އެރޭ ސަމީރާ ވޭތުކޮށްލީ، އަލިފާނުގެ ތަންމައްޗެއްގައެވެ. ޞާޢިޤާއާއި ރީޙާނުގެ އާދަޔާ ޚިލާފު ލޯތްބަކީ އޭނާގެ ހިތް އަންދައި އަޅިއަށް ހަދާލުމަށް ފުދޭވަރުގެ ހޫނު އަލިފާނެކެވެ. އެރޭގެ ރޭގަނޑުގެ ކެއުމަށްޓަކައި ކާކޮޓަރިއަށް ދިޔަދިޔުމުގައި، ފެންޑާގެ ތެރެއިން އޭނާއަށް ޞާޢިޤާއާ ބައްދަލުވެވުނެވެ. އެވަގުތު، މަލާމާތުގެ ރާގަކަށް އޭނާ ޞާޢިޤާއާ ސުވާލު ކޮށްލިއެވެ.
[މިއަދު ބެއްލެވީ ކޮންކަހަލަ ފިލްމެއްތޯއެވެ.] ޖަވާބުދިނުން އެއްކިބާގައި އޮއްވާ، ޞާޢިޤާ އިސްއުފުލައި ބަލައިވެސް ނުލިއެވެ. މޮޅު ރަސްދަރިކަނބަލަކު ފަދައިން މޭފުއްޕާލާފައިގޮސް ޞާޢިޤާވެސް ކާކޮޓަރިއަށް ވަނީއެވެ. އޭނާގެ އެ ފަރުވާކުޑަ ޢަމަލުގެ ސަބަބުން، ސަމީރާގެ ޒަޚަމްތަކުގައި ލޮނުމިރުސް އެޅުމެކޭ އެއްފަދަވިއެވެ. އެއީ އަނިޔާދެނިވި ރެއެކެވެ. ސަމީރާގެ ލޮލަކަށް ނިންޖެއް ނައެވެ. އެނދުގައި އޮވެގެން ފުރޮޅި ފުރޮޅި އޭނާ ވަރުބަލިވެއްޖެއެވެ. ރޭގަނޑުގެ ދަންތައް ވޭތުވަމުންގޮސް، ފަތިސްދަމާ ގާތްވެއްޖެއެވެ. އެހާތަނުން ސަމީރާއަށް ކެތްނުކުރެވިގެން ތެދުވެއްޖެއެވެ. އޭނާގެ ހިތް އަނދަމުން ދަނީއެވެ. ރީޙާނަށްވުރެ ބޮޑަށް އޭނާ ރުޅިއައީ ޞާޢިޤާ ދެކެއެވެ. އެ ސުންޕާ އަންހެންކުއްޖާ، ވިހަ ހަރުފައެއް ފަދައިން އޭނާއާ ދިމާއަށް ހުޅިގަނޑު ފުއްޕަންވީ ކީއްވެގެންހޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
ސަމީރާ ނައިޓްގައުންގައި ބޭރަށް ނުކުމެއްޖެއެވެ. ފިނިފިނި ރޯޅިތަކުގެ ބީހިލުމުން، އޭނާގެ އަނދައަނދާއޮތް ސިކުނޑިއަށް ހިސާބެއްގެ ފިނިކަމެއް ލިބިއްޖެއެވެ. ނަމަވެސް، އޭނާގެ ހިތާއި މޭގައި ރޯވެފައިވާ އަލިފާންގަނޑަކަށް ކުޑަވެސް ފިނިކަމެއް ނުލިބުނެވެ. ފެންޑާގެ ތަނބުގައި ލެނގިލައިގެން އެކިއެކި ހާދިސާއާމެދު ފިކުރުކުރަން ހުރިއިރު، ބަދަލުހިފުމުގެ ޖޯޝުން އޭނާގެ ހިއްސުތައް ފުރެމުން ދިޔައެވެ.
