ޒަޚަމް – ޗެޕްޓަރ 28

އުޖާލާ ފަތިސްތަކުގެ އަލި ދޯދިތަކާއި ހަނދުވަރުގެ ތެރޭގައި ފޮރުވިފައިވާ ރޭގަނޑުގެ ކަނު އަނދިރިކަމަކީ، ރީޙާނާއި ޞާޢިޤާގެ ލޯބީގެ ހެކިވެރިން ކަމުގައިވިއެވެ. މިފަހަކަށްއައިސް، ދުވާލުގެ އަލިކަމުގައި އެމީހުން ފެނިދެނިވެ އުޅެނީ ވަރަށް މަދުންނެވެ. ފަހަރެއްގައި، އެކަކު އަނެކަކަށް ފެންނަ ހިސާބަށް ދެވުނަސް، ރީޙާނަކީ ދަންނަ މީހަކަށްވެސް ނުހަދައި، ޞާޢިޤާ އަވަސްއަވަހަށް އެތަނަކުން ހިނގައިދެއެވެ. އޭނާ އެގޮތަށް ކަންތައްކުރާތީ، ބައެއްފަހަރު ރީޙާން ނުރުހުންވެގެން އެއްޗެއް ބުނެފިނަމަ، މާގާތްގޮތަކަށް ހިނިތުންވެލާފައި، އޭނާގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ޞާޢިޤާވެސް އެއްޗެއް ބުނެލައެވެ.

[ރީޙާނެވެ. ކަލާ ބަދަލުވެލެއްވި ނަމަވެސް، ޒަމާން ބަދަލެއް ނުވެއެވެ. ވީއިރު، ތޫނު ނަޒަރުތަކުގެ އަމާޒުފަތްގަނޑެއް ކަމުގައި އަޅުގަނޑު ހައްދަވަން އުޅުއްވަނީ ކީއްވެގެންތޯއެވެ؟]

ޞާޢިޤާ އެބުނަނީވެސް ތެދެކެވެ. އަލްޙަމްރާގެ އަހުލުވެރިންގެ ޚިޔާލު ހުންނަގޮތް، ރީޙާނަށްވެސް ރަނގަޅަށް އެނގެއެވެ. ވީމާ، ދެމީހުން އެއްގޮތެއްގައި ތިބީވިއްޔާ، އެންމެންގެ މަލާމާތް ލިބިގަންނަންވީ ކީއްކުރަން ހެއްޔެވެ. މިހާރު އެމީހުންގެ ލޯބި، ވަނީ އޭގެ އިންތިހާއަށް ގޮސްފައެވެ. އެކަމަކު އަދި އެހެން އެއްވެސް މީހަކަށް އޭގެ ހިލަމެއް ނުވެއެވެ. އަސައްދަކީ ރީޙާނެވެ. ރީޙާނަކީ އަސައްދެވެ. ވީމާ، ރީޙާނުގެ ހިތުގެ ރާގުތައް އަސައްދަށް ނުއިވިއެއް ނުހުންނާނެއެވެ. އެ ރާގު އަޑުއިވުމުން އަސައްދަށް ލިބޭ އުފަލުގެ ކޮޅެއްނެތެވެ. ނަމަވެސް، އަމިއްލަ ސިއްރެއް ފަދައިން، ރީޙާނުގެ އެ ބޮޑު ސިއްރު، ހިތުގައި ފޮރުވައިގެން އޭނާގެ ރޭދުވާތައް ވޭތުކުރަމުން ގެންދެއެވެ.

