމެންގެ ޤައިދުގައި އިން އަންހެން ކުއްޖަކު ރޭގައި މިފޭލިގެއަށް އައީ ކޮންބޭނުމެއްގައި ހެއްޔެވެ؟“ ރޮބިން ވަކި ޖަވާބެއް ނުދީ ހައިރާންކަމާއެކު ސިހުން ލިބިފައިވާ ނަޒަރަކުން ޢަލީ ބިން ސުފިޔާންގެ މޫނުފުޅަށް ބަލަންފެށުމުން މަޑުމައިތިރި ކަމާއެކު އެމަނިކުފާނު ވިދާޅުވިއެވެ. ”ރަހްމަތްތެރިޔާއެވެ. އަހަރެން މިދައްކާ ވާހަކަ ކަލެއަށް އެގޭނެއެވެ. – ހަމައެފަދައިން ކަލޭމެން ވާހަކަ ދައްކާ ބަސް އަހަރެންނަށްވެސް އެގެއެވެ. ނަމަވެސް ކަލޭ ޖަވާބު ދޭންވާނީ އަހަރެމެންގެ ބަހުންނެވެ.“ ދެންވެސް ރޮބިން ޖަވާބެއް ނުދިނެވެ. އެހެން ކަމުން އަރިއަހުގައި ހުރި ފޯރީ މީހެއްގެ ކައިރީގައި އެމަނިކުފާނު ވިދާޅުވިއެވެ. ”މީނާ ފޭލިގެއަށް ވަނަނުދީ ބޭރުގާ ބަހައްޓާށެވެ.“
ޢަލީ ބިން ސުފިޔާން ދެވަނަ ފަހަރަށް އެތެރެއަށް ވަދެވަޑައިގެން ދެން ތިބި އަސީރުންނާއި އެމީހުންގެ އަމިއްލަ ބަހުން ސުވާލު ކުރެއްވިއެވެ.
”ރޭގާ މި ފޭލިގެއަށް އައި އަސީރު އަންހެން ކުއްޖާ ކިހާ އިރެއްވަންދެން ފޭލިގޭގައި އިން ހެއްޔެވެ؟ – އަމިއްލައަށް އަނިޔާ ލިބިނުގަންނާށެވެ.“
އޭގެ ތެރެއިން ހަމަ އެކަކުވެސް އަގައިން ނުބުނެ މަޑުމަޑުން ތިއްބާ ޢަލީ ބިން ސުފިޔާން ވިދާޅުވި އެންމެ ބަސްފުޅަކުން އެމީހުން ވާހަކަ ދައްކަން ފަށައިފިއެވެ. – ރޭގައި ކޮންމެވެސް އަންހެން ކުއްޖަކު ފޭލިގެއަށް އައިކަމާއި އެ އަންހެން ކުއްޖާ ރޮބިންގެ ކައިރީގައި އިށީދެގެން ނުވަތަ އޮށޯވެގެން އޮތް ކަމަށާއި އެމީހުންނަކީ އަލިފާން ރޯވެފާއޮތް ނަވަކުން ކަނޑަށް ފުންމާލި ބައެއް ކަމާއި އަލިފަނާއި ފެނުގެ ނުރައްކާތެރިކަންވެސް އެމީހުންނަށް ފެނިފައިވާ ކަމާއި، އެމީހުންގެ ޒަޚަމްތަކުގައި އަޅާވޭނަށްވުރެ އެމީހުން ބިރުގެންފައި ވާލެއް މާބޮޑުކަމާއި ދެން އިތުރު މުސީބާތެއްގައި ހައްޔަރުވާން ބޭނުންނުވާ ކަމަށް ޢަލީ ބިން ސުފިޔާން އަރިއަހުގައި ދެންނެވިއެވެ. ރޮބިންއާއި އެއަންހެން ކުއްޖާއާއި ދެމެދުގައި ދެކެވުނު ވާހަކައެއް ނޭގޭ ކަމަށާއި އެއީ ކޮން އަންހެން ކުއްޖެއްކަން ނޭގޭ ކަމަށާއި ރޮބިންއަކީ ކޮން މަޤާމެއްގެ މީހެއްކަން އޮޅުންފިލާފާ ނެތް ކަމަށާއި އެމީހުންނަށް އެގެނީ ހަމައެކަނި ރޮބިންގެ ނަންކަމުގައިވެސް ދެންނެވިއެވެ. ޒަޚްމީ އަސީރެއްގެ ގޮތުގައި މިސުރު ސިފައިންގެ ކޭމްޕަށް ގެނެވެންދެންވެސް ރޮބިންހުރީ ފުރިހަމަ ސިއްޙަތެއްގައި ކަމާއި، އެތަނަށް އާދެވުމުން ކުއްލިއަކަށް ބައްޔެއް ޖެހުނީމާ ކުކުރާގޮތަށް ކުކުރަން ފެށީ ކަމުގައި ދެންނެވިއެވެ.