ސަމީރާ ކެތްތެރިކަމެއްނެތި ދެކޮޅަށް ހިނގިއެވެ. ކޯރުގެ އައްސޭރިން ލާފައިގޮސް ވަރަށް ދުރަށް އޭނާއަށް ނުކުމެވިއްޖެއެވެ. މިހާރު އިރު ފެނުން ތޮޅިލައިފިއެވެ. ރަންކުލައިގެ ދަލެއްގެ ސިފައިގައި، އިރުގެ ކަތި ދަޅަތައް، ކޯރުގެ މަތީގައި ފަތުރާލައިފިއެވެ. އެ ހިތްގައިމު މަންޒަރުތަކުގެ ތެރެއަށް ހިތް ދޫކޮށްލުމުން، ސަމީރާގެ ޚިޔާލުތައް ހިސާބަކަށް ހަމަޔަކަށް އެޅިލައިފިއެވެ. ނަމަވެސް، ކޯރުގެ ރާޅުތަކުގެ މަތީގައި އޮޔާލެވެމުން އެދާ ކިސްތީ ފެނުމުން، އަނެއްކާވެސް އޭނާގެ ހިތް ނުތަނަވަސް ވެއްޖެއެވެ. ފަރުވާތެރިކަމާއެކު އޭނާ ކިސްތީއާ ދިމާއަށް ބަލަން ފަށައިފިއެވެ. އެކަމަކު އެހާދުރުން އެއެއް މިއެއް އޮޅުންފިލާވަރެއް ނުވެއެވެ. އެ ކިސްތީގައި ތިބީ ޞާޢިޤާއާއި ރީޙާން ކަމުގައި އޭނާގެ ހިތް ބުނެއެވެ. އެކަމަކު އެހާދުރުން އޭގައިތިބި ބައެއް އޭނާއަކަށް އޮޅުންފިލާވަރެއް ނުވިއެވެ. އެއްފަހަރަކު ކިސްތީ، އޮއިވަރާ އެނބުރިލިގޮތުން، އޭގައިތިބީ އަންހެންކުއްޖަކާއި ފިރިހެން ކުއްޖެއްކަން އެނގޭވަރުވިއެވެ. އަންހެންކުއްޖާ އަޅައިގެން އިން ދިއްގާމަލު ކުލައިގެ ދޯޕައްޓާ ވަޔާ ވިހުރުވިލަ ވިހުރުވިލާ އޮތެވެ. ސަމީރާއަށް އެ މަންޒަރު ބެލުމަށް ކުޅަދާނަ ނުވެގެން، ކައިރީގައިހުރި ގަހެއްގައި ލެނގިލާފައި، މޫނުގައި ދެއަތް އަޅައިފިއެވެ. އިރުކޮޅެއްގެފަހުން އަނެއްކާވެސް އޭނާ މޫނުން އަތް ނަގާފައި، ހިތާމަވެރި ނަޒަރަކުން ކިސްތީއާ ދިމާއަށް ބަލަން ފަށައިފިއެވެ. އޭގައިތިބީ ރީޙާނާއި ޞާޢިޤާ ނޫން ބަޔަކަށްވެސް ވެދާނެއެވެ. އޭނާގެ ހިތަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އަސައްދާއި ގުލްރުޚްވެސް ކިސްތީ ދުއްވާލަން ހިނގައިދާނެއެވެ. ސަމީރާ ބަލަބަލާ ހުއްޓާ، ގަސްތަކުގެ އެފަރާތަށްގޮސް ކިސްތީ ގެއްލިއްޖެއެވެ.
ސަމީރާ އިންތިޒާރު ކޮށްކޮށް ވަރުބަލިވިއިރުވެސް، ދެވަނަ ފަހަރަކަށް ކިސްތީއެއް ނުފެނުނެވެ. އެންމެފަހުން މާޔޫސްވެގެން އަލްޙަމްރާގެ ހުރިހާ ކިސްތީތައް އަޅާފައި އޮންނަ ދިމާއަށް ހިނގައިގެންފިއެވެ. އޭނާ މަޑުމަޑުންގޮސް އެތަނަށް ހުއްޓުނުއިރު، ކިސްތީތައް ބަލަހައްޓާ މުސްކުޅި ޚާދިމު، ރޯނުފުރި އެނދެއްގެ ހުސް ރޯނުގަނޑުގެ މަތީގައި ގުޑުގުޑާއެއް ހިފައިގެން ބޯލަބޯލާ އިނެވެ. އޭނާއަށް ސަމީރާ ފެނުމާއެކުގައި، އަދަބުވެރި ގޮތަކަށް ފުންމައިގެން ތެދުވެއްޖެއެވެ.
[ސާހިބާއެވެ. ކިސްތީއެއް މޮހާލަދޭންވީތޯއެވެ.]