ލޯތްބާއި މީރުވަސް ސިއްރުކުރުމަކީ، އެއްވެސް މީހަކަށް ކުޅަދާނަ ކަމެއްނޫނެވެ. އެއީ ޤުދްރަތީ ޤާނޫނެވެ. އެގޮތުން، ރީޙާނުގެ އެ ތާހިރު ޖަޒްބާތުވެސް ހިސާބަކަށް ފާޅުވަމުންދާން ފަށައިފިއެވެ. މިހާރަކަށްއައިސް ޞާޢިޤާގެ ސުންޕާކަމުގެ ވާހަކަދައްކާ މީހުންދެކެ އޭނާއަށް ރުޅިއާދެވެން ފަށައިފިއެވެ. އޭނާ ހުންނަ ތަނެއްގައި އެފަދަ ވާހަކައެއް ދައްކަނީނަމަ، އޭނާގެ މޫނުގެ ކުލަ ބަދަލުވެގެންދާން ފަށައިފިއެވެ. އަލްޙަމްރާގެ ޒުވާނުން ކުޅިވަރެއް ކުޅެނީނަމަ، އެ ކުޅިވަރު ކުޅޭތަނުގައި ޞާޢިޤާވެސް އިނުމަކީ ކޮންމެހެން ބޭނުން ކަމެއްކަމުގައި ވާންފަށައިފިއެވެ. ކުޅިވަރުގައި ބައިވެރި ނުވިނަމަވެސް، ކުޅިބަލާ މީހެއްގެ ގޮތުގައި އޭނާ އެތަނުގައި އިންނަން ޖެހެއެވެ. މިގޮތުން ރީޙާނުގެ ބަދަލުވަމުންދާ ޠަބީޢަތް އޭނާގެ އެކުވެރިންނަށް ސިއްރުވެފައި މާގިނަދުވަހަކު ނޯތެވެ. ނަމަވެސް، އެކަމާދޭތެރޭގައި ޚިޔާލު ފާޅުކޮށް ވާހަކަދައްކާ ހަދާކަށް އެމީހުންނަކަށް އަދި ނުކެރެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. އެފަދަ އާދަޔާ ޚިލާފު ކަމެއް އެއީ ވެދާނެކަމެއް ކަމުގައި ޔަގީން ކުރުމަކީވެސް މާފަސޭހަ ކަމަކަށް ނުވާނެއެވެ.

ދުވަސްތައް ވޭތުވަމުންގޮސް، އެއްދުވަހަކު، ފަރްޚުމެން ސިނަމާއަށް ދިއުމުގެ ޕްރޮގްރާމެއް ރާވައިފިއެވެ. އެއީ މަޖާކޮށްލުމަށްޓަކައި ތަނަކަށް ޖައްސާލަން ވަރަށް އެކަށީގެންވާ ދުވަހެކެވެ. އުޑުމަތި ސާފު، ނަލަ ދުވަހެކެވެ. އެންމެން އެކުވެގެން ވާހަކަ ދައްކައި މަޝްވަރާ ކުރުމަށްފަހުގައި، ފަރްޚު މެދުވެރިކޮށްގެން، ނުހަނު އުނދަގުލުން މާމަ ޙުސްނުބާނޫގެ ކިބައިން، ޒުވާނުންގެ ޕާޓީ ސިނަމާއަކަށް ގޮސްލުމުގެ ހުއްދަ ހޯދައިފިއެވެ.

ކަނޑައެޅިފައިވާ ގަޑިއަށް ދިހަ ބާރަ އަންހެންކުދިންނާއި ފިރިހެންކުދިން ފެންޑާގެ ތެރެއަށް ޖަމާވެއްޖެއެވެ. އެކުދިން ސިނަމާއަށް ދިއުމަށްޓަކައި ހަތަރު ކާރު ތައްޔާރުކޮށްފައި އޮތެވެ. އެންމެ ކުރިއަށްއޮތީ ރީޙާނުގެ އަމިއްލަ ކާރެވެ. އޭނާ ކާރަށް އެރުމަށްޓަކައި ފައިއަޅާތަނަށް އެއްފައި ލައިގެން، ކަޅުކުލައިގެ އަވިއައިނު އަނބުރާލަ އަނބުރާލާ ހުއްޓެވެ. ފަހަތު ސީޓުގައި ކެމެރާ ބާއްވާފައި އޮތެވެ. އޭނާ ދުރު ބަލަހައްޓައިގެން ހުރިގޮތުން، ކޮންމެވެސް މީހަކަށް އިންތިޒާރު ކުރަނީކަން އެނގެއެވެ.