ޢަލީ ބިން ސުފިޔާން މަގު ދައްކާނޭ މީހަކު ގޮވައިގެން އެއްކަލަ ތާޖަރުންގެ ހެދުމުގައި ތިބި ފަސް މީހުންގެ ގެއަށް ވަޑައިގެންފިއެވެ. – އިއްޔެއާއި ހަމައަށް އެތާޖަރުންގެ އަތުގައި ދެ ޖަމަލު އޮތް ކަމަށާއި މިހާރު އޮތީ އެންމެ ޖަމަލެއް ކަމުގައި ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި ދިޔަ ސިފައިންގެ މީހާ އެމަނިކުފާނަށް ދެންނެވިއެވެ. އެ މީހާގެ އެ އިޝާރާތުން އެމަނިކުފާނަށް ފުދިވަޑައިގެންނެވިއެވެ. ފޭލިގެއާއި ހަމައަށް ވަޑައިގަންނަވަން ވާއިރަށް އެމީހުންނާއި ކުރައްވާނޭ ސުވާލުތައް ހިތްޕުޅުގައި ރާއްވަވާލެއްވިއެވެ. – ނަމަވެސް އެމަނިކުފަނު ކުރެއްވެވި ސުވާލަށް ދޭނޭ އެކަށީގެންވާ ޖަވާބެއް އެމީހުންނަކަށް ނޭގުނެވެ. ދެވަނަ ޖަމަލަށް ވީގޮތެއް ދަންނަވާކަށް ނޭގުނެވެ. އެގޮތުން އެމީހުން ޖަވާބެއް ނުދީ ހިމޭނުން ތިބި ނަމަވެސް ދެވަނަ ޖަމަލުގެ ފައިގެ ނިޝާން އެމަނިކުފާނަށް ފެނިވަޑައިގެންނެވިއެވެ.
”ކަލޭމެންގެ ކުށަކީ އާދައިގެ ގޮތެއްގާ ކޮށްލާވައްކަމެއް ކަހަލަ ކަމެއް ނޫނެވެ. – ކަލޭމެންނަކީ ފުރިހަމަވެރިކަމަކާއި އެވެރިކަމުގެ ދަށުގައި ވާހާ އާބާދީތަކަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ. ވުމާއެކު ކަލޭމެންގެ މައްޗަށްކަށް ކުޑަކޮށްވެސް އަހަރެން ރަހުމެއް ނުކުރާނަމެވެ. – ކަލޭމެންނަކީ ހަމަ ތާޖަރުންނީމު ހެއްޔެވެ؟“
”އާދޭހެވެ.“ ޖަވާބު ދިނުމުގެ ގޮތުން އެންމެންއެއް ފަހަރާ ބޯހަލުވާލިއެވެ. ”ސާހިބާއެވެ. އަޅުގަޑުމެންނަކީ ތާޖަރުންގެ ބަޔަކީމެވެ. އަޅުގަޑުމެންގެ އެއްވެސް ކުށެއްނެތެވެ.“
”އެންމެ ރަގަޅެވެ. ކަލޭމެންގެ އަތް ތިލަތަކުގެ ނުފުށް ދައްކަބަލާށެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.