[ނޫނެކެވެ.] ސަމީރާ ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލާފައި ކޯރާ ދިމާއަށް ބަލައިލިއެވެ. ކިސްތީގެ ނިޝާންވެސް ނެތެވެ. ވީމާ އޮޅުންފިލުވުމުގެ ޝައުޤުވެރިކަން ބޮޑުވެފައިވާވަރުން، މުސްކުޅި ޚާދިމާ ސުވާލު ކޮށްލިއެވެ.
[ފިޔާތޮށިކުލައިގެ ކިސްތީގައި ދިޔައީ ކާކުހެއްޔެވެ؟]
މުސްކުޅި ޚާދިމު ވަކި ޖަވާބެއްނުދީ އިސްޖަހާލައިފިއެވެ. އަދި އިޝާރާތުން އެބަޔަކު ނޭނގޭކަމަށް ބުނެފިއެވެ. އެއީ ތެދެކެވެ. ޞާޢިޤާއާއި ރީޙާން ދިޔައިރު އޭނާ އުޅެނީ އޭނާގެ ކޮޓަރީގައެވެ.
[ހީވާގޮތުން ތިޔަ ބުނުއްވާ ކިސްތީގައި ދުރުވީ އަސައްދު މިޔާނެވެ. ވަރަށްގިނަ ދުވަސްދުވަހު މިގަޑީގައި އޭނާ ކިސްތީގައި ދުރުވެއެވެ.]
ދެންވެސް ސަމީރާގެ ހިތްހަމައެއް ނުޖެހުނެވެ. މުސްކުޅިޔާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން، އަނެއްކާވެސް ކޯރާ ދިމާއަށް އޭނާ ހިނގައިގެންފިއެވެ.
ކޯރުގެ އައްސޭރީގައި ހެދިފައިވާ ބޯގަސްބޮނޑިއެއްގެ ނިވަލުގައި އޮތް ބޮޑު ހިލަގަނޑެއްގެ މަތީގައި، ކިސްތީ ގޮނޑުވާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށް އިނެވެ. ކިތަންމެއިރަކު އެތަނުގައި އިނދެގެންވެސް، ކިސްތީގައި ދިޔަބަޔަކު ބަލަން އޭނާ ބޭނުންވެއެވެ. ހީވެސްނުކުރާފަދަ ގޮތެއްގައި ޞާޢިޤާއާއި ރީޙާން ކިސްތީ ދުއްވަން ހިނގައިދާނެ ކަމުގައި ގަބޫލުކުރާކަށް އޭނާގެ ހިތެއް ނުރުހެއެވެ. ވީމާ، އޭނާ ތަޙްޤީޤީ ނަޒަރަކުން ކޯރުގެ ސަޠަޙައަށް ބަލަހައްޓައިގެން އިންދާ، ނިސްވާނީ ހުނުމެއްގެ އަޑު އިވިގެން، ސިހިގެންގޮސްފައި ބަލައިލިއިރު، އޭނާގެ ފުރަގަސްދީގެން އިން ފަރާތުން ދާދިގާތަށް، ކިސްތީ ގޮނޑުކޮށްލަނީއެވެ. އެވަގުތު އޭނާއާ ކިސްތީއާ ދެމެދުގައި، އެ ބޯގަސްތައް ހުރަސްވެފައި ނުވާނަމަ، ރީޙާނަށް އޭނާ ފެނުނީހެވެ. އެކަމަކު ނަސީބު ރަނގަޅުކަމުން، އޭނާއަށް އިނދެވުނީ ގަސްތަކާ ނިވާވެގެންނެވެ. ކޮންމެއަކަސް، އެ މަންޒަރު ފެނުމުން، އޭނާގެ ހިތް ތެޅިގަތްލެއް ބާރުކަމުން، ފުންމައިގެން ބޭރަށް ނުކުންނަން އުޅުނުކަމުގައި އިޙްސާސްވިއެވެ. ޞާޢިޤާގެ މޫނު ހުރީ އުފަލުން ފޮޅިފައެވެ. އޭނާއާ މުޚާޠަބުކޮށް ރީޙާން ބުނެލި ޖުމުލައެއްގެ ސަބަބުން، އޭނާ އިނީ ހިނިއައިސްގެން ހަލާކުވާވަރު ވެފައެވެ.