އަލްޙަމްރާގެ ފެންޑާގެ ތެރޭގައި ވަރަށް ފޯރިގަދައެވެ. ކުލަކުލައިގެ ފަށުވި ފޮތީގެ ހެދުންތައް އަޅައިގެން ކޮޅުކޮޅަށް ކުރުކާލި ކަނޑަމުންއެދާ އަންހެންކުދިންތަކުގެ އަޑު އެކުލަވާލާފައިވެއެވެ.

[އެންމެން ނުކުމެއްޖެ ހެއްޔެވެ؟] ފެންޑާގެ ތެރެއަށް ނުކުމެފައި އަންހެންކުދިންނާ ދިމާއަށް އެއްފަހަރު ބަލާލަމުން ފަރީދު ސުވާލު ކޮށްލިއެވެ.

[އާއެކެވެ.] އޭގެތެރެއިން ކޮންމެވެސް ކުއްޖަކު ޖަވާބު ދިނެވެ.

[ވީއިރު، އިންތިޒާރު ކުރަނީ ކާކަށް ހެއްޔެވެ؟ މިހާރު ގަޑިޖެހެން އުޅެނީއެވެ.]

[ޞާޢިޤާ އަދި ނާދެއެވެ.] ސަމީނާ ބުންޏެވެ.

[އޭނާވެސް ދަނީހެއްޔެވެ؟] ނުރުހުމުގެ ރާގެއްގައި ސަމީރާ ސުވާލު ކޮށްލިއެވެ.

[އާއެކެވެ. ވަކިން އޭނާ ނުދާންވީ ކީއްވެގެން ހެއްޔެވެ؟] ޝާހިދު ބުންޏެވެ.

[އެއްވެސްމީހަކު އޭނާގެ ކައިރީގައި އެވާހަކަ ބުނެފިހެއްޔެވެ.] ފަރްޚު ސުވާލުކުރިއެވެ.

[ޕްރޮގްރާމް ރޭވީ ކަލެއެވެ. ވީއިރު އޭނާގެ ގާތުގައި ބުނަންޖެހޭނީވެސް ކަލެއަށް ނޫންހެއްޔެވެ؟] ނަޢީމު ބުންޏެވެ.

[އޭނާގެމަތިން އަހަރެން ހަނދާންވެސް ނެތެވެ.] ފަރްޚު ބުންޏެވެ.

[މިހާރުގޮސް ބުނަންވީ ނޫންހެއްޔެވެ؟ ކިތަންމެ ވަރަކަށް ބުންޏަސް އަހަރެމެންނާ އެއްކަކު އޭނާ ނުދާނެއެވެ.] މާހެޔޮއެދޭ މީހަކު ފަދައިން ސަމީރާ ބުނެލިއެވެ.

[އޭނާ ނުދާންވީ ކީއްވެގެން ހެއްޔެވެ؟] އަސައްދު ބުންޏެވެ.

[މިހާ ލަސްކޮށްފައި ބުނީމާ، ރުޅިއަންނާނެއެވެ.] ފަރްޚު ހިސާބަކަށް ދެރަވިއެވެ.

[ކަލޭމެން ކަންބޮޑުވާނެ ބޭނުމެއް ނެތެވެ. އަހަރެން އޭނާގެ ގާތުގައި ބުނެފީމެވެ.] އަސައްދު ބުންޏެވެ.

[ތިޔަހެންވިއްޔާ ނުނުކުމެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟]

[އޭނާ ނުދާނެއޭ އަހަރެން ބުނެފީމު ނޫންހެއްޔެވެ. މިއީއަކީ އެންމެ ފުރަތަމަ އަހަރެމެން ރޭވި ޕްރޮގްރާމެއް ނޫނެވެ. ހަނދާންކޮށް ބަލާށެވެ. މީގެކުރިން އަހަރެމެން ރާވާ އެއްވެސް ޕްރޮގްރާމެއްގައި އޭނާ ބައިވެރިއެއް ނުވެއެވެ.] ބޮޑާގޮތަކަށް ސަމީރާ ބުނެލިއެވެ.

