ނަލަނަލަ ރޭގަނޑެކެވެ. ރީޙާން އޭނާގެ ނިދާކޮޓަރީގެ އިރުމަތީފަރާތު ކުޑަދޮރު ހުޅުވާލައިގެން، ބަގީޗާގެ މަސްތީ ފަޒާގެ ތެރެއަށް ހިތް ދޫކޮށްލައިގެން ހުއްޓެވެ. ތަޤްދީރުގެ ކުއްލި ބަދަލުވުމާއި، ހީވެސް ނުކުރާފަދަ މަތިވެރި އުފާތަކުގެ ތެރެއިން، ފިނި ރިހުމެއްވެސް އޭނާގެ ހިތަށް އެވަގުތު އިޙްސާސްވަމުން ދެއެވެ. ޞާޢިޤާގެ ފަށުވިކޮޅެއްފަދަ މަޑުމަޑު ހަށިގަނޑުގެ ބީހިލުމާއި މީރުވަސްދުވާ ނޭވާގެ ހޫނުކަން، އެ ކުޑަހިނދުކޮޅަށް ގެނެސްދިން ޖާދުވީ އަސަރުތައް، އޭނާގެ ހިއްސުތަކުން އަދިވެސް ފިލައިގެނެއް ނުދެއެވެ. އޭގެފަހުން، ވޭތުވެގެންދާ ކޮންމެ ހިނދުކޮޅަކީ، ހޭލާހުއްޓާ ފެންނަ ހުވަފެނެއް ކަމުގައި ރީޙާނަށް ހީކުރެވެއެވެ. ގެލަނެއްގެ ވިސްކީ އެއްފަހަރާ ބޯލައިގެންހުރި މީހެކޭ، އޭނައެކޭ އެއްފަދައެވެ. ބައެއްފަހަރު، މަސްތުކަން އިންތިހާއަށް ދެއެވެ. އަނެއްބައިފަހަރު، ހާސްވެގެންގޮސް ނޭވާލާން ދަތިވެއެވެ. އެ ޙަޤީޤަތަކީ އާދަޔާ ޚިލާފު ހުވަފެނަކަށް ވެދާނެތީ، އޭނާ ބިރުގަނެއެވެ. އަދި އެއީ އޭނާގެ އުންމީދުތަކުގެ ހިޔަނި، އޭނާއަށް ދިން ކެއްސެއްކަމުގައި ވެދާނެއޭވެސް ހިތަށް އަރައެވެ. ކޮންމެއަކަސް އޭނާއަކަށް އަދި މާބޮޑު ހަމަޖެހުމެއް ނުލިބެއެވެ. ފޮނި އިޙްސާސެއް ފިޔަވައި، އެހެން އެއްވެސް ޔަގީންކަމެއް ނުލިބެއެވެ. ބައެއްފަހަރު، އިންސާނާގެ ހިތަށް ވަންނަ ވަހުމްތަކަކީ، އެމީހުން ނުތަނަވަސްކުރުމުގެ އަސްލު ކަމުގައިވެއެވެ. އެވަގުތު ރީޙާނަށްވެސް ވެގެން އެއުޅެނީ އެކަހަލަ ގޮތެކެވެ. އޭނާގެ ޚިޔާލުތައް އޮޅުންބޮޅުން ވެގެންގޮސް، ނިއުޅާލަން ދަތިވެއްޖެއެވެ.
ރީޙާނަށް ކޮޓަރިތެރޭގައި ކެތްނުކުރެވިގެން، ފެންޑާއަށް ނުކުމެއްޖެއެވެ. ކުޑައިރުކޮޅެއް ވަންދެން ފެންޑާގެ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރުމަށްފަހު، ޞާޢިޤާގެ ކޮޓަރިއާ ދިމާއަށް އޭނާ އެނބުރިލައިފިއެވެ. ޞާޢިޤާއަށް ގޮވައި ނެރެގެން، އެ މަސްތީ ފަޒާގައި އެކަކު އަނެކެއްގެ ޚިޔާލުގެ ތެރެއަށް ހިތް ދޫކޮށްލައިގެންތިބެ، ވަގުތުތައް ވޭތުކޮށްލުމަށް ގަސްތުކުރިއެވެ. ނަމަވެސް، ކުޑަކޮށް ވިސްނާލުމުން، އޭނާ ފިކުރު ބޮޑުވެއްޖެއެވެ. ޝައްކުތަކެއް ހިތަށް ވެރިވެއްޖެއެވެ. ދެފައިން ހިނގުމުގެ ބާރު ކެނޑިއްޖެއެވެ. މުޅި މީހާ ތުރުތުރު އަޅައިގެންފިއެވެ. ދެންވެސް އޭނާ ހިތްވަރުކޮށްފައި، ކުރިއަށް ދިޔައެވެ. ތެދެކެވެ. ޢިޝްޤުގެ ޖަޒްބާތަކީ، ބުއްދީގެ ބާރުގެ ދަށުގައި ހައްޔަރުކުރެވޭނެ އެއްޗެއް ނޫނެވެ.