ފަސްމީހުން އެއް ފަހަރާ އަތްތިލަ ބަންޑުން ބަހައްޓާފައި ކުރިއަށް ދިއްކޮށްލައިފިއެވެ. އެ ވަގުތު ހުރިހާ އަތްތިލަ ތަކުގެ ނުފުށުން ބޮޑުވާއިގިއްޔާއި ޝަހާދަތް އިގިއްޔާއި ދޭތެރެއަށް ބައްލަވައި ލައްވާފާ އޭގެ ތެރެއިން އެކަކުގެ އަތުގައި ހިއްޕަވާ ދަންމަވައިގަންނަވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
”ދުންޏާއި ދުނިދަޑި ފޮރުވާފައި އޮތީ ކޮންތަނެއްގައި ހެއްޔެވެ؟“
އެމަނިކުފާނު އެވިދާޅުވާ އެއްޗެއް ނޭގޭ ކަމަށް ހަދަން އެ މީހާ މަސައްކަތް ކުރަން ފެށުމުން އަރިއަހުގައި އައި ސިފައިންގެ މީހާ އެތަނަށް ގެންނަވާފާ އޭނާގެ ކަނާތުގެ ނުފުށުން ބޮޑުވާއިގިއްޔާއި ޝަހާދަތް އިގިއްޔާއި ދެމެދުގައި ހުރި ނިޝާންނެއް ދައްކަވާލެއްވިއެވެ. – ތާޖަރު ކަލޭގެ އަތުގައިވެސް ހަމައެކަހަލަ ނިޝާނެއް ހުއްޓެވެ.
”މިއީ ސުލްޠާން ލަޝްކަރުގެ ދުނި އުކާ މީހުންގެ ތެރެއިން މޮޅު ހެއްވެކެވެ. މިނިޝާނަކީ އެ ކަމުގެ ހެއްކެކެވެ.“
އޭނާގެ އަތުގެ ނުފުށުގައި ބޮޑުވާ އިގިއްޔާއި ޝަހާދަތް އިގިއްޔާއި ދޭރެތެއިން ބޮޑުވާ އިގިލީގެ އެންމެ ތިރީ ބަދައިގެ ކައިރީގައި ހުރި ނިޝާނަކީ މެދުކެޑުމެއްނެތި އެއްޗެއް ކޭއްތުވުމުގެ ސަބަބުން ލާފައިހުރި ނިޝާނެކެވެ. އެއީ ދުނި ޖަހާއިރު ދުނީގެ ކުރީ ބައިގާ ހިފަހައްޓައިގެން ހުންނަ އަތެވެ. ދުނިދަޑިން ދުނި ނިކުމެގެން ދާއިރު ދާނީ އެތަނުގައި ހޭކެމުންނެވެ. އަމާޒަށް ދުނިޖަހާ ކޮންމެ މީހެއްގެ އަތުގައިވެސް އެކަހަލަ ނިޝާނެއް ހުންނާނެއެވެ.
”މިފަސް މީހުންގެ ތެރެއިން އަމާޒަށް ދުނި ޖަހާ މީހަކީ ހަމަ އެކަނި ކަލެއެވެ. – ވީމާ ޖަވާބު ދޭށެވެ. ދުންޏާއި ދުނިދަޑު ފޮރުވީ ކޮންތަނެއްގާ ހެއްޔެވެ؟“ ޢަލީ ބިން ސުފިޔާން މިކުރެއްވި ސުވާލަށް ޖަވާބު ދޭނޭ ހަމަ އެކަކުވެސް އެތަނުގައި ހުރިކަމަކަށް ނުވެއެވެ. އެމީހުން އަގައިން ނުބުނެ ހިމޭނުން ތިބެން ފެށުމުން ޢަލީ ބިން ސުފިޔާން ކޯފާ އިސްކުރައްވާ ދުނިހެވި ކަލޭގެ އަތުގައި ހިއްޕަވާ ގާތަށް ދަންމަވައި ގަންނަވަމުން ސިފައިންގެ މީހުންނަށް ވިދާޅުވިއެވެ. “ މިމީހާގެންގޮސް އެހެރަ ކަދުރު ރުކުގައި ބަންނާށެވެ.“