[ކުދިންނޭވެ. ކެތްކޮށްބަލާށެވެ. އޭނާ ދާނެއެވެ. ޔަގީނެވެ.] ދުރުގައިހުރި ރީޙާނާ ދިމާއަށް ބަލައިލާފައި އަސައްދު ހީލިއެވެ. ނަމަވެސް، އޭނާގެ އެ ހުނުމުގެ މަޠްލަބެއް، އެއިން އެއްވެސް މީހަކަށް ނުވިސްނުނެވެ.

އެމީހުން އެކަހަލަ ވާހަކަތަކެއް ދައްކަންތިއްބާ، ހުދު ވިލާތަކުގެ ތެރެއިން ދައްކާލި ހަނދެއް ފަދައިން، ފެންޑާގެއެކޮޅުން ޞާޢިޤާ ދައްކާލައިފިއެވެ.

[އޭނާވެސް އަތުވެއްޖެއެވެ.] އެދިމާއަށް ބަލައިލާފައި އަސައްދު ބުންޏެވެ.

[ހިނގާށެވެ. އަވަހަށް ހިނގާށެވެ.] ނަޢީމު އަތުކުރި މައްޗަށް ހިއްލާލަމުން ގަޑި ބަލައިލިއެވެ.

ހުރިހާ ކުދިން އެއްފަހަރާހެން ޞާޢިޤާއާ ދިމާއަށް ބަލައިލިއެވެ. އޭގެތެރެއިން ބައެއް ކުދިން ޞާޢިޤާގެ ރީތިކަމަށް އިޢްތިރާފުވިއެވެ. އަނެއްބައިކުދިން، އޭނާގެ ރީތިކަމާ ދޭތެރޭގައި ހަސަދަވިއެވެ. ފިރިހެންކުދިން، އެ ރީތިކަމަށް ތަޢްރީފު ކުރިއެވެ.

ޞާޢިޤާގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއަށް ސަމީރާ ބަލައިލިއެވެ. ތެދެކެވެ. ޞާޢިޤާއަކީ، ވަރަށް ރީތި ކުއްޖެކެވެ. ހަސަދައާ އެކުގައި ސަމީރާ ހިތުން ހިތަށް އިޢްތިރާފުވިއެވެ. ޞާޢިޤާ އައުމުން، މަހެފިލްގެ އެހެން ކުލަތައް ފަނޑުވެއްޖެއެވެ. ދެންމެއާ ޖެހެންދެން ފިޔަޖަހަމުންދިޔަ ތަރިތައް، ހަނދު އެރުމުން ކުލަ ފަނޑުވެގެން ހިނގައްޖެއެވެ. ޝައްކެއްނެތެވެ. އެކުދިންނަކީ، ތަރިތައް ކަމުގައި ވަނީނަމަ، ޞާޢިޤާއަކީ ހަނދެވެ.

ފެންޑާގައިތިބި އަންހެންކުދިންނާއި ފިރިހެންކުދިން ވާހަކަ ދައްކަމުން ގޭޓު ކައިރިއަށް ހިނގައްޖެއެވެ. ޞާޢިޤާ ހުރީ އެންމެންގެ ފަހަތުގައެވެ. ވީމާ، އޭނާއާ ބައިވެރިވުމުގެ ގޮތުން ސަމީނާ ހިސާބަކަށް ރަސްމީ ވާހަކަކޮޅެއް ދައްކާލިއެވެ.

[ކާރަށް އަރަން ހަމަޖެހިފައިވަނީ ކޮން ތަރުތީބަކުން ހެއްޔެވެ؟] ރީޙާނުގެ ކައިރިއަށް ހުއްޓިފައި، އެހެންކުދިންނާ ދިމާއަށް ނަޒަރު ހިންގާލަމުން ފަރްޚު ސުވާލު ކޮށްލިއެވެ.

[މިތަނުގައި އޮތީ ހަތަރު ކާރެވެ. ވީމާ އަވަހަށް ހިސާބު ހަދާލާށެވެ.] ނަޢީމު ބުންޏެވެ.

[ހަތަރު ކާރެއް ނޫނެވެ.] ނަޢީމުގެ ޖުމުލަ އަސައްދު މެދުކަނޑާލިއެވެ.