ހިލަތައް މަދު ދިމާއަކަށް ކިސްތީ ގޮނޑުކޮށްލައިފިއެވެ. ފުރަތަމަ ފޭބީ ރީޙާނެވެ. ދެން ޞާޢިޤާއެވެ. އޭނާ ފޭބީ ރީޙާނުގެ އަތުގައި ހިފައިގެންނެވެ. ސަމީރާގެ ހިތަށްވީ ތަދުން ބާރަށް ދެލޯ މަރާލިއެވެ. އިންސާނަކަށް ކެތްކުރެވޭނީވެސް ވަކިވަރަކަށެވެ. ރީޙާނަކީ ސަމީރާގެ ހިތުގެ ވިންދެވެ. ވީއިރު، އެ ވިންދުތައް އެހެން އަންހެންކުއްޖެއްގެ ހިތުގެ ލެޔާ ގުޅެމުންދާތަން ދުށުމަކީ އޭނާއަށް ކުޅަދާނަ ކަމަކަށް ވާނެހެއްޔެވެ. އޭނާ އެގޮތަށް އިރުކޮޅަކު ލޯމަރާލައިގެން އިނުމަށްފަހު ލޯހުޅުވާލައިފިއެވެ. ދެންވެސް ފެނުނީ ހަމަ އެ ހިތްދަތި މަންޒަރެވެ. ރީޙާން އުޅެނީ ކިސްތީގެ ވާއައްސާށެވެ. އެކަމުގައި ޞާޢިޤާ އޭނާއަށް އެހީވަމުން ގެންދެއެވެ. އެ މަސައްކަތުން އަވަދިވެގެން ދެމީހުން އެކުގައި އަލްޙަމްރާއާ ދިމާއަށް ހިނގައިގެންފިއެވެ. އެމީހުން އެދަނީ ސަމީރާގެ ހިތުގައި ނާކާމިޔާބުގެ އަލިފާންގަނޑު ރޯކޮށްފައެވެ. އެ އަލިފާނުގެ ހޫނުކަމާއި، ހާސްކުރުވާފަދަ އޮލަ ދުންތައް އޭނާގެ ހިއްސުތަކުގެ މައްޗަށް ފެތުރެމުންދާން ފަށައިފިއެވެ. ހަނގުރާމައަކުން ބަލިވެގެންއައި ސިފައިންގެ މީހަކު ފަދައިން، އޭނާއަށް މާނޭވާލެވެން ފަށައިފިއެވެ. ކުރާނެކަމެއް ނެތިގެން،ދެކަކުލުގައި ބޯއަޅާލައިފިއެވެ.
ސަމީރާ ސައިމޭޒުދޮށަށް ދިޔައިރު، ރީޙާން ސައިމޭޒުދޮށަށް ހާޒިރު ނުވެގެން މާމަ އަޑުލަނީއެވެ.
[މިއީވެސް ދެން މީހުން ނިދާވަގުތު ހެއްޔެވެ. މިހާރަކަށްއައިސް ރީޙާން ހާދަބޮޑަކަށް ކަންނެތް ވެއްޖެއެވެ. އެއީ އެ އުމުރުގެ ކުދިން އުޅެންވާނެ ގޮތްހެއްޔެވެ؟ ބައެއްދުވަހު ސައިގަޑިއަށް ނާންނާނެއެވެ. އަނެއްބައިދުވަހު، ހަތަރުދަމު އޮންނާނީ ނިދާފައެވެ. އެހެންމީހުން އިންތިޒާރު ކޮށްކޮށް ވަރުބަލިވިޔަސް، އޭނާއަށް އެންމެ ރަނގަޅުވާނެއެވެ. އެއީ ނިންޖެއް ނޫނެވެ. ފާޑެއްގެ މަސްތެކެވެ. އަބަދު ނިދިޔަސް، އެ މަސްތުކަމެއް ނުފިލާނެއެވެ. މިއަދުވެސް ދެކެބަލާށެވެ. އެމަނިކުފާނު އަދިވެސް ތެދުވެވަޑައި ނުގަންނަވަނީއެވެ.]
[މާމައެވެ. އޭނާ ނިދަނީއަކީ ނޫނެވެ.] މޭޒުގެ އަނެއްފަރާތުން މާމަގެ ކުރިމަތީގައި އިށީނދެގެން އިން ސަމީރާއަށް ފުރުސަތު ލިބިގެން، އަވަސް އަވަހަށް ބުނެލިއެވެ.