ޢަލީ ބިން ސުފިޔާން އަމުރު ކުރެއްވުމުން ސިފައިންގެ މީހުން ކިޔަމަންތެރި ކަމާއެކު އެމީހާ ގޮވައިގެން ގޮސް ތަންކޮޅެއް ދުރުގައި ހުރި ކަދުރު ރުކެއްގައި ދަމާބަދެފިއެވެ. ދެން ޢަލީގެ އަރިއަހުގައި ތިބި ސިފައިންގެ މީހުންގެތެރެއިން އަމާޒަށްދުނި ޖަހާ މީހަކަށް އަމުރު ކުރެއްވިއެވެ. “ ރުކުގާ ބަދެފައި އެހެރަ މީހާ ގަޔަށް ޖަހާށެވެ.“ އެމަނިކުފާނު އެހެން ވިދާޅުވުމާއެކު އެ ސިފައިންގެ މީހާގެ ކޮޑުގައި އަޅުވާލާފައި ހުރި ދުނިދަނޑި ނަގާފައި އޭގެން ދުންޏެއް ރުވާ ދޫކޮށްލައިފިއެވެ. އެ ދުނި ފަތު އަޑު ކިޔާފާގޮސް ރުކުގައި ބަދެފާހުރި މީހާގެ ކަނާއަތް ފަރާތު ލޮލަށް ހެރިއްޖެއެވެ. އެމީހާއަށް ވީ ތަދުން ރޮއިރޮއި ތެޅި ފޮޅެން ފަށައިފިއެވެ.
”ނިކަން ދެކެބަލާށެވެ. ޞަލީބަށްޓަކައި އެގޮތަށް ތެޅި ތެޅި ފުރާނަ ދޭން ކެރޭނޭ ކިތަށް މީހުން ތިޔައިގެ ތެރޭގައި އެބަ ތިބި ހެއްޔެވެ؟“ ޢަލީ ބިން ސުފިޔާން ވިދާޅުވި ބަސްފުޅު އިވުމުން އެންމެން އެއްފަހަރާ އެދިމާއަށް ބަލައިލިއެވެ. އޭރު އެމީހާ ރޮއިހޭރި ތެޅިފޮޅެއެވެ. ދުނި ހެރުނު ލޮލުން ހޯސްލާފައި ލޭ އޮހޮރެއެވެ. ”ކަލޭމެންގެ ގާތުގައި އަހަރެން ވައުދުވަމެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.
ނުހަނު އިއްޒަތާއި އެކު ރޫމުގެ ކަނޑުގެ އެފަރާތަށް ކަލޭމެން ފޮނުވައި ދޭނަމެވެ…. އަނެއް ޖަމަލުގައި ދިޔަމީހަކާއި އެމީހާ ދިޔަތަނެއް ބުނާށެވެ.
”މަނިކުފާނުގެ ލަޝްކަރުގެ ކޮމާންޑަރު އަޅުގަޑުމެންގެ ދެ ޖަމަލުން އެއް ޖަމަލު ފޭރިގަނެގެން ހިގައްޖެއެވެ.“ އޭގެ ތެރެއިން އެކަކު ދެންނެވިއެވެ.
”ޖަމަލުގެ އިތުރަށް އަންހެން ކުއްޖަކުވެސް ފޭރި ގަނެގެން ގެންދިޔަ ނޫންހެއްޔެވެ؟“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.