[އެއީ ކީއްވެގެން ހެއްޔެވެ؟ ހަތަރު ކާރު ފެންނަން އެބައޮތެވެ.] ކާރުތައް ގުނާލަމުން ފަރީދު ބުންޏެވެ.

[ތިޔަ ހިސާބުކުރުމުގައި އަހަރެންގެ ކާރު ބައިވެރި ނުކުރާށެވެ.] މާނައިން ފުރިފައިވާ ނަޒަރަކުން އަސައްދާ ދިމާއަށް ބަލައިލަމުން ރީޙާން ބުންޏެވެ.

[އެއީ ކީއްވެގެން ހެއްޔެވެ؟] އެންމެން އެއްއަޑަކުން ސުވާލު ކުރިއެވެ.

[އަހަރެންގެ ކާރުގައި އޮތީ ހަމަ އެންމެ ސަވާރީއެއްގެ ޖާގައެވެ.] ރީޙާން ހީގެންފިއެވެ. އެވަގުތު ޞާޢިޤާއާ ދިމާއަށް ވަށްކަޅިއަކުން އަސައްދު ބަލައިލިއެވެ. އޭނާގެ އެ ލާނެތް ހަރަކާތުގެ ސަބަބުން ޞާޢިޤާ ވަރަށް ބޮޑަށް ލަދުގަތެވެ.

[ތިޔަބުނާ ހެޔޮ ނަސީބުވެރިއަކީ ކާކުހެއްޔެވެ؟] ނަޢީމު ލާނެތްގޮތަކަށް ސަމީރާއާ ދިމާއަށް ބަލައިލިއެވެ. އަދި ޝާހްރުޚް ސަމީރާގެ އުނަގަނޑު މަތީގައި ވިކައިގެންފިއެވެ. އެކަމާ ގަތްލަދުން، ސަމީރާގެ މޫނު ރަތްވެގެން ދިޔައެވެ.

[ކުދިންނޭވެ. އަވަސްކުރާށެވެ. ގަޑިޖެހެނީއެވެ.] އަސައްދު މައުޟޫޢު ބަދަލުކޮށްލިއެވެ.

[ދެވޭނީ ކާރަށް އަރަންވީ ގަވާއިދުވެސް އެނގިގެން ނޫންހެއްޔެވެ؟ ރީޙާނުގެ ކާރަށް އެރޭނީ ހަމަ އެންމެ މީހަކަށް ކަމުގައި އޭނާ ބުނެފިއެވެ. އެވީގޮތުން އަދި އެއްކާރު ގެންނަން ޖެހުނީއެވެ.

[އާއެކެވެ. އަހަރެން ސާފުކޮށް ބުނެފީމެވެ.] ރީޙާން ބުންޏެވެ.

[ވީއިރު ކަލާގެ ސަވާރީ ގޮވައިގެން އަވަހަށް ދުރުވަންނަވާށެވެ.]

ރީޙާން ކުރިއަށް ހިނގައިގެންފިއެވެ. އެވަގުތު އެންމެންގެ ސަމާލުކަން ސަމީރާއާ ދިމާއަށް ހުއްޓިގެން ހިނގައްޖެއެވެ. ނަމަވެސް، އެމީހުން ހީކުރިގޮތަކަށް ނުވިއެވެ. ރީޙާން އެންމެން ވަށާލާފައިގޮސް ބައިގަނޑުގެ އެންމެ ފަހަތުގައިހުރި ޞާޢިޤާގެ ކައިރިއަށް ހުއްޓިއްޖެއެވެ. އޭނާގެ އެ އާދަޔާ ޚިލާފު ހަރަކާތުގެ ސަބަބުން، ޞާޢިޤާ ކަންބޮޑުވެއްޖެއެވެ. ހާސްވެގެންގޮސް ދާހިއްލައި ފޯވެއްޖެއެވެ. މޫނުމަތީގެ ކުލަ ފަނޑުވެއްޖެއެވެ. އޭނާއަކީ ދެންތިބި މީހުންގެ ނަޒަރުގެ އަމާޒުފަތްގަނޑު ކަމުގައި ވެއްޖެއެވެ.