ރީޙާން ބޮޑުފެންޑާގެ ކޮޅުން ލަނބާލައިގެންގޮސް ޞާޢިޤާގެ ކޮޓަރީގެ ދޮރާ އަރާހަމަވިއިރު، އެ ކޮޓަރިން އާޔާ ނުކުންނަނީއެވެ. އެވަގުތު އޭނާ ކުޑަކޮށް ޖެހިލުންވީ ނަމަވެސް، ކުރިޔަށް ޖެހިލާފައި ޞާޢިޤާ ކޮބައިތޯ އާޔާކުރެން އަހާލިއެވެ.
[ޞާޢިޤާ ނިދީހެއްޔެވެ؟]
[ނުނިދައެވެ.] އާޔާ ޖަވާބުދިންއިރު، އޭނާގެ ލޮލުން ފެންނަންހުރި ތޫނު ވިދުވަރުގެ އަލިކަން، ރީޙާނާ ހަމަޔަށްވެސް ފޯރިއެވެ.
ރީޙާން އަވަސްއަވަހަށްގޮސް ޞާޢިޤާގެ ކޮޓަރީގެ ދޮރުފޮތިގަނޑު ހިއްލާލަން އުޅެނިކޮށް، އާޔާގެ އަޑުން އޭނާ ހުއްޓުވާލައިފިއެވެ.
[ސާހަބްޒާދާއެވެ. އޭނާ ކޮޓަރިއަކު ނެތެވެ.]
[އޭނާ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟]
[ބަގީޗާގައިކަން ނޭނގެއެވެ.]
[މިވަގުތު ހެއްޔެވެ؟]
[ލައްބައެވެ. އެއްގޮތަކަށްވެސް ނިދިނައިސްގެން އުޅޭވާހަކަ ބުންޏެވެ.]
ޞާޢިޤާ ދިޔައީ ބޭރު ބަގީޗާއަށްތޯ ނުވަތަ ދެކުނުފަރާތު ބަގީޗާއަށްތޯ އާޔާކުރެން އަހާލަން ރީޙާނުގެ ހިތަށް އެރިއެވެ. ނަމަވެސް، ފަހުން އޭނާ އެ ޚިޔާލު ދޫކޮށްލައިފިއެވެ. ކޮންމެ ތަނެއްގައިވިޔަސް، އޭނާގެ ޢިޝްޤުގެ ޖަޒްބާތު، ޞާޢިޤާ ހޯދާނެއެވެ.
[ހީވާގޮތުން، އޭނާވީ ބޭރު ބަގީޗާގައެވެ. ބާރާދަރީއާ ދިމާއަށް ދަމުން އޭނާގެ ސިތާރު އެތަނަށް ގެންގޮސްދިނުމަށް ބުންޏެވެ.] ރީޙާން ހިނގައިގަތްތަނާ، އާޔާ އެނބުރިލާފައި ޞާޢިޤާ ވީތަން އޭނާއަށް އޮޅުންފިލުވައިދިނެވެ. އެ ވާހަކަ ބުނިއިރު އާޔާ ހިނިއައިސްފައި ހުރިގޮތުން، ރީޙާން ހިސާބަކަށް ލަދުގަންނަ ގޮތްވިއެވެ. އެހެންނަމަވެސް، އެ ލަދުވެތިކަން ސިއްރުކޮށްފައި، ޝުކުރުވެރި ނަޒަރަކުން އާޔާއާ ދިމާއަށް ބަލައިލާފައި، ޖެހިގެންހުރި ކޮޓަރިއަށް އޭނާ ވަދެއްޖެއެވެ. އެއީ ގޭތެރެއިންލާފައިގޮސް ބޭރު ބަގީޗާއަށް ނުކުމެވޭ އެންމެ ކުރު މަގެވެ. އޭނާ ކޮޓަރީގެ ފަހަތު ދޮރުން ނުކުމެގެން، ވައިރޯޅީގެ ކޮނޑަށް ސަވާރުވެގެންދާފަދަ ހަލުވި ހިނގުމެއްގައި، އޭނާގެ މަންޒިލާ ދިމާއަށް ހިނގައިގެންފިއެވެ.