އިރުކޮޅަކު މަސައްކަތް ކުރެއްވުމަށްފަހު އަލީ ބިން ސުފިޔާނަށް ލިބި ވަޑައިގެންފައިވާ މޮޅު ފަންނުގެ ބާރުގައި އެމީހުން ލައްވާ އިއްތިރާފް ކުރުވައިފިއެވެ. އެމީހުންނަކީ ކޮން ބައެއްކަމާއި އެމީހުން ކުރަން އައީ ކޮންކަމެއްކަން ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި ދަންނަވާ ނިމިއްޖެއެވެ. ނަމަވެސް ރޭގައި އެއަންހެން ކުއްޖާ ފޭލިގެއިން ފިލައިގެން އެތަނަށް އައީ ސުލްޠާން ސަލާޙުއްދީން އައްޔޫބީ އެމަނިކުފާނުގެ ފޭލިގެ ކޮޅަށް އެކުއްޖާ ގެންދެވުމަށްފަހު އެމަނިކުފާނު ރާފޮދު ހިއްޕަވާ އެކުއްޖާއަށްވެސް ރާބޯން ދެއްވުމުން ދެއްވެދާނޭ ގޮތަކާއި މެދު ގަތްބިރުން އާދެވުނު އާދެވުމެއް ކަމަށް އެކުއްޖާ ބުނި ކަމަށް ހަދައިގެން ދޮގުވާހަކަ ތަކެއްވެސް ދެންނެވިއެވެ. އެކުއްޖާގެ ފަސްފަހަތުން އައި ފަޚްރުލް މިސްރީއަށް އެކުއްޖާގެ ވާހަކަ އަޑުއިވުމުން އެމީހުންގެ އަތުގައި އޮތް ދެ ޖަމަލުން އެއް ޖަމަލު އަތުލައިގަނެގެން ގަދަކަމުން އެކުއްޖާ އެ ޖަމަލަށް ސަވާރު ކުރުވައިގެން ގެންދިޔައީ ކަމުގައިވެސް ދެންނެވިއެވެ. އެގޮތުން ސުލްޠާން އައްޔޫބީ އޭ ކިޔައިގެން އެކުއްޖާ ހެދި ބުހުތަން ދޮގުތައް ޢަލީ ބިން ސުލްޠާންގެ ކަންފަތްޕުޅަށް އިއްވިއެވެ.
އެވާހަކަތައް އިވި ވަޑައިގަތުމުން ޢަލީ ބިން ސުފިޔާން ހިނިފުޅު ވަޑުވާލާއްވާފާ ވިދާޅުވިއެވެ. ކަލޭމެންނަކީ ސިފައިންގެ ތަޖުރިބާތައް ލިބިފައިތިބި ސިފައިންގެ ފަސް މީހުންނެވެ. އަމާޒަށް ދުނި ޖެހުމުގެ ކުޅަދާނަ ހުނަރުވެރިއަކުވެސް ކަލޭމެންގެ ތެރޭގައިވެސް ހުއްޓެވެ. ވީއިރު އެންމެ މީހަކަށް ކަލޭމެންގެ އަންހެން ކުއްޖާކާއި ޖަމަލެއް ފޭރިގަނެގެން ދެވި ދާނެ ހެއްޔެވެ؟“
ޢަލީ ބިން ސުފިޔާންގެ ހުނަރުވެރިކަމުން އެމީހުން ފޮރުވާފައި އޮތް ދުންޏާއި ދުނިދަޑި ހޯދުވައިގެން ހަތަރު މީހުން ފޭލިގޭގައި ހައްޔަރު ކުރައްވާފާ އެބުރި ވަޑައިގެންފިއެވެ. އޭރު ގަހުގައި ބަދެފައި ހުރި މީހާ ތެޅި ތެޅިފާ މަރުވިތާ އިރުކޮޅެއް ވެއްޖެއެވެ.
ޖަމަލުގެ ފިޔަވަޅުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އެފިޔަވަޅުތައް ގޮސްފާ ހުރި ދިމާ ރަގަޅަށް ފާހަގަ ކުރައްވާފައި ޢަލީ ބިން ސުފިޔާން އަވަސް ކަމާއެކު ދިހަ ސަވާރުން ގެންނެވިއެވެ. ދެން ޖަމަލު ދަތުރުކޮށްފާ ދިޔަ ދިމާއަށް އެމީހުންނާއިގެން ދަތުރަށް ފައްޓަވައިފިއެވެ. ފަޚުރުލް މިސްރީ ހޯއްދެވުމަށްޓަކައި ޢަލީ ބިން ސުފިޔާން އަށް އެނިކުމެވަޑައިގެންނެވުނީ ސާދަ ނުވަތަ ފަނަރަ ގަޑީރު ފަހުންނެވެ. އަހަށް ވުރެ ޖަމަލުގެ ދުވެލި ބާރުވާނެއެވެ. ވަރުބަލި ފިލުވުމަކަށްވެސް އެސޮރު ބޭނުމެއް ނުވާނެއެވެ. ކެއުމެއް ބުއިމެއް ނެތި ހަތް ދުވަސް ވަންދެން އެންމެ ތާޒާކަމާއެކުގައި އެސޮރު ދަތުރުކޮށްފާނެއެވެ. ޖަމަލާ އަޅާ ބަލާފާ އަހަކީ އެހާ މޮޅު ޖަނަވާރެއް ނޫނެވެ. އަސްތަކަށް އަރާމު ބޭނުންވެއެވެ. ކާތަކެއްޗާއި ބޯފެން ބޭނުންވެއެވެ. މިބޮޑު ތަފާތުގެ ސަބަބުން އެންމެ ޖަމަލެއްގެ ފަހަތުން ދިޔަ ފަނަރަ ވަރަކަށް އަހުގެ މަސައްކަތް ކާމިޔާބު ވިޔަކަ ނުދިނެވެ. – ފަޚުރުލް މިސްރީވެސް ދަތުރު ކުރީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. އޭނާގެ ފަހަތުން ބަޔަކު އަތުވެދާނޭކަން އެގޭތީ ވަރަށް މަދު ފަހަރެއްގައި ނޫނީ އޭނާ މަޑެއް ނުކުރެއެވެ.
ޢަލީ ބިން ސުފިޔާންމެން މިކުރެއްވި ދަތުރުގައި ފެނިވަޑައިގެންނެވީ ހަމައެކަނި އެންމެ އެއްޗެކެވެ. އެއީ ކޮތަޅެކެވެ. އޭގައި ހުރީ ކެއިން ބުއިމުގެ ސާމާނެވެ. މިތަކެއްޗަށް ހުރީ ހަޝިޝް އަޅާފާ ކަމުގައި ޢަލީ ބިން ސުފިޔާންގެ ވަސް ބެއްލެވުމުގެ ތޫނު ހިއްސު އެމަނިކުފާނަށް ދެންނެވިއެވެ. – ޢަލީ ބިން ސުފިޔާންމެންނަށް ދެތަނަކުން މިކަހަލަ ދޮކޮތަޅު ފެނިވަޑައިގެންނެވިއެވެ. – ވީމާ މިކޮތަޅު ފެނުނު ދެތަނަކީ ފަޚްރުލް މިސްރީ ޖަމަލު މަޑުކުރި ދެތަންކަން ޢަލީއަށް އެގިވަޑައިގެންނެވިއެވެ. އެދެތަނަށް ފައިބާ އެ ތަންތަނުގައި އިށީދެތިބެގެން ކައިބޮއި ހަދާފާ ހުރި ކަންވެސް އެގިވަޑައިގެންނެވިއެވެ. ކަދުރުޕެކެޓް ހަދާފާ ހުންނަ ކަހަލަ ކަރުދާހާއި މޭވާގެ އޮށާއި ތޮށިތައް އެތަން މިތަނަށް އުކާލާފައި ހުއްޓެވެ. – އެތަކެތި ފެނިވަޑައިގެންނެވުމުން އަލީގެ ހިތްޕުޅުގައި ޝައްކުއުފެދުނެވެ. އަންހެން ކުއްޖާ ގޮވައިގެން ފަޚްރުލް މިސްރީ ދަތުރުކޮށްފާ އެދަނީ ހަޝިޝްގެ މަސްތުގައި އިދެގެންކަންވެސް އެގިވަޑައިގެންނެވިއެވެ. އެކަމަކު އެ ކޮތަޅުތައް ފެނިވަޑައިގެންނެވި ތަންތަނަށް މަޑުކުރައްވައިގެން އޭގައި ހުރި އެއްޗެއް ބައްލަވާ ހެއްދެވުމުގައި ވަގުތުތަކެއް ގެއްލުން ފިޔަވާ އެހެން އެއްވެސް ފައިދާއެއް ޢަލީ ބިން ސުފިޔާން އަކަށް ލިބިވަޑައެއް ނުގެންނެވިއެވެ.