[އަންނާށެވެ.] ހައިރާން ވެގެންގޮސް އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައިހުރި ޞާޢިޤާއާ ހަތަރުކަޅި ހަމަކޮށްލަމުން، ނުހަނު އޯގާތެރިކަމާއެކު ރީޙާން ބުންޏެވެ. ނަމަވެސް، އެ އަޑު އިވުނުކަމަށްވެސް ނުހަދައި ޞާޢިޤާ ކުޑަކޮށް ފަހަތަށް ޖެހިލައިފިއެވެ.

[ދެން އަންނާށެވެ.] ރީޙާން މާ ގާތްގޮތަކަށް ޞާޢިޤާގެ އަތުގައި ހިފައިފިއެވެ. އަދި ގާތްގަނޑަކަށް ދަމާފައި ގެންދާފަދަ ގޮތަކަށް، އޭނާ ގޮވައިގެން ކާރާ ދިމާއަށް ރީޙާން ހިނގައިގެންފިއެވެ.

ކުއްލިއަކަށް މުޅިތަނަށް ހަމަހިމޭންކަން ވެރިވެގެން ހިނގައްޖެއެވެ. ހީވަނީ، ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން އެއް އަޖައިބު ފެނުނީމާ ހައިރާންވެފައި ތިބިހެންނެވެ. އަނގައިން ބުނެލަން ހަނދާންވި މީހަކުވެސް އެތާކު ނެތެވެ. ޖެހި ބުދުތަކެއް ފަދައިން ރީޙާނާއި ޞާޢިޤާއަށް ބަލަހައްޓައިގެން އެމީހުން ތިއްބެވެ. އެކަމަކު އެއިން އެއްވެސް މީހަކާމެދު ފަރުވާއެއް ނުބަހައްޓައެވެ. ޞާޢިޤާގެ އަތުގައި އެ ހިފިގޮތަށް ހިފައިގެން ގެންގޮސް، ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލާފައި، ކާރުގެ ތެރެއަށް ޞާޢިޤާ ކޮއްޕާލައިފިއެވެ. ދެން ވަރަށް ބާރަށް ދޮރު ލައްޕާފައި، ކާރުގެ އަނެއްފަރާތަށްގޮސް ކާރަށް އަރައި އިސްޓާޓް ކޮށްލައިފިއެވެ. އެންމެ ފަހަރަކުވެސް އޭނާ ފަސްއެނބުރި ބަލައެއް ނުލައެވެ. އޭގެތެރެއިން އެއްވެސް މީހަކަށް، އެ އަރަތެއްފަދަ ކަންތަކެއް ނުވިސްނުނެވެ.

[މިފެންނަނީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟] ލޮލާ ލޮލުން ސުވާލުތައް ކުރަމުން ގެންދިޔައެވެ. ކުރިމަތިން ފެނިގެން އެދިޔަ މަންޒަރަކީ، އާދަޔާ ޚިލާފު، އެހެނަސް މަޖާ މަންޒަރެކެވެ. އަރަތެއްފަދަ އޮޅުންބޮނޑިއެކެވެ.

[ޞާޢިޤާ ފަކީރު….!] އެންމެފަހުން ސަމީރާއަށް ނުހުރެވިގެން އެ ހަމަހިމޭން ސުކޫތު ފޫދުއްވާލައިފިއެވެ.

[ފަކީރު…!!] އަސައްދުވެސް ހަމަ އެހެން ބުނެލިއެވެ. އެކަމަކު އޭނާ އެހެން އެބުނީ، ތަފާތު މާނައެއްގައެވެ.

[އާއެކެވެ! ޞާޢިޤާފަކީރެވެ. ރީޙާން އޭނާ ގޮވައިގެންގޮސް ހަދާނެ ގޮތެއްވެސް ނޭނގެއެވެ.] ސަމީރާ ހަމްދަރުދީ ފާޅުކުރިއެވެ.

[މުޅިން އާ ސަމާސާއެއް ކުރާނެގޮތް އޭނާއަށް ވިސްނުނީ ހެއްޔެވެ؟] އެތަނުން ކުއްޖަކު ބުންޏެވެ.