ބާރާދަރީގެ ހިލަ ފާރުތައް، ފިނި އަދި މިލަ ހަނދުވަރުގެ ތެރޭގައި ފެންނަނީ، ވަރަށް ބިރުވެރި ގޮތަކަށެވެ. އެކަމަކު ރީޙާނުގެ ވަރުގަދަ ޝައުޤު، އޭނާ ގޮވައިގެން އެދިމާއަށް ދިޔައީ، އެއްވެސް ޖެހިލުމެއް ނެތިއެވެ.
އާޔާ ބުނީ ތެދެކެވެ. ބާރާދަރީގައި ޞާޢިޤާ އެބައިނެވެ. އެހިސާބުންވެސް ބާރާދަރީގެ ހަރުފަތްތަކުގެ މަތީގައި އަޅާފައި އޮތް ދޫލައިގެ މަތީގައި އިން ޞާޢިޤާ އޭނާއަށް ފެނުނެވެ.
ޞާޢިޤާ ވަކި ޚިޔާލެއްނެތި، ބާރާދަރީގެ ތަނބުތަކަށް އަރުވާފައިއޮތް މާވެޔޮތަކުގެ ފަތްތަކާއި މާތައް ނޮޅަނޮޅާ އިނެވެ. ރީޙާން، ފިޔަވަޅުގެ އަޑުވެސް ނުއިއްވައި، މަޑުމަޑުންގޮސް ޞާޢިޤާގެ ދާދިގާތަށް ހުއްޓިއްޖެއެވެ. އޯވހް! އެހާކައިރިން ފެންނައިރު ހީވަނީ، ހަނދުވަރުގެ ހުރިހާ އަލިކަމެއް، ޞާޢިޤާގެ ހަށިގަނޑުގައި ޖަމާވެފައި ވާހެންނެވެ. ރީޙާން ޝައުޤުވެރި ނަޒަރަކުން ޞާޢިޤާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެލާފައި، ކުއްލިއަކަށް ޞާޢިޤާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.
[އޯވހް!…. ކަލާ….] ޞާޢިޤާގެ ހަމަހިމޭންކަން ފުނޑުފުނޑު ވެއްޖެއެވެ. އޭނާ ހާސްކަމާއެކު ރީޙާނުގެ މޫނަށް ބަލައިލިއެވެ. އެވަގުތު ރީޙާން ހިނިތުންވެލިއެވެ. ޖަވާބުގައި ޞާޢިޤާވެސް ހިނިތުންވެލިއެވެ. ނަމަވެސް، އެ ހިނިތުންވުމުގައި ވަނީ ލަދުވެތިކަމުގެ އިންތިހާއެވެ. ގަތް ލަދެއްގެ ބޮޑުކަމުން، އޭނާ އަވަސް އަވަހަށް އިސްޖަހާލައިފިއެވެ. ލަދުގަހުގެ ފަތްތައް ފަދައިން މޯޅިވެލައިފިއެވެ.
މިއަދު ހަވީރު، ޞާޢިޤާއަށް ވެފައި އިނީ ކީއްހެއްޔެވެ؟ ރީޙާނުގެ ހިތަށް އެރިއެވެ. ނުހަނު ގާތްކަމާ އެކުގައި ރީޙާނުގެ މޭގައި އޮޅުލައިގަތީ، އެއްވެސް ޖެހިލުމެއް ނެތިއެވެ. އެކަމަކު މިހާރު އެއިނީ ލަދުންގޮސް ހަލާކުވާވަރު ވެފައެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތުގައި، ކާމޭޒުދޮށަށް އޭނާ ނުދިޔައީވެސް ލަދުންނެވެ. ރީޙާނަށްވެސް އެކަން އެނގުނެވެ. އެއީ، ކޮންފަދަ ހިތްގައިމު ލަދުވެތިކަމެއް ހެއްޔެވެ؟
[އަހަރެން އައުމުން ކަލެއަށް އުނދަގޫވޭ ހެއްޔެވެ؟] ޞާޢިޤާގެ ކައިރީގައި އިށީންނަމުން، ހިނިތުންވެލާފައި ރީޙާން ބުންޏެވެ. ނަމަވެސް، ޞާޢިޤާ އަނގަޔަކުން ނުބުނެއެވެ. އޭނާ ލަދުން އިސްދަށަށް ޖަހާލައިގެން އިނެވެ. ރީޙާނުގެ ގާތްކަން، އޭނާގެ ލަޠީފު އިޙްސާސްތައް، ދަހިވެތި ކުރުވަމުންދެއެވެ. މަސްތީ އުފަލަކުން ހިތް ފުރެމުންދެއެވެ. ވީމާ، އެފަދަ ޙާލެއްގައި ރީޙާނުގެ ސުވާލުތަކަށް ޖަވާބުދޭނެ ފުރުސަތު އޭނާއަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟
[އަހަރެންގެ އައުމަކީ ކަލެއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވޭހެއްޔެވެ؟] ޞާޢިޤާ ލަދުގެންފައި އިންކަން އެނގިގެން، އަދިވެސް ބޮޑަށް އޭނާ ލަދުގަންނަވާލުމުގެ ގަސްތުގައި ރީޙާން ބުންޏެވެ.
ޞާޢިޤާ ނުގޮތަކަށް ރީޙާނާ ދިމާއަށް ބަލައިލާފައި، އަނެއްކާވެސް އިސްޖަހާލައިފިއެވެ.
[ޞާޢިޤާއެވެ…..] ހަމަހިމޭން ހިނދުކޮޅަކަށްފަހުގައި ރީޙާން ގޮވާލިއެވެ.
[ލައްބައެވެ….] ޞާޢިޤާ ލަސްލަހުން ޖަވާބު ދިނެވެ.
[ނިދިއަންނަނީ ހެއްޔެވެ؟]
އެ ސުވާލުގެ ޖަވާބުގައި ޞާޢިޤާ ބޯހޫރާލިއެވެ.
[އެހެންވިއްޔާ މަޑުމަޑުން ތިޔަ އިންނަނީ ކީއްވެފައި ހެއްޔެވެ؟ ކޮންމެވެސް ވާހަކައެއް ދައްކަބަލާށެވެ.]
ދެންވެސް ޞާޢިޤާ އަނގަޔަކުން ނުބުނެއެވެ. އޭނާ ލޯބިވެތި ގޮތަކަށް ރީޙާނާ ދިމާއަށް ބަލައިލާފައި ހިނިތުންވެލިއެވެ.
[އެކަނިވެރިކަން ބޭނުންވަނީނަމަ، އަހަރެން ހިނގައިދާނަމެވެ.] ކުޑަކޮށް މަޑުކޮށްލާފައި ރީޙާން ބުންޏެވެ.
[އެކަނި އުޅެއުޅެ މިހާރު ފޫހިވެއްޖެއެވެ. ވަރުބަލި ވެއްޖެއެވެ.] ޞާޢިޤާގެ ރީތި އަޑު، ފަޒާގެ ތެރެއަށް ވިހުރުވިގެން ދިޔައެވެ.
[އޯވހް! ޞާޢިޤާއެވެ….] ބޭއިޚްތިޔާރުގައި ޞާޢިޤާގެ އަތުގައި ރީޙާނަށް ހިފާލެވިއްޖެއެވެ. އެވަގުތު އޭނާ އެހިފީ ޞާޢިޤާގެ އަތުގެ ބަދަލުގައި އޭނާގެ ޙަޔާތުގެ ލަގަނުގައި ކަމުގައި އޭނާއަށް އިޙްސާސްވިއެވެ.
އެރޭ ވަރަށް ދަންވަންދެން އެމީހުން އެތަނުގައި ތިއްބެވެ. އެކަކު އަނެކަކާ ޖެހިފިތިގެންނެވެ. އެދޭތެރޭގައި އެންމެ ހުސްތަންކޮޅެއްވެސް ނޯންނަހާ ކައިރީގައެވެ. އެހެން ތިބިއިރު، އެމީހުންގެ ދުލުން މާގިނަ ވާހަކައެއް ނުދައްކައެވެ. ނަމަވެސް، ހަމަހިމޭންކަމުގެ ބަސްމޮށުން، އެމީހުންގެ ގާތުގައި އެތަކެއް ވާހަކަ ދެއްކިއެވެ. ޤަރްނުތަކަކުންވެސް ނުދެއްކޭހާ ގިނަ ވާހަކަ ދެއްކިއެވެ.