[ހޭލާ އުޅެނީނަމަ، ސައިމޭޒުދޮށަށް ނާދެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟]
[ކިސްތީ ދުއްވުމުގެ ސަބަބުން މާބޮޑަށް ވަރުބަލިވީކަން ނޭނގެއެވެ.] މަލާމާތުގެ ރާގަކަށް ސަމީރާ ބުނެލިއެވެ.
ޞާޢިޤާއާ ދިމާއަށް ވައްކަޅިން ބަލާލާފައި ސަމީރާ މިހެން ބުނުމުން، އަނގައަށް ލުމަށްޓަކައި ނަގަނަގާއިން ރޯސްކުރި ކުކުޅުމަސްކޮޅު، އުލާ އެކުގައި މޭޒުމައްޗަށް ވެއްޓިއްޖެއެވެ. ސައިބޯހިތް ނެތްނަމަވެސް، މާމަ އެއްޗެތި ކިޔާފާނެތީ، ކުޑަ ފަރާޓާކޮޅަކާއި މަސްކޮޅެއް ކާލެވޭތޯ އޭނާ ކުރި މަސައްކަތް ބޭކާރުވެގެން ހިނގައްޖެއެވެ. އޭނާ ކުރި ވައްކަން، މާމައަށް އެނގިދާނެތީ ގަތްބިރުން އޭނާގެ މޫނު ހުދުވެގެން ހިނގައްޖެއެވެ. ކޮންމެއަކަސް، ސަމީރާގެ ހަސަދަވެރިކަމާއި، ޞާޢިޤާއަށް ދިމާވި އުނދަގޫތައް ރަނގަޅަށް އިޙްސާސް ކުރެވެމުންދާ އަސައްދު، ކަންތައް މާބޮޑަށް ގޯސްވުމުގެ ކުރިން، ފަށައިގަތް މަޖާ ވާހަކައަކުން މާމަގެ ސަމާލުކަން އޭނާއާ ދިމާއަށް ހުއްޓުވާލައިފިއެވެ. ވީމާ، ސަމީރާ އެބުނި އެއްޗަކާ ދޭތެރޭގައި ފިކުރުކުރާނެ ފުރުސަތެއް، މާމައަކަށް ނުލިބުނެވެ. އަދި ބިރުގެންފައި އިން ޞާޢިޤާ އެތަނުން އަވަހަށް ސަލާމަތްވާނެގޮތަކާ ދޭތެރޭގައި ވިސްނަން ފަށައިފިއެވެ. ސަމީރާ ވާހަކަ ދެއްކި ގޮތުންނާއި، އޭނާ މޫނު ފުއްޕައިގެން އިންވަރުން، އެމީހުން މިއަދު ކިސްތީ ދުއްވަން ދިޔަކަން އޭނާއަށް އެނގިފައިވާކަން، ޞާޢިޤާއަށް ވިސްނުނެވެ. އިއްޔެގައި ރީޙާން ކަންތައްކުރި ގޮތުންވެސް، ޞާޢިޤާފަކީރު ބިރުން ފިތްކަނޑައިގެން ދާވަރުވިއެވެ. އަނެއްކާ މިއަދު އެހާ ސިއްރުން ކުރިކަންތައްވެސް، ސަމީރާއަށް އެއޮތީ އެނގިފައެވެ. ދެން އޭނާ ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެކަން މާމައަށް ރޭކާލައިފިނަމަ، ވާނީ ކިހިނަކުން ހެއްޔެވެ؟ ޞާޢިޤާ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. ސަމީރާ އެހެން ބުނެލުމުން، ޞާޢިޤާގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔަތަން ފެނުމުން، ސަމީރާ ވަރަށް ބޮޑަށް އުފާވިއެވެ.
ސައިމޭޒު ކައިރިން ތެދުވި ވަގުތު، ޞާޢިޤާއާއި ސަމީރާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އޭރުވެސް ސަމީރާގެ ތުންފަތްމަތިން ޒަހަރުގެ ވިހަކަން އެކުލެވިފައިވާ ހިނިތުންވުމެއްގެ އަސަރު ހުއްޓެވެ. އޭނާގެ މޫނުމަތިން ނާކާމިޔާބުގެ ފުސްކަމާއި، ބަދަލުހިފުމުގެ ހޫނުކަން ފާޅުވޭވެ ހުއްޓެވެ. ނަމަވެސް، ޞާޢިޤާ ފަރުވާކުޑަގޮތް ދައްކަން މަސައްކަތް ކުރަމުން، ކާކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.