[ޞާޢިޤާ ޙިމާޔަތް ކުރުމަށްޓަކައި ރީޙާން މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެކަން އަހަރެން ދެނަހުރީމެވެ.] އެހެން ކުއްޖަކު ބުންޏެވެ.

[އެއީވެސް އޭނާގެ ލާނެތްކަމުގެ ހެތްކެކެވެ.]

[ކުރީފަހަރު ކަންތައްވީގޮތް ހަނދާން އެބަހުރި ހެއްޔެވެ؟]

[އާއެކެވެ. ހަނދާން އެބަހުއްޓެވެ. މީގެކުރިންވެސް އެގޮތަށް އޭނާ ހައްލާލައިގެން ރީޙާން އުޅުނެވެ.] އެކިކުދިން އެކިވާހަކަ ދައްކަމުން ދިޔައެވެ.

[އެކަމަކު އެއީ ވަރަށް ގޯސްކަމެކެވެ. އޭރު އޭނާއަކީ އަދި ކުޑަކުއްޖެކެވެ. ނަމަވެސް، މިހާރު އެކަހަލަ ކަންތައް ކުރީމާ ވާނީ ހުތުރު ކަމަކަށެވެ.]

[ޞާޢިޤާފަކީރޭ އަހަރެން ބުނީވެސް ތިޔަހެން ވެގެންނެވެ.] އިރުކޮޅަކުން ސަމީރާވެސް އެއްޗެއް ބުނެލިއެވެ.

[ކޮންމެގޮތެއްވިޔަސް، އެއީ ގޯސްކަމެކެވެ.] ފަރްޚު ބުންޏެވެ.

އަސައްދު ސިނގިރެޓު ތުނބުގައި ޖަހާލައިގެން، ހިނިއައިސްފައި ހުއްޓެވެ. އެވަގުތު އެތަނުގައި ދައްކަމުންދާ ވާހަކަތައް އަޑުއިވުމުން، އޭނާއަށް ހުރެވެނީއަކީ ނޫނެވެ. ނަމަވެސް، ސިއްރު ފާޅުވެދާނެތީ، ސިނގިރެޓަކުން ދެތުންފަތުގައި ތަޅުލައިގެން އޭނާ މަޑުމަޑުން ހުއްޓެވެ.

[އަހަރެމެން މިތަނުގައި ތިބެންވީހެއްޔެވެ؟] ނަޢީމު ބުންޏެވެ.

[ނޫނެކެވެ. އަވަހަށް ހިނގާށެވެ.] އަސައްދު ބުންޏެވެ.

[އަލުން ކާރެއް ނެރޭށެވެ.] ފަރްޚު ބުންޏެވެ.

[ޞާޢިޤާފަކީރުގެ ޙާލު ހިތަށް އަރާފައި އަހަރެން ވަރަށް ބޮޑަށް ދެރަވެއެވެ.] އަނެއްކާވެސް ސަމީރާ ހަމްދަރުދީ ފާޅުކުރިއެވެ. ހީވާގޮތުން އެއީ އޭނާގެ ހިތުގައި އުފެދެމުންދާ ޝައްކެއްގެ އަސްލު ކަމަށްވެސް ވެދާނެއެވެ.

އެންމެންވެސް އެ މައްސަލައިގައި ސަމީރާއާ އެއްބަސްވެއެވެ. އަދިވެސް އެއްކުއްޖަކު އަނެއްކުއްޖަކަށް އެދައްކަނީ ޞާޢިޤާގެ ވާހަކައެވެ. އެހެންތިއްބާ ކޮންމެވެސް ކުއްޖަކުގޮސް އިތުރު ކާރެއް ނެރެގެން ގެނެސްފިއެވެ. ވީމާ، އެންމެ ހަމަޖެހޭގޮތް ބަލައިގެން ކާރުތަކަށް ކުދިން އަރައިފިއެވެ. އަދި ޞާޢިޤާގެ މައުޟޫޢަކީ ފާޅުކުރެވުނު ޚިޔާލެއް ކަމުގައި ނިންމުމަށްފަހު، ސިނަމާއާ ދިމާއަށް ކާރުތައް ދުއްވާލައިފިއެވެ.

 